ކާރު ފަދަ ތަކެތި ކުއްޔަށް ދޫކުރާ ކުންފުންޏެއް
ކަމަށްވާ ހާރޓްޒް ގެ 26 މުވައްޒަފަކު ނަމާދު ބްރޭކަށް "ކްލޮކް އައުޓް"
ނުކުރާކަމަށް ބުނެ އެމައްސަލާގައި ވަޒީފާއިން ކަނޑާލައިފި އެވެ.
ވަޒީފާއިން ކަނޑާލި މުވައްޒަފުން
ބުނެފައިވަނީ އެމީހުންގެ ދީނީ ޙައްޤަކަށް ކުންފުނިން އަރައިގެންފައިވާ ކަމަށެވެ.
ނަމަވެސް ކުންފުނިން ބުނަމުންދަނީ އެފަދައިން ޢަމަލުކޮށްފައިވަނީ މަސައްކަތްކުރާ
ތަނުގެ ހަމަހަމަކަން ޤާއިމްކުރުމުގެ ގޮތުންކަމަށެވެ.
އެކުންފުނިން ވަކިކުރި
މުވައްޒަފެއްކަމުގައިވާ ޢުމަރު ބުނެފައިވާކަމަށް މުސްލިމްވިލެޖް ސައިޓްގައި
ހާމަކޮށްފައިވަނީ "އެއީ އެންމެ ފަސް މިނެޓް. ކުންފުނިން އެބުނާ ފަދަ ބޮޑު
ކަމެއް ނޫން އެއީކީ."
ނަމަވެސް ހާރޓްޒް ގެ ސްޕޯކްސްޕާރޒަން
ރިޗާރޑް ބްރޫމް ވިދާޅުވެފައިވަނީ، ނަމާދުކުރުމަށް ދެވޭ ވަގުތުގެ ފައިދާ ނަހަމަ
ގޮތުގައި ބައެއް މުވައްޒަފުން ނަގާކަމަށެވެ.
އެހެނަސް އެފަދައިން 26 މުވައްޒަފުން އެއް
ފަހަރާ ކަނޑާލާފައިވާތީ، ހާރޓްޒްގެ ޑްރައިވަރުން ތަމްސީލްކުރާ ޓްރޭޑް ޔޫނިއަނެއް
ކަމުގައިވާ ޓީމްސްޓާރސް ޔޫނިއަން 117 އިންވަނީ މިކަން ކުށްވެރިކޮށްފަ އެވެ.
އެޔޫނިއަންގެ ސްޕޯރކްސް ޕާރސަން ޓްރޭސީ ތޮމްޕސަމް ވިދާޅުވެފައިވަނީ "ވަކި
މުވައްޒަފެއްގެ މަސައްކަތުގައި ނުވަތަ އަދަބުގައި މައްސަލައެއް އުޅޭނަމަ އެ
މުވައްޒަފަކަށް ވަކިން މުޢާމަލާތުކުރުމުގެ ޙައްޤު ލިބިގެންވާނެ. ނަމަވެސް އެހެނެއް
ނޫން ކުންފުނިން މިފަހަރު ކަންތައް ކޮށްފައި އެވަނީ."
މިޔޫނިއަންގެ ފަރާތުން މިއަހަރު ކުރީ ކޮޅު
ހާރޓްޒްގެ މުވައްޒަފުންނަށް ފޮނުވި ނޯޓިހެއްގައި ކޮންމެ ނަމާދު ވަގުތަކަށް ކާރޑް
ޖަހަން ނުޖެހޭނެކަމަށާއި ނަމަވެސް ސްޕަވައިޒަރަށް އަންގާލަން ޖެހޭނެކަމަށް
އަންގާފައިވެ އެވެ. ނަމަވެސް ނިމިދިޔަ ސެޕްޓެމްބަރު މަހު ހާރޓްޒް ކުންފުނިން
މުވައްޒަފުންނަށް ފޮނުވި ނޯޓިހެއްގައި ބުނެފައިވަނީ ކާގަޑި ތަކަށާއި
އަރާމްކުރުމަށާއި ދީނީ ގޮތުން ނަގާ ބްރޭކްތަކަށްވެސް ކާރޑް ޖަހަން ޖެހޭނެކަމަށެވެ.
ނަމަވެސް ކުންފުނިން ފާހަގަކޮށްފައިވާ ބްރޭކްތަކުގައި ސިނގިރޭޓް ބޯން ނަގާ
ބްރޭކްތަކަށް ކާޑު ޖަހަން ޖެހޭނެކަން ފާހަގަކޮށްފައި ނުވާތީ ޓީމްސްޓަރސް ޔޫނިއަން 117
އިން އެނުކުތާ ފާހަގަކުރެ އެވެ.
145 ޤައުމެއްގައި ޙަރަކާތްތެރިވާ ހާރޓްޒް
ކުންފުނީގެ މައިކުންފުނި ހުންނަނީ އެމެރިކާގަ އެވެ.
No comments:
Post a Comment