Pages

Sunday, July 21, 2013

ނިޒްމާ: ތިޔަބޭފުޅުންގެ އެހީތެރިކަމަށް އެދި އެދި



ށ. ކަނޑިތީމް އަޅިވިލާގޭ އިބްރާހީމް އަޒީއަކީ ހީވާގި ޒުވާނެކެވެ. އެމްއެންޑީއެފްގައި ވަޒީފާއަދާކުރަމުން އަންނަ މުރާލި މުވައްޒަފެކެވެ. ނަމަވެސް އަޒީގެ ވަރަށް ބޮޑު 
ކަންބޮޑުވުމެއް ވެއެވެ. އެއީ، އޭނާގެ އަންހެނުންގެ ބައްޔަށް ފަރުވާ ކުރާނެ ގޮތެކެވެ. މީގެ 7 ވަރަކަށް އަހަރު ކުރިން އަޒީ ކައިވެނީގެ ގޮތުން އެރަށު ޗާންދަނީގޭ މަރިޔަމް ނިޒްމާ (29) އާ ގުޅުނެވެ. އުފާވެރި ފާގަތި މުސްތަޤްބަލެއް ހޯދުމުގެ އުއްމީދުގައެވެ.
ކައިވެންޏަށްފަހު، އެދެމަފިރިންނަށް ލޯބި ލޯބި އަންހެން ކުއްޖަކުވެސް ލިބުނެވެ. ދަރިފުޅު ލިބުމަށްފަހު މާ ގިނަ ދުވަހެއް ނުވެ އަންހެނުން ބަލިވެއްޖެއެވެ. އެއީ ރާއްޖެއަށް ޗިކުންގުންޔާގެ ކަންތައް ވެސް ޖެހިގެން އުޅުނު ދުވަސްވަރެވެ. ފައިގެ ކުޑަހުޅެއްގައި މާބޮޑަށް ރިއްސާތީ އެންމެފަހުން ބަލި ބޮޑުވެގެން މާލެވެސް އަތުވެއްޖެއެވެ.
މާލެ ގެނެސް ދެއްކީ ޑރ. ޖޮލީއަށެވެ. ޑޮކްޓަރ ވިދާޅުވީ ޔޫރިންގައި ޕްރޮޓީންސް މަދުވަނީ ކަމަށެވެ. އެހެންކަމުން ޑޮކްޓަރ ލިޔެދެއްވި ބޭސް 2 މަސްދުވަސް ވަންދެން ޤަވާޢިދުން ބޭނުންކުރަމުން ގެންދިޔައެވެ. ބައްޔަށް މާބޮޑު ލުޔެއް ނުލިބޭތީ އަނެއްކާވެސް ޑޮކްޓަރަށް ދެއްކިއެވެ. މިފަހަރު ބެއްލެވީ ޑޮކްޓަރ ޢަލީ ލަޠީފެވެ. ޑޮކްޓަރ ލަފާދެއްވީ ޔޫރިންގައި ޕްރޮޓީންސް މަދުވުމަށް ވަރަށް ގިނަ ސަބަބުތަކެއް ހުންނާނެތީ، އެއީ ކިޑްނީގެ މައްސަލައެއްތޯ ބެލުމަށެވެ. އަދި ރާއްޖެއިން ބޭރަށް ދިޔުމަށް ލަފާދެއްވިއެވެ. ވޭނާއި ތަދު އިޙްސާސްކުރަމުންދިޔަ ނިޒްމާގެ ޙާލަތު އެންމެ ރަނގަޅަށް އެނގިހުރެމެ އަޒީ ނިންމީ ވީހާ އަވަހަކަށް ބޭރަށް ގޮސްގެން ނަމަވެސް އެލިބެމުންދާ ރިހުންތަކަށް ނިމުމެއް އައުމެވެ. އެހެންކަމުން ޑޮކްޓަރ ލަފާދެއްވިތާ 2 ދުވަސް ތެރޭގައި ރާއްޖެއިން ބޭރަށް ގޮސް ބައޮޕްސީ ހެއްދިއެވެ. ޓެސްޓްތަކުން ދެއްކީ ނިޒްމާއަކީ ދާއިމީ ފަރުވާއެއް ނެތް ކިޑްނީގެ ބައްޔެއް ހުރި ބަލިމީހެއްކަމަށެވެ. އަދި ކެއުމުންނާއި ބޭހުން އެބަލި ކޮންޓްރޯލް ކުރެވިދާނެކަމަށް ބުންޏެވެ. 10 އަހަރުވަންދެން އެގޮތަށް ބޭސްކުރެވެމުންދާނެނަމަ، އެބަލިން ރަނގަޅު ވެދާނެކަމުގެ ފުރުޞަތު އޮތްކަމަށް ޑޮކްޓަރ ބުނުއްވިއެވެ.
އެދުވަހަށްފަހު، މިއަދާ ހަމައަށް ކޮންމެ އަހަރަކު 2 ފަހަރު ބޭރަށް ގޮސް ހަދަން ޖެހޭ ޓެސްޓްތައް އަންނަނީ ހަދަމުންނެވެ. ޤަވާޢިދުން ބޭސް ބޭނުންކޮށްގެން ބަލި ކޮންޓްރޯލް ކުރެވެމުން އައެވެ. ނަމަވެސް ނިމިދިޔަ 2012 ވަނަ އަހަރުގެ ފަހުކޮޅު ކުރި ދަތުރުން އެނގުނީ ހާލަތު ވަރަށް ސީރިޔަސް ވެފައިވާކަމެވެ. އެހާލަތު އިތުރަށް ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ވަރަށް ގޯސްވެދާނެކަމަށް ޑޮކްޓަރުން ބުންޏެވެ. އޭގެ ފަހުން ބޭހުން މާބޮޑު ކުރިއެރުމެއް ނުލިބެއެވެ.
އެންމެފަހުން މިއަހަރު ކުރީކޮޅު ބޭރަށް ކުރި ދަތުރުގައި ޑައިލަސިސް ހައްދަން ވަނީ ލަފާދީފައެވެ. އެކޮޅުގައި މަޑުކޮށްގެން ޑައިލަސިސް ހެއްދުމުގެ މާލީ ޤާބިލްކަމެއް ނެތުމުގެ ސަބަބުން ރާއްޖެއިން ހެއްދޭ ގޮތަށް އިންތިޒާމްތައް ހަމަޖެހުނެވެ. އެގޮތުން އަތަށް ކަށިގުޅުވައިގެން އައިސް މާލެއިން ޑައިލަސިސް ހެއްދިއެވެ. މިހާރުވެސް ކޮންމެ ހަފްތާއަކު 2 ފަހަރު ޑައިލަސިސް ހައްދަން ޖެހެއެވެ. ހަފްތާއަކު 2 ފަހަރު ޑައިލަސިސް ހައްދަން ޖެހުމަކީ ލިބޭ ވަރަށް ބޮޑު ވޭނަކަށް ވިޔަސް، ބައްޔަށް އޮތް ފަރުވާއަކީ އެއީ ކަމުގައިވާތީ އެގޮތަށް ޢަމަލުކުރަމުން ދަނީއެވެ. އެކަމުގެ ސަބަބުން ބުރަ މަސައްކަތްކުރުމާއި އަތުގެ ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވެސް ވޭމެއެވެ. ކިޑްނީގެ މަސައްކަތް ހިފެހެއްޓުމަށްޓަކާ ކޮންމެ ހަފްތާއަކު ހިމޯޑައިލަސިސް ހައްދަމުންދާން ޖެހެއެވެ. އޭގެ އިތުރުން ހައިޕަރޓެންޝަނަށާއި ޑައިސްލިޕިޑީމިއާއަށް ރައްކާތެރިކަމުގެ ފަރުވާކުރެވެމުންދެއެވެ.
އެންމެފަހުން، އަޒީއަށް ކުރިމަތިވާނެކަމަށް އޭނާ ފިކުރުކުރަމުންދިޔަ ދުވަސް ކުރިމަތި ވެއްޖެއެވެ. ނިޒްމާގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ޑޮކްޓަރުން ލަފާ ދެއްވައިފިއެވެ. ދާދި ފަހުން ކާމިޔާބު ކިޑްނީގެ އޮޕްރޭޝަނެއް ކުރެއްވި ޑރ. އަފީފްވެސް އެގޮތަށް ލަފާ ދެއްވިއެވެ. އަދި ޑރ. އަފީފް މިއަންނަ އޮގަސްޓް 14 ވަނަ ދުވަހު ރިވިއު ހައްދަން ވަޑައިގަންނަވާއިރު، އެބޭފުޅާއާ އެކު ވަޑއިގަތުމަށްވެސް ވިދާޅުވިއެވެ. އެގޮތުން ޑރ. އަފީފް ހުންނެވީ އެފަދަ ހުރިހާ ވެސް އެހީތެރިކަމެއް ދެއްވުމަށް ތައްޔާރުގައެވެ. ނިޒްމާއަށްވެސް ވަނީ ކިޑްނީ ހަދިޔާކުރާނެ ޑޯނަރ އެއްވެސް ލިބިފައެވެ. އެއީ އޭނާގެ ބޭބެއެވެ. ނަމަވެސް ކިޑްނީ ޓްރާންސްޕްލާންޓްކުރުމަށް 25000 އެމެރިކާ ޑޮލަރު ބޭނުންވެއެވެ. އަޒީގެ ހުރިހާވެސް ކަންބޮޑުވުމަކީ އޮގަސްޓް 14 ވާން ވާއިރަށް އެހާ ގިނަ ފައިސާ ހޯދާނެ ގޮތެކެވެ. މިއާއިލާއަށް ކުރިމަތިވެފައިވާ ކަންބޮޑުވުން ހައްލުކުރެވެން އޮތީ މި ފައިސާ ކޮންމެވެސް ގޮތަކުން ހޯދިގެންނެވެ.
ކައިވެންޏަށް ފަހު މިއަދާ ހަމައަށް ކޮންމެ އަހަރަކު 2 ފަހަރު ބޭރަށް ކުރަން ޖެހޭ ދަތުރުތަކަށާއި އެހެނިހެން ބޭހަށް ކުރަން ޖެހޭ ޚަރަދުތައް ޤަވާޢިދުން ކުރަމުން ދިޔުމުގެ ސަބަބުން އަޒީގެ މާ ބޮޑު ސޭވިންގްސް އެއް ނެތެވެ. އޮތީ އެންމެ ހާހަކަށް ޑޮލަރެވެ. އޭގެ އިތުރުން އެމްއެންޑީއެފްގެ ފަރާތުން ވަނީ 2000 ޑޮލަރު ދެއްވާފައެވެ. އެހެނަސް ގާތްގަނޑަކަށް ލިބިފައިމިވާ 3000 ޑޮލަރަށް އަދި އިތުރުވާނެ ފައިސާގެ މަގެއް ނެތެވެ. މިހާތަނަށް 12 ވަރަކަށް މުއައްސަސާއަށާއި ތަންތަނަށް އެހީއަށް އެދި ސިޓީ ލުމުން އެއްވެސް ތާކުން އަދި އެދެވޭ ޖަވާބެއް ލިބިފައިނުވެއެވެ. އާސަންދައިން ލިބިފައިވަނީ ކިޑްނީ ކްރޮސްމެޗްކުރުމަށް ދީފައިވާ 10000 ރުފިޔާއާއި ދެކޮޅު ޓިކެޓެވެ.
މިކުޑަކުޑަ އާއިލާގެ ކަންބޮޑު ވުމަކީ މިއީއެވެ. މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އަންހެނުން ދާއިމީ ބަލިމީހަކަށް ވެފައިވުމެވެ. ކުޑަކުޑަ ދަރިއެއްގެ މަންމައެއް ބަލިއެނދުގައި އޮންނާން ޖެހިފައިވުމެވެ. މިއަދު މިއާއިލާއަށް ވަނީ ތިޔަ ބޭފުޅުންގެ ދީލަތި އެހީތެރިކަމަށް ބޭނުންވެފައެވެ. ތިޔަ ބޭފުޅުން ދެއްވާ ކޮންމެ އެހީއަކީ މިއަދު މިޢާއިލާއަށް ނުހަނު ބޭނުންވެފައިވާ އެއްޗެކެވެ. ކުޑަ އަންހެންކުއްޖެއްގެ މަންމައަށް އެހީތެރިވެދެއްވާށެވެ. ހީވާގި ޒުވާނެއްގެ އަންހެނުންނަށް އެހީތެރިވެދެއްވާށެވެ. ތިޔަބޭފުޅުންގެ އުޚްތަކަށް އެހީތެރިވެދެއްވާށެވެ. އޮގަސްޓް 14 އަށް ވާންވާއިރަށް އެއާއިލާއަށް ބޭސްކުރުމަށް ބޭނުންވާ 25000 ޑޮލަރު ހަމަކުރަން ތިޔަ ބޭފުޅުން ދެއްވާ ބައިރުފިޔާއަކީވެސް އިތުރުވާނެ ފައިސާކޮޅެކެވެ.
ތިޔަ ބޭފުޅުންނަށް މިއޮތީ މަގެއް ހުޅުވިފައެވެ. މިބަރަކާތްތެރި ރަމަޟާން މަހު ﷲގެ މަގުގައި ހޭދަކުރަން އެދޭ ފަރާތްތަކަށްވެސް މިއޮތީ ބޭނުން ޖެހިފައިވާ މުސްލިމް ޢާއިލާއަކަށް އެހީވުމުގެ ފުރުޞަތެއް ހުޅުވިފައެވެ. ﷲގެ މަގުގައި އެކަލާނގެ ދަރުމައަށް އެދި ކުރާ ހޭދައަކީ ބޭކާރު ވެގެންދާނެ އެއްޗެއް ނޫނެވެ. ތިޔަ ބޭފުޅުންނަށް އެއަށް އެންމެ ބޭނުންޖެހިގެންވާ ދުވަހު އެތައް ގުނައަކަށް އިތުރުވެގެންވާ ޙާލު އެ އަނބުރާ ލިބޭނެއެވެ. ހޭދަކުރައްވާށެވެ. ކުރެއްވުނު މިންވަރަކުން ކުރައްވާށެވެ. މިއާއިލާއަށް ކުރިމަތިވެފައިވާ ހިތާމަ ފިއްލެވޭތޯ އެހީތެރިވެލައްވާށެވެ.
އިތުރު މައުލޫމާތު ސާފުކުރެއް ވުމަށް ނިޒްމާގެ ފިރިކަލުން އިބްރާހީމް އަޒީ (9949517) އަށް ގުޅުއްވާ ސާފްކުރެއްވުން އެދެމެވެ. އަދި ފައިސާގެ ދީލަތި އެހީ ދެއްވަން ބޭނުންވާ ފަރާތަކުން މަރިޔަމް ނިޒުމާގެ ބޭންކް އޮފް މޯލްޑިވްސްގެ 7704509709001 ނަމްބަރު އެކައުންޓަށް ޖަމާއާކުރެއް ވުން އެދެމެވެ.
(ނިޒްމާގެ ބައްޔާ ގުޅޭ ހުރިހާ ލިޔެކިޔުންތަކުގެ ކޮޕީ ދިއިސްލާމްއަށް ވަނީ ލިބިފައެވެ. އެޢާއިލާއަށް ތިޔަބޭފުޅުންގެ އެހީތެރިކަން ދެއްވުމަކީ ދިއިސްލާމްގެ ވަރަށް ބޮޑު އެދުމެކެވެ. ނިޒްމާގެ ބައްޔަށް މާތް ﷲ އަވަސް ޝިފާއެއް ދެއްވުން އެދެމެވެ.)

Wednesday, July 03, 2013

މުޙުލަތުގެ ގަޑިތައް ހުސްވަމުންދާއިރު ޑރ. މުރްސީ އާއި މިޞްރު

މިޞްރުގެ އިސްލާމީ ވެރިކަމާ ދެކޮޅަށް އިދިކޮޅު ސެކިޔުލަރ ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން މިހާރު މިޞްރުގެ ސިޔާސީ މަސްރަޙްވަނީ ނުހަނު ހޫނުވެފައެވެ. އެހެންނަމަވެސް، މިޞްރުގެ އެންމެ ފުރަތަމަ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުރްސީ ހުންނެވީ ނުހަނު ސާބިތުކަމާއެކީއެވެ. ލޭ އޮހޮރުވާލިއަސް ޙަވާލުކުރެވިފައިވާ ޤާނޫނީ ޞައްޙަކަމުގެ ދިފާއުގައި ހުންނަވާނެކަމަށް ވެރިކަމުގައި ހުރުމަށް މަދު ގަޑިއިރުކޮޅެއް ދެވިފައިވާ ޑރ. މުރުސީ ޤައުމީ ޓީވީ މެދުވެރިކޮށް މުޅި ޤައުމަށާއި ދުނިޔެއަށް އިޢުލާނުކުރައްވައިފިއެވެ.

ޑރ. މުރުސީގެ ވެރިކަމާ ޤަބޫލުނުވެފައިވާ މިޞްރުގެ އަސްކަރިއްޔާއިން ޑރ. މުރްސީއަށް މުހުލަތެއް ދީފައިވާކަން އިޢުލާނުކޮށްފައިވާތީ، އަންގާރަ ދުވަހު މިޞްރުގެ ޤައުމީ ޓީވީ މެދުވެރިކޮށް ޑރ. މުރުސީ ވަނީ މިހާރު ތަޤްރީރެއް ދެއްވާފައެވެ. މިތަޤްރީރުގައި ޤާނޫނީ އުޞޫލްތަކަށް ގޮންނުޖެހުމަށް ޑރ. މުރްސީ ގޮވާލެއްވިއެވެ.
މަޤާމާ ޙަވާލުވެލެއްވުމަށްފަހު ހޭދަވެގެން މިދިޔަ ފުރަތަމަ އަހަރު ހިންގުމުގައި އުނދަގޫތަކެއް ކުރިމަތިވިކަމަށާއި، ކުރީ ވެރިކަމުގެ ތެރެއިން މިހާރުވެސް ތިބި ކޮރަޕްޓް މީހުންގެ ފަރާތުން ގޮންޖެހުން ކުރިމަތިވެފައިވާކަމަށް މުރްސީ ވިދާޅުވިއެވެ.

މިޞްރުގެ ކުރީގެ ޚުދުމުޚްތާރު ވެރިޔާ ޙުސްނީ މުބާރަކްގެ ވެރިކަން އިންޤިލާބަކުން ނިންމާލުމަށްފަހު، މިޞްރުގައި ބޭއްވުނު އެންމެ ފުރަތަމަ އިންތިޚާބުގައި ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އިސްލާމީ ޕާރޓީއެއްކަމަށްވާ އިޚްވާނުލް މުސްލިމީން ނުވަތަ މުސްލިމް ބްރަދާރހޫޑުގެ ސިޔާސީ ޕާރޓީ ފްރީޑަމް އެންޑް ޖަސްޓިސް ޕާރޓީއިންނެވެ. އިޚްވާނުންގެ ޑރ. މުޙައްމަދު މުރްސީ މަޤާމާއި ޙަވާލުވެލެއްވުމަށްފަހު ފަސާދަވެފައިވާ ޤައުމަށް ގެންނެވި އިސްލާޙީ ބަދަލުތަކާމެދު ނަޞާރާއިންނާއި ސެކިޔުލަރިސްޓުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން އިންތިޚާބީ ރައީސް ޑރ. މުރްސީއާ ދެކޮޅު ޙަރަކާތްތައް ތަފާތު ބަހަނާތަކުގެ ނަމުގައި ފަށައިގަނެވުނެވެ.
ޑރ. މުރްސީގެ ވެރިކަމަށް ކުރިމަތިވެފައިވާ އަނެއް ގޮންޖެހުމަކީ، އަސްކަރިއްޔާގެ ބާރު އަދިވެސް ކުރީގެ ޚުދުމުޚްތާރު ވެރިންގެ އަތުގައި އޮތުމެވެ. އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ޢަބްދުލް ފައްތާޙް އައްސިސީ، ޑރ. މުރްސީ އިދިކޮޅު ފަރާތްތަކުގެ ގޮވުންތަކަށް ތަބާވެ ވެރިކަން އިދިކޮޅު ފަރާތްތަކަށް ބައްސަވާލެއްވުމަށް 48 ގަޑިއިރުގެ މުހުލަތެއް ދެއްވާ ނޫސްބަޔާނެއްވެސް ނެރެފައިވެއެވެ. ރައީސް މުރުސީއާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ނެރެފައިވާ މިކުއްލި ނޫސް ބަޔާނާމެދު ރައީސް މުރުސީގެ އޮފީހުން ވަނީ ފާޑުވިދާޅުވެފައެވެ. އެންމެ ފަހުން ޑރ. މުރުސީ މިއަދު ދެއްވި ޓީވީ ތަޤްރީރުގައިވެސް އެކަމަށް ފާޑުވިދާޅުވެފައިވެއެވެ.
އަސްކަރިއްޔާ ބުނާގޮތެއް މުރްސީ ނުހައްދަވައިފިނަމަ، ކުރިމަގުގެ މަގުޗާރޓެއް އިޢުލާނުކޮށް އެކަން ތަންފީޒުކުރުމަށް ފަށާނެކަމަށްވެސް އަސްކަރިއްޔާގެ ބޮޑު އިންޒާރުގައި ހާމަކޮށްފައިވެއެވެ. އަސްކަރިއްޔާގެ މިއިންޒާރުތަކަށް ރައްދުދެއްވަމުން ޑރ. މުރްސީ ވިދާޅުވެފައިވަނީ އެބޭފުޅާގެ އިސްލާޙީ މަސައްކަތްތަކާއެކު ކުރިއަށް ވަޑައިގަންނަވާނެކަމަށެވެ.

“ކޮންމެ ޙާލަތެއްގައި ވިޔަސް، އެންމެ ފިޔަވަޅެއްވެސް ފަހަތަށް އެޅުމަކަށް ހަމަޔަޤީނުންވެސް މިޞްރު ތަނެއް ނުދޭނެ.” އަންގާރަދުވަހުގެ ޓީވީ ތަޤްރީރުގައި މުރްސީ
 ވިދާޅުވިއެވެ.

އެއްކޮޅުން މުސްލިމުން އެއްބައިވެ، އަނެއްކޮޅުން ކާފަރުން އެއްބައިވެ
ޑރ. މުރުސީއާ އިދިކޮޅަށް މިހާރު މުޒާހަރާކުރަމުންދަނީ ސެކިޔުލަރ ފިކުރުގެ މީހުންނާއި ނަޞާރާއިންނާއި އެތީސްޓުންނެވެ. މިޞްރުގެ ބޮޑު ޕޯޕްވެސް ވަނީ މި މުޒާހަރާތަކާމެދު އުފާކުރާކަން ހާމަކޮށް އެމީހުންނަށް ހިތްވަރުދެއްވާފައެވެ. މުޒާހަރާތަކުގެ އަޑީގައިވަނީ ވެއްޓުނު ޚުދުމުޚުތާރު ވެރިކަމުގެ އިސްވެރިންނާއި އެމީހުންގެ ނޭޝަނަލް ޑިމޮކްރެޓިކް ޕާރޓީ އެންޑީޕީ އެވެ. އަދި އިންތިޚާބުތަކުން މުސްލިމޫންގެ އަތުން ބަލިވެފައިވާ ލާދީނީ މީހުންނެވެ.
ސެކިޔުލަރ އެންޑީޕީގެ މުޒާހަރާތަކަށް މިޞްރުގެ ޣައިރު މުސްލިމް އަދި ލާދީނީ ގިނަ ބަޔަކު ތާއީދުކުރަމުންދާއިރު، މުސްލިމުންގެ ތެރެއިން ޑރ. މުރްސީއާ ސިޔާސީ ގޮތުން ޚިޔާލްތަފާތު ބޭފުޅުންވެސް މުރްސީގެ ޙިމާޔަތުގައި ދަނީ ނުކުންނަމުންނެވެ. އެގޮތުން މިޞްރުގެ އިސްލާމީ ސިޔާސީ ޕާރޓީއެއްކަމަށްވާ އައްނޫރު ޕާރޓީއިން ވަނީ ސިޔާސީ ގޮތުން ބައެއް ކަންކަމުގައި ޚިޔާލު ތަފާތުވުން ހުރި ނަމަވެސް ޑރ. މުރްސީގެ ވެރިކަމުގެ ޙިމާޔަތުގައި ނުކުންނާނެކަން ހާމަކޮށްފައެވެ. އިޚްވާނުލް މުސްލިމީންގެ ސިޔާސީ ޖަމާޢަތްކަމަށްވާ ފްރީޑަމް އެންޑް ޖަސްޓިސް ޕާރޓީއިން އިސްނަގައިގެން މިހާރުދަނީ ޑރ. މުރުސީގެ ވެރިކަމަށް ތާއީދުކޮށް ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް ގޮވާލާ ބޮޑު މުޒާހަރާތަކެއް ނަޞްރުސިޓީގައި ކުރަމުންނެވެ. ޑރ. މުރުސީގެ ޙިމާޔަތުގައި އަލްޖަމާޢާ އަލްއިސްލާމިއްޔާ ކިޔާ ހަތިޔާރު އެޅި ޖަމާޢަތެއްވެސް ޙަރަކާތްތެރިވަމުންދެއެވެ. އެޖަމާޢަތަކީ ޙުސްނީ މުބާރަކާ ދެކޮޅު ހަރަކާތްތަކެއް ނިމިދިޔަ ވެރިކަމުގައި ހިންގާފައިވާ ތަޖްރިބާކާރު ޖަމާޢަތެކެވެ.

ބަޣާވާތެއް؟
އެތައް މިލިޔަން ބަޔަކު ޑރ. މުރުސީއާ ދެކޮޅަށް މަގުތަކުގައި އަޑުއުފުލަން ފަށާ މަގުތަކުގެ ހަމަނުޖެހުން ނަގާލުމުން މުޅި މިޞްރުގެ ސަމާލުކަން ވަނީ އެމީހުންނަށް އަމާޒުވެފައެވެ. އެދަނޑިވަޅުގައި ވެރިކަމުގެ ބަސްނުވިކޭ އަސްކަރިއްޔާއިންވަނީ ވެރިކަމާ ދެކޮޅު ޤަރާރެއް ނެރި ޢާއްމުކޮށް ރައީސް ޑރ. މުރްސީއަށް މުހުލަތެއް ދެއްވާފައެވެ. އަދި އަސްކަރިއްޔާގެ އަމުރުތަކަށް ތަބާނުވެއްޖެނަމަ، “ކުރިމަގުގެ މަގުޗާއްޓެއް” އެކުލަވާލާ އެކަން ތަންފީޒުކުރާނެކަމަށް ބުނެ އަސްކަރިއްޔާއިން ވަނީ އިންޒާރުވެސް ދީފައެވެ. ނަމަވެސް، އަސްކަރީ އިންޤިލާބަކުން ވެރިކަން ބަދަލުވުމުގައި އެމެރިކާގެ ރުހުމާއި ތާއީދަކީ މުޙިއްމުކަމެކެވެ. ބަޣާވަތެއްގެ ބިރު ބޮޑުވެފައިވަނީ މިޞްރުގެ އަސްކަރިއްޔާގެ އިސްވެރިޔާ އައްސިސީ އެމެރިކާގެ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް މާރޓިން ޑެމްޕްސީއާ ދެމެދު ވާހަކަތަކެއް ދެކެވިފައިވާކަން ހާމަވެފައިވާތީއެވެ.

އާދިއްތް ދުވަހުގެ މުޒާހަރާތަކުގައި އުޅޭ އިދިކޮޅު އިއްތިހާދުގެ އިސްވެރިން ބުނާގޮތުން، ދެން މުރުސީއާ ވާހަކަދެއްކުމެއް ނޯންނާނެއެވެ. އެހެނެއްކަމަކު، އަސްކަރިއްޔާއިން ނެރެފައިވާ 48 ގަޑިއިރުގެ މުހުލަތު ހަމަވުމުން ވެރިކަން ބަދަލުކުރާނެ ގޮތަކާމެދު ސީދާ ވާހަކަތައް ދައްކާނީ އަސްކަރިއްޔާއާ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ހާމަކޮށްފައިވެއެވެ. އެގޮތުން މި ލިބެރަލް ކޯލިޝަނުގެ ފަރާތުން އަސްކަރިއްޔާއާ ވާހަކަތައް ދެއްކުމަށް ނަގާފައިވާ ސަފީރަކީ އ.ދގެ ކުރީގެ ނިޔުކުލިޔަރ ހަކަތައާބެހޭ އިސްވެރިޔާ ޑރ. އަލްބަރާދައީއެވެ. ވެރިކަން ހޯއްދެވުމަށް މިޞްރަށް ވަޑައިގެންނެވި އަލްބަރާދައީއަށް އިންތިޚާބުގައި ނާކާމިޔާބު ކުރިމަތިލެއްވުމުން މިހާރު ސިޔާސީ މައިދާނުގައި ޑރ. މުރުސީއާ އިދިކޮޅު ޙަރަކާތްތަކުގައި ނަގާކިޔަން އުޅުއްވައެވެ. އެއްކޮޅުން ވެރިކަން ބަދަލުކުރާނެ ގޮތަކާމެދު އަސްކަރިއްޔާއާ ވާހަކަދައްކަމުންދާއިރު، އިދިކޮޅު ފަރާތްތަކުންދަނީ ދައުލަތުގެ އެންމެ އިސް މަޤާމުން މުރުސީ ވަކިކޮށްދިނުމަށްއެދި ޤާނޫނީ ކޯޓްގެ އިސްފަނޑިޔާރަށް ފިއްތުންކުރިމަތިކުރަމުންނެވެ. މުރުސީގެ ކިބައިން ވެރިކަން ނިގުޅައިގަތުމަށްފަހު، އިންތިޤާލީ މަރުޙަލާގައި ޤައުމު ހިންގަން ޙަވާލުކުރާނީ އަސްކަރިއްޔާގެ އިސްވެރިންނަށް ކަމަށް އިދިކޮޅު ފަރާތްތަކުން ހާމަކުރެއެވެ. މުރުސީގެ ކުރިން މިޒަމާނުގެ މިޞްރަކީ ފުލުފުލުގައި އަސްކަރީ އިންޤިލާބުތައް ކުރިމަތިވެ މުޅީންވެސް އަސްކަރީ ވެރީންގެ ގަދަބާރު ހިންގާފައިވާ ޤައުމެކެވެ. މިހެން މިކަން އޮތްއިރުގައި އ.ދ ގެ އިންސާނީ ޙައްޤުތަކާބެހޭ އެމްބެސެޑަރ ނަވީ ޕިއްލޭގެ އިސްތަރުޖަމާނު ރުޕާރޓް ކޮލްވިލް ވެސް ވަނީ އަސްކަރިއްޔާގެ ބައިވެރިވުން މުޙިއްމުކަމަށް ވިދާޅުވެފައެވެ. ޤައުމުގެ މާޟީ އިޢާދަކުރަން ބަޔަކު ބޭނުންވެއެވެ. ބޭރުކޮށްލެވިފައިވާ ކުރީގެ ރައީސް ޙުސްނީ މުބާރަކްވެސް މުރުސީ މަޤާމުން އިސްތިއުފާ ދިނުމަށް ދަނީ ގޮވަމުންނެވެ.

ހުޅަނގަށް ހަތަރު އުދަރެސް ފެނުޖެހިފައި
ހުޅަނގުގެ ތަފާތު ބާރުތަކުން މިޞްރުގެ ޙާލަތާމެދު ފުން ނަޒަރަކުން ބަލަމުން އެބަދެއެވެ. އިސްލާމީ ވެރިކަން ބަދަލުކުރަން ކިތަންމެ ބޭނުންވިޔަސް، ޑިމޮކްރެޓިކް އުޞޫލުން ހޮވިފައިވާ ވެރިކަމެއް ވައްޓާލުމަށް ތާއީދުކޮށް މުނާފިޤުވާކަށްވެސް ނުކެރެއެވެ. އެހެންކަމުން އ.ދގެ އިންސާނި ޙައްޤުތަކާބެހޭ އޮފީހުންވެސް ގޮވާލާފައިވަނީ، މަގުމަތީގައި އުޅޭ މީހުންގެ އަޑުވެސް އެހުމަށެވެ. އެހެންނަމަވެސް ޑިމޮކްރަޓިކް އުޞޫލްތަކަށް ރިޢާޔަތްނުކުރެވޭނެ އެއްވެސް ކަމެއް ނުކުރުމަށް ގޮވާލާފައިވެއެވެ. ނަމަވެސް، އެދެކަމަކީ އެއްފަހަރާ ވާނެ ދެކަމެއް ނޫނެވެ. މަގުމަތީގެ މީހުންގެ އަޑުތަކަށް ތަބާވެއްޖެނަމަ، ޑިމޮކްރެޓިކް ޞައްޙަވެރިކަމަށް ރިޢާޔަތްނުކުރެވުނީއެވެ. ޞައްޙަވެރިކަން ދިފާޢުކޮށްފިނަމަ، މަގުމަތީގެ މީހުންގެ ބޭކާރު އަޑުތައް ނޭހުނީއެވެ.

މުހުލަތު ހަމަވަނީ… ދެން؟
ޑރ. މުރުސީގެ ވެރިކަން މިޞްރުގައި ދެމިއޮވެ އިތުރު އިސްލާޙީ ބަދަލުތަކެއް މިޞްރަށް އައުމަކީ އިސްލާމީ ދުނިޔޭގެ ވަރަށް ގިނަ ބައެއްގެ އެދުމެކެވެ. ޑރ. މުރުސީ ހުންނެވީ އަޅާހާ ބަތަކަށް ރިހަކިޔުއްވާ އުޞޫލުން ފިނޑިވެއެއްނޫނެވެ. އަދި އެއީ އެހެން ރައީސުންނެކޭ އެއްފަދައިން ގޮނޑިކޮއްކޮ ރައީސެއް ނުވަތަ ކުޅޭކުޅޭ ބުދެކޭ ދެންނެވޭކަށްވެސް ނެތެވެ. އެހެނެއްކަމަކު، ޑރ. މުރުސީގެ ފަރާތުން މިހާތަނަށް ފެނިފައިވަނީ ހަރުދަނާކަމާއި ޘާބިތުކަމެވެ. ކުރިއަށް އޮތް މަދުގަޑިއިރުކޮޅުގެ ތެރޭގައި އެޞިފަ ބަދަލުކުރެއްވުމަކީ ވަރަށް ނާދިރުކަމެކެވެ. ފިނޑިވާން ވެއްޖެނަމަ، ފިނޑިވާންވީ ވަގުތު މިހާރު ފާއިތުވެ ހިނގައްޖެއެވެ. އޭގެ އަނެއްކޮޅުން، މިޞްރުގެ ހުރިހާ އިސްލާމީ ޙަރަކާތްތައް ފަދަ ގޮތަކަށް ޑރ. މުރުސީގެ ޙިމާޔަތުގައި މިހާރުވަނީ މަގުމައްޗަށް ނުކުމެއެވެ. އަޑުއަހަން ޖެހެނީ ހަމައެކަނި މަގުމައްޗަށް ނުކުންނަ މީހުންގެ ކަމުގައިވާނަމަ، އިސްލާމީން މިފަހަރުވެސް މުޅި މިޞްރުގެ މަގުތައް ފުރާލާނެއެވެ. އެހެންވެއްޖެނަމަ، އަސްކަރިއްޔާއިން ގެންނަ ނަމަ ގެންނަ އިންޤިލާބަކީ ޤައުމު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލުމަށް ގެންނަ އިންޤިލާބަކަށް ނޫނީ ނުވާނެއެވެ. އެފަދަ ޙާލަތެއްގައި އަސްކަރިއްޔާގެ ބާރު އޮންނާނީ އަވައްޓެރި ސޫރިޔާގެ އަސްކަރިއްޔާގެ ބާރު ފަދައަކުން ހަތަރެސްފައި ބަނދެލެވިފައެވެ. ބިރުނުގަންނަ ނަމަ، އެއަސްކަރިއްޔާއާ އެތައް އަހަރެއް ވަންދެން ހަނގުރާމަކޮށްފައިވާ އަލްޖަމާޢާ އަލްއިސްލާމިއްޔާ ޑރ. މުރުސީގެ ފަހަތުގައި އޮތްކަން ހަނދާންނުވަނީއެވެ. އަސްކަރިއްޔާ މިހާރެކޭ އެއްގޮތަށް ދެމިއޮންނަން ބޭނުން ވެއްޖެނަމަ، ޑރ. މުރުސީގެ ވެރިކަމާ ނުބެހި މަޑުން އޮންނަން މިހާރު އޮތީ މަޖްބޫރުވެފައެވެ. ނަމަވެސް، ކުރިމަގު ދައްކާނެގޮތެއް ޔަޤީންކަމާއެކު ބުނުމަކީ އުނދަގޫވެސް ކަމެކެވެ.