Pages

Sunday, October 09, 2011

ދާރުލް އިފްތާ އަށް މީޑިޔާ އެވޯރޑެއް އަރުވައިފި


މިޞްރުގެ ފަތުވާ ކައުންސިލް، ދާރުލް އިފްތާއަށް މީޑިޔާގެ ދާއިރާއިން ޚާއްޞަ ބައިނަލްއަޤްވާމީ އެވޯރޑެއް އަރުވައިފި އެވެ. ސްވިޒަރލޭންޑްގެ ވެރިރަށް ޒިޔުރިޗްގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައި މިދިޔަ ހުކުރު ދުވަހު ދާރުލް އިފްތާއަށް މިއެވޯރޑް ލިބިލައްވާފައިވަނީ އެ ކައުންސިލްގެ ފަރާތުން އިސްލާމްދީނުގެ ތެދު މަޢުލޫމާތު ގެނެސްދިނުމަށްޓަކާ ކުރަމުންދާ މަސައްކަތުގެ ސަބަބުންކަމަށް އޮންއިސްލާމް ސައިޓުން ހާމަކުރެއެވެ.

މިއެވޯރޑް ދާރުލް އިފްތާއަށް އަރުވާފައިވާ މީޑިޔާ ޓެނޯރ އިން ހާމަކޮށްފައިވާ ގޮތުގައި އެބޭފުޅުންގެ ދިރާސާތަކުން ދައްކާ ގޮތުގައި ނޫސްވެރިން އިސްލާމްދީނުގެ ވާހަކަ ދައްކާއިރު އެދީނުގެ ޢިލްމުވެރިންނަށް އެކަމާ ބެހޭގޮތުން ވާހަކަ ދައްކަވަން ލިބިލައްވަނީ އެއަރ ޓައިމްގެ އެންމެ 10 އިންސައްތަ ވަގުތެވެ.

މިހާރުގެ ދާރުލް އިފްތާގެ ބޮޑު މުފްތީ ޑރ. ޢަލީ ޖުމްޢާގެ ދަށުން އިސްލާމްދީނާ ބެހޭ ގޮތުން ދީނީ ޢިލްމުވެރިންގެ ޚިޔާލުތައް މީޑިޔާގައި ޙިއްސާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަިއވާކަމަށް މީޑިޔާ ޓެނޯރ އިން ހާމަކުރައްވާފައިވެ އެވެ.

އެގޮތުން، ފާހަގަކުރައްވާފައިވާ ގޮތުގައި ޑރ ޢަލީ ޖުމްޢާ ދާރުލް އިފްތާއާ ޙަވާލުވެ ވަޑައިގަތުމަށްފަހު ޔޫރަޕާއި އެމެރިކާގެ ތަފާތު މީޑިޔާ އިދާރާތަކަށް ޚާއްސަ ޓީމްތައް ފޮނުއްވާ އެތާނގެ މާޙައުލު އޮންނަ ގޮތް ދިރާސާކުރައްވާ މުސްތަޤްބަލުގައި ކުރިމަތިވާނެ ގޮންޖެހުންތަކަށް ތައްޔާރު ވެލައްވާފައިވެ އެވެ. އަދި މީގެ އިތުރުން، ހުޅަނގުގެ ބައެއް މީޑިޔާ ވަސީލަތްތަކުގައި ޚިޔާލު ކޮލަމެއް ހިންގަވާ މުސްލިމުންގެ އަޑު އެެ ވަސީލަތްތަކުގައި ހިއްސާކޮށްފައިވާކަންވެސް ފާހަގަ ކުރައްވާފައިވެ އެވެ.

މީޑިޔާ ޓެނޯރ އަކީ މީޑިޔާއާއި އޮޕީނިއަން އަދި ކެޓަރގަރައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ ވަރަށް ބޮޑު ބައިނަލްއަޤްވާމީ މުއައްސަސާއެކެވެ.
ދާރުލް އިފްތާއަކީ، އިސްލާމްދީނާ ބެހޭ މަޢުލޫމާތު ގެނެސްދިނުމަށާއި އިސްލާމްދީނާ ބެހޭ ދިރާސާތައް ކުރުމަށް މީލާދީން 1895 ވަނަ އަހަރު (ހިޖުރީން 1313) ގައި މިޞްރުގައި އުފައްދަވާފައިވާ ތަޢުލީމީ މުއައްސަސާއެކެވެ.

ފަހުގެ ތާރީޚްތަކުގައި ދާރުލްއިފްތާއިން ނެރުއްވާފައިވާ ބައެއް ފަތުވާތަކުގެ ސަބަބުން ބައެއް އެހެނިހެން  މުސްލިމް ޖަމާޢަތްތަކުގެ ފާޑުކިޔުންވެސް ދާރުލް އިފްތާއަށް ކުރިމަތި ވެފައިވެއެވެ.

No comments: