Pages

Wednesday, July 01, 2015

ޢަދުލުވެރި ވެރިޔަކު މަރުގެ ތުންފަތްމަތީގައި

މުސްލިމުންގެ ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒް މަރުގެ އާލާސްކަންފުޅުގައި ވަރަށް ގަދައަށް ކީރިތި ކުރެއްވިއެވެ. މިތަން ދެކި، އެކަލޭގެފާނު މަސަލަސްކޮށްލުމުގެ ނިޔަތުގައި މީހަކު އެކަލޭގެފާނަށް ބުންޏެވެ.

“ހެޔޮގޮތުގައި ހޭދަކުރެވުނު ޙަޔާތަކާމެދު އުފާކުރައްވާށެވެ. ހަމަކަށަވަރުން، ކަލޭގެފާނު މެދުވެރިކުރައްވާ ﷲ ވަނީ އެތައް ސުންނަތެއް ދިރުއްވަވާ، އަދި ބިމުގައި ޢަދާލަތު ފަތުރުއްވަވާފައެވެ.”

ނަމަވެސް މިބަސްކޮޅުތަކުން ޢުމަރު ބިން ޢަބްދުލްޢަޒީޒް ހަމަޖެހިގެން ނުދިޔައެވެ. އެހެނެއްކަމަކު، އެކަލޭގެފާނުގެ ކީރިތި ކުރެއްވުން ދިޔައީ އިތުރު ވެގެންނެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ.

“ހިސާބު ބެއްލެވުމަށްޓަކާ ތިމަންކަލޭގެފާނު ނުބެހެއްޓެވޭނެ ހެއްޔެވެ؟ އަދި މީސްތަކުންގެ ޙާލާމެދު ތިމަން ކަލޭގެފާނާ ސުވާލު ނުވެވޭނެ ހެއްޔެވެ؟ ﷲ ގަންދީ ވިދާޅުވަމެވެ. ތިމަންކަލޭގެފާނަކީ ޢަދުލުވެރިއަކު ކަމުގައި ވިޔަސް، ﷲ ނުދައްކަވައިފިނަމަ، ތިމަންކަލޭގެފާނުގެ ނަފްސަށްޓަކާ ބޭނުންވާ އެކަށޭނަ ހެއްކާ ބުރުހާނު ދެއްކޭނެ ކަމާމެދު ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގަންނަމެވެ. އެކަމަކު ތިމަންކަލޭގެފާނަށް ނުކުރެވިވާ، ނުވަތަ ކުރުމުގައި ފަރުވާކުޑަކުރެވިފައިވާ ގިނަ ކަންތައްތަކާމެދު އަދި ވާނީ ކިހިނަކުން ހެއްޔެވެ؟”

އަނެއްކާވެސް އެކަލޭގެފާނު ކީރިތި ކުރައްވަމުން ގެންދެވިއެވެ. ކުޑަ ހިނދުކޮޅެއް ފަހުން، އެކަލޭގެފާނުގެ ފުރާނަފުޅު ހަށިގަނޑާ ވަކިވެގެން ހިނގައްޖެއެވެ.
މިއީ ޢަދުލުވެރި ވެރިން، އެމީހުންގެ މަސްޢޫލިއްޔަތާމެދު ޖަވާބުދާރީވާ މިންވަރެވެ. މަރުގެ ތުންފަތް މައްޗާ ހަމައަށް ދަންދެން އެބޭކަލުން އެބޭކަލުންގެ މަސްޢޫލިއްޔަތާމެދު ބިރުފުޅުގެން ޖަވާބުދާރީވެއެވެ. މިފަދަ ތެދުވެރި، ވަފާތެރި އިޚްލާސްތެރި ވެރިން މިދުނިޔެމަތީގައި އުޅެފައި ހިނގައްޖެއެވެ. މިއަދު ދުނިޔެ އެދި ގޮވަމުންދަނީ މިފަދަ ޢަދުލުވެރި ވެރިއެއްގެ ޢަދުލުވެރި ވެރިކަމަށް ކަމަށް ވިޔަސް، އަޅުގަނޑުމެން ދީނަށް ރުޖޫޢަވުމުން ނޫނީ މިފަދަ ޢިއްޒަތާއި ޝަރަފް އަޅުގަނޑުމެންނަށް އަނބުރާ ލިބުމަކީ ނާދިރުކަމެކެވެ. ހުރިހާ ކަމެއްގެ ޙައްލު އޮތީ ދީނުގައެވެ.


މަޞްދަރު: މިން ޤިޞަޞުއް ޞާލިޙީން (ގްލިމްޕްސެސް އޮފް ދި ލައިވްސް އޮފް ރައިޓިއަސް ޕީޕްލް)

Wednesday, May 13, 2015

ވާހަކަ: އަހަރެން ވައްކަން ކުރަންދިޔުމުން އަހަރެންގެ ހިތް އޭނާ ވަގަށް ނެގީ!

ވަރަށް ކަނު އަނދިރި ރެއެކެވެ. ވަގުކަލޭގެ މަޑުމަޑުން މާލިކް ބިން ދީނާރުގެ ގޭގެ ފާރުތަކުގައި އަތް ހާކަމުން ހާކަމުން ގޭގެ އެތެރެއަށް ވަދެއްޖެއެވެ. ނަމަވެސް އެތެރެއަށް ވަދެވުމުން ވަގުކަލޭގެއަށް ފެނުނީ ވަރަށް ހިތްނުތަނަވަސް ވާފަދަ މަންޒަރެކެވެ. ވަގަށް ގެންދަން ކަމުދާ އަގުހުރި އެއްވެސް އެއްޗެއް މި ހަތަރު ފާރު އެތެރެއަކު ނެތެވެ. އޭގެ އިތުރުން، ގޭގެ ވެރިމީހާވެސް ގޭގެ ތެރޭގައި ހޭލާ ހުއްޓެވެ. ނަމަވެސް ހުރީ ނަމާދުކޮށް ދުޢާކުރުމުގައި މަސްޢޫލުވެއެވެ.

މާލިކް ބިން ދީނާރަށް ވަގުކަލޭގެ ޙަރަކާތްތަކުގެ އިޙްސާސްވެވަޑައިގަތުމުން، ޙައިރާންވެވަޑައިގަތުމުގެ ބަދަލުގައި ވަރަށް ހަމަޖެހިވަޑައިގެން ހުންނަވާ ފަހަތަށް އެނބުރި ވަޑައިގެން ވަގުކަލޭގެއާ ކުރިމަތިލައްވާ ސަލާމް ގޮވާލެއްވިއެވެ. އަދި ވިދާޅުވިއެވެ.

“އަހަރެންގެ އަޚާއެވެ. މާތް ﷲ ތިބާގެ ފާފަތައް ފުއްސަވާށިއެވެ. ތިބާ އަހަރެންގެ ގެއަށް ވަދެ، ގެންދަން ކަމުދާ އެއްޗެއް ނުފެނުނަސް، ތިބާއަށް ފައިދާއެއް ލިބިދީފައި ނޫނީ މިގެއިން ތިބާ ނުކުތަކަ ތިމަންކަލޭގެފާނު ނުދެއްވާހުށީމެވެ.”

ދެން، މާލިކް ބިން ދީނާރު ތެދުވެވަޑައިގެން އަތްޕުޅުން  ފެން ކަންވާރެއް ހިއްޕަވައިގެން ވަގުކަލޭގެއާ ކައިރިއަށް ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ.
“މިކަންވާރުން ވުޟޫކުރައްވައިގެން، ދެރަކުޢަތް ނަމާދެއް ކުރައްވާށެވެ. ތިބާ އެހެން ޢަމަލުކުރައްވައިފިނަމަ، ތިބާ އެނބުރި ދާނީ ތިބާ ހޯދަން އައި އެއްޗަކަށްވުރެ ހެޔޮވެގެންވާ އެއްޗެއް ހިއްޕަވައިގެންނެވެ.”

ވަގުކަލޭގެ ގަތްލަދަށްވުރެ ބޮޑަށް ލިބުނު ހިތްތިރިކަމުގެ ސަބަބުން ވަރަށް ޝުކުރު އަދާކޮށް ވުޟުކޮށް ނަމާދުކުރަން ފެއްޓިއެވެ. ނަމާދުކޮށް ނިމުމުން ވަގުކަލޭގެ މާލިކް ބިން ދީނާރަށް ބުންޏެވެ.

“އޭ މާލިކެވެ. އަހަރެން އިތުރު ދެރަކުޢަތެއް ކޮށްލަން މަޑުކޮށްލިޔަސް ކަލޭގެފާނަށް އުނދަގޫކަމަކަށް ވާނެތޯއެވެ؟”

“ﷲ ތިބާގެ މައްޗަށް މިންވަރުކުރެއްވި ވަރަކަށް ތިބާ ނަމާދުކުރިއަށް ގެންދަވާށެވެ.” މާލިކް ބިން ދީނާރު ޖަވާބުދެއްވިއެވެ.

ވައްކަންކުރަން އައި މީހާ އެންމެފަހުން އެރޭ އެއްކޮށް ނަމާދުކުރުމުގައި ހޭދަކުރިއެވެ. އެންމެ ފަހުން ފަތިސްވެ އިރުއެރުމުން މާލިކް ބިން ދީނާރު ވިދާޅުވިއެވެ.
“ދެން ތިބާ ދާށެވެ. އަދި ރަނގަޅަށް ހެޔޮ ގޮތުގައި އުޅޭށެވެ.”

ވަގުކަލޭގެ މާލިކް ބިން ދީނާރަށް ބުންޏެވެ. “އަހަރެން މިއަދު ކަލޭގެފާނު އަރިހު މަޑުކޮށްލިޔަސް ކަލޭގެފާނަށް އުނދަގޫކަމަކަށް ވާނެތޯއެވެ؟ އަމުދުން އަހަރެން މިހުރީ މިއަދު ރޯދައަށް ހުންނަން ކަމަށް ނިޔަތް ގަނެގެންނެވެ.”

“ތިބާ ބޭނުން މުއްދަތެއް ވަންދެން މަޑުކުރާށެވެ.” މާލިކް ބިން ދީނާރު ޖަވާބުގައި ވިދާޅުވިއެވެ.

އެންމެ ފަހުން އެމީހާ މާލިކް ބިން ދީނާރުގެ އަރިހުގައި އެތައް ދުވަހެއް ވަންދެން މަޑުކުރިއެވެ. ދުވާލު ރޯދަހިފުމާއި ރޭގަނޑު ނަމާދުކުރުމުގައެވެ. ދެން އެމީހާ އެނބުރި ދާންވީ ވަގުތު އައުމުން މާލިކް ބިން ދީނާރަށް މުޚާތަބުކޮށް ބުންޏެވެ.

“އޭ މާލިކެވެ. އަހަރެން ތައުބާވުމަށް ޢަޒުމްކަނޑައަޅައިފީމެވެ.”

މާލިކް ބިން ދީނާރު ވިދާޅުވީ، “ތިޔަކަންތައް ވަނީ މާތް ﷲގެ އަތްޕުޅުގައެވެ.”

އެމީހާ މާލިކް ބިން ދީނާރުގެ ގެއިން ނުކުތީ، އޭނާއަށް ކުރިން އުޅެވުނު ވިޔާނުދާ ގޮތްތަކާމެދު ހިތާމަކުރާ ހާލު އެކަންކަމުން ތައުބާވެގެންވާ ޙާލު، އޭނާގެ އުޅުން އިސްލާޙްކޮށްގެންނެވެ. އެގެއިން ނުކުމެގެން އޭނާ ހިނގާފައި ދަނިކޮށް އޭނާ ދަންނަ އެހެން ވަގަކާ ދިމާވެއްޖެއެވެ. ތައުބާ ވެފައިވާ މީހާގެ ސާފު ސާދާ އުޖާލާ މޫނު ފެނިފައި އެވަގު އަހާލިއެވެ.

“އަހަންނަށް ހީވަނީ ކަލެއަށް އެންމެފަހުން ރަނގަޅު ޚަޒާނާއެއް ލިބުނީ ހެންނެވެ؟”

“އޭ އަހަރެންގެ އަޚާއެވެ.” ޖަވާބުދެމުން އޭނާ ބުންޏެވެ. “އަހަންނަށް ލިބުނީ މާލިކް ބިން ދީނާރެވެ. އޭނާގެ ފަރާތުން ވައްކަން ކުރުމަށް އަހަރެން ދިޔައީމެވެ. ނަމަވެސް އޭނާ އަހަރެންގެ ފަރާތުން އެއްޗެއް ވަގަށް ނެގީއެވެ. އެއީ އަހަރެންގެ ހިތެވެ. ހަމަކަށަވަރުން އަހަރެން ﷲގެ ޙަޟުރަތުން ތައުބާވެއްޖައީމެވެ. އަދި އެކަލާނގެއަށް ކިޔަމަންތެރި ލޮބުވެތި އަޅުންނަށް ލިބޭ އެއްޗެއް ލިބިއްޖައުމަށް ދާންދެން، އެކަލާނގެ ރަޙްމަތާއި މަޣުފިރަތުގެ ދޮރުގައި ތިމަން ހުންނާނަމެވެ.”


މަޞްދަރު: އަލްމަވާއިޒް ވަލް މަޖާލިސް، ގްލިމްޕްސެސް އޮފް ދަ ލައިވްސް އޮފް ރައިޓިއަސް ޕީޕްލް

Tuesday, April 07, 2015

ނުރަ އިސްތަށީގެ އިންޒާރު

އިޔާސް ބިން ޤަތާދާ އައްތަމީމީ އަކީ އެކަލޭގެފާނުގެ ޤައުމުގެ ވެރިމީހާ އެވެ. އެއްދުވަހަކު، އިޔާސް އަށް ކުޑަ އެއްޗެއް ފެނިލައްވައިފިއެވެ. މީހުންގެ ނަޒަރުގައި އެއީ ވަރަށް ކުޑަ ކުޑަ އާދައިގެ އެއްޗެކެވެ. ނަމަވެސް އިޔާސްއަށް އެ ވެލެއްވީ ވަރަށް ބިރު ހުރި އެއްޗެއް ކަމުގައެވެ. އެކަލޭގެފާނަށް ފެނިލެއްވީ އެކަލޭގެފާނުގެ ތުނބުޅިފުޅުން ނުރަ އިސްތައްޓެކެވެ. އެފެނިލެއްވުމުން އެކަލޭގެފާނަށް ވެސް ނުވެނުދާނެ މަރުގެ މަތިން އެކަލޭގެފާނަށް ހަނދާންކޮށްދީފިއެވެ.

ވަޤުތުން އެކަލޭގެފާނު މާތް ﷲ އަށް ދުޢާކުރެއްވިއެވެ. “އޭ ﷲއެވެ. ކުއްލި މަރުން އިބަ ﷲގެ ޙަޟްރަތުން ރައްކާތެރިކަން އެދެމެވެ. މަރު ތިމަން އަޅާ ފަހާ އަންނަކަމާއި، އެއިން ރައްކާ ނުވެވޭނެކަން މިއަޅާއަށް އެނގިއްޖެއެވެ.”

އެއަށްފަހު، އިޔާސް މީހުންގެ ތެރެއަށް ނުކުމެ ވަޑައިގެން އެންމެންނަށް އިޢުލާންކުރެއްވިއެވެ.

“ބަނޫ ތަމީމްގެ އަހުލުވެރިންނޭވެ! އަހަރެންގެ ޒުވާންކަން ތިޔަބައިމީހުންނަށް ޚިދުމަތްކުރުމަށް ހޭދަކުރީމެވެ. އޭގެ ބަދަލުގައި އަހަރެން އެދެނީ އަހަރެންގެ މުސްކުޅިކަމުގައި އަހަރެން އަމިއްލައަށް އުޅުނަ ދިނުމަށެވެ. މަރު ގާތްވަމުން އަންނަނިކޮށް، މުޅި ދުވަހު އެކި ކަންކަމުގައި މަސައްކަތްކުރާ ޙިމާރެއް ފަދައިން ވާކަށް ތިމަންކަލޭގެފާނު ނޭދެމެވެ.”

ދެން އެކަލޭގެފާނު، އެކަލޭގެފާނުގެ ފަގުޑިކޮޅު ބާލުއްވާ ވެރިކަން ދޫކޮށްލެއްވިއެވެ. ޙަޔާތުގެ ބާކީ ދުވަސްތައް ވެރިކަމާއި ސިޔާސަތުން ދުރުވެ، ވެރިންނާ ދުރުގައި އުޅުއްވަން ފެއްޓެވިއެވެ. ނަމަވެސް މުޖުތަމަޢަށް އެއްވެސް ފައިދާއެއް ނެތް މީހެއްގެ ގޮތުގައި ނުހުންނަވައެވެ. އެކަލޭގެފާނު ދެން އަދާކުރެއްވީ މިސްކިތުގެ މުއައްޛިން (ބަންގި ގޮވާ މީހާ)ގެ މަސްޢޫލިއްޔަތެވެ.


މަޞްދަރު: މިން ޤިޞަޞުއް ޞާލިޙީން (ގްލިމްޕްސެސް އޮފް ދި ލައިވްސް އޮފް ރައިޓިއަސް ޕީޕްލް) ، ސިފަތުއް ސަފްވާ، ބަހްރުއް ދުމޫޢު

- See more at: http://dhiislam.com/85386#sthash.V0KXy7fn.dpuf

Tuesday, July 01, 2014

ވާހަކަ: ޔަހޫދީކަލޭގެއާއި އިބްނު ހަޖަރު (ރަޙިމަހުﷲ)ގެ ކުރު ބައްދަލުވުން

އަލްޙާފިޟް އިބުނު ހަޖަރު (ރަޙިމަހުﷲ)ގެ ޙަޔާތްޕުޅުން ވަރަށް ބުއްދިވެރި ވާހަކައެއް މުއައްރިޚުން ބަޔާންކުރައްވާފައިވެއެވެ. އިބްނު ހަޖަރަކީ އެކަލޭގެފާނުގެ ދުވަސްވަރު މިޞްރުގެ ޤާޟީއެކެވެ. އެކަލޭގެފާނުގެ މަސައްކަތަށް އެކަލޭގެފާނު ވަޑައިގަންނަވާއިރު ވަޑައިގަންނަވަނީ އަސްގާޑިޔަލަކަށް އަރާވަޑައިގެން އަސް ނުވަތަ ޙިމާރު ބައިގަނޑެއްގެ ބާރުގައި ވަރަށް ރަސްމީ ޢިއްޒަތުގައެވެ. އެއްދުވަހަކު އެކަލޭގެފާނު ވަޑައިގެންނެވި އިރު ތެޔޮ ވިއްކަން އުޅުނު ޔަހޫދީއެއް ގާތުން ވަޑައިގަތެވެ. ތެޔޮ ވިއްކަން އުޅޭ މީހުންނަކީ ކުރާ މަސައްކަތުގެ ގޮތުން ވަރަށް ހަޑި ހެދުން ލައިގެން އުޅޭ ބައެކެވެ. އިބްނު ހަޖަރު (ރަޙިމަހުﷲ) ވަޑައިގެންނެވި ވަފުދު ހުއްޓުވާފައި ޔަހޫދީކަލޭގެ ބުންޏެވެ.
“ކަލޭމެންގެ ނަބިއްޔާ ބުނާ ގޮތުން ‘މިދުނިޔެއަކީ މުއުމިނުންނަށްވާ ހުރަގެއެކެވެ، އަދި ކާފިރުންނަށްވާ ސުވަރުގެއެކެވެ.’ އެހެނަސް ކަލޭގެފާނަކީ މިޞްރުގެ ޤާޟީންގެ އިސް ޤާޟީއެވެ. އަދި ކަލޭގެފާނު ތިވަޑައިގަންނަވަނީވެސް ނުހަނު ޢިއްޒަތުގައި މި ވަފުދާއެއްކޮށް އަރާމާއި ފަސޭހާގައެވެ. އަދި މިތާނގައި އަހަރެން މިހުރީ މިއަނިޔާއާއި ނިކަމެތިކަމުގައެވެ.”
އިބްނު ހަޖަރު (ރަޙިމަހުﷲ) ބުއްދިވެރި ޙާޟިރު ޖަވާބެއް ދެއްވެވިއެވެ. “ތިމަންކަލޭގެފާނު މިހުންނެވި ހާލަތަކީ ހަމަ އަޞްލުވެސް އަރާމާއި ފަސޭހައިގެ ހާލަތަކަށް ވެއްޖެނަމަވެސް، ސުވަރުގޭގެ އަރާމާއި ފަސޭހައާ އަޅާބަލާއިރު މިއީ ހުރަގެއެކެވެ. އަދި ކަލޯ ތިޔަހުރި ނިކަމެތިކަމަކީ، ނަރަކާގެ ޢަޛާބާ އަޅާކިޔާއިރު ސުވަރުގެއެކެވެ.”
އިބްނު ހަޖަރު (ރަޙިމަހުﷲ)ގެ ޙާޟިރު ޖަވާބުގެ ބުއްދިވެރިކަމާހުރެ އަންތަރީސްވެފައި ހުރުމަށްފަހު ޔަހޫދީކަލޭގެ ދުލުން ނުކުތް ހަމައެކަނި ބަހަކީ، “ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް އަޅުހެކިވަމެވެ.” މިހެން ބުނެ އޭނާ އިސްލާމްވެއްޖެއެވެ.
މަޞްދަރު: މިފްތާޙުއް ސަޢާދާ،
އައްސަޙްވަތުލް އިސްލާމިއްޔާ (ޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން)

Monday, April 14, 2014

ވާހަކަ: އިސްލާމީ ޝަރީޢަތުގެ އޯގާވެރިކަން އުތުރިއަރައިގެން ދިޔަ ހިނދު…

މި ބަޔާންކުރާ ޙާދިޘާއަކީ، އިސްލާމީ ޝަރީޢަތް ޤާއިމްވެގެންދާހިނދު، ޢަދުލު އިންޞާފް ހޯދުމުގައި އޭގެ މަތި މައްޗަށް ރަޙްމަތާއި އޯގާވެރިކަން ގަދަވެގެންދާ މިސާލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މިސާލެކެވެ.
އިންޑޮނޭޝިޔާގެ ރަށެކެވެ. މަރުޒޫކީގެ ނަމުން ނަންދެވިފައިވާ ޢަދުލުވެރި ޤާޟީއެއްގެ ކުރިމައްޗަށް ހުށަހެޅިފައިވަނީ މުސްކުޅި އަންހެނެއްގެ ވައްކަމުގެ މައްސަލައެވެ. އެމުސްކުޅި ދައިތަ ޢަދާލަތުގެ ދަރުބާރަށް ޙާޟިރުކުރެވިފައިވަނީ، ދަނޑުބިމަކުން ދަނޑިއަލުވިއެއް ވަގަށް ނެގިކަމުގެ ކުށުގައެވެ.
އަންހެނާ އޭނާގެ ކުށަށް އިޢުތިރާފްވެ، އޭނާގެ ދިފާޢުގައި ބުނެވެން އޮތް ޙަޤީޤަތް ހާމަކުރިއެވެ. “އަހަރެންނަކީ ފަޤީރު ނިކަމެއްޗަކީން، އަހަރެންގެ ފިރިހެން ދަރިފުޅު އުޅެނީ ބަލިވެ. އަހަރެންގެ މާމަ ދަރިފުޅު އޮތީ ބަނޑުހައިވެ ހާންތިވެފައި.” އަންހެނާ އޭނާގެ އުޒުރުވެރި ޙާލަތުގެ ވާހަކަ ބަޔާންކުރިއެވެ.
ނަމަވެސް، ދަނޑުގެ ވެރިމީހާ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ ބޭނުންވަނީ އެހެންމީހުންނަށް ޢިބްރަތެއްކަމުގައި ވުމަށްޓަކާ އެކުށުގެ އަދަބު އަންހެންމީހާ އުފުލާށެވެ.
ޤާޟީއަށް އިތުރު ގޮތެއް ނެތުމުން، ހުރިހާ ލިޔެކިޔުންތަކަށް ބަލާލުމަށްފަހު މުސްކުޅި ދައިތައާ ދިމާއަށް ބުންޏެވެ. “އަޅުގަނޑަށް ވަރަށް މަޢާފްކުރައްވާ. ޤާނޫނުގެ މައްޗަކަށް އެއްވެސް އިސްތިސްނާއެއް ގެނައުމަކީ އަޅުގަނޑަށް ވާނެކަމެއް ނޫން. އެހެންކަމުން ދައްތައަށް މިކަމުގެ ޙައްޤު އަދަބު ލިބިދޭން އެބަޖެހޭ.”

ޤާނޫނުގައިވާ ގޮތުގެ މަތީން މުސްކުޅި ދައިތަ އެއްމިލިއަން ރުޕީސް (100 ޑޮލަރު) އިން ޖޫރިމަނާ ކުރެވުނެވެ. އަދި އެ ނުދެއްކިއްޖެ ޙާލަތެއްގައި 2 އަހަރާއި ބައި ވަންދެން ޖަލުގައި ހައްޔަރުކުރެވޭނެއެވެ.
އެމިންވަރަކީ، އެނިކަމެތި ދައިތައަށް ދެއްކޭނެ މިންވަރަކަށްނުވާތީ، އެދައިތައަށް ގިސްލެވެންފެށުނެވެ.
އެމަންޒަރު ދެކެން އިން ޤާޟީ ތެދުވެ އޭނާގެ ތޮފި ބާލާ، އޭގެ ތެރެއަށް އެއްމިލިޔަން ރުޕީސް ލުމަށްފަހު، މީސްތަކުންނަށް ބުންޏެވެ.

“ޢަދުލުވެރިކަމުގެ ނަމުގައި ބުނަން. މިކޯޓަށް ޙާޟިރުވެ ތިބި އެންމެން، 50 ހާސް ރުޕީސް (5.50 ޑޮލަރު) އިން އަހަރެން ޖޫރިމަނާކޮށްފީން. އެއީ، މިރަށުގެ އަހުލުވެރީންނަށްވެ ތިބެ، ތުއްތު ކުއްޖަކު، އޭނާގެ މާމަ ވައްކަން ކޮށްގެން އޭނާގެ ބަނޑުފުރާނަ މުއްތިކުރުވަންދެން އެކުއްޖާފުޅު ބަނޑަށް ޖެއްސީތީވެ. ޙާޟިރުވެ ތިބި އެންމެން އަތުން ޖޫރިމަނާ ނެގުމަށް ރެޖިސްޓްރާ މިހާރު އެދަނީ.”
އެދުވަހު ކޯޓުގައި 3.5 މިލިޔަން ރުޕީސް (350 ޑޮލަރު) އެއްކުރެވުނެވެ. މުސްކުޅި އަންހެނާގެ ޖޫރިމަނާ ދައްކާ ނިންމުމަށްފަހު، ބާކީވި ބައިވެސް އޭނާއަށް ދެވުނެވެ. އޭގެ ތެރޭގައި އެއްކަލަ ދަނޑުގެ ވެރިމީހާގެ އަތުން ނެގުނު ޖޫރިމަނާވެސް ހިމެނެއެވެ.

އިންޑޮނޭޝިޔާގެ މިޤާޟީ ޢަމަލުކުރައްވާފައިއެވަނީ، އިސްލާމީ ޝަރީޢަތުގެ ރިވެތި އުޞޫލްތައް ޤާއިމްކުރެއްވުމުގައި ޢަލީގެފާނުގެ ޢަމަލުފުޅާ އެއްގޮތަށެވެ. އެއީ ފަޤީރު މިސްކީނަކު ބަނޑުފުރާނަ މުއްތި ކުރުމައްޓަކާ ވައްކަންކޮށްފިނަމަ އޭނާގެ މައްޗަށް އެވައްކަމުގެ އަދަބު ނުދެވި، އެހެނަސް މުޅި މުޖުތަމަޢަށް އޭނާގެ ބަނޑުފުރާނަ މުއްތިކުރުވަން ޖެހޭނެކަމަށް އޮންނަ ޢަދުލުވެރި އުޞޫލެވެ. އިސްލާމީ ޝަރީޢަތުގެ ރިވެތިކަން ބަޔާންކުރުމުގައި ނިމުމެއް ނެތެވެ.
މިވައްކަމަކީ އަތްކެނޑުމުގެ ޝަރުޠު ހަމަނުވާވަރުގެ ވައްކަމަކަށްވާތީ، އަތްކެނޑުމުގެ ޙުކުމް އިއްވާފައިނުވަނީއެވެ.

މަޞްދަރު: އުއްމޭ މުޙައްމަދު (ފޭސްބުކް ޕޭޖް)
މުރާޖަޢާ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުލްލަތީފް