Pages

Monday, February 28, 2011

އިސްލާމީ ރިއެލިޓީ ޝޯއެއްގައި ޖަންގަލީ މީހުން ގާތަށް ދީނަށް ގޮވާލަން!


މިދިޔަ އަހަރު މެލޭޝިޔާގައި "ޔަންގް އިމާމް" ގެ ނަމުގައި ފެއްޓި އިސްލާމީ ރިއެލީޓީ ޝޯ ގެ ދެވަނަ ސީޒަން މިއަންނަ އޭޕްރީލް މަހު ފަށާއިރު މުޅި ދުނިޔެއަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ރިއަލިޓީ ޝޯއެއްގެ ގޮތުގައި އިސްލާމީ ތަފާތު ކަންތައްތަކެއް ހިމަނައިގެން ކުރިއަށްދާ މިޝޯއަށް މިދިޔަ އަހަރު ވަނީ މެލޭޝިޔާއިންނާއި އެހެނިހެން ޤައުމުތަކުން ބޮޑު ތަރުހީބެއް ލިބިފައެވެ.

މުބާރާތުގެ ބައިވެރިން ވާދަކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ޤުރުއާން ކިޔެވުމާއި، މައްޔިތުން ހިނެވުމުން ފަށައިގެން  ވަގު ބިޓުން ގެންގުޅޭ ޒުވާން ޖޯޑުތަކަށް ކައުންސެލިންގ ދިނުމުގެ ޚިދުމަތް ހިމެނެއެވެ.

މިދިޔަ އަހަރުގެ ޕްރޮގްރާމްގައި ބައިވެރިކޮށްފައިވަނީ ހަމައެކަނި މެލޭޝިޔާގެ ބައިވެރިންކަމުގައި ވިޔަސް މިއަހަރުގެ މުބާރާތުގައި މެލޭ ބަހުން ވާހަކަދައްކަން އެނގޭ، ޢުމުރުން 18 އަހަރާއި 27 އަހަރާ ދެމެދުގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެހެންކަމުން މިމުބާރާތުގައި ބުރޫނާއީ، ސިންގަޕޫރު އަދި އެންމެ ގިނަ މުސްލިމުން އުޅޭ އިންޑޮނޭޝިޔާއިންވެސް ބައިވެރިން ވާދަކުރާނެކަމަށް ބެލެވެއެވެ. (މެލޭޝިޔާގައި ތަޢްލީމު ޙާޞިލް ކުރާ ދިވެހި ކިޔަވާ ކުއްޖަކުވެސް ބައިވެރި ވުމަކީ ނާދިރުކަމެއް ނޫނެވެ!)


މިފެށޭ ދެވަނަ ސީޒަންގައި ބައިވެރިން ކުރަން ޖޭހޭ ބައެއްކަންކަމުގެ ތެރޭގައި، މެޑިކަލްކަންކަމުގައި ދީނީގޮތުން ޢިލްމުހުރި މިންވަރު ބެލުމާއި، (އިސްލާމިކް) އިންވެސްޓްކުރުމާއި ސްޓޮކް މާކެޓްގެ ކަންކަމުގައި ބައިވެރިންގެ އާޖުފާޖު ހުރި މިންވަރު ވަޒަން ކުރެވޭނެއެވެ.

 މީގެ އިތުރުން އެންމެ ބޮޑު ސަމާލުކަމެއް ލިބޭނެ ބައެއް ކަމަށް ބެލެވެނީ، މެލޭޝިޔާގެ ޖަންގަލިތަކުގައި ދިރިއުޅޭ ޤަބީލަތަކަށް އިސްލާމްދީނުގެ ދަޢްވަތު ފޯރުކޮށްދިނުމުގައި ބައިވެރިން ވާދަކުރަންޖެހޭ އައިޓަމެވެ. މެލޭޝިޔާގެ ޖަންގާލީ ޤަބީލާތަކަކީ ގިނައިން ޣައިރު މުސްލިމް ޤަބީލާތަކެކެވެ.

10 ހަފްތާއަށް ކުރިއަށްދާނެ މި މުބާރާތުގައި، ވަކިމުއްދަތެއް ވަންދެން ވާދަކުރާނެ 10 ބައިވެރިން މިސްކިތެއްގައި 'ބަންދު' ކުރެވޭނެއެވެ. މިމުއްދަތުގައި ފޯނާއި، އިންޓަރނެޓް އަދި ޓީވީ ގެ ބޭނުން ކުރުން މަނާކުރުމަށް ފަހު، ބައިވެރިންނަށް ކަރުދާހުންނާއި ޢަމަލީ ބައިން އިމްތިޙާންކުރެވޭނެއެވެ.
ކޮންމެ ހަފްތާއަކު ބައިވެރިއަކު ބާކީ ކުރެވެމުން ދާނެއެވެ. އެއްވަނައަށް އަންނަ ފަރާތަކަށް ލިބޭ އިނާމުގެ ތެރޭގައި، ސަޢޫދީ ޢަރަބިއްޔާގެ ޔުނިވާރސިޓީއަކުން ތަޢްލީމް ޙާޞިލްކުރުމަށް  ފްރީ ސްކޮލާރޝިޕަކާއި، ކޮއަލަމް ޕޫރުގެ މިސްކިތަކުން އިމާމްކަމުގެ ވަޒީފާއާއި، ކާރަކާއި، އައިފޯނެއް ހިމެނެއެވެ.

މިދިޔަ ސީޒަން ކާމިޔާބު ކުރި މުޙައްމަދު އަޝްރަފް، 27، ބުނެފައިވަނީ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، އިސްލާމްދީނަށް ދަޢްވަތުދިނުމާއި، ޒުވާނުން ދީނަށް ޝައުޤުވެރިކުރުވުންކަމަށެވެ.


ދިވެހިރާއްޖޭގައިވެސް ތަފާތު ފާޑުފާޑުގެ ރިއެލިޓީ ޝޯތައް ބޮޑު އަގުގައި ބޭއްވެމުންދާއިރު މިފަދަ ޕްރޮގްރާމްތައްވެސް އިސްލާމީ ގިއުގަނޑެއްގެ ތެރެއިން ހިންގި ދާނެކަން "ޔަންގ އިމާމް" ފަދަ ޕްރޮގްރާމްތަކުން ޘާބިތުކޮށްދެއެވެ.