Pages

Wednesday, August 24, 2011

23 ރަމަޟާން: "މިނިވަންކަން ނެތި ހޭދަކޮށްލެވުނު 29 މިނެޓް"

23 ރަމަޟާން: "މިނިވަންކަން ނެތި ހޭދަކޮށްލެވުނު 29 މިނެޓް"


ދިއިސްލާމްވެސް ބައިވެރިވެގެން 23 ރަމަޟާން 1432ގައި ބޭއްވުނު "އަލް އަޤްޞާފޯރަމަށް" ތައްޔާރުވުމަށްޓަކާ ފަލަސްޠީނުގެ އެންމެ ފަހުގެ ޚަބަރުތައް ހޯދާ ޖަމަޢަކޮށްލުމަށްޓަކާ އެދުވަހުގެ މެންދުރު ނަމާދަށް ފަހު އަޅުގަނޑު މަސައްކަތްފެށީމެވެ. މިފަހަރުގެ މައުލޫމާތު ހޯދުމުގެ މަރުކަޒަކަށް ހެދީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ކޮމްޕިޔުޓަރ ލެބްއެވެ. އަޅުގަނޑު ބަލަމުންދިޔަ ކޮންމެ ޚަބަރަކީވެސް ހަމައެކަނި މިއަހަރުގެ ރަމަޟާން މަހުގެ ކޮންމެވެސް ދުވަހެއްގައި އިޒްރާއީލުން ކޮށްފައިވާ ލާއިންސާނީ ޢަމަލަކާ ބެހޭ ވާހަކައެކެވެ. އަޅުގަނޑުމެންނަށް އަޑުއިވޭ ޚަބަރުފަތުރާ ވަޞީލަތްތަކުން މިޚަބަރުތައް ނީވުނަސް، ކޮންމެ ދުވަހަކު ކޮންމެވެސް ސަހަރަކުން ކުށެއް ނެތް އެތައް މައުޞޫމް ފުރާނަތަކެއް ދުއްވާލެވޭކަން އަޅުގަނޑަށް ވިސްނުނީ މި ހުރިހާ މަޞްދަރުތަކަކުން ޚަބަރުތައް ބަލަންފެށީމައެވެ. މައުލޫމާތުތައް ފެންނަން ފެށި ވަރަކަށް އޭގެތެރެއަށް އިތުރަށް ވަދެވިގެންދެއެވެ. ކޮންމެ ޚަބަރަކީވެސް މުޙިއްމު ޚަބަރެކެވެ. އަނިޔާވެރި ޢަމަލުތައް ޢަމަލަކަށް ދޫކުރާނެ އެހެން އަނިޔާވެރި ޢަމަލެއްނުވޭވެސް ދެންނެވިދާނެއެވެ. ކޮންމެ ހާދިޘާއެއްގެ ތަފްޞީލް ކިޔާލުމުން ހަށިގަނޑު ތުރުތުރު އަޅައިގެންދެއެވެ. ހިތުގެ ތެޅުން އަވަސްވެއެވެ.

މިފަދައިން އަޅުގަނޑަށް އިނދެވުނު އިރެއްވެސް ނޭނގެއެވެ. އެހެން އިންދާ ދޭތެރެއަކުން ރައްޓެހިކުދިންކޮޅަކާ ދިމާވެދާނެއެވެ. ކުޑަކޮށް ވާހަކަ ދައްކާލާފާ އަނެއްކާވެސް މަސައްކަތް ކުރެވޭތޯ އުޅެމުން ދިޔައިރު، އެއް ފަހަރަކު ދިމާވި ކުއްޖަކު ކިޔާދިނެވެ. "އިއްޔެ ކޮމްޕް ލެބް ބަންދުކުރީ އަހަރެމެން އެތެރޭގައި ބައިތިއްބާފަ. އެހެންވެ، މިއަދު އަވަހަށް މިދަނީ." އަޅުގަނޑަށް އައީ ފާޑެއްގެ ހިންޏެކެވެ. އެކަހަލަ ލަނޑުވެސް މީހުންނަށް ލިބެނީތާއޭ ހިތަށް އެރިއެވެ. އަޅުގަނޑަށްވެސް އެފަދަކަމެއް ވުމަކީ ދުރުކަމެއް ނޫންކަން އެވަގުތު ހިތަށް އެރިޔަސް އެކަން އަޅުގަނޑަށްވީ ވަރަށް ހެއްވާ މަޖާ ކަމަކަށެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން އެހެންކުއްޖަކު ބުނެދިން ގޮތުގައި ރަމަޟާން މަހު ކޮމްޕް ލެބް ބަންދުކުރަނީ 3 ޖަހާއިރެވެ. ބައެއް ދުވަސްދުވަހު އެއަށްވުރެ ގިނަ އިރުވެސް ވެދާނެއެވެ. ނުވަތަ އަވަސްވެސް ވެދާނެއެވެ.

ކޮންމެއަކަސް، ޚަބަރުތަކުގެ ތެރެއަށް ވަދެވިފައި އަޅުގަނޑަށް އިނދެވުނީއެވެ. ކޮމްޕިޔުޓަރލެބް ބަންދުކުރަންވީމާ އެހެންޏާވެސް އައިޓީ ސްޓާފުން އައިސް އެކަން އަންގާލާނެއެވެ. ކުއްލިއަކަށް ގަޑި ބަލާލިއިރު 3 ޖަހަނީއެވެ. ދެން ދެވަނަ ފަހަރަށް ބަލާލެވުނު އިރު 3 ޖަހައިފިއެވެ. ދެންވެސް އައިޓީ ސްޓާފުންގެ ޢިޝާރާތެއް ނުވާތީ ޚަބަރުތައް ނިންމާލާފާ، "އަލްއަޤްޞާ ފޯރަމް" އިންތިޒާމްކުރާ އެހެން އަޚުންނާ ބައްދަލުކޮށްލަން އަވަހަށް ޢަޞުރު ނަމާދަށް އިސްލާމީ މަރުކަޒަށް ދާން ހިތަށް އެރިއެވެ. ބަންގި ގޮވަން ވާއިރަށް އަވަހަށް ދެވޭތޯ ނުކުންނަންވެގެން، ހުރިހާ މަސައްކަތެއް ސޭވްކޮށްލާފަ ވަށައިގެން ބަލާލިއިރު އެއްވެސް ކުއްޖެއްގެ ހިލަމެއް ނުވެއެވެ. ރަމަޟާން މަސްވީމާ އެންމެންވެސް އަވަހަށް މިސްކިތަށް ނުވަތަ ގެއަށް ދިޔައީކަމަށް ވެދާނެއެވެ. މިއީ މިރަމަޟާން މަހު މެންދުރު ފަހު ފެކަލްޓީ ކޮމްޕިއުޓަރ ލެބްގައި ހޭދަކުރާ ފުރަތަމަ ދުވަސްކަމުން ކުދިން ޢާއްމުކޮށް ގެއަށްދާ ނުދާ ވަގުތެއް ނޭނގޭތީ އެއީ ދެން މާ ބޮޑު ކަމަކަށްވެސް ނުހަދާ ލެބުން ނުކުތީމެވެ. ކޮރިޑޯރ ތެރެއިންވެސް އެއްވެސް ކުއްޖެއްގެ ނުވަތަ މުޥައްޒަފެއްގެވެސް ހިލަމެއް ނުވެއެވެ. މުޅިތަން ހީވަނީ ފަޅުވެފައިވާހެނެވެ. ދެންވެސް މިއީ ރަމަޟާން މަސް ވީމާ އައިސްގެން އުޅޭ ތަފާތެއްކަމަށް ނިންމާފާ ގްރައުންޑް ފްލޯއަށް ފައިބައިފީމެވެ. އެހެންފޭބިއިރު، ފުރަތަމަ ފްލޯއިން ޖެހިގެންހުރި ބިލްޑިންގއަށް ދާންހުރި ދޮރު ތަޅުލާފަ ހުރިތަން ދެކުނީމެވެ. އެކަމަކާވެސް އަޅައެއް ނުލަމެވެ. ދެންވެސް ބެލީ ބަންގި ގޮވަންވާއިރަށް އަވަހަށް މައިދޮރުން ބޭރުވެވޭތޯއެވެ. އެއްވެސް މީހަކު ފެންނަ ހިސާބުގައި ނެތީމާ ހިނގުމުގެ ސްޕީޑްވެސް އުޅެނީ އާދައިގެ ވަރަކަށްވުރެ މަތިކޮށެވެ.

ގްރައުންޑް ފްލޯއަށް ފޭބިއިރު މައިދޮރު ހުރީ ލައްޕާފައެވެ. އަދި ދޮޅުއިންޗިވަރުގެ ބޮޑު ތަޅަކުން ތަޅުވެސް އަޅުވާފައެވެ. މިޖެހުނީ ބޮޑުތާނގައެވެ. އެކަމަކުވެސް ޔަޤީންކޮށްލަން ދޮރުކާރިއަށް ޖެހިލާ ތަޅުގައި ހިފީމެވެ. ތެދެކެވެ. މިހުރީ ހަމަ ތަޅުލާފައެވެ. އަޅުގަނޑު އެތެރޭގައި ބަހައްޓާފާ މުޅި ބިލްޑިންގ މިހުރީ ބަންދުކޮށްފައެވެ. އަދި މި ބިލްޑިންއިން ބޭރަށް ނުކުމެވެން ދެންހުންނަ ދޮރުކަމަށްވާ އިރުމަތީފަޅީގައި ހުންނަ ދޮރުން ނިކުމެވޭތޯ އެދިމާއަށްވެސް ދިޔައީމެވެ. އެދޮރުވެސް ގުޑުވާނުލެވުނެވެ. މިދޮރު ތަޅުލާފާ ހުރީ އަދި މާ ވަރުގަދައަށެވެ.

ދެން ހިތަށްއެރީ އެއްވެސް ސްޓާފެއް އުޅޭތޯ ބެލުމަށެވެ. މަތީ ފްލޯތަކަށް އަރާ އެއްވެސް ރޫމެއްގައި ސްޓާފެއް އިންތޯ ބެލީމެވެ. ކޮމްޕިޔުޓަރ ލެބް ހުންނަ ދެވަނަ ފްލޯއާ ހަމައަށެވެ. އޭގެ މަތީ ފްލޯއަށް އަރާނެ ޚިޔާލެއް ނެތީކަމެއް ނުވަތަ ހިތްވަރެއް ނެތީކަމެއް ނޭނގެއެވެ. ގައިމުވެސް 3 ވަނަ ފްލޯއަކަށް ނާރަމެވެ. ދެން ކުރާނެކަމަށް ވިސްނުނީ ތިރިއަށް ފައިބާށެވެ. ޢަޞްރު ނަމާދަށް ބަންގިވެސް ގޮވަން ފަށައިފިއެވެ. ވަގުތުދަނީއެވެ. އަޅުގަނޑު މިހުރީ ބަންދުވެފައެވެ. ހިތަށް އެރިއެވެ. ރޯދަވީއްލަން ޖެހޭނެނަމަ، ކޫލަރުން ފެންލިބޭނެއެވެ. ހާރުކާން ޖެހިއްޖެ ނަމަވެސް ފެން މަދެއް ނުވާނެއެވެ. ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ؟ އެކަމަކު މިރޭގެ އަޤްޞާފޯރަމްވެސް މިސްވާނެއެވެ. އެކަން ތައްޔާރުކުރަން ނުވެސް އުޅެވޭނެއެވެ.

ޖީބުގައި ފޯނު އޮތްކަން ހަނދާންވީވެސް ދެނެވެ. އަވަހަށް ފޯނު ނަގާ ފެކަލްޓީ ގޯތި ތެރޭގައި ހުންނާނެކަމަށް ހީކުރި ރައްޓެއްސަކަށް ގުޅީމެވެ. ރިންގުވެއެވެ. ނަމަވެސް ރިންގު ކެނޑުނު އިރުވެސް ފޯނެއް ނުނެގިއެވެ. އަނެއްކާ ކިހިނެއް ވީބާއެވެ؟ އޭނާވެސް މިކަހަލަ ގޮތަކަށް ތަނެއްގައި ބަންދުވީ ބާވައެވެ؟ ނޫނީ މިސްކިތަށް އެރީބާވައެވެ؟ ދެންގުޅާނީ ކާކަށްބާވައެވެ؟ މިތާ ކާރި ހިސާބެއްގައި ހުންނާނީ ކާކުބާއޭ ހިތަށް އެރިއެވެ. މި ޚިޔާލުގައި ހުއްޓާ ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. ބަލާލިއިރު ކުރިން ގުޅަން އުޅުނު ކުއްޖާއެވެ. މެސެޖުގައިވަނީ "މިސްކިތުގައި" މިހެންނެވެ. އަލްޙަމްދުލިﷲއެވެ! އޭނާ ސަލާމަތުން އެބަހުއްޓެވެ. ރިޕްލައި ކޮށްލީމެވެ. "ނަމާދު ކޮށް ނިމުނީމަ ގުޅާލަބަލަ. ވ އާރޖެންޓް." ދެން ކެތްކޮށްލައިގެން މައިދޮރު ކައިރީ ހުރީއެވެ.

އެބިއްލޫރި ދޮރުގެ ތެރެއިން ބޭރު ފެނެއެވެ. ބަސް ސްޓޮޕަށް އައިސްތިބި ވިލާ ސްކޫލްގެ ކުދިންކޮޅެއް ދޮރުކާރީގައި އުޅެއެވެ. އަމީނީ މަގުން އެކި ކޮޅުކޮޅަށް ދުއްވާ ސައިކަލްތަކާއި ހިނގާ ބިނގާވެ އުޅޭ މީހުންތައްވެސް ބޭރުން ފެނެއެވެ. މިހުރިހާ ވަޤުތަކުވެސް ހިތަށް ވަންނަމުންދިޔައީ ވަރަށް އެހެންކަހަލަ އިޙްސާސްތަކެކެވެ. އެންމެ ހިނދުކޮޅަކަށްވެސް އެ އިޙްސާސްތަކުގެ ތެރޭގައި ހުންނާކަށް ބޭނުމެއް ނުވެއެވެ. ބޭނުންވީ އަވަހަށް އެ ބިލްޑިންގއިން ބޭރުވާނެ ގޮތެއް ބަލާށެވެ. އެއްގޮތް ނުވިއްޔާ އަނެއް ގޮތަކުންނެވެ.

އެހެންކަމުން ދެންވެސް މަޑުން ނުހުރެ މަސައްކަތްފެށީމެވެ. ރަނގަޅަށް ބޭރު ސްކޭން ކޮށްލިތަނުން ދޮރުގެ އެއްކައިރިއެއްގައި ފުރަގަސްދީގެން އިން ސެކިޔުރިޓީ ގާރޑެއްގެ ޔުނީފޯރމުން ތަންކޮޅެއް ފެނުނެވެ. އެހެންކަމުން އެދިމާއަށް ޖެހިލާ، ބިއްލޫރި ލޯގަނޑުގައި ކުޑަކޮށް އަތުން ޖަހާލީމެވެ. އޭނާއަށް ހިލަމެއް ނުވިއެވެ. އަނެއްކާ އިނީ ނިދާފަ ބާވައެވެ؟ މި ފަހަރު ޖެހީ ކުރީ ފަހަރަށްވުރެ ތަންކޮޅެއް ބާރަށެވެ. ދެން އެއަށްވުރެ ބާރަށެވެ. އާނއެކެވެ. މިފަހަރު އޭނާ ބަލާލައިފިއެވެ. އެއީ އެތާ އިންނަ ބިދޭސީ ވޮޗަރެކެވެ. ކުޑަކޮށް ދަންނަ މީހެކެވެ. އޭނާވެސް ފެށީ ފާޑަކަށް ހޭށެވެ. ކުޑަދޮރެއް ހުޅުވާލާފާ އޭނާގާތު މިވާހަކަ ބުނަން ފެށީމެވެ. އަވަހަށް ތަޅުދަނޑި ހޯދާދީގެން އައިސް ހުޅުވާދީ ބަލާށޭ ބުނުމުން ބުނީ ހުރިހާ ދޮރެއް ތަޅުލާފާ ތަޅުދަނޑި ހިފައިގެން ސަރުދާރު ހިނގައްޖެކަމަށެވެ.

ދެން އުޅުނީ ހަތަރު އުދަރެސް ފެނުޖެހޭށެވެ. ނަމަވެސް އިރާދަކުރައްވައިގެން އެހެނެއް ނުވިއެވެ. އޭނާ އެހެން ބުނިތާ ފަޅި ސިކުންތެއްވެސް ނުވަނީސް ވަރަށް ގާތް ރައްޓެއްސެއް ދޮރު ކުރިމަތިން ހުރަސްކުރިތަން ފެނިއްޖެއެވެ. އޭނާއަށް އަޅުގަނޑުވެސް ފެނިއްޖެއެވެ. އެހެންކަމުން ކާރިއަށް އައިސް ވެގެން އުޅެނީ ކިހިނެއްތޯ އަހާލިއެވެ. ވެގެން އުޅޭގޮތް ކިޔާދިނީމެވެ. އޭގެ އަނެއް ނޭވާގައި ދެން ފެނުނީ މަގުމަތިން ސައިކަލެއްގައި ދިޔަ ޔުނިވަރސިޓީ ކައުންސިލްގެ މެމްބަރ ދަރިވަރަށް މި މަންޒަރުފެނިގެން އަތުވެއްޖެއެވެ. ދެން މިހާރު މި ގާތްގަނޑަކަށް ސަލާމަތްވީއޭ ހިތަށް އެރިއެވެ. މި ފަދަ ދެ އެކުވެރިންވެސް ތިއްބާ މިމީހުންނަށް ގުޅާނުލެވުނު ކަމީ އަމިއްލަ ގަޅިކަމޭވެސް ހިތަށްއެރިއެވެ.

ކޮންމެއަކަސް އެކުއްޖާ އަޅުގަނޑުމެންގެ ޑީންއަށް ގުޅައިފިއެވެ. ޑީންވެސް ހުންނެވީ މިސްކިތުގައިކަމުން ނަމާދު ނިމުމުން އަންނާނެކަމަށް ވިދާޅުވިއެވެ. ދެން ޑީން އަންނަންދެން މިދެކުދިން އަޅުގަނޑާ ވާހަކަދައްކާލަން ބޭރުގައި މަޑުކޮށްލީއެވެ. މިހެން މައިދޮރުކައިރީ ވާހަކަދައްކަން ތިއްބާ، އެންމެ ވަރުގަދައަށް ތަޅުއަޅުވާފަ ހުރި އިރުމަތީފަރާތުގެ ދޮރު ހުޅުވާލިއަޑު އިވިއްޖެއެވެ. ދެން އިވުނީ އަނެއްކާވެސް ތަޅުލި އަޑުކަންނޭނގެއެވެ. އަވަހަށް ގޮސް ބަލާލިއިރު، އެދޮރު ތަޅުލާފާ ކޮންމެވެސް މީހަކު ނުކުމެގެން އެދަނީއެވެ. ކޮންމެވެސް ލެކްޗަރާއެއް ނުވަތަ ސްޓާފެކެވެ. އަޅުގަނޑުގާތު ތިބި ދެކުދިންގެ ތެރެއިން އެއް ކުއްޖަކު ގޮސް އެލެކްޗަރާއާ ދިމާކޮށްފިއެވެ. ދެން އަޅުގަނޑުވެސް އަވަހަށް އެދޮރުކާރިއަށް ގޮސްފީމެވެ. އެލެކްޗަރާއާއި އެކުއްޖާ އައިސް ދޮރު ހުޅުވަންދެން ކެތްމަދުވެފައި ހުރީމެވެ. ދޮރު ހުޅުވާލުމުން ލަސްތަކެއް ނުކޮށް އަވަހަށް ނުކުމެއްޖައީމެވެ. ހީވީ ނޭވާ ނުލެވިފައި ހުރުމަށްފަހު ތާޒާ ދިގު ނޭވާއެއް ލިބުން ހެންނެވެ.
އެލެކްޗަރާ އެއްސެވިއެވެ. "ކިހާއިރެއް ވެއްޖެތޯއެވެ؟" މާ ގިނަ އިރެއް ނުވެއޭ ދަންނަވާފާ ވަރަށް ޝުކުރު އަދާކޮށް ފެކަލްޓީ ގޯތިތެރެއިން އަވަސްގޮތަކަށް ބޭރުވެއްޖައީމެވެ. ތެދެކެވެ. މާގިނަ އިރެއް ނުވެއެވެ. ވީ އެންމެ 29 މިނެޓެވެ. ބޭރަށް ނުކުމެފައި ބޭރުގައި މަޑުކޮށްގެން ހުރި ރައްޓެހިކުއްޖާ ގާތު ބުނީމެވެ. "މިނިވަން ވެއްޖެއެވެ."
ދެން އެކުދިންނާއެކު ޔުނިވަރސިޓީ މިސްކިތަށް އަރާ ޢަޞްރު ނަމާދުކޮށްލައިފީމެވެ. ނަމާދު ނިމެނިކޮށް ކުރިން މިސްކިތުގައި ހުރި ކުއްޖާ ގުޅިއެވެ. އާރޖެންޓް ވެގެން އުޅޭތީ ހަމަ މިސްކިތުގެ ޖަމާޢަތް ނިމުމާއެކު އެގުޅީއެވެ. އަޅުގަނޑު ފަހުން އެކުއްޖާއަށް ގުޅާފާ ވީގޮތް ކިޔާދިނީމެވެ. ދެން ލިބިހުރި މިނިވަންކަމުގެ އިޙްސާސްތަކާއެކު ފެކަލްޓީއާ ދުރަށް ހިނގައިގަނެފީމެވެ. އަޅުގަނޑު ބަންދުވެފައި ހުރީ ގާތްގަނޑަކަށް ބަންގިއާ ނަމާދުގެ ޖަމާޢަތް ނިމުމާ ދެމެދުގެ ވަގުތުކޮޅުގައެވެ. އެއީ ކުރު ވަގުތު ކޮޅެކެވެ. ކުޑަ ހިނދުކޮޅެކެވެ.

އަޅުގަނޑަށް މި ދިމާވި ޙާދިޘާއާ އެދުވަހު އިންޓަރނެޓުން އެއްކުރި ޚަބަރުތަކާ އެކުވެގެން އަޅުގަނޑަށް ވަރަށް ރީތި ފިލާވަޅެއް ލިބިދިނެވެ. އެތާނގައި އެ ބަންދުވެފައި ހުރި 29 މިނެޓުން އެންމެ ހިނދުކޮޅަކުވެސް އިތުރަށް އެގޮތަށް ހޭދަކުރަން ބޭނުން ނުވީ ކީއްވެކަން އިނގިލައްވާތޯއެވެ؟ އޭރު އެވަމުންދިޔަ ތަފާތު އިޙްސާސަކީ ކޮން އިޙްސާސެއްކަން އެނގިލައްވާތޯއެވެ؟

އެއީ މިނިވަންކަން ނެތުމުގެ އިޙްސާސެވެ. އާދޭހެވެ. އަޅުވެތިކަމުގެ އިޚްސާސެވެ. ލޯގަނޑުން ބޭރުން މީސްތަކުން މިނިވަންކަމާއެކު އެކި ގޮތްގޮތަށް ޙަރަކާތްތެރިވާތަން ފެންނަމުން ދިޔައިރު އަޅުގަނޑު ހުރީ ބަންދުވެފައެވެ. މިނިވަންކަމުގެ އަގުވަޒަންކުރެވޭނީ އަޅުވެތިކަން އިޙްސާސްކުރަން ޖެހުމުންނޭ ބުނާބުނުން އެއީ ވަރަށް ބޮޑު ތެދެކެވެ. "އަޅުވެތިކަމުގައި" އަމިއްލަ ނަފްސް އެންމެ 29 މިނެޓް ހޭދަކޮށްލަން ނުރުހެވުނުއިރު، މުޅި ޢުމުރު އަޅުވެތިކަމުގައި ހޭދަކުރަމުންދާ އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި އުޚުތުންގެ ވޭނީ ތަޖުރިބާތައް އަޅުގަނޑުމެންނަށް އިޙްސާސްކުރެވޭނެބާވައެވެ؟ މި ބަރަކާތްތެރި ރަމަޟާންމަހު އެކަނިވެސް ފަލަސްތީނުގައި ހިނގާފައިވާ ހިތާމަވެރި ޙާދިޘާތައް ކިޔާލުމުން އަޅުގަނޑުމެންނަށް ވާ ހަމައެކަނި ކަމަކީ ލޯ ފެންކަޅިވުމެވެ. އެމީހުންނަށް އެހީވުމަށްޓަކާ ކުރެވެން އޮތް ކޮންމެކަމެއް ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެކަމެކެވެ. ޣައްޒާއާއި ހުޅަނގު އައްސޭރި ނޫން ހުރިހާތަނެއް އިޒްރާއީލް ހިފާފާ ވާއިރު، ޣައްޒާއާއި ހުޅަނގު އައްސޭރިއަކީވެސް މިނިވަން ތަންތަނެއް ނޫނެވެ. އެއީ ބޮޑު ދެ ޖަލެކެވެ. އެތާނގެ އެތެރޭގައިވެސް ސަލާމަތްތެރިކަން ނެތް، އެތަންތަނުން ބޭރުވާނެ ގޮތެއް، ފެންލިބޭނެ މަގެއް، ކާތަކެއްޗާއި ބޭސް ލިބޭނެ ގޮތެއްނެތި ވާ ތަންތަނެވެ.

އަޅުގަނޑު އެ 29 މިނެޓް އެންމެ ހިނދުކޮޅަކަށްވެސް ދެކޭކަށް ބޭނުމެއް ނޫނެވެ. އެހެން މީހަކަށް ވިޔަސް މެއެވެ. ނަމަވެސް 29 މިނެޓް ކީއްކުރަންތޯއެވެ، ކޮންމެ ދުވަހެއް ކޮންމެ މިނެޓެއް އެ"އަޅުވެތިކަމަށް" ވުރެ އެތައް ގުނަ ބިރުވެރި ނުރައްކާތެރި އަޅުވެތިކަމުގައި ޒަމާންތައް ހޭދަކުރަމުންދާ މުސްލިމް އަޚުންނާއި އުޚުތުންގެ މަތިން އަޅުގަނޑުމެން ހަނދާންކުރަން ޖެހެއެވެ. މިލިޔުން ކިޔާނެ ކޮންމެ ބޭފުޅަކުވެސް އެމުސްލިމް އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކޮށްދިނުމަށް އެދެމެވެ. ޚާއްޞަކޮށް މި ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައިވެސްމެއެވެ.

ނިންމާލަމުން ދަންނަވަމެވެ. މިހުރިހާ ވާހަކައެއް އަޑުއެއްސެވުމަށްފަހު ދެން މިއީ އެހާވަރުކަމެއް ހެއްޔޭ ނުބުނުއްވާށެވެ. އަޅުގަނޑަށްވެސް މިލަނޑު، ނުވަތަ އަސްލު ދަންނަވާނަމަ މި ފިލާވަޅު، މި ލިބުނީ މިއީ އެހާވަރު ކަމެއް ހެއްޔޭ ހިތަށް އެރީމަކަންނޭނގެއެވެ. މިއިޙްސާސްތައް ތަޖުރިބާ ކުރި މީހެއްގެ ޙައިޘިއްޔަތުން ތިއިން އެއްވެސް ބޭފުޅަކަށް އެފަދަ ކަމެއް ވާކަށް ނޭދެމެވެ. އަޅުގަނޑު އޭރު އެހޭދަކުރީ "މިނިވަންކަން ނެތި"ކަމަށްވާނަމަ، ފަލަސްޠީނާއި އެހެނިހެން ބިންތަކުގައި އަޅުވެތިކަން އިޙްޞާޞްކުރާ ފަރާތްތައް އެ ތަޖްރިބާކުރަނީ ކޮންފަދަ ބޮޑު އަޅުވެތިކަމެއްބާވައެވެ؟ އެބޭފުޅުންގެ އިޙްސާސްތަކާއި ގާތް އިޙްސާސެއްވެސް އަޅުގަނޑުމެންނަށް މިހެން ތިބެގެން ކިޔޭނެބާވައެވެ؟

                                                     
19 ރަމަޟާންގެ ޙާދިޘާގެ މަންޒަރުތައް އެކަނި ނަމަވެސް ބައްލަވާށެވެ. (ފަހަރެއްގައި ރޮވުމަކީ އެކަށީގެންވާކަމެއް!)


Tuesday, August 23, 2011

ގިނަ ބަޔަކަށް ސިހުން ދިނުމަށްފަހު ބްރެޒިލްގައި އިސްލާމްދީން ފެތުރެނީ



ދުނިޔޭގެ ކެތޮލިކް ކްރިސްޓިއަނުންގެ އާބާދީ އެންމެ ބޮޑު ޤައުމުކަމަށްވާ ބްރެޒިލްގައި ވަރަށް ބާރު މިނެއްގައި އިސްލާމްދީން ފެތުރިގެންދާކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ. އޭއެފްޕީ ފަދަ ބައެއް ނޫސްއިދާރާތަކުން މައުލޫމާތުދޭ ގޮތުގައި ބައެއް ނަޞާރާ ފާދިރީންވެސް ދަނީ އިސްލާމްވަމުންނެވެ.

ނިވާކަންކުޑަ ހެދުންލާއުޅޭ އަންހެނުން ގިނަ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބްރެޒިލްގައި އިސްލާމްދީން ފެތުރޭތީ ގިނަ ބަޔަކަށްވަނީ ޙައިރާންކަމެއް ލިބިފާކަމަށް ބައެއް ފަރާތްތަކުން މައުލޫމާތުދެއެވެ.

ވަރަށް ފަހުން އިސްލާމްވެލައްވާފައިވާ ކުރީގެ ފާދިރީއެއް ކަމަށްވާ ޢުމަރު އިސްރާފިލް ދާވޫދު ބިން އިބްރާހީމް އޭއެފްޕީ ނޫހަށް ދީފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ "އަހަރެން ކުރިން ހޯދި ހުރިހާކަމެއް އިސްލާމްދީނުން ފެނިފައިވާ" ކަމަށެވެ. ޢުމަރުގެ އަނބިކަނބަލުން ފާޠިމާއަކީ ވެސް އަލަށް އިސްލާމްވެލައްވާފައިވާ އަދި މިހާރު އިސްލާމީ ޙިޖާބު ތުރުކުރައްވާފައިވާ ބޭކަނބަލެކެވެ.

ނިވާކަންކުޑަ ހެދުންތައް ޢާއްމުވެފައިވާ ބްރެޒިލްގައި ބުރުގާ އަޅައިގެން އުޅުމުން ދަތިތަކާ ކުރިމަތިވާނެކަމަށާއި ނަމަވެސް ގިނަ ޘަޤާފަތްތަކެއް އެކުލެވޭ ބްރެޒިލްގައި އިސްލާމްދީނަށްވެސް ޖާގަ ލިބޭނެކަމަށް ފާޠިމާ ވިދާޅުވެއެވެ.

މީގެ އަހަރުތަކެއް ކުރިއާ ހަމައަށް ބްރެޒިލްގެ މުސްލިމް އާބާދީގެ ބޮޑު ބަޔަކީ ލީބިޔާ، ފަލަސްޠީން އަދި ސީރިޔާއިން ހިޖުރަކޮށްފައިވާ ދަރިކޮޅުތަކުގެ މީހުންނެވެ. ނަމަވެސް، މިހާރު ބްރެޒިލްގެ މުސްލިމް އާބާދީގެ ބޮޑު ބަޔަކީ އަލަށް އިސްލާމްވާ މީހުންކަމަށް "ބެނެފިޝެންޓް މުސްލިމް ސޮސައިޓީ"ގެ ސްޕޯކްސްޕާރޒަން ސާމީ އިސަބެލް ވިދާޅުވެއެވެ.


އަދި އިތުރަށް ވިދާޅުވެފައިވަނީ "ރިއޯ (ބްރެޒިލްގެ ވެރިރަށް)ގައި 500 ވަރަކަށް މުސްލިމް އާއިލާ އުޅޭނެ. އޭގެ ތެރެއިން 85 އިންސައްތަ އަކީ އަލަށް އިސްލާމްވި ބްރެޒިލްމީހުން. މިމީހުންނަކީ ޢަރަބި ނަސްލާ ގުޅުން ހުރި ބައެއް ނޫން."

ނަމަވެސް ބްރެޒިލްގެ ރަސްމީ ބޯހިމެނުމުގައި މުސްލިމުންގެ އާބާދީއެއް ނުގުނައެވެ. ދީންތަކެއްގެ ގޮތުގައި ބޯހިމެނުމުގައި ޚާއްސަކޮށް ހިމަނަނީ ކެތޮލިކުންނާއި، އެވަންޖެލިކުންނާއި، ޔަހޫދީންނާއި، ސްޕިރިޗުއަލިސްޓުންނާއި އެފްރިކާ-ބްރެޒިލްގެ ދީންތަކެވެ.

މުސްލިމުންގެ އާބާދީ ހިމަނަނީ ބްޑިސްޓުންނާއި އެހެނިހެން ދީންތަކާއެކު "އެހެނިހެން ދީންތައް"ގެ ދަށުގައި ކަމަށް،  "ފްމިނެންސް ފެޑަރަލް ޔުނިވާރސިޓީ"ގެ ޕައުލޯ ޕިންޓޯ ވިދާޅުވެފައިވެއެވެ. ބްރެޒިލްގައި އެއްމިލިއަން މުސްލިމުން އުޅޭނެކަމަށް ޕައުލޯ ޕިންޓޯ ޤަބޫލުކުރައްވައެވެ.

މިކަން އެންމެ ބޮޑަށް ދޭހަވާނެ އެއް ޢިޝާރާތަކީ ބްރެޒިލްގައި އިތުރުވަމުން އަންނަ މިސްކިތްތަކުގެ އަދަދުކަމަށް ޕައުލޯ ވިދާޅުވެއެވެ. މިހާރު ބްރެޒިލްގައި 127 އަށްވުރެ ގިނަ މިސްކިތް ހުރެއެވެ. މިއީ 2000 ވަނަ އަހަރުގެ ޢަދަދުތަކާއި އަޅާ ބަލާއިރު 4 ގުނަ އިތުރު އަދަދެކެވެ.

ބްރެޒިލްގައިވެސް އިސްލާމްދީން ކުރިއަރަން ފަށާފައިވަނީ 11 ސެޕްޓެމްބަރ 2001ގެ ޙާދިޡާއަށް ފަހު އިސްލާމްދީނާމެދު މީހުން ޝައުޤުވެރިވެ އިސްލާމްވާން ބޭނުންވެގެންކަމަށް ޕައުލޯ ވިދާޅުވެއެވެ.

އިސްލާމްދީނާމެދު ބްރެޒިލްގެ ގިނަ ބައެއްގެ ލޯބި އުފެދިފައިވަނީ ސެޕްޓެމްބަރ 11 ގެ ތިން ހަފްތާ ފަހުން ފެށިގެން މޮރޮކޯއިން ދައްކަމުން ގެންދާ ޓީވީ ސީރީސްއެއްކަމަށްވާ "ދަ ކްލޯން"ގެ ސަބަބުންކަމަށްވެސް ބައެއް ފަޜާތްތަކުން ޤަބޫލުކުރައްވައެވެ.




Thursday, August 18, 2011

ބަދުރުގެ ހަނދާންތަކުން: "ބޭބޭ ކޮބައިހޭ އަބޫ ޖަހުލު؟"



"ބަދުރުގެ މައިދާނުގައި، ޞަޙާބީއަކު ވިދާޅުވަނީ..." މިއީ ޝެއިޚް އިލްޔާސް ޙުސައިންގެ އަސަރުގަދަ ތަޤްރީރަކުން ވަރަށް ގިނަ ބަޔަކު އަޑު އަހާފައިވާ މަޝްހޫރު ވާހަކައެއްގެ ވާހަކައެވެ. އެވާހަކައެއް އަޑު އެހުމަށްފަހު އަޅުގަނޑުމެން ލަދުގަނެ އަމިއްލަ ނަފްސަށް މަލާމާތްކުރާ ވަރުގެ ވާހަކައެއްގެ ވާހަކައެވެ. އަޅުގަނޑުމެން "ޢުޛުރުވެރިވެފައިވާ" މިންވަރު އިތުރަށް މުރާޖަޢާކޮށްލަން މަޖްބޫރުކުރުވާ ފަދަ ވާހަކައެއްގެ ވާހަކައެވެ.

ދައްކަން މިއުޅެނީ ކުޑަ ކުޑަ ދެކުދިން، ނުވަތަ ކިރިޔާ ބާލިޣްވާ ޢުމުރުގެދެކުދިން ބަދުރުގެ މައިދާނުގައި ދެއްކެވި ހިތްވަރުގެ ވާހަކައެވެ. އަބޫ ޖަހުލު މަރާލުމަށްޓަކާ އެދެކުދިން ކުރި ޖިހާދުގެ ވާހަކައެވެ. ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ ވީ ލޯބީގެ މަތިވެރިކަމުގެ ވާހަކައެވެ.

މިއީ އޭގެ ސަނަދާއި މެދު ޝައްކެއް ކުރުމުގެ ޖާގަނެތްހާ ޞައްޙަ ޞަރީޙަ ވާހަކައެކެވެ. ބުޚާރީއާއި މުސްލިމް އަދި ޙާކިމް އާއި ޠަބަރީ އާއި ބައިޙަޤީވެސް އެބޭކަލުންގެ ފޮތްތަކުގައި ބަޔާންކުރައްވާފައިވާ ޙާދިޘާއެކެވެ. އެހުރިހާ ބޭކަލުން ޢަބްދުއްރަޙްމާން ބުން ޢައުފް (ރަޟިޔަﷲ ޢަންހް)ގެ ކިބައިން ރިވާކުރެއްވި ޙާދިޘާ ޝެއިޚް ޢަބްދުﷲ ޢައްޒާމް (ރަޙިމަހުﷲ) ލިޔުއްވި ފޮތެއްގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.

ޢަބްދުއްރަޙްމާން ވިދާޅުވިއެވެ. ބަދުރުގެ ދުވަހު ސަފުތަކުގައި ތިމަންކަލޭފާނު ހުންނެވީމެވެ. އެވަޤުތު ކުޑަ ކުއްޖަކު ތިމަންކަލޭފާނާ ގާތްވެލިއެވެ. އޭނާ ވާނީ ބާލިޣްވުމުގެ ޢުމުރުގައެވެ. ނުވަތަ ކިރިޔާ ބާލިޣްވުމުގެ ޢުމުރު ފަހަނަ އަޅާފައެވެ. އެކުއްޖާ ބުންޏެވެ. "އޭ ބޮޑުބޭބޭއެވެ. ކޮބައިހޭ އަބޫޖަހުލު؟"

ތިމަންކަލޭގެފާނު ދެންނެވީމެވެ. "ކޮއިފުޅު އޭނާ ތި ހޯދަނީ ކީއްކުރަންހެއްޔެވެ؟"

އެކަލޭގެފާނު އެހުންނެވީ ޙައިރާންވެ ޢަޖާއިބުވެލައްވާފައެވެ. އެހެނީ މިކުޑަ ކުޑަ ކުއްޖާ އެ އަހަނީ އަބޫޖަހުލުގެ ވާހަކައެވެ. ހަނގުރާމަވެރި، ޖާހިލިއްޔަތުގެ ކޮމާންޑަރުގެ ވާހަކައެވެ.

އެކުޑަކުއްޖާ ޖަވާބު ދިނެވެ. "އޭނާ، ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް)އަށް އެއްޗެހި ކިޔާ ވާހަކަ ތިމަން އަޑުއެހީމެވެ. ﷲ ގަންދީ ބުނަމެވެ. އަހަންނަށް އޭނާ ފެނިއްޖެ ނަމަ، ތިމަންގެ ހިޔަނި އޭނާގެ ހިޔަންޏާއި ވަކިވާނީ ތިމަން އޭނާ ޤަތުލުކޮށްފައެވެ. ނުވަތަ އޭނާގެ އަތުން ތިމަން ޤަތުލުވެގެންނެވެ."

އޭގެ ހިނދުކޮޅެއް ފަހެވެ. އެހެން ކުއްޖަކު ތިމަންކަލޭގެފާނާ ގާތްވެލިއެވެ. މިކުއްޖާއަކީވެސް ކުރީގެ ކުއްޖާއާ އެއް ޢުމުރެއްގެ ކުއްޖެކެވެ. މިކުއްޖާ އެހިއެވެ. "އޭ ބޮޑުބޭބޭއެވެ. ކޮބައިހޭ އަބޫ ޖަހުލު؟" ތިމަންކަލޭގެފާނު އޭނާއަށް ދެންނެވީމެވެ. "ކޮއިފުޅު އޭނާ ތި ހޯދަނީ ކީއްކުރަން ހެއްޔެވެ؟" އެކުއްޖާ ޖަވާބުދިނެވެ. " އޭނާ، ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް)އަށް އެއްޗެހި ކިޔާ ވާހަކަ ތިމަންމެން އަޑުއެހީމެވެ. ﷲ ގަންދީ ބުނަމެވެ. އަހަންނަށް އޭނާ ފެނިއްޖެ ނަމަ، ތިމަންގެ ހިޔަނި އޭނާގެ ހިޔަންޏާއި ވަކިވާނީ ތިމަން އޭނާ ޤަތުލުކޮށްފައެވެ. ނުވަތަ އޭނާގެ އަތުން ތިމަން ޤަތުލުވެގެންނެވެ."

އިރުކޮޅެއް ފަހުން ތިމަންކަލޭގެފާނަށް ވަރަށް ދުރުން އަބޫ ޖަހުލު ފެނިއްޖެއެވެ. އެހެންކަމުން ތިމަންކަލޭގެފާނު ދެންނެވީމެވެ. "ތިޔަކުދިންގެ މީހާ (ތިޔަ ކުދިން ހޯދާ މީހާ) އެހުރީއެވެ."

އަދި ތިމަންކަލޭގެފާނު ހިތްޕުޅަށް އެރިއެވެ. މިޒުވާނާގެ އަރިކަށީގެ މެދުގައި ތިމަންކަލޭގެފާނު ވީނަމައެވެ.

ދެން ފަހެ އެދެކުދިން އޭނާއާ ދިމާއަށް ދުއްވައިގަތެވެ. އޭގެ ކުޑަ ހިނދުކޮޅެއް ފަހުން، އެދެކުދިން އެނބުރިއައެވެ. "އޭ ﷲގެ ރަސޫލާ (ޞައްލަﷲ ޢަލައިހިވަސައްލަމް) އެވެ. ތިމަންމެން އޭނާ ޤަތުލުކޮށްފީމެވެ!" ގޮވަމުންނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "ތިކުދިންގެ ތެރެއިން އޭނާ ޤަތުލުކޮށްލީ ކޮންކުއްޖެއްހެއްޔެވެ؟"

މުޢާޛް ބިން ޢަމްރު ބުނުލް ޖަމޫޙް ދެންނެވިއެވެ. "ތިމަންނައެވެ."

މުޢާޛް ބިން ޢަފްރާ ދެންނެވިއެވެ. "ތިމަންނައެވެ"

ދެން ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ޙަދީޘްކުރެއްވިއެވެ. "ތިކުދިންގެ ކަނޑި މިހާރު ފޮހެލައިފިން ހެއްޔެވެ؟"

އެކުދިން ދެންނެވިއެވެ. "ނޫނެކެވެ."

އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނަށް އެތަކެތި ދައްކާށެވެ."

އެހިނދު، އެދެކަނޑީގައިވެސް ލޭވަނިކޮށް އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ދެކެވަޑައިގަތެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އޭނާ ޤަތުލުކުރީ ތިޔަ ދެކުދިންނެވެ."

ސުބުޙާނަﷲ އެވެ! މިއީ ކުޑަކުޑަ ދެކުދިން އިތުރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދިފާޢުގައި ކުރެއްވި ޖިހާދުގެ މަތިވެރި މިޘާލެކެވެ. ނުބައި ނުލަފާ އެންމެ ބޮޑެތި ޢަދާވާތްތެރިންގެ ތެރެއިންވެސް މިއުއްމަތުގެ ފިރުޢައުނު ފަދަ ވަރުގަދަ މީހަކު ބިންމަތިކޮށްލުމަށް ކުޑަކުޑަ ދެކުދިން ކޮށްފައިވާ މަސައްކަތެވެ. އެކުދިންގެ ހިތްތަކުގައި ޖިހާދަށް ދެވިފައިވާ ޝައުޤުވެރިކަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދިފާޢަށް ނުކުންނަވަން ހުރި ޝައުޤެވެ. ދީނަށް ޚިދުމަތްކުރަން ކުރެއްވި މަސައްކަތެވެ.

ބަދުރުގެ ދުވަހު ޢަބްދުﷲ ބިން މަޞްޢޫދު (ރަޟިޔަﷲ ޢަންހް) މަރުވެފައިވާ ހަށިތަކުގެ ތެރެއިން ހޯއްދަވަމުންދަނިކޮށް، އަބޫ ޖަހުލު އޭނާގެ އެންމެ ފަހު ނޭވާގައި ވަނިކޮށް ފެނިވަޑައިގެން، އޭނާގެ މޭމަތީގައި އިށީންނެވިއެވެ. އަބޫ ޖަހުލު އޭނާގެ ލޯ ހުޅުވާލިއިރު ޢަބްދުﷲ ބިން މަޞްޢޫދު އޭނާގެ މޭމަތީގައި ސަވާރުވެ އިންތަން ދެކުނެވެ. އަދި މަލާމާތުގެ ރާގަކަށް ބުންޏެވެ. "ތިޔައީ މައްކާގައި އަހަރެމެންގެ ބަކަރި ހުއިހައްޕާމީހުންގެ ތެރެއިން މީހެއް ނޫންހެއްޔެވެ؟"

އިބްން މަޞްޢޫދު ވިދާޅުވިއެވެ. "އޭ ﷲގެ ޢަދުއްވާއެވެ، ހަމަކަށަވަރުންވެސް ތިމަންނައަކީ އޭގެ މީހެކެވެ." މިބަހުން އަބޫ ޖަހުލުގެ މާޔޫސްކަމަށް އިތުރުވެގެން ދާނޭކަން ގައިމެވެ.

އަނެއްކާވެސް އަބޫ ޖަހުލު ބުންޏެވެ. "އޭ ޖަމަލު ހުއިހައްޕާ ކަލޭގެއާއެވެ، ކަލޭ އަމިއްލައަށް އުނދަގޫ ޙާލަތަކަށް ތިޔަ ވެއްޓިގަތީއެވެ. ކަލޭ ތިޔައިނީ އަހުރެންގެ މޭމަތީގައި ހެއްޔެވެ؟ އެއްވެސް މީހަކު ތިޔަ ފަދަ މާތް އެއްޗެއް މަތީ ދުވަހަކު އިށީނދެފައެއް ނުވެއެވެ."

އިބްނު މަޞްޢޫދު ވިދާޅުވިއެވެ. "މިއަދު ކޮންބައެއް ހެއްޔެވެ؟ ނަޞްރު ލިބިގެންވަނީ ކޮންބަޔަކު ހެއްޔެވެ؟ އެއީ ﷲ އާއި އެކަލާނގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)އެވެ."

ބައެއް ރިވާޔަތްތަކުގައި ބަޔާންވެފައިވާ ފަދައިން އެދުވަހު އަބޫ ޖަހުލު ޢަބްދުﷲ ބިން މަޞްޢޫދަށް ބުންޏެވެ. "އަހަރެންގެ އެންމެ ފަހު ނޭވާއާ ހަމައަށް އޭނާގެ ޢަދުއްވެއްގެ ގޮތުގައި ހުންނާނެ ވާހަކަ މުޙައްމަދު ގާތު ބުނާށެވެ."

މިއީ މިއުއްމަތުގެ ފިރުޢައުނެވެ. މޫސާގެފާނުގެ ޤައުމުގެ ފިރުޢައުނުވެސް މަރުވާންވީމާ ތިމަންނާ އިސްލާމް ވެއްޖައީމޭ ބުންޏެވެ. ނަމަވެސް މިއުއްމަތުގެ ފިރުޢައުނު މަރުވާނެކަން ޔަޤީންވީމާވެސް ކާފަރުކަން އިތުރަށް ޔަޤީންކުރީއެވެ. މިއީ މި ފިރުޢައުނުގެ ނުބައިކަން ދޭހަވާ ކަމެއްވެސް މެއެވެ. ނަމަވެސް ވިސްނަވާށެވެ. އެފިރުޢައުނު އެފަދައިން ބިންމަތިކޮށްލާފައިއެވަނީ ކުޑަކުޑަ ދެކުދީންގެ އަތްމަތިންނެވެ.

ދެން، ފަހުން އެދެކުދިންނަށް ކަންތައްވީ ގޮތް ބަލާލަމާހެއްޔެވެ؟

މިޝްކާތުލް މަސާބީޙްގައި ބަޔާންވެފައިވާކަމަށް ވެއެވެ. ޢަބްދުއްރަޙްމާން ބުން ޢައުފް (ރަޟިޔަﷲ ޢަންހް) ވިދާޅުވިއެވެ.

"އަބޫޖަހުލުގެ މުދަލުގެ ޣަނީމާ މުޢާޛް ބިން ޢަފްރާއަށް ނުބެހެއެވެ. އެއީ އެދުވަހު ފަހުން އޭނާ ޝަހީދުވެފައިވާތީއެވެ."

އެދެކުދިންގެ ތެރެއިން އެއް މުޢާޛް ބަދުރުގެ ދުވަހު ޝަހީދުވެފައިވާއިރު، މުޢާޛް ބިން ޢަމްރު ބިން ޖަމޫޙް ވަނީ ޢުޘްމާނުގެފާނުގެ ޚިލާފަތާ ހަމައަށް ދުނިޔޭގައި ހުންނަވާފައެވެ. ފަހުން ބަދުރުގެ ދުވަހުގެ ޙާދިޘާ އެކަލޭގެފާނުގެ ދޫފުޅުން ކިޔާދެއްވިއެވެ.

"ބަދުރުގެ ދުވަހު ތިމަންކަލޭގެފާނުގެ އަމާޒެއްކަމަށް އަބޫ ޖަހުލު ހެދީމެވެ. އެހެންކަމުން، އެންމެފަހުން ތިމަންކަލޭގެފާނަށް އޭނާ ފެނުމުން، ދުވެގޮސް އޭނާގެ ފަލަމަސްގަނޑުގެ މެދުން ފަޅާލާ އޭނާއަށް ހަމަލާ ދިނީމެވެ. ކުއްލިއަކަށް އޭނާގެ ދަރިކަލުން ޢިކްރިމާ ތިމަންކަލޭގެފާނުގެ ކޮނޑުހުޅަށް ހަމަލާއެއް އަރުވާލައިފިއެވެ. އޭގެ ސަބަބުން އެއަތް ތިމަންކަލޭގެފާނުގެ ހަށިގަނޑުން އެލިފައި އޮތީ ތުނި ހަންފަށަލައަކުންނެވެ. މިހެން އަތް އެލުވައިގެން ދަމައިގެން އުޅެން ޖެހުމުން އެދުވަހު ފަހުން ތިމަންކަލޭގެފާނަށް ހަނގުރާމަ ކުރެވޭ ގޮތެއް ނުވިއެވެ. މިފަދައިން މަޑުންވެސް ނުހުރެވުމުން، އެންމެފަހުން މިއަތް މައްޗަށް ފައިން އަރާ ހަށިގަނޑު ފަހަތަށް ފުންމާލައިގެން އެއަތް ތިމަންކަލޭގެފާނުގެ ގައިން ލުހެލާ ވަކިކޮށްލީއެވެ."

މިއީ ޒުވާނުންނެވެ. ޢުމުރުން އެންމެ 17 އަހަރެއްވަރުގެ ދެކުދިންނެވެ. ޝެއިޚް ޢަބްދުﷲ ޢައްޒާމް (ރަޙިމަހުﷲ) ބަޔާންކުރައްވާފައިވާ ފަދައިން މިހާރު ނަމަ ހައިސްކޫލަށް ވަންނަ ޢުމުރުގައި ތިބި ދެކުދިންނެވެ. ރާއްޖޭގެ މިހާރުގެ މިންގަނޑުން ބަލާނަމަވެސް، އެއީ އަދި ތުއްތު ދެކުދިންނެވެ. އަޅުގަނޑުމެން މިފަދަ ވާހަކަތައް އަހާފައި ޢިބްރަތް ޙާޞިލްކުރަންވެއްޖެއެވެ. އަހަރެމެން ވިހި ބާވީސް އަހަރަށް އަޅައިގެންދާއިރުވެސް މިތިބެނީ އަދި އިސްލާމްދީނަށް ޚިދުމަތްކުރަން މާ 'ޅަ' ކަމަށް ބަލައިގެންނެވެ.
އިސްލާމްދީނަށް ކޮންމެހެން ތިބާގެ ޚިދުމަތެއް ބޭނުމެއްވެސް ނޫނެވެ. ތިބާއާ އެކު ވިޔަސް، ނުވަތަ ނޫން ވިޔަސް އިސްލާމްދީނަށް ނަޞްރު ލިބޭނެއެވެ. ތިބާގެ އަމާޒަކަށްވާންވީ މި ދީނަށް ނަޞްރުދޭ މީހުންގެ ތެރޭގައި ހިމެނޭތޯއެވެ. ތިބާގެ ޒުވާން ޢުމުރު އެކަމުގައި ހޭދަކުރެވޭތޯއެވެ. އާނއެކެވެ. މިހާރެވެ. މިހާރު ނޫނީ ދެން ކޮން އިރަކުން ހެއްޔެވެ؟

Friday, August 12, 2011

އިތިއޯޕިއާގައި އިސްލާމްދީން ފެތުރުމަށް ޒުވާނުންކޮޅެއް ހުސްފައިގައި އެތައް ސަތޭކަ ކިލޯމީޓަރަކަށް





އިތިއޯޕިއާގައި އިސްލާމްދީނުގެ އަޞްލު ދައުވަތު ފޯރުކޮށްދެއްވުމަށްޓަކާ ޒުވާނުންކޮޅެއް އިސްނަގައިގެން މި ރަމަޟާން މަހު މަސައްކަތް އިތުރުކޮށްލައިފިއެވެ.
ހުސްފައިގައި ހިނގާފައި އެތައް ކިލޯމީޓަރެއް ހުރަސްކުރަމުން ދާ މި ޒުވާނުންކޮޅު މި މަސައްކަތް ފަށާފައިމިވަނީ ރަމަޟާން މަހުގައި ދައުވަތުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށެވެ. އަދި އިސްލާމްދީނުގެ ޞައްޙަ ތަޢުލީމު ފެތުރުމަށެވެ.
80 މިލިއަނަށް ވުރެ އާބާދީ ބޮޑު އިތިއޯޕިއާގައި  މުސްލިމުންނާއި ކްރިސްޓިއަނުން ސުލްޙަވެރިކަމާއެކު ދިރިއުޅެމުން ދާކަމީ ދުނިޔޭގެ ގިނަ ބަޔަކު ފާހަގަކުރާ ކަމެކެވެ.

އިސްލާމްދީނުގެ ޞައްޙަ ދަޢުވަތު ފެތުރުމަށް މަސައްކަތްކުރާ ދާޢީންގެ މަސައްކަތުން ﷲގެ ރަޙްމަތާއެކު އިތިއޯޕިއާގައި އިސްލާމްދީން އަންނަނީ އިތުރަށް ފެތުރެމުންނެވެ. ޚަބަރުފަތުރާ ބައެއް ފަރާތްތަކުން މަޢުލޫމާތު ދޭގޮތުގައި ރަސްމީ ހިސާބުތަކުން މުސްލިމުންގެ އާބާދީއަކީ 35 އިންސައްތަ ކަމަށް ދެއްކިޔަސް، ފަހުގެ ދިރާސާތަކުން މި އިންސައްތަ 50 މިހާރު  އިންސައްތައާ އެއްވަރުވާނެއެވެ.

"އިޓިނެރެންޓްސް" ނުވަތަ ގެއެއްނެތި ދަތުރުކުރާ މުސާފިރުންގެ ގޮތުގައި މަޝްހޫރުވެފައިވާ މިޒުވާނުން އެއް ވިލެޖުން އަނެއް ވިލެޖަށް ދަތުރުކޮށް އެރަށެއްގެ ބަޔަކާއެކު ޖަމާޢަތުގެ ނަމާދުގައި ބައިވެރިއެވެ. އަދި އޭގެ ފަހުން ދީނާ ބެހޭ ގޮތުން މީސްތަކުންނަށް ތަޢުލީމުދެއެވެ. ހަމައެއާ އެކު، މި "އިޓިނެރެންޓްސް" ޢައިރު މުސްލިމުންނަށް ވެސް އިސްލާމް ދީނާ ބެހޭ މައުލޫމާތުވެސް ދެއެވެ.

ރާއްޖެފަދަ މުސްލިމުން އުޅޭ ޤައުމުތަކުގައިވެސް މިފަދަ ޙަރަކާތްތައް ހިންގާ ރަށްފުށުގައި އުޅޭ މީސްތަކުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ މުޙިއްމު ކަމެކެވެ. ނަމަވެސް، އެކަމުގައި ބިދުޢަވެރި ޖަމާޢަތްތަކުގެ ދައުވަތުން ސަލާމަތްވެ ދީނީ ޢިލްމުވެރިންގެ އިރުޝާދާއެކު އިސްލާމްދީނުގެ ޞައްޙަ މައުލޫމާތު ފޯރުކޮށްދިނުމަށް ވިސްނަންޖެހެއެވެ.

އިތިއޯޕިއާގައި އިސްލާމްދީން ފެތުރުމަށް ޒުވާނުންކޮޅެއް ހުސްފައިގައި އެތައް ސަތޭކަ ކިލޯމީޓަރަކަށް

އިތިއޯޕިއާގައި އިސްލާމްދީނުގެ އަޞްލު ދައުވަތު ފޯރުކޮށްދެއްވުމަށްޓަކާ ޒުވާނުންކޮޅެއް އިސްނަގައިގެން މި ރަމަޟާން މަހު މަސައްކަތް އިތުރުކޮށްލައިފިއެވެ.ހުސްފައިގައި ހިނގާފައި އެތައް ކިލޯމީޓަރެއް ހުރަސްކުރަމުން ދާ މި ޒުވާނުންކޮޅު މި މަސައްކަތް ފަށާފައިމިވަނީ ރަމަޟާން މަހުގައި ދައުވަތުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށެވެ. އަދި އިސްލާމްދީނުގެ ޞައްޙަ ތަޢުލީމު ފެތުރުމަށެވެ.80 މިލިއަނަށް ވުރެ އާބާދީ ބޮޑު އިތިއޯޕިއާގައި  މުސްލިމުންނާއި ކްރިސްޓިއަނުން ސުލްޙަވެރިކަމާއެކު ދިރިއުޅެމުން ދާކަމީ ދުނިޔޭގެ ގިނަ ބަޔަކު ފާހަގަކުރާ ކަމެކެވެ.
އިސްލާމްދީނުގެ ޞައްޙަ ދަޢުވަތު ފެތުރުމަށް މަސައްކަތްކުރާ ދާޢީންގެ މަސައްކަތުން ﷲގެ ރަޙްމަތާއެކު އިތިއޯޕިއާގައި އިސްލާމްދީން އަންނަނީ އިތުރަށް ފެތުރެމުންނެވެ. ޚަބަރުފަތުރާ ބައެއް ފަރާތްތަކުން މަޢުލޫމާތު ދޭގޮތުގައި ރަސްމީ ހިސާބުތަކުން މުސްލިމުންގެ އާބާދީއަކީ 35 އިންސައްތަ ކަމަށް ދެއްކިޔަސް، ފަހުގެ ދިރާސާތަކުން މި އިންސައްތަ 50 މިހާރު  އިންސައްތައާ އެއްވަރުވާނެއެވެ.
“އިޓިނެރެންޓްސް” ނުވަތަ ގެއެއްނެތި ދަތުރުކުރާ މުސާފިރުންގެ ގޮތުގައި މަޝްހޫރުވެފައިވާ މިޒުވާނުން އެއް ވިލެޖުން އަނެއް ވިލެޖަށް ދަތުރުކޮށް އެރަށެއްގެ ބަޔަކާއެކު ޖަމާޢަތުގެ ނަމާދުގައި ބައިވެރިއެވެ. އަދި އޭގެ ފަހުން ދީނާ ބެހޭ ގޮތުން މީސްތަކުންނަށް ތަޢުލީމުދެއެވެ. ހަމައެއާ އެކު، މި “އިޓިނެރެންޓްސް” ޢައިރު މުސްލިމުންނަށް ވެސް އިސްލާމް ދީނާ ބެހޭ މައުލޫމާތުވެސް ދެއެވެ.
ރާއްޖެފަދަ މުސްލިމުން އުޅޭ ޤައުމުތަކުގައިވެސް މިފަދަ ޙަރަކާތްތައް ހިންގާ ރަށްފުށުގައި އުޅޭ މީސްތަކުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ މުޙިއްމު ކަމެކެވެ. ނަމަވެސް، އެކަމުގައި ބިދުޢަވެރި ޖަމާޢަތްތަކުގެ ދައުވަތުން ސަލާމަތްވެ ދީނީ ޢިލްމުވެރިންގެ އިރުޝާދާއެކު އިސްލާމްދީނުގެ ޞައްޙަ މައުލޫމާތު ފޯރުކޮށްދިނުމަށް ވިސްނަންޖެހެއެވެ.

Wednesday, August 03, 2011

އޮސްޓްރޭލިޔާގެ ރަގްބީ ކުޅުންތެރިޔާ ކޮރީ ޕެޓަރސަން އިސްލާމްވެއްޖެ

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިސްލާމްވެފައިވާ އޮސްޓްރޭލިޔާގެ ނޭޝަނަލް ރަގްބީ ލީގްގެ ކުޅުންތެރިޔާ ކޮރީ ޕެޓަރސަން އިސްލާމްވީކަން އޭނާ ޔަޤީންކޮށްދީފިއެވެ. އިސްލާމްވީކަމަށް އަޑުފެތުރިފައިވާތާ ދުވަސްކޮޅެއް ވެފައިވަނިކޮށް ކޮރީ އިސްލާމްވިކަން ޢާއްމުންނަށް ޔަޤީންވެފައިމިވަނީ މިދިޔަ އާދީއްތަ ދުވަހު އޭނާގެ ޓުވިޓަރ ޕޭޖްގައި ރޯދައަށް ތައްޔާރުވުމާ ބެހޭގޮތުން ޓުވީޓެއްކޮށްފައިވީމައެވެ.
ކޮރީގެ ޢުމުރުގައިވެސް ފުރަތަމަ ފަހަރަށް ރަމަޟާން މަހާ ކުރިމަތިލާތީ އޭނާ ކުޅެމުން އަންނަ ޓީމް ނޯރތް ކްއީންސްލޭންޑް ކައޮބޯއީސްގެ އޮފިޝަލުން ދަނީ އެކަމާ ބެހޭގޮތުން އޭނާއާ މަޝްވަރާކުރަމުންނެވެ. ރަމަޟާން މަހުގެ ފަހު ކޮޅު ދުވާލުގެ ވަޤުތުތަކުގައިވެސް ކުޅެން ޖެހޭ ކޮރީގެ ކުޅުމަށް އަސަރުކޮށްފާނެތީ އެ އޮފިޝަލުން ތިބީ ކަންބޮޑުވެފައެވެ. ނަމަވެސް މިމަހު ކޮރީ ކުޅެން ޖެހޭ ގިނަ މެޗްތައް ޝެޑިއުލް ވެފައިވަނީ ރޭގަނޑަށެވެ.
އޮސްޓްރޭލިޔާގެ ހެރާލްޑް ސަން ނޫހުން އިއްޔެ ކޮރީއާ ގުޅުމުން އޭނާ އިސްލާމްވެފައިވާކަން ޔަޤީންކޮށްދީފައިވެއެވެ. އަދި މިހާރު ރަމަޟާން މަހުގެ ރޯދަވެސް ހިފަންފައިފާ ވާކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެވޭނީ އެޓީމުގެ އާ ކޯޗު ހާޟަރް ނާޞިރުއާ ވާހަކަދެއްކުމަށް ފަހުގައިކަމަށް އޭނާ ބުނެފައިވެއެވެ. ނާޞިރުއަކީ 1999 ވަނަ އަހަރު އިސްލާމްވި އެހެންކުޅުންތެރިއެއް ކަމަށް ވާ އެންތޮނީ މަންޑައިން އިސްލާމްވުމުގައި ބޮޑު ރޯލެއް އަދާކޮށްފައިވާ މީހެކެވެ. ކޮރީ އިސްލާމްވެފައިމިވަނީ ޙާޟަރު ނާޞިރުއާއި އެންތޮނީ މަންޑައިން އަދި 2008 ވަނަ އަހަރު އިސްލާމްވެފައިވާ އެހެން ރަގްބީ ކުޅުންތެރިއެއްކަމަށްވާ ސޮނީ ބިލް ވިލިއަމްސްއާ އެކު ގާތް ގުޅުންތަކެއް ބޭއްވުމަށްފަހުގައިކަމަށް ނޫސްތަކުން ބުނެއެވެ.
އިއްޔެ ނޯރތް ކްއީންސްލޭންޑްގެ ކޯޗް ނީލް ހެންރީ އަދި އެޓީމްގެ ފުޓްބޯލް މެނޭޖަރ ޕީރޓަރއާ އެކު ކޮރީ ދެއްކި ވާހަކަތަކުގައި އޭނާގެ ކުޅުމަށް ބަދަލު ނާންނާނެކަމަށް ބުނެފައިވެއެވެ. ބައެއް ނޫސްތަކުން ހާމަކުރާ ގޮތުގައި ކޮރީ ފަދަ އަލަށް އިސްލާމްވާ މީހުން ރޯދައަށް ހުރުމުގައި ލުއިތަކެއް އިސްލާމްދީން ލިބިދެއެވެ. ޕީރޓަރ، ދަ ޑެއިލީ ޓެލެގްރާފަށް ދިން އިންޓަރވިއުގައިވެސް މިފަދަކަމަކަށް ޢިޝާރާތްކޮށްފައިވެއެވެ.
ރަމަޟާން މަސް ފެށެނިކޮށް ކޮރީ ޕެޓަރސަން ކޮށްފައިވާ ޓްވީޓްގައި ވަނީ:
” Big challenge for me starting tomoro. Looking forward to it and the satisfaction and discipline it will bring Big challenge for me starting tomoro ”
އެއަށްފަހު އޭނާ ކޮށްފައިވާ ޓްވީޓްގައި ވަނީ

” Day 1 and feeling good. Looking forward to the nxt 30 days. Hope everyone is safe and well. Salaams?’ މިފަދއިންނެވެ.

Tuesday, August 02, 2011

އޮސްޓްރޭލިޔާގެ ރަގްބީ ކުޅުންތެރިޔާ ކޮރީ ޕެޓަރސަން އިސްލާމްވެއްޖެ






މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިސްލާމްވެފައިވާ އޮސްޓްްރޭލިޔާގެ ނޭޝަނަލް ރަގްބީ ލީގްގެ ކުޅުންތެރިޔާ ކޮރީ ޕެޓަރސަން އިސްލާމްވީކަން އޭނާ ޔަޤީންކޮށްދީފިއެވެ. އިސްލާމްވީކަމަށް އަޑުފެތުރިފައިވާތާ ދުވަސްކޮޅެއް ވެފައިވަނިކޮށް ކޮރީ އިސްލާމްވިކަން ޢާއްމުންނަށް ޔަޤީންވެފައިމިވަނީ މިދިޔަ އާދީއްތަ ދުވަހު އޭނާގެ ޓުވިޓަރ ޕޭޖްގައި ރޯދައަށް ތައްޔާރުވުމާ ބެހޭގޮތުން ޓުވީޓެއްކޮށްފައިވީމައެވެ.

ކޮރީގެ ޢުމުރުގައިވެސް ފުރަތަމަ ފަހަރަށް ރަމަޟާން މަހާ ކުރިމަތިލާތީ އޭނާ ކުޅެމުން އަންނަ ޓީމް ނޯރތް ކްއީންސްލޭންޑް ކައޮބޯއީސްގެ އޮފިޝަލުން ދަނީ އެކަމާ ބެހޭގޮތުން އޭނާއާ މަޝްވަރާކުރަމުންނެވެ. ރަމަޟާން މަހުގެ ފަހު ކޮޅު ދުވާލުގެ ވަޤުތުތަކުގައިވެސް ކުޅެން ޖެހޭ ކޮރީގެ ކުޅުމަށް އަސަރުކޮށްފާނެތީ އެ އޮފިޝަލުން ތިބީ ކަންބޮޑުވެފައެވެ. ނަމަވެސް މިމަހު ކޮރީ ކުޅެން ޖެހޭ ގިނަ މެޗްތައް ޝެޑިއުލް ވެފައިވަނީ ރޭގަނޑަށެވެ.

އޮސްޓްރޭލިޔާގެ ހެރާލްޑް ސަން ނޫހުން އިއްޔެ ކޮރީއާ ގުޅުމުން އޭނާ އިސްލާމްވެފައިވާކަން ޔަޤީންކޮށްދީފައިވެއެވެ. އަދި މިހާރު ރަމަޟާން މަހުގެ ރޯދަވެސް ހިފަންފަައިފާ ވާކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެވޭނީ އެޓީމުގެ އާ ކޯޗު ހާޟަރް ނާޞިރުއާ ވާހަކަދެއްކުމަށް ފަހުގައިކަމަށް އޭނާ ބުނެފައިވެއެވެ. ނާޞިރުއަކީ 1999 ވަނަ އަހަރު އިސްލާމްވި އެހެންކުޅުންތެރިއެއް ކަމަށް ވާ އެންތޮނީ މަންޑައިން އިސްލާމްވުމުގައި ބޮޑު ރޯލެއް އަދާކޮށްފައިވާ މީހެކެވެ. ކޮރީ އިސްލާމްވެފައިމިވަނީ ޙާޟަރު ނާޞިރުއާއި އެންތޮނީ މަންޑައިން އަދި 2008 ވަނަ އަހަރު އިސްލާމްވެފައިވާ އެހެން ރަގްބީ ކުޅުންތެރިއެއްކަމަށްވާ ސޮނީ ބިލް ވިލިއަމްސްއާ އެކު ގާތް ގުޅުންތަކެއް ބޭއްވުމަށްފަހުގައިކަމަށް ނޫސްތަކުން ބުނެއެވެ.

އިއްޔެ ނޯރތް ކްއީންސްލޭންޑްގެ ކޯޗް ނީލް ހެންރީ އަދި އެޓީމްގެ ފުޓްބޯލް މެނޭޖަރ ޕީރޓަރއާ އެކު ކޮރީ ދެއްކި ވާހަކަތަކުގައި އޭނާގެ ކުޅުމަށް ބަދަލު ނާންނާނެކަމަށް ބުނެފައިވެއެވެ. ބައެއް ނޫސްތަކުން ހާމަކުރާ ގޮތުގައި ކޮރީ ފަދަ އަލަށް އިސްލާމްވާ މީހުން ރޯދައަށް ހުރުމުގައި ލުއިތަކެއް އިސްލާމްދީން ލިބިދެއެވެ. ޕީރޓަރ، ދަ ޑެއިލީ ޓެލެގްރާފަށް ދިން އިންޓަރވިއުގައިވެސް މިފަދަކަމަކަށް ޢިޝާރާތްކޮށްފައިވެއެވެ.

ރަމަޟާން މަސް ފެށެނިކޮށް ކޮރީ ޕެޓަރސަން ކޮށްފައިވާ ޓްވީޓްގައި ވަނީ: " Big challenge for me starting tomoro. Looking forward to it and the satisfaction and discipline it will bring Big challenge for me starting tomoro "
އެއަށްފަހު އޭނާ ކޮށްފައިވާ ޓްވީޓްގައި ވަނީ " Day 1 and feeling good. Looking forward to the nxt 30 days. Hope everyone is safe and well. Salaams,' މިފަދއިންނެވެ.