Pages

Friday, March 22, 2013

ބަންގްލަދޭޝްގެ "ޝެއިޚް އިލްޔާސް" މަރާލާއިރު ދިވެހި މުސްލިމުން ހަނުތިބެނީ!!!

ބަންގްލަދޭޝްގެ މުސްލިމް ޢިލްމުވެރިއެއްކަމަށްވާ ޝެއިޚް ދެލްވަރު ޙުސައިން ސަޢީދީގެ ތަޢާރަފެއް ދިވެއްސަކަށް ދޭނަމަ އެންމެ ފަސޭހަ ގޮތަކީ އެއީ ބަންގްލަދޭޝްގެ “ޝެއިޚް އިލްޔާސް” ކަމުގައި ބުނުމެވެ. ޝެއިޚް އިލްޔާސް ޙުސައިނަށް ދިވެހީންގެ ހިތްތަކުގައި ލިބިފައިވާ ޤަދަރާއި އިޙްތިރާމް، ޝެއިޚް ސަޢީދީއަށް ބަންގްލަދޭޝްގައި ލިބިފައިވެއެވެ.
ޝެއިޚް ދެލްވަރު ޙުސައިން ސަޢީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1940 ވަނަ އަހަރުގެ ފެބްރުއަރީ މަހު 1 ވަނަ ދުވަހުއެވެ. އެބޭފުޅާގެ ބައްޕާފުޅަކީ، އެރަށުގައި ދީނީ ތަޢުލީމް ދެއްވާ މުރްޝިދެކެވެ. އެބޭފުޅާ އެންމެ ފުރަތަމަ ތަޢުލީމް ޙާޞިލްކުރެއްވީވެސް ބައްޕާފުޅު އަޅުއްވާފައިވާ މަދަރުސާއިންނެވެ. އެއަށްފަހު ދީނީ ތަޢުލީމް ދޭ އިތުރު އިންސްޓިޓިއުޓްތަކުން ތަޢުލީމް ޙާޞިލްކުރައްވާ މައުލާނާ އަކަށް ވެލެއްވިއެވެ.
1980ގެ އަހަރުތަކުގެ ކުރީކޮޅު މައުލާނާ ދެލްވަރު ޙުސައިން ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރައްވާ އިސްލާމްދީނުގެ ޙިމާޔަތުގައި ތަޤްރީރުތައް ކުރައްވަން ފެއްޓެވިއެވެ. އެބޭފުޅާގެ ބަލާޣާތްތެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ސަބަބުން ގިނަ ބަޔެއް އެބޭފުޅާގެ ދަރުސްތަކުގެ ސަބަބުން އަސަރުކޮށް އިސްލާޙްވަމުން ދިޔައެވެ. މުޅި ބަންގްލަދޭޝްގެ ހުޅަނގަށާއި އިރަށް އިސްލާމީ ހޭލުންތެރިކަމެއް ގެނެސްދެއްވުމުގެ އެއް މޭސްތެރިއަކީ ޝެއިޚް ދިލާވަރު ޙުސައިނެވެ. ކުށްކުރުމާއި ކޮރަޕްޝަން ކޮޅުނެތްކޮޅަށް ފެތުރިފައިވާ ބަންގްލަދޭޝްގެ ގިނަ ބަޔަކު ޝެއިޚް ސަޢީދީގެ ސަބަބުން، އެމީހުން އުޅެމުންދިޔަ ނުބައި އުޅުން ދޫކޮށް އިސްލާޙްވިއެވެ. ފާސިދު އަޤީދާތަކާއި ބޯދާ ޤަބޫލުކުރުންތަކާއި ޚުރާފާތްތައް ދޫކޮށް ކަލާނގެ އެއްކައުވަންތަކޮށް ހެޔޮގޮތުގައި އަޅުކަން ކުރަން އެތައް ލައްކަ ބަޔަކު ފެއްޓިއެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވަމުންދިޔަ ދަރިން، ކިޔަމަންތެރި ދަރިންނަށް ބަދަލުވެ، ޢާއިލީ މައްސަލަތައް ޖެހެމުންދިޔަ ދެމަފިރިންނަށް ހެޔޮގޮތުގައި އުޅެން އެނގިގެން ދިޔަ ސަބަބަކަށްވެސް ސަޢީދީ ވެގެންދިޔައެވެ. އަދި މުސްލިމުންނާއި ޣައިރު މުސްލިމުންވެސް ދިރިއުޅެމުންދާ ބަންގްލަދޭޝްގައި ގިނަ ދީންތަކުގެ މެދުގައި އޮތް ނުތަނަވަސްކަން މައިތިރިކޮށް، ސުލްޙަވެރި ދިރިއުޅުމެއް އުޅޭ ބަޔަކުކަމުގައިވެގެން ދިޔުމަށް ޝެއިޚް ސަޢީދީ މައިގަނޑު ރޯލެއް އަދާކުރައްވާފައިވެއެވެ. އިންޑިޔާގައި އޮންނަ ފަދައިން މުސްލިމުންނާ ހިންދީންނާ ދެމެދު ތަޅާފޮޅާ ވާހަކައަކީ ބަންގްލަދޭޝްގައި މީހުން އަހާ ވާހަކައެއް ނޫނެވެ. މިހުރިހާ ކަމެއްގެ ފަހަތުގައި ޝެއިޚް ސަޢީދީގެ ރޯލެއް ވާކަމަށް ބަންގްލަދޭޝްގެ ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ޝެއިޚް ސަޢިދީއަކީ އެފަދަ ލީޑަރެކެވެ.
އުރުދޫބަހާއި ބަންގާޅީ ބަހާއި، ޢަރަބި ބަހާއި، ޕަންޖާބީ ބަހުން ފަރިތަކަމާއެކު ތަޤްރީރު ކުރައްވަމުން ބަންގްލަދޭޝްގެ ތަފާތު މުސްލިމް އަދި ޣައިރު މުސްލިމް މުޖްތަމަޢުތައް ހޭލައްވަމުން އެބޭފުޅާ ވަޑައިގެންނެވީ ނުހަނު ކެރުންތެރިކަމާއެކު ސެކިޔުލަރިޒަމްގެ ވަކިތަކުން ޤައުމު ސަލާމަތްކުރެއްވުމުގެ ވިސްނުންފުޅާއެކުއެވެ. އެހެންކަމުން، އެކަލޭގެފާނަށް ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމަށް މަޖްބޫރުވެގެންދިޔައެވެ. ޤައުމުގެ އިސްފަޑީގައި ތިއްބެވި ޚިޔާނާތްތެރިން ޤައުމަށް ވައްދަމުންދިޔަ ބީރައްޓެހި ފިކުރުތަކަށް ކުރިމަތިލެއްވޭނެ އެންމެ ރަނގަޅު އެއް މައިދާނަކީ އެ އިސްފަޑިތަކަށް އަރައިގެންކަމަށް ވިސްނި ވަޑައިގެން އެބޭފުޅާވެސް ސިޔާސީ މައިދާނަށް ނުކުންނެވިއެވެ. މުސްލިމުންނާއި ޣައިރު މުސްލިމުންގެ ތެރޭގައިވެސް މަޤްބޫލުކަން ލިބިލައްވާފައިވާ ޝެއިޚް ދިލާވަރަށް އެޤައުމުގެ ރައްޔިތުންގެ މަޖްލީހަށް ކުރިމަތިލައްވާ ކާމިޔާބު ކުރެއްވުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. އެބޭފުޅާ ވަނީ ބަންގުލަދޭޝްގެ ޤައުމީ އިންތިޚާބްތަކުގައި 1996 ވަނަ އަހަރާއި 2001 ވަނަ އަހަރު ކާމިޔާބު ކުރައްވާފައެވެ. އަދި އެބޭފުޅާ ވާދަކުރެއްވި ސަރަޙައްދު ތަކަކީ ޣައިރު މުސްލިމުންގެ އާބާދީ ބޮޑު ސަރަޙައްދުތަކެވެ.
އިސްލާމީ އުއްމަތުގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުންގެ ދިފާޢުގައި
2001 ވަނަ އަހަރު ދުނިޔޭގެ ގަދަބާރު ކަމުގައި ދަޢުވާ ކުރަމުންދާ އެމެރިކާއިން ނިކަމެތި އަފްޣާނިސްތާން ފުނޑާލާ އެތާނގައި އޮތް އިސްލާމީ ވެރިކަން ނަގާލިއިރު އެކަމާ ދެކޮޅަށް އެއްޗެކޭ ބުނަން ކެރުނު މަދު ޢިލްމުވެރިންގެ ތެރޭގައި ޝެއިޚް ދިލާވަރު ޙުސައިން ސަޢީދީ ހިމެނި ވަޑައިގަންނަވައެވެ. އިސްލާމީ އުއްމަތުގެ ކޮންމެ ގުނަނެއްގައި އަޅާ ވޭން ވެސް އަމިއްލަ ޤައުމެކޭ އެއްފަދައިން އިޙްސާސް ކުރެއްވިއެވެ. އެގޮތުން އެމެރިކާ އަކަސް، އިނގިރޭސި ވިލާތަކަސް މުސްލިމް ދައުލަތެއްގެ ސަރުކާރަކާ ބެހެވިގެން ނުވާނެކަމަށް  ވިދާޅުވެ އެބޭފުޅާ ވަޑައިގަތީ ފާޅުގައި އެކަމާ ދެކޮޅު ހައްދަވަމުންނެވެ. އެބޭފުޅާގެ ތޫނު ބަހުގެ ހަމަލާތަކުގެ ސަބަބުން އެމެރިކާއަށް ހަޖަމްނުވެގެން އެންމެ ފަހުން 2004 ވަނަ އަހަރު އެމެރިކާގެ ޓެރަރިސްޓުން ސްކްރީން ކުރާ ސެންޓަރުގެ ފަރާތުން އެބޭފުޅާގެ ނަން ވަނީ “ނޯ ފްލައި ލިސްޓް”އަށް އަރުވާފައެވެ.
ފަޤީރު ބަލިކަށި ނިކަމެތި އަދި އަނިޔާ ލިބެމުން ދިޔަ މުސްލިމް ޤައުމެއްގެ ދިފާޢުގައި ވާހަކަދެއްކުމުން ލިބިލެއްވި މިއަދަބު އެބޭފުޅާ އުފެއްލެވީ އެއްވެސް ޝަކުވާއެއްކުރުމެއް ނެތިއެވެ. ނަމަވެސް މިއަދު އިސްލާމީ އުއްމަތް އެބޭފުޅާގެ މަތިން ހަނދާން ނައްތާލައިފިއެވެ. އިސްލާމީ އުއްމަތް އެކަލޭގެފާނަށް ދަރާފައިވާ ދަރަނި އަދާކުރަން މިއީ އެންމެ ރަނގަޅު ފުރުޞަތު ނޫންބާވައެވެ؟
އެބޭފުޅާގެ ބޮލުގައި އަޅުވާފައިވާ ތުހުމަތުތަކާއި އޭގެ ރައްދު
އައްލާމާ ދެލްވަރު ޙުސައިން ސަޢީދީއަށް ބަންގްލަދޭޝްގެ ސެކިޔުލަރ ސަރުކާރުގެ ފަރާތުން 8 ކުށެއްގެ ތުހުމަތުކޮށް ޘާބިތުކޮށްފައިވެއެވެ. މިތަހުޤީޤްތަކަކީ، ބަންގުލަދޭޝްގެ މިހާރުގެ ރައީސާ ޝެއިޚް ޙަސީނާގެ ފަސާދައިގެ ޢަމަލުތަކެއްކަމަށް ބައިނަލްއަޤްވާމީ ތަފާތު މުއައްސަސާތަކުން ބުނެއެވެ. މިކުރެވުނު ޙުކުމަކީ ޢަދުލު އިންސާފުގެ ބޭރުން ކުރެވިފައިވާ ޙުކުމްތަކެއްކަމަށް ބުނަމުންދަނީ ހަމައެކަނި ޝެއިޚް ޙަސީނާއާ ސިޔާސީ ގޮތުން ދެކޮޅު މީހުން އެކަންޏެއް ނޫނެވެ. ޚުދު އެކަމަނާއާ އެއްފިކުރުގެ މީހުންވެސް މި ތަހުޤީޤްތައް ކުރިއަށް ދިޔަގޮތާމެދު ފާޑުކިޔާފައިވެއެވެ.
އައްލާމާ ސަޢީދީގެ މައްޗަށް ކުރެވިފައިވާ ހުރިހާ ދަޢުވާއަކީވެސް ޕާކިސްތާނާއި ބަންގުލަދޭޝްއާ ވަކިވާން ޖެހުނު ހަނގުރާމާގައި ހިންގާފައިވާ ޖަރީމަތަކެއްގެ ދަޢުވާއެވެ. ބަންގުލަދޭޝްގެ ތާރީޚްގައި ފާހަގަކުރެވިފައިވާ ފަދައިން ސަޢީދީކުރިކަމަށް މި ތުހުމަތު ކުރެވޭ ކުށްތައް ކޮށްފައިވަނީ ދިލްވަރު ސިކްދަރު ކިޔާ މީހެކެވެ. ހަނގުރާމަ ނިމުމަށްފަހު 1971 ގެ ފަހުން މިމީހާ ވަނީ ޢާއްމު ރައްޔިތުންގެ އަތްދަށުވެ މަރުވެފައެވެ. މިއީ ބަންގްލަދޭޝްގެ ތާރީޚްގައި އަދިވެސް މީހުންގެ ހަނދާނުން ފިލައިގެން ގޮސްފައިވާ ވާހަކަތަކެއް ނޫނެވެ. މިހާރު އޭގެ 40 އަހަރު ފަހުން އަނެއްކާ މި މައްސަލަތައް ހިލުވާ ލައިގެން ބަންގްލަދޭޝްގެ ސެކިޔުލަރ ސަރުކާރުގެ ފަރާތުން އުޅެނީ ބަންގުލަދޭޝްގެ ދީނީ ޢިލްމުވެރިއެއްގެ ބާރު ޤައުމުގައި ގަދަވެގެންދާތީ އެކަމާ ކުރާނެ އިތުރުކަމެއް ނެތުމުން އެޝެއިޚްގެ އަޑުގައި ތަޅުއެޅުވުމަށެވެ. ސަރުކާރަށް ލިބިއޮތް ހަމައެކަނި ހެއްކަކީ، ޝެއިޚްގެ ނަން އެކިޔާ މުޖްރިމެއްގެ ނަމާ އެއްގޮތް ވުމެވެ. ރަށުގެ ނަމާއި ބައްޕަގެނަން ދިމާނުވިޔަސް މެއެވެ.
އައްލާމާ ދެލްވަރު ޙުސައިން ސަޢީދީ ގެ މައްޗަށް ކުރެވިފައިވާ ދަޢުވާ ތަކަށް ބަލާއިރު، އެންމެ ފުރަތަމަ ފާހަގަވަނީ އެހަނގުރާމާގައި ހިންދީންތަކަކާ ދެކޮޅަށް ޤަތުލްޢާއްމު ހިންގިކަމުގެ ކުށެވެ. މިމަރާލިކަމަށް ބުނެވޭ މަޤްޠޫލުން ޢާއިލަތަކުގެ ފަރާތުން މިހާރުވެސް ދަނީ އައްލާމާ ސަޢީދީގެ ކުށެއް ނެތްކަމަށް ބުނެ އަޑުއުފުލަމުންނެވެ. އެގޮތުން މަރާލެވުނު މީހެއްގެ އަނބިމީހާ، ސަޢީދީގެ މައްޗަށް އޭނާގެ ފިރިމީހާ މަރާލިކަމުގެ ދަޢުވާ ކުރެވި ޘާބިތުކުރެވުނުކަން އޭނާއަށް އެނގުމުން މީޑިޔާއަށް ދިން އިންޓަރވިއުގައި ބުނެފައިވަނީ، “ނޫން. ނޫން. ނޫން. އެއީ މުޅިން ނުބައި މަޢުލޫމާތެއް. އަހަރެންގެ ފިރިމީހާ މަރާލީ ސަޢީދީ އެއް ނޫން.”
“އެމީހުން އަހަރެންގެ ބަސްކޮޅެއް ހޯދަން އައި. ނަމަވެސް އެއްޗެއް ބުނުމަށް އަހަރެން ދެކޮޅު ހެދިން. ކުށެއް ނެތް އެއްވެސް މީހަކާ ދެކޮޅަށް އަހަރެން ހެއްކެއް ނުދޭނަން.” މަރާލެވުނު ހިންދޫއެއްގެ ބޭބެ މީޑިޔާއަށް ދިން އިންޓަރވިއުއެއްގައި ސަޢީދީގެ ޙިމާޔަތުގައި ބުނެފައިވެއެވެ.
“ސިފައިންގެ މީހުން ތެރެއިން ބަޔަކު އޭނާ މަރާލީ. ސަޢީދީ އެތާ ނުވެސް ހުންނަވާނެ. މިހާރު އަހަރެންނަށް އެނގިފަވަނީ އަހަރެންގެ ނަން ބޭނުން ކޮށްގެން ކޮންމެވެސް ބަޔަކު ސަޢީދީއާ ދެކޮޅަށް ދަޢުޥާއެއް އުފުލައިފިކަން.” މަރާލެވުނުކަމަށް ބުނާ އެހެން ހިންދޫއެއްގެ ދަރިފުޅު މީޑިޔާއަށް އިންޓަރވިއުއެއް ދެމުން ބުނެފައިވެއެވެ.
“މައުލާނާ ސަޢިދީއާ ދެކޮޅަށް ޤަޞްދުގައި ދޮގު ހެއްކެއް ދިނުމަކީ އަހަރެންނަށް ކުޅަދާނަވެގެންވާ ކަމެއް ނޫން. އަހަރެމެންގެ ގޭގައި ހުޅުޖެހީ އޭނާއެއް ނޫން.” ސަޢީދީކުރިކަމަށް ކޯޓުގައި “ޘާބިތުކޮށްފައިވާ” ޙުކުމާ ދެކޮޅު ހަދަމުން އަނިޔާ ލިބުނު ފަރާތަކުން މީޑިޔާގައި ބުނެފައިވެއެވެ.
އަދިވެސް ބަންގުލަދޭޝްގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ޙުމައިން އަޙްމަދު ގެ ބައްޕާފުޅު މަރާލީ ޝެއިޚް ސަޢީދީކަމަށް ހަސީނާ އުފައްދާފައިވާ ޓްރައިބިއުނަލްއިން ބުނެފައިވާއިރު، ޙުމައިން އަޙްމަދުގެ މަންމާފުޅު އަމިއްލަ ބައޮގްރަފީގައި ތުހުމަތުކޮށްފައިވަނީ ޤާޠިލަކީ ބްރިގޭޑިއަރ އާތިޤް ރަޝީދާއި މޭޖަރ ރިޒާ ކިޔާ ދެމީހަކު ކަމަށެވެ. ހަސީނާ އުފައްދަވާފައިވާ ޓްރައިބިއުނަލްއިން މިއިން އެއްވެސް ކަމަކަށް ރިޢާއަތްކުރައްވާފައެއްނުވެއެވެ.
އުފެދޭ އަނެއް ސުވާލަކީ، ޝެއިޚްއަކީ ހިންދޫންގެ ބަޔަކާ ދެކޮޅަށް ޤަޠުލްޢާއްމު ހިންގާފަހުރި މީހަކަށްވެހުރެ، ހިންދޫންގެ މެޖޯރިޓީ އޮންނަ ސަރަޙައްދަކުން 2 ފަހަރަށް ރައްޔިތުންގެ މަޖްލީހަށް ހޮވުމަކީ އެކަށީގެންވާކަމަކަށް ވާނެބާވައެވެ؟ ޝެއިޚަކީ ހިންދޫންނާއި އެހާ ދެކޮޅު މީހެއް ނަމަ، ބަންގްލަދޭޝްގެ ހިންދޫން އެބޭފުޅާ ދެކެ އެހާ ލޯބިވަނީ ކީއްވެބާވައެވެ؟
ޝެއިޚް ހަސީނާ އުފައްދާފައިވާ ޓްރައިބިއުނަލްއިން ބަލާ މައްސަލައާމެދު ބަންގްލަދޭޝްގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޔުނިވަރސިޓީ އޮފް ޑާކާގެ ޕްރޮފެސަރެއްކަމުގައިވާ ޑރ. އާސިފް ނަޒްރުލް ވިދާޅުވެފައިވަނީ، “ސަޢީދީގެ ރޯލަކީ ކޮބައިތޯ؟ އޭރު (1971ގައި) ސަޢީދީއަކީ އެޖަމާޢަތުގެ ލީޑަރެއް ނޫން. އޭރު އެކަލޭގެފާނަކީ އެހާ މަޝްހޫރު ބޭކަލެއްވެސް ނޫން. އިންސާނިއްޔަތާ ދެކޮޅަށް އަނިޔާވެރިވާނެ ބާރެއް އޭރު އޭނާ އަތުގައި ނުހުންނާނެ.”
ޝެއިޚްގެ އަމިއްލަ ބަސްފުޅުންނާއި އެތައް ބައެއްގެ ހެކިބަހުން ޘާބިތުވެފައިވާ ގޮތުގައި 1971ގެ އެޙާދިޘާތައް ހިނގި އިރު، ޝެއިޚް ސަޢީދީ ހުންނެވީ އެހެން ރަށެއްގައި ހަނގުރާމަ ހިނގި ސަރަޙައްދުތަކުން ދުރުގައެވެ. ސެކިޔުލަރ ސަރުކާރަށް މިއިން އެއްވެސް ހެއްކެއް ޤަބޫލުކުރެވުނުކަމުގައެއްނުވެއެވެ.
ޝެއިޚް ހަސީނާގެ އިންޞާފެއް ނެތް ޢަދުލުއިންސާފުގެ ނިޒާމާމެދު ބައިނަލް އަޤްވާމީ ޤާނޫނީ މާހިރުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުއްވާ އައްލާމާ ސަޢީދީއާ ދެކޮޅަށް ހިންގުނު ޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށް ބުނެފައެވެ. އެގޮތުން ބަންގުލަދޭޝްގެ ވޯރ ކްރައިމް ޓްރަބިއުނަލް އާ މެދު ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނީ ވަކީލެއް ކަމަށްވާ ސްޓީވެން ކޭ ވިދާޅުވެފައިވަނީ، “އެއީ ޤައުމީ ކޯޓެއް. ނަމަވެސް އެމީހުން ބަލަމުން އެދަނީ ބައިނަލްއަޤްވާމީ ކުށްތަކެއް. އަދި ބަންގުލަދޭޝްގެ ސަރުކާރުން އެވަނީ އެޤައުމުގެ ހެއްކާބެހޭ ޤަވާޢިދުތައް ވެސް އަދި ޙައްޤުތައްވެސް ތުހުމަތުކުރެވޭ މީހުންނަށް ލިބިނުދީފަ. އަދި ވޯރ ކްރައިމްސް ޓަރަބިއުނަލްގައި އެމީހުންނަށް ލިބިދީފައިވަނީ ވަރަށް ހިފެހެއްޓިފައިވާ ޙައްޤުތަކެއް. ޢާއްމުގޮތެއްގައި ބަންގުލަދޭޝްގެ ރައްޔިތަކަށް ޤާނޫނީ ގޮތުން ލިބިދެވޭ ޙައްޤުތައްވެސް އެމީހުންނަށް ނުހިންގޭ. އެހެންކަމުން އެއީ ވަރަށް ނާއިންސާފްވެރި ވޯރ ކްރައިމްސް ޓްރަބިއުނަލް އެއް!”
ބަންގުލަދޭޝްގެ މަޝްހޫރު ބެރިސްޓަރ އެއް ކަމުގައިވާ ރަފީޤުލް ޙައްޤު (ސްޕްރީމް ކޯޓުގެ ސީނިއަރ ވަކީލް) މިޓްރައިބިއުނަލްއާ މެދު ވިދާޅުވެފައިވަނީ “މިއީ ޙައިރާންވާން ޖެހޭކަމެއް. ހުރިހާ ހެކިން އެބަބުނޭ ތިމަންނަމެންނަކަށް ސަޢީދީއެއް ނޭނގެއޭ. މިދަނީކީ ރަނގަޅު މިސްރާބަކަށް ނޫން. މިއީ އެދެވިގެންވާ ގޮތެއް ނޫން.”
މޮޅުކަމަކީ، މިޓްރައިބިއުނަލްގެ ޗެއަރމަންއަކަށް ކަނޑައަޅާފައި ހުރީވެސް، ތުހުމަތުކުރެވުނު މީހުންނާމެދު މައްސަލަބެލުމަށް ކަނޑައެޅުނު ކޮމިޝަނެއްގެ މެމްބަރަކަށް ވާތީއެވެ. ހެއްކެއްގެ ގޮތުގައި މިމެމްބަރަކު ނުބަހައްޓާ ޓްރައިބިއުނަލްގެ ޗެއަރ އަކަށް މިފަދަ މެމްބަރަކު ކަނޑައެޅުން އެއީ އިންސާފުން ބޭރުގައިވާކަމެއްކަމަށް ބައިނަލްއަޤްވާމީ ޤާނޫނީ މާހިރުން ވިދާޅުވެފައިވެއެވެ.
ޝެއިޚް ހަސީނާ އަމިއްލަފުޅަށް އުފައްދަވައިގެން އުޅުއްވާ ވޯރ ކްރައިމް ޓްރަބިއުނަލް އަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުތަކުން އެއްވެސް ވަރަކަށް ބަލައިގަނެފައިވާ ޓްރައިބިއުނަލްއެއް ނޫނެވެ. އެމްނެސްޓި އިންޓަރނޭޝަނަލް، އިންޓަރނޭޝަންލް ބާރ އެސޯސިއޭޝަން، ހިއުމެން ރައިޓްސް ވޮޗް ފަދަ ހުޅަނގުގެ ބައިނަލް އަޤްވާމީ ޖަމިއްޔާތަކުންވަނީ މިޓްރައިބިއުނަލްގެ އަގެއް ނެތްކަމަށް ބުނެ، މިޓްރައިބިއުނަލްއާ ދެކޮޅަށް ވަނީ ވާހަކަދައްކާފައެވެ.
ޓްރައިބިއުނަލްގެ ޙުކުމާމެދު ސަޢީދީ
“ޕްރައިމް މިނިސްޓަރ (ޝެއިޚް ހަސީނާ)! އަހަރެން އެދެނީ ކަމަނާއަށް ހެޔޮ ގޮތްވުން. 5 އަހަރު ވަންދެން އަދިވެސް ހެޔޮގޮތުގައި ޤައުމު ހިންގާން ތިމަޤާމްގައި ހުރުން. ކަމަނާއަށް އެނގެން ވެއްޖެ ކަމަނާގެ އަރިހުގައި ތިޔަ ތިބި މީހުން. އެއީ މީސްތަކުންގެ ތެރޭގައި އޮތް ކަމަނާގެ ބައްޕާފުޅު، މިޤައުމުގެ މިނިވަންކަމުގެ މޭސްތިރި ކުރިގެ ރައީސް ޝެއިޚް މުޖީބުއްޜަހްމާންގެ މަޤްބޫލްކަން ހަލާކުކޮށްލި މީހުން. އެބޭފުޅާގެ ޤަދަރު ނިކަން މަތީގައި ވަނިކޮށް އެމީހުން އެބޭފުޅާގެ އަގުވައްޓާލީ. ދެން ކަމަނާ އެމީހުން ތިޔަ ހެއްދެވީ މިނިސްޓަރުންނަށް. އެމީހުން ކަމަނާގެ ބައްޕައަށް ކަންތައް ކުރިގޮތަށް ކަމަނާއާ މެދުވެސް ކަންތައް ކުރާނީ!”
ޝެއިޚް ސަޢީދީއަށް ކުރިމަތިވެލެއްވި ބޮޑު 2 އިމްތިޙާނެއް!
އައްލާމާ ސަޢީދީއާ ދެކޮޅަށް ސަރުކާރުގެ ފަރާތުން ގެންގުޅެމުންދާ ދެފުށްދެގޮތް ސިޔާސަތާއި އެއްވެސް އިންޞާފެއް ނެތް އަނިޔާވެރިކަމުގެ ސަބަބުން، ލިބެމުންދިޔަ ހިތްދަތިކަން އެންމެ ބޮޑަށް ތަޙައްމަލު ކުރި އެކަކީ ޝެއިޚް ސަޢީދީގެ ފިރިހެން ދަރިކަލުން ރަފީޤް ބިން ސަޢީދީއެވެ. މެދުކެނޑުމެއް ނެތި ލިބެމުންދިޔަ އަނިޔާވެރިކަމާއި ހިތްނުތަނަވަސްކަން އިންތިހާއަށް ތަޙައްމަލުކުރަން ޖެހުމުގެ ސަބަބުން ޝެއިޚް ސަޢީދީގެ ލޮބުވެތި ދަރިކަލުންނަށް ޖެހުނު ބާރުގަދަ ހާރޓްއެޓޭކެއްގައި ދަރިކަލުން ޢުމުރުން އެންމެ 47 އަހަރުގައި މިފަނާވަނިވި ދުނިޔެ ދޫކުރިއެވެ.
އޭގެ ދުވަސްކޮޅެއް ކުރިން ސަޢީދީގެ ބަންދުގެ މުއްދަތުގައި ހުންނަވަނިކޮށްމެ، އެބޭފުޅާގެ މަންމާފުޅުވެސް ވަނީ މި އަނިޔާވެރި ދުނިޔެ އަޅާ އާޚިރަތަށް ދަތުރުކޮށްފައެވެ.  ސަޢީދީއަށް އެބޭފުޅާގެ ލޮބުވެތި މަންމާފުޅު ގެއްލިގެން ދިޔައިރުވެސް ޝެއިޚް ސަޢީދީ ހުންނެވީ ބަންދުގެ މުއްދަތުގައެވެ.
ޝެއިޚް ސަޢީދީގެ ދަރިކަލުން ރަފީޤް ބިން ސަޢީދީ ނިޔާވިތާ އެއްދުވަސްފަހުން ޢާއްމުންނާ ބައްދަލުކުރައްވަން ލިބިލެއްވި ފުރުޞަތުގައި އެބޭފުޅާ އަސަރުން ފުރިގެންވާ ބަސްފުޅުތަކެއް ވިދާޅުވެ އެއްވެފައިތިބި ފެންކަޅިވެފައިވާ މީސްތަކުންގެ ލޮލުން ކަރުނަ ފޯއްދާލިއެވެ.
“މީގެ ދުވަސްކޮލެއް ކުރިން އަހަރެންގެ މަންމަގެ ޖަނާޒާއަށް އަހަރެން ޙާޟިރުވިން. އަހަރެންގެ ޢާއިލާއާއި އަހަރެންގެ އަޚުންނާ ބައްދަލުކޮށްލާ، އެމީހުންގެ ކޮނޑުމަތީގައި އަތްއަޅާލާ ހިތްވަރެއް ދިނުމުގެ ފުރުޞަތުވެސް މިމީހުން އަހަންނަށް ނުދިން. އަހަރެންގެ ހިތުގެ ހަމަޖެހުން، އަހަރެންގެ ފިރިހެން ދަރިފުޅު ރަފީޤް ބިން ސަޢީދީ މަރުވީ އިއްޔެގައި. އަހަރެންނަށް މިޚަބަރުވެސް މިލިބުނީ މިއަދު މެންދުރު!” އަސަރުން ފުރިގެންވާ ޙާލެއްގައި ހުންނަވާ ޝެއިޚް ސަޢީދީ ވާހަކަފުޅުދެއްކެވިއެވެ.
އެއްވެފައިވާ ޢާއްމުންގެ ތެރެއަށް އައިސްފައިވަނީ ގަބުކަމެކެވެ. އަސަރުން ފުރިފައިވާ ހިތާމަވެރިކަމެކެވެ. އަނިޔާއާއި ބޭއިންޞާފް އިންތިހާއަށް ތަޙައްމަލުކުރަމުންދާ މުސްކުޅިއަކު، އޭނާ މިދުނިޔެ މަތީން އެންމެ ލޯބިވާނެ 2 މީހުން މިދުނިޔެ އަޅާގޮސްފައިވާ ޙާލުވެސް އެދައްކަވާ ކެތްތެރިކަމާއި ހިތްވަރުން ޢާއްމުން ތިބީ އަންތަރީސްވެފައެވެ.
ޝެއިޚްގެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. “އޭ ﷲ! ހެކިވެ ވޮޑިގެންވާނދޭވެ! 50 އަހަރު ވަންދެން ބަންގުލަދޭޝްއާއި މުޅި ދުނިޔޭގައި އަހަރެން ޤުރުއާން ދަސްކޮށްދެމުން ދިޔައިން. އެހެނަސް އެމީހުން އަހަރެން ހަދާފައިއެވަނީ ހަނގުރާމައިގެ މުޖްރިމަކަށް، ވަގަކަށް، ފޭރޭމީހަކަށް، ޤާތިލަކަށް، ގޭންގްސްޓާރަކަށް، ރޭޕްކުރާ މީހަކަށް!! ﷲގެ ނަންފުޅު ގަންދީ ހުވާކޮށްފަ ބުނަން، އޭ ﷲ!! އިބައިލާހުގެ ކިބްރިޔާ ވަންތަކަމާއި ޢިއްޒަތް ގަންދީ މިއަޅާ ހުވާކުރަން. 1971 ވަނަ އަހަރު (އެމީހުން އެ ތުހުމަތު ކުރާ ޢަމަލުތަކުގެ) ލަކެއްގެ މިންވަރުވެސް މިއަޅާ ގައިގައި ޖެހިފައިނުވާނެ. ނުވާނެ! ނުވާނެ! ނުވާނެ! އަހަރެންގެ ހަމައެކަނި ޒިންމާއަކަށް ވެފައިވަނީ ޤުރުއާންގެ ޢިލްމު ފެތުރުން.”
ޝެއިޚް ސަޢީދީގެ ހިތްވަރު ތިޔަ އެނގިލެއްވީއެވެ. ޙަޔާތުގެ ދުވަސްތައް މާތްއުޅުމެއް އުޅުމުގައި ހޭދަކުރުމަށްފަހު، ދޮގު ތުހުމަތުތަކެއް ކުރެވި، އެކަން ތަޙައްމަލުކުރަން ޖެހިފައިވާ ޙާލު ލޮބުވެތި މަންމާފުޅާއި ހިތުގެ ހަމަޖެހުން ކަމުގައިވި ދަރިފުޅު ދުނިޔެއާ ވަކިވާން ޖެހިގެންދާންޖެހުމުގެ ހިތާމަ އެކުރައްވަމުން ގެންދަވާއިރު، ދުނިޔޭގެ އެހެން މުސްލިމުން އެބޭފުޅާގެ މަތިން ހަނދާން ނައްތާލައިފިކަމުގައިވާނަމަ، މުސްލިމުންކަމުގައި ދަޢުވާމިކުރާ މީހުންގެ އަގެއް ކޮބައިހެއްޔެވެ؟ ދުނިޔޭގެ އެންމެ ގިނަ ބަޔަކަށް ޤުރުއާނުގެ ޢިލްމުފެތުރުއްވުމުގައި ޤަރުނެއްގެ ދެބައިކުޅަ އެއްބައި ހޭދަކުރެއްވިއެވެ. މިއަދު އެކަލޭގެފާނަށް އިންތިހާއަށް އިމްތިޙާނުތައް ކުރިމަތިކުރެއްވުނު ހިނދު، އެއަނިޔާ ލިބިފައިވާ ހިތަށް އިތުރު ޒަޚަމް ދިނުމުގެ ގޮތުން އެބޭފުޅާގެ މަތިން ތިޔަ ހަނދާން ނައްތާލައްވަނީތޯއެވެ؟ އެބޭފުޅާގެ ޙިމާޔަތަށް އެންމެ ބަހެއްވެސް ބުނެނުލާން ތިޔަ ހުންނަނީ އެއީ ވަކި ޤައުމެއްގެ މީހަކަށް ނުވީތީ ހެއްޔެވެ؟ މުސްލިމުންނަކީ ވަކި ޤައުމަކުން، ވަކި ނަސްލަކުން އަންނަ ބަޔަކީ ހެއްޔެވެ؟ ދުނިޔޭގެ އެހެން ޤައުމުތަކުގެ މުސްލިމުން ޝެއިޚްގެ ޙިމާޔަތުގައި އެއްޗެކޭ ބުނުމަށް ބަންގްލަދޭޝްގެ އަޚުންކުރަމުންދާ އާދޭހަށް އަޅުގަނޑުމެން ދޭނީ ބީރުކަންފަތެއް ތޯއެވެ؟