Pages

Saturday, May 05, 2012

މުޞީބާތް އަންނަނީ "މަދަރ ނޭޗަރ" ރުޅިއައިސްގެނެއް ނޫން: ޝެއިޚް ނަޝީދު

އަޅުގަނޑުމެންގެ މައްޗަށް މުޞީބާތް އަންނަނީ "މަދަރ ނޭޗަރ" ނުވަތަ ތަބީޢަތު ރުޅިއައިސްގެން ނޫންކަމަށާއި، ތަބީޢަތަކީވެސް މާތް ﷲ ގެ އަމުރުފުޅަށް ކިޔަމަންވާ މަޚްލޫޤެއްކަމަށް ފަޟީލަތުއްޝައިޚުލް އުސްތާޛް މުޙައްމަދު ނަޝީދު އާދަމް ވިދާޅުވެއްޖެއެވެ. ޝެއިޚް މިމޭރުމުން ވާހަކަދައްކަވާފައިވަނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ޢިޝާ ނަމާދު ފަހުން ބަންޑާރަ މިސްކިތުގައި މުސްލިމުންގެ ގުޅުމުގެ ފަރާތުން ބާއްވާ ދަރުސް ސިލްސިލާގެ މި ހަފްތާގެ ދަރުސް ދެއްވަމުންނެވެ.

މަސައްކަތްތެރިންގެ ބައިނަލް އަޤްވާމީ ދުވަސް ފާހަގަކުރުމުގެ ނަމުގައި ނިމި ދިޔަ އަންގާރަ ދުވަހު މާލޭގެ މަގުތަކުގައި ބޭއްވި ހިނގާލުމެއްގައި ބޭނުންކޮށްފައިވާ ބޯރޑެއްގައި ލިޔެފައިވާ ލިޔުންކޮޅަކާ މެދު ޝެއިޚް ވަނީ ނުހަނު ބޮޑަށް އިންކާރު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެ ބޯރޑްގައި ލިޔެފައިވާ ކަމަށް ޝެއިޚް ވިދާޅުވާ ލިޔުންކޮޅަކީ، "ލޭބަރ އިޒް ދަ އޮންލީ ޕްރެއާރ ދެޓް ނޭޗަރ އާންސާރސް" އެވެ. ޝެއިޚް ވިދާޅުވާ ގޮތުން މި ލިޔުންކޮޅަކީ ތަވްޙީދާ ފުށުއަރާ ލިޔުންކޮޅެކެވެ.

"މަސައްކަތްކުރާ މީހުންގެ ދުވަހެއް ފާހަގަކުރުމަކުން އަޅުގަނޑުގެ ހިތުގައި އެއްޗެއް ނާރާ. އަޅުގަނޑުގެ މެއެއް ނުކަރާ. އަޅުގަނޑުގެ ލަގޮނޑިއަކަށް ތަދެއް ނުވޭ. އެކަމަކު އަޅުގަނޑުމެންގެ ލަގޮނޑިއަށާއި، ހިތަށާއި، މެއަށާ ދަތިކޮށް އުނދަގޫކުރަނީ އެދުވަސް ފާހަގަކުރުމަށްޓަކާ ބަޔަކު މީހުން މަގުމަތީގައި ހިނގަމުން ދިޔައިރުގައި އެ ގެންގުޅުނު ލިޔުމެއް (ގެ ސަބަބުން)."

މީހަކު ގެންގުޅުނު ލިޔުމެއްގެ ސަބަބުން އެހާ ކަންބޮޑު ވާންވީ މިއީ ތަވްޙީދުގެ ކަލިމައިގެ ޝިޢާރު އޮންނަ ރާއްޖެއެއް ކަމަށްވެފައި، ތަވްޙީދާ ފުށުއަރާ އެއްވެސް ކަމެއް މިރާއްޖޭގައި ކުރެވިގެން ނުވާނެތީ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

އެއްވެސް އަޅުކަމެއް، ﷲ ސުބުޙާނަހޫ ވަތަޢާލާ ނޫން ފަރާތަކަށް ނިސްބަތްކޮށްގެން ނުވާނެކަމަށް ވިދާޅުވަމުން، ޝެއިޚް އިތުރަށް ވިދާޅުވީ ﷲ ފިޔަވާ ދުޢާ ޢިޖާބަކުރައްވާ ފަރާތެއް ނުވާނެކަމަށާއި، އެފަދަ ކަމެއް ﷲ ނޫން ފަރާތަކަށް އަމާޒުކޮށްގެންވެސް ނުވާނެކަމަށެވެ.

އެގޮތުން، ލޭބަރ ނުވަތަ މަސައްކަތަކީ "ނޭޗަރ" އިޖާބަދޭ ހަމައެކަނި "ޕްރެއަރ" އޭ މިއަދު އިނގިރޭސި ބަހުން މަޖާޒީ ގޮތުން ނަމަވެސް ބުނާނަމަ، މާދަމާ ދިވެހި ބަހުން، "މަސައްކަތަކީ ޠަބީޢަތް އިޖާބަދޭ ހަމައެކަނި ދުޢާ އޭ ނުވަތަ އަޅުކަމޭ" ބުނާނެކަމަށް ޝެއިޚް ވިދާޅުވިއެވެ. އަދި ޢަރަބިކަރައަށް ބުދުދީން ތަޢާރަފްވީ ގޮތުން ޝެއިޚް މިސާލުދެއްކެވިއެވެ. މިފަދައިން ބޯޑެއްގައި ލިޔުމެއް ލިޔެގެން އެއީ އެހާ ކުޑަކުޑަ ކަމެއްކަމުގައި ބަލައިގެން ނުވާނެކަމަށާއި ޝައިޠާނާ އިންސާނާ މަގު ފުރައްދާލުމުގައި ކުދި ކުދި ކަންކަމުންކަމަށް ޝެއިޚް ވިދާޅުވިއެވެ.

ލިޓިރެލީ ގޮތުން އެމާނަ ބޭނުން ނުކުރާކަމަށާއި، އެއީ ފިގްރޭޓިވް ނުވަތަ މަޖާޒީ ގޮތުން ބޭނުންކޮށްފައިވާ ބަހެއްކަމަށް ބަޔަކު ބުނާނަމަ، އެއަށް ރައްދުދެއްވަމުން ޝެއިޚް ވިދާޅުވީ މަޖާޒީ ގޮތެއްގައި އެހެން ބުނާކަމުގައި ވާނަމަ، ދެންނެވެން އޮތީ އެކުރެވުނީ މަޖާޒީ ގޮތުން ނަމަވެސް ކުށެއް ކަމަށެވެ.

މަސައްކަތްކުރުމަކީވެސް، މާތް ﷲގެ ވަޖުހަފުޅު އަދައިގެން ކުރާ ކަމެއް ނަމަ އެއީ ވެސް އަޅުކަމަކަށް ވާނެ ކަމަށާއި، ނަމަވެސް އެކަން "ނޭޗަރ" ނުވަތަ ޠަބީޢަތަށް ނިޞްބަތް ކޮށްގެން ނުވާނެކަމަށް ތަކުރާރުކޮށް ޝެއިޚް ވިދާޅުވިއެވެ.

އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ފާފަތައް ކަމަށްވާ ޒިނޭކުރުމާއި ރާބުއިން ފަދަކަންކަން ޙަރާމްކުރައްވާފައިވާ ފަދައިން އެކަމަށް މަގުފަހިވެދާނެ ކޮންމެ ކަމެއްވެސް ޙަރާމް ކުރައްވާފައިވާކަމަށް ޝެއިޚް ވިދާޅުވިއެވެ. އަދި އެންމެ ބޮޑު ފާފަކަމަށްވާ ޝިރުކު ކުރުމުގެ ފާފައަށް މަގުފަހިވާ ފަދަ ކަންކަމާއި ބަސްބަސް ބުނުމުން އަޅުގަނޑުމެން އިތުރަށް ސަމާލުވެ ރައްކާތެރިވެގެން ތިބެންވާނެކަމަށް ޝެއިޚް ވިދާޅުވިއެވެ.

ނޭޗަރ ނުވަތަ ޠަބީޢަތަކީ އިލާހެއްކަމަށް ބުނަމުން ދަނީ ސެކިޔުލަރިސްޓުން (ޢަލްމާނީން) ކަމަށާއި، މުޞީބާތެއް އައިސްފިނަމަ އެއީ މަދަރ ނޭޗަރ ރުޅިއައިސްގެން ވީ ކަމެއްކަމަށް އެމީހުން ބުނާކަށް ޝެއިޚް ވިދާޅުވިއެވެ. ނަމަވެސް މުޞީބާތް އަންނަނީ މާތް ﷲ އަމުރުފުޅަށް އެކަލާނގެ އިރާދަކުރެއްވުމުން ކަމަށާއި އެ ނޭޗަރވެސް އެއިލާހު އިރާދަކުރެއްވުމުން ހަލާކުވެގެން ހިނގައިދާނެކަމަށް ޝެއިޚް ވިދާޅުވިއެވެ.

" އަޅުގަނޑުމެން އަޅުކަންކުރަނީ މި ބިމަކަށް ނޫން، މި ރާއްޖެއަކަށް ނޫން. އަޅުގަނޑުމެން އަޅުކަން ކުރަނީ މިރާއްޖޭގެ ވެރި އިލާހަށް. މި ބިމަކަށް ނޫން، މި ބިމުގެ ވެރި އިލާހަށް. އަޅުގަނޑުމެން އަޅުކަން ކުރަނީ މި ޠަބީޢަތަކަށް ނޫން، އެކަމަކު މި ޠަބީޢަތުގެ ވެރި އިލާހަށް. މި ދުނިޔެއަކަށްވެސް ނޫން. މިދުނިޔޭގެ ވެރި އިލާހަށް. އަދި ކޮބާތޯ. މިއޮތް ބޮޑު މާސިންގާ އުޑުތަކަކަށް ވެސް ނޫން. އެކަމަކު އެ އުޑުތަކުގެ އިލާހަށް. އަދި އެއަށްވުރެ މާ ބޮޑު ވެގެންވާ ޚަލްޤެއް ޢަރްޝް. އަޅުގަނޑުމެން އަޅުކަމެއް ނުކުރަމު ޢަރްޝިއަކަށް. އެކަމަކު އެ ޢަރްޝީގެ މަތީގައި އިސްތަވާވެ ވޮޑިގެންވާ މަތިވެރި މާތް ﷲ އަށް އަޅުގަނޑުމެން އަޅުކަން ކުރަނީ." ޝެއިޚްގެ ވާހަކާގައި ވިދާޅުވިއެވެ.

ތަވްޙީދުގެ ހިދާޔަތް ލިބުމަކީ މާތް ﷲ އަޅުގަނޑުމެން ދިވެހިންނަށް ދެއްވާފައިވާ ނިޢުމަތެއްކަމަށާއި، އެނިޢުމަތަށް ބުރުލެއް އަރާފަދަ ވާހަކައެއް އަޅުގަނޑުމެން ދައްކައިގެން ނުވާނެކަމަށާއި، އެފަދަ ޢަމަލެއްވެސް ކޮށްގެން ނުވާނެކަމަށް ޝެއިޚްގެ ދަރުސް ނިންމާލައްވަމުން ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރުމަށްވުރެ، މުޙިއްމީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ސުންނަތުގައި މަސައްކަތްކުރުމަށް ބާރު އަޅުއްވާފައިވާ މިންވަރު ދަނެގެން، މާތް ﷲގެ ކިޔަމަންތެރިކަން އަދާކުރުމަށްޓަކާ ކުރާ ކަމެއްކަމުގައި އެ މަސައްކަތެއް ކުރުމަށް ކަމަށް ޝެއިޚް ވިދާޅުވިއެވެ. އޭރުން، އެކުރާ މަސައްކަތެއް އަޅުކަމަކަށް ބަދަލުވެގެންދާނެކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ.