Pages

Sunday, December 08, 2013

“މަންޑޭލާ” މަރެއްނުވޭ!


ދެކުނު އެފްރިކާގެ ޤައުމީ ބަޠަލް ނެލްސަން ރޮލިއްލައްލަ މަންޑޭލާ އަކީ ދުނިޔެ ދެކުނު އެންމެ ވަރުގަދަ ސިޔާސީ ލީޑަރުންގެ ތެރެއިން ވަރުގަދަ ލީޑަރެއްކަން ޔަޤީނެވެ. މަންޑޭލާގެ ލީޑަރޝިޕްގެ މަތިވެރިކަން ބިނާވެފައިވަނީ އޭނާގެ ސިޔާސީ ނުފޫޒުގެ ފުޅާކަމަކަށް ނޫނެވެ. އަދި ނިކަމެތި ޤައުމުތަކުގެ މައްޗަށް އަތްގަދަކޮށް ދިގާއި ހުރަހަށް އަމިއްލަ ވެރިކަން ދަމާ ވާންކުރުމުގެ މައްޗަކަށް ނޫނެވެ. ނަމަވެސް، އޭނާގެ ލީޑަރޝިޕްގެ މޮޅުކަން ފާހަގަކުރެވިފައިވަނީ އޭނާގެ ނަމޫނާ ޝަޚްސިއްޔަތުގެ ސަބަބުންނެވެ. އަދި އޭނާގެ ޤަބޫލުކުރުންތަކާއި، އެޤަބޫލުކުރުންތަކުގެ މަތީ އޭނާ ޘާބިތުވީ ގޮތުގެ މައްޗަށެވެ. އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުގެ ޙުއްޖަތުގެ މައްޗަށެވެ. އަދި އެކަމުގައި އޭނާ ހޯދި ކާމިޔާބުގެ މައްޗަށެވެ.
ނެލްސަން މަންޑޭލާއަކީ، ދެކުނު އެފްރިކާގައި ދޮން މީހުންގެ ވެރިކަން ކުރަމުން ދިޔައިރު، ކަޅުމީހުންނާމެދު ކުރަމުން ގެންދިޔަ ނަސްލީ ތަފާތުކުރުންތަކުގެ ތެރޭގައި އުފަންވެވަޑައިގެން ކުޑައިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވި ބޭފުޅެކެވެ. ދެކުނު އެފްރިކާގައި ދޮން މީހުންގެ އިސްތިޢުމާރީ ނަސްލީ އިމްތިޔާޒުތަކަކީ ހުޅަނގުގެ ޤައުމުތަކުގެ ތާއީދު އޮވެގެން ހިންގާފައިވާ ޖަރީމާތަކެކެވެ. އިނގިރޭސި ވިލާތާއި އެމެރިކާއިން އަބަދުވެސް ދިޔައީ ދެކުނު އެފްރިކާގައި ދޮން މީހުން ހިންގަމުންދިޔަ ލާއިންސާނީ ޢަމަލުތައް ދިފާޢުކުރަމުންނެވެ. މީގެ މާނައަކީ، މުޅި ދުނިޔެ އޮތީ އެއަނިޔާވެރިކަން އެއީ ޙައްޤުގޮތެއްކަމުގައި ދެކިގެންކަމެވެ.
ނެލްސަން މަންޑޭލާ އުޅެ ބޮޑުވީ އެމާޙައުލުގައެވެ. މަންޑޭލާ ފަދަ ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ދޮން މީހުން ކުރަމުން ގެންދިޔަ ފުރައްސާރާގެ ތެރޭގައެވެ. ދޮން މީހުންގެ ޖައްބާރުކަން ދައްކައިގެން ކަޅުމީހުން ތަޙައްމަލުކުރަމުން ދިޔަ ބޭއިންސާފްގެ ހިތިކަން އިޙްސާސްކުރަމުންނެވެ.
އޭރު ދެކުނު އެފްރިކާގައި ދޮން މީހުންނަކީ، ހުރިހާ ޙައްޤެއް ލިބިގެންވީ ރައްޔިތުންނެވެ. ކަޅު ނަސްލުގެ މީހުންނަކީ، އިންސާނުންގެ ގޮތުގައި ބެލެވުނު ބައެއް ނޫނެވެ. ހަމަ އެންމެ ސަބަބަކަށްޓަކައެވެ. އެމީހުންގެ ހަމުގެ ކުލަ ކަމުނުދިޔުމެވެ. އޭރު ދެކުނު އެފްރިކާގެ އަޣްލަބިއްޔަތުކަމުގައި އޮވެމެ، ކަޅު ނަސްލުގެ މީހުންނަށް އެއްވެސް ރައްކާތެރިކަމެއް ލިބިދީފައިނުވެއެވެ. އޭގެ ބަދަލުގައި އެމީހުން ތަޙައްމަލުކުރަމުން ދިޔައީ އަޅުވެތިކަމެވެ. ޤަވާޢިދުތައް ހެދިގެން، ނިޒާމީ ގޮތެއްގައި ދޮން މީހުންނަށް ހެޔޮގޮތާއި މޮޅުގޮތް ހޯދާދެވުނެވެ. ކަޅުމީހުންނަށް ޖެހުނީ ލައްޓިން އުކާލާ ކަޅުމަސްކޮޅު ކާލައިގެން ބަނޑުފުރާނަ މުއްތި ކުރަންޏާ ކުރާށެވެ. ނުކަންޏާ ބަނޑަށްޖެހޭށެވެ. މީރު މަސްކޮޅުގެ ޙައްޤުވެރިންނަކީ ދޮން މީހުންނެވެ.
ނެލްސަން މަންޑޭލާ، މަންޑޭލާއަކަށްވީ އެންމެ ސަބަބަކަށްޓަކައެވެ. އެއީ، އެ ބޭއިންސާފާ ދެކޮޅަށް ތެދުވުމުގެ ސަބަބުންނެވެ. ބޭނުންވެއްޖެ ކޮންމެ ގޮތަކުންވެސް، އެއަނިޔާވެރިކަން ނައްތާލަން މަންޑޭލާ މަސައްކަތްކުރެއްވިއެވެ. ސުލްޙަވެރި އުކުޅުތައް ބޭނުންކުރައްވައިގެން ޢަދުލުއިންސާފް ލިބޭތޯ މަންޑޭލާ މަސައްކަތްކުރެއްވިއެވެ. އެގޮތްތައް ފެއިލްވުމުން ބާރުގެ ބޭނުންކުރައްވައިގެންވެސް އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެންނެވިއެވެ. އެއީ ހަމަ އެންމެ ރަނގަޅު އަދި އަބަދުވެސް ތާރީފް ލިބެންވީ ޢަމަލެކެވެ. ސަބަބަކީ ތޯއެވެ! އަނިޔާވެރިކަމާދެކޮޅަށް ބޭނުންކުރެވޭ ހަރުކަށިކަމަކީ މާތްކަމެކެވެ. އަދި ޙައްޤުގެ ދިފާޢުގައި މެދުމިންވުމަކީ އަނިޔާއެކެވެ.
ދޮން މީހުން، ހުޅަނގުގެ އެހީއާއި މަދަދު ލިބިގެން ކަޅުމީހުންނާ ދެކޮޅަށް ހިންގަމުން އައި ޒަމާންވީ އަނިޔާވެރިކަން ނައްތާލުމަށް އެންމެ ފަހުން ހަތިޔާރު ނެގުމަށް ނެލްސަން މަންޑޭލާ ގޮވާލިއެވެ. އެފްރިކަން ނޭޝަނަލް ކޮންގްރެސްގައި އަސްކަރީ ގޮތްޕެއް ހެދުނީ މަންޑޭލާ ފަދަ ޒުވާނުން އޭރު ހަތިޔާރުގެ ބޭނުންކޮށްގެން އެއަނިޔާވެރިކަން ފޮހެލަންވީ ވަގުތު އައިސްފިކަން ޤަބޫލުކޮށް އެކަމަށް މަގުކޮށުމުންނެވެ. މަންޑޭލާއާއި އަދިވެސް އޭނާގެ ބައިވެރިން ޤައުމުގައި އޮތް އަނިޔާވެރިކަމުގެ މައްޗަށް ނަޞްރު ހޯދުމަށް ހަތިޔާރުގެ ބޭނުން ހިފިއެވެ. އަނިޔާވެރި ނިޒާމްގެ މައި ހަރުތަކަށް މަންޑޭލާމެންގެ ވަރުގަދަ ޙަމަލާތައް އަމާޒުކުރިއެވެ. ދަނގަނޑުން ދަނގަނޑު ކެނޑުމަށްޓަކައެވެ. ޞުލްޙަވެރި ހުރިހާ ގޮތްތަކެއް ފެއިލްވުމުންނެވެ.
މި މަސައްކަތުގައި މަންޑޭލާ އެންމެފަހުން، ޖަލަށް ވަދެވަޑައިގަންނަވަން ޖެހުނެވެ. މަންޑޭލާގެ މުޅި ޒުވާން ދުވަސްވަރު ހޭދަކުރެއްވީ ޖަލުގައެވެ. ޢުމުރުގެ 3 ބައިކުޅަ އެއްބައި ވަރު ހޭދަވެގެން ދިޔައީ ޖަލުގައެވެ. ކުށްވެރިވެފައިވާ ޓެރަރިސްޓެއްގެ ގޮތުގައެވެ. ޖަލުގައި އެތައް އަހަރެއް ހޭދަކުރެއްވައިގެންވެސް ކުރެއްވި ބުރަ މަސައްކަތުން ދެކުނު އެފްރިކާގެ މަދު ދޮންމީސްކޮޅުގެ އަނިޔާވެރިކަން ނައްތާލާ ހަމަހަމަ ޢަދުލުވެރި ވެރިކަމެއް ކުރެވޭތޯ މަންޑޭލާ މަސައްކަތްކުރިއެވެ. މިއީ މަންޑޭލާގެ ޙަޔާތް ތަފާތުވާ ސަބަބެވެ. ވެރިކަން ލިބިވަޑައިގަތުމުން، ޢަދާވާތްތެރިންނަށްވެސް މަޢާފްދެއްވެވިއެވެ. ޚުދު އެތައް އަހަރެއް ވަންދެން މަންޑޭލާ ޖަލުގެ ކުޑަގޮޅީގައި ބެލެހެއްޓި މީހާއަށްވެސް އިފްތިތާހީ ޖަލްސާއަށް ދަޢުވަތު ދެއްވައިގެން ގެންދެވިއެވެ.
އެއަށްފަހު ދުނިޔޭގެ ގިނަ ބައެއްގެ ލޯބި މަންޑޭލާއަށް ލިބިގެންދިޔައެވެ. އަނިޔާވެރިކަން ތަޙައްމަލުކުރަމުންދިޔަ ޢާއްމު ރައްޔިތުންގެ ލޯބީގެ އިތުރުން، އަނިޔާވެރިކަމުގެ ޗާބޫކުތައް ހިފައިގެން ތިބި ޖައްލާދުންވެސް މަންޑޭލާއަށް އިޙްތިރާމާއެކު ކުރުނީސްކުރަމުން ދިޔައެވެ. އޭނާ މަރުވުމާ ހަމައަށް ދުނިޔޭގައި އެވަގުތު އެންމެ ގިނަ ބައެއްގެ ލޯބި ލިބިގެން ހުރި އިންސާނާއަކީ އޭނާކަމުގައި ވިއެވެ.
މަންޑޭލާ އަވަހާރަވެގެން ހިތާމަކުރާ މީހުންނޭވެ! މިއަދު ތިބާ 1960މ ގެ އަހަރުތަކުގައި ހުރެވުން ނަމަ، މަންޑޭލާ މިހާރު ދިޔައީހީ ހުޅަނގުގެ ތާއީދާއެކު ކަޅުމީހުންނާ ދެކޮޅަށް ހިންގެމުންދިޔަ ނިޒާމީ ބޭއިންސާފާ ދެކޮޅަށް ހަތިޔާރު ނަންގަވައިގެން ހަނގުރާމަކުރައްވާ ހަނގުރާމަވެރިއެއްގޮތުގައެވެ. އަލްޖީރިޔާއާއި އެހެނިހެން އެފްރިކާގެ ޤައުމުތަކަށް ވަޑައިގެން “ޓެރަރިސްޓުން ތަމްރީނުކުރާ ކޭމްޕް”ތަކުން މިލިޓަރީ ތަމްރީނު ލިބިގެން ހަނގުރާމަކުރާ “ރަތްލާޖެހި” ހަނގުރާމަވެރިއެއްކަމުގައެވެ. ކަޅުނަސްލުގެ މީހުންނާއި ޢަދުލަށް ލޯބިކުރާ މީހުންނަށް އެ ހަނގުރާމަވެރި މަންޑޭލާއަކީ ޤައުމީ ބަޠަލެކެވެ. ފްރީޑަމް ފައިޓަރއެކެވެ. ނަމަވެސް، އޭރު ދެކުނު އެފްރިކާގެ ސަރުކާރަށާއި އިނގިރޭސީންނަށާއި އެމެރިކާއަށް އެއީ ޤައުމީ ނުރައްކަލަށް ހުރި ބިރެކެވެ. އެއީ ޓެރަރިސްޓެކެވެ. ޢާއްމު މުދަލަށް ގެއްލުންދޭ ހަތިޔާރު އެޅި ހަނގުރާމަވެރި ޓެރަރިސްޓްކެވެ. ބުނެބަލާށެވެ! މިއަދު މިއީ 1960 ނަމަ، ތިބާ ހުންނާނީހީ އެމެރިކާގެ ކޮޅުގައި ޓެރަރިސްޓް މަންޑޭލާއާ ދެކޮޅަށް އަޑުއުފުލާ “ޞުލްޙައަށް ތާއީދުކުރާ” ގޮނޑިކޮއްކޮއެއް ގޮތުގައި ހެއްޔެވެ؟ އިނގިރޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރު ޑޭވިޑް ކެމޮރަން އޭރު އުޅުއްވީ “މަންޑޭލާ ދަންޖައްސާ!” ކިޔާ ޕޯސްޓަރުތައް ހިފައިގެން އިނގިރޭސި ސަރުކާރަށް ޕްރެޝަރކުރުމަށެވެ. ތިބާވާނީހީ އޭނާއާ އެކު ހެއްޔެވެ؟ ނުވަތަ ތިބާ ވާނީ ޙައްޤުގެ ދިފާޢުގައި ހަނގުރާމަކުރަމުން އެދިޔަ މަންޑޭލާއަށް ތާއީދުކުރާނެ އެހެނަސް ހުޅަނގުގެ އަނިޔާގެ ލޮލަށް ފެންނަ ގޮތުގައި “ޓެރަރިޒަމަށް ވަފާތެރިވާ” މީހެއްކަމުގައި ހެއްޔެވެ؟
އެހެންކަމުގައިވާނަމަ ބުނަމެވެ. މިއަދުވެސް އެފަދަ ކިތަންމެ މަންޑޭލާއެއް ދުނިޔޭގައި މަރުނުވެ އެބަ ތިއްބެވެ. އަފްޣާނިސްތާނުގެ ޤައުމީ ބަޠަލް، އަދި ކުރީގެ ޤައުމުގެ ވެރިޔާ މުއްލާ މުޙައްމަދު ޢުމަރު (ޙަފިޒަހުﷲ) އަކީ ދިރިހުރި “މަންޑޭލާ”އެކެވެ. މަޢާފްކުރައްވާށެވެ! މުއްލާ ޢުމަރުގެ ނަންގަތުމަކީވެސް މިއަދު ޓެރަރިޒަމްގެ ޢަމަލެކެވެ. އޮޅިގެންވެސް މިނަން ނުކިޔާވޭތޯ ކޮންމެ މީހަކުވެސް މިއަދު ބަލާނެއެވެ. އެދުވަހު، ނެލްސަން މަންޑޭލާގެ ނަންގަތުންވެސް ވެފައިވީ މިފަދަކަމަކަށެވެ. ނަމަވެސް އޭރު އެންމެ ބޮޑު ޓެރަރިސްޓެއްކަމުގައިވި ނެލްސަން މަންޑޭލާ، ޙާލަތު ބަދަލުވުމުން 1993ގައި ނޮބެލް ޞުލްޙައިގެ އިނާމްވެސް ހޯއްދެވިއެވެ. ބަދަލުވީ ކޮންކަމެއްތޯއެވެ! ބަދަލުވީ އަހަރެމެންގެ ފިނޑިކަމެވެ. މަންޑޭލާ އޭރު ކުރި “ކުށްވެރި ޓެރަރިޒަމްގެ ޢަމަލުތައް” ފަހުންވީ ދުނިޔޭގެ ޞުލްޙަމަސަލަސްކަމަށްޓަކާ ކުރެއްވި ޚިދުމަތެއްކަމުގައެވެ. މަންޑޭލާ ކުރެއްވި މަސައްކަތް ހަމަ އެއް މަސައްކަތެކެވެ. ބަދަލުވީ އެމަސައްކަތް އަހަރެމެން ބަލައިގަތް ގޮތެވެ. މުއްލާ ޢުމަރާ މެދުވެސް މިފަދައިން ކަންތައް ކުރެވޭކަން ތިބާއަށް ނުވިސްނުން ނަމަ، އެއީ ހުޅަނގުން އެކުރިއަށް ގެންދާ މީޑިޔާ ޕްރޮޕެގެންޑާގެ ޝިކާރައަކަށް ތިބާވެސް ވެފައިވާކަމުގެ ހެއްކެކެވެ.
މުއްލާ މުޙައްމަދު ޢުމަރަކީވެސް، އެފަދަ ޝަޚްސިއްޔަތެކެވެ. އަފްޣާނިސްތާނުގައި ސޯވޮއެޓުންގެ ދުވަސްވަރާއި އޭގެފަހުން ފެތުރެމުން ދިޔަ އަނިޔާވެރިކަމުން ޤައުމު ސަލާމަތްކޮށްދެއްވާ ކުރުމުއްދަތެއް ތެރޭގައި މުޅި އަފްޣާނިސްތާނުގެ ޢާއްމު ރައްޔިތުންގެ ތާއީދާއި މަޤްބޫލުކަން ހޯއްދަވައިގެން ޤައުމުގައި މި ޤަރުނުގައި ދުނިޔެ ނުދެކޭ ފަދަ ޢަދުލުވެރި ވެރިކަމެއް ޤާއިމްކުރެއްވެވިއެވެ. ހުޅަނގުގެ ފިއްތުންތަކުގެ ތެރޭގައެވެ. އިޤްތިޞާދީ ހީނަރުކަމާއި ފަޤީރުކަމުގެވެސް ތެރޭގައެވެ. ނަމަވެސް، މިއަދު އެއީ ޓެރަރިސްޓެކެވެ. ކުށަކީ، އެމެރިކާ ޖަހާހާ ބެރަކަށް ނަށާނެ ވެރިއެއްކަމުގައި މުއްލާ ޢުމަރު ނުވީކަމެވެ. މިއަދު މުއްލާ ޢުމަރާއި އަފްޣާނިސްތާނުގެ އެހެނިހެން މުޖާހިދުން އެކުރައްވާ ޖިހާދަކީ 1960މ ގައި ނެލްސަން މަންޑޭލާއާއި އޭނާގެ އެކުވެރިން ކުރެއްވި މަސައްކަތް ފަދަ މަސައްކަތެކެވެ. މަންޑޭލާއަށް މިހާރު ލޯބިކުރާ މީހުން، މިޙަޤީޤަތާމެދު ކަނުވެފައިވާތީ ޢަޖާއިބުވެއެވެ. މުއްލާ ޢުމަރާއި އޭނާގެ ޠާލިބާން ޖަމާޢަތަކީ ޓެރަރިސްޓުންކަމުގައި ތިޔަ ނިންމަނީ، އަފްޣާނިސްތާނުން އެމެރިކާގެ އިސްތިޢުމާރު ފުހެލަން ކުރާ ޖިހާދުގެ ސަބަބުން ހެއްޔެވެ؟ ނުވަތަ، އަނިޔާ ލިބެމުން ދިޔަ އަންހެނުންނާއި ނިކަމެތިންގެ ދިފާޢުގައި އެޖަމާޢަތް އުފެއްދީތީ އެކަމަށް ހެއްޔެވެ؟ އޭރު މަންޑޭލާއަކީ މިއަދުގެ މުއްލާ ޢުމަރު ނޫން ހެއްޔެވެ؟ 1961 ގައި މަންޑޭލާ އުފެއްދެވި ހަތިޔާރު އެޅި ޖަމާޢަތްކަމުގައިވާ އުމްޚޮންޓޯ ވެ ސިޒްވޭ ވަނީ ވެރިކަން ލިބިލެއްވުމުން ދެކުނު އެފްރިކާގެ އަސްކަރިއްޔާގެ ތެރެއަށް އެއްކޮށްލެވިފައެވެ. މުއްލާ ޢުމަރުވެސް އަފްޣާނިސްތާނުގެ އަމާންކަން ބެލެހެއްޓެވުމަށް އުފެއްދެވި ތާލިބާން ޖަމާޢަތްވެސް ތާލިބާން ވެރިކަމުގައި އެފަދައިން ނުހައްދަވާތޯއެވެ؟
1970 އަދި 1980މ ގެ އަހަރުތަކުގައި ޖަލުގައި މަންޑޭލާ ދުވަސްތައް ހޭދަކުރެއްވިއެވެ. މިއީ އެދުވަސްނަމަ، ތިބާ އެކަމާ ދެކޮޅަށް އަޑު އުފުލާނަމު ހެއްޔެވެ؟ އަދި އެ ޞުލްޙައިގެ ބަޠަލްގެ ޖިހާދަށް ބިރުން އުޅޭ ޒާލިމުން އެގޮތަށް މަންޑޭލާ ޖަލަށް ލެވުނީތީ އުފާކުރަން ތިބިޔަ ދޭނަން ހެއްޔެވެ؟ އެހެންކަމަށްވާނަމަ ބުނަމެވެ. މިއަދު އެފަދަ ކިތަންމެ މަންޑޭލާއެއް އިޒްރާއީލްގެ ޖަލުތަކުގައި އެބަ ތިއްބެވެ. ޙައްޤަށް ނަޞްރު ދޭތީ ބަންދުކުރެވިފައެވެ. މިއަދު އެފަދަ 166 މަންޑޭލާ ގުއަންޓަނާމޯ ބޭ ޖަލުގައި އެއްވެސް ތަޙްޤީޤެއް ނެތި އަސީރުކުރެވިފައި އެބަވެއެވެ. އެކަމަކު، މިއަދު ތިބާ ހަމަޖެހިލާފާ ތިއިންނަނީ އެއީ ޙަރަކާތް ހުއްޓުވާލެވިފައިވާ “ޓެރަރިސްޓުން”ތަކަކަށް ވީތީ ލިބުނު އަމާންކަމެއްގެ ސަބަބުން ނޫން ހެއްޔެވެ؟ މަންޑޭލާ މިނިވަންކުރުމަށް ތިބާ މަސައްކަތްކުރާނެ ނަމަ، މިއަދު ތިބާ ހަނު ތި ހުންނަނީ ކީއްވެ ހެއްޔެވެ؟ އިޒްރާއީލުގެ ޖަލުތަކުގައި އެތިބީ އެއްވެސް ތަޙްޤީޤެއް ނެތި ހައްޔަރުވެފައި ތިބި ކުށެއް ނެތް ފަލަސްޠީނުގެ ދަރީންނެވެ. އެމީހުންގެ ކުށަކީ، ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލުމެވެ. އިޒްރާއީލްގެ އަނިޔާތައް ހުއްޓާލުމަށް ގޮވާލުމެވެ. މިއަދު އެމެރިކާގެ އަނިޔާވެރިކަމުގައި ގުއަންޓަނާމޯބޭ ޖަލުގައި އަނިޔާ ކުރެވެމުންދާ އަސީރުންނަކީ، ކޮން ޤާނޫނެއްގެ ކޮން ކުށަކަށް އަރައިގަނެފައިވާ ބައެއް ހެއްޔެވެ؟ ދެކުނު އެފްރިކާގެ ދެކުނަށް އޮތް ރޮބެން އައިލެންޑްގައި މަންޑޭލާ ހައްޔަރުކުރެވުނު ޖަލަށް އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ ޒިޔާރަތްކުރުމަށްފަހު، އެކަމުން އިލްހާމްލިބުނުކަމަށް ބުނާއިރު، އޭނާގެ ބެލުމުގެ ދަށުގައި 166 “މަންޑޭލާ” އަސީރުކުރެވިފައިވާކަމީ ހުޅަނގުގެ މުނާފިޤުކަމާއި ދެފުށް ދެގޮތްކަން ނޫން ކޮންކަމެއް ހެއްޔެވެ؟ މަންޑޭލާ ހައްޔަރުކޮށްފައި ހުރުމަށް ތިބާ ރުހޭނަން ތޯއެވެ؟
މަންޑޭލާ ވިދާޅުވެފައިވެއެވެ. “ޙަޤީޤީ ލީޑަރުންނަކީ އެމީހުންގެ ރައްޔިތުންނަށްޓަކާ ހުރިހާ ކަމެއްވެސް ޤުރުބާންކޮށްލަން ކެރޭ މީހުންނެވެ.” މުއްލާ ޢުމަރު ޤުރުބާން ނުކުރަނީ ކޮންކަމެއްތޯއެވެ؟ ފުރަތަމަ އޭނާގެ ކިޔެވުމާއި ވަޒީފާއާއި އަމާން ދިރިއުޅުމެވެ. އަދި ދުނިޔޭގެ ކުރިމަތީގައި އޭނާގެ ނަން ކިލަނބުކޮށްލަންވެސް ދޫކޮށްލީ ރައްޔިތުންގެ ދިފާޢުގައި ނޫން ހެއްޔެވެ؟ މިޤުރުބާނީތައް ނުވިނަމަ، މިއަދުވެސް އެމީހުން “އަމާންކަމުގައި” އެމެރިކާ ބުނި ގޮތަކަށް ހަދައިގެން ތިބެވުނީސްތާއެވެ! މަންޑޭލާއަށްވެސް ޢުމުރުދުވަހުގެ ޖަލު ޙުކުމުން މިނިވަންވުމުގެ އަގެއްގެ ގޮތުން ހަތިޔާރު ބަހައްޓާ އަނިޔާވެރިންގެ ބަސްއެހުމަށް ބުނެވުނެވެ. ނަމަވެސް އޭނާ އެކަން ޤަބޫލުފުޅު ނުކުރައްވާ ޖަލު އިޚްތިޔާރުކުރެއްވިއެވެ. މުއްލާ ޢުމަރަކީ އަދި 1960ގެ މަންޑޭލާއެކެވެ. ޓެރަރިސްޓެކެވެ. އޭރުގެ މަންޑޭލާވެސް “ނުރައްކާތެރިވެގެން” އެމެރިކާގެ ރައީސް ރޮނަލްޑް ރީގަން ވަނީ މަންޑޭލާގެ ނަން ޓެރަރިސްޓުންގެ ލިސްޓަށް އަރުވާފައެވެ. މަންޑޭލާ މަރުވެގެން މިދިޔައީ އެލިސްޓުން އޭނާގެ ނަން ނެގިތާ 5 އަހަރު ކިރިޔާ ވީތަނާއެވެ. މަންޑޭލާ ޓެރަރިޒަމްގެ ޢަމަލުތައް ހިންގުން ހުއްޓާލީ މުސްކުޅިވެ އަތްފައި ޙަރަކާތް ނުކުރެވުމުންތޯއްޗެކެވެ.
ދޮން މީހުންގެ އަނިޔާވެރި ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލާލުމުގެ ކުރިން މަންޑޭލާ ބުނެފައިވެއެވެ. “ޤައުމެއްގެ ޙަޔާތުގައި އެންމެ 2 އިޚްތިޔާރު ލިބިދޭ ދަނޑިވަޅެއް އަންނާނެއެވެ. އެއީ ދޫކޮށްލުމެވެ ނުވަތަ ހަނގުރާމަކުރުމެވެ. އެވަގުތު ދެކުނު އެފްރިކާއަށް އަތުވެއްޖެއެވެ. އަހަރެމެން ދުލެއް ނުދޭނަމެވެ. އަހަރެމެންގެ ރައްޔިތުންނާއި، އަހަރެމެންގެ މުސްތަޤްބަލާއި އަހަރެމެންގެ މިނިވަންކަމުގެ ދިފާޢުގައި އަހަރެމެންގެ އަތުގައި ހުރި ހުރިހާ ވަޞީލަތަކުން ރައްދުގައި ޙަމަލާ ފޮނުވާލުން ފިޔަވާ އިތުރު އިޚްތިޔާރެއް އަހަރެމެންގެ ނެތެވެ.” މިއީ ސޯވިއެޓް އަފްޣާނިސްތާން އިސްލާމީ އަފްޣާނިސްތާނަކަށް ބަދަލުކޮށްލެއްވި ހިތްވަރުގަދަ މުޖާހިދުންވެސް އެޢަމަލުކޮށްފައިވާ ގޮތް ނޫންތޯއެވެ؟ އަދި މިއަދުވެސް، އަފްޣާނިސްތާނާއި، ސޫރިޔާއާއި ފަލަސްޠީނާއި ކަޝްމީރާއި ޢިރާޤްގެ ޙާލަތެއް ނޫންތޯއެވެ؟ ނަމަވެސް އަދި އެއީ ޒަމާނުގެ ލޯތަކުގެ ކުރިމަތީ “ޓެރަރިސްޓެކެވެ.” އަދި އެއީ 1990މ ގެ ކުރީގެ މަންޑޭލާއެކެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މަންޑޭލާގެ ޙަޔާތުން ފިލާވަޅެއް ހޯދާނަމަ، އެއީ މިކަންކަމުގައި ހަނދާންކުރާށެވެ. ޒަމާނުގެ ޖާހިލުކަމަށްވުރެ، ތިބާ ކުރިއަރާފައިވުމީ ތިބާ ގޯސްވުމުގެ ސަބަބެއް ނޫނެވެ. އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރިއިރު މަންޑޭލާއަކީ ދެކުނު އެފްރިކާގެ ދޮންމީހުންނާއި އިނގިރޭސިވިލާތާއި އެމެރިކާއަށް ޓެރަރިސްޓެކެވެ. ނަމަވެސް ކާމިޔާބު ހޯދުމުން އެއީ ޞުލްހައިގެ ރަސޫލެކެވެ. އަލްޙާއްޖު މާލިކް އައްޝަބާޒް މަލްކޮމް އެކްސް (ރަޙިމަހުﷲ) އަކީ، ކަޅުމީހުންގެ ޙައްޤުގައި މަސައްކަތްކުރެއްވި އިރު، އެމެރިކާގައި ހުރި އެންމެ ގިނަ ބަޔަކު ބިރުގަންނަ އެންމެ ޖެހިލުންވާ އެންމެ ނުރައްކާތެރި މީހާއެވެ. ނަފްރަތު ފެތުރި މީހެކެވެ. ނޫސްވެރިންވެސް އޭނާއާ ބައްދަލުކުރަން ބިރުގަތެވެ. މިއަދު އޭނާއަކީ ދުނިޔޭގެ އެތައް މިލިޔަން ބައެއް އެޝަޚްސިއްޔަތަކުން އިލްހާމް ލިބިގަންނަ އިންސާނީ ޙައްޤުތަކުގެ ނަމޫނާއެވެ. މުޙައްމަދު ތަކުރުފާނުލް ޢައުޒަމް (ރަޙިމަހުﷲ) އަކީ، ޕޯޒްގީޒުންނާ ދެކޮޅަށް ޖިހާދު ފެއްޓެވުމުން، އޭރުގެ ކާފަރު ދިވެހި ރަސްކަމާއި އެކަމުން ފައިދާ ހޯދަމުން ދިޔަ ޣައްދާރުންނަށް ބޮޑު ފިތުނަވެރިކަމެކެވެ. ޤައުމުގެ އަމާން ބެލެހެއްޓި ޕޯޗްގީޒު ސިފައިން މަރާ ޤާތިލެކެވެ. ނަމަވެސް، މިއަދު އެއީ ދިވެހިންގެ ޤައުމީ ބަޠަލްއެވެ. މިއަށްވުރެ ބޮޑަށް އެސީރަތަކުން ޢިބްރަތް ހޯދާ ނުނިމޭނެ ނަބަވީ ސިޔަރަތަށް ބަލާލާށެވެ. ކައު އިތުރު ނަބިއްޔާ (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް) އަކީ، މައްކާގައި އެއްކައުވަންތަކަމަށް ގޮވާލައްވަން ފެއްޓެވުމުން، މުޖްތަމަޢު ފަސާދަކުރާ މޮޔައެއްކަމުގައި ލޭބަލް ކުރެވުނެވެ. މިއަދު އެއީ ފަސާދަތައް ނައްތާލެއްވި ނަބިއްޔާއެވެ.
މިއީ، މިއަދުވެސް “މަންޑޭލާ”ތައް ދިރިތިބި ސަބަބެވެ. ޒަމާނުގެ ޖާހިލުކަމަށްވުރެ ތިބާ ކުރިއަރާފައިވުމީ ތިބާ ގޯސްވުމެއް ނޫނެވެ. މިއަދު ޙައްޤުގެ ބަސްބުނާ ޢިލްމުވެރިޔާ އެއީ ފިތުނަ ފަސާދަ ފަތުރާ މީހެއްކަމުގައި ތިބާ ބުނެފާނެއެވެ. ނުވަތަ އެއީ ޤައުމީ އެއްބައިވަންތަކަން ނަގާލާ މީހެއްކަމުގައި ތިބާ ސިފަކޮށްފާނެއެވެ. އެބޭފުޅުންގެ ހުރިހާ ދަރުސަކީ ފިތުނަކަމުގައި ތިބާއަށް ހީވެ އެއަޑުއެހުމަށް ތިބާ ނަފްރަތުކޮށްފާނެއެވެ. ޙައްޤުގެ ދިފާޢުގައި މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަކުރަމުންދާ މުޖާހިދުންނަކީ ޓެރަރިސްޓުންކަމުގައި މިއަދު ތިބާ ބުނެފާނެއެވެ. އެއީ ޢާޢްމުން މަރާ، އިންސާނިއްޔަތާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގާ ބައެއްކަމުގައި ތިބާގެ މީޑިޔާ ބުނެފާނެއެވެ.  އަދި އެކަމަށް ތާއީދުކުރުން އެއީ ހަރުކަށިވުންކަމާއި ހައްދުފަހަނައެޅުންކަމުގައި ތިބާ ބުނެފާނެއެވެ. ނަމަވެސް، ޙަޤީޤަތަކީ، އެއީ ދިރިތިބި “މަންޑޭލާ”ތަކެއް ކަމެވެ. އާނއެކެވެ. މިއަދު އެބައިމީހުން އެއީ ތިބާގެ ޓެރަރިސްޓެކެވެ. މާދަމާ ތިބާވާނީ ނޭނގިހުރެ ނަމަވެސް ޙައްޤަށް އިންކާރުކުރި މީހަކަށެވެ. މަންޑޭލާއަކަށް ދެކޮޅުވި މީހެއްކަމަށެވެ. އެފަދަ މަންޑޭލާތައް އަދިއެއް މަރެއް ނުވެއެވެ. ތިބާވެސް މަންޑޭލާއަކަށް ވާން ބޭނުންނަމަ، ބާރުގަދަ އަނިޔާވެރި މުނާފިޤުންގެ ކުރިމަތީ އެމީހުން ކިޔާ އެއްޗަކަށް ނުބަލާ ޙައްޤު ދިފާޢުކުރާށެވެ! އަދި އެފަދަ އެހެން މަންޑޭލާތައް ދެނެގަންނާށެވެ.