Pages

Sunday, October 23, 2011

ޖިހާދުގެ ހަނދާނީ ބިނާއެއް ނަހްދަތުލް ޢުލަމާއިން ދައްކާލަނީ


އިންޑޮނޭޝިޔާގެ މުސްލިމުންވަނީ އިނގިރޭސި އަދިނެދަރލޭންޑްގެ އިސްތިޢުމާރާ ދެކޮޅަށް ޖިހާދު ކޮށްފަ އެވެ.


އިންޑޮނޭޝިޔާ: 1940ގެ އަހަރުތަކުގައި ސުރަބާޔާގައި ކުރެވުނު ހަނގުރާމާގައި ނަހްދަތުލް ޢުލަމާގެ މެމްބަރުން ކުރި ޖިހާދުގެ ހަނދާން އާކުރުމުގެ ގޮތުން ހަދާ ހަނދާނީ ބިނާއެއް އާދީއްތަ ދުވަހު ދައްކާލާނެ ކަމަށް އިންޑޮނޭޝިޔާގެ އެންމެ ބޮޑު މުސްލިމް ޖަމާޢަތްކަމަށްވާ ނަހްދަތުލް ޢުލަމާއިން ހާމަކޮށްފި އެވެ.

އިރުމަތީ ޖާވާގެ ރަށެއްކަމުގައިވާ ސުރަބާޔާގައި ދައްކާލާ މި ބިނާ ހުޅުވުން އޮންނާނީ އާދީއްތަ ދުވަހުކަމަށްވެސް އެ ޖަމާޢަތުން ހާމަކުރެ އެވެ.

ނަހްދަތުލް ޢުލަމާގެ ސުރަބާޔާ ގޮފީގެ ޗެއަރމަން ސައިފުލް ސާލިމް ހުކުރުދުވަހު ވިދާޅުވެފައިވަނީ އެޖަމާޢަތުން ބޭނުންވަނީ ޖިހާދުގެ ޙަޤީޤީ މާނަ މީސްތަކުންނަށް ބަޔާންކޮށްދިނުމަށްކަމަށެވެ.

"1945ގައި ނަހްދަތުލް ޢުލަމާއިން އޭގެ މެމްބަރުންނަށް ގޮވާލިން އިންޑޮނޭޝިޔާގެ އަސްކަރިއްޔާއިން ނެދަރލެންޑާއި އިނގިރޭސި ވިލާތުގެ ސިފައިންނާ ދެކޮޅަށް ކުރި ހަނގުރާމާގައި އަސްކަރިއްޔާއާ ބައިވެރިވެ ޖިހާދުކުރުމަށް. މިބިނާ އަކީ މާޟީގައި އަޅުގަނޑުމެން ކުރި ޖިހާދުގެ ހަނދާނަކަށް ވާނެ." ސާލިމް ވިދާޅުވި އެވެ.

މި ބިނާ ހުޅުވުމުގެ ޙަފްލާއަށް ނަޙްދަތުލް ޢުލަމާގެ އިސް ބައެއް ބޭފުޅުން ވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބެ އެވެ. އޭގެ ތެރޭގައި ސީނިއަރ އޮފިޝަލުން ކަމަށްވާ މުޝީދު މުޒާދީ އާއި ޞާލިޙް ޤާސިމްގެ އިތުރުން އިންޑޮނޭޝިޔާގެ ޤައުމީ ބަޠަލެއްކަމުގައި ބެލެވޭ ބަން ޓޯމޯގެ ހުވަފަތް އަނބިކަނބަލުން ސިލިސްތިއާނާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ބަން ޓޯމޯ ސުރަބާޔާ ގައި މުޖާހިދުންނަށް ތަޤްރީރެއް ދެއްވަނީ
ބަން ޓޯމޯ ނުވަތަ ސުޓޯމޯ އަކީ ސުރަބާޔާ ހަނގުރާމާގައި އިނގިރޭސި އަދި ނެދަރލޭންޑްގެ އިސްތިޢުމާރާ ދެކޮޅަށް ލީޑްކުރައްވާފައިވާ ނަންމަޝްހޫރު މުޖާހިދެކެވެ. އެބޭފުޅާ އަވަހާރަވެފައިވަނީ ޙައްޖުގެ މާތް އަޅުކަން އަދާކުރައްވަން މައްކާއަށް ވަޑައިގެން ހުންނަވަނިކޮށް 1981 ވަނަ އަހަރެވެ. އެހެންކަމުން ޙައްޖުމޫސުމާ ގާތްވެފައިވަނިކޮށް މިބިނާ ހުޅުވޭތީ އެކަމުގެ އަސަރު ގިނަ ބަޔަކަށް ކުރާނެކަމަށް ބެލެވެ އެވެ. އަދި ނަހްދަތުލް ޢުލަމާ ގައި މިހާރު ހުރި ގިނަ މައްސަލަތަކެއްވެސް މީގެ ސަބަބުން ޙައްލުވެގެން އަންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރެ އެވެ.

ސުރަބާޔާ އަކީ އިރުމަތީ ޖާވާގެ ވެރި ރަށެވެ. އިންޑޮނޭޝިޔާ މީހުން އެރަށް ސިފަކުރަނީ ބަޠަލުންގެ ރަށުގެ ގޮތުގަ އެވެ.

No comments: