Pages

Tuesday, March 20, 2012

ސީރިޔާގެ އިދްލިބް އަތުލައިގަނެ ބައްޝާރުގެ ބާރު ގަދަކުރަނީ...


މާރޗް 11 ވަނަ ދުވަހު ސީރިޔާގެ އަސްކަރިއްޔާއިން އިދްލިބް ސިޓިއަށް ޙަމަލާދެމުން ދިޔައިރު މުޖާހިދުން އިތުރު އެހިއަށް އެދި ގޮވަނީ / ފޮޓޯ: އޭޕީ


ސީރިޔާގެ ޢަލަވީ ރައީސް ބައްޝާރުލް އަސަދާ އިދިކޮޅު ޙަރަކާތްތައް މިދިޔަ އަހަރުގެ މާރޗް މަހު 15 ވަނަ ދުވަހު ފެށުނު ފަހުން ސީރިޔާގެ މިނިވަންކަމަށް މަސައްކަތްކުރާ ފްރީ ސީރިއަން އާރމީ (އެފްއެސްއޭ) ގެ ބާރުގެ ދަށުގައި އޮތް އިދްލިބް ސިޓީވެސް އެންމެފަހުން ބައްޝާރުގެ ލަޝްކަރުތަކުން އަތުލައިފިއެވެ.

މާރޗް މަހުގެ ކުރީކޮޅު، ސުންނީ މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ޙިމްސް ސިޓީވެސް ވަނީ ބައްޝާރުގެ ލަޝްކަރުތަކުން ހިފާފައެވެ. ޙިމްސް ހިސާރުކޮށްގެން މަހަކަށް ވުރެ ގިނަ ދުވަސްވަންދެން ބައްޝާރުގެ ލަޝްކަރުތަކުން ތިބި ތިބުމުގެ ސަބަބުން އިތުރު އަސްކަރީ އެހީއަށް ބޭނުންވެފައިވާ ފްރީ ސީރިއަން އާރމީ އަށް މަޖްބޫރުވީ ބަލި ޤަބޫލުކޮށް ސިޓީ ދޫކޮށްލުމަށެވެ. އެފަހަރުވެސް އެތައް ސަތޭކަ ޢާއްމުންނަކާއި މުޖާހިދުންނެއް ވަނީ ޝަހީދުވެފައެވެ.

ޙިމްސް ހިފުމަށްފަހު 2 ހަފްތާއެއްވެސް ނުވަނީސް، ބައްޝާރުގެ ލަޝްކަރުތަކުންވަނީ ޙިމްސްގެ 100 މޭލު އުތުރުން އޮންނަ އިދްލިބް ހިފުމަށް އިތުރު ލަޝްކަރުތައް ފޮނުވާފައެވެ.

50 އަށް ވުރެ ގިނަ ޓޭންކަރު ހިމެނޭ ބޮޑު ލަޝްކަރަކުން އިދްލިބަށް ޙަމަލާތައް ދެމުން ދިޔަ އިރު، ވައިގެ މަގުން ހެލިކޮޕްޓަރުތަކުންވެސް ދިޔައީ އިދްލިބްގެ މަގުތަކަށް ޙަމަލާދެމުންނެވެ. 4 ދުވަހަށް ދެމިގެން ދިޔަ މި ޙަމަލާތަކުގެ ސަބަބުން އިތުރު އަސްކަރީ އެހީއަށް ބޭނުންވެފައިވާ މުޖާހިދުންނަށް ޖެހުނީ ބައްޝާރުގެ ވަރުގަދަ އަސްކަރީ ބާރުގެ ކުރިމަތީގައި އިހަށް ބަލި ޤަބޫލުކޮށް ރަށް ދޫކޮށްލާށެވެ. އެގޮތުން މާރޗް 14 ވަނަ ދުވަހު ބައްޝާރުގެ ކޮންޓްރޯލް އިދްލިބްގެ މައްޗަށް ވަނީ ހިންގަން ފައްޓާފައެވެ.

އިދްލިބް ހިފުމަށްފަހު ބައްޝާރުގެ ލަޝްކަރުތަކުން ރަށުތެރެއަށްވަދެ ވަނީ ގެތަކާއި ފިހާރަތައް ލޫޓުވާ ސަރުކާރާ ދެކޮޅުކަމަށް ޝައްކުކުރެވޭ މީހުންނަށް ޙަމަލާތައް ދީފައެވެ. އެމީހުންގެ ޙަމަލާތަކުގައި 55 ޢާއްމުންނާއި 22 މުޖާހިދަކު ޝަހީދުކޮށްލާފައިވާކަމަށް ބައެއް ނޫސްތަކުން މައުލޫމާތުދެއެވެ.

މަސްރަޙް ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ދެން މުޖާހިދުން ދާނެ އިތުރު ރަށެއް ނެތެވެ. ބައްޝާރުގެ ބާރު އަނެއްކާވެސް ސީރިޔާގެ މައްޗަށް ގަދަކުރަން މިފެށުނީ ޢަރަބި މުސްލިމް ޤައުމުތަކުން ސީރިޔާގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވާންވީ ވަގުތު އެހީތެރި ނުވުމުން ކަމަށް އެފަރާތްތަކުން ބުނެއެވެ. މިވަގުތު އިތުރު އެހީ މުޖާހިދުންނަށް ނުލިބިއްޖެ ނަމަ، އިދްލިބްގެ ވަށައިގެންވާ ފަރުބަދަތަކުގެ ތެރޭގައި އެންމެހާ މުޖާހިދުން ޗިސް ޗިސް ކޮށްލެވިގެންދާނެކަމަށް މަސްރަޙް ދިރާސާކުރައްވާ ފަރާތްތައް ޤަބޫލުކުރެއެވެ.

ފްރީ ސީރިއަން އާރމީގެ ކޮންޓްރޯލްގެ ދަށުގައި އޮތް އިދްލިބްއަކީ ބައްޝާރާ ދެކޮޅު ޙަރަކާތްތައް މިދިޔަ އަހަރު ފެށުނު ތަނާހެން ސަރުކާރާ ވަކިވެ ސީރިޔާގެ މިނިވަންކަމަށް މަސައްކަތްކުރާ ލަޝްކަރާ ގުޅިފައިވާ 16 ލައްކަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ސީރިޔާގެ މިނިވަން ޙަރަކާތްތައް ފެށުނު ރަށްކަމަށްވާ ދަރްޢާ ސިޓީ އަށްވެސް ވެސް ބައްޝަރުގެ ލަޝްކަރުތަކުން މިހާރު ދަނީ ވަރުގަދައަށް ޙަމަލާދެމުންނެވެ. ބައްޝާރުގެ ވަރުގަދަ އަސްކަރިއްޔާއާ ކުރިމަތިލާން ޖެހިފައިވާ މުޖާހިދުންދަނީ އިތުރު އެހީއަށް އެދި އާދޭސްކުރަމުންނެވެ.

Saturday, March 17, 2012

ދެ ޙަރަމުގެ އިމާމުން ސީރިޔާގެ ޙާލަތާމެދު ވާހަކަ ދެއްކެވުން



މައްކާގައި ހުންނަ މަސްޖިދުލް ޙަރާމްގެ އިމާމް އަދި ޚަޠީބު ޝައިޚް އުސާމާ ޚައްޔާޠު މާރޗް މަހުގެ ފުރަތަމަ ހުކުރުދުވަހު ވަނީ ސީރިޔާގެ ޙާލަތާމެދު ވާހަކަދައްކަވާފައެވެ. އެގޮތުން އެދުވަހުގެ ހުކުރު ޚުޠުބާގައިވަނީ، ސީރިޔާގައި ނުޙައްޤުން އަނިޔާ ލިބެމުންދާ ޢާއްމުންނަށް ހިތްވަރު ލިބޭފަދަ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާފައެވެ. އަދި އެއާޔަތްތަކުން ހިތްވަރު ލިބިގަތުމަށް އަނިޔާ ލިބެމުންދާ އެންމެހާ ފަރާތްތަކަށް ޝެއިޚް ގޮވާލައްވާފައިވާކަމަށް ޢަރަބި ބައެއް ނޫސް އެޖެންސީތަކުން މައުލޫމާތުދެއެވެ. އޭގެ އިތުރުންވެސް، އަނިޔާވެރި ފިރުޢައުނުގެ ގާތަށް ރަސޫލުކަމާއިގެން މޫސާގެފާނު ވަޑައިގެންނެވި ހިނދު ކިޔަވާ ވިދާޅުވި ދުޢާ ގިނަގިނައިން ކިޔުމަށްވެސް ޝައިޚް އުސާމާ ޚައްޔާޠު ގޮވާލެއްވިއެވެ.

މީގެ އިތުރުން މަދީނާގެ މަސްޖިދުންނަބަވީ ގައި އެދުވަހު އިމާމުވެ ހުކުރު ކުރެއްވި ޝައިޚް ޞަލާޙް ބުދައިރުވެސް ވަނީ ސީރިޔާގެ ޙާލަތާމެދު ޚުޠުބާގައި ވާހަކަދައްކަވާފައެވެ. ޝައިޚްގެ ޚުޠުބާގައިވަނީ ސީރިޔާ އަދި ދުނިޔޭގެ އެހެނިހެން ތަންތާނގައި މިހާރު ހިންގަމުންދާ ޤަތުލުޢާއްމުތައް ހުއްޓުވުމުގައި ބައިނަލްއަޤްވާމީ ދުނިޔެއިން ވެފައިވާ އިޙްމާލު ނުހަނު ބޮޑަށް ކުއްވެރިކުރައްވާފައެވެ.
"ސުލްޙަ ބަލަހައްޓާކަމަށް ދަޢުވާ ކުރާ އަދި ދުނިޔޭގެ ލީޑަރުންކަމަށް ބުނާ މީހުންނަށް ކޮންކަމެއްތޯ ކުރެވުނީ... ބަނޑުހައިހޫނުކަމާއި ލިޔަންކިޔަން ނުދަތުމާއި ބައިބައިވުންތަކުގައި ހަލާކުވަމުންދާ ޤައުމުތަކަށް އެހީތެރިވުމުގައި؟" ޝެއިޚް ޞަލާޙް ބުދައިރު ޚުޠުބާގައި ސުވާލުކުރެއްވިއެވެ.
"ހަނގުރާމައާއި ތަޅާފޮޅުންތައް ހުއްޓުވާ، އަދި އަނިޔާއާއި ބަލިމަޑުކަމާއި ތަދުމަޑުކަން ތަޙައްމަލުކުރާ ފަރާތްތަކަށް އިންޞާފް ލިބޭނެ ގޮތެއް ހެދުމުގެ ހެޔޮ ވިސްނުމެއް މި ބައިނަލް އަޤްވާމީ މުޢައްސަސާތައް ހިންގާ އިސް ސަރުކާރުތަކުގައި ނެތޭ.." ޝައިޚް ޞަލާޙް ބުދައިރުގެ ޚުޠުބާގައި ވިދާޅުވިއެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުން ފަޤީރު ޤައުމުތަކުގައި ހަނގުރާމައާއި ތަޅާފޮޅުންތައް ޢާއްމުކޮށްގެން އަމިއްލަ ފައިދާއަށް މަސައްކަތްކުރާ މަސައްކަތްކުރުންތައް ޝެއިޚް ވަނީ ނުހަނު ހަރު ޢިބާރާތުން ކުށްވެރިކުރައްވާފައެވެ.
ޝައިޚްގެ ޚުޠުބާގައި ވަނީ ސިޔާސީ ލީޑަރުންނަށް އިންޒާރެއްވެސް ދެއްވާފައެވެ. އެއީ، ހަނގުރާމައާއި ލިޔަންކިޔަން ނުދަތުމާއި ބަނޑުހައިހޫނުކަން ޢާއްމުކޮށްގެން ސިޔާސީ މަޤްޞަދުތައް ޙާޞިލް ކުރަން އިތުރަށް މަސައްކަތްކުރާނެނަމަ، އެމީހުން އަމިއްލައަށް އެ އުފައްދާ އަލިފާން އެމީހުން ކާލާނެކަމަށް ސިޔާސީ ލީޑަރުންނަށް ޝެއިޚް ދެއްވި އިންޒާރެވެ.

މައްކާ އަދި މަދީނާގެ ދެ ޚަޠީބުންގެ ފަރާތުން އެއްދުވަހަކު މިފަދަ މުޙިއްމު މައްސަލައަކަށް އަލިއަޅުވާލާ ވާހަކަދައްކާފައިވާ މި ދަނޑިވަޅަކީ ސީރިޔާގެ ސުންނީ މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ ރައީސް ބައްޝާރުލްއަސަދުގެ ލަޝްކަރުތަކުން ގެއްލުން ބޮޑު ޤަތުލުޢާއްމުތަކެއް ހިންގަމުންދާ ދަނޑިވަޅެކެވެ. އަދި އެ ހުކުރަށް ފަހު އިޒްރޭލުގެ ތަފާތު  ނުރައްކާތެރި ހަމަލާތަކެއްވެސް މިހާރު ދަނީ ފަލަޞްޠީނުގެ ނިކަމެތި ރައްޔިތުންނަށް ކުރިމަތިވެ އެތައް ބަޔަކު ޝަހީދުވަމުންނެވެ. މިއީ އުއްމަތުގެ މައްޗަށް އެންމެހާ މުސްލިމުންގެ ދުޢާއާއި އެހީ ބޭނުންވެފައިވާ ވަގުތެއްކަމަށް މުސްލިމުންގެ ޙިމާޔަތުގައި ޖިހާދުކުރާ ފަރާތްތަކުން ބުނެއެވެ.

Sunday, March 11, 2012

ޝަހީދުވުމުގެ އެއްދުވަސް ކުރިސް ސީރިޔާގެ ޒުވާނަކު ލިޔެފައިވާ އަސަރުގަދަ ސިޓީ




މުޙައްމަދު ޢަބްދުއްލަޠީފް އަލްޢަލްވާ އަށް އޭނާ ޝަހީދުކޮށްލެވޭނެކަމުގެ އިޙްސާސްތަކެއް ވީ ކަންނޭނގެއެވެ. ބައްޝާރުލްއަސަދުގެ ލަޝްކަރުތަކުން އޭނާ ޤަތުލުކޮށްލުމުގެ އެއްދުވަސްކުރިން އޭނާގެ އަތުން ސިޓީ އެއް ނުވަތަ އުއްމަތުގެ މައްޗަށް ވަޞިއްޔަތެއް ލިޔުނެވެ. އޭނާގެ ސިޓީގެ ދިވެހި ތަރުޖަމާ ތިރީގައި އެވަނީއެވެ.


ރަޙްމާން ވަންތަ، ރަޙީމްވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
ﷲ ގަންދީ ބުނަމެވެ. މި ހިނގާ ޙަރަކާތްތައް ފެށުމަށް ފަހު އަހަރެންގެ ލޮލުން ކަރުނައެއް ނާދެއެވެ. އެއީ އަހަރެންގެ ފޮޓޯތަކާއި އެއްކޮށްފައި ހުރި ހަނދާނީ ތަކެތި ފޮރުވަން އަހަރެން އުޅެން ޖެހުމާ ހަމައަށެވެ. އަހަރެންގެ ހަނދާންކުރާނެ މީހުންގެ ކިބައިން އަހަރެން އެދެނީ އެމީހުން އަހަރެންނަށްޓަކާ، އަދި މުޙައްމަދުގެފާނުގެ އުއްމަތަށްޓަކާ ދުޢާކޮށްދިނުމަށެވެ. އަދި އެމީހުން ﷲގެ ރަސޫލާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެ އަރިހު، އަހަރެމެންނަކީ ހަމައެކަނި އިސްލާމްދީނުގެ ދިދަ ނެގެހެއްޓުން ފިޔަވާ އެހެންކަމަކަށް ނޭދޭ މުސްލިމުންކަން ދަންނަވާދިނުމަށެވެ.

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ، އޭ އަހަރެންގެ ޙަބީބް، އޭ ﷲގެ ރަސޫލާއެވެ! ހިސާބުބައްލަވާ ދުވަހުން ކަލޭގެފާނުގެ ޝަފާޢަތަށް އަހަރެމެން އެދެމުއެވެ. އަދި އެކަމަށް އެދި ﷲ ގެ ޙަޞްރަތުން ދުޢާކުރަމުއެވެ. ﷲ ގަންދީ ބުނަމެވެ. މިސިޓީ ކިޔާ ކޮންމެ މީހަކު އޭނާގެ މުޅި ޢުމުރު އިސްލާމްދީނަށް ޚިދުމަތްކުރުމުގައި އެއްވެސް ކަންދެއްކުމެއް ބޮޑާ ވުމެއް ނެތި ހޭދަކުރުމަކީ މިސިޓީ ކިޔާ ކޮންމެ މީހަކަށްވާ މަސްޢޫލިއްޔަތެކެވެ.
ހަމަކަށަވަރުން ﷲގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) މިފަދައިން ޙަދީޘްކުރެއްވި ހިނދު ތެދު ޙަދީޘްކުރެއްވިއެވެ: "އިސްލާމްދީން ފެށުނީ ބީރައްޓެހި ގޮތުގައެވެ. އަދި އެދީން އެނބުރިދާނީ ބީރައްޓެހި ގޮތުގައެވެ."

ނުހަނު ބޭނުންޖެހިފައިވާ، ﷲގެ އަޅާ
މުޙައްމަދު ޢަބްދުއްލަޠީފް އަލްޢަލްވާ

ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ ﷲގެ ރަސޫލާއެވެ.

ޝަހީދުވުމުގެ އެއްދުވަސް ކުރިން ސީރިޔާގެ ޒުވާނަކު ލިޔެފައިވާ އަސަރުގަދަ ސިޓީ

މުޙައްމަދު ޢަބްދުއްލަޠީފް އަލްޢަލްވާ އަށް އޭނާ ޝަހީދުކޮށްލެވޭނެކަމުގެ އިޙްސާސްތަކެއް ވީ ކަންނޭނގެއެވެ. ބައްޝާރުލްއަސަދުގެ ލަޝްކަރުތަކުން އޭނާ ޤަތުލުކޮށްލުމުގެ އެއްދުވަސްކުރިން އޭނާގެ އަތުން ސިޓީ އެއް ނުވަތަ އުއްމަތުގެ މައްޗަށް ވަޞިއްޔަތެއް ލިޔުނެވެ. އޭނާގެ ސިޓީގެ ދިވެހި ތަރުޖަމާ ތިރީގައި އެވަނީއެވެ.
ރަޙްމާން ވަންތަ، ރަޙީމްވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
ﷲ ގަންދީ ބުނަމެވެ. މި ހިނގާ ޙަރަކާތްތައް ފެށުމަށް ފަހު އަހަރެންގެ ލޮލުން ކަރުނައެއް ނާދެއެވެ. އެއީ އަހަރެންގެ ފޮޓޯތަކާއި އެއްކޮށްފައި ހުރި ހަނދާނީ ތަކެތި ފޮރުވަން އަހަރެން އުޅެން ޖެހުމާ ހަމައަށެވެ. އަހަރެންގެ ހަނދާންކުރާނެ މީހުންގެ ކިބައިން އަހަރެން އެދެނީ އެމީހުން އަހަރެންނަށްޓަކާ، އަދި މުޙައްމަދުގެފާނުގެ އުއްމަތަށްޓަކާ ދުޢާކޮށްދިނުމަށެވެ. އަދި އެމީހުން ﷲގެ ރަސޫލާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެ އަރިހު، އަހަރެމެންނަކީ ހަމައެކަނި އިސްލާމްދީނުގެ ދިދަ ނެގެހެއްޓުން ފިޔަވާ އެހެންކަމަކަށް ނޭދޭ މުސްލިމުންކަން ދަންނަވާދިނުމަށެވެ.
މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ، އޭ އަހަރެންގެ ޙަބީބް، އޭ ﷲގެ ރަސޫލާއެވެ! ހިސާބުބައްލަވާ ދުވަހުން ކަލޭގެފާނުގެ ޝަފާޢަތަށް އަހަރެމެން އެދެމުއެވެ. އަދި އެކަމަށް އެދި ﷲ ގެ ޙަޞްރަތުން ދުޢާކުރަމުއެވެ. ﷲ ގަންދީ ބުނަމެވެ. މިސިޓީ ކިޔާ ކޮންމެ މީހަކު އޭނާގެ މުޅި ޢުމުރު އިސްލާމްދީނަށް ޚިދުމަތްކުރުމުގައި އެއްވެސް ކަންދެއްކުމެއް ބޮޑާ ވުމެއް ނެތި ހޭދަކުރުމަކީ މިސިޓީ ކިޔާ ކޮންމެ މީހަކަށްވާ މަސްޢޫލިއްޔަތެކެވެ.
ހަމަކަށަވަރުން ﷲގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) މިފަދައިން ޙަދީޘްކުރެއްވި ހިނދު ތެދު ޙަދީޘްކުރެއްވިއެވެ: “އިސްލާމްދީން ފެށުނީ ބީރައްޓެހި ގޮތުގައެވެ. އަދި އެދީން އެނބުރިދާނީ ބީރައްޓެހި ގޮތުގައެވެ.”
ނުހަނު ބޭނުންޖެހިފައިވާ، ﷲގެ އަޅާ
މުޙައްމަދު ޢަބްދުއްލަޠީފް އަލްޢަލްވާ

ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ ﷲގެ ރަސޫލާއެވެ.

Saturday, March 10, 2012

ސީރިޔާގެ މިނިވަންކަމަށް ދުނިޔޭން އެހީވާން ޖެހޭ: ލީބިޔާ


ސީރިޔާގެ ރައްޔިތުންނާ ދެކޮޅަށް އެޤައުމުގެ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުން ރައްޔިތުން މިނިވަންކުރުމުގައި ބައިނަލް އަޤްވާމީ މުޖުތަމަޢުން އެހީތެރިވާން ޖެހޭނެކަމަށް ލީބިޔާގެ މިހާރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެއެވެ. ޢަބްދުއްރަޙީމް އަލްކެއިބް މިފަދައިން ވިދާޅުވެފައިވަނީ ބުދަ ދުވަހު އދ ގެ ސަލާމަތާބެހޭ މަޖްލީހުގައި ތަޤްރީރު ކުރެއްވުމުގެ ކުރިން އިންޓަރނޭޝަނަލް ޕީސް އިންސްޓިޓިއުޓްގައި ވާހަކަ ދައްކަވަމުންނެވެ.

ބޮޑު ވަޒީރު ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ސީރިޔާގެ މިއަދުގެ ޙާލަތަކީ މީގެ އަހަރެއްކުރިން ލީބިޔާ އޮތް ހާލަތެވެ. އޭރު ލީބިޔާއަށް ނޭޓޯގެ ފައުޖުތައް އަރާފައިވެއެވެ. ނަމަވެސް މިހާރު ސީރިޔާގައި ހިނގަމުންދާ ލާއިންސާނީ ޢަމަލުތަކަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން ވަނީ އަދި އެކަށީގެންވާ އެހީތެރިކަމެއް ނުދީއެވެ.

މަޞްރަޙް ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސީރިޔާއަށް ނޭޓޯއާއި ހުޅަނގުގެ ބާރުތަކުން އެހީތެރިކަން ދީފައިނުވަނީ ލީބިޔާގައި އެމީހުން ކުރަންޖެހުނު ތަޖުރިބާގެ ސަބަބުންނެވެ. ލީބިޔާގައި ޤައްޛާފީއާ ދެކޮޅަށް ނޭޓޯއިން ހަނގުރާމަކުރުމުގެ ނަމުގައި މިދިޔަ އަހަރު އަރާފައިވިޔަސް ފަހުން ޤާއިމްވި އާ ސަރުކާރުންވަނީ ނޭޓޯއަށް މާ ބޮޑު އެއްބާރުލުމެއް ނުދީފައެވެ. އަދި ޤައްޛާފީ މަރުވެގެން ދިޔަ އިރުވެސް ހުޅަނގުގެ ބާރުތަކަށް އެކަން ވީކަންވެސް އެނގިފައިނުވެއެވެ. އެހެންކަމުން މިހާރު ޢަރަބި ދުނިޔޭގައި ހިނގާ އިންޤިލާބުތަކުގައި ހުޅަނގަށް މާ ބޮޑު ފައިދާ ވާނެ ގޮތެއް ނެތުމުން އެމީހުން ރައްޔިތުންގެ އިންޤިލާބުތަކަށް އެއްބާރުލުން ނުދެނީކަމަށް މުޙައްލިލުން ދެކެއެވެ.

ސީރިޔާގެ ޙާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ލީބިޔާގެ ބިޑު ވަޒީރު ހާމަކުރައްވާފައިވަނީ މިހާރުވެސް ސީރިޔާގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންނަށް ފައިސާގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލީބިޔާ އެހީތެރިވަމުންދާކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުންވެސް ކުރެވޭނެކަންކަން ބަލާ އެހީތެރިވެދިނުމަށް ޢަބްދުއްރަޙީމް ގޮވާލައްވާފައިވެއެވެ.

ޓެސްޓް ލަސްކުރުމަށް ހަދާނެ އެންމެ ފަހުގެ އެތި ފަހަރަކަށް ބޮމުގެ ޙަމަލާއެއް އަތުވެދާނެކަމަށް އެލާރޓްކުރުވައިފި


ޓެސްޓް ލަސްކުރުމަށް ހަދާނެ އެންމެ ފަހުގެ އެތި ފަހަރަކަށް ބޮމުގެ ޙަމަލާއެއް އަތުވެދާނެކަމަށް އެލާރޓްކުރުވައިފި

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އޮރެގޮންގގެ ޔުނިވާރސިޓީ ދަރިވަރަކު ޓެސްޓް ހެދުން ލަސްކުރުމަށް ހަދާނެ އުކުޅަކަށް ވިސްނުމަށްފަހު އެންމެ ފަހުން ކޮލެޖަށް ގުޅާ ބޮމުގެ ޙަމަލާއެއް އަތުވެދާނެކަމަށް ކޮލެޖް ސަމާލުކުރުވައިގެން އިމްތިޙާނު ކެންސަލްކުރުމުގައި ކާމިޔާބު ހޯދައިފިއެވެ. ނަރުސްކަން ކިޔަވަމުންދާ ޑެނިއެއްލޭ ސިލްވީއާ މިފަދައިން 2 ފަހަރު އެކަންކޮށްފައިވެއެވެ.

ޢުމުރުން 27 އަހަރުގެ ޑެނިއެއްލޭ އެމް ސިލްވީއާ އަކީ މީގެ ކުރިން ޗެމެކެޓާ ކޮމިޔުނިޓީ ކޮލެޖުން ނަރުސްކަން ކިޔަވަން އުޅެ ފާސްނުވެފައިވާ ދަރިވަރެކެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު އަނެއްކާވެސް އެކޮލެޖުން ޖާގައެއް ލިބުނީ ޕްރޮބޭޝަނަރީ ދަރިވަރެއްގެ ގޮތުގައެވެ. އެހެންކަމުން އިމްތިޙާނުން ފާސްވުމަކީ ޑެނިއެއްލޭ އަށް ވަރަށް މުޙިއްމުކަމަށް ވެފައިވެއެވެ.
ފެބުރުއަރީ 13 ވަނަ ދުވަހާއި 27 ވަނަ ދުވަހު ކޮލެޖަށް ލިބުނު އިންޒާރުތަކެއްގެ ސަބަބުން މުޅި ކޮލެޖް އެލާރޓަށް ގެނެވުނެވެ. މިދެދުވަހަކީވެސް ޑެނިއެއްލޭގެ 2 އިމްތިޙާނެއް އޮތް ދެދުވަހެވެ.

ފެބުރުއަރީ 13 ވަނަ ދުވަހު ޕޯރޓްލޭންޑް ޓީވީ އަށް "އަންހެނަކު" ފޯނުން ގުޅާ ކޮލެޖަށް ޙަމަލާދޭން އުޅޭކަމަށް ސަމާލުވުމަށް އަންގާފައިވެއެވެ. ނަމަވެސް އެފަހަރު ހަމަލާދެނީ ކޮން ތާކަށްކަން ސީދާ ބުނެފައިނުވާތީ، ފުލުހުން ވަނީ ޗެމެކެޓާ ކޮލެޖްގެ 7 ކެމްޕަހެއް ހުޅުވުން ލަސްކޮށް އެތަންތާނގެ ސެކިޔުރިޓީ ބަލަހައްޓާފައެވެ.

ކޮލެޖްގެ ސްޕޯރކްސްމަނެއްކަމަށްވާ ގްރެގް ހެރިސް ބުނެފައިވަނީ އެފަހަރު ކޮލެޖްގެ 5000 އަށްވުރެ ގިނަ ދަރިވަރުންނާއި މުދައްރިސުން ކޮލެޖާ ކާރިއަށް ނައުމަށް އަންގާ އެލާރޓް ކުރެވިފައިވާނެކަމަށެވެ.

ސީދާ ސަރަޙައްދެއް ބުނެފައިނުވާތީ ފުލުހުންނަށް 5 ގަޑިއިރު ވަންދެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ޙަރަކާތްތެރިވާން ޖެހުނެވެ. ނަމަވެސް އެންމެ ފަހުން އެ އިންޒާރުތައް ވެފައިވަނީ އެއްވެސް ޙަޤީޤަތެއްނެތް އިންޒާރުތަކަކަށެވެ.

ފުރަތަމަ ދުވަހުގެ އިމްތިހާނު ކާމިޔާބު ކަމާއެކު ލަސްކޮށްލެވުމުން ޑެނިއެއްލޭ ދެވަނަ ފަހަރު ކުޑަ ގޮތަކަށް އުކުޅު ބަދަލުކޮށްލިއެވެ. ފެބުރުއަރީ 27 ވަނަ ދުވަހު، "އަންހެން ކުއްޖަކު" ފުލުހުންނަށް ގުޅާ އަންގާފައިވަނީ، ރޭވިގެން ދެވޭ ބަޑީގެ ހަމަލާއެއް ޗެމެކެޓާ ކޮލެޖުގެ ބިލްޑިންގ 9 ގައި ދޭނެކަމުގެ އިންޒާރެއް އޮންލައިން މެސެޖް ބޯރޑެއްގައި ދީފައިވާތަން ކިޔާފައިވާ ކަމަށެވެ. މިފަހަރު ސީދާ ތަން ހާމަކޮށްފައިވާތީ ފުލުހުންނާއި ޑިޓެކްޓިވުން އެ ޢިމާރާތް ބަންދުކޮށް 6 ގަޑިއިރު ވަންދެން އެތާނގެ ފޯރިމަރާފައިވެއެވެ. ކޮލެޖުގެ ފަރާތުން ވަނީ އެ ހިސާބުގެ ހުރިހާ ކުލާސްތަކެއްވެސް ކެންސަލްކޮށްފައެވެ. ނަމަވެސް ބަޑިޖަހާ މީހެއްގެ ހިލަމެއްވެސް އެހިސާބުން ނުވެއެވެ.

ކޮލެޖުން ހާމަކުރި ގޮތުގައި ފުރަތަމަ ފަހަރުގެ އިންޒާރުގެ ސަބަބުން ދަރިވަރުން ބިރުގަނެފައި ވިޔަސް، ދެވަނަ ދުވަހުގެ އިންޒާރުގެ ސަބަބުން ދަރިވަރުން ތިބީ އެމީހުންގެ ކިޔެވުން މެދުކެނޑޭތީ ހިތްހަމަ ނުޖެހިފައެވެ.

އެންމެފަހުން، ގުޅާ މީހާގެ ނަމްބަރު ޓްރެކް ކޮށްގެން ފުލުހުން ކުރި މަސައްކަތުން ފުލުހުންވަނީ ޑެނިއެއްލޭ ސިލްވީއާ އަތުލައިގަނެފައެވެ. ފަހުން އޭނާވެސް ވަނީ އެކަންކަމަށް އެއްބަސްވެ، އެފޯނު ކޯލުތަކަކީ އިމްތިޙާނުތައް ލަސްކުރުމަށް ޤަޞްދުގައި ކުރިކަމެއްކަމަށް އެއްބަސްވެފައެވެ. އަދި ކުރިން އޭނާ ކޮލެޖުން ފެއިލްވެފައިވާ ވާހަކައާއި އިތުރު ވާހަކަތައް ވަނީ ފުލުހުންނަށް ކިޔާދީފައެވެ.

ޑެނިއެއްލޭގެ މިޢަމަލަށް ފަހުވެސް ފުލުހުން ބުނެފައިވަނީ ދެންވެސް އެފަދައިން އަންނަ ކޮންމެ ފޯނު ކޯލަކަށް ހަމަ އެބީދައިން ޢަމަލުކުރާނެކަމަށެވެ. "އެއީ ހަމަ ޙަޤީޤީ ކޯލުތަކެއްކަމަށް ދެކި، މިފަދަ ކޮންމެ މައުލޫމާތެއް ބަލައިގަތުމުގެ މިންގަނޑުގެ ތެރެއިން އަޅުގަނޑުމެން ދާން ޖެހޭ." ފުލުހުންގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.

ނަމަވެސް ޑެނިއެއްލޭގެ މިޢަމަލަކީ އެހެން ދަރިވަރުން ނަމޫނާއަކަށް ބެލުން އެހާ ކަމުދާ ޢަމަލަކަށް ނުވެދާނެއެވެ. މިހާރު ޑެނިއެއްލޭ ހުރީ މޭރިއޮން ކައުންޓީ ޖަލުގައި 35000 އެމެރިކާ ޑޮލަރުގެ ބޮންޑެއް ބޮލުއަޅައިގެންނެވެ. ނޫސްވެރިންނަށްވެސް އޭނާއާ ވާހަކަދެއްކުމުގެ ފުރުޞަތެއް ދީފައިނުވެއެވެ. އަދި އޭނާގެ މައްޗަށް 5 ކުށަކަށް ދައުވާ އުފުލިފައިވެއެވެ. އެކުށްތައް ޘާބިތުވެއްޖެ ނަމަ އޭނާ 5 އަހަރަށް ޖަލަށް ލެވޭނެއެވެ. އަދި ބޮޑު ޖޫރިމަނާއަކުން ޖޫރިމަނާވެސް ކުރެވޭނެއެވެ.