Pages

Wednesday, September 21, 2011

އަލްޤައިދާއާ ގުޅުންއޮންނަކަމަށް ބުނާ ޖޯސް ޕެޑިއްލާ އަށް ދޭ އަދަބު އިސްތިއުނާފު ކޯޓުން ބޮޑުކޮށްފި


ފެޑެރަލް ޕޮރޮސެކިޔުޓަރުންގެ ރަޢުޔާ އެއްގޮތަށް، އަލްޤައިދާއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް 2002 ވަނަ އަހަރު ހައްޔަރުކޮށްފައިވާ އެމެރިކާގެ ރައްޔިތެއްކަމަށްވާ ޖޯސް ޕެޑިއްލާއަށް ކޮށްފައިވާ 17 އަހަރުގެ ޖަލު ޙުކުމް ކުޑަކަމަށް އެމެރިކާގެ އިސްތިއުނާފް ކޯޓުން ނިންމައިފި އެވެ. މި އެފަރާތުން މި އަދަބު ބޮޑުކުރުމަށް ޖަޖުންނަށް ގޮވާލާފައިވެ އެވެ.
އެމެރިކާގެ އިސްތިއުނާފު ކޯޓަކުން މިފަދައިން ކުށްވެރިއެއްގެ އަދަބު ބޮޑުކުރުމަށް ގޮވާލުމަކީ ވަރަށް ނާދިރުކަމެއް ކަމަށް އެމެރިކާގެ ގިނަ ނޫސްތަކަކުން ފާހަގަކޮށްފައިވެ އެވެ.

ޖޯސް ޕަޑިއްލާ ނުވަތަ ޢަބްދުﷲ އަލްމުހާޖިރު (ނުވަތަ މުހާޖިރު ޢަބްދުﷲ) އަކީ 'ޓެރަރިސްޓުން'ނާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި       2002 ވަނަ އަހަރު ހައްޔަރުކޮށްފައިވާ އެމެރިކާގެ ރައްޔިތެކެވެ. 2002 ވަނަ އަހަރު މެއި މަހު 8ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވަނީ "މެޓީރިއަލް ހެއްކެއް" ނުވަތަ ކުށްވެރިންނާ ބެހޭ މައުލޫމާތު ލިބިދާނޭ މީހެއްގެ ގޮތުގަ އެވެ. ނަމަވެސް އެ އަހަރު ޖޫން 9 ވަނަ ދުވަހު އޭނާ އަކީ "އެނިމީ ކޮމްބެޓެންޓް" އެއް ނުވަތަ ހަނގުރާމާކުރެވޭ ދުޝްމަނުންގެ މީހެއްކަމަށް އޭރުގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް އިޢުލާން ކުރުމާ ގުޅިގެން އޭނާއަށް މަދަނީ ކޯޓުތަކުގައި ޝަރީޢަތް ނުކޮށް މިލިޓަރީ ޖަލަކަށް ބަދަލުކުރެވުނެވެ. މިފަދައިން 3 އަހަރާއި ހަމަހު މިލިޓަރީ ޖަލެއްގައި ބެހެއްޓުމަށްފަހު، އޭނާގެ ޝަރީޢަތް މަދަނީ ކޯޓެއްގައި ކުރެވިފައިވަނީ ޢާއްމުން ކުރަމުން ދިޔަ ޕްރެޝަރުގެ ސަބަބުންނެވެ. އޭނާގެ މައްޗަށް 17 އަހަރުގެ ޖަލު ޙުކުމެއް އޭނާގެ މައްޗަށް ކުރެވިފައިވަނީ 2008 ވަނަ އަހަރު އެވެ.
ޖޯސް ޕެޑިއްލާ އަކީ އޭނާގެ ޢުމުރުގެ ކުރީކޮޅު މަގުމަތީގައި ތަފާތު ގޭންގް ކުށްތަކާއި މާރާމާރީއާ ފޭރުމާއި ވައްކަމުގެ ތަފާތު ޢަމަލުތަކެއް ކޮށް މީހަކުވެސް މަރާލާފައިވާ މީހެކެވެ. ތަފާތު ފަހަރު މަތިން ޖަލަށް ލެވިފައިވާ ޖޯސް އިސްލާމްވެފައިވަނީ އޭނާ އެންމެ ފަހުން ޖަލުން ދޫކޮށްލިފަހުން 1992 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ޖަލަށް ލެވިފައިވަނީ މި ކުރެވުނު ތުހުމަތުތަކުގަ އެވެ. އޭނާ އިސްލާމްވުމާ ގުޅިގެން އޭނާ އިސްލާޙްވެ މުޅިން ބަދަލުވެފައިވާ ކަމަށް އޭނާގެ ގާތް ފަރާތްތަކުން ހާމަކުރެ އެވެ.

ނަމަވެސް މި ފަހަރު އޭނާއަށް ކޮށްފައިވާ 17 އަހަރުގެ ޖަލު ޙުކުމް ބޮޑުކުރަން ޖެހޭނެކަމަށް ބުނަމުން ޗީފް ޖަޖު ޖޯލް ޑޮބީނާ ވިދާޅުވެފައިވަނީ "މަގުމަތީގައި ހިންގޭ މާރާމާރީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހަކަށްވުރެ އޭނާގެ ނުރައްކާތެރިކަން ބޮޑު" ކަމަށެވެ. އެތައް ކުށެއް ކުރިކަން ޘާބިތުވި އިރު ޖަލުހުކުމްތައްކޮށް ދޫކޮށްލާފައިވާއިރު، މިހާރު ތުހުމަތެއްގައި ހައްޔަރުކޮށް އަދަބު ބޮޑުކުރުމަށް މަސައްކަތްކުރާތީ އެމެރިކާގެ ޤާނޫނު ހިންގާ ފަރާތްތަކުގެ ދޯދިޔާކަން ހާމަވެގެން ދެ އެވެ.

ޖޯސް ޕެޑިއްލާއަކީ ސެޕްޓެމްބަރު 11 ގެ ހަމަލާއަށް ފަހު އަލްޤާއިދާއަށް ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި 3 ވަނަ އަށް ހައްޔަރުކޮށްފައިވާ އެމެރިކާގެ ރައްޔިތެވެ.

Tuesday, September 20, 2011

އެމެރިކާގެ އެހީއަކީ ބޮޑު ލަޢުނަތެއް: އިމްރާން ޚާން


ލަންޑަން: ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ، އަދި މިހާރު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުންދާ ޢިމްރާން ޚާން އެމެރިކާއާ މެދު ވާހަކަ ދައްކަވަމުން، ޕާކިސްތާނުން އެމެރިކާއާ ދުރުވާން ވެއްޖެކަމަށް ވިދާޅުވެ އެމެރިކާއިން ދޭ އެހީއަކީ ބަލާވެރިކަމެއް ކަމަށް ސިފަކުރައްވައިފި އެވެ. ޢިމްރާން ޚާން އިތުރަށް ވިދާޅުވެފައިވަނީ އެމެރިކާއިން ދޭ އެހީތެރިކަމުގެ ސަބަބުން ޕާކިސްތާން ހަލާކުވަމުންދާކަމަށެވެ.

"އެމެރިކާއިން އަޅުގަނޑުމެންގެ ގޮނޑިކޮއްކޮ ސަރުކާރަށް ދޭ އެހީ އަޅުގަނޑުމެންގެ ޤައުމަށް ގެއްލުން ވަމުންދޭ. އަހަރެމެންގެ ސިފައިން ބޭނުންކޮށްގެން އެމެރިކާގެ ފައިސާގައި މަރަމުން މިދަނީ އަހަރެމެންގެ އަމިއްލަ މީހުން. އަހަރެމެން އެމެރިކާ އާ ވަކިވާން ވެއްޖެ." އިނގިރޭސި ވިލާތުގެ ދަ ގާރޑީއަން ނޫހަށް ބަސްދީގަތުމެއް ދެއްވަމުން ޚާން ވިދާޅުވިއެވެ.

އުސާމާ ބިން ލާދިން އަވަހާރަކޮށްލި ޙާދިޘާއާ މެދު ވާހަކަ ދައްކަވަމުން ޢިމްރާން ޚާން ވިދާޅޔުވެފައިވަނީ އެމެރިކާއިން ޢަމަލުކޮށްފައިވާ ގޮތުން ޕާކިސްތާނުގެ ރައްޔިތުން ލަދުގަނެފައިވާކަމަށެވެ. އަދި، އިންސާނީ ތާރީޚުގައިވެސް އެޤައުމަކާ އެއްބައި ޤައުމެއްގެ ފަރާތުން (އެމެރިކާގެ ފަރާތުން) ޑްރޯން ހަމަލާތައް ދެވޭ ހަމައެކަނި ޤައުމަށް ޕާކިސްތާނު ވެފައިވާކަމަށް ވެސް ޢިމްރާން ވިދާޅުވި އެވެ.

ޢިމްރާން ޚާންއަކީ 1992 ވަނަ އަހަރުގެ ކްރިކެޓް ވާރލްޑް ކަޕް ޕާކިސްތާނަށް ހޯދައިދިން ޓީމުގެ ކެޕްޓަން އެވެ.

Monday, September 19, 2011

ސްރީލަންކާގެ ނަސްލީ މައްސަލަތަކަށް ޙައްލެއް ހޯދުމުގައި މުސްލިމުން ބައިވެރިކުރުމަށް އެދެފި




ކޮލޮމްބޯ: ސްރީލަންކާގައި ނިމިދިޔަ ނަސްލީ ހަނގުރާމާގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި މުސްލިމުން ބައިވެރިކޮށްދިނުމަށް މުުސްލިމުންގެ ބޮޑު ސިޔާސީ ޕާރޓީއެއް ކަމަށްވާ ސްރީލަންކާ މުސްލިމް ކޮންގްރެސް (އެސްއެލްއެމްސީ) ގެ ފަރާތުން ސަރުކާރުގައި އެދެމުން އެބަދެ އެވެ.

އެޕާރޓީގެ ޗެއަރމަން އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ކޯޕަރޭޓިވްސް އެންޑ އިންޓަރނަލް ޓްރޭޑް ބަޝީރު ސެގޫ ދާޥޫދު ވިދާޅުވާ ގޮތުގައި، ހަނގުރާމާގެ ސަބަބުން މުސްލިމުންނަށްވެސް އަސަރުކޮށްފައިވާތީ، މިމައްސަލައަށް ޙައްލު ހޯދުމުގައި ބައިނަލް އަޤްވާމީ މުޖްތަމަޢުން ސްރީލަންކާގެ މުސްލިމުންވެސް ބައިވެރިކުރަން ވާނެ އެވެ. އެބޭފުޅާ މިހެން ވިދާޅުވެފަިއމިވަނީ މި ސެޕްޓެމްބަރ މަހު އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ރޮބާރޓް ބްލޭކް މިމައްސަލައަށް ޙައްލު ހޯދުމުގެ ނަމުގައި ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުގައި އެއްވެސް މުސްލިމް ސިޔާސީ ލީޑަރަކާ ބައްދަލުނުކުރައްވާ ފުރާވަޑައިގެންފައި ވަނިކޮށެވެ.

ބަޝީރު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެމެރިކާއިން މިމައްސަލައަށް ޙައްލެއް ހޯދަން އެދޭނަމަ މުސްލިމުންނާވެސް ވާހަކަ ދައްކަން ޖެހޭނެ އެވެ. ނަމަވެސް ރޮބާރޓް ބްލޭކް އެފަދައިން ޢަމަލުކުރެއްވީ ކީއްވެކަމެއް ނޭނގޭ ކަމަށްވެސް ބަޝީރު ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސަ މީގެ ކުރިން ނިންމަވާފައިވަނީ އެތާނގެ ޤާނޫނު ހަދާ މަޖްލީހުގެ ފަރާތުން ޢައްޔަނު ކުރާ ކޮމިޓީއަކުން މިމައްސަލައާ މެދު މަޝްވަރާކޮށް ސިޔާސީ ޙައްލެއް ގެނައުމަށެވެ. ރާޖަ ޕަކްސަ ވިދާޅުވާ ގޮތުގައި، ޙައްލެއް ހޯދުމުގައި ބަލަން ހަމައެންމެ ސިޔާސީ ޕާރޓީއެއްގެ މަޝްވަރާތަކަކަށް ޙައްލު ހަނިކުރެވިގެން ނުވާނެ އެވެ.

ސްރީލަންކާގައި މުސްލިމުންގެ އާބާދީ އަކީ މުޅި އާބާދީ ގެ އެންމެ 10 އިންސައްތަ އެވެ.

Sunday, September 18, 2011

ބެލްޖިޔަމްގައި އިސްލާމީ ޝަރީޢާ ކޯޓެއް ހުޅުވައިފި!


ބެލްޖިޔަމްގައި މޫނުބުރުގާ މަނާކުރުމަށް މަސައްކަތްކުރަމުން ދިޔަ ދުވަސްވަރު - 26 އޭޕްރީލް  2010ގައި މުސްލިމާއަކު ނޫސްވެރިޔަކާ ވާހަކަދައްކަނީ

ބެލްޖިޔަމްގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ އެންޓްވާރޕްގައި އިސްލާމީ ޝަރީޢާ ކޯޓެއް ހުޅުވައިފި އެވެ.
މިކޯޓް ހުޅުވާފައިމިވަނީ މުސްލިމް ޖަމާޢަތެއް ކަމުގައިވާ "ޝަރީޢާ4ބެލްޖިޔަމް"ގެ ފަރާތުންކަމަށް ބެލްޖިޔަމްގެ ނޫސްތަކުން މައުލޫމާތު ދެ އެވެ.

މިކޯޓުގެ ފަރާތުން ޢާއިލީ މައްސަލަތަކާއި، ވާރުތައާ ބޭހޭ ކަންކަމާއި، ދަރިން ބެލެހެއްޓުމާ ބެހޭ މައްސަލަތައް ބެލުމުގައި ބޭނުންކުރަމުންދާނީ ބެލްޖިޔަމްގެ ސެކިޔުލާރ (ޢަލްމާނީ) ޤާނޫނުތަކުގެބަދަލުގައި އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކެވެ.

ޝަރީޢާ4 ބެލްޖިޔަމްގެ ފަޜާތުން ހާމަކުރައްވާ ގޮތުގައި އެބޭފުޅުން ބައްލަވާ މައްސަލަތަކުގެ ތެރެއަށް ޖިނާއީ މައްސަލަތައްވެސް ވަރަށް އަވަހަށް ހިމަނުއްވާނެ އެވެ.

މިފަދައިން ޝަރީޢަތުގެ ޙުކުމްތައް ތަންފީޛްކުރާ ކޯޓެއް ބެލްޖިޔަމްގައި ހުޅުވުމާގުޅިގެން ބެލްޖިޔަމްގެ ސިޔާސީ ޕާރޓީއެއް ކަމަށްވާ ވިލާމްސް ބިލަންގް އިން ގޮވާލަމުންދަނީ ޙުކުމްތައް ނެރޭ ބަޔަކަށް ހަމައެކަނި ވާން ޖެހޭނީ ޢަލްމާނީ (ދީން ޤަބޫލުނުކުރާ) ކޯޓްތައް ކަމަށެވެ.

ބެލްޖިޔަމްގައި މިފަދަ ކޯޓެއް ހުޅުވިފައިމިވަނީ، މީގެ ކުރިން އިނގިރޭސި ވިލާތުގައިވެސް މީގެ އެތައް ކޯޓްތަކެއް ހުޅުވިފައި ވަނިކޮށެވެ. ލަންޑަނުގެ ރިސާރޗް ހައްދާ މުއައްސަސާއެއްކަމަށްވާ ސިވިޓަސް އިން ހާމަކޮށްފައިވާ ގޮތުގައި އިސްލާމީ ޝަރީޢަތަށް ޢަމަލުކުރަމުންދާ މަދުވެގެން 85 ކޯޓު އިނގިރޭސި ވިލާތުގައި އެކަނިވެސް ވެ އެވެ. މިއީ ކުރިން އަންދާޒާކޮށްފައިވާ ޢަދަދަށްވުރެ 20 ގުނަ އިތުރު ޢަދަދެކެވެ.

ޝަރީޢާ4ބެލްޖިޔަމް އިން ބެލްޖިޔަމްގެ ރައްޔިތުންނަށް ގޮވާލާފައިވަނީ ސްޕެއިންއާއި ފްރާންސާއި ސްވިޒަރލޭންޑް އިސްލާމީ ޚިލާފަތުގެ ދަށުގައި އިސްލާމީ ޝަރީޢާ ތަންފީޛްކޮށްގެން ތިބި 1300 އަހަރުގެ އަމާން ދުވަސްވަރަށް އަނބުރާ ދިޔުމަށެވެ. އަދި އެބޭފުޅުން އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި އެ 1300 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި ރިކޯރޑްކުރެވިފައިވަނީ ވައްކަމުގެ އެންމެ 60 މައްސަލައާއި ރޭޕްކުރުމުގެ 120 މައްސަލައެވެ. ނަމަވެސް މިހާރު ބެލްޖިޔަމްއަށް ކުރިމަތި ވަމުންދާ އިޤްތިޞާދީ އަދި އިޖްތިމާޢީ މުސީބާތްތަކުން ސަލާމަތްވުމަށް އިސްލާމީ ޝަރީޢަތަށް ރުޖޫޢަވުމަށް ބެލްޖިޔަމްގެ ހުރިހާ ރައްޔިތުންނަށް އެ ޖަމާޢާތުގެ ފަރާތުންވަނީ ގޮވާލާފަ އެވެ.
  
ބެލްޖިޔަމްގައި މުސްލިމުންނަކީ ދެވަނައަށް އެންމެ ގިނަ ދީނީ ޖަމާޢަތެވެ. އެއީ އާބާދީގެ އެންމެ 3.5 އިންސައްތަ އެވެ.

ބުރުގާ މަނާކުރުމަށްފަހު، މަގުމަތީގައި ނަމާދުކުރުންވެސް ފްރާންސްގައި މަނާކޮށްފި

ޕެރިހުގެ މުސްލިމުން ފަޔާރ ސްޓޭޝަނެއްގައި 16 ސެޕްޓެމްބަރު 2011ވީ ހުކުރު ދުވަހުގެ ހުކުރު ނަމާދުކުރަނީ
ޔޫރަޕްގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމު ކަމަށްވާ ފަރަންސޭސި ވިލާތުގައި މުސްލިމުން މަގުމަތީގައި ނަމާދުކުރުން މަނާކުރާ ޤާނޫނު 16 ސެޕްޓެމްބަރު 2011 ވީ ހުކުރު ދުވަހުން ފަށައިގެން ހިންގަންފަށައިފި އެވެ. މިޤާނޫނު ހިނގަން ފެށުމާއެކު ނިމިދިޔަ ހުކުރު ދުވަހު ފްރާންސްގެ މުސްލިމުން ހުކުރު ނަމާދުކޮށްފައިވަނީ ބޭނުން ނުކޮށް ގިނަ ދުވަސްވެ ވިރާނާވެފައިވާ ބާ ޢިމާރާތްތަކާއި ފަޔާރސްޓޭޝަންތަކާއި ގުދަންތަކުގައިކަމަށް ބައިނަލްއަޤްވާމީ ނޫސްއިދާރާތަކުން މައުލޫމާތު ދެ އެވެ.
މިޙުކުމަށް ޢަމަލުކުރަމުންދަނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ކަމަށްވިޔަސް، އެހެނިހެން ބޮޑެތި ރަށްރަށަށް މިޙުކުމް ހިންގަން ފަށާނެކަމަށްވެސް ފްރާންސްގެ އިންޓީރިއާ މިނިސްޓަރ ވިދާޅުވެފައިވެ އެވެ. އޭގެތެރޭގައި އެތައް ހާސްމުސްލިމުން ދިރިއުޅެމުންދާ ރަށްރަށްކަމަށްވާ މާރސެލީސް އާއި ލިއޯން އަދި ނައީސް ފަދަރަށްރަށް ހިމެނޭނެއެވެ. ފްރާންސްގެ އިތުރުވަމުން އަންނަ މުސްލިމް އާބާދީއަށް އެކަށޭނެ މިންވަރަށް މިސްކިތްތައް ނެތުމުގެ ސަބަބުން ހުކުރު ނަމާދު ފަދަ ޚާއްޞަ ނަމާދުތައް ކުރާއިރު މަގުމަތީގައި ޖަމާޢަތް ހަދަން ޖެހެ އެވެ.
"މަގުމަތީގައި ނަމާދުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫން. (މަގުމަތީގައި ނަމާދުކުރުމަކީ) ޢަލްމާނިއްޔަތުގެ އަސާސްތަކަށް އަންނަ ސީދާ ނުރައްކަލެއް."  ޢަލްމާނީ (ސެކިޔުލާރ) އުޞޫލްތައް ދިފާޢުކުރައްވާ ފްރާންސްގެ އިންޓީރިއާރ މިނިސްޓަރ ކްލައިޑް ޖޮއެއަން އެފިކުރުތަކުގެ ޙިމާޔަތުގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ފްރާންސްގައި މިކަން މަނާވެގެން ދިޔުމުގެ އެއް ސަބަބަކަށް ވެފައިވަނީ ފްރާންސްގައި އިސްލާމްދީން ފެތުރެމުންދާތީ އެކަމާ ދެކޮޅު ހެދުމުގެގޮތުން ނޭޝަނަލް ފްރޮންޓްގެ ފަރާތުން މިދިޔަ އަހަރު ކުރި މުޒާހަރާތަކާ ގުޅިގެންނެވެ. ނޭޝަނަލް ފްރޮންޓްގެ ލީޑަރ މަރީން ލި ޕެން މަގުމަތީގައި ނަމާދުކުރުން ސިފަކުރަމުންދަނީ "އަރައިގަންނަމުންދާ ހަނގުރާމަވެރި ފައުޖުތަކެއް"ގެ ގޮތުގަ އެވެ.
މީގެ ކުރިން ޔޫރަޕްގައި މޫނު ބުރުގާ އެޅުން މަނާކުރި ފުރަތަމަ ޤައުމަކަށް ވެފައިވަނީވެސް ފްރާންސެވެ.
މިފަދައިން ޔޫރަޕްގެ ޤައުމުތަކުގައި ޢަލްމާނިއްޔަތާއި ޑިމޮކްރަސީގެ ޙިމާޔަތުގައި އެހެންދީންތަކުގެ އަޅުކަންކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާއިރު ހަމައެކަނި މުސްލިމުން އުޅޭ އިސްލާމީ މުޖްތަމަޢުތަކުގައި އެހެން ދީންތަކަށް ޖާގަނުދޭތީ އެކަމާމެދުވެސް އެޤައުމުތަކުން އަޑު އުފުލަމުންދެ އެވެ.

Wednesday, September 14, 2011

ލީބިޔާގެ ޤާނޫނުތަކުގެ މައިގަނޑު މަޞްދަރަކަށް ވާނީ އިސްލާމްދީން: ވަގުތީ ސަރުކާރުގެ ވެރިޔާ





ލީބިޔާގެ ޤާނޫނުތަކުގެ މައިގަނޑު މަޞްދަރަކަށް ވާނީ އިސްލާމްދީން: ވަގުތީ ސަރުކާރުގެ ވެރިޔާ

ލީބިޔާގެ ޤާނޫނުތަކުގެ މައިގަނޑު މަޞްދަރަކަށް ވާނީ އިސްލާމްދީންކަމަށް ލީބިޔާގެ އިންތިޤާލީ މަޖްލީހުގެ ވެރިޔާ ވެރިރަށް ތުރާބުލުސްގައި ހޯމަ ދުވަހު ޢާއްމުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެއްޖެ އެވެ.
ލީބިޔާގެ ވެރިކަން ވަގުތީ ގޮތުން ހަވާލުވެފައިވާ ވަޠަނީ އިންތިޤާލީ މަޖްލިސްގެ ވެރިޔާ މުޞްޠަފާ ޢަބްދުލް ޖަލީލް މިހެން ވިދާޅުވެފައިވަނީ ވެރިރަށް ތުރާބުލުސްއަށް ވަޑައިގެން އެތައް ހާސް ޢާއްމުންނާ ބައްދަލުކުރައްވާ ޝަހީދުންގެ މައިދާނުގައި ޤައްޛާފީއަށް ފަހު ދެއްވި އެންމެ ފުރަތަމަ ތަޤްރީރުގަ އެވެ. މުޞްޠަފާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ލީބިޔާގެ ވެރިކަން ކުރުމުގައި ކަނާތު ފިޔައިގެ ނުވަތަ ވާތު ފިޔައިގެ ހައްދު ފަހަނަ އަޅާފައިވާ ފިކުރުތަކަށް އެބޭފުޅުން ދެކޮޅު ހައްދަވާނެ އެވެ. އަދި ވިދާޅުވެފައިވަނީ އެއީ (ލީބިޔާއަކީ) މެދުމިނުގެ ޢަދުލުވެރި އިސްލާމްދީނަށް އުޅެމުން އަންނަ މުސްލިމް ޤައުމެއް ކަމަށާއި، އެ މަގުގައި ވަރުގަދައަށް ޘާބިތުވެ ތިބޭނެ ކަމަށެވެ.
އަދި މިގެނެވުނު އިންޤިލާބުގެ ފައިދާ ނަހަމަ ގޮތުގައި ހޯދަން މަސައްކަތްކުރާ ކޮންމެ މީހަކަށް ދެކޮޅު ހެދުމަށްވެސް ލީބިޔާގެ ޢާއްމުންނަށް އިންތިޤާލީ ވެރިޔާ ގޮވާލެއްވި އެވެ.

މިއީ ލީބިޔާއަށް އަންނަމުންދަނީ ޑިމޮކުރަސީ ކަމަށް ހުޅަނގުގެ ބާރުތަކުން ބުނަމުން ދަނިކޮށް އެމީހުންގެ ބަހުގެ ދޮގުކަން ދޭހަވާ ގޮތަށް ލީބިޔާއަށް ހެޔޮ ބަދަލުތަކެއް ގެންނާނެކަމަށް ލަފާކުރެވޭ ވަޠަނީ އިންތިޤާލީ މަޖްލިހުން ދައްކަވާފައިވާ ވާހަކަތަކަށް އިތުރުވި ބޮޅެކެވެ. ނަމަވެސް، އަދިވެސް މި ތަޤްރީރުގެ ޚަބަރުތައް ހުޅަނގުގެ މީޑިޔާތަކުން ފަތުރަމުން ދާއިރު ބުނެފައިވަނީ ލީބިޔާގެ މިހާރުގެ ވެރިން ގޮވާލާފައިވަނީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް ކަމަށެވެ. އިސްލާމްދީނާ ޝަރީޢަތަށް ރުޖޫޢަވާން ޖެހޭނެކަމަށް ދައްކާފައިވާ ވާހަކަތައް އެ ނޫސްތަކުން ވަނީ މާބޮޑު ސަމާލުކަމެއް ނުދީފަ އެވެ.








Sunday, September 11, 2011

ޤަޠަރުގައި 6 މަސްދުވަހުގެ ތެރޭގައި 800 މީހުން އިސްލާމްވެއްޖެ







ޤަޠަރު ގެސްޓް ސެންޓަރު (ކިޔު.ޖީ.ސީ) އިން ހާމަކުރި މަޢުލޫމާތެއްގައިވާ ގޮތުން އެންމެ 6 މަސްދުވަހުގެ ތެރޭގައި ޤަޠަރުގައި 800އަށްވުރެ ގިނަ މީހުން އިސްލާމްވެއްޖެ އެވެ. މީގެ ތެރެއިން 3 ބައިކުޅަ 2 ބަޔަކީ ފިލިޕީންސްގެ މީހުންކަމަށްވެސް އެފަރާތުން ހާމަކުރައްވަ އެވެ.
މި ސެންޓަރުގެ ފަރާތުން މިހާރު މަސައްކަތްކުރަމުންދަނީ އަލަށް އިސްލާމްވި މިމީހުންގެ ވާހަކަތައް ފޮތެއްގެ ސިފާގައި ޝާއިޢުކޮށް ދުނިޔޭގެ ގިނަ ބަސްތަކަކަށް ތަރުޖަމާކޮށް ޢާއްމުކުރާށެވެ.

ޤަޠަރު ގެސްޓް ސެންޓަރު (ކިޔު.ގީ.ސީ)ގެ ޑިރެކްޓަރ ހާދީ އަލް ދޫސާރީ ވިދާޅުވާ ގޮތުން، އިސްލާމްވާ މީހުންގެ ޢަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. 2006 ވަނަ އަހަރު ޤަތަރުގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް އިސްލާމްވަނީ 21 މީހުންނެވެ. 2007 ވަނަ އަހަރު މިޢަދަދު ވަނީ 28 އަށް އިތުރުވެ، 2008 ވަނަ އަހަރު 46އަށް އަރާފައެވެ. އަދި 2009ގައި 52 މީހުން އަލަށް މަހެއްގެ މައްޗަށް އިސްލާމްވެފައިވާއިރު، 2010 ގައި 77 މީހުންވަނީ މަހެއްގެ މައްޗަށް އިސްލާމްވެފައެވެ. 2011ގެ މި 6 މަހަށް ބަލާއިރު އެއީ މަހެއްގެ މައްޗަށް 133 މީހުންނެވެ.
މިޢަދަދުތަކުން ދައްކައިދެނީ ހުރިހާ މުޖްތަމަޢެއްގެ މީހުންނަށްވެސް އިސްލާމްދީނުގެ މެސެޖް ފޯރުކޮށްދިނުމަށްޓަކާ އެސެންޓަރުންވެސް ކުރަމުންދާ މަސައްކަތްކަމަށް ހާދީ ވިދާޅުވެ އެވެ. މިސެންޓަރު އުފެދި މަސައްކަތްކުރަމުންދާތާ އަދި މިވަނީ 4 އަހަރެވެ.

މިސެންޓަރުގެ ހަރަކާތްތަކުގައި ގިނަ ޢަދަދެއްގެ ޒުވާނުން އިސްނަގައިގެން ބައިވެރިވަމުންދާ ކަމަށްވެސް އެސެންޓަރުން މަޢުލޫމާތުދެ އެވެ. އެގޮތުން 200 އަށްވުރެ ގިނަ ކިޔަވާ ކުދިން އަމިއްލައަށް އިސްނަގައިގެން ހިލޭސާބަހަށް ލީފްލެޓާއި ޕާމްފްލެޓް ބެހުމުގެ ޙަރަކާތްތަކުގައި ބައިވެރިވެފައިވެ އެވެ. މީގެ އިތުރުންވެސް ވީހާ ގިނަ ބަޔަކަށް މިމަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކާ ކާރުތަކުގައި މުޅި ޤައުމުގެ އެކި ހިސާބުތަކަށް އެތަކެތި ބެހުމުގެ މަސައްކަތްވެސް އެ ސެންޓަރުން ދަނީ ކުރަމުންނެވެ.

ޤަޠަރު ގެސްޓް ސެންޓަރުގެ ފަރާތުން އެޤައުމުގައި ދިރިއުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ތަފާތު ޙަރަކާތްތަކެއް ހިންގަމުންދެ އެވެ. އެގޮތުން ލެކްޗަރތަކާއި ސެމިނާރތަކާއި ތަފާތު ބައްދަލުވުންތައް ބާއްވާ، ގޭގެއަށާއި، އަމިއްލަ މީހުންގެ ކުންފުނިތަކަށާއި، ފިހާރަތަކަށާއި، ޖަލުތަކަށާއި، ބަލިމީހުންނަށް ޤަވާޢިދުން އެސެންތަރުގެ ފަރާތުން ދަނީ ޒިޔާރަތްކުރަމުންނެވެ. ކަރްވާ ބަސް ސްޓޭޝަން ކައިރީގައި ހުންނަ މި ސެންޓަރުގެ ޖަގަހައަށް އެކަނިވެސް ހަފްތާއެއްގެ މައްޗަށް ހާހަކަށްވުރެ ގިނަ މީހުން ޒިޔާރަތްކުރަމުންދާކަމަށް އެސެންޓަރުގެ ފަރާތުން ބަޔާންކުރައްވައެވެ.

މިސެންޓަރަކީ، ހިލޭ ސާބަހަށް މަސައްކަތްކުރަމުންދާ ޖަމިއްޔާއެއްކަމަށްވާ ޝެއިޚް ޢީދު ބިން މުޙައްމަދު އާލް ޘާނީ ޗެރިޓީގެ ދަށުން ހިންގަމުންދާ ސެންޓަރެކެވެ.