Pages

Thursday, June 30, 2011

މުސްލިމުންނަށް ފުރައްސާރަވާ އުޞޫލުން މިކީމައުސް އާއި މިނީ މައުސްގެ ކާރޓޫން އާއްމުކޮށްގެން ސާވީރިސްއަށް ގިނަ ފާޑުކިޔުންތަކެއް


މިސްރުގެ ކްރިސްޓިއަން ސިޔާސީ ޝަޚްސިއްޔަތު އަދި ވިޔަފާރިވެރިޔާ ނަޖީބު ސާވީރިސް (نجيب ساويرس) ގެ ޓުވިޓަރ ޕޭޖަށް އިސްލާމީ ޝިއާރުތަކެއް ފާޅުވާފަދަ މިކީ މައުސް އަކާއި މިނީ މައުސްއެއްގެ ފޮޓޯއެއް ލައިގެން ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން އެންމެފަހުން އޭނާ އެކަމަށް މަޢާފަށް އެދިއްޖެއެވެ. ތުނބުޅި ބަހައްޓަފައިވާ މިކީ މައުސް އަކާއި މޫނު ބުރުގާއެއް ނުވަތަ ނިޤާބެއް އަޅުވާފަ ހުރި މިނީ މައުސްއެއް ފެންނަ އެ ފޮޓޯއަކީ އިސްލާމްދީނަށް ފުރައްސާރަވާ އުޞޫލުން ހަދާފައިވާ ފޮޓޯއެއް ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.

އެގޮތުން 15 ވަރަކަށް ޤާނޫނީ ވަކީލުން ވަނީ ސާވީރިސްގެ މިމައްސަލަ ބަލައިދިނުމަށް އެދި ޖެނެރަލް ޕްރޮސެކިއުޓަރ އަށް މައްސަލަ ހުށަހަޅާފައެވެ. އަލްއަޒްހަރު ޔުނިވަރސިޓީގެ އިސްލާމީ ޝަރީޢާ ޕްރޮފެސަރ އެއް ކަމަށްވާ އަޙްމަދު މަޙްމޫދު ކަރީމާ ވިދާޅުވިކަމަށް އަޙްރާމް ނޫހުގެ ވެބްސައިޓުގައި ބަޔާންކޮށްފައިވަނީ، ކްރިސްޓިއަން ދީނުގެ ފާދިރީންގެ ހެދުމަށް މަލާމާތްކޮށް ކާރޓޫން ކުރަހައިފިނަމަ ސާވިރީސްވެސް ހިތްހަމަ ނުޖެހޭނެކަމަށާއި، އަދި އެއީ ޔަހޫދީ ޙާޚާމެއްގެ ހެދުމަށް ފާޑުކިޔުންނަމަ އެއީ އެންޓިމެސެޓިކް ("ނާއިންސާފުން" ޔަހޫދީންނަށް ތަފާތުކޮށް ހިތުން ނުވަތަ ޔަހޫދީންދެކެ ރުޅިއައުމުގެ) ޢަމަލަކަށް ވެގެންދާނެކަމަށެވެ. 

އަދި ސާވީރިސްގެ ޙިއްސާ އޮންނަ ޓެލެކޮމް ކުންފުންޏެއްކަމަށްވާ މޮބިނިލް (Mobinil) ބޮއިކޮޓް ކުރުމަށް ފޭސްބުކަށާއި ޓުވިޓަރ ފަދަ އިޖްތިމާޢީ ވިއުގަތަކަށްވެސް އެއްބަޔަކު ގޮވާލާފައި ވެއެވެ. ސާވީރިސްގެ ޢަމަލާއި އިދިކޮޅަށް ފޭސްބުކުގައި މިހާރުވެސް ތަފާތު ގުރޫޕްތައް އިތުރުވަމުން އެބަދެއެވެ. ނަޖީބް ސާވީރިސް އުފައްދާފައިވާ މޮބިނިލް އަދި އޭގެ މައިކުންފުނި ކަމަށްވާ އޮރަސްކޮމް ޓެލެކޮމް (Orascom Telecom)ގެ ޙިއްސާތައް އޭގެ ފަހުން މިހަފްތާތެރޭގައި މިސްރުގެ ހިއްސާގެ ބާޒާރުގައި ދަށަށް ދަމުންދާކަމަށް ވިޔަފާރި ޚަބަރު ތައް ދިރާސާކުރާ ބައެއް ވެބްސައިޓްތަކުން މައުލޫމާތުދެއެވެ. ސާވީރިސް، މޮބިނިލް ކުންފުނީގައި އަދާކުރަމުންދިޔަ މަޤާމުން އިސްތިއުފާ ދީ ސިޔާސީ މައިދާނަށް ނުކުމެފައިވަނީ ފާއިތުވެ ދިޔަ މެއި މަހުގެ ތެރޭގައެވެ. އޭނާ ސިޔާސީ މައިދާނަށް ނުކުމެ ވަނީ ކްރިސްޓިއަން ސިޔާސީ ޕާރޓީއެއް ކަމަށްވާ ފްރީ އިޖިޕްޝިއަންސް ޕާރޓީ އުފައްދާފައެވެ.

ސާވީރިސްއަށް ކުރިމަތިވި ފާޑުކިޔުންތަކަށް ފަހު އޭނާ ވަނީ ކުރެވުނު ކަންތަކަށް އޭނާގެ ޓްވިޓަރ ޕޭޖްގައި މަޢާފަށް އެދޭކަން ހާމަކޮށްފައެވެ. ސާވީރިސް ކުރިކަންތަކަކީ އެހާ ބޮޑުކަމެއް ނޫންކަމަށް އެއްބަޔަކު ބުނާކަމަށާއި އަނެއް ބަޔަކު ދެކޭ ގޮތުގައި ސާވީރިސްގެ މަޢާފް އެހާ ފަސޭހައިން ޤަބޫލުނުކުރެވޭނެ ކަމަށް އޭއެފްޕީ ގައި ބަޔާންކޮށްފައިވެއެވެ.

2007 ވަނަ އަހަރުވެސް، މޫނުބުރުގާއަށް ފާޑުކިޔުމުގެ ސަބަބުން ނަޖީބް ސާވީރިސްއަށް ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވެފައިވެއެވެ.

Tuesday, June 28, 2011

މިޞްރުގައި އަލަށް އިސްލާމްވި 2 އަންހެން ކުދިން ގެ މައްސަލަ މެކުހަށް ޖެހެނީ


ފުރާވަރުގެ 2 ނަސާރާ އަންހެން ކުދިން އާއިލާއަށް ފިލައިގެން އިސްލާމްވުން – 
އެދެކުދިން ކިޑްނެޕްކުރިކަމުގެ ޚަބަރުތައް ނޫސްތަކުގައި ފެތުރުން – 
އެދެކުދިންގެ ވީޑިޔޯއެއް ޔޫޓިއުބްގައި – 
ފުލުހަކަށް އެކުދިން ފެނުން - 
އަޒްހަރުން އެކުދިންގެ ޝަހާދާ ޤަބޫލުނުކުރުން – 
ހިއުމަން ރައިޓްސް އިން ނަޞާރާ އާއިލާތަކުގެ މަދަދަށް ތެދުވުން – 
މުސްލިމް ޖަމާޢަތްތަކުން އެދެކުދިންގެ ސަލާމަތަށް ތެދުވުން.

މިޞްރުގެ ޤިބްތީ ނަޞާރާއިންގެ 2 އަންހެން ކުއްޖަކު އިސްލާމްވުމާ ގުޅިގެން އެމީހުންގެ އާއިލާތަކަށް އެކުދިން ޙަވާލުކުރުމަށް މިޞްރުގެ ޕްރޮސެކިއުޓަރ ޖެނެރަލަށް އެ އާއިލާތަކުން ގޮވާލައިފިއެވެ.


14 އަހަރުގެ ކްރިސްޓައިން އާއި 16 އަހަރުގެ ނެންސީ ވަނީ މީގެ މަސްތަކެއް ކުރިން އެމީހުންގެ އާއިލާތައް ދޫކޮށް އެމީހުންގެ އަވަށް ކަމަށްވާ މިންޔާއިން ފިލާފައެވެ. އެދެކުދިންގެ އާއިލާއިން މައުލޫމާތުދޭ ގޮތުގައި އެދެކުދިންވަނީ ކިޑްނެޕްކުރެވިފައެވެ. އަދި އެދެކުދިން ކިޑްނެޕްކުރިކަމުގެ ތުހުމަތު އެއާއިލާތަކުން ކޮށްފައިވާ ދެ މުސްލިމް ފިރިހެން ކުއްޖަކުވަނީ ކަމާބެހޭ ފަރާތުގެ ބެލުމުގެ ދަށަށްވެސް ގެނެވިފައެވެ.

އެދެކުދިން ގެއްލިގެން އާއިލާއިން ހޯދަން ފަށާފައިވަނިކޮށް، މީގެ ދެތިން ހަފްތާކުރިން  އެކުދިންވަނީ ޔޫޓިބް ވީޑިޔޯއެއްގައި އެދެކުދިން އިސްލާމްވި ވާހަކައާއި، ކިޑްނެޕްކޮށްފައިނުވާ ވާހަކަ އިޢުލާންކޮށްފައިވެއެވެ. މިވީޑިޔޯ ނަގާފައިވަނީ ތަޙްރީރު މައިދާނުގައި ކަމަށް ބައެއް ނޫސް އިދާރާތަކުން މައުލޫމާތުދެއެވެ.


އޭގެ ދުވަސްކޮޅެއް ފަހުން، ޤާހިރާގެ މަގެއްގެމަތިން އެދެކުދިން ހިގާފައިދަނިކޮށް ފުލުހަކަށް އެދެކުދިން ފާހަގަކުރެވުނީކަމަށް ޚަބަރު ފަތުރާ ވަޞީލަތްތަކުން މައުލޫމާތުދެއެވެ. މޫނު ބުރުގާ އަޅައިގެން ތިބި މިދެކުދިން، ފުލުހުންގެ މީހާއަށް ފާހަގަކުރެވިފައިވަނީ، ދެކުދިންގެ އަތުގައި ޞަލީބުގެ ނިޝާން ޓެޓޫކޮށްފައި ވާތަން ފެނިގެން ޝައްކުކުރެވިގެންނެވެ. މިޞްރުގެ މީޑިޔާގައި ފެތުރެމުންދާ ތަފާތު ވާހަކަތައް ދޮގުކުރަމުން، އެދެކުދިން ކިޑްނެޕް ކޮށްފައިނުވާކަމަށާއި، މުސްލިމް ޝެއިޚަކާއި ކައިވެނި ކޮށްފައިވެސް ނުވާކަމަށް އެދެކުދިން ބުނިކަމަށް ފުލުސްމީހާއާއި ހަވާލާދީ ނޫސްތަކުން ބުނެއެވެ. ނަމަވެސް، އާއިލާއިން އައިސްދާނޭ ނުރައްކަލަކަށް ބަލާފައި މުސްލިމް އާއިލާއެއްގެ ގޭގައި ދިރިއުޅެމުންދަނީކަމަށް އެދެކުދިން ބުނެފައިވެއެވެ.


ފުލުސްމީހާ އެވަގުތު އެދެކުދިންގެ މައުލޫމާތު ހޯދުމަށްފަހު ދޫކޮށްލާފައިވިޔަސް، ފަހުން އެދެކުދިން އަމިއްލައަށް ވަނީ ފުލުހުންގެ މަރުކަޒަށް ހާޟިރުވެފައެވެ.
މިމައްސަލަ ތަޙުޤީޤްކުރަމުންދާ ފަރާތްތަކަށް އެދެކުދިން މައުލޫމާތުދޭ ގޮތުގައި، މިދެކުދިން އިސްލާމްވެފައިވަނީ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި، އާއިލާއަށް އެނބުރި ދިޔުމަށް އިންކާރުކުރާކަމަށާއި، އާއިލާތަކުގެ ފަރާތުން ކުރިމަތިވެދާނެކަމަކުން ޙިމާޔަތް ލިބިގަތުމަށްވެސް އެދިފައިވެއެވެ. ކަމާބެހޭ ފަރާތްތަކުންވަނީ، ތަޙްޤީޤް ނިމެންދެން އެދެކުދިންނަށް ސަރުކާރުގެ ހިޔާވަހިކަމެއް ލިބިދިނުމުގެ އިންތިޒާމް ހަމަޖައްސާ، އާއިލާތަކުގެ ކިބައިން ރައްކާތެރިކަން ލިބިދީފައެވެ. އަދި، އަޒްހަރުގެ ޢިލްމުވެރިންގެ ފަރާތުން އެދެކުދިންގެ އިސްލާމްކަން ޔަޤީންކޮށްދިނުމަށްވެސް އެފަރާތުންވަނީ އެދިފައެވެ.



އެދެކުދިންނަކީ 18 އަހަރު ފުރިފައިވާ ދެކުދިންނަށް ނުވާތީ އަޒްހަރުގެ ފަރާތުން އެދެކުދިންގެ އިސްލާމްކަން ޔަޤީންކޮށްދީފައެއް ނުވެއެވެ. އަޒްހަރުގެ ޤަވާއިދުވާގޮތުން އަޒްހަރުގެ ފަރާތުން ޤަބޫލުކުރަނީ ހަމައެކަނި 18 އަހަރު ފުރިފައިވާ މީހުންގެ އިސްލާމްކަންކަމަށް ނޫސް އިދާރާތަކުން މައުލޫމާތުދެއެވެ.


މިދެކުދިން އާއިލާތަކާ ޙަވާލުނުކުރުމުން، އެއާއިލާތަކުންވަނީ، އިޖިޕްޝިއަން ފެޑެރޭޝަން އޮފް ހިއުމަންރައިޓްސް އޮރގަނައިޒޭޝަން އާއެކު ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީސް ދޮށުގައި މުޒާހަރާ ކޮށްފައެވެ. އެމީހުން ބުނަމުންދަނީ، އެދެކުދިންނަކީ ކުޑަކުދިންކަމަށާއި، އެމީހުން ޙަވާލުކުރެވެން ޖެހޭނީ އާއިލާތަކަށްކަމަށެވެ. އަދި އަޒްހަރުން އެދެކުދިންގެ އިސްލާމްކަން ޤަބޫލުކޮށްފައިނުވާތީ، އެދެކުދިން މިހާރު "ހިފެހެއްޓިފައި" އެވަނީ ޤަވާއިދާ ޚިލާފަށްކަމަށް އެމީހުން ބުނަމުންދެއެވެ.


އެދެކުދިންގެ އާއިލާތަކުގެ ވަކީލް ބުނެފައިވަނީ އެދެކުދިން އިސްލާމްވެފައި އެވަނީ ޕްރެޝަރ ކުރެވިގެންކަމަށާއި ނުވަތަ އާއިލާއަށް ފިލައިގެން އުޅުމަށްފަހު އެނބުރި އާއިލާއަށް ދާން ޖެހިލުންވެގެންކަމަށް ވެދާނެކަމަށެވެ. އިތުރަށް، އެކުދިންނަށް ރައްކާތެރިވާނެކަމުގެ ޔަޤީންކަން އާއިލާތަކުގެ ފަރާތުން ހޯދައިދޭނެކަމަށް ވަކީލް ބުނެފައިވެއެވެ.


މިޞްރުގެ ދުވަހު ނޫހެއް ކަމަށްވާ "އަލްޔަވްމް" ގައި " Alliance for the support of New Muslim Women" ގެ ނަމުގައި ހިންގަމުންދާ މުސްލިމް ޖަމާޢަތުންވަނީ ބަޔާނެއް ނެރެ ޢާއްމުކޮށްފައެވެ. އެ ބަޔާނުގައި ވާ ގޮތުން ނެންސީ އާއި ކްރިސްޓައިން އަނބުރާ ނަޞާރާ ފައްޅިތަކަށް ޙަވާލުކޮށްފިނަމަ، ދިގުދެމިގެންދާ ވަރުގަދަ މުޒާހަރާތަކެއް ކުރާނެކަމުގެ އިންޒާރު ދީފައިވެއެވެ. މިފަހަރު ފަސޭހައިން ދޫނުދޭނެ ކަމަށާއި، ކުރިން އަލަށް އިސްލާމްވާ އަންހެނުން ނަޞާރާ ފައްޅިތަކަށް ޙަވާލުކުރުމުން، އެކަނބަލުން ފައްޅިތަކުގައި ހައްޔަރުކޮށް ދީން ދޫކުރުމަށް ތަފާތު އަނިޔާ ދިން ފަދަ ދުވަސްވަރަށް އަލުން އަނބުރާ މިފަހަރު ނުދާނެކަމަށްވެސް، މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި އެތައް މުޒާހަރާތަކެއް ކޮށްފައިވާ އެ ޖަމާޢަތުން ހާމަކޮށްފައިވެއެވެ.


މީގެ ކުރިންވެސް މިޞްރުގައި އަލަށް އިސްލާމްވާ އެތައް އަންހެންކަނބަލުންނެއް ވަނީ ފައްޅިތަކުގެ އަނިޔާވެރިކަމުގައި ހައްޔަރުކުރެވި މިނިވަން ނުކޮށްފައެވެ. އެގޮތުން އެންމެ ފާހަގަ ކުރެވެނީ ފާދިރީއެއްގެ އަނބިކަނބަލުންކަމަށްވާ ކާމިލިއާ ޝެހެތާ އިސްލާމްވިކަމަށް ފެތުރުނު އަޑުތަކެވެ. މިކަމުގައި މުސްލިމް ޖަމާޢަތްތަކުން ބުނަމުންދާ ވާހަކަތަކާއި ފައްޅިން ބުނަމުންދާ ވާހަކަތަކުގެ ފުށުއެރުން ގިނަކަމާހެދި ސައްޙަގޮތެއް ޔަޤީންވެފައިނުވެއެވެ. 

މުސްލިމުން ބަދުނާމުކުރުމަށްޓަކާ އެދެކުދިން ވަގަށް ނެގިކަމަށް ބުނެ މީޑިޔާގައި ފެތުރު ޚަބަރުތައް ކޮޅުބަދަލުވުމާ ގުޅިގެންވަނީ ޚަބަރުތައް ހިންދާލުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.



"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް مؤمن އަންހެނުން هجرة ކޮށްފައި އަންނަހިނދު، ފަހެ، ތިޔަބައިމީހުން އެކަނބަލުން امتحان ކުރާށެވެ! އެކަނބަލުންގެ إيمان ކަން ހުރިގޮތް اللَّه ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، އެކަނބަލުންނީ، (حقيقة ގައި) مؤمن ންކަން ތިޔަބައިމީހުންނަށް އެނގިއްޖެނަމަ، ފަހެ، كافر ންގެގާތަށް ތިޔަބައިމީހުން އެކަނބަލުން އަނބުރައި ނުފޮނުވާހުށިކަމެވެ! އެކަނބަލުން އެއުރެންނަށް حلال ވެގެނެއް ނުވެތެވެ. އަދި އެއުރެންވެސް އެކަނބަލުންނަކަށް حلال ވެގެނެއް ނުމެވޭމެއެވެ." (ސޫރަތުލް މުމްތަޙަނާ: 10)

Tuesday, June 21, 2011

ސްކޮޓްލޭންޑްގެ މުސްލިމުން މިނިވަން އިސްލާމީ ތަޢުލީމީ ނިޒާމަކާ ދިމާއަށް މިސްރާބު ޖަހަނީ



ސްކޮޓްލޭންޑްގެ ތަޢުލީމީ މަންހަޖުގައި އިސްލާމްދީނަށް ދެވޭ އަޙައްމިއްޔަތު ކުޑަކަމުން، އެޤައުމުގެ މުސްލިމުން އަމިއްލަ މިނިވަން އިސްލާމީ ތަޢުލީމީ މަރުކަޒުތަކެއް އުފެއްދުމުގެ ވިސްނުން ގެންގުޅެމުން އެބަދެއެވެ.

ސަންޑޭ އެކްސްޕްރެސް ފަދަ ބައެއް ނޫސްއިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި، ސްކޫލުތަކުގައި އިސްލާމްދީން ޕްރޮމޯޓްކުރުމަށް މަސައްކަތް ނުކުރެވޭތާ، ބައެއް ޓީޗަރުންގެ ފަރާތުން ފެންނަ ލާދީނީ ޢަމަލުތަކުގެ ސަބަބުން ބެލެނިވެރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަމިއްލަ މިނިވަން ސްކޫލްތަކެއް ހުޅުވުމުގެ ވިސްނުން އެއްބަޔަކު ގެންގުޅެމުން ދާއިރު، ސަރުކާރުގެ ޚަރަދުގައި ހިންގޭ އިސްލާމީ ސްކޫލްތަކެއް ހުޅުވުމަށް ޤާނޫނީ ބާރު ބޭނުންކުރުމަށް އެއްބަޔަކު ގޮވާލަމުން ދެއެވެ. މިފަދަ ގިނަ ޚިޔާލުތަކެއް ކުރެވެމުން ދަނީ ސްކޮޓްލޭންޑްގެ މުސްލިމުން ހިންގަމުންދާ ވެބްސައިޓެއްކަމުގައިވާ ގްލަސްގޮވްމުސްލިމްސް.ކޮމް ގައެވެ.

ސްކޮޓްލޭންޑް ގައި މިހާރު ހުރީ އިސްލާމީ ތައުލީމުދޭ އެންމެ ޕްރައިމަރީ ސްކޫލެކެވެ. އެއީ، ސްކޮޓްލޭންޑްގެ އެންމެ ބޮޑު ސިޓީކަމަށްވާ ގްލަސްގޮވްގައި 2010 ވަނަ އަހަރު ހުޅުވުނު ޤަލަމް އެކަޑެމީ އެވެ.

ނަމަވެސް، ޔަހޫދީ އަދި ނަޞްރާނީ ދީންތަކުގެ ސްކޫލްތައް ސްކޮޓްލެންޑްގެ ސަރުކާރުގެ ޚަރަދުގައި ބަލަހައްޓަމުންދާތީ، ސްކޮޓްލޭންޑްގެ ސަރުކާރުގެ ވެރިޔާ ފަސްޓް މިނިސްޓަރ އެލެގްޒެންޑަރ ސޭމަންޑް ވިދާޅުވެފައިވަނީ، އިސްލާމީ ސްކޫލްތަކެއް ހެދުމުގެ ޕްލޭންތަކަށް އޭނާ ތާއީދުކުރާކަމަށެވެ.
 
2001 ވަނަ އަހަރުގެ ރަސްމީ ހިސާބުތައް ދައްކާގޮތުން ސްކޮޓްލޭންޑްގައި ދިރިއުޅޭ މުސްލިމުންގެ ނިސްބަތަކީ މުޅި އާބާދީގެ އެންމެ 0.9% އެވެ. 


ސްކޮޓްލޭންޑާއި އިނގިރޭސި ވިލާތާއި ވޭލްސް އަދި ނޮަދަރން އަޔަރލެންޑް ގުޅިގެން ގްރޭޓް ބްރިޓެއިން ނުވަތަ ޔުނައިޓެޑް ކިންގަޑަމް (ޔޫ.ކޭ) އުފެދިފައިވެއެވެ. އެހެންކަމުން ސްކޮޓްލެންޑަކީ ޔޫ.ކޭ ގެ ބައެކެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ބައެއް ނޫނެވެ.