Pages

Thursday, April 21, 2011

އެމެރިކާގެ ޑިއާބޯންގައި އިސްލާމީ ޝަރީއަތް ނެތްކަން ޕެސްޓޯރ ޓެރީއަށް ބުނެދޭން ޖެހިއްޖެ



ޑިއާބޯންގައި ހުންނަ އިސްލާމިކް ސެންޓަރ އޮފް އެމެރިކާ – އެމެރިކާގެ އެންމެ ބޮޑު މިސްކިތް
 

އެމެރިކާގެ ސިޓީއެއްކަމަށްވާ ޑިއާބޯން އަކީ އިސްލާމީ ޝަރީޢަތް އޮންނަ ތަނެއް ނޫންކަން ބުނެދީ ޕެސްޓޯރ ޓެރީއަށް އެ ސިޓީގެ މޭޔަރ ޖެކް އޯރ ރިއެލީ ޖޫނިއަރ އިއްޔެ  އޯޕަން ލެޓާރއެއް ފޮނުވައިފިއެވެ.

ޑިއާބޯންގައި ހުންނަ އިސްލާމިކް ސެންޓާރ އޮފް އެމެރިކާގެ ކުރިމަތީގައި މާދަމާ (22 އޭޕްރީލްވާ ހުކުރުދުވަހު) ޤުރުއާން އެންދުމުގެ ޙަރަކާތެއް ކުރުމަށް މަސައްކަތް ކުރަމުންްދާ ކްރިސްޓިއަން ފާދިރީއަށް މިކަން ހަނދާންކޮށްދޭން މި ޖެހުނީ މިޗިގަން ސްޓޭޓްގެ ޑިއާބޯން ސިޓީއަކީ އިސްލާމީ ޝަރީޢަތް އޮންނަ ތަނެއްކަމަށް އޭނާ ބުނަމުން ދަނިކޮށެވެ. މި އިސްލާމިކް ސެންޓަރ އަކީ އެމެރިކާގައި ހުންނަ އެންމެ ބޮޑު މިސްކިތެވެ.
ޕެސްޓާރ އަށް މިކަން ހަނދާންކޮށް ދިނުމުގެ ގޮތުން، މޭޔާރ ޖެކް ފޮނުއްވާފައިވާ މިސިޓީގައި ބަޔާންކުރައްވާފައިވާ ގޮތުގައި ޑިއާބޯންގައި 3 ސްޓްރިޕް ކްލަބް (ނާސިގެ)އާއި އޫރުމަސް ފެކްޓްރީއެއް ހުންނަކަމަށާއި، އިސްލާމީ ޝަރީޢަތް ޤާއިމްވެފައި އޮންނަ ތަނެއްގައި މިކަންކަން މަނާވާނެ ކަމަށް މޭޔާރ ބުނެދެއްވާފައިވެއެވެ. އަދި މީގެ އިތުރުން، ޑިއާބޯންގައި އިސްލާމީ ޝަރީޢަތް އޮންނަ ނަމަ ބަނގުރާ ވިއްކުމުގެ ހުއްދަ ދެވިފައިވާ އެތައް ބާރތަކާއި ރެސްޓޮރަންޓްތަކެއް ހުންނާނެތޯ ސުވާލުކުރައްވާފައިވެއެވެ. (މިއީ އިސްލާމީ ޝަރީޢަތް އޮންނަ ކަމަށް ދައުވާ ކުރާ މުސްލިމް ޤައުމުތަކުގެ ރައްޔިތުންނާއި ވެރިންވެސް ވިސްނުން ބަހައްޓާލަންވީ ޕޮއިންޓެކެވެ.)


ޓެރީ އުޅެނީ މި މިސްކިތް ކުރިމަތީގައި ހުކުރުދުވަހު ޤުރުއާން އެންދުމަށް

ޑިއާބޯންގައި މުސްލިމުންގެ އާބާދީ އަންނަނީ އިތުރުވަމުން
ޕެސްޓާރ ޓެރީގެ އިތުރުން އެމެރިކާގެ ގިނަ ސިޔާސީ ބޭފުޅުންނާއި، ކްރިސްޓިއަނުން ދެކޭ ގޮތުގައި ޑިއާބޯން އަކީ އިސްލާމީ ޝަރީޢަތް ހިންގާ ތަނެކެވެ. މިފަދައިން ގިނަ ބަޔަކު ދެކެމުން ދަނީ އެ ސިޓީގައި މުސްލިމުންގެ އާބާދީ ގިނަ ކަމުންނެވެ. ބައެއް ފަރާތްތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 98000 އަށްވުރެ ގިނަ މީހުންގެ ޢާބާދިީއެއް އޮންނަ ޑިއާބޯންގައި 30000 އަށް ވުރެ ގިނަ ޢަރަބި-އެމެރިކާނުން އުޅޭ އިރު އޭގެ ތެރެއިންވެސް ގިނައީ މުސްލިމުންނެވެ. އެމެރިކާއިން ޢިރާޤު ހިފިފަހުން ޢިރާޤުގެ އެތައް ޢާއިލާއެއްވަނީ އެމެރިކާގެ މިޗިގަން ސްޓޭޓްގެ ޑިއާބޯންއަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

Wednesday, April 20, 2011

ޚައިރުﷲ ހައްޔަރުކޮށްފިކަމުގެ ރިޕޯޓްތަކެއް ފެތުރެނީ


މިމަހު 17 ވަނަ ދުވަހު އަފްޣާނިސްތާނުގެ ކަންދަހާރު ޕްރޮވިންސުގެ ދެކުނުގެ އަވަށަކުން މުއްލާ ޚައިރުއްﷲ ޚައިރުޚްވާހ (خيرالله خيرخواه) ހައްޔަރުކޮށްފައިވާކަމަށް އަފްޣާންގެ ރަސްމީ ފަރާތްތަކުން މައުލޫމާތު ފަތުރައިފިއެވެ.
ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރިއިރު 1996އަކުން 1999 އަށް އަފްޣާނިސްތާނުގެ އިންޓީރިއާރ މިނިސްޓަރުކަންވެސް ކޮށްފައިވާ ޚައިރުﷲ އަކީ އިންޓަރޕޯލުން ހޯދަމުންދާ މީހުންގެ ލިސްޓްގައި ހިމެނޭ ތާލިބާން ކޮމާންޑާރެކެވެ.
ޚަބަރު ފަތުރާ ވަޞީލަތްތަކުން މައުލޫމާތުދޭ ގޮތުގައި، ޚައިރުﷲގެ ބައިވެރިއެއްކަމަށް ޝައްކުކުރެވޭ އެހެން މީހަކުވެސް އޭނާ އާއި އެކު ހައްޔަރުކޮށްފައިވެ އެވެ.
ކަންދަހާރު ޕްރޮވިންސަލް ސަރުކާރުގެ އިސް ތަރުޖަމާނު ޒަލްމާން އައްޔޫބީ މައުލޫމާތުދޭ ގޮތުގައި ޚައިރުﷲގެ ގެއިން ހަތިޔާރާއި ވަގު ލިޔުންތަކެއް ފެނިފައިވެއެވެ.
އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާއި އަފްޣާން އިންޓެލިޖެންސް ގުޅިގެން މިފަދަ އޮޕަރޭޝަނެއް ހިންގާފައި މިވަނީ، މިމަހު 15 ވަނަ ދުވަހު ތާލިބާނުންގެ ހަމަލާއެއްކަމަށް ޝައްކުކުރެވޭ ހަމަލާއެއްގައި ކަންދަހާރުގެ ޕްލިސް ޗީފް ޚާން މުޙައްމަދު މުޖާހިދު މަރާލާފައިވަނިކޮށެވެ.
ކަންދަހާރަކީ ތާލިބާނުންގެ ފެށުންކަމުގައި ބެލެވެމުން އަންނަ ތަނެވެ.

Monday, April 04, 2011

އަންހެނުންނާއި ފިރިހެނުން ހަމަ ހަމަ ކުރާތީ ބަންގުލަދޭޝްގައި ބޮޑު މުޒާހަރާތަކެއް


އިސްލާމީ ޝަރީޢާތާއި ޚިލާފަށް ފިރިހެނުންނާއި އެއްހަމައަކަށް އަންހެނުން ގެނައުމަށް ބަންގްލަދޭޝްގައި ފާސްކުރަންއުޅޭ ބިލަކާ ދެކޮޅު ހެދުމުގެ ގޮތުން ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި ވަރުގަދަ މުޒާހަރާތަކެއް ކުރެވެމުން އެބަދެއެވެ.
ސަރުކާރުން ފާސްކުރަން އުޅޭ މިޤާނޫނަށް ދެކޮޅު ހެދުމުގެ ގޮތުން ރައްޔިތުން ނުކުމެ މުޒާހަރާކުރުމަށް ގޮވާލާފައިވަނީ ގިނަ އިސްލާމީ ސިޔާސީ ޕާރޓީތަކެއް އެކުވެގެން އުފައްދާފައިވާ "އިސްލާމީ ޝަރީޢަތް ތަންފީޒުކުރާ ކޮމިޓީ" އިންނެވެ.
ކީރިތި ޤުރުއާނުގައި އަންހެނުންނާއި ފިރިހެނުންނަށް ވާރުތައިން ލިބެންވާ މިންވަރު ތަފްޞީލާއެކު ބަޔާންކުރައްވާފައި ވާއިރު ސަރުކާރުން ފާސްކުރަން އުޅޭ ޤާނޫނުގައި އަންހެނުންނާއި ފިރިހެނުންނަށް އެއްވަރަކަށް ބައިއަޅާ އުޞޫލެއް އުފައްދާފައިވެއެވެ. އަދިވެސް އިސްލާމީ ޝަރީޢާތާއި ފުށުއަރާ އެތައް ކަންތައްތަކެއް އެ ބިލުގައިވާކަން ފާހަގަކުރެވެއެވެ.
މިކަމާދެކޮޅަށް އެތައް ކިޔަވާކުދިންނާއި ޢާއްމުން ބައިވެރިވެގެން ކުރެވެމުން މިދާ މުޒާހަރާތަކުގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާކަމަށް އޭއެފްޕީ އިން މައުލޫމާތުދެއެވެ. އަދި ޑާކާގެ އިސް ފުލުސް އޮފިސަރަކާ ޙަވާލާދީ ބުނެފައިވާ ގޮތުގައި މުޒާހަރާތައް ކޮންޓްރޯލްކުރުމަށްޓަކާ މިހާރު 10000 (ދިހަ ހާސް) އަށްވުރެ ގިނަ ފުލުހުން މަގުތަކަށް ނެރެފައިވާނެއެވެ.
މުޅި ޤައުމުގެ މައި މަގުތައް މުޅިންހެން ބައްދުކޮށްލައިގެން ތިބި ބަންގުލަދޭޝްގެ ކިޔަވާކުދިންނާ ދިމާއަށް ކަރުނަ ގޭހާއި ރަބަރު އުންޑަ ޖަހާ ހަމަލާދެވިފައިވާކަމަށްވެސް ބައެއް ނޫސް އިދާރާތަކުން މައުލޫމާތުދެއެވެ. ހަމަ މިމައްސަލާގައި އާދިއްތަ ދުވަހު ދަރިވަރުން ކޮށްފައިވާ އެހެން މުޒާހަރާއެއްގައި ފުލުހުންވަނީ ހަމަލާދީ އެއްކުއްޖަކު މަރާލާފައެވެ.

މުޅި ޤައުމުގައި ކުރިއަށްދާ މިފަދަ މުޒާހަރާތަކުގެ ސަބަބުން ފިހާރަތަކާއި ވިޔަފާރި މަރުކަޒުތަކާއި ސްކޫލުތައް މިހާރު ވަނީ ބަންދުކުރެވިފައެވެ. ނަމަވެސް ބީބީސީ ފަދަ ބައެއް ނޫސް އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި ބަންގްލަދޭޝްގައި ފާސްކުރަން އުޅޭ ޤާނޫނަށް ދެކޮޅު ހަދަނީ މަދު އިސްލާމީ ޕާރޓީތަކަކުންނެވެ.

ހުޅަނގުގެ ބާރުތަކުން ތަރައްޤީ މިންކުރާ މިންގަނޑަށް ޕޮއިންޓްކޮޅެއް އިތުރުކުރުމުގެ ބޭނުމުގައި އިސްލާމީ ޤައުމުތަކުގައި މިފަދަ ދީނާ ފުށުއަރާ ޤާނޫނުތައް ފާސްކުރުމަށް ސަރުކާރުތަކުން މަސައްކަތްކުރަމުންދެއެވެ. ނަމަވެސް މިއީ ރައްޔިތުން އެކަން ކަމާ އިންތިހާއަށް ދެކޮޅުހަދާ ކަންކަމެވެ. އެގޮތުން އަންހެނުން ބާރުވެރު ކުރުވުމުގެ ނަމުގައި އަންހެނުންނަށް ޣާޒީކަން ދިނުމާއި، ޤައުމުގެ ވެރިކަމަށް އަންހެނުން ގެނައުމަށް ކުރަމުންދާ މަސައްކަތްތައް މިދަނޑިވަޅުގައި ފާހަގަކޮށްލަމެވެ.
ސެކިއުލާރ ޤާނޫނީ ނިޒާމަކަށް ޢަމަލުކުރާ ބަންގްލަދޭޝްއަކީ 90 އިންސައްތައަށް ވުރެ މުސްލިމުންގެ އާބާދީ ގިނަ ޤައުމެކެވެ. އިސްލާމީ ޝަރީޢަތަށް ޢަމަލުކުރެވެނީ އާއިލީ މައްސަލަތަކާއި ކައިވެނި ފަދަކަންކަމުގައި އެކަންޏެވެ.

Sunday, April 03, 2011

ޤުރުއާން އަންދަން ބުނި ޓެރީ ޖޯންސް ހަމަ ދުލެއް ނުކުރާނަމޯ



ނިމިދިޔަ މާރޗް މަހު އެމެރިކާގެ ކުޑަ އަވަށެއް ކަމުގައިވާ ގައިންސްވައިލްގައި ކީރިތި ޤުރުއާނުގެ ކޮޕީތަކެއް އެންދުމުގެ މުގުލުގައި ހުރި ހައްދު ފަހަނައަޅާފައިވާ ކްރިސްޓިއަން ފާދިރީ ޓެރީ ޖޯންސް އަދި ވެސް އެފަދަ ޢަމަލުތައް ކުރާނެ ކަމަށް ޢިޝާރާތް ލިބޭ ފަދަ ވާހަކައެއް ބުނެފިއެވެ. މިދިޔަ އަހަރު ސެޕްޓެމްބަރ 11 އާއި ދިމާކޮށް މި ހައިޖާނެއް ގަންނަން އުޅެ އެކަން ނުވުމުން، މާރޗް 20 ވަނަ ދުވަހު މާ ކުލަ ފަނޑު ގޮތެއްގައި ޕެސްޓޯރ ޓެރީ ވަނީ އެކަން ކޮށްފައެވެ.
އޭނާގެ ހައްދު ފަހަނައަޅާގޮސްފައިވާ ޢަމަލާ ދެކޮޅަށް އިސްލާމީ ޤައުމުތަކުގައި މިހާރު ކުރަމުންދާ މުޒާހަރާތައް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެގޮތުން އަފްޣާނިސްތާނުގައި މިހާރު ކުރިއަށް ދާ ހަމަނުޖެހުން މިވަނީ ދެވަނަ ދުވަހަކަށް ދެމިގެން ގޮސްފައެވެ. މިހާތަނަށ،ް އަފްޣާނިސްތާނުގެ މަޒާރޭ ޝަރީފްގައި ޙަރަކާތްތެރިވަމުންދާ އ.ދ ގެ 20 ބިދޭސީ މުވައްޒަފަކު މަރާލެވި 2 މުވައްޒަފެއްގެ ބޯ ބުރިކޮށްލެވިފައި ވާކަމަށް އިނގިރޭސި ހަބަރު ފަތުރާ މިރޯރ ނޫސް އެޖަންސީން މަޢުލޫމާތު ދެއެެވެ. މީގެ އިތުރުން އަފްޣާންގެ ދެކުނުގެ ސަހަރެއް ކަމުގައިވާ ކަންދަހާރުގައިވެސް ޙަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ބައިނަލްއަޤްވާމީ ނޫސް އިދާރާތަކުން މައުލޫމާތު ދެއެވެ. އަދި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ނޭޓޯގެ މިލިޓަރީ ބޭހަކަށް ހަމަލާދީ ބޭރުގެ އިތުރު 7 މުވައްޒަފަކު މަރާލާފައިވާކަމަށްވެސް މުރާސިލުން ބުނެއެވެ.
އަފްޣާނިސްތާނުގެ މި ހަރަކާތްތައް މިހާރު ފެށިފައިވަނީ ރައީސް ޙާމިދު ކަރްޒާއީ އެކަމާ ދެކޮޅަށް ފާދު ވިދާޅުވެފައި ވާތީއާއި ހުކުރުދުވަހުގެ ޚުތުބާތަކުގައި ޢިލްމްވެރިން އެކަމާދެކޮޅަށް އަޑު އުފުއްލަވާފައި ވާތީ ކަމުގައި ނޫސް އިދާރާތަކުން މައުލޫމާތު ދެއެވެ. ނިމިދިޔަ ހުކުރު ދުވަހާ ހަމައަށް އަފްޣާންގެ ގިނަ ރައްޔިތުންނަށް ޤުރުއާނަށް މިފަދަ އިހާނަތްތެރިކޮށް ޢަމަލުކޮށްފައި ވާކަން އެނގިފައި ނުވެއެވެ.
މީގެ އިތުރުން  ޕާކިސްތާނުގައިވެސް ޤައުމީ ފެންވަރެއްގައި ދަނީ މިފަދަ މުޒާހަރާތަކެއް ކުރެވެމުންނެވެ.
މިފަދައިން މުސްލިމުންގެ ފަރާތުން ރައްދު ލިބެމުން ދާތީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ މުސްލިމުންގެ ރުޅިވެރިކަން ހިހޫކުރުވުމަށްޓަކާ، ޤުރުއާން އެންދުމުގެ ޙަރަކާތައް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ނަމަވެސް ޓެރީ ޖޯންސް ރޮއިޓާރސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި، މިހާރު އޭނާ ދަނީ، އޭޕްރީލް މަހު 22 ވަނަ ދުވަހު އެމެރިކާގެ މިޗިގަން ސްޓޭޓްގެ އެންމެ ބޮޑު މިސްކިތް ކުރިމަތީ އިސްލާމްދީނާއި އިދިކޮޅު މުޒާހަރާއެއް ކުރުމަށް ތައްޔާރު ވަމުންނެވެ. (އޭނާގެ ޢަމަލުގެ ސަބަބުން) މީހަކު މަރާލެވޭ ހަބަރު ލިބުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި ނަމަވެސް އެކަމުގެ ޒިންމާ އޭނާ ނަގަން ނުޖެހޭ ކަމަށްވެސްް އޭނާ ބުނެފައިވެއެވެ.
ޓޭރީ ޖޯންސް (މާތް ﷲ އޭނާ އަންދަވާށި) އަކީ ކުރިން ހޮޓަލެއްގެ މެނޭޖަރުކަން ކުރުމަށް ފަހު ފާދިރީއަކަށް ވެގަނެގެން އުޅޭ މީހެކެވެ.