Pages

Thursday, October 27, 2011

5 އަހަރު ކޯމާއެއްގައި އޮތުމަށްފަހު އެރިއެލް ޝެރޯންގެ އިނގިއްޔެއް ޙަރަކާތްކޮށްލައިފި

އެއްވެސް ޙަރަކާތެއް ނެތި 5 އަހަރު ވަންދެން ކޯމާއެއްގައި ޕެރަލައިޒްވެފައި އޮތުމަށްފަހު، އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އެރިއެލް ޝެރޯން މި ހަފްތާގެ އާދީއްތަ ދުވަހު އޭނާގެ އަތުގެ އިނގިއްޔެއް ޙަރަކާތްކޮށްލައިފި ކަމަށް ޢާއިލާގެ ފަރާތުން ބުނެފި އެވެ.

ފަލަސްޠީނުގެ އެތައް މުސްލިމް ރައްޔިތުންނާ ދެކޮޅަށް ރަޙުމްކުޑަ ލާއިންސާނިއްޔަތުގެ ޖަރީމާތަކެއް ހިންގާފައިވުމުގެ ސަބަބުން މުސްލިމުންނާއި ބައިނަލް އަޤްވާމީ މުޖްތަމަޢުގައި ޝެރޯނާމެދު ވަނީ ނަފްރަތްތެރިކަން އުފެދިފަ އެވެ. އެގޮތުން ލުބްނާނުގެ ހުޅަނގު ބެއިރޫތުގައި ތިބި ފަލަސްތީނުގެ ރެފިއުޖީންނާ ދެކޮޅަށް 1982 ވަނަ އަހަރު ހިންގުނު މަޝްހޫރު "ޞަބްރާ އަދި ޝާތީލާގެ ޤަތުލުޢާއްމު" ހިންގާފައިވަނީ ޝެރޯންގެ ޑިފެންސް މިނިސްޓަރުކަމުގެ ދުވަސްވަރެވެ. އެ ޤަތުލުޢާއްމުގައި އެކަނިވެސް 3000އަށްވުރެ ގިނަ ޢާއްމުންވަނީ ރަޙުމްކުޑަ ގޮތަކަށް މަރާލާފަ އެވެ.

އެރިއެލް ޝެރޯނަކީ އޭނާގެ ބޮޑު ވަޒީރުކަމުގައާއި އަދި އިޒްރޭލުގެ ތަފާތު މަޤާމްތައް ފުރަމުން ދިޔައިރު ފަލަސްޠީނުގެ ރައްޔިތުންނާމެދު ބޮޑެތި ޖަރީމާތަކެއް ހިންގފައިވާ ބޮޑު މުޖްރިމެކެވެ. 2006 ވަނަ އަހަރު ޖެނުއަރީ މަހު ސްޓްރޯކެއް ޖެހުމުގެ ސަބަބުން އޭނާވަނީ ކޯމާއަކަށް ލާފަ އެވެ. އޭގެ ފަހުން އޭނާ ޢާއިލާއާ އޭނާ ޙަވާލުކޮށްފައިވަނީއަށް 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ޙަރަކާތެއް ކޮށްލައިފިކަމަށް އޭނާގެ ފިރިހެން ދަރިފުޅު ޤިލާދު ޝެރޯން އެމެރިކާގެ ނޫހަކަށް މައުލޫމާތު ދީފައި މިއަހަރުގެ އޮކްޓޯބަރު މަހު ތެރޭގަ އެވެ.

އެތައް ޤަތުލުޢާއްމެއް ހިންގާފައިވާ ޝެރޯންއަށް ސްޓްރޯކެއް ޖެހި އެނދުމަތިކުރެވުމުން، އޭނާއަކީ "ޞުލްޙައިގެ ބޭފުޅެއް"ކަމަށް އެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ސިފަކުރެއްވި އެވެ. ޝެރޯން އެނދުމަތި ކުރިތާ އެއްދުވަސް ފަހުން އިޒްރޭލްގެ ބޮޑުވަޒީރުކަމަށް ވަނީ އެހޫދު އޮލްމާރޓް ހަމަޖައްސާފަ އެވެ.

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ޝެރޯން މިފަދައިން މަރު ނުވެ އޮތުމުގެ ސަބަބުން އޭނާ އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޢުދުވާންތަކުގެ ބަދަލު ދުނިޔެމަތީގައި ވެސް އެދަނީ ލިބެމުންނެވެ. ނަމަވެސް އޭނާއަށް ސަޕޯރޓް ކުރާ މީހުންނަށް އޭނާ ޙަރަކާތްކޮށްލައިފި ކަމުގެ ޚަބަރުވެގެން ދިޔައީ އުފާވެރި ޚަބަރަކަށެވެ. އެހެނަސް، ޝެރޯން އަލުން ދުޅަހެޔޮ ޞިއްޙަތެއްގެ ދިރިއުޅުމެއް ހޭދަކުރާން އަންނާނެކަމީ ވަރަށް ނާދިރުކަމެކެވެ. ދިރިހުރުމުގެ އެއްވެސް ބޭނުމެއް ނެތި މަރުވެސް ނުވެ އެވޭނާއި އަނިޔާގައި އޭނާ އޮވެގެން ދާކަމީ މިހާރުގެ އެފަދަ ވެރިންނަށް ލިއްބައިދޭ ޢިބްރަތެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެ އެވެ.

No comments: