Pages

Wednesday, October 26, 2011

ލީބިޔާގެ ސިރްޠުގައި ތެޔޮ ޓޭންކެއް ގޮވުމުގެ ސަބަބުން 100 މަރު



ލީބިޔާގެ އުތުރުގެ ރަށެއްކަމުގައިވާ ސިރުޠުގައި ތެޔޮ ޓޭންކެއް ގޮވުމުގެ ސަބަބުން 100 ވަރަކަށް މީހުން މަރުވެއްޖެ އެވެ. މިސަރަޙައްދަކީ ލީބިޔާގެ ކުރީގެ ލީޑަރ މުޢައްމަރު އަލް ޤައްޛާފީގެ ބާރު ގަދަ ސަރަޙައްދެކެވެ.
ހޯމަ ދުވަހުގެ ރޭގެ މި ޙާދިޘާއަކީ "ވަރަށް ބޮޑު ގޮވުމެއް އަދި ހުޅު ރޯވުމެއް"ކަމަށާއި، "100 އަށް ވުރެ ގިނަ މީހުން މަރުވެ، 50 މީހުން ޒަޚަމް ވެ"ފައިވާކަމަށް ލީބިޔާގެ ޤައުމީ އިންތިޤާލީ މަޖްލީހުގެ ކޮމާންޑާރެއް ކަމުގައިވާ ލައިޘް މުޙައްމަދު އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އެ ޙާދިޘާ ހިނގި ސަރަޙައްދު ސިފަކޮށްދެއްވަމުން އެބޭފުޅާ ވިދާޅުވެފައިވަނީ އެ ސަރަޙައްދަކީ "އަނދާފައިވާ ހަށިތައް އޮތް" އަދި "ހިތަށް ހިތާމަ ގެނުވާ" މަންޒަރެއްކަމަށެވެ.
ސިރްޠުގައި މި ގޮވުމެއް ގޮވާފައި މިވަނީ ލީބިޔާގެ ކުރީގެ ލީޑަރު ޤައްޛާފީ އެރަށުގައި ހައްޔަރުކޮށް އަވަހާރަކޮށްލާ ލީބިޔާ ފަތަޙަކުރެވުނުކަން މިހާރުގެ ވަގުތީ ސަރުކާރުން އިޢުލާނު ކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
އެތައް ބަޔަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެފައިވާ މި ޙާދިޘާ ހިނގި ސަބަބު އަދި ހޯދިފައެއް ނުވެ އެވެ.

No comments: