Pages

Sunday, December 08, 2013

“މަންޑޭލާ” މަރެއްނުވޭ!


ދެކުނު އެފްރިކާގެ ޤައުމީ ބަޠަލް ނެލްސަން ރޮލިއްލައްލަ މަންޑޭލާ އަކީ ދުނިޔެ ދެކުނު އެންމެ ވަރުގަދަ ސިޔާސީ ލީޑަރުންގެ ތެރެއިން ވަރުގަދަ ލީޑަރެއްކަން ޔަޤީނެވެ. މަންޑޭލާގެ ލީޑަރޝިޕްގެ މަތިވެރިކަން ބިނާވެފައިވަނީ އޭނާގެ ސިޔާސީ ނުފޫޒުގެ ފުޅާކަމަކަށް ނޫނެވެ. އަދި ނިކަމެތި ޤައުމުތަކުގެ މައްޗަށް އަތްގަދަކޮށް ދިގާއި ހުރަހަށް އަމިއްލަ ވެރިކަން ދަމާ ވާންކުރުމުގެ މައްޗަކަށް ނޫނެވެ. ނަމަވެސް، އޭނާގެ ލީޑަރޝިޕްގެ މޮޅުކަން ފާހަގަކުރެވިފައިވަނީ އޭނާގެ ނަމޫނާ ޝަޚްސިއްޔަތުގެ ސަބަބުންނެވެ. އަދި އޭނާގެ ޤަބޫލުކުރުންތަކާއި، އެޤަބޫލުކުރުންތަކުގެ މަތީ އޭނާ ޘާބިތުވީ ގޮތުގެ މައްޗަށެވެ. އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުގެ ޙުއްޖަތުގެ މައްޗަށެވެ. އަދި އެކަމުގައި އޭނާ ހޯދި ކާމިޔާބުގެ މައްޗަށެވެ.
ނެލްސަން މަންޑޭލާއަކީ، ދެކުނު އެފްރިކާގައި ދޮން މީހުންގެ ވެރިކަން ކުރަމުން ދިޔައިރު، ކަޅުމީހުންނާމެދު ކުރަމުން ގެންދިޔަ ނަސްލީ ތަފާތުކުރުންތަކުގެ ތެރޭގައި އުފަންވެވަޑައިގެން ކުޑައިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވި ބޭފުޅެކެވެ. ދެކުނު އެފްރިކާގައި ދޮން މީހުންގެ އިސްތިޢުމާރީ ނަސްލީ އިމްތިޔާޒުތަކަކީ ހުޅަނގުގެ ޤައުމުތަކުގެ ތާއީދު އޮވެގެން ހިންގާފައިވާ ޖަރީމާތަކެކެވެ. އިނގިރޭސި ވިލާތާއި އެމެރިކާއިން އަބަދުވެސް ދިޔައީ ދެކުނު އެފްރިކާގައި ދޮން މީހުން ހިންގަމުންދިޔަ ލާއިންސާނީ ޢަމަލުތައް ދިފާޢުކުރަމުންނެވެ. މީގެ މާނައަކީ، މުޅި ދުނިޔެ އޮތީ އެއަނިޔާވެރިކަން އެއީ ޙައްޤުގޮތެއްކަމުގައި ދެކިގެންކަމެވެ.
ނެލްސަން މަންޑޭލާ އުޅެ ބޮޑުވީ އެމާޙައުލުގައެވެ. މަންޑޭލާ ފަދަ ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ދޮން މީހުން ކުރަމުން ގެންދިޔަ ފުރައްސާރާގެ ތެރޭގައެވެ. ދޮން މީހުންގެ ޖައްބާރުކަން ދައްކައިގެން ކަޅުމީހުން ތަޙައްމަލުކުރަމުން ދިޔަ ބޭއިންސާފްގެ ހިތިކަން އިޙްސާސްކުރަމުންނެވެ.
އޭރު ދެކުނު އެފްރިކާގައި ދޮން މީހުންނަކީ، ހުރިހާ ޙައްޤެއް ލިބިގެންވީ ރައްޔިތުންނެވެ. ކަޅު ނަސްލުގެ މީހުންނަކީ، އިންސާނުންގެ ގޮތުގައި ބެލެވުނު ބައެއް ނޫނެވެ. ހަމަ އެންމެ ސަބަބަކަށްޓަކައެވެ. އެމީހުންގެ ހަމުގެ ކުލަ ކަމުނުދިޔުމެވެ. އޭރު ދެކުނު އެފްރިކާގެ އަޣްލަބިއްޔަތުކަމުގައި އޮވެމެ، ކަޅު ނަސްލުގެ މީހުންނަށް އެއްވެސް ރައްކާތެރިކަމެއް ލިބިދީފައިނުވެއެވެ. އޭގެ ބަދަލުގައި އެމީހުން ތަޙައްމަލުކުރަމުން ދިޔައީ އަޅުވެތިކަމެވެ. ޤަވާޢިދުތައް ހެދިގެން، ނިޒާމީ ގޮތެއްގައި ދޮން މީހުންނަށް ހެޔޮގޮތާއި މޮޅުގޮތް ހޯދާދެވުނެވެ. ކަޅުމީހުންނަށް ޖެހުނީ ލައްޓިން އުކާލާ ކަޅުމަސްކޮޅު ކާލައިގެން ބަނޑުފުރާނަ މުއްތި ކުރަންޏާ ކުރާށެވެ. ނުކަންޏާ ބަނޑަށްޖެހޭށެވެ. މީރު މަސްކޮޅުގެ ޙައްޤުވެރިންނަކީ ދޮން މީހުންނެވެ.
ނެލްސަން މަންޑޭލާ، މަންޑޭލާއަކަށްވީ އެންމެ ސަބަބަކަށްޓަކައެވެ. އެއީ، އެ ބޭއިންސާފާ ދެކޮޅަށް ތެދުވުމުގެ ސަބަބުންނެވެ. ބޭނުންވެއްޖެ ކޮންމެ ގޮތަކުންވެސް، އެއަނިޔާވެރިކަން ނައްތާލަން މަންޑޭލާ މަސައްކަތްކުރެއްވިއެވެ. ސުލްޙަވެރި އުކުޅުތައް ބޭނުންކުރައްވައިގެން ޢަދުލުއިންސާފް ލިބޭތޯ މަންޑޭލާ މަސައްކަތްކުރެއްވިއެވެ. އެގޮތްތައް ފެއިލްވުމުން ބާރުގެ ބޭނުންކުރައްވައިގެންވެސް އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެންނެވިއެވެ. އެއީ ހަމަ އެންމެ ރަނގަޅު އަދި އަބަދުވެސް ތާރީފް ލިބެންވީ ޢަމަލެކެވެ. ސަބަބަކީ ތޯއެވެ! އަނިޔާވެރިކަމާދެކޮޅަށް ބޭނުންކުރެވޭ ހަރުކަށިކަމަކީ މާތްކަމެކެވެ. އަދި ޙައްޤުގެ ދިފާޢުގައި މެދުމިންވުމަކީ އަނިޔާއެކެވެ.
ދޮން މީހުން، ހުޅަނގުގެ އެހީއާއި މަދަދު ލިބިގެން ކަޅުމީހުންނާ ދެކޮޅަށް ހިންގަމުން އައި ޒަމާންވީ އަނިޔާވެރިކަން ނައްތާލުމަށް އެންމެ ފަހުން ހަތިޔާރު ނެގުމަށް ނެލްސަން މަންޑޭލާ ގޮވާލިއެވެ. އެފްރިކަން ނޭޝަނަލް ކޮންގްރެސްގައި އަސްކަރީ ގޮތްޕެއް ހެދުނީ މަންޑޭލާ ފަދަ ޒުވާނުން އޭރު ހަތިޔާރުގެ ބޭނުންކޮށްގެން އެއަނިޔާވެރިކަން ފޮހެލަންވީ ވަގުތު އައިސްފިކަން ޤަބޫލުކޮށް އެކަމަށް މަގުކޮށުމުންނެވެ. މަންޑޭލާއާއި އަދިވެސް އޭނާގެ ބައިވެރިން ޤައުމުގައި އޮތް އަނިޔާވެރިކަމުގެ މައްޗަށް ނަޞްރު ހޯދުމަށް ހަތިޔާރުގެ ބޭނުން ހިފިއެވެ. އަނިޔާވެރި ނިޒާމްގެ މައި ހަރުތަކަށް މަންޑޭލާމެންގެ ވަރުގަދަ ޙަމަލާތައް އަމާޒުކުރިއެވެ. ދަނގަނޑުން ދަނގަނޑު ކެނޑުމަށްޓަކައެވެ. ޞުލްޙަވެރި ހުރިހާ ގޮތްތަކެއް ފެއިލްވުމުންނެވެ.
މި މަސައްކަތުގައި މަންޑޭލާ އެންމެފަހުން، ޖަލަށް ވަދެވަޑައިގަންނަވަން ޖެހުނެވެ. މަންޑޭލާގެ މުޅި ޒުވާން ދުވަސްވަރު ހޭދަކުރެއްވީ ޖަލުގައެވެ. ޢުމުރުގެ 3 ބައިކުޅަ އެއްބައި ވަރު ހޭދަވެގެން ދިޔައީ ޖަލުގައެވެ. ކުށްވެރިވެފައިވާ ޓެރަރިސްޓެއްގެ ގޮތުގައެވެ. ޖަލުގައި އެތައް އަހަރެއް ހޭދަކުރެއްވައިގެންވެސް ކުރެއްވި ބުރަ މަސައްކަތުން ދެކުނު އެފްރިކާގެ މަދު ދޮންމީސްކޮޅުގެ އަނިޔާވެރިކަން ނައްތާލާ ހަމަހަމަ ޢަދުލުވެރި ވެރިކަމެއް ކުރެވޭތޯ މަންޑޭލާ މަސައްކަތްކުރިއެވެ. މިއީ މަންޑޭލާގެ ޙަޔާތް ތަފާތުވާ ސަބަބެވެ. ވެރިކަން ލިބިވަޑައިގަތުމުން، ޢަދާވާތްތެރިންނަށްވެސް މަޢާފްދެއްވެވިއެވެ. ޚުދު އެތައް އަހަރެއް ވަންދެން މަންޑޭލާ ޖަލުގެ ކުޑަގޮޅީގައި ބެލެހެއްޓި މީހާއަށްވެސް އިފްތިތާހީ ޖަލްސާއަށް ދަޢުވަތު ދެއްވައިގެން ގެންދެވިއެވެ.
އެއަށްފަހު ދުނިޔޭގެ ގިނަ ބައެއްގެ ލޯބި މަންޑޭލާއަށް ލިބިގެންދިޔައެވެ. އަނިޔާވެރިކަން ތަޙައްމަލުކުރަމުންދިޔަ ޢާއްމު ރައްޔިތުންގެ ލޯބީގެ އިތުރުން، އަނިޔާވެރިކަމުގެ ޗާބޫކުތައް ހިފައިގެން ތިބި ޖައްލާދުންވެސް މަންޑޭލާއަށް އިޙްތިރާމާއެކު ކުރުނީސްކުރަމުން ދިޔައެވެ. އޭނާ މަރުވުމާ ހަމައަށް ދުނިޔޭގައި އެވަގުތު އެންމެ ގިނަ ބައެއްގެ ލޯބި ލިބިގެން ހުރި އިންސާނާއަކީ އޭނާކަމުގައި ވިއެވެ.
މަންޑޭލާ އަވަހާރަވެގެން ހިތާމަކުރާ މީހުންނޭވެ! މިއަދު ތިބާ 1960މ ގެ އަހަރުތަކުގައި ހުރެވުން ނަމަ، މަންޑޭލާ މިހާރު ދިޔައީހީ ހުޅަނގުގެ ތާއީދާއެކު ކަޅުމީހުންނާ ދެކޮޅަށް ހިންގެމުންދިޔަ ނިޒާމީ ބޭއިންސާފާ ދެކޮޅަށް ހަތިޔާރު ނަންގަވައިގެން ހަނގުރާމަކުރައްވާ ހަނގުރާމަވެރިއެއްގޮތުގައެވެ. އަލްޖީރިޔާއާއި އެހެނިހެން އެފްރިކާގެ ޤައުމުތަކަށް ވަޑައިގެން “ޓެރަރިސްޓުން ތަމްރީނުކުރާ ކޭމްޕް”ތަކުން މިލިޓަރީ ތަމްރީނު ލިބިގެން ހަނގުރާމަކުރާ “ރަތްލާޖެހި” ހަނގުރާމަވެރިއެއްކަމުގައެވެ. ކަޅުނަސްލުގެ މީހުންނާއި ޢަދުލަށް ލޯބިކުރާ މީހުންނަށް އެ ހަނގުރާމަވެރި މަންޑޭލާއަކީ ޤައުމީ ބަޠަލެކެވެ. ފްރީޑަމް ފައިޓަރއެކެވެ. ނަމަވެސް، އޭރު ދެކުނު އެފްރިކާގެ ސަރުކާރަށާއި އިނގިރޭސީންނަށާއި އެމެރިކާއަށް އެއީ ޤައުމީ ނުރައްކަލަށް ހުރި ބިރެކެވެ. އެއީ ޓެރަރިސްޓެކެވެ. ޢާއްމު މުދަލަށް ގެއްލުންދޭ ހަތިޔާރު އެޅި ހަނގުރާމަވެރި ޓެރަރިސްޓްކެވެ. ބުނެބަލާށެވެ! މިއަދު މިއީ 1960 ނަމަ، ތިބާ ހުންނާނީހީ އެމެރިކާގެ ކޮޅުގައި ޓެރަރިސްޓް މަންޑޭލާއާ ދެކޮޅަށް އަޑުއުފުލާ “ޞުލްޙައަށް ތާއީދުކުރާ” ގޮނޑިކޮއްކޮއެއް ގޮތުގައި ހެއްޔެވެ؟ އިނގިރޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރު ޑޭވިޑް ކެމޮރަން އޭރު އުޅުއްވީ “މަންޑޭލާ ދަންޖައްސާ!” ކިޔާ ޕޯސްޓަރުތައް ހިފައިގެން އިނގިރޭސި ސަރުކާރަށް ޕްރެޝަރކުރުމަށެވެ. ތިބާވާނީހީ އޭނާއާ އެކު ހެއްޔެވެ؟ ނުވަތަ ތިބާ ވާނީ ޙައްޤުގެ ދިފާޢުގައި ހަނގުރާމަކުރަމުން އެދިޔަ މަންޑޭލާއަށް ތާއީދުކުރާނެ އެހެނަސް ހުޅަނގުގެ އަނިޔާގެ ލޮލަށް ފެންނަ ގޮތުގައި “ޓެރަރިޒަމަށް ވަފާތެރިވާ” މީހެއްކަމުގައި ހެއްޔެވެ؟
އެހެންކަމުގައިވާނަމަ ބުނަމެވެ. މިއަދުވެސް އެފަދަ ކިތަންމެ މަންޑޭލާއެއް ދުނިޔޭގައި މަރުނުވެ އެބަ ތިއްބެވެ. އަފްޣާނިސްތާނުގެ ޤައުމީ ބަޠަލް، އަދި ކުރީގެ ޤައުމުގެ ވެރިޔާ މުއްލާ މުޙައްމަދު ޢުމަރު (ޙަފިޒަހުﷲ) އަކީ ދިރިހުރި “މަންޑޭލާ”އެކެވެ. މަޢާފްކުރައްވާށެވެ! މުއްލާ ޢުމަރުގެ ނަންގަތުމަކީވެސް މިއަދު ޓެރަރިޒަމްގެ ޢަމަލެކެވެ. އޮޅިގެންވެސް މިނަން ނުކިޔާވޭތޯ ކޮންމެ މީހަކުވެސް މިއަދު ބަލާނެއެވެ. އެދުވަހު، ނެލްސަން މަންޑޭލާގެ ނަންގަތުންވެސް ވެފައިވީ މިފަދަކަމަކަށެވެ. ނަމަވެސް އޭރު އެންމެ ބޮޑު ޓެރަރިސްޓެއްކަމުގައިވި ނެލްސަން މަންޑޭލާ، ޙާލަތު ބަދަލުވުމުން 1993ގައި ނޮބެލް ޞުލްޙައިގެ އިނާމްވެސް ހޯއްދެވިއެވެ. ބަދަލުވީ ކޮންކަމެއްތޯއެވެ! ބަދަލުވީ އަހަރެމެންގެ ފިނޑިކަމެވެ. މަންޑޭލާ އޭރު ކުރި “ކުށްވެރި ޓެރަރިޒަމްގެ ޢަމަލުތައް” ފަހުންވީ ދުނިޔޭގެ ޞުލްޙަމަސަލަސްކަމަށްޓަކާ ކުރެއްވި ޚިދުމަތެއްކަމުގައެވެ. މަންޑޭލާ ކުރެއްވި މަސައްކަތް ހަމަ އެއް މަސައްކަތެކެވެ. ބަދަލުވީ އެމަސައްކަތް އަހަރެމެން ބަލައިގަތް ގޮތެވެ. މުއްލާ ޢުމަރާ މެދުވެސް މިފަދައިން ކަންތައް ކުރެވޭކަން ތިބާއަށް ނުވިސްނުން ނަމަ، އެއީ ހުޅަނގުން އެކުރިއަށް ގެންދާ މީޑިޔާ ޕްރޮޕެގެންޑާގެ ޝިކާރައަކަށް ތިބާވެސް ވެފައިވާކަމުގެ ހެއްކެކެވެ.
މުއްލާ މުޙައްމަދު ޢުމަރަކީވެސް، އެފަދަ ޝަޚްސިއްޔަތެކެވެ. އަފްޣާނިސްތާނުގައި ސޯވޮއެޓުންގެ ދުވަސްވަރާއި އޭގެފަހުން ފެތުރެމުން ދިޔަ އަނިޔާވެރިކަމުން ޤައުމު ސަލާމަތްކޮށްދެއްވާ ކުރުމުއްދަތެއް ތެރޭގައި މުޅި އަފްޣާނިސްތާނުގެ ޢާއްމު ރައްޔިތުންގެ ތާއީދާއި މަޤްބޫލުކަން ހޯއްދަވައިގެން ޤައުމުގައި މި ޤަރުނުގައި ދުނިޔެ ނުދެކޭ ފަދަ ޢަދުލުވެރި ވެރިކަމެއް ޤާއިމްކުރެއްވެވިއެވެ. ހުޅަނގުގެ ފިއްތުންތަކުގެ ތެރޭގައެވެ. އިޤްތިޞާދީ ހީނަރުކަމާއި ފަޤީރުކަމުގެވެސް ތެރޭގައެވެ. ނަމަވެސް، މިއަދު އެއީ ޓެރަރިސްޓެކެވެ. ކުށަކީ، އެމެރިކާ ޖަހާހާ ބެރަކަށް ނަށާނެ ވެރިއެއްކަމުގައި މުއްލާ ޢުމަރު ނުވީކަމެވެ. މިއަދު މުއްލާ ޢުމަރާއި އަފްޣާނިސްތާނުގެ އެހެނިހެން މުޖާހިދުން އެކުރައްވާ ޖިހާދަކީ 1960މ ގައި ނެލްސަން މަންޑޭލާއާއި އޭނާގެ އެކުވެރިން ކުރެއްވި މަސައްކަތް ފަދަ މަސައްކަތެކެވެ. މަންޑޭލާއަށް މިހާރު ލޯބިކުރާ މީހުން، މިޙަޤީޤަތާމެދު ކަނުވެފައިވާތީ ޢަޖާއިބުވެއެވެ. މުއްލާ ޢުމަރާއި އޭނާގެ ޠާލިބާން ޖަމާޢަތަކީ ޓެރަރިސްޓުންކަމުގައި ތިޔަ ނިންމަނީ، އަފްޣާނިސްތާނުން އެމެރިކާގެ އިސްތިޢުމާރު ފުހެލަން ކުރާ ޖިހާދުގެ ސަބަބުން ހެއްޔެވެ؟ ނުވަތަ، އަނިޔާ ލިބެމުން ދިޔަ އަންހެނުންނާއި ނިކަމެތިންގެ ދިފާޢުގައި އެޖަމާޢަތް އުފެއްދީތީ އެކަމަށް ހެއްޔެވެ؟ އޭރު މަންޑޭލާއަކީ މިއަދުގެ މުއްލާ ޢުމަރު ނޫން ހެއްޔެވެ؟ 1961 ގައި މަންޑޭލާ އުފެއްދެވި ހަތިޔާރު އެޅި ޖަމާޢަތްކަމުގައިވާ އުމްޚޮންޓޯ ވެ ސިޒްވޭ ވަނީ ވެރިކަން ލިބިލެއްވުމުން ދެކުނު އެފްރިކާގެ އަސްކަރިއްޔާގެ ތެރެއަށް އެއްކޮށްލެވިފައެވެ. މުއްލާ ޢުމަރުވެސް އަފްޣާނިސްތާނުގެ އަމާންކަން ބެލެހެއްޓެވުމަށް އުފެއްދެވި ތާލިބާން ޖަމާޢަތްވެސް ތާލިބާން ވެރިކަމުގައި އެފަދައިން ނުހައްދަވާތޯއެވެ؟
1970 އަދި 1980މ ގެ އަހަރުތަކުގައި ޖަލުގައި މަންޑޭލާ ދުވަސްތައް ހޭދަކުރެއްވިއެވެ. މިއީ އެދުވަސްނަމަ، ތިބާ އެކަމާ ދެކޮޅަށް އަޑު އުފުލާނަމު ހެއްޔެވެ؟ އަދި އެ ޞުލްޙައިގެ ބަޠަލްގެ ޖިހާދަށް ބިރުން އުޅޭ ޒާލިމުން އެގޮތަށް މަންޑޭލާ ޖަލަށް ލެވުނީތީ އުފާކުރަން ތިބިޔަ ދޭނަން ހެއްޔެވެ؟ އެހެންކަމަށްވާނަމަ ބުނަމެވެ. މިއަދު އެފަދަ ކިތަންމެ މަންޑޭލާއެއް އިޒްރާއީލްގެ ޖަލުތަކުގައި އެބަ ތިއްބެވެ. ޙައްޤަށް ނަޞްރު ދޭތީ ބަންދުކުރެވިފައެވެ. މިއަދު އެފަދަ 166 މަންޑޭލާ ގުއަންޓަނާމޯ ބޭ ޖަލުގައި އެއްވެސް ތަޙްޤީޤެއް ނެތި އަސީރުކުރެވިފައި އެބަވެއެވެ. އެކަމަކު، މިއަދު ތިބާ ހަމަޖެހިލާފާ ތިއިންނަނީ އެއީ ޙަރަކާތް ހުއްޓުވާލެވިފައިވާ “ޓެރަރިސްޓުން”ތަކަކަށް ވީތީ ލިބުނު އަމާންކަމެއްގެ ސަބަބުން ނޫން ހެއްޔެވެ؟ މަންޑޭލާ މިނިވަންކުރުމަށް ތިބާ މަސައްކަތްކުރާނެ ނަމަ، މިއަދު ތިބާ ހަނު ތި ހުންނަނީ ކީއްވެ ހެއްޔެވެ؟ އިޒްރާއީލުގެ ޖަލުތަކުގައި އެތިބީ އެއްވެސް ތަޙްޤީޤެއް ނެތި ހައްޔަރުވެފައި ތިބި ކުށެއް ނެތް ފަލަސްޠީނުގެ ދަރީންނެވެ. އެމީހުންގެ ކުށަކީ، ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލުމެވެ. އިޒްރާއީލްގެ އަނިޔާތައް ހުއްޓާލުމަށް ގޮވާލުމެވެ. މިއަދު އެމެރިކާގެ އަނިޔާވެރިކަމުގައި ގުއަންޓަނާމޯބޭ ޖަލުގައި އަނިޔާ ކުރެވެމުންދާ އަސީރުންނަކީ، ކޮން ޤާނޫނެއްގެ ކޮން ކުށަކަށް އަރައިގަނެފައިވާ ބައެއް ހެއްޔެވެ؟ ދެކުނު އެފްރިކާގެ ދެކުނަށް އޮތް ރޮބެން އައިލެންޑްގައި މަންޑޭލާ ހައްޔަރުކުރެވުނު ޖަލަށް އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ ޒިޔާރަތްކުރުމަށްފަހު، އެކަމުން އިލްހާމްލިބުނުކަމަށް ބުނާއިރު، އޭނާގެ ބެލުމުގެ ދަށުގައި 166 “މަންޑޭލާ” އަސީރުކުރެވިފައިވާކަމީ ހުޅަނގުގެ މުނާފިޤުކަމާއި ދެފުށް ދެގޮތްކަން ނޫން ކޮންކަމެއް ހެއްޔެވެ؟ މަންޑޭލާ ހައްޔަރުކޮށްފައި ހުރުމަށް ތިބާ ރުހޭނަން ތޯއެވެ؟
މަންޑޭލާ ވިދާޅުވެފައިވެއެވެ. “ޙަޤީޤީ ލީޑަރުންނަކީ އެމީހުންގެ ރައްޔިތުންނަށްޓަކާ ހުރިހާ ކަމެއްވެސް ޤުރުބާންކޮށްލަން ކެރޭ މީހުންނެވެ.” މުއްލާ ޢުމަރު ޤުރުބާން ނުކުރަނީ ކޮންކަމެއްތޯއެވެ؟ ފުރަތަމަ އޭނާގެ ކިޔެވުމާއި ވަޒީފާއާއި އަމާން ދިރިއުޅުމެވެ. އަދި ދުނިޔޭގެ ކުރިމަތީގައި އޭނާގެ ނަން ކިލަނބުކޮށްލަންވެސް ދޫކޮށްލީ ރައްޔިތުންގެ ދިފާޢުގައި ނޫން ހެއްޔެވެ؟ މިޤުރުބާނީތައް ނުވިނަމަ، މިއަދުވެސް އެމީހުން “އަމާންކަމުގައި” އެމެރިކާ ބުނި ގޮތަކަށް ހަދައިގެން ތިބެވުނީސްތާއެވެ! މަންޑޭލާއަށްވެސް ޢުމުރުދުވަހުގެ ޖަލު ޙުކުމުން މިނިވަންވުމުގެ އަގެއްގެ ގޮތުން ހަތިޔާރު ބަހައްޓާ އަނިޔާވެރިންގެ ބަސްއެހުމަށް ބުނެވުނެވެ. ނަމަވެސް އޭނާ އެކަން ޤަބޫލުފުޅު ނުކުރައްވާ ޖަލު އިޚްތިޔާރުކުރެއްވިއެވެ. މުއްލާ ޢުމަރަކީ އަދި 1960ގެ މަންޑޭލާއެކެވެ. ޓެރަރިސްޓެކެވެ. އޭރުގެ މަންޑޭލާވެސް “ނުރައްކާތެރިވެގެން” އެމެރިކާގެ ރައީސް ރޮނަލްޑް ރީގަން ވަނީ މަންޑޭލާގެ ނަން ޓެރަރިސްޓުންގެ ލިސްޓަށް އަރުވާފައެވެ. މަންޑޭލާ މަރުވެގެން މިދިޔައީ އެލިސްޓުން އޭނާގެ ނަން ނެގިތާ 5 އަހަރު ކިރިޔާ ވީތަނާއެވެ. މަންޑޭލާ ޓެރަރިޒަމްގެ ޢަމަލުތައް ހިންގުން ހުއްޓާލީ މުސްކުޅިވެ އަތްފައި ޙަރަކާތް ނުކުރެވުމުންތޯއްޗެކެވެ.
ދޮން މީހުންގެ އަނިޔާވެރި ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލާލުމުގެ ކުރިން މަންޑޭލާ ބުނެފައިވެއެވެ. “ޤައުމެއްގެ ޙަޔާތުގައި އެންމެ 2 އިޚްތިޔާރު ލިބިދޭ ދަނޑިވަޅެއް އަންނާނެއެވެ. އެއީ ދޫކޮށްލުމެވެ ނުވަތަ ހަނގުރާމަކުރުމެވެ. އެވަގުތު ދެކުނު އެފްރިކާއަށް އަތުވެއްޖެއެވެ. އަހަރެމެން ދުލެއް ނުދޭނަމެވެ. އަހަރެމެންގެ ރައްޔިތުންނާއި، އަހަރެމެންގެ މުސްތަޤްބަލާއި އަހަރެމެންގެ މިނިވަންކަމުގެ ދިފާޢުގައި އަހަރެމެންގެ އަތުގައި ހުރި ހުރިހާ ވަޞީލަތަކުން ރައްދުގައި ޙަމަލާ ފޮނުވާލުން ފިޔަވާ އިތުރު އިޚްތިޔާރެއް އަހަރެމެންގެ ނެތެވެ.” މިއީ ސޯވިއެޓް އަފްޣާނިސްތާން އިސްލާމީ އަފްޣާނިސްތާނަކަށް ބަދަލުކޮށްލެއްވި ހިތްވަރުގަދަ މުޖާހިދުންވެސް އެޢަމަލުކޮށްފައިވާ ގޮތް ނޫންތޯއެވެ؟ އަދި މިއަދުވެސް، އަފްޣާނިސްތާނާއި، ސޫރިޔާއާއި ފަލަސްޠީނާއި ކަޝްމީރާއި ޢިރާޤްގެ ޙާލަތެއް ނޫންތޯއެވެ؟ ނަމަވެސް އަދި އެއީ ޒަމާނުގެ ލޯތަކުގެ ކުރިމަތީ “ޓެރަރިސްޓެކެވެ.” އަދި އެއީ 1990މ ގެ ކުރީގެ މަންޑޭލާއެކެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މަންޑޭލާގެ ޙަޔާތުން ފިލާވަޅެއް ހޯދާނަމަ، އެއީ މިކަންކަމުގައި ހަނދާންކުރާށެވެ. ޒަމާނުގެ ޖާހިލުކަމަށްވުރެ، ތިބާ ކުރިއަރާފައިވުމީ ތިބާ ގޯސްވުމުގެ ސަބަބެއް ނޫނެވެ. އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރިއިރު މަންޑޭލާއަކީ ދެކުނު އެފްރިކާގެ ދޮންމީހުންނާއި އިނގިރޭސިވިލާތާއި އެމެރިކާއަށް ޓެރަރިސްޓެކެވެ. ނަމަވެސް ކާމިޔާބު ހޯދުމުން އެއީ ޞުލްހައިގެ ރަސޫލެކެވެ. އަލްޙާއްޖު މާލިކް އައްޝަބާޒް މަލްކޮމް އެކްސް (ރަޙިމަހުﷲ) އަކީ، ކަޅުމީހުންގެ ޙައްޤުގައި މަސައްކަތްކުރެއްވި އިރު، އެމެރިކާގައި ހުރި އެންމެ ގިނަ ބަޔަކު ބިރުގަންނަ އެންމެ ޖެހިލުންވާ އެންމެ ނުރައްކާތެރި މީހާއެވެ. ނަފްރަތު ފެތުރި މީހެކެވެ. ނޫސްވެރިންވެސް އޭނާއާ ބައްދަލުކުރަން ބިރުގަތެވެ. މިއަދު އޭނާއަކީ ދުނިޔޭގެ އެތައް މިލިޔަން ބައެއް އެޝަޚްސިއްޔަތަކުން އިލްހާމް ލިބިގަންނަ އިންސާނީ ޙައްޤުތަކުގެ ނަމޫނާއެވެ. މުޙައްމަދު ތަކުރުފާނުލް ޢައުޒަމް (ރަޙިމަހުﷲ) އަކީ، ޕޯޒްގީޒުންނާ ދެކޮޅަށް ޖިހާދު ފެއްޓެވުމުން، އޭރުގެ ކާފަރު ދިވެހި ރަސްކަމާއި އެކަމުން ފައިދާ ހޯދަމުން ދިޔަ ޣައްދާރުންނަށް ބޮޑު ފިތުނަވެރިކަމެކެވެ. ޤައުމުގެ އަމާން ބެލެހެއްޓި ޕޯޗްގީޒު ސިފައިން މަރާ ޤާތިލެކެވެ. ނަމަވެސް، މިއަދު އެއީ ދިވެހިންގެ ޤައުމީ ބަޠަލްއެވެ. މިއަށްވުރެ ބޮޑަށް އެސީރަތަކުން ޢިބްރަތް ހޯދާ ނުނިމޭނެ ނަބަވީ ސިޔަރަތަށް ބަލާލާށެވެ. ކައު އިތުރު ނަބިއްޔާ (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް) އަކީ، މައްކާގައި އެއްކައުވަންތަކަމަށް ގޮވާލައްވަން ފެއްޓެވުމުން، މުޖްތަމަޢު ފަސާދަކުރާ މޮޔައެއްކަމުގައި ލޭބަލް ކުރެވުނެވެ. މިއަދު އެއީ ފަސާދަތައް ނައްތާލެއްވި ނަބިއްޔާއެވެ.
މިއީ، މިއަދުވެސް “މަންޑޭލާ”ތައް ދިރިތިބި ސަބަބެވެ. ޒަމާނުގެ ޖާހިލުކަމަށްވުރެ ތިބާ ކުރިއަރާފައިވުމީ ތިބާ ގޯސްވުމެއް ނޫނެވެ. މިއަދު ޙައްޤުގެ ބަސްބުނާ ޢިލްމުވެރިޔާ އެއީ ފިތުނަ ފަސާދަ ފަތުރާ މީހެއްކަމުގައި ތިބާ ބުނެފާނެއެވެ. ނުވަތަ އެއީ ޤައުމީ އެއްބައިވަންތަކަން ނަގާލާ މީހެއްކަމުގައި ތިބާ ސިފަކޮށްފާނެއެވެ. އެބޭފުޅުންގެ ހުރިހާ ދަރުސަކީ ފިތުނަކަމުގައި ތިބާއަށް ހީވެ އެއަޑުއެހުމަށް ތިބާ ނަފްރަތުކޮށްފާނެއެވެ. ޙައްޤުގެ ދިފާޢުގައި މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަކުރަމުންދާ މުޖާހިދުންނަކީ ޓެރަރިސްޓުންކަމުގައި މިއަދު ތިބާ ބުނެފާނެއެވެ. އެއީ ޢާޢްމުން މަރާ، އިންސާނިއްޔަތާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގާ ބައެއްކަމުގައި ތިބާގެ މީޑިޔާ ބުނެފާނެއެވެ.  އަދި އެކަމަށް ތާއީދުކުރުން އެއީ ހަރުކަށިވުންކަމާއި ހައްދުފަހަނައެޅުންކަމުގައި ތިބާ ބުނެފާނެއެވެ. ނަމަވެސް، ޙަޤީޤަތަކީ، އެއީ ދިރިތިބި “މަންޑޭލާ”ތަކެއް ކަމެވެ. އާނއެކެވެ. މިއަދު އެބައިމީހުން އެއީ ތިބާގެ ޓެރަރިސްޓެކެވެ. މާދަމާ ތިބާވާނީ ނޭނގިހުރެ ނަމަވެސް ޙައްޤަށް އިންކާރުކުރި މީހަކަށެވެ. މަންޑޭލާއަކަށް ދެކޮޅުވި މީހެއްކަމަށެވެ. އެފަދަ މަންޑޭލާތައް އަދިއެއް މަރެއް ނުވެއެވެ. ތިބާވެސް މަންޑޭލާއަކަށް ވާން ބޭނުންނަމަ، ބާރުގަދަ އަނިޔާވެރި މުނާފިޤުންގެ ކުރިމަތީ އެމީހުން ކިޔާ އެއްޗަކަށް ނުބަލާ ޙައްޤު ދިފާޢުކުރާށެވެ! އަދި އެފަދަ އެހެން މަންޑޭލާތައް ދެނެގަންނާށެވެ.

Friday, November 22, 2013

ޑީސޯ ޑޮގް: ރެޕް މިޔުޒިކްގެ ދުނިޔޭގައި ރަސްކަން ކުރުމަށްފަހު، ސޫރިޔާގެ ޖިހާދުގެ ނަމޫނާ މުޖާހިދަކަށް


ރެޕް މިޔުޒިކަށް ދެވިހިފާފައިވާ މީހުންގެ ތެރޭގައި ޑީސޯ ޑޮގް ނުދަންނަ މީހަކު މަދުވާނެއެވެ. ނަމަވެސް، ޙަޤީޤީ ޑީސޯ ޑޮގް އަކީ ކާކުކަން މިއަދު ދުނިޔެއަށް ދައްކާލާފިއެވެ. ޑީސޯ ޑޮގްގެ ޝަޚްސިއްޔަތު ދުނިޔެއަށް ފެނިފައިވަނީ އޭނާ ރެޕް މިޔުޒިކްގެ ދުނިޔޭގައި ރަސްކަން ކުރިއިރެއް ނޫނެވެ. ނަމަވެސް، ޑީސޯ ޑޮގް އޭނާގެ ޝަޚްސިއްޔަތު ރަންއަކުރުން ކަނޑާ ނަގާފައިވަނީ މިޔުޒިކްގެ ދުނިޔެ ދޫކޮށް އިސްލާމްދީނުގެ ނޫރު ޙާޞިލްކުރި ހިސާބުން ފެށިގެންނެވެ. އިސްލާމްދީނުގެ ނޫރު އޭނާއަށް ލިބުނު ހިނދު، ދުނިޔޭގެ މަޖަލާއި ރަނުގެ ދަޅަތަކަށް އޭނާ ފުރަގަސްދިނެވެ. އަދި އިސްލާމްދީނުގެ ދަޢުވަތު ނެގެހެއްޓުމަށް ޖަރުމަނު ވިލާތުގައި އޭނާ މަސައްކަތް ފެށިއެވެ. އެންމެ ފަހުން، އޭނާ މި ފަނާވަނިވި ދުނިޔެއަށް ފެނިގެން އެދިޔައީ ސޫރިޔާގެ ޖިހާދުގައި ހިތްވަރުގަދަ ސިންގާއެއް ފަދައިން ޖިހާދުކުރި މުޖާހިދެއްގެ ގޮތުގައެވެ. އޭނާ ޝަހީދުވެއްޖެކަން ނުވަތަ ނޫންކަން މިހިނދަށް ޔަޤީންވެފައި ނުވިޔަސް، ލިބިފައިވާ ބޮޑު ޒަޚަމްގެ ސަބަބުން އޭނާ ޝަހީދުވިޔަސް އޭނާ މި ފަނާވަނިވި ދުނިޔެ ދޫކޮށް ދާނީހީ ޣާފިލްވެފައިވާ މުސްލިމް ޒުވާނުންނަށް ޑީސޯ ޑޮގް ގެ ޙަޔާތުން އެތައް ޢިބްރަތެއް ދޫކުރުމަށްފަހުއެވެ.
ޑީސޯ ޑޮގް އުފަންވެފައިވަނީ ޖަރުމަނުވިލާތުގެ ވެރިރަށް ބާރލިންގެ ޑިސްޓްރިކްޓެއްކަމުގައިވާ ކްރުޒްބާރގްގައި 1975މ ގައެވެ. އޭނާގެ މަންމައަކީ ޖަރުމަނުމީހަކަސް، އޭނާގެ ބައްޕައަކީ ގާނާ ދަރިކޮޅުގެ ކަޅު ނަޞްލުގެ މީހެކެވެ. ޑީސޯ ޑޮގް، ނުވަތަ އޭނާ އަޞްލު ނަމުން ކިޔާނަމަ ޑެނިސް މަމަޑޯ ޖާރހާޑް ކުސްޕާރޓް ގެ ޢުމުރުން ވަރަށް ޅަދުވަސްވަރު އޭނާގެ ބައްޕަ އޭނާ އާއި އޭނާގެ މަންމަ ދޫކޮށް ދިޔައެވެ. ހުޅަނގުގެ މުޖްތަމަޢުތަކުގައި ޢާއްމުވެފައިވާ ޢާއިލާތައް ރޫޅުމާއި ވަރީގެ ޝިކާރައަކަށް ތުއްތު ކުސްޕާރޓް ނުވަތަ ފަހުން މުޅި ދުނިޔެއަށް މަޝްހޫރުކަން ހޯދި ޑީސޯ ޑޯގް ކުޑައިރު ވިއެވެ. އޭނާގެ ބައްޕަ ވަކިވެދިޔުމުން އޭނާގެ މަންމަ ދެން ކައިވެނި ކުރީ އެމެރިކާގެ އަސްކަރީ އޮފިސަރަކަށެވެ. އޭނާގެ ދޮން ބައްޕައާއެކު ޑީސޯ ޑޮގް އަށް މާ އަމާންކަމާއެކު އުޅެވޭ ގޮތެއް ނުވިއެވެ. ހުޅަނގުގެ އެހެން މަޝްހޫރު ލަވަކިޔުންތެރިންނާއި މިޔުޒީޝަނުން ފަދައިން ޑީސޯ ޑޮގްވެސް އޭނާގެ ޢާއިލީ ދިރިއުޅުމުން އޮތީ މާ ތުއްތު އިރުއްސުރެ ފެއިލްވެ ރޫޅިފައެވެ.
އޭނާ އެންމެ ފުރަތަމަ މިޔުޒިކްގެ ދުނިޔެއަށް ނުކުތީ 1995 ގައެވެ. ނަމަވެސް، އޭރު އޭނާއަށް ލިބެމުން ދިޔަ ތަރުހީބަށާއި މަޝްހޫރުކަމަށް ވަނީ ވަރަށް ބޮޑު ހުރަހެއް އެޅިފައެވެ. އެއީ އޭނާ އޭރު ވޭތު ކުރަމުން ދިޔަ މަގުމަތީގެ ދިރިއުޅުމެވެ. ކުށުގެ މާހައުލެވެ. ޢާއިލާގެ އިހުމާލެވެ. އެކުވެރިންގެ ނުފޫޒެވެ. ކުރުގޮތަކަށް ބުނަނީ ނަމަ، މިޔުޒިކްގެ އަނދިރި ފަރާތެވެ.
ޑީސޯ ޑޮގް ފަހުން އިސްލާމްވުމަށްފަހު ދީފައިވާ ބަސްދީގަތުމެއްގައި ޖަރުމަނުގެ ޣައިރުމުސްލިމުންނަށް ނަޞޭހަތްދެމުން ބުނެފައިވެއެވެ.
“އަހަރެން ކުޑައިރު އަހަރެން އަޑުއަހާ އުޅުނީ އެމެރިކަން ގެންގްސްޓާ-ރެޕް މިޔުޒިކް. އަހަރެން ތިބާގާތު ބުނަން، އަހަރެންގެ ހުރިހާވެސް ހަލާކަކަށް ވެގެން ދިޔައީ މި މިޔުޒިކް. އެ ހީވާނީ އެކްޝަން ފިލްމެއް ހެން. ނުކުންނަ ކޮންމެ އާ ރިލީޒް އަކީ ފިލްމެއް. އަދި ދެނެގަންނަން ޖެހޭ ކަމަކީ، އަހަރެމެން ކުޑަކުދިންނަށް މިކަންކަން ކިޔާދޭނެ ބަޔަކު ނެތް. އަހަރެމެންގެ މައިންބަފައިން އަހަރެމެން ގާތު ނުބުނޭ އެކަހަލަ މިޔުޒިކް އަޑު ނާހާށެކޭ. ކޮންމެވެސް ވައްތަރަކަށް، އޭރު އަހަރެމެން ދިޔައީ އެ ރެޕް މިޔުޒިކްކުޅުންތެރިންނަށް އަޅުވެތިވެވި އެމީހުން ނަމޫނާއަކަށް ބަލަމުން. އަހަރެމެން ދެކުން ގޮތުގައި، އެމީހުންނަކީ އެންމެ މަތީ މީހުން، އަޞްލު އަދި އެއީ އެންމެ ދަށު މީހުންކަމުގައި ވިޔަސް. އެމީހުން އެއީ ޑްރަގް ބޭނުންކުރާ މީހުން. އެހެންވެ އަހަރެމެންވެސް ޑްރަގް ބޭނުންކުރީ. އަދި އެމީހުން ވައްކަން ކޮށްފިއްޔާ، އަހަރެމެން ހަމަ އެއްވެސް ޝައްކެއް ނެތި އެކަމަށް އަރައިގަންނާނެ. އެމީހުންނަކީ އަހަރެމެންގެ މަންމަ އަދި ބައްޕަގެ މަޤާމުގައި ތިބި މީހުން. އަހަރެމެންގެ މަންމަމެނާއި ބައްޕަމެން ދިޔައީ މުޅި ދުވާލު މަސައްކަތްކުރުމުގައި ހޭދަކުރަމުން. އެހެންކަމުން އެމީހުންނަށް އަހަރެމެން ތަރުބިއްޔަތެއް ނުކުރެވުނު. އެހެންވެ، އަހަރެމެން އަހަރެމެންގެ ބެލެނިވެރިންކަމުގައި ނެގީ ކޮންބައެއްތޯ؟ އެއްކަލަ އާ މިޔުޒިކް ވީޑިިޔޯ ހެދި އައިސް ކިޔުބް، ނޫނީ ޓޫޕަކް ނޫނީ ޑޮކްޓަރ ޑްރޭ ނޫނީ އަނެއް ނަމެއް. ތިބާ ހިތަށް އަރުވާލަންވީ މިއީ ފުރާވަރުގެ ދުވަސްތައް ހޭދަވެގެން ދިޔަ ފަދަ ގޮތް. ތިބާގެ މޫނުގައި ފުރަތަމަ އޮށާނަ އަޅާ، މޫނުމަތީގެ އިސްތަށިތައް ދިއްކޮށްލާ ތިބާގައިން ދަލުގެ ވަސް ދުވަން ފަށާ ހިސާބަށް ދާއިރު (ފުރާވަރަށް އަރާ އިރު)، ތިބާ ހުންނާނީ އެމިޔުޒިކްގެ ހުރިހާ ކަމެއް ޤަބޫލުކޮށްލައިގެން. އެންމެ ފަހުގެ ނަތީޖާއަކީ، ތިބާ ސިފަކުރެވިފައިވާނީ ތިބާ އަބަދާ އަބަދު އެއެއްޗެއްސެއް ގާތް ކޮށްލައިގެން ގެންގުޅުނު އެއްޗެހިންކަމުގައިވުން. އެގޮތަށް، އަހަރެންވެސް އެންމެފަހުން ގޮސް ނިމުނީ ޖަލަށް ވަންނަން ޖެހިގެން! އެމީހުން މިޔުޒިކްގައި ދައްކާދިން ކަންކަން އަހަރެން ދިޔައީ މީހެއްގެ ގޮތުގައި ދައްކައިދެމުން. އަހަރެން ވެގެން ދިޔައީ އެމީހުންގެ މިޔުޒިކްގެ އުފެއްދުމަކަށް!”
ތެދެކެވެ. ޑީސޯ ޑޮގް ގެ ޙަޔާތުގެ ކުރީކޮޅުގެ ދުވަސްތައް ހޭދަކޮށްފައިވަނީ ތަކުރާރުކޮށް ކުށްތަކަށް އަރައިގަތުމުގައެވެ. އޭނާ އެތައް ފަހަރަކު ޖަލަށް ލާފައިވެއެވެ. އެތައް ކުށެއްގައި ހައްޔަރުކޮށްފައިވެއެވެ. މަސްތުވާއެއްޗެއްސާއި ދުނިޔޭގައި ލެއްވިހާ ކުށެއް ޢާއްމުވެފައިވާ މާޙައުލެއްގައި އޭނާ ހެދި ބޮޑުވަމުން އައީ އެތަންތަނުން ބުރާނެ އެންމެ ގިނަ އަޅިއެއް ގަޔަށް ބުރާފައިވާ މީހެއްކަމުގައި ފަޚުރުވެރިވެގެންނެވެ. އޭރު މީހަކު އޭނާ އިޞްލާޙްކުރުމުގެ ނިޔަތުގައި އޭނާއަށް ބަލާލައިފިނަމަ، އުއްމީދު ސުމަކަށް ދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ނަމަވެސް، ބުއްދިވެރީން ބުނެއުޅެއެވެ. “ކޮންމެ ކުށްވެރިއެއްގެ މުސްތަޤްބަލެއް ވެއެވެ. އަދި ކޮންމެ އަޅުވެރިއެއްގެ މާޟީއެއްވެއެވެ.” ކުށުން ތަތްތެޅިފައިވާ ޑީސޯ ޑޮގް އަށް އޭނާގެ މުސްތަޤްބަލް ހުޅުވާލަދިނީ އަލި އަލި ދޮރެކެވެ.
20 އަހަރުގައި ލަވައާއި މިޔުޒިކްގެ ދުނިޔެއަށް ނުކުތުމަށްފަހު އޭނާ އެތައް ލަވައެއް ކިޔާ އެތައް މީހަކާއެކު ލަވަކިޔާފައިވެއެވެ. އެތައް ޝޯއެއް ފަޅުފިލުވާލަދީފައިވެއެވެ. އެތައް ޓޯއެއް ދުނިޔެ ވަށާ އަޅާފައިވެއެވެ. އެހެން ގޮސް 2006 ވަނަ އަހަރެވެ. އެފަހަރުވެސް ކޮންމެވެސް ކުށެއްކޮށްގެން އޭނާ ޖަލުން ނެރުނު ތަނާހެން ކަހަލަ ގޮތަކަށް އޭނާ އޭނާގެ ފުރަތަމަ އަލްބަމް “މަރްޑާ ކޮކްޓެއިލް ވޮލިއުމް 1″ ބާޒާރަށް ނެރުނެވެ. އޭނާގެ މިޔުޒިކް ކެރިއަރ ކުރިއަރައިގެން ދިޔައީ އެހިސާބުންނެވެ. އެއަށްފަހު 2009 ވަނަ އަހަރާ ހަމައަށް އޭނާ އިތުރު 3 އަލްބަމްވެސް ނެރުނެވެ.
ނަމަވެސް އެހުރިހާ ދުވަހަކު އޭނާ ހުރީ، އަނދިރިކަމުގެ ތެރޭގައެވެ. އޭނާ އޭނާގެ ލަވަތައް މެދުވެރިކޮށް ފަތުރަމުން ދިޔައީ އޭނާގެ ބޮލަށް ވެރިވެފައިވާ ޝައިޠާނީ ޚިޔާލުތަކެވެ. އޭނާ އަލިކަމާއި ހިދާޔަތާމެދު ވިސްނާލާ ނަފްސު މުރާޖަޢާކޮށްލަން މެދުވެރިވީ 2010 ވަނަ އަހަރު ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓަކުން އޭނާ ސަލާމަތްވުމުންނެވެ. އެހިސާބުން އޭނާ ބިނާކުރަމުން ދިޔަ ކާމިޔާބު ރެޕް މިޔުޒިކްގެ ކެރިއަރ ދޫކޮށްލިއެވެ. އަދި މުޅި ދުނިޔެއަށް އޭނާ އިސްލާމްވީކަން އަންގާ ވީޑިޔޯއެއް ނެރުނެވެ.
2010 ވަނަ އަހަރުވެސް އޭނާގެ އާ ލަވަތައް ބާޒާރަށް ނުކުތެވެ. ނަމަވެސް 2010 ވަނަ އަހަރުގެ ފަހުކޮޅު އޭނާ އިސްލާމްވިކަން މުޅި ދުނިޔެއަށް އިޢުލާން ކުރިއެވެ. އެހިސާބުން ވަގުތުން އޭނާގެ ޙަޔާތުގެ ނަވުގެ މިސްރާބު ބަދަލުކޮށްލިއެވެ. އޭނާ އެހިސާބުން ވެގެން ދިޔައީ މިޔުޒިކްގެ ނުރައްކަލާއި ގެއްލުން ޒުވާނުންނަށް ބަޔާންކުރުމުގައި އަވަދިނެތި މަސައްކަތްކުރަމުން ދިޔަ ދާޢީއަކަށެވެ. ޖަރުމަނުގެ މުސްލިމް އާބާދީތަކަށާއި ޣައިރު މުސްލިމް އާބާދީތަކަށްވެސް އޭނާގެ ދަޢުވަތު ފަތުރާލާފައިވިއެވެ.
މިއަދު އޭނާގެ އަމިއްލަ ލަވަތައް އަޑު އަހާލާއިރު އޭނާ ހިތަށް އަރަނީ ކީކޭތޯ؟ ސުވާލުކުރެވުމުން، ޑީސޯ ޑޮގް ވަރަށް ތެދުވެރިކަމާއެކު ބުނެފައިވެއެވެ. “ބޮޑު ފޮއްޓެއް ފުރާ ހުރިހާ ސީޑީތަކެއް އަހަރެން އުކާލައިފިން. މިހާރު އަހަރެން އެއްވެސް ވަރަކަށް މިޔުޒިކް އަޑެއް ނާހަން. ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެންނަށް މިހާރު ދައްކަވާފައިވަނީ އެހެން މަގެއް. އެހެންވެ މިހާރު އަހަރެން ކުރާ ކަމަކީ، ޒުވާނުންނަށް މި މެސެޖެއް ފޯރުކޮށްދެނީ، އެމީހުން އެ އަރައިގެން ތިބި އުސް އަސްތަކުން ފައިބާ ޙައްޤަށް އެނބުރި އާދޭތޯ. އަހަރެން ހަނދާންކޮށްދެން. އަހަރެން އިންޒާރުކޮށްދެން. އަހަރެން ޚާއްޞަ ކަންކަމަށް އެމީހުންގެ ސަމާލުކަން އަމާޒުކުރުވަން. މިއީ ކޮންމެހެން އެމީހުންނަށް އިސްލާމްދީނުގެ އަމުރުތައް ކުރުވުމެއް ނުވަތަ މަޖްބޫރުން އެއްވެސް ކަމެއް ކުރުވުމެއް ނޫން! އަހަރެން މި މަސައްކަތްކުރަނީ ރިވެތި އަޚްލާޤާއި ރީތި އަދަބާއި ހެޔޮ ގޮތް ފެތުރޭތޯ.”
ޑީސޯ ޑޮގް ނުވަތަ އޭރު އަބޫ މަލީޤްގެ ނަމުން މަޝްހޫރު ވެގެން ދިޔަ މި ދާޢީއަށް އޭނާ ފަތުރަމުން ދިޔަ އަސަރުގަދަ ދަޢުވަތުގެ ސަބަބުން ބޮޑެތި އިމްތިޙާނުތައް ކުރިމަތިވިއެވެ. ނަމަވެސް އަބޫ މަލީޤް، އާދެ ދުނިޔެ ކުރިން ދެކެފައިވި ކުށްވެރި ލަވަކިޔުންތެރިޔާ ޑިސޯ ޑޮގް ދިޔައީ އޭނާއަށް އަލިކަން ލިބުނު އަލީގެ އަލިކަން އަނދިރީގައި ޣާފިލްވެފައި ތިބި މީހުންނަށް ފޯރުކޮށްދިނުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވަމުންނެވެ. އޭނާގެ ދަޢުވަތުގެ ސަބަބުން ގިނަ ބަޔަކު އިސްލާޙްވެ ޙައްޤުދީނުގެ ހިޔަލުގެ ދަށަށް ވަންނަމުން ދިޔައެވެ. މިކަމުގެ ސަބަބުން، ޑިސޯ ޑޮގް އަކީ ޓެރަރިޒަމްއަށް ވާގިވެރިވާ މީހެއްގެ ލޭބަލް ޖަރުމަނުގެ ސަރުކާރުގެ ފަރާތުން ޖެހިއެވެ. ގިނަ ބަޔަކަށް އަބޫ މަލީޤްގެ ޖާދުވީ ދަޢުވަތު ލިބިގެން ދިޔުމަށް މިކަމުން ކޮންމެވެސް ވަރެއްގެ އުނދަގުލެއް ކުރިމަތިވި ނަމަވެސް، އަބޫ މަލީޤް އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.
އޭނާ ދީފައިވާ އިންޓަރވިއުއެއްގައި އެއް ފަހަރު ބުނެފައިވެއެވެ. “ޙަޤީޤަތުގައި އަހަރެން ޤަބޫލުކުރަނީ، އަހަރެންނާމެދު މީސްތަކުން ގޯސްގޮތްގޮތަށް ދެކުމަށް ބޭނުންވާ ބަޔަކީ މީޑިޔާއާއި (ޖަރުމަނުގެ) ސަރުކާރޭ. އެހެންވެގެން އެމީހުން ކަންކަން ބަދަލުކޮށްގެން އޮޅުވާލައިގެން އެފަތުރަނީ. އަހަރެން ތިބާއަށް މީގެ މިސާލެއް ކިޔާދޭނަން. ހަމްބާރގް ގައި ހުންނާނެ މިސްކިތެއް. ކުރީ ފަހަރެއްގައި އަހަރެންގެ ލެކްޗަރއަކުން ދިމާވި އަޚުންކޮޅަކާ ބައްދަލުކޮށްލަން އެތަނަށް ދާން އަހަރެން ބޭނުންވި. އަހަރެން އެއަޚުން ގާތު ބުނިން އަހަރެން އެމީހުންގެ މިސްކިތަށް ވެސް ގޮސްލަން ބޭނުމޭ. އެތަނުގެ ވެސް ޒުވާނުންނާ ބައްދަލުކޮށްލާ ވާހަކަ ދައްކާލަން. އަހަރެން ހުވާކޮށްފަ މިބުނަނީ، އަހަންނަށް ދެން ރައްޓެއްސަކު ގުޅާފަ ބުނެފި އަހަރެންގެ ވާހަކަ ނޫހުގައި އެބަ އޮތޭ. އަހަރެން އޭނާ ގާތު ބުނިން އޭގައި އަހަރެންނާ ބެހޭ ގޮތުން ލިޔެފައި އޮތީ ކީކޭހޭ. ދެން އޭނާ ބުނީ އެމީހުން އަހަރެންނަށް ލިޔެފައި އޮތީ ‘ޖިހާދަށް ގޮވާ ނަފްރަތު ފަތުރާ ވާހަކަދައްކާމީހާ’ އޭ! (ހީލުމަށްފަހު އަނެއްކާވެސް އޭނާ ވާހަކަ ދައްކަން ފެށިއެވެ.) އަޞްލުވެސް ހަމަ، ހުރިހާ ނޫސްތަކެއްގައިވެސް މުޅިން އޮތީ އެވާހަކަ. އެމީހުން އޭގައިވެސް ޖަހާފައި އޮތީ ސެޕްޓެމްބަރ 11 ގައި ގޮއްވާލި ޓްވިން ޓަވަރ ގެ ފޮޓޯއަކާއި މިސްކިތެއްގެ ފޮޓޯއަކާއި ދެން އަހަރެންގެ ފޮޓޯތަކުން ފޮޓޯއެއް. އަހަރެން އަޞްލު ވަރަށް ދެރަވި، އެގޮތަށް އެމީހުން މީސްތަކުން ބިރުގެންނެވީތީ. ސަބަބަކީ، ތިބާއަށް އެއްޗެއްގެ ޙަޤީޤަތް ނޭނގިއްޖެނަމަ، އެއެއްޗަކުން ދުރުވާނެތީ.”
ކުށްވެރިއެއްގޮތުގައި މުޅި ޙަޔާތް ހޭދަކުރަމުން ދިޔައިރުވެސް ލަވާގެ ދުނިޔޭގައި ރަސްކަން ކުރަމުން ދިޔައިރު ޑިސޯ ޑޮގް އަކީ މީޑިޔާއިން ސިފަކޮށްފައިވާ ސެލެބްރިޓީއެކެވެ. އެތައް ބައެއްގެ ނަމޫނާ ރޯލް މޮޑެލްއެކެވެ. އެންމެންގެ ތާއީދާއި ރުހުން ލިބިފައިވާ މީހެކެވެ. އޭނާގެ ގޯސްކަންކަމާއި ކުށްތަކަށް ޙަމްދަރުދީއާއި ރުހުމުގެ ނަޒަރުން ބަލާލެވިފައިވާ މީހެކެވެ. ނަމަވެސް އިސްލާމްވެ، ޙައްޤު ބަޔާންކުރަން ފެށުމާއެކު އެމަންޒަރު މުޅީން ބަދަލުވެގެން ހިނގައްޖެއެވެ. މިކަން އެންމެ ރަނގަޅަށް ދެނެގެން ހުރި މީހަކީ ޚުދު ޑިސޯ ޑޮގްއެވެ. ރެޕާރ އެއްގެ ގޮތުގައި އުޅުންއިރު، ޖަރުމަނުގެ ޖާސޫސީ ޚިދުމަތުގެ ފަރާތުން ޑިސޯ ޑޮގް އަށް ފާރަލާފައިނުވާއިރު، އޭނާ އެކަން ހުއްޓާލުމުން އޭނާއަށް ފާރަލަމުން އެގެންދަނީ ކީއްވެތޯ އެއް ފަހަރު އޭނާއަށް ސުވާލުކުރެވުނެވެ.
އޭނާ ބުނެފައިވެއެވެ. “ބައްލަވާ! ޖާސޫސީ ޚިދުމަތަށް މައްސަލައަކަށް ވެގެން މިއުޅެނީ އަހަރެން ނަމާދުކޮށް އަދި އިސްލާމްދީނުގެ ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދޭތީ. ނަބިއްޔާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ވެސް އިސްލާމްދީނުގެ ރިސާލަތު ފޯރުކޮށްދެއްވުމުން އެހެންވި. އަހަރެން އިސްލާމްދީނުގެ މެސެޖް ފޯރުނުކޮށްދީ ނުވަތަ އެދީނުގެ ވާހަކަ ނުދައްކާ ހުންނަހާ ހިނދަކު އަހަރެންނަކީ އެމީހުންގެ ނަޒަރުގައި އެއްވެސް މައްސަލައެއް ހުރި މީހެއް ނޫން! އެހެނަސް މިހާރު، އަހަރެންނަކީ އެމީހުންގެ ނަޒަރުގައި ކުށްވެރިއެއް. ސަބަބަކީ ހަމައެކަނި އަހަރެން ޤުރުއާނަށް ތަބާވާކަން. ސަބަބަކީ ހަމައެކަނި އަހަރެން އިސްލާމްދީން ފަތުރަން އުޅޭކަން. (އިންޓަރވިއު ކުރާ ޣައިރު މުސްލިމް މީހާއަށް މުޚާޠަބްކޮށް ދެން ބުންޏެވެ.) އަދި ތިބާގެ އޮވެދާނެ ސުވާލުތަކަށް އަހަރެން ޖަވާބުދޭން މަސައްކަތްކުރާކަން. އެހާރުން ދެން ފަހަރެއްގައި ތިބާގެ ސަލާމަތް ބުއްދި ތިބާ ގާތު ބުނެފާނެ، “އިސްލާމްދީނަކީ މިއީ އަޞްލުވެސް ރަނގަޅު އެއްޗެކޭ. އަހަރެން އަހަރެންނަށްޓަކާ މީތި ޤަބޫލުކުރާނީއޭ.” އެކަމަކު އެމީހުން ބޭނުމެއް ނުވޭ މިހެން ވިޔަދޭކަށް. އެމީހުން ބޭނުންވަނީ، ތިބާ އެސުވާލުތަކާއެކު އެއަށް ޖަވާބު ލިބިނުދީ ހުންނަން. ދެން އެހެން ހުއްޓާ ކޮންމެވެސް ދުވަހަކުން ސައްދޯއް ތެރެއަށް ވެއްޓޭނީ. ދެން އެނިމުނީ.
އެކަމަކު އަހަރެން ބޭނުންވަނީ ތިބާ ވާން މިސާލަކަށް ޔޫސުފް ފަދައިން. އޭނާ އަހަންނާއެކު އެއްކޮށް ނަމާދަށް ދާނެ. އޭނާއަށް ކަމެއް ދަމެއް ބޮޑުވެއްޖެއާ އަހަރެންނަށް ގުޅާފަ އަހާނެ، އެއީ ވަރިހަމަ ކޮންމެ ގަޑިއަކަސް. އޭނާ އަހަރެންނާއެކު މައްކާއަށް ދާނެ. އޭނާ އަހަރެންނާއެކު ރޯދަ ވީއްލާނެ. ދެން އަހަރެމެން ކައި، އާއިލާއާއެކު ވަގުތު ހޭދަކޮށް، ތަޢުލީމް ހޯދާ، އެކީގައި އިސްލާމްދީން ފަތުރާނީ! އެމީހުން މިކަން ވާކަށް ބޭނުމެއް ނޫން….. އެކަމަކު މިއީ އަހަރެން ބޭނުންވާ ގޮތް!” ދެން ތައުބާވެފައިވާ ކުރީގެ އެމަޝްހޫރު ލަވަކިޔުންތެރިޔާ ހިނިތުންވެލުމަށްފަހު “ސަލާމް” އޭ ބުނެލައެވެ.
ތެދެކެވެ. ކުރިން، މުޅި ގައިގައި ޓެޓޫ ޖަހައިގެން، ފާޅުގައި މަސްތުވާތަކެތި އިސްތިހާރުކުރަމުން ޝައިޠާނީ މިޔުޒިކްގެ ތެރޭގައި ޣަރަޤުވެފައި ހުރެ، ޅަޒުވާން ސިކުނޑިތަކަށް އެކަންކަން ފަތުރަމުން ދިޔައިރު، އެއީ އެންމެންވެސް ބަލައިގެންފައިވާ ފަންނާނެކެވެ. ނަމަވެސް، އެކަންކަމުން ތައުބާގެ ތައުހީދުގެ ދިދައެއްގެ ކުރިއަށް އަރާހުރެ، މޫނުމަތީން އިސްލާމްދީނުގެ ސާފު ކަމާއި އުޖާލާކަން ފާޅުކުރަމުން ހުރެ ދީނަށް ގޮވާލުމުން އޭނާގެ ސޫރައަކަށް މީޑިޔާގައި ކުރަހާލީ ވަރަށް ނުބައި ތަޞްވީރެކެވެ. އޭނާއާއި އޭނާ އެދީނަކަށް ދަޢުވަތު ދެމުންދިޔަ ދީނަށްވެސްމެއެވެ.
އިސްލާމްދީން ޤަބޫލުކުރުމަށްފަހު، ޑިސޯ ޑޮގް ގެ ޙަޔާތް މުޅީން ހެޔޮ ބަދަލަކުން ބަދަލުވިއެވެ. އިސްލާމްދީނުގެ ބޮޑު ޢާއިލާގެ ތެރެއަށް އިތުރު ވެގެން މިދިޔައީ އިތުރު މެމްބަރެކެވެ. ދުނިޔޭގެ އެންމެ ދުރުގައިވާ ނުދަންނަ މުސްލިމް މީހާއަކީވެސް މިއަދު ޑިސޯ ޑޮގްގެ އަޚަކަށް ނުވަތަ އުޚްތަކަށް ވީއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ތަޙައްމަލުކުރަމުންދާ ނިކަމެތިކަން، މުސްލިމް އަޚެއްގެ ޙައިޘިއްޔަތުން މިހާރު ޑިސޯ ޑޮގްވެސް ތަޙައްމަލުކުރަމުންދިޔައެވެ. އޭނާގެ ހުނަރުވެރިކަން ބޭނުންކޮށްގެން އެކަންކަމަށް ވެވެން އޮތް ޤުރުބާނެއް ވާން އޭނާ ހުރީ ތައްޔާރަށެވެ. ރެޕް މިޔުޒިކްގެ ޝައިޠާނީ ޢަމަލު ދޫކޮށްލުމަށްފަހު، އޭނާ ދެން ވެގެން ދިޔައީ އެމުސްލިމުންގެ ޙާލަތު ބަޔާންކޮށް މީސްތަކުންގެ ތެރޭގައި ހޭލުންތެރިކަން ފަތުރަން އިސްލާމީ ނަޝީދު (މަދަހަ) އުފައްދާ ފަރާތަކަށެވެ. އަދި ހުޅަނގުގެ އަނިޔާވެރިކަން ތަޙައްމަލުކުރަމުންދާ މުސްލިމުންގެ ޙާލަތާމެދު މީސްތަކުން ޙަމްދަރުދީވުމަށް އޭނާ ވަކާލަތުކުރަމުން ދިޔައެވެ.
ޙައްޤު ބަޔާންކުރުމުގައި ޑީސޯ ޑޮގް ވެގެން ގޮސްފައިވަނީ ޖެހިލުން ކުޑަ ނަމޫނާއަކަށެވެ. އެމެރިކާގެ ނޫހަކަށް އެއްފަހަރު އޭނާ ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ. “އަހަރެންގެ އަޑު ބޭނުންކޮށްގެން މީސްތަކުންނަށް ޙައްޤު ބަޔާންކޮށްދިނުމަކީ އަހަރެންގެ ޒިންމާއެއް. އަދި ޙައްޤަކީ، ޖިހާދަކީ ޒިންމާއެއްކަން.”
ޑީސޯ ޑޮގްގެ ޖިހާދީ ނަޝީދު (މަދަހަ)ތަކަކީ، އޭނާ ބުނާ ގޮތުން މުސްލިމުން ދިފާޢުގައި ތެދުވުމުގެ ޙައްޤު އޮންނަން ޖެހޭކަން ހާމަކުރުމަށް އޭނާ ބޭނުންކުރާ ވަޞީލަތެކެވެ.
އިންޓަރވިއުއެއްގައި އެއްފަހަރަކު އޭނާ ބުނެފައިވެއެވެ. “އަހަރެން ޤަބޫލުކުރާ ގޮތުގައި އިސްލާމީ ގޮތްތަކަށް ރެޕްކުރާ މީހެއް، އަނިޔާވެރިކަމަށް ގޮވާލާނަމަ، އޭނާ ހަމަ ޔަޤީނުންވެސް އެމާނަކުރަނީ ދިފާޢުވުމުގެ ވާހަކަ. އަހަރެންވެސް ވާނެ ޢިރާޤު ހަނގުރާމައަށް “އެންޖެލްސް ކްރައި ބްލެކް ބްލޫޑް” ކިޔާ ލަވައެއް ހަދާފައި. އޭގައި އަހަރެން ގޮވާލާފައިވާނެ އެއްބައިވަންތަކަމަށާއި، ދިފާޢަށް މަސައްކަތްކުރުމަށް. އަހަރެން ޤަބޫލުކުރަނީ އެއީ ހަމަ އެކަން ކުރަން އެންމެ ރަގަޅު ގޮތެއްކަމަށް. އަހަރެންނެއް ނުބުނަން މީހަކު މިތާ ޖަރުމަނުގައި މީހުން ކަތިލާށެކޭ. އަދި މިތާ ރުޅިވެރިކަމާއި ނަފްރަތު އުފައްދާށެކޭ ވެސް. އެކަމަކު އަހަރެން މިބުނަނީ މީހުންގާތު ކިޔާދޭން ޖެހޭ އެޤައުމުތަކުގައި އެކަންކަން ވަމުންދާގޮތް. އެކަން އެނގުން އެއީ އެމީހުންގެވެސް ޙައްޤެއް!”
ޑީސޯ ޑޮގް ނުވަތަ ފަހުން ކިޔާ ގޮތުން ނަމަ އަބޫ މަލީޤް އޭނާގެ ޤަބޫލުކުރުން ބަޔާންކޮށްދޭން ލިބޭ ފުރުޞަތެއްގައި ވަރަށް ރަނގަޅަށް ހާމަކޮށްދެއެވެ. އެއްފަހަރަކު އެމެރިކާގެ ނޫހަކުން ޑީސޯ ޑޮގްއަށް ސުވާލެއް ކުރިމަތިކުރެއެވެ. ބައެއް މީހުން ބުނާ ގޮތުން، އެއްފަހަރަކު އެމެރިކާގެ 2 ސިފައިންގެ މީހަކަށް ބަޑިޖަހާ މަރާލި މީހަކު އެކަން ކުރުމުގައި ހިތްވަރު ލިބިފައިވަނީ ޑީސޯ ޑޮގް ގެ މަދަހަތައް އަޑުއަހައިގެންކަމަށް ބުނެއެވެ. އެހެންކަމާއެކު، ޖަރުމަނުގެ ސަރުކާރުންވެސް އެކަން ވަނީ ވަރަށް ސީރިއަސްކޮށް ބަލަން ފަށާފައެވެ. އެކަމާ ބެހޭގޮތުން އެމެރިކާގެ ނޫހަކުން ސުވާލުކުރުމުން ޑީސޯ ޑޮގް ނިކަން ޘާބިތުކަމާއެކު ބުނެފައިވެއެވެ. “އެ އަޚާ އެމަރާލީ ޢާއްމު މަދަނީ ރައްޔިތުންނެއް ނޫން. އޭނާ އެމަރާލީ ހަނގުރާމަވެރި އަސްކަރީންތަކެއް. މުސްލިމުން މަރަން ދިޔުމުގެ މަގުމަތީގައި ތިބި ހަނގުރާމަވެރިންތަކެއް.”
އޭނާ މިފަދައިން ހުޅަނގުގެ އަނިޔާވެރިކަމާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރަން ފެށުމުން އޭނާ ހައްޔަރުކުރުމަށް ޖަރުމަނުގެ ސަރުކާރުން މަސައްކަތް ފަށައެވެ. ނަމަވެސް އޭނާ ދައްކާ ހުއްޖަތްތަކުގެ ސަބަބުން ސީދާ އޭނާގެ ވާހަކަތަކާ ހުރެ އޭނާ ހައްޔަރުކުރާ ވަރަށް ސަރުކާރަށް ހެއްކެއް ނުލިބުނެވެ. ދެން ސަރުކާރުން ބަލަމުން ދިޔައީ، އޭނާ ރެޕް އާރޓިސްޓެއް ގޮތުގައި އުޅުނު އިރު އަރައިގެންފައިވާ ކުށްތަކަށް އޭނާ ހައްޔަރުކުރެވޭތޯކަމަށް ޖަރުމަނު ސަރުކާރުން ބުނެފައިވެއެވެ. އެގޮތުން އެއްފަހަރު އޭނާ ޖަލަށް ލާ އޭނާގެ ދުލުގައި ކަސްތަޅު އެޅުވޭތޯ ޖަރުމަނުގެ ސަރުކާރުގެ ފަރާތުންވެސް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އެފަހަރުވެސް، ޖޫރިމަނާއެއް ދައްކައިގެން ކުރީގެ ޑީސޯ ޑޮގް ނުވަތަ ފަހުން ބަލާޣާތްތެރި ވާހަކަދެއްކުންތެރި ދާޢީ އަބޫ މަލީޤް ޖަލު ޙުކުމުން ސަލާމަތްވީއެވެ.
ޖަރުމަނު ދޫކޮށް އެހެން ޤައުމަކަށް ގޮސް ޖިހާދުގައި ބައިވެރިވެދާނެތީ ޖަރުމަނު ސަރުކާރުން ދިޔައީ އޭނާ ހުއްޓުވޭތޯވެސް މަސައްކަތްކުރަމުންނެވެ. 2011 ވަނަ އަހަރުގެ ޖުލައި މަހު އޭނާގެ ޕާސްޕޯޓް ސަރުކާރަށް ޙަވާލުކުރަން ބުނެފައިވެއެވެ. އެކަމާ ގުޅޭގޮތުން ނިއުޔޯރކް ޓައިމްސް އިން އޭނާއާ ސުވާލުކުރުމުން އޭނާ ވަރަށް ހިތްހަމަޖެހުމާއެކު ބުނެފައިވެއެވެ. “އަހަރެން ބުނިން އަހަރެންނަށް މިއުޅެނީ އޭތި ގެއްލިގެންނޭ.”
ސަރުކާރަށް އަދި އެހެން ޤައުމެއްގެ ސަރުކާރަށްވެސް އަތުނުވެ އެއްޒަމާނެއްގައި ދުނިޔޭގައި ނަންވިދާލި ޑީސޯ ޑޮގް ސޫރިޔާގެ ޖިހާދުގައި ބައިވެރިވުމަށް އެންމެފަހުން ސޫރިޔާއަށް އެތެރެވިއެވެ. އޭގެފަހުން އޭނާގެ މާ ގިނަ ޚަބަރުތަކެއް ބައިނަލްއަޤްވާމީ ދުނިޔެއަށް ޢާއްމެއް ނުވެއެވެ. ނަމަވެސް ސޫރިޔާގެ ލަތާކިޔާގެ ރަށްބޭރުގެ ކޯރެއްކައިރީގައި އޭނާ ހިތްހަމަ ޖެހުމާއެކު އުޅެމުންދަނިކޮށް ފެނިފައިވާ ވީޑިޔޯއެއްވަނީ ދުނިޔެއަށް ޢާއްމުވެފައެވެ. ސިފައިންގެ ޔުނީފޯރމެއް ލައިގެން ދުނިޔޭގެ އުފާތަކާއި ފަސޭހަތައް ދޫކޮށް ޖިހާދުގެ ހަތިޔާރު އުފުލާފައި ހުރި ކުރީގެ ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިއަދު ހުރީ އާދައިގެ މުޖާހިދެއްގެ ދަރަޖާގައެވެ. ނަމަވެސް، ދުނިޔޭގެ އެންމެ މަތީ ލަވަކިޔުންތެރިޔާއާއި އެންމެ ދަށުގެ މުޖާހިދާ ދެމެދު ހުރި ތަފާތު ވިސްނޭނެ މީހަކަށް ޑީސޯ ޑޮގް ގެ އެ އިޚްތިޔާރުގެ މޮޅުކަން ހާމަވާނެއެވެ. އޭނާގެ މޫނުމަތީން ފެންނަމުންދަނީ އުފާވެރިކަމާއި ހަމަޖެހުމެވެ. އެތައް ދުވަހަކަށްފަހު ލޯބިވާ ފަރާތްތަކާ ބައްދަލުވާ މީހެއްގެ މޫނުމަތީންވެސް ނުފެންނާނެ އުފާވެރިކަން އޭނާގެ މޫނުމަތީން ދިޔައީ ފެންނަމުންނެވެ.
ސޫރިޔާގެ ޖިހާދަކީ ޑީސޯ ޑޮގް އަބޫ މަލީޤްއަށް އަދި ފަހުން އޭނާ އިޚްތިޔާރުކޮށްފައިވާ ނަންކަމުގައިވާ އަބޫ ޠަލްޙާ އަލްއަލްމާނީގެ ޙަޔާތުގެ އެންމެ ފަހު މަޤްޞަދުކަމުގައި ވިއެވެ. 2011 ވަނަ އަހަރު ދަ ނިޔުޔޯރކް ޓައިމްސްގައި އޭނާއާ ބެހޭގޮތުން ޖަހާފައިވާ ލިޔުމެއް ނިންމާލަމުން ބުނެފައިވެއެވެ.
“އޭނާގެ ޙަޔާތުގެ އެންމެ ފަހު މަޤްޞަދާމެދު އޭނާގެ މޯބައިލް ފޯނުގެ ވޮއިސްމެއިލް އެއްވެސް ސިއްރެއްނުކުރެއެވެ. އޭނާގެ އަޑުން ރިކޯރޑްކޮށްފައިވާ ވޮއިސްމެއިލްގައި ވަނީ “އެންމެ ރީތިކަމަކީ ޝަހީދުވުމެވެ. އެންމެ ބޮޑީ ﷲ އެވެ!”
ތެދެކެވެ. އަބޫ ޠަލްޙާ އަލްއަލްމާނީ، ނުވަތަ ދުނިޔެ ކުރިން ދެކެފައިވާ ޖަރުމަނުގެ މަޝްހޫރު ރެޕް އާރޓިސްޓް ޑީސޯ ޑޮގް އޭނާގެ ހަޔާތުގެ މަޤްޞަދު ޙާޞިލްކުރުމަށް ކުރި މަސައްކަތް އެދަނީ ނިންމަމުންނެވެ. ސޫރިޔާގެ ޖިހާދުގައި އޭނާ ބައިވެރިވެފައިވާކަން މުޅި ދުނިޔެ މިއަދު ދެކެފިއެވެ. އެޖިހާދުގައި އޭނާ މިހާރުވަނީ ނުހަނު ބޮޑަށް ޒަޚަމްވެސް ވެފާމެއެވެ. ދުނިޔޭގެ އުފާތަކާއި ލައްޒަތު ވިއްކާލުމަށްފަހު، އަބޫ ތަލްޙާ އެ ޚިޔާރުކޮށްފައިވާ މަގެއްގެ މަތިވެރިކަމާއެވެ! މާތް ﷲ އަބޫ މަލީޤްއަށް ޙައްޤުގެ މަގުގައި ހުރުމުގައި ޘާބިތުކަން ދައްކަވާށިއެވެ! އާމީން!

Wednesday, November 20, 2013

ދުނިޔޭގެ މަޝްހޫރުކަން ވިއްކާލާ އާޚިރަތް ގަނެލި ޒުވާން ފުޓްބޯޅަ ސްޓަރ

ކަރަން ބުރާކު (ހެނޯވާ 96) ގެ ޓީމަށް ކުޅެނީ (ރަތް ޖާރޒީގައި)
ސޫރިޔާގައި ކާފަރު ޢަލަވީންނާ ދެކޮޅަށް ކުރަމުންދާ ޖިހާދުގައި ބައިވެރިވުމަށްފަހު، ޖަރުމަނުވިލާތުގެ ޒުވާން ޤައުމީ ޓީމަށް ކުޅެފައިވާ މުސްލިމް ކުޅުންތެރިއެއްކަމަށްވާ ބުރާކު ކަރަން މިދިޔަ މަހު ސޫރިޔާގެ ހަނގުރާމާގައި ޝަހީދުވެދިޔަ ޚަބަރު ޖަރުމަނުގެ ރައްޔިތުން އަހަމުން އެދަނީ ޙައިރާންކަމާއެކުއެވެ. އެއުއްމީދީ ކުޅުންތެރިޔާ އޭނާގެ ފުޓްބޯޅާގެ ޙަޔާތް ނިންމާލީ އެއަށްވުރެ ވަކި މަތިވެރި ކޮން ޝަރަފެއް ލިބޭނެކަމަށްބާވައޭ އެމީހުން ބުނަމުންދެއެވެ.
ޢުމުރުން މިހާރު 26 އަހަރުގެ ބުރާކު ޝަހީދުވެފައިވަނީ އަޒާޒުކިޔޭ ރަށަށް ސޫރިޔާގެ ޢަލަވީ ޝީޢީ ސަރުކާރުގެ ފަރާތުން މިދިޔަ އޮކްޓޯބަރު މަހު ބޮންއަޅާ ރަށް ސުންނާފަތިކޮށްލުމުގެ ޙާދިޘާގައެވެ. ދުނިޔޭގެ ރީތިކަމާއި ދަޅަތައް ބުރާކު ކަރަން އަށް މުޙިއްމު ނުވިއެވެ. ޖަރުމަނުގެ ފަސޭހަ ދިރިއުޅުން އެއީ އޭނާގެ މަޤްޞަދެއްކަމުގައިނުވިއެވެ. އެހެނަސް އޭނާގެ އިޚްތިޔާރަކަށްވީ އެހުރިހާ އުފަލެއް ދޫކޮށް، އުނދަގުލުން ފަސޭހަ ހޯދާށެވެ. ޖިހާދުކޮށް ޝަހީދުވާށެވެ.
މީގެ އަހަރުތަކެއް ކުރިން ބުރާކު އަކީ ޖަރުމަނުވިލާތުގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެންމެ ވިދާލި އެއް ކުޅުންތެރިއެކެވެ. މިހާރު ޖަރުމަނުވިލާތުގެ އެންމެ މަޝްހޫރު ކުޅުންތެރިންކަމުގައިވާ ރިއަލް މެޑްރިޑް ގެ ސަމީ ކިދެއިރާ އަދި ކެވިން-ޕްރިންސް ބޯޓެންގ އާ އެކު ބުރާކު ވަނީ އެދުވަސްވަރު ފުޓުބޯޅާގެ ޙަޔާތުގެ ކުރީގެ ދުވަސްކޮޅު ހޭދަކޮށްފައެވެ. ބުރާކު އޭނާގެ ފުޓްބޯޅަ ކެރިއަރ ދެމެހެއްޓިނަމަ، މިއަދު އޭނާއަކީ ކިދެއިރާމެން ފަދައިން ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ކުޅުންތެރިއަކަށްވާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
burak-karan-kadro-640
ޖަރުމަނުގެ އެންމެ ޝަރަފްވެރި ކުލަބް މުބާރާތްކަމުގައިވާ ބުންޑަސްލީގާގެ ކުލަބުތައް ކަމުގައިވާ ހަމްބާރގްގެ އިތުރުން ހެނޯވާ 96 ގެ ވެސް ޒުވާން ޓީމްގެ ހުނަރުވެރި ފުލްބެކްއެއްގެ ގޮތުގައި ބުރާކު ވަނީ ކުޅިފައެވެ. އޭރުވެސް ބުރާކުއަކީ ދީނީ އަޅުކަންތަކަށް ފަރުވާ ބެހެއްޓި ޒުވާނެކެވެ. ހެނޯވާ 96 ގެ ކޯޗު މާރކަސް އޯލަމް، ބުރާކާ މެދު ބުނެފައިވެއެވެ. “ކަރަން އަކީ ވަރަށް ބޮޑަށް ދީންވެރި ކުއްޖެއް. އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އޭނާ ކޮންމެ ދުވަހަކު 5 ނަމާދު ބަރާބަރަށް ކުރޭ.”
އަދިވެސް ކޯޗު ބުނެފައިވެއެވެ. “އެ މައްސަލައެއް ނެތް އަހަރެމެން ޕްރެކްޓިސް ކުރަމުން ދިޔަސް، ނުވަތަ އެހެން ސަރަޙައްދަކަށް ދަތުރަކު ގޮސް އުޅުނަސް، ދުވާލަކު 5 ފަހަރު އޭނާ މަސައްކަތް ހުއްޓާލާފަ އެކަނިން މައްކާއަށް ކުރިމަތިލާހުރެ 5 ނަމާދު ކުރާނެ.” “އޭނާއަކީ ވަރަށް މަޖާވެސް ކުއްޖެއް. އޭނާއަކީ އެކުގައި މަޖާކޮށް ސަކަރާތް ޖަހާލަންވެސް ވަރަށް ފަސޭހަ ކުއްޖެއް.” ބުރާކު ކަރަންގެ ކުރީގެ ކޯޗު އޭނާއާ މެދު ބުނެފައިވެއެވެ.
އޭނާގެ ހުނަރުވެރިކަމުގެ ސަބަބުން ޖަރުމަނުގެ ޤައުމީ ޓީމުތަކުން އޭނާ ވަނީ ޖާގަ ހޯދާ 16 އަހަރުން ދަށުގެ ޓީމަށާއި 17 އަހަރުން ދަށުގެ ޖަރުމަނުގެ ޤައުމީ ޓީމަށް އެތައް ކާމިޔާބެއް ހޯދާ ދިނުމުގައި ޙިއްސާވެފައެވެ.
އެހެނަސް، ފުޓްބޯޅާގެ ދުނިޔެއިން ލިބެމުންދިޔަ މުދަލާއި މަޝްހޫރުކަމަކީ މި ޒުވާން މުސްލިމް ކުޅުންތެރިޔާއަށް މާބޮޑު ބޭނުންތެރި ކަމެއްކަމުގައި އަދި އޭނާ ހެއްލުންތެރިކުރުވި ކަމެއްކަމުގައިވެސް ނުވިއެވެ. އޭނާގެ ބޭބެ މުސްޠަފާވެސް ބުނެފައިވެއެވެ. “މުދަލާއި (ފުޓްބޯޅާގެ) ކެރިއަރ އެއީ އޭނާއަށް އެހާ މުޙިއްމު އެއްޗެއް ނޫނެވެ.”
ޖަރުމަނުގެ ހުނަރުވެރި އުއްމީދީ ޒުވާންކުޅުންތެރިއެއްގެ ގޮތުގައި ހުރުމަށްފަހު ޢުމުރުން އެންމެ 20 އަހަރުގައި ބުރާކު ކަރަން ފުޓްބޯޅާގެ ޙަޔާތް ނިންމާލީ 2008 ގައެވެ. އޭނާއާ އެކު ދަސްކުރަން އުޅުން އެހެން ޒުވާން ކުޅުންތެރިން ކަމުގައިވާ ކިދެއިރާ ފަދަ އެހެން ކުޅުންތެރިން ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންނަށް ވެގެން ދިޔައިރު ބުރާކު ކަރަން ނިންމީ އޭނާގެ ޒުވާން ޢުމުރު ދީނަށްޓަކާ ހޭދަކުރުމަށެވެ.
ދުވަސްތައް ހޭދަވަމުން ދިޔައެވެ. 2012 ވަނަ އަހަރު ސޫރިޔާގެ ޖިހާދު ހޫނުވެ، ބައްޝާރުލް އަސަދުގެ އަނިޔާވެރިކަން މުސްލިމް ރައްޔިތުންގެ މައްޗަށް ބާލާ މަންޒަރު ފެނުމުން ސޫރިޔާގެ މުސްލިމުންގެ ދިފާޢުގައި ތެދުވުމަށް ބުރާކު ކަރަންވެސް ކުރެވުނު ކަމެއް ކުރުމަށް ނިންމިއެވެ. އޭނާ އިންތިޒާރުކުރަމުން އައި ދަނޑިވަޅެއް އައި ފަދައެވެ.
އެންމެ ފަހުން 2013 ވަނަ އަހަރު ބުރާކު ކަރަން ޖަރުމަނުގެ ފަސޭހަ ދިރިއުޅުން ދޫކޮށް ޖިހާދުގައި ބައިވެރިވުމަށް ސޫރިޔާއަށް ހިޖުރަކުރިއެވެ. އެއަށް ފަހު އޭނާގެ އަންހެނުންނާއި ތުއްތު ދެދަރިންވެސް ސޫރިޔާއަށް ހިޖުރަކުރިއެވެ. ސޫރިޔާގެ ޖިހާދުގައި ބުރާކު ކަރަން ގުޅުނީ ޖަބްހަތުއް ނުޞްރާ ކިޔާ ޖަމާޢަތަކަށެވެ. އެއީ ސޫރިޔާގެ ޖިހާދުގައި މުސްލިމް މުޖާހިދުންގެ ތެރެއިން އެންމެ ހުނަރުވެރި އެންމެ ވަރުގަދަ ޖަމާޢަތްވެސް މެއެވެ. ޖަބްހަތުއްނުޞްރާގެ ވަރުގަދަކަމާހުރެ އެމެރިކާއިންވެސް މިހާރުވަނީ ޖަބްހަތުއްނުޞްރާއަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ނިންމާފައެވެ. ނަމަވެސް، ސޫރިޔާގެ ރައްޔިތުންވަނީ ޖަބްހަތުއްނުޞްރާއަކީ އެމީހުންކަމަށާއި، އެމީހުންނަކީވެސް ޖަބްހަތުއްނުޞްރާކަމަށް ބުނެ އެމެރިކާއާ ދެކޮޅު ބޮޑެތި މުޒާހަރާތަކެއްވެސް އެމައްސަލާގައި ކޮށްފައެވެ.
ކޮންމެއަކަސް، ޖަބްހަތުއްނުޞްރާއާ ގުޅުމަށްފަހު ބުރާކު ކަރަން އޭނާގެ އުއްމީދު ޙާޞިލްކުރުމަށް ޖިހާދުކުރަން ފެށިއެވެ. އެހެންޏާ ނަޞްރެވެ. ނޫނިއްޔާ ﷲގެ މަގުގައި ޝަހާދަތެވެ. މިދެކަމުން މާތްﷲ ބުރާކު ކަރަންއަށް ހިންމަވައިދެއްވީ ޝަހާދަތެވެ. މިދިޔަ މަހު ސޫރިޔާގެ ސަރުކާރުން އަޒާޒަށް ދިން ބޮމުގެ ޙަމަލާތަކުގައި ޒުވާން ބުރާކު ކަރަން ޝަހީދުވެ ދިޔައީއެވެ. ދުނިޔޭގެ ލޯތަކަށް އޭނާ މަޝްހޫރުވާން ބޭނުންނުވީއެވެ. ފުޓްބޯޅާގެ ދުނިޔޭގައި އޭނާ ކުރިއަށް ދިޔަނަމަ، މިއަދު މުޅި ދުނިޔެވެސް އޭނާގެ ނަން ދެނެހުރީހެވެ. އަދި އޭނާގެ ފޮޓޯތައް ނޫސްތަކަށާއި ޓީވީ ޗެނަލްތަކުން މެދުކެނޑުމެއް ނެތި ދެއްކަ ދައްކާ ހުރީހެވެ. ނަމަވެސް ބުރާކު ކަރަންގެ އެދުން އެއާ ތަފާތެވެ. އޭނާގެ އެދުންކަމުގައިވާ ﷲގެ ރުއްސެވުން ހޯދުމަށް ކުރި މަސައްކަތުގައި އޭނާ ކާމިޔާބު ހޯދައިފިއެވެ. ޤިޔާމަތްދުވަހުން އޭނާ ހޯދި ކާމިޔާބީގެ ތަފާތު އޭނާ ދެކޭނެކަން ކަށަވަރެވެ. އޭނާ ދުނިޔެ ޤުރުބާންކޮށް އާޚިރަތް ގަނެލައިފިއެވެ.
މާތް ﷲ ބުރާކު ކަރަންގެ ޤުރުބާނީ ޤަބޫލުކުރައްވާ ޝަހީދުންގެ ތެރެއިން އޭނާ ލައްވާށިއެވެ. އާމީން!


Sunday, November 17, 2013

ޝުކުރިއްޔާ ރައީސް ޑރ. މުޙައްމަދު ވަޙީދު!

ބޮޑު ތަކުރުފާނާއި ދޮންބަންޑާރައިން އަދި އަލިރަސްގެފާނާއި އިބްރާހީމް ނާޞިރު ފަދަ ޤައުމީ ބަޠަލުންގެ ލިސްޓުން ޑރ. ވަޙީދު ޖާގަ ހޯއްދަވައިފިކަން ނުވަތަ ނޫންކަން އަޅުގަނޑަކަށް ނުނިންމޭނެއެވެ. ނަމަވެސް ތާރީޚް އެކަން ހަނދާން ބަހައްޓާނެއެވެ. ޝައްކު ކުރުމުގެ ޖާގައެއް ނެތި ޑރ. ވަޙީދަކީ ދިވެހިން ފަޚުރުވެރިވުން ޙައްޤު ޤައުމީ ޚިދުމަތްތެރިއެއްކަމުގައި ނިންމަންޖެހެއެވެ. އެއީ ވަރުގަދަ ނުރައްކާތެރި ސިޔާސީ އޮއިވަރަކުން ދިވެހި ޤައުމުގެ ނައު ޙިކްމަތްތެރިކަމާއެކު ހޭރިޔާކުރައްވާ ސަލާމަތުގެ އައްސޭރިއަށް ގެންދެވި ބުއްދިވެރި ރައީސެކެވެ.
ޑރ. މުޙައްމަދު ވަޙީދު ޙަސަން އަށް ދިވެހިރާއްޖޭގެ ރައީސްކަން ލިބިވަޑައިގަތީ “އެކްސިޑެންޓަކުން”ނެވެ. އެއީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 3 ވަނަ ރައީސްގެ ނައިބުގެ މަޤާމުގައި ހުންނެވުމަށްފަހު، ދިވެހި ސިޔާސީ ޙަޔާތަށް އައި ކުއްލި ބަދަލެއްގައެވެ.
2008 ވަނަ އަހަރުގެ ނޮމެންބަރު 11 ވީ މަޝްހޫރު އަންގާރަދުވަހުން ފެށިގެން ދިވެހި ޤައުމަށް އަންނަން ފެށީ މާ ބޮޑެތި ސިޔާސީ ބަދަލުތަކެކެވެ. 30 އަހަރުގެ ޚުދުމުޚްތާރުވެރިކަމަކަށް ފަހު، މިނިވަން ދިމިޤްރާތީ ނިޒާމަކަށް ދިވެހި ސިޔާސީ މަޞްރަޙް ދިޔައީ ލަކި ލައްކަށް ފަރިތަ ވަމުންނެވެ. އަމިއްލަ މަންފާތަކެއް ހޯދަން ބަޔަކު މިޤައުމަށް ގެނައި “ދިމިޤްރާތީ ނިޒާމޭ” ކިޔުނު ސިޔާސީ ޕެކޭޖުގެ ސަބަބުން ޤައުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔައެވެ. މި އަންނަމުން ދިޔަ ސިޔާސީ ބަދަލުތަކުގައި ބަޔަކު އަމިއްލަ އެދުން އިސްކުރުމުގެ ސަބަބުން ޤައުމުގެ ސިޔާސީ ޙަޔާތް ވަރަށް ނާޒުކު ހިނދުކޮޅަކަށް ވެއްޓުނެވެ.
ވަކި އަދި މަދު ސިޔާސީ ފިކުރެއް ދިރުވުމަށްޓަކާ، ދިވެހި ޤައުމުގެ ޤައުމިއްޔަތުގެ އަސާސްތަކަށް އެއްވެސް ބެލުމެއް ނެތި އޭރު “މިނިވަންކަމާއެކު” ޙަމަލާދެވެމުން ދިޔައެވެ. 1153މ. ގައި ރާއްޖެ އިސްލާމްވުމަށްފަހު، “ދަތުރުފަތުރުކުރުމުގެ ނިޒާމެއް” ހައްދަވައިގެން ނެތް އިރުވެސް، ﷲގެ ރަޙްމަތާއެކު، އެންމެ 40 އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއް އިސްލާމްވެ، މަލިކުވެސް އިސްލާމްދީނަށް އެނބުރި ދިވެހި ނަސްލުގެ އެންމެންނީ ﷲ އެއްކައުވަންތަކުރާ ބަޔަކު ކަމުގައިވެގެން އައި ދުވަހުން ފެށިގެން 100 އިންސައްތަ އިސްލާމީ ޤައުމެއް ގޮތުގައި މިދިވެހިރާއްޖެ ދެމިއޮތުމަށްފަހު، 2008ގެ ފަހުން އައި ސިޔާސީ ބަދަލުތަކުގައި މިކަންކަމަށް އެއްވެސް ފަރުވާލެއް ބެހެއްޓުނުތަނެއް ފެނިގެން ނުދިޔައެވެ.
ސިޔާސީ މަންފާއަކަށްޓަކާ، 800 އަހަރަށްފަހު މިއިސްލާމީ ބިމުގައި އެހެން ބާޠިލް ދީންތަކަށް އަޅުކަން ކުރާ ގިރިޖާތަކާއި ފައްޅިތައް އެޅުމުގެ ހުއްދަލިބޭތޯ ކުރެވުނު ސުވާލު އެއްވެސް ލަދެއް ނެތި ދައުލަތުގެ ފަރާތުން ދީނީ ޢިލްމުވެރިންނަށް އަމާޒު ކުރެވިގެން ދިޔައެވެ. ދަރުމަވަންތަ ރަސްގެފާނު ޒަމާނުން ފެށިގެން ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދިފައިވާ ބުދުގެ ވައްތަރުތައް ފާޅުކަން ބޮޑު ގޮތެއްގައި ޢާއްމު ކުރެވި އެތަކެތީގެ ޙިމާޔަތަށް ގަދަ ބާރުން ސަލާމަތީ ބާރުތައް ފާރަވެރިކުރުވިއެވެ. ދީނުގެ ނަބިއްޔުންނަށް ނިސްބަތްކޮށް ކުރެހުނު ކާޓޫނުތައް ޚިޔާލުފާޅުކުރުމާއި އިޙްތިރާމްގެ ނަމުގައި ރާއްޖޭގެ މައި ދޮރޯށީގައި އެއްވެސް ޖެހިލުމެއް ނެތި އެލުވާލެވުނެވެ.
ދީނުގެ ޢިލްމު ފޯރުކޮށްދޭން އިސްކަންދަރު ރަސްގެފާނު ޒަމާނުއްސުރެ އުފެދިފައިވި ވަރުގަދަ އިސްލާމީ ތަޢުލީމީ ނިޒާމުގެ ތެރެއިން އޭގެ މައިގަނޑު ދެމަޞްދަރުކަމުގައިވާ “އިސްލާމް އަދި ދިވެހި” އިހާނެތިކޮށް ކުޑައިމީސްކޮށް ހިތައި ނިޒާމުން ގެއްލުވާލުމުގެ މަސައްކަތް ރަސްމީކޮށް ދައުލަތުގެ ފަރާތުން ބާރުލާފައި ފެށިއެވެ. އެވަރުން ނުފުދިގެން ދިވެހިން ތާއަބަދަށް އެބަޔަކަށް ނަފްރަތުކުރާނެ ދައްޖާލު ބާގަކަމަށްވާ އިޒްރާއީލްގެ އަނިޔާވެރި ޔަހޫދީ ދައުލަތާ އެއްބަސްވުންތައް ވެވި އެވެރިން ބޭނުންވާހާ ގޮތަކަށް ތަޢުލީމީ މުޤައްރަރު ބަދަލުކުރުމުގެ ތަރަހަ ދިވެހިންގެ ލޯ ކުރިމަތީ ފަރުމާ ކުރެވިގެން ދިޔައެވެ. އެއަށްވުރެ ފާޅުކަން ބޮޑުގޮތެއްގައި ފޮނުވާލެވި އަރުވާލެވިފައިވާ ނަޞާރާ ދީނުގެ ފާދިރީން އަނބުރާ ރާއްޖެ ގެނެސް، ޤައުމުގެ ވަލިއްޔުލް އަމުރުގެ އެންމެ މަތީ އޮފީހުގައި ރައްޔިތުންގެ މުދަލުން ކާން ބޯންދީގެން ބޮޑު މުސާރައެއްގައި ބެހެއްޓުނެވެ. މިނޫނަސް، ދެންވެސް ދިވެހި އިސްލާމީ ޤައުމަށް ވެފައިވާ ކިތަންމެ ޚިޔާނާތްތެރި އަނިޔާވެރިކަމެކެވެ.
މިއަނިޔާތައް އިންތިހާއަށް ބޮޑުވި ހިނދު ޤައުމާ މެދު ވިސްނާ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލިއެވެ. 2008 ނޮވެމްބަރު 11 ވީ އަންގާރަދުވަހު ހުވާކުރި ވެރިކަމުގެ ތެރޭގައި ތިބި ބައިތަކުން ޤައުމަށް ވަފާތެރިވުމުގެ ގޮތުން ފަހަރަކު ބަޔަކު ވަކިވަމުން ދިޔައެވެ. ނަމަވެސް، އަނދިރިކަމާއި އަނިޔާވެރިކަން ދިޔައީ ބާރަށް ބާރަށް ކުރިއަރައިގެންނެވެ. “އެހެރީ ބުދު ބަހައްޓާފައޭ، ދެންވެސް ބަހައްޓާނަމޭ” ފަދަ ބަސްތައް ރަސްމީ ޕޯޑިޔަމްތަކުން އިވިގެން ދިޔައެވެ. މިރާއްޖެ އިސްލާމްވުމަށްފަހު، ކާފަރުވި ރަދުން  ފިޔަވާ ޤައުމުގެ އެންމެ އިސްމީހަކު ފާޅުގައި އިސްލާމްދީނާ ދެކޮޅު ވާހަކަ ނުދައްކާނެ ވަރަށް އެދުވަސްވަރުވެސް ވާހަކަދެކެވުނެވެ. ޤައުމު ވެއްޓިފައި އޮތް އަނދިރިކަމުގެ މިންވަރަކީ އެއީއެވެ.
ޤައުމު އޮތީ ބަރާބަރު ދެހަމައަށް ދެބައިވެފައެވެ. އެއްބަޔަކު ދީނާ ޤައުމުގެ ދިފާޢުގައި ވެރިކަމާ ދެކޮޅަށް ނުކުމެ އަޑު އުފުލުމުގައެވެ. އަނެއް 2 ބައިކުޅަ އެއްބައި އޮތީ ވެރިކަމުގެ ބާރު އޮތް ކޮޅަށް ބުރަވެ ތިބެ އެކަންކަމަށް އަޅާނުލުން ބުއްދިވެރިކަމަށް ދެކި ވެރިކަމުގެ ދިފާޢުގައެވެ. މިފަދަ ސަޕޯޓެއް ލިބިފައި އޮތުން ވެގެން ދިޔައީ ވެރިކަމުގެ ފަރާތުން ކުރަމުން އައި “ލާދީނީ” ޢަމަލުތައް ހުއްޓުވުމެއް ނެތި ކުރިއަށް ގެންދިޔުމަށް ލިބުނު ރަނުގެ ފުރުޞަތަކަށެވެ. މީހުން އުޅޭ ރަށްރަށަށް ބަނގުރާ ވިޔަފާރި ފެތުރުމާއި، އިޒްރާއީލާއެކު އިތުރަށް ގުޅުން ބަދަހި ކުރުމާއި، ޤައުމިއްޔަތުގެ ނިޝާނެއްކަމުގައިވި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ބޭރު ބަޔަކަށް ކުއްޔަށް ދިނުމާއި މިފަދަ ކިތަންމެ “ޖެހިލުން ކުޑަ” ޢަމަލުތަކެކެވެ. ޤައުމުގެ 2 ބައި ކުޅަ އެއްބައި މީހުންގެ ތާއީދާއެއްކޮށް މިކަންކަން ކޮށް ޤައުމަށް ދެރައެއް ދިނުމަކީ އެހިނދަށް ވަރަށް ފަސޭހަކަމެކެވެ. ޤައުމު އޭރު އޮތީ އެހާ ނާޒުކު އެހާ އަނދިރި ފައްތަރަކަށް ވެއްޓިފައެވެ.
މިއަނދިރިކަން އެންމެ ގަދަވެގެން ދިޔަ ވަގުތު، ދިވެހި ސަލާމަތީ ބާރާއި ސިފައިންނާދެމެދު ދާޚިލީ ހަނގުރާމައެއް ފެށުމުގެ ދުންގަނޑު ދުރުދުރުން ފެންނަން ފަށާފައިވަނިކޮށް ދީނާއި ޤައުމުގެ ޙިމާޔަތަށް އެންމެން އެއްބައިވެ، ދައުލަތުގެ ބާރުތަކުގެ ނުފޫޒު ކެނޑެން ފެށުނެވެ. އެހިނދުން، “ބަޑި ޖައްސާފައި ހުރި ކަމަށް ވިދާޅުވާ ޙާލު” ބަލި ޤަބޫލުކުރައްވާ އޭރުގެ ރައީސް އިސްތިއުފާ ދެއްވެވިއެވެ. ޤައުމުގެ ވެރިކަމާ ދެން ޙަވާލުވެލެއްވީ އޭރުގެ ނައިބް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންއެވެ. ޑރ. ވަޙީދުގެ ޝުކުރުވެރި ރިޔާސަތު ފެށެނީ އެ އަނދިރިކަން ކައްސަވާލަން ރައީސްކަމާ ޙަވާލުވެލެއްވި ދަނޑިވަޅުން ފެށިގެންނެވެ.
ޑރ. ވަޙީދަށް ޤައުމުގެ ރައީސުލް ޖުމްހޫރިއްޔާގެ ގޮތުގައި ކުރިމަތިވެލައްވާފައިވަނީ ވަރަށް ވެސް ބުރަ މަސައްކަތެކެވެ. ބައިބައިވެފައިވާ ޤައުމެއް އިތުރަށް ބައިބައިކޮށް ޤައުމިއްޔަތު ކަތިލާލެވުމާ ނުލެވުން ބިނާވެފައި އޮތީ ޑރ. ވަޙީދުގެ ނިންމެވުންތަކަށެވެ. އެއް އަހަރު ފަހުން ބޭއްވޭ ރިޔާސީ އިންތިޚާބަށް އަނެއްކާވެސް ހުރިހާ ޕާޓީތަކުން ތަޅާފޮޅަން ފައްޓާނެކަމާއި، އެކަމުގެ އަސަރުތަކުން ޤައުމުގެ ޙަޔާތުގެ މިމުޙިއްމު 2 އަހަރު ނުކުމެދާނެ ނުބައި ނަތީޖާއަކަށް ޑރ. ވަޙީދު ސަމާލުވެލައްވަން ޖެހިވަޑައިގަތެވެ.
އެންމެ ފުރަތަމަ ޗެލެންޖަކަށް ޖެހިވަޑައިގަތީ ވެރިކަމުން އިސްތިއުފާ ދެއްވި ރައީސް މުޙައްމަދު ނަޝީދު ބަލި ޤަބޫލުނުކުރައްވާ، އެއީ ބަޣާވަތެއްކަމަށް ސިފަކޮށް ޖެހިގެން އައިދުވަހު ފުރިހަމަ ބާރާއެކު މުޅި ރާއްޖޭގެ އެކި ހިސާބުތަކުން ނުކުމެ ސަރުކާރާ ދެކޮޅު ޢަމަލުތައް ހިންގަން ފެއްޓުމެވެ. ރައްޔިތުންގެ މުދަލުގައި ހުޅުޖަހާ، ޤައުމުގައި ސަރުކާރުގެ ބާރު ނެތްކަމާއި، ވަޙީދުގެ ސަރުކާރަށް ޤައުމަށް ހަމަޖެހުން ނުގެނެވުނުކަން ސާބިތުކުރަން ކުރެވުނު ކޮންމެ ކަމެއް ވެއްޓުނު ސަރުކާރުން ކުރަމުން ދިޔައެވެ. ނަމަވެސް، މިނުރައްކާތެރި ޙާލަތަށް ޑރ. ވަޙީދު ސަމާލުވަމުން ގެންދެވީ ވަރަށް ޙިކްމަތްތެރި ގޮތެއްގައިކަމުގައި ދަންނަވަން ޖެހެއެވެ. ޑރ. ވަޙީދުގެ މަޑުމައިތިރި އެހެނަސް ސާބިތު ޢަމަލުތަކުގެ ސަބަބުން، ވެއްޓުނު ސަރުކާރުން ހިންގަމުން އައި ޢަމަލުތައް ފެއިލްވަމުން މަދުވަމުން ދިޔައެވެ. ޤައުމު ދާޚިލީ ހަނގުރާމައަކަށް ވައްޓާނުލައްވާ ޤައުމުގެ ނައު މަޑުމަޑުން އެހެން މިސްރާބަކަށް އަނބުރާލުމުގައި ނަވުގެ މާލިމީއަށް ފަޅުވެރީންނާއި ފަސިންޖަރުން މިއަދު ޝުކުރު އަދާކުރާން ނުވޭބާއެވެ؟
ޤައުމު ދޫކޮށްފައި ދިޔަ ނިކަމެތި އަދި އެހާމެ ނުރައްކާތެރި ޙާލަތު އިމްތިޙާނަކަށް ފުދޭ އިރު، އެވަރު ނުވެގެން އިތުރު މައްސަލައެއް އުފެއްދުމުގެ ގޮތުން، ވެރިކަން ބަދަލުވީ ސާފު ޙާދިޘާއަށް ބަޣާވަތޭ ކިޔާ ނަން ދީގެން އެކަން ތަޙްޤީޤުކުރާ ޤައުމީ ކޮމިޝަނެއް އުފައްދަން ޖެހި އެތައް ހަކަތަތަކެއް އެކަމުގައި ނަގާލެއްވުމަށްފަހު ރިޔާސީ އިންތިޚާބާ ކުރިމަތިލައްވާ ޢިލްމީ ބަޙުޘްގެ ޕްލެޓްފޯމަކަށް އަރުއްވާ އެއީ ހަމައެކަނި “ތިމަންނާގެ ޖާރނަލިސްޓިކް ވިއު” އެއްކަމަށް ބުނެ މަތިބައްދާލި އެކުޑަ މައްސަލައަކީވެސް ރައީސް ޑރ. ވަޙީދާ ކުރިމަތިވެލެއްވި ވަރަށް ބޮޑު ޗެލެންޖެކެވެ. އެއްވެސް ހަމައެއްނެތި “ބާޣީ” ގެ ލޭބަލް ޖަހައިގެން ބޭރު ދުނިޔެއާ މުޚާޠަބުކުރުން ފަސޭހަކަމަކަށް ނުވާނެއިރު އެކަން ވެގެންދިޔައީ، އެއްބައިވަންތަ ސަރުކާރެއް އުފައްދަވާ ހުރިހާ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގެ އުއްމީދުވެސް ފެނަށް ވެގެން ދިޔަކަމަކަށެވެ.
އެހެނަސް، ޑރ. ވަޙީދުގެ ވެރިކަމުގައި ބައިނަލް އަޤްވާމީ މުޖްތަމަޢުއަށް ރާއްޖޭގެ ތަޞައްވުރު ރީތިކޮށް ދައްކާދެމުން، މިއީވެސް މުސްތަޤިއްލު އަމިއްލަ ވެރިކަމެއްކުރާ މިނިވަން ބައެއްކަން ޑރ. ވަޙީދު ޘާބިތުކޮށްދެއްވިއެވެ. ޤައުމިއްޔަތާއި އެޤައުމިއްޔަތުގެ މައި ރުކުން ކަމުގައިވާ އިސްލާމްދީނުގެ ދިފާޢުގައި ރާއްޖޭގެ ވެރިއަކަށް މީގެ ކުރިން ބުނަން ނުކެރުނު ކިތަންމެ ބަހެއް ދުނިޔޭގެ މަތިފަޑިއާ ހިސާބަށް ޑރ. ވަޙީދު އިއްވާލަދެއްވިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، ސަރަޙައްދީ ބާރުތަކުން ލޯއަޅަމުންދިޔަ ކަންތައްތައް ޙާޞިލްނުވާނެކަން ޔަޤީންވެ އެކަމުގެ މައްޗަށް މާޔޫސްވެ، އެނުރައްކާތެރި “ރަނުގެ ފުރުޞަތުގައި” ރާއްޖެއަށް އަތްގަދަކުރުމުގެ ޕްލޭންތައް ވަޔަށް ވުމެވެ.
ރައީސް ޑރ. ވަޙީދުގެ ނިންމެވުމަކުން ޤައުމުގެ އަމާންކަން ދެމެހެއްޓުމަށް ބާރުލިބުނު އަނެއް މުހިއްމު ނިންމުމަކީ، އެބޭފުޅާގެ ނައިބަކަށް ބޭފުޅަކު ޢައްޔަން ކުރުމެވެ. ނައިބްރައީސެއްގެ މަޤާމުގައި ހުރުމަށްފަހު ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމަށް ޑރ. ވަޙީދު ޙަވާލުވެލައްވަން ޖެހުމުން ދެން ރާއްޖޭގެ ސިޔާސީ މައިދާނުގައި އުފެދުނު ބޮޑު ސުވާލަކީ ނައިބަކަށް ޢައްޔަންކުރާނެ މީހަކާމެދު އުފެދުނު ސުވާލެވެ. އެންމެން އެކި ދިމާލަށް އިނގިލި ދިއްކޮށްގެން ތިއްބާ ޑރ. ވަޙީދު ނިންމެވީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ ބޭފުޅަކު އެމަޤާމަށް ޢައްޔަން ކުރެއްވުމެވެ. ގިނަ ބަޔަކަށް ސިހުން ގެނުވި މި ނިންމުމަކީ، އޭރުގެ ޤައުމުގެ ޙާލަތަށް ވިސްނަވާ ނެންގެވި ވަރަށް މުޙިއްމު ނިންމުމެއްކަމުގައި ދަންނަވަން ޖެހެއެވެ. މިނިންމުން ވެގެންދިޔައީ، އެކި ދިމާލަށް ލޯތައް އަމާޒުކޮށްގެން ތިބި އެންމެންގެ ލޯތައް އެއްދިމާއަކަށް ލަންބުވާލި ނިންމުމަކަށެވެ. އަދި ސިޔާސީ ޙަސަދައާއެކު ރައީސް ޑރ. ވަޙީދަށް ބުހުތާން ހަދަމުން ދިޔަ ސިޔާސީ ހަތުރުންގެ ބަސްތަކަށްވެސް ނިމުމެއް ގެނައި ނިންމުމަކަށެވެ. މިއީ، ސިޔާސީ ގޮތުން ޤައުމު އިތުރު ބައިބައިވުންތަކަކަށް ނުވެއްޓި ޤައުމުގެ ސިޔާސީ ހަމަ ހިފަހައްޓާލި ނިންމުމެއްކަމުގައިވެސް މިހިނދު ފާހަގަކޮށްލަން ޖެހެއެވެ.
ރައީސް ޑރ. ވަޙީދުގެ ރިޔާސަތުގައި ޤައުމު ވަރަށް ދަތި އުނދަގޫ މަރުޙަލާތަކެއް ކަޑައްތު ކޮއްފިއެވެ. ޤައުމުގެ ޙަޔާތުގައި ކުރިމަތިވާނެ އެންމެ ނުރައްކާތެރި ޙާލަތްތައް ރައީސް ޑރ. ވަޙީދު ތަޖްރިބާ ކުރައްވާފައި ހުންނަވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ބޭރުގެ ނުފޫޒުތަކުގެ ކުރިމަތީގައި ޤައުމު ވިއްކާ ނުލައްވަން އެބޭފުޅާ ވަރުގަދަ ޤައުމީ ޖިހާދެއްކުރައްވާފައިވާކަމީ ދިވެހީން ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭ ކަމެކެވެ. ޤައުމުގެ ރައީސުލް ޖުމްހޫރިއްޔާ ގޮތުގައި ހުންނަވާ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ނެންގެވި އެންމެ މުޙިއްމު ނިންމުމަކީ، ރައީސްކަމުގެ ޙަޔާތުގެ އެންމެ ފަހު އަދި އެންމެ އުނދަގޫ ދުވަސްކޮޅު ނިންމެވި ނިންމެވުންތަކެވެ.
ދެވަނަ ފަހަރަށް ފުރަތަމަ ބުރުގެ ވޯޓުލުމުގައި ދެ ނަންބަރު ރިޔާސީ ކެންޑިޑޭޓް ގޮތުގައި ވާދަނުކުރައްވަން ނިންމަވާ ރައީސް ޑރ. ވަޙީދުވަނީ ބާކީ ތިއްބެވި 3 ކެންޑިޑޭޓުން ޞުލްޙަކޮށް، ރިޔާސީ އިންތިޚާބު އަމާންކަމާއެކީ ކުރިއަށް ގެންދިއުމުގެ މަގު ކޮށާދީފައެވެ. ރައީސް ޑރ. ވަޙީދު އެ ނިންމުން ނުނިންމަވާ އަތްއުރާލައިގެން ކުޅި ބަލަން ހުންނެވި ނަމަ، އަދިވެސް ދިވެހިން ތިބީހީ މި ތިން ކެންޑިޑޭޓުންގެ ތެރޭގައި އޮތް ތަޅާފޮޅުމުން އަރާނުގަނެވި ބިކަ ޙާލުގައި ޖެހިފައިކަމަށްވުމީ ދުރުކަމެއް ނޫނެވެ. ސިޔާސީ ކަންކަމުގައި މުޅި ރައްޔިތުންގެ ޙަޔާތް ނަގާލާން ދޫވެގެން ނުދިޔުމުން، ރައީސް ޑރ. ވަޙީދުގެ އެނިންމެވުމަށް މިއަދު ކޮންމެ ދިވެއްސަކު ޝުކުރު އަދާކުރަން ޖެހޭނެއެވެ.
އެއަށްފަހު، ނޮވެމްބަރު 11 ގެ ފަހަށް ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރު ފަސްވެ، ނޮވެމްބަރު 16 ގައި ބޭއްވޭ ގޮތްވުމުން ރައީސްކަމަށް ރައްޔިތުންގެ މަޖްލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިސްކުރުމަށް ރައްޔިތުންގެ މަޖްލީހުންނާއި ބޭރުގެ ފަރާތްތަކުން ގޮވާލާފައިވަނިކޮށްމެ، އަދި ސްޕްރީމް ކޯޓުން ރައީސްކަމުގައި ޑރ. ވަޙީދު މަޑުކުރެއްވުން އެއީ ރަނގަޅު ގޮތްކަމުގައި ބުނެފައިވީކަމުން، ޑރ. ވަޙީދު އެހިނދުވެސް ގޮސް ހުއްޓުނީ ވަރަށް މުޙިއްމު 4 އަނގޮޅިއަކަށެވެ. އެއްކޮޅުން ރާއްޖޭގެ ގިނަ ބަޔަކާއި، ބޭރުގެ މުޙިއްމު ފަރާތްތަކުން ފިއްތުން ކުރުވަމުން ދިޔައީ ޑރ. ވަޙީދު އިސްތިއުފާ ދެއްވާ ރައްޔިތުންގެ މަޖްލީހުގެ ރައީސްއަށް 5 ދުވަހަށް މިދިވެހި ޖުމްހޫރިއްޔާގެ އެންމެހާ ބާރުތައް ދެއްވުމަށެވެ. އަނެއްކޮޅުން، އެއަށްވުރެ ގިނަ ދިވެހީން އެމަނިކުފާނު އަރިހުން އެދެމުން ދިޔައީ އިންތިޚާބުގެ ނަތީޖާ ނިމެންދެން ވެރިކަމުގައި މަޑުކުރެއްވުމަށެވެ. ޑރ. ވަޙީދަށް ނިންމަވަން ޖެހުނު ނިންމެވުން މާ ފަސޭހައެއް ނޫނެވެ. އަދި ވިސްނާލައްވަން ލިބިލެއްވި ވަގުތުވެސް މާ ގިނައެއް ނޫނެވެ.
އެޚުޠޫރަތްތެރި ވަގުތުވެސް، މާތް ﷲ ގެ ރަޙްމަތުން ޑރ. ވަޙީދު ނަންގަވާފައިވާ އެ ނިންމުމަކީ އެހިނދަށް ޤައުމަށް އެންމެ ފައިދާ ބޮޑު ނިންމުންކަމުގައި ދަންނަވަން ޖެހެއެވެ. ޑރ. ވަޙީދު އެހިނދުން އެހިނދަށް ވެރިކަމުން ދުރުވެލައްވާ ބޯ ދަމައިގެންނެވި ނަމަވެސް، އެމަނިކުފާނަށް މިވަގުތު ދިވެހިން ކުރާނެ ވަކި އިތުރު ސުވާލެއް ނޯންނާނެއެވެ. ވެރިކަން ދޫކޮށްލައްވައިގެން ޤައުމަށް ކިތަންމެ ބޮޑު ނުރައްކަލެއް ކުރިމަތިވިޔަސް، އެކަމުގެ ޒިންމާ އެމަނިކުފާނު ނަންގަވަން ނުޖެހޭނެކަމަށް ބުނުމުގެ ޖާގަ އޮތް ހިނދުވެސް، އެމަނިކުފާނު އެމުޙިއްމު ވަގުތުވެސް ނިންމެވީ ޤައުމު ވާނެކަމެއްވާން ދޫކޮށް ނުލެއްވުމަށެވެ. އެމުޙިއްމު 5 ދުވަހަށް ތަޖުރިބާއެއް ނެތް މީހަކަށް ޤައުމުގެ ލަޤަން ދޫކޮށްލެއްވުނު ނަމަ، ވެރިކަން ކުރުމުގެ ބާރުގެ ފަރާތުން އިތުރު މައްސަލަތަކެއް ކުރިމަތިވެ ސިޔާސީ މަސްރަޙް އިތުރަށް ހަލަބޮލިވެ 16 ވަނަ ދުވަހުގެ އިންތިޚާބަށް ހިޔަނި އެޅިގެން ދިޔުން ވަރަށް އެކަށީގެންވެފައިވިއެވެ. އެހެންކަމުން، ޑރ. ވަޙީދު އެދުވަހު އެނިންމެވި ނިންމެވުމަށް ޑރ. ވަހީދަށް މަރުޙަބާ ކިޔާ ޝުކުރު އަދާކުރަމެވެ.
އަދި ހަމަ އެއާއެކު، 10 ނޮވެމްބަރު 2013 ވީ ދުވަހުގެ ރޭ، ޑރ. މުޙައްމަދު ވަޙީދު އެ ނިންމަވާފައިވާ ނިންމެވުމުން ރާއްޖޭގެ ވެރިކަމުގެ ފަރާތުން ބޭރުގެ ދަހިވެތި ބާރުތަކަށް ވަރުގަދަ މެސެޖެއްވެސް ދެއްވިއެވެ. އެއީ ބޭރުގެ ނުފޫޒުތަކުގެ ކުރިމަތީގައި ދިވެހިންގެ ނިންމުންތަކުގައި އިސްކަން ދެވޭނީ ދިވެހިންގެ އެދުންތަކަށްކަމެވެ. ބޭރުން ލިބޭނެ ވެދުމަކަށް ނުބަލާނެކަމެވެ. ޑރ. ވަޙީދުގެ އެނިންމެވުން ފަދަ ނިންމުމެއް 1887މ. ގައި ދިވެހިރާއްޖެއިން ނިންމާފައިވީނަމަ، ދިވެހިން ދުވަހަކުވެސް އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށަށް ނުގޮސް ފަރުޖެހުނީސްކަމަށް ބުނެވިދާނެ ޖާގަ އެބަ އޮތެވެ. ނަމަވެސް 1887މ ގައި ދިވެހި ރަސްކަމަށް އިނގިރޭސީންގެ ކުރިމަތީ ކުރުނީސްކުރަން ޖެހުމުގެ ސަބަބުން ދިވެހި ބިމުން ބައެއް 100 އަހަރަށް އިނގިރޭސިންނަށް “ހަށިވިއްކާ” އުޞޫލުން ދެވުނެވެ. މި ތާރީޚީ ޙަޤީޤަތްތަކުން ހާމަވަނީ ޑރ. ވަޙީދުގެ އެނިންމެވުމުން، މިފަދަ ކިތަންމެ ނުރައްކާތެރިކަމަކަށް ހުރަސް އެޅުއްވިކަން އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަން ޖެހޭކަމެވެ.
ޑރ. ވަޙީދުގެ ރިޔާސަތުގައި މިފަދަ ކިތަންމެ ނިންމުމެއް ނިންމަވާ ބައިނަލް އަޤްވާމީ މުޖްތަމަޢުގައި ޙަޤީޤީ ދިވެހި ބަޠަލެއްގެ ޝަޚްސިއްޔަތު ދައްކާލަދެއްވިއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މިލޮބުވެތި ވަޠަނުގެ ޙަޔާތުގައި އައި މިމުޙިއްމު ދުވަސްތަކުގައި ޤައުމުގެ ރައީސްގެ ޙައިޘިއްޔަތުން އިސްލާމްދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ޑރ. ވަޙީދު އަދާކުރައްވާފައިވާ މަތިވެރި ޚިދުމަތްތަކަށް އެމަނިކުފާނަށް ހިތުގެ އެންމެ ފުންމިނުން ދިވެހީން ޝުކުރު އަދާކުރަން ވެއްޖެއެވެ. ޝުކުރިއްޔާ ރައީސް ޑރ. މުޙައްމަދު ވަޙީދު!
ބުނާތީ އަޑުއަހަމެވެ. ނިޢުމަތެއްގެ އަގު ބަޔަކަށް ވިސްނޭނީ އެނިޢުމަތެއް ގެއްލުމުންނެވެ. އެހެންކަމުން، ދިވެހިންނަށް ނިކަން ފަސޭހައިން ގެއްލިގެން ދިޔުމުގެ ބިރުވެރިކަން އޮތް ކިތަންމެ ނިޢުމަތެއް ﷲ ގެ ދަރުމަވަންތަވެރިކަމުން ރައީސް ޑރ. ވަޙީދު މެދުވެރިކުރައްވާ ޙިމާޔަތްކުރައްވާފައިވާތީ، ޑރ. ވަޙީދުގެ މަސައްކަތަށް ދިވެހީން ޝުކުރު އަދާކުރާންވެއްޖެއެވެ. ރައީސް ޑރ. ވަޙީދުގެ ޢަމަލުތައް އެއާ އިދިކޮޅުވީނަމަ، މިއަދު އެހުރިހާ ތަކުލީފެއް ދިވެހި ކޮންމެ ދަރިއަކު އުފުލަމުން ދާނެއެވެ. ރައީސް ޑރ. ވަޙީދެވެ. މަނިކުފާނަށް ޝުކުރިއްޔާއެވެ!
ދިވެހީންނޭވެ! ހެޔޮކަމެއް ކޮށްދިން މީހަކަށް ތިބާމެން ޝުކުރު އަދާ ނުކުރާ ކަމުގައިވާނަމަ، ތިބާމެން މާތް ﷲ އަށް ޝުކުރުކުރާކަމުގައިވާނީ ކިހިނެއް ހެއްޔެވެ؟

Tuesday, November 12, 2013

ތިބާގެ ރައްބު ތިބާއާ މެދު ކަންތައްކުރީ ކިހިނަކުންހެއްޔެވެ؟

އަބޫ ބަކުރު އައްސައިދަލާނީ ރިވާކުރެއްވިއެވެ. ސާލިމް ބިން މަންޞޫރު ބިން ޢައްމާރު ވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ.

އަހަރެންނަށް އަހަރެންގެ ބައްޕާފުޅު ހުވަފެނެއްގައި ފެނިގެން ބައްޕަ ގާތު އެހީމެވެ. “ތިބާގެ ރައްބު ތިބާއާ މެދު ކަންތައް ކުރީ ކިހިނަކުން ހެއްޔެވެ؟”

ބައްޕަ ޖަވާބުގައި ވިދާޅުވިއެވެ. “ހަމަކަށަވަރުން، ތިމަންގެ ރައްބު ތިމަން އެކަލާނގެ ޙަޟްރަތަށް ގާތްކުރައްވާ ކައިރިކުރައްވާ ތިމަންނައަށް ވަޙީކުރެއްވިއެވެ.

“އޭ ލާނެތް މުސްކުޅިއާއެވެ! ތިމަން ރަސްކަލާނގެ ތިބާގެ ފާފަ ފުއްސެވީ ކިހިނެއް ވެގެންކަމެއް އެނގޭ ހެއްޔެވެ؟”

ތިމަން ދެންނެވީމެވެ. “ނޫނެކެވެ. އޭ އަހަރެންގެ ރައްބެވެ.”

އެކަލާނގެ ވަހީކުރެއްވިއެވެ. “އެއްދުވަހަކު މީސްތަކުންގެ ޖަމާޢަތެއްގެ ކުރިމަތީ ތިބާ އިށީނީމުއެވެ. އަދި އެމީހުންގެ ކުށްތަކުގެ މައްޗަށް ތިބާ އެމީހުން ރޮއްވީމުއެވެ. އެމީހުންގެ ތެރޭގައި ދުވަހަކުވެސް ތިމަން ރަސްކަލާނގެ ރަސްކަންފުޅުދެކެ ބިރުން ރޮއިފައި ނުވާ ތިމަން ރަސްކަލާނގެ އަޅަކު ވިއެވެ. އެހެންކަމުން، ތިމަން ރަސްކަލާނގެ އެއަޅާގެ ފާފަ ފުއްސަވާ، އެތާ ޙާޟިރުވެ ތިބި އެންމެންގެ މައްޗަށްވެސް އޭނާގެ ސަބަބުން ފާފަ ފުއްސެވީމެވެ. ތިބާވެސް ވީ އެފަދައިން އޭނާގެ ސަބަބުން ތިމަން ރަސްކަލާނގެ ފާފަ ފުއްސެވި މީހުންގެ ތެރެއިންނެވެ.”

މަޞްދަރު: ގްލިމްޕްސް އޮފް ދި ލައިވްސް އޮފް ރައިޓިއަސް ޕީޕްލް، ބަހްރުއްދުމޫޢު، ސިފަތުއް ސަފްވާ.

Friday, November 08, 2013

ޒިދާންއަށް އެހީތެރިކަމެއް ދެއްވާ!


ދިވެހިރާއްޖެއަށް ދޮންދޫނި މޫސުން އައުމާއެކު، ރާއްޖޭގެ ރަށްތަކުގެ މަތީގައި އެކުދިކުދި ސޫފިތައް މިނިވަންކަމާއެކު އުދުހެން ފަށައިފިއެވެ. ހަމައެއާއެކު، ރާއްޖޭގެ ރީތި ރަށްތަކުގެ ފަށްފަށްވަމުން އަންނަ އާދަކާދައެއްކަމުގައިވެފައިވާ ފަދައިން، ކުޑަ ކުޑަ ތުއްތުކުދިންތައް އެދޫނިތައް ހިފޭތޯ ނުކުމެ ދުވަން ފަށައިފިއެވެ. ތ. ވޭމަންޑޫގެ ބޮކަރުމާގޭ ޒިދާން އަކީ އޭގެ ތެރެއިން އެއްކުއްޖެކެވެ.
މިނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ހަވީރުގެ ފިންޏަށް އަޅާލުމާއެކު، އެންމެ 13 އަހަރުގެ ޒިދާންވެސް ނުކުތީ ކުޅެލާ މަޖާކޮށްލުމަށެވެ. ދޮންދޫނިތައް ފަޒާތެރޭގައި އުދުހޭތަން ފެނުމުން އެއެއްޗެހި ހިފުމަށް ޒިދާންވެސް ދިމާކޮށްފިއެވެ.
ދޮންދޫންޏެއް ހިފަން އުޅުމުގެ ތެރޭގައި، ޒިދާންގެ މާބޮޑު ސަމާލުކަމެއް ބިންމައްޗަށް ދެވިފައިނެތެވެ. އެހެން އުޅުމުގެ ތެރޭގައި، ބިންމަތީ އޮތް ގައު ކޮޅެއްގައި ފައި އަޅައިގަނެ، ޒިދާން ކައްސާލިއެވެ. އެކައްސާލިގޮތަށް ޒިދާން ގޮސް ޖެހުނީ އެތާނގެ ކައިރީގައި 3 ފޫޓު އުހަށް ޖަހާފައި ހުރި ރިންގު ދަގަނޑެއްގައެވެ. އެދަގަނޑު ޒިދާންގެ ކަނާތްފަރާތު ކޮލަށް ހެރުނީއެވެ.
ވަގުތުން، ތ. ވޭމަންޑޫ ހޮސްޕިޓަލަށް ޒިދާން ގެންދެވުނެވެ. އިތުރު ފަރުވާ ބޭނުންވެފައިވާ ޒިދާންއަށް ހޮސްޕިޓަލުން މާބޮޑު ކަމެއް ކުރެވެން ނެތުމުން، ދެން ގެންދެވުނީ ލ. އަތޮޅަށް އިތުރު ފަރުވާ ލިބޭތޯއެވެ. ޒިދާންއަށް ލ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެވުނެވެ. ލ. އަތޮޅު ހޮސްޕިޓަލުންބެލުމަށްފަހު ޙާލަތު ސީރިއަސް ކަމުން ވަގުތުން މާލެ ގެންދިއުމަށް ލަފާދެވުނެވެ. ލ. އަތޮޅު ހޮސްޕިޓަލުގައި އެއް ދުވަސްވެސް ނުވަނީސް ނޮވެމްބަރު 4 ވަނަ ދުވަހު ޒިދާން  މާލެގެނެސް އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވުނެވެ. ނަމަވެސް، ޒިދާންއަށް ލިބިފައިވާ ޒަޚަމްއަކީ އެއަށްވުރެ ސީރިއަސް ޒަޚަމްތަކެކެވެ. ސީޓީ ސްކޭން ހެއްދުމުން ޒިދާންގެ ސިކުނޑިން ލޭ ފައިބާފައިވާކަން އެނގުނެވެ. އެހެންކަމުން، އެންމެފަހުން ޖެހުނީ ޒިދާން ލަންކާއަށް ގެންދާށެވެ.
މިހާރު ޒިދާން އޮތީ ލަންކާގެ ލަންކާ ހޮސްޕީޓަލް (އެޕޯލޯ ހޮސްޕިޓަލް) ގައެވެ. ޒިދާން ނޭވާލަމުން ގެންދަނީ ވެންޓިލޭޓަރއެއްގެ އެހީގައެވެ. ކޮލަށް ހެރުނު ދަގަނޑުގަނޑުން ސިކުނޑިއަށް އަސަރުކޮށްފައިވާތީ، ޒިދާންގެ ޙާލާމެދު ޑޮކްޓަރުންވެސް ތިއްބެވީ ސީރިއަސްވެފައެވެ. މިއަދާ ހަމައަށް ޒިދާންގެ ސިއްޙީ ހުރިހާ ޚަރަދެއް ކުރަމުން އައިސްފައިވަނީ އާސަންދާގެ އެހީގައެވެ. ނަމަވެސް ކުރިއަށް އޮތް 4 ވަރަކަށް ދުވަސްތެރޭގައި، އާސަންދައިން ލިބޭ ފައިސާ ހުސްވާނެކަމަށް އެންސްޕާއިން މިހާރުވަނީ ބުނެފައެވެ.
ޒިދާން ދުނިޔޭގައި ދެމިއޮތުމަށް ނުހަނު ބޭނުން ޖެހިފައިވާ ޓްރީޓްމެންޓެއް މިހާރުވެސް ދަނީ ކޮންމެދުވަހަކު ދެވެމުންނެވެ. މެދުކެނޑުމެއް ނެތި މިޓްރީޓްމެންޓް ދެވެމުން ދިޔުމަކީ ޒިދާން ދުނިޔޭގައި އޮތުމަށް އިންތިހާއަށް މުޙިއްމު ކަމެކެވެ. މިޓްރީޓްމެންޓްގެ އިތުރުން، ޒިދާންގެ ސިކުނޑިއަށް ފައިބާފައިވާ ލޭތައް ސާފުކޮށް، ސިކުނޑީގައިވާ ދުޅަ ކުޑަވީމާ އައު ޓްރީޓްމެންޓެއް ދިނުމަށްޓަކާ އިތުރު ފަރުވާއަކަށްވެސް ބޭނުންވެއެވެ. އެހެން ވެއްޖެނަމަ، އާސަންދައިން ލިބޭ ފައިސާ އެއަށްވުރެ އަވަހަށް ހުސްވުމަކީ އެކަށީގެންވާކަމެކެވެ.
ޒިދާން މިދުނިޔޭގައި ދިރިހުރުން ވަރަށް ބޮޑަށް ބިނާވެފައިވަނީ މިދުވަސްކޮޅު ތެރޭގައި ޒިދާންއަށް ދޭންޖެހޭ ފަރުވާތައް މެދުކެނޑުމެއް ނެތި ދެވެމުން ދިއުމެވެ. ނަމަވެސް، އާސަންދައިން ލިބޭ ފައިސާ ހުސްވެއްޖެ ނަމަ ޢާއިލާއިން އެޚަރަދުތައް ކުރާނެ ފައިސާ ހޯދުމަކީ މިވަގުތު އެއާއިލާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުތަނަވަސްކަމެވެ.
ޒިދާންގެ 16 އަހަރުގެ ބޭބެއާއި 7 އަހަރުގެ ކޮއްކޮ ހުރީ ޒިދާންއަށް ފަރުވާ ލިބިގެން އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރުކޮށްގެންނެވެ. ތ. ވޭމަންޑޫ ޢަބްދުﷲ މުފީދާއި ފަތުޙިއްޔާ ޙަސަންގެ މިކުޑަކުޑަ ޢާއިލާއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ވަގުތުގައި ތިޔައެންމެހާ ބޭފުޅުންނާއި ބޭކަނބަލުންގެ ދީލަތި އެހީތެރިކަމަށް ބޭނުންވެފައެވެ.
” މުއުމިނެއްގެ ކިބައިން ދުނިޔޭގެ ދަތިއުނދަގުލެއް ދުރުކޮށްފި މީހަކަށް ޤިޔާމަތްދުވަހުގެ ތުރާތަކުގެ ތެރެއިން ކަމެއް މާތްﷲ އެމީހެއްގެ ކިބައިން ދުރުކޮށް ދެއްވާނެތެވެ. އަދި ލާރީގެ ދަތިކަމެއް ޖެހިފައިވާ މީހަކަށް އެހީތެރިވެދިން މީހަކަށް ދުނިޔެއާއި އާޚިރަތުގައި މާތްﷲ އޭނާއަށް އެހީތެރިވެވޮޑިގަންނަވާނެއެވެ. އަދި މުސްލިމަކު ފަރުދާކޮށްފި މީހަކު، ދުނިޔެއާއި އާޚިރަތުގައި މާތްﷲ އެމީހަކު ފަރުދާކޮށްދެއްވާނެއެވެ. އަޅާ އޭނާގެ އަޚާއަށް އެހީތެރިވުމުގައިވާ ހިނދު މާތްﷲ އޭނާއަށް އެހީތެރިވެވޮޑިގަންނަވާނެއެވެ. “ (މުސްލިމް)
Account Number 7725463196001
Account Name: Abdulla Mufeed
ރާއްޖެއިން ގުޅޭނެ ނަމްބަރު: 7859925
ލަންކާއިން ގުޅޭނެ ނަމްބަރު:  0094778292107
ވައިބަރ ނަމްބަރު: 009609948009

Monday, October 28, 2013

އިތުބާރާއި އިތުރު ބާރު ހިތްތަކަށް ގެނެސްދިން "ކުޑަ" މުޖާހިދު – އަބުލް މަރްޟިޔާ

އެމެރިކާގެ ލަޝްކަރުތައް ޢިރާޤުގެ ބިމަށް ވަދެގަތުމަށް މަސައްކަތްކުރަމުން ދިޔަ ދުވަސްވަރެވެ. ފައްލޫޖާގެ ފުރަތަމަ ހަނގުރާމަ ހިނގުމުގެ ކުޑަދުވަސްކޮޅެއް ކުރިން ޔަމަނުގެ މާތް ބިމުން ހިތްވަރުގަދަ މުޖާހިދަކު ޢިރާޤުގެ ޖިހާދުގައި ބައިވެރިވުމަށް ދިޔައެވެ. އެއީ، އިސްކޮޅުން ކުރު، ހަށިގަނޑު ހިމަތޮޅި “ކުޑަ ކުޑަ” ކުއްޖެކެވެ. އައްޝައިޚް އަބޫ އަނަސުއް ޝާމީ، އޭނާ ސިފަކުރައްވަމުން ވިދާޅުވެފައިވަނީ، “ތިބާގެ އަތްމުށުގެ ތެރެއަށް އޭނާ ލެވިދާނެ” ހާ އޭނާ ކުޑަ ކަމަށެވެ. އޭނާ ދެކެފި ލޮލަކަށް އެއީ ވަރުގަދަ ޝަޚްސިއްޔަތެއްގެ ވެރިއެއްކަމަށް ހީއެއް ނުކުރާނެއެވެ. އެއީ، ކުޑަ ކުޑަ އަބުލް މަރްޟިޔާއެވެ. އެހެނަސް، އަބުލް މަރްޟިޔާ، އޭނާގެ ނަން ތާރީޚްގެ ތެރެއަށް ދޫކޮށްލާފައިވަނީ އޭނާގެ އިސްކޮޅުގެ ދިގުމިނަކުން ނޫނެވެ. ނުވަތަ ހަށިގަނޑުގެ ބިޔަ ކަމަކުން ނޫނެވެ. އެހެނަސް، އޭނާގެ އީމާނާއި ނަމޫނާއެއްފަދަ ކެރުންތެރިކަމާއި ހިތްވަރުންނެވެ.

ބުއްދިވެރިން ބުނެއުޅެއެވެ. “މީހަކަށްވާ މީހުން، ނަޒަރުގެ ތެރެއަށް ފެންނާނީ ދަތިދުވަސްތަކުގައެވެ. އޭރުން، ލީޑަރުން އުފެދިދެއެވެ. އަދި ބާޠިލް އެއްފަރާތްވެ، ޙައްޤު ފާޅުވެދެއެވެ.” އަބުލް މަރްޟިޔާއަށް އޭނާގެ ނަޞީބުގެ ފުރުޞަތު ލިބުނީ ފައްލޫޖާގެ ބިރުވެރި ހަނގުރާމައާ ޖެހުމުންނެވެ. އެއީ ޢިއްޒަތާއި ޝަރަފްގެ ސާލު އޭނާގެ ކޮނޑުގައި އެޅުމަށް މެދުވެރިވި ޙާދިޘާއެވެ. އެހާރުން ބިރުވެރިކަމުގެ ޖުއްބާއެއް އޭނާ ލިއެވެ. އަދި ފަޚުރުވެރިކަމުގެ ތާޖް އޭނާ އެޅިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ރުޅިވެރި ސިންގާވެސް އޭނާގެ ފަހަތަށް ވަދެ ފިލާހާވެއެވެ. އަދި ކިއެއްތޯއެވެ، ހިތްވަރުގަދަ އަބްޠާލުންވެސް ޙަމަލާދެނީ އޭނާގެ ޙަމަލާއަށް ފަހުއެވެ.
ފައްލޫޖާގެ ހަނގުރާމަ ފެށިއްޖެއެވެ. މުސްލިމުންގެ އަތުން ފައްލޫޖާ ފޭރިގަތުމަށްޓަކާ އެމެރިކާގެ ލަޝްކަރުތައް ރޭވުންތައް ރާވާ، ތާއަބަދު ހަމަލާދެމުންދާން ފަށައިފިއެވެ. ފައްލޫޖާ އާއި އެރަށުގެ އަހުލުވެރިންގެ ޙިމާޔަތުގައި ރަށް ބެލެހެއްޓުމަށް މުޖާހިދުން ޕެޓްރޯލްކުރަން ނިކުތުމުގެ އަމުރު އަތުވެއްޖެއެވެ. ރަށުގެ މައި ދޮރޯށިތަކާއި އެހެނިހެން މަގުތައް ބެލެހެއްޓުމުގައި އަބުލް މަރްޟިޔާ އާއި އެހެނިހެން މުޖާހިދުންވެސް ފޯރިމަރަމުން ދިޔައެވެ.

އެމެރިކާގެ އިންޒާރުތައް ވަރުގަދަވަމުން ދިޔައެވެ. އެމީހުންގެ އުކުޅުތައް ބަދަލުކޮށް، ޙާލަތު ތަފާތުކުރުވަމުންދާން ފަށައިފިއެވެ. ހަނގުރާމައިގެ ދުން މާދުރުދުރުން ފެންނަން ފަށައިފިއެވެ. ޙާލަތު އަންނަނީ ދުވަހެއް ދުވަހަކަށް ސީރިއަސް ވަމުން، ހޫނުވަމުންނެވެ.

އެއްދުވަހަކު، ފައްލޫޖާގެ އެއްފަރާތު ދޮރަކުން އެމެރިކާގެ ޓޭންކަރެއް ކުއްލިއަކަށް ރަށުތެރެއަށް ވަދެގެންފިއެވެ. ބާރު ދުވެލީގައި ބިމުގެ ހިރަފުސް ބުރުވާނަގަމުން އަރައިގަންނަމުން އެއަންނަނީ ދެން ނުނިކުންނާނަމޭ ބުނާ ފަދައަކުންނެވެ. މުސްލިމުން ބަލިކޮށް މުސްލިމުން އަތުން މުސްލިމުންގެ ބިން އަތުލުމަށެވެ. ޒަމާނީ ވަރުގަދަ ބަރުހަތިޔާރާ އެކީއެވެ. މުޖާހިދުންގެ ނިކަމެތި މަދު ހަތިޔާރުގެ ކުރިމަތީގައި ބޮޑާވަމުންނެވެ.

މިމަންޒަރު ބަލަން މުޖާހިދުން އަންތަރީސްވެފައި ތިއްބެވެ. އިރުކޮޅަކުން ފެނުނީ، ކުޑަ ކުޑަ ނިކަމެތި އަބުލް މަރްޟިޔާ އޭނާގެ ރޮކެޓް ލޯންޗަރު ކޮނޑުމައްޗަށް ލައިގެން ނުކުމެ، ޓޭންކަރުގެ ކުރިމައްޗަށް އެރިތަނެވެ. އެދެމެދު ދުރުމިނުގައި ހުންނާނީ އެންމެ ވިއްސަކަށް މީޓަރެވެ. ބިރުކުޑަ، ހިތްވަރު ގަދަ އަބުލް މަރްޟިޔާ އެދައްކައިދިނީ ހަތިޔާރުގެ މަދުކަމަކުން، ހަށިގަނޑުގެ ކުޑަކަމަކުން އީމާންކަމެއް ނުސިހޭނެކަމެވެ. އޭނާގެ ބިރުކުޑަ ޢަމަލުގެ ސަބަބުން ކާފަރުންގެ ހިތްތަކަށް ޒަލްޒަލާއެއް ގެނުވިފަދައެވެ. އެބިރުކުޑަކަމުގެ ސަބަބުން ހަމަ ޔަޤީނުންވެސް ކާފަރުންގެ ހިތްތަކަށް ސިހުން ގެނުވައިފިއެވެ. ގުނަންތަކަށް ލޮޅުން ގެނުވައިފިއެވެ.

ދެން އޮތީ ދެކަމަކުން އެއްކަމެކެވެ. ފުރަތަމަ އަބުލް މަރްޟިޔާގެ ޙަމަލާދިނުމެވެ. ނުވަތަ ފުރަތަމަ ފިނޑި އެހެނަސް ކިބުރުވެރި ކާފަރުކަލޭގެ ޙަމަލާދިނުމެވެ. އާނއެކެވެ. އީމާންކަމުގެ ޘާބިތުކަމުގައި ހުރި ހިތެއްގެ ކުރިމަތީ، ތުރުތުރުލަމުން ދިޔަ ފިނޑި ހިތަކަށް ލިބޭނީ ކޮން އިސްކަމެއް ހެއްޔެވެ؟ ކާފަރުންގެ ޙަމަލާ ތައްޔާރުވުމުގެ މާކުރިން، އަބުލް މަރްޟިޔާގެ އަވަސްކަމާއި ހުށިޔާރުކަމާއެކު އާރްޕީޖީއިން ވަރުގަދަ ޙަމަލާއެއް ޓޭންކަރަށް އަމާޒުކޮށްފިއެވެ.

ދުންކަނޑާފައި ދިޔަ ޙަމަލާ ގޮސް ސީދާ ވަދެގެން އެދިޔައީ ޓޭންކަރުގެ ހަދަފަށެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ؟ އަބުލް މަރްޟިޔާއަކީ، އަމާޒަށް ޙަމަލާދިނުމުގެ ބިމުގެ ދަރިއެކެވެ. އާދެ ޔަމަނުގެ ފަޚްރުވެރި ބަޠަލެކެވެ. ޔަމަނުގެ މީހުންނަކީ، އަމާޒަށް ޙަމަލާދިނުމުގައި މިޒަމާނުގައި ނަމޫނާ ބައެކެވެ. އެއީ އެމީހުންގެ ތެރޭގައި ހަތިޔާރު ގެންގުޅުން ޢާއްމުވުމާއި، ހެވިކަމުގެ އުކުޅުތައް ދަސްކޮށްދެވޭތީއެވެ. މިފަދަ ހިތްވަރުގަދަ ދަރީން ތައްޔާރުކުރެވޭތީއެވެ.

އަބުލް މަރްޟިޔާގެ މި ހިތްވަރު ގަދަކަން ފެނިފައި މުޖާހިދުންނަށް އިތުރު ބާރެއް ލިބިއްޖެއެވެ. އިތުބާރު ތާޒާވެއްޖެއެވެ. ހިތްވަރު އައު ވެއްޖެއެވެ. ޖިހާދުގެ ޖޯޝް އުތުރި އަރައިގެންފިއެވެ. ﷲގެ ޢަދުއްވުން ދެކެ އޮތް ބިރު ކެނޑެން ފަށައިފިއެވެ. އަބުލް މަރްޟިޔާއަކީ މިފަދައިން މުއުމިނުންނަށް ހިތްވަރުލައިދޭ ވަރުގަދަ ނަމޫނާ ފަހުލަވާނަކަށް ވެއްޖެއެވެ.

އެވަރުން އަދި ނިމުނީކީ ނޫނެވެ. އަބުލް މަރްޟިޔާގެ ބިރުކުޑަކަމާއި ހިތްވަރުގެ ވާހަކަ އޮތީ ކުރިއަށެވެ. އަބުލް މަރްޟިޔާގެ އަވަސް ޙަމަލާގެ ކުރިމަތީގައި ގުޑިލަން ނުކެރިފައި އޮތް ޓޭންކަރު މިހާރު އޮތީ ފުނޑި ސުންނާފަތިވެފައެވެ. ބޮޑާކަމާއި ކިބުރުވެރިކަން ފާޅުކުރަމުން އައި އެޓޭންކަރުން މިހާރު ގުން ކިޔާފައި ނުކުމެގެން އެއަންނަނީ ކަޅު ދުމެވެ.

އެހެންޏާ، މުޖާހިދަކު ޓޭންކަރަކަށް ޙަމަލާ ދީފިނަމަ، ދެން އެޓޭންކަރެއް ބަލާ ފާސްކުރުމަށް އެހެން މުޖާހިދުންގެ އެހީތެރިކަމަށާއި މަދަދަށް އެދެން ޖެހެއެވެ. ޙަމަލާގެ ކާމިޔާބު ވަޒަން ކުރެވޭނީ ޓޭންކަރުގެ ނިވަލުގައި ތިބި ޢަދުއްވުން ނިމިދިޔަކަން ޔަޤީންކުރެވުމުންނެވެ. އަބުލް މަރްޟިޔާގެ ޙަމަލާގައި ފުނޑާލެވުނު ޓޭންކަރު ބަލާ ފާސްކުރުމަށް އެހެން މުޖާހިދުން ދާކަށް ނުޖެހުނެވެ. އެންމެންގެ ލޯކުރިމަތީގައި އަބުލް މަރްޟިޔާ އޭނާގެ ރޮކެޓް ލޯންޗަރު ބިންމަތީގައި ބޭއްވިއެވެ. އަދި އަތު ބަޑިއެއް ނަގާ ޓޭންކަރާ ދިމާލަށް ގިނިކަންޏާ ހިނގައިގަތެވެ.

ޓޭންކަރާ އަރާ ހަމަވުނުން، ދެވުނު ޙަމަލާގެ އަމާޒަށް ބަލާލިއެވެ. ބަލިކަށި ޢަދުއްވުންނަށް އަބުލް މަރްޟިޔާގެ އިތުރު ތަފާލަކަށް ބޭނުމެއް ނުޖެހުނެވެ. ނަރަކައިގެ އެންމެ އަޑިއަށް ކުރަން އޮތް ދަތުރު އެމީހުން ކުޑަ އިރުކޮޅެއް ކުރިން ފަށައިފިއެވެ. “ކުޑަ ކުޑަ” އަބުލް މަރްޟިޔާގެ ހަމަލާގެ ވަރުގަދަކަމާއެވެ.

އަބުލް މަރްޟިޔާގެ އަތް މައްޗަށް މާތް ރަސްކަލާނގެ އެތައް ނަޞްރެއް ދެއްވިއެވެ. ބަލާމީހުން ޙައިރާން ކުރުވަނިވި ކުޅަދާނަކަމާއެކު، ﷲގެ މަގުގައި ހަނގުރާމަކުރުން އެއީ އޭނާގެ ހިތުގެ ފިނިކަމެއްކަމުގައި ވިއެވެ. މިކުޑަކުޑަ ސިންގާއެއް ފަދަ އަބުލް މަރްޟިޔާގެ އެންމެ ޚާއްޞަކަމަކީ، އެހެން އަޚުންގެ ހިތްތަކަށް އިތުބާރާއި އިތުރު ބާރު ގެނެސްދޭކަމެވެ. ހިތްވަރާއި ޖޯޝް އައު ކުރުވާކަމެވެ.

އެލްބީސީ ޗެނަލުން ދެއްކި އިންޓަރވިއުއަކުން މުޅި ދުނިޔެވެސް އަބުލް މަރްޟިޔާ، ފައްލޫޖާގެ އެހެން އިތުރު މުޖާހިދުންނާއެކީ ދެކޭނެއެވެ. އެ ކުރު، ހިމަތޮޅި، ކުޑަކުޑަ ކުއްޖާ ވަށައިގެން މުޖާހިދުންތައް ތިބިތަން މިއަދުވެސް ދެކުނު ބަޔަކު ހަނދާން ހުންނާނެއެވެ. މުޖާހިދުންގެ މެދުގައި ހުރެ، ކުޑަކުޑަ އަބުލް މަރްޟިޔާ ހިތްވަރުގަދަކަމުގެ ޖެހިލުންކުޑަ ބަސްތައް ބުނަމުން ދިޔައެވެ.

“އަހަރެމެން، އަހަރެމެންގެ އަޚުންގެ ތެރެއިން ޝީޝާނާއި، އަފްޣާނިސްތާނާއި، ފަލަސްޠީނުގައި މަރާލެވުނު އަޚުންގެ ބަދަލު ހިފާނަން. އަހަރެމެން ދުވަހަކުވެސް މިކަން ހަނދާން ނައްތައެއް ނުލާނަން. އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާ ﷲ ގަންދީ ބުނަން، މިބިން މަތީ އަހަރެމެން ދިރިތިބެއްޖެނަމަ، އަހަރެމެން އެމީހުންގެ ފަރާތުން ބަދަލު ހިފާނަން. އެއީ އެމީހުން ޢިރާޤުގެ ބިމުން ނިކުތް ކަމުގައި ވިޔަސް. އަދި އެމީހުން ފަލަސޠީނުގެ ބިމުން ނިކުތް ކަމުގައި ވިޔަސް. އަހަރެމެން އެމީހުން ފަހާ ދާނަން، އަދި އަހަރެމެންގެ އެކަނި ބާރަކުން ނޫން، އެހެނަސް ﷲގެ ކުޅަދުންވަންތަކަމާއެކު، އެމީހުން މުލުން ބުރިކޮށްލާނަން. ﷲ އިރާދަކުރައްވައިގެން ކަލޭމެން އަދި މިކަން ދެކޭނެ.”

އަބުލް މަރްޟިޔާ އޭނާގެ ބަސްތަކާމެދު ވަފާތެރިވިއެވެ. އަދި މާތް ރަސްކަލާނގެއަށާއި އެކަލާނގެ ރަސޫލާއަށް ވެފައިވާ އަހްދަށް ތެދުވެރިވިއެވެ. މަރުވެއްޖައުމަށް ދާންދެން އޭނާ ހަތިޔާރު ދޫކޮށެއްނުލައެވެ. އެހެނެއްކަމަކު އޭނާ ޝަހީދުވެ ދިޔައީ އޭނާގެ ހަތިޔާރުގައި ބައްދާލައިގެންވާ ޙާލު، އޭނާގެ ވެރި ރައްބުގެ ގޮވާލުމަށް އިޖާބަ ދެމުންނެވެ.

އަބުލް މަރްޟިޔާ ޝަހީދުވެގެން ދިޔުމުގެ ކުރީން، އޭނާގެ ޙަޔާތުން އެތައް ޙާދިޘާއެއް އަޑު އަހާނެ ބަޔަކަށް ޢިބްރަތެއް ކަމުގައި ދޫކުރިއެވެ. އެއްފަހަރަކު، ފައްލޫޖާގެ ފުރަތަމަ ހަނގުރާމައިގެ ތެރޭގައި ކުރެވުނު ޙަމަލާ ބަދަލުކުރުންތަކެއްގައި އަބުލް މަރްޟިޔާގެ ހަށިގަނޑަށް ޙަމަލާއެއް އެރިއެވެ. އޭގެ ސަބަބުން އޭނާ ކޮންމެވެސް ވަރަކަށް ޕެރަލައިޒްވިއެވެ. ފަހުން އޭނާއަށް ފުރިހަމަ ޝިފާ ލިބުނެއްކަމަކު އެ އަނިޔާގެ އަސަރުތައް ތަޙައްމަލުކުރިއެވެ.

އެހެން ފަހަރެކެވެ. އެއީ އަބުލް މަރްޟިޔާގެ އެއްބަނޑު އެއްބަފާ ބޭބެ އަބޫ ޠަރީޤް ޖަލުން މިނިވަންކުރި ދުވަހެވެ. އަބޫ ޠަރީޤް ޖިހާދުގައި ބައިވެރިވީ އިރު އަބުލް މަރްޟިޔާ އަދި ޖިހާދުގެ މައިދާނަކަށް ނުނުކުމެއެވެ. އަބޫ ޠަރީޤް ޖަލުން މިނިވަންކުރުމުން، އޭނާގެ ކޮއްކޮ އަބުލް މަރްޟިޔާވެސް ޖިހާދުގައި ބައިވެރިވެއްޖެކަމުގެ ޚަބަރު އޭނާއަށް ދެވުނެވެ.

އެއީ ފައްލޫޖާގެ ފުރަތަމަ ހަނގުރާމައަށް ފަހުއެވެ. އެހަނގުރާމާގައި އަބުލް މަރްޟިޔާ ވަނީ ޕެރަލައިޒްވެފައެވެ. ނަމަވެސް އެހަނގުރާމައަކީ، އަބުލް މަރްޟިޔާގެ ކުޅަދާނަކަމާއި ހިތްވަރު އެހެން މުޖާހިދުންނަށް ފެނިގެން ދިޔަ ހަނގުރާމައެކެވެ. އެހަނގުރާމާގައި އޭނާ ވެފައިވަނީ ވަރަށް މުޙިއްމު ލީޑަރެއްކަމުގައެވެ.
އަބޫ ޠަރީޤަށް އޭނާގެ ކޮއްކޮ ފެނުނީ ހަނގުރާމާގައި ބޮޑު ޒަޚަމެއް ލިބިފައިވާތީއެވެ. އަބުލް މަރްޟިޔާ އޭނާގެ ހަށިގަނޑު ކޮޅަށް ހިފަހައްޓައިގެން ހުރީ ދަނޑިގަނޑެއް ވިއްދައިގެންނެވެ. ދެބެންނަށްމެ އެއީ އެދެމީހުން ޖިހާދުގެ މައިދާނުން ފެނުނު ފުރަތަމަ ފަހަރެވެ. އެއީ އަސަރުން ފުރިގެންވީ ވަގުތުކޮޅެކެވެ. ދެބެން އަލުން ދިމާވާ މިމަންޒަރު ބަލަން ދުރުގައި އެހެން މުޖާހިދަކު ހުއްޓެވެ. އެއީ އަބޫ އިސްމާޢީލް އަލް މުހާޖިރެވެ. އަބޫ އިސްމާޢީލް އެދުވަހުގެ ޙާދިޘާ ކިޔައިދެމުން ބުނެފައިވެއެވެ.
“އަބޫ ޠަރީޤް ޖަލުން މިނިވަންކުރި ދުވަސް އަހަރެން ހަނދާނެއް ނުނެތޭނެއެވެ. އޭނާގެ ކޮއްކޮ ދެކޯރުގެ ރަށުގައި (ޢިރާޤުގައި) މުޖާހިދަކަށް ވެއްޖެކަމުގެ ޚަބަރު އޭނާއަށް ދެވުނެވެ. އެއީ ފައްލޫޖާގެ ފުރަތަމަ ހަނގުރާމައަށް ފަހުއެވެ. އެހަނގުރާމާގައި އަބުލް މަރްޟިޔާއަކީ ލީޑަރެކެވެ. އަދި މުޖާހިދެކެވެ. އަދި އެހަނގުރާމާގައި އޭނާއަށް އަނިޔާވިއެވެ.

ދެދަނޑިގަނޑު ޖަހަމުން ދެފައި ކާތާފައި ކަހަލަ ގޮތަކަށް އޭނާ އައެވެ. ދެއަޚުން ބައްދަލުވާތަން ދެކެން އަހަރެން ތަންކޮޅެއް ދުރުގައި ހުރީމެވެ. ނުފެނި ހުރެ އެތައް ޒަމާނެއް ވުމަށްފަހު ލޯބިވާ ދެމީހުން ޖިހާދުގެ ބިމުގައި ބައްދަލުވަނީއެވެ. އަބޫ ޠަރީޤް އޭނާގެ ކޮއްކޮއާ ދިމާލަށް އަވަސްވެދިޔަގޮތް އަހަރެން ދުށީމެވެ. އަދި އޭނާގެ ކޯތާފަތް މައްޗަށް ކަރުނައިގެ ސައިލުތައް ފައިބައިގެން ދިޔަ ގޮތާއި، އަބުލް މަރްޟިޔާގެ ނިއްކުރިއާއި ބޮލުގައި ބޮސްދީ އުޅުނު ގޮތް އަހަރެން ދުށީމެވެ. އެކަކު އެވަނީ ހައްޔަރުކޮށް އަސީރުކުރެވުމުގެ ސަބަބުން އިމްތިޙާނު ކުރެވިފައެވެ. އަނެކަކު އެވަނީ އަނިޔާލިބުމުގެ ސަބަބުން އިމްތިޙާނު ކުރެވިފައެވެ. އެއަޚުންގެ އިޙްސާސުތައް ބަޔާންކޮށްދިނުމަށް ބަސްތައް ނުކުޅެދޭ ހިނދު، ހަނުހުރުން އެއީ އެންމެ މޮޅު އެންމެ ވަފާތެރި އަދި އެންމެ ސާފު ބަޔާންކޮށްދިނުމެވެ.”

އެފަދަ ޖަޒުބާތީ ދަނޑިވަޅެއްގެ އިޙްސާސަކީ އެފަދަ މަންޒަރެއް ފެންނަ މީހަކަށް ނޫނީ އިޙްސާސުނުވެވޭނެހާ އަސަރުން ފުރިފައިވާ ދަނޑިވަޅުތަކެވެ.

އަބުލް މަރްޟިޔާގެ ކުރިން އަބޫ ޠަރީޤް ޖިހާދުގައި ބައިވެރިވީ ފަދައިން، އަބުލް މަރްޟިޔާއަށްވުރެ ކުރިން އޭނާގެ ބޭބެ އަބޫ ޠަރީޤްވަނީ ﷲގެ ޙަޟްރަތަށްވެސް ދަތުރުކޮށްފައެވެ. އެހެނަސް، އަބުލް މަރްޟިޔާގެ ފަރާތުން އިސްލާމީ އުއްމަތަށް ޢިބްރަތުން ފުރިގެންވާ ދަރުސްތަކެއް ދައްކައިދިނުމަށްޓަކާ އަބުލް މަރްޟިޔާގެ ޙަޔާތުގެ ޞަފްޙާތައް ކުރިއަށް އުކެން ފެށިއެވެ.

އަބުލް މަރްޟިޔާގެ ޒަޚަމްތައް ރަނގަޅުވެ މާތްﷲ އޭނާއަށް ޝިފާދެއްވިއެވެ. އެއަށްފަހު ފައްލޫޖާގެ މައިދޮރޯއްޓެއް ބެލެހެއްޓުން އޭނާއަށް ޙަވާލުކުރެވުނެވެ. އެއަށްފަހު އެއަށްވުރެ ނުރައްކާތެރި އެހެން ދޮރޯއްޓެއް ބެލެހެއްޓުން އަބުލް މަރްޟިޔާއަށް ޙަވާލުވެވުނެވެ. އެއީ ރަށުގެ ދެކުނު ފަރާތުގެ މައި ދޮރޯއްޓެކެވެ. މި އުނދަގޫ މަސައްކަތާ ޙަވާލުވުމަށް އެންމެ އެކަށޭނަ މީހާއަކީ އަބުލް މަރްޟިޔާ ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާގެ ޒިންމާ އަދާކުރުމުގައި އޭނާ ދެމިހުއްޓެވެ. ރަނގަޅަށް ކޮންޓްރޯލް ބެލެހެއްޓޭ ސަރަޙައްދުތައް ބަލާ ފާސްކޮށް ކޮންޓްރޯލް އިތުރަށް ބޭނުންވާ ސަރަޙައްދުތަކަށް އިތުރު އިންތިޒާމްތައް ހަމަޖެއްސުމުގައި އޭނާ އުޅުނީ އަވަދިނެތިއެވެ.

ހަނގުރާމައިގެ ބެރުތަކުގެ އަޑު ގަދަވެއްޖެއެވެ. ދުވަހެއް ދުވަހަކަށް ނުރައްކާ ދިޔައީ އިތުރުވަމުންނެވެ. ދެންމެ ދެންމެ ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެން ގޮސްދާނޭ ހީވާފަދައެވެ. އެމެރިކާގެ ލަޝްކަރުތަކުގެ ޙަމަލާތައް ފައްލޫޖާއަށް އަމާޒުކުރެވިއްޖެއެވެ. ރަށުގެ ތެރެއަށް ބޮންއަޅާ ތަންތަން ގޮއްވުން އެތައް ތަނެއް އިތުރުވެގެން ހިނގައްޖެއެވެ. މިގޮތުގައި މަހަކަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެއެވެ. ޙަމަލާއަށް އެއްވެސް ހުއްޓުމެއް ނާދެއެވެ. އަންނަނީ ދުވަހެއް ދުވަހަކަށް ޙަމަލާ ވަރުގަދަ ވަމުން ހޫނުވަމުންނެވެ.

ދެވަނަ މަސްނިމުމަކާ ގާތްވި އިރުވެސް ޙަމަލާ ބަދަލުކުރެވެމުން ދަނީއެވެ. އެމެރިކާގެ އިސްތިޢުމާރީ ލަޝްކަރުތަކަށް ކާމިޔާބެއް ނުލިބުމުގެ އެންމެ ބޮޑު ސަބަބަކަށް ވެފައިވަނީ އަބުލް މަރްޟިޔާއެވެ. އެންމެ ނުރައްކާތެރިކޮށް އެމެރިކާއަށް ޙަމަލާ ދެވެމުން ދިޔައީ އަބުލް މަރްޟިޔާގެ ލީޑަރޝިޕްގެ ދަށުގައި ހުރި ސަރަޙައްދުތަކުންނެވެ. އެ ސަރަޙައްދުތަކަކީ އެންމެންނަށްވެސް އެންމެ މުޙިއްމު ސަރަޙައްދުތަކަށްވީތީ، މުޖާހިދުންވެސް އަދި އެމެރިކާގެ އިސްތިޢުމާރީންވެސް އެންމެ ބަލަބަލާ ތިބީ އެސަރަޙައްދަށެވެ.

މިހުއްޓުމެއް ނެތް ޙަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި، ފައްލޫޖާގެ ދެވަނަ ހަނގުރާމަ ފެށުނީއެވެ. އަބުލް މަރްޟިޔާގެ ސްޓޭޝަން އެންމެ ބޭނުން ބޮޑު ސްޓޭޝަނަށް ވީ ހިނދު އެންމެ ނުރައްކާތެރި ސްޓޭޝަނަކަށްވެސް ވެފައިވަނީ ހަމައެތަނެވެ. އެއީ “ސިނާހް”އާވީ ފަރާތުން ހަނގުރާމައަށް ވަދެވެން އޮތް ފުރަތަމަ ދޮރުއައްޓެވެ. އަދި އެއީ ޖާމިޢުލް ޚުލަފާއާ ޖެހިގެން ހުރި ސްޓޭޝަންވެސްމެއެވެ.

މުޖާހިދުންގެ ސަފުތަކުން ބަލިކަށި ހިސާބުތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން އެމެރިކާގެ ލަޝްކަރުތައް ކުރިއަށް ޖެހިލައިފިއެވެ. މިހާރު އެމީހުންނަށް އަބުލް މަރްޟިޔާގެ ސްޓޭޝަނަށް މާބޮޑަށް ނުރައްކާ ކުރެވޭނެއެވެ. އެމެރިކާގެ ބަރު ހަމަލާތައް އަބުލް މަރްޟިޔާގެ ސްޓޭޝަނަށް އަމާޒުކުރެވުނެވެ. އެހެނަސް، އަބުލް މަރްޟިޔާގެ ކައިރީގައި އުޅޭ މުޖާހިދުންނަކީ ހިތްވަރު އެލޭނެ ބައެއް ނޫނެވެ. އަބުލް މަރްޟިޔާގެ ފަރާތުން އެންމެހާ މުޖާހިދުންނަށް ލިބިފައިވަނީ އާދަޔާ ޚިލާފް ބާރެކެވެ. އެދުވަހު އެމެރިކާގެ އިސްތިޢުމާރީންނަށް އެކަން ރަނގަޅަށް އެނގޭނެއެވެ. އެންމެ ފަހުވަގުތާ ޖެހެންދެން މުޖާހިދުން ހަނގުރާމަ ކުރިއެވެ. މުސްލިމުންނަކީ، ކާފަރުންގެ ހަތިޔާރުދެކެ ބިރުން ދުވެފިލާ ބައެއް ނޫންކަން އެދުވަހު މުޖާހިދުން ސާބިތުކޮށްދިނެވެ. އެހެންޏާ ހަނގުރާމަކޮށް ޝަހީދުވުމެވެ. ނުވަތަ ހަނގުރާމަކޮށް ނަޞްރުލިބުމެވެ. ފިލާ ރައްކާވުން އެއީ މުޖާހިދުންނަށް އިޚްތިޔާރެއްނޫނެވެ.

ބަދަލުކުރެވުނު ގަދަފަދަ ޙަމާލާތަކުގައި އެތައް ބައިވަރު މުޖާހިދުންނެއް ޝަހީދުވެގެން ބިންމައްޗަށް ތިރިވިއެވެ. ނަމަވެސް ފަސޭހަގޮތެއްގައި އެމެރިކާއަށް ފައްލޫޖާއަށް ނޭރޭނެކަން އެމީހުން ދައްކާލަދިނެވެ. މުސްލިމުންގެ ފަޚްރުވެރި ދަރިއެއްކަމުގައިވި އަބުލް މަރްޟިޔާ ސަލާމަތުން އެހެން ސަރަޙައްދަކަށް ދިޔުމަށް އޭނާއަށް މަގުދައްކައިދެވުނެވެ. ނަމަވެސް އަބުލް މަރްޟިޔާ އޭނާގެ މުޖާހިދުން ދޫކޮށް މަރަށް ފިލަންދިޔުމަށް އެއްވެސް ވިސްނުމެއް ނުގެންގުޅުނެވެ. މުޖާހިދުން ހަމައަކަށް އެޅުވުމަށް މުޖާހިދުންގެ ދެމެދު ޙަރަކާތްތެރިވަމުން ދިޔައެވެ. އޭނާއަށް ކުރިން ލިބިފައިވި ޒަޚަމްގެ ސަބަބުން ކޮންމެވެސް ވަރަކަށް ކޮރު ޖަހަން ޖެހުނު ނަމަވެސް، އޭނާގެ ކިބައަކުން ވަރުބަލިކަމެއް ފޫހިކަމެއް ފެންނާކަށް ނެތެވެ. ނަމަވެސް އަނިޔާ ލިބުމުގެ ކުރިން އޭނާގައި ހުންނަ އަވަސްކަމާއި ހަލަނިކަމަށް، އެ ޒަޚަމްގެ ސަބަބުން ދޭތެރެ ދޭތެރެއަކުން ހުއްޓުން ގެނުވައެވެ.

އިދިކޮޅު ފަރާތުން، ދުޝްމަނުންގެ ސްނައިޕަރުން މުޅި ސަރަޙައްދަށް ފެތުރިގެންފިއެވެ. އެހެންކަމުން މުޖާހިދުންނަށް ޖެހުނީ އެމީހުންގެ ކުރިމައްޗަށް ހުރި ޢިމާރާތް ދޫކޮށްދާށެވެ. މިކަން އަބުލް މަރްޟިޔާއަށް އެނގުމުން އޭނާ އެކަމާ ވަރަށް ހިތްހަމަ ނުޖެހުނެވެ. އަދި އޭނާ އެކަނި ނަމަވެސް އެޢިމާރާތަށް ދާނެކަމަށް ބުންޏެވެ. އެހެން މީހުން އޭނާ ހިފެހެއްޓޭތޯ ބެލިއެވެ. އެޢިމާރާތަށް ދިޔުމަށްޓަކާ ހުރަސްކުރަން ޖެހޭ މަގު ވަނީ މިހާރު ސްނައިޕަރުންގެ ކޮންޓްރޯލްގެ ދަށުގައިކަމަށް ބުނުމުންވެސް އަބުލް މަރްޟިޔާގެ ނިންމުމަށް ބަދަލެއް ނުގެނައެވެ. އެޢިމާރާތުގެ ކޮންޓްރޯލް އެއަށްވުރެ މުޙިއްމެވެ. އެހެންކަމުން ނުފުރިވާ ހުސްތަން ފުރުމަށްޓަކާ އަބުލް މަރްޟިޔާ އެކަނިމާއެކަނި ނުކުތެވެ.

ދާންވާ ހިސާބާ ދާދި ގަތްވެފައިވަނިކޮށް، ނިކަމެތި އެހަނަސް އިސްލާމްދީނުގެ ފަޚްރެއްކަމުގައިވި އަބުލް މަރްޟިޔާއަށް ޙަމަލާއެއް އަރައިފިއެވެ. ހަމަކުރީންވެސް އަނިޔާ ލިބުނު ފައިގެ ހަމަ އަނިޔާ ލިބުނު ޒަޚަމަށެވެ. އެޙަމަލާދެވުމުން އަބުލް މަރްޟިޔާ ބިންމައްޗަށް ވެއްޓިއްޖެއެވެ. ދުޝްމަނުންގެ ދެވަނަ ޙަމަލާއެއް ދެވެން ވާއިރަށް އަބުލް މަރްޟިޔާ އެނބުރި މުޖާހިދުންގެ ގާތަށް އަތުވެއްޖެއެވެ. އަދި ބުންޏެވެ. “ﷲ މިހާރު އަހަރެން ޢުޛުރުވެރިކުރުވައިފިއެވެ.”

އެއަނިޔާގެ ސަބަބުން ތަދުވާތީ އަބުލް މަރްޟިޔާ ރޮއި ހަޅޭލަވާއެއް ނުހަދައެވެ. އެހެނަސް އޭނާގެ ފައިގައި ބެންޑޭޖް އަޅަމުން ދިޔައެވެ. އަދި އޭނާގެ ހިތްވަރުގެ ބަސްތަކުން، މޯޅިވެފައިވާ މުޖާހިދުންގެ ހިތްތައްވެސް ބެންޑޭޖްކުރަމުން، އެއަށާއި މިއަށް ފަރުވާދެމުންދިޔައެވެ.

ކުޅަދާނަ ފަހުލަވާނު އަބުލް މަރްޟިޔާއަށް ލިބުނު ޒަޚަމްގެ ސަބަބުން މުސްލިމުންގެ ސަފުތަކަށް ލިބިފައިވާ އުނިކަމުގެ ބޭނުން ހިފައިގެން އެންމެފަހުން ދުޝްމަނުންގެ ލަޝްކަރުތައް އެސަރަޙައްދަށް ވެރިވެގަނެއްޖެއެވެ. އެހެންކަމުން މުޖާހިދުންނަށް ޖެހުނީ އަބުލް މަރްޟިޔާ ގޮވައިގެން އެހެން ރައްކާތެރި ޢިމާރާތަކަށް ބަދަލުވާށެވެ. އެއް ޢިމާރާތް ދޫކޮށް އަނެއް ޢިމާރާތަށް މިހެން އެތައް ފަހަރަކު ބަދަލުވާން ޖެހުނެވެ. އެފަދައިން، އެއްތަނުން އަނެއް ތަނަށް އަވަސްކަމާއެކު ޙަރަކާތްތެރިވާންޖެހުމުން އަބުލް މަރްޟިޔާގެ ޒަޚަމަށް އިތުރު ވޭން ގެނުވިއެވެ. ނަމަވެސް ތަދު އިޙްސާސްވާކަން އޭނާގެ ކެތްތެރިކަމާއި އަޚްލާޤުގެ ސަބަބުން އެހެން މުޖާހިދުންނަށް ހާމަނުކޮށްވޭތޯ އޭނާ ހިތްވަރުކުރިއެވެ.

އެންމެފަހުން އަބުލް މަރްޟިޔާ ގެންގޮސް ބެހެއްޓުނީ ޒަޚަމްވެފައިވާ ވަރަށް ގިނަ ޢަދަދެއްގެ މުޖާހިދުން ތިބި ޢިމާރާތަކަށެވެ. އެޢިމާރާތުގައި މާ ގިނަ އިރު ތިބެވޭކަށް ނެތެވެ. ދުޝްމަނުންގެ ބުލްޑޯޒަރުތައް ޙަރަކާތްތެރިވާން ފައްޓައިފިއެވެ. ފަހަރަކު ގެއެއް ބިމާ ހަމަކުރަމުން ސުންނާފަތިކުރަމުން ދުއްވަން ފައްޓައިފިއެވެ. ޑިމޮކްރަސީއާއި މިނިވަންކަން ޢިރާޤްގެ ރައްޔިތުންނަށް ހޯދައިދެނީ އެފަދައިން ބާވައެވެ؟ ކޮންމެއަކަސް، މިފަދައިން ގެތައް ސުންނާފަތިކޮށް ބިމާ ހަމަކުރަމުން އައިސް އެންމެފަހުން އަބުލް މަރްޟިޔާ އާއި އަނިޔާ ލިބިފައި ތިބި އެހެން މުޖާހިދުން ތިބި ގެއާ ޖެހިގެން ކުރިމައްޗަށް ހުރި ގެވެސް ބިންހަމަކޮށްލައިފިއެވެ. މުޖާހިދުންނަށް ކިރިޔާ ފަހަރަކު މުޖާހިދަކު ގެއިން ނެރެ ރައްކާތެރި ހިސާބަކަށް ގެންދެވުނީއެވެ. އެމެރިކާގެ ބުލްޑޯޒަރުތައް އައިސް އެގެވެސް ކާލައިފިއެވެ.

މިހާރު މުޖާހިދުން ތިބީ އެކި ގޭގެއަށް ބަހާލެވިފައެވެ. އަބުލް މަރްޟިޔާވެސް މުޖާހިދުންކޮޅަކާއެކު އެއިން އެއްގޭގައި ހުއްޓެވެ. ދެން ފެށުނީ އެމެރިކާގެ ލަޝްކަރީން މުޖާހިދުން ފަހާދުވުމުގެ މަސައްކަތެވެ. އެމީހުންނަށް ނުހަނު ދުއްތުރަޔާ ގެއްލުން ލިބުނު ސްޓޭޝަންގެ މުޖާހިދުން ދުއްވާލުމަށް ކުރި މަސައްކަތެވެ. އެގޮތުން، އެމެރިކާގެ އެފް-16 ގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން އަބުލް މަރްޟިޔާ ހުރި ގެއަށް ބޮންއަޅާ އެގެ މުޅިން ފަނާކޮށްލައިފިއެވެ. އެއާއެކު، އިސްލާމުންގެ ފަޚްރެއްކަމުގައިވި ކުޑަކުޑަ ބަޠަލް އަބުލް މަރްޟިޔާވެސް އޭނާގެ ވެރި އިލާހުގެ ޙަޟްރަތަށް ޝަހީދެއްގެ ގޮތުގައި ދަތުރު ފަށައިފިއެވެ.

މިތަން ހަމަލޮލުން ދެކެފައިވާ މުޖާހިދެއް ކަމުގައިވާ އަބޫ އިސްމާޢީލް އަލްމުޖާހިރު ބަޔާންކޮށްފައިވާ ގޮތުގައި، އެދުވަހު އަބުލް މަރްޟިޔާގެ ފަރާތުން ހާސްކަމާއި ހަމަނުޖެހުމުގެ އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އެހެނަސް، އޭނާގެ ފަރާތުން މުޖާހިދުންނަށް ދައްކާދީފައިވަނީ، އާދަޔާ ޚިލާފް ޘާބިތުކަމާއި ކެތްތެރިކަމެވެ. ދެރައާއި ހިތާމާގެ ބަދަލުގައި އޭނާގެ މޫނުމަތި ފަޅުފިލުވާފައިވަނީ އޭނާގެ ހުނުމާއި، ހިނިތުންވުމުންނެވެ. އަދި އޭނާގެ ރީތި އަޑުން ދޭތެރެ ދޭތެރެއިން ކިޔާލަ ރީތި މަދަޙަތަކުންނެވެ.

އެއީ އަބުލް މަރްޟިޔާއެވެ. އެއީ ޢިރާޤުގެ ޖިހާދުގައި ބައިވެރިވުމަށް ހިޖްރަކުރި މުހާޖިރުންގެ ތެރެއިން އެންމެ އަޑު ރީތި މުޖާހިދެވެ. “ރިޔާހުއް ނަޞްރު” މަދަޙަ އަލްބަމްގެ ގިނަ މަދަޙަތައް ކިޔާފައިވަނީ އަބުލް މަރްޟިޔާކަމުގައިވެއެވެ.

މިއީ އުއްމަތް ފަޚްރުވެރިވާފަދަ ދަރިއެއްގެ ޙަޔާތުން ކުޑަ މިންވަރެކެވެ. ޢިރާޤްގެ ޖިހާދުގައި ބައިވެރިވުމަށް އޭނާކުރި ދަތުރުގެ ވާހަކައާއި، އެދަތުރުގައި ސޫރިޔާގެ ޖަލެއްގައި އެތައް ދުވަހަކު ހައްޔަރުކުރެވުނު ވާހަކަތައް ދައްކަން ފަށައިފިނަމަ، އަވަހަކަށް ނުނިމޭނެއެވެ. އުއްމަތަށް މިއަދު ބޭނުންވަނީ މިފަދަ ދަރީންނެވެ. އުއްމަތް މިއަދު އެދި ގޮވަނީ މިފަދަ ދަރީންނަށެވެ.

އޭނާގެ ޙަޔާތުން ދެން އުއްމަތުގެ މީސްތަކުންނަށް އޮތް އުފާވެރި މެސެޖަކީ، އޭނާ ޝަހީދުވުމުގެ ކުރީން އޭނާވަނީ ޢިރާޤްގެ އަންހެން ދަރިއަކާ ކައިވެނިކޮށްފައިކަމެވެ. އަދި އަބުލް މަރްޟިޔާ ޝަހީދުވުމަށްފަހު، އެކައިވެންޏަށްވަނީ ކުޑަކުޑަ އަބުލް މަރްޟިޔާއެއް އުފަންވެފައިކަމެވެ. އެއީ، އިންސާނުންގެ ތެރެއިން އޭނާގެ ބައްޕަ އަބުލް މަރްޟިޔާއާ އެންމެ ވައްތަރު ކުއްޖާއެވެ. ހީވަނީ އެއް އަބުލް މަރްޟިޔާގެ ބަދަލެއްގެ ގޮތުގައި އަނެއް އަބުލް މަރްޟިޔާއަކު އުއްމަތަށް ދެއްވީހެނެވެ.

މާތް ﷲ އަބުލް މަރްޟިޔާގެ ޢަމަލްތައް ޤަބޫލުކުރައްވާ ޝަހީދުންގެ މާތް ދަރަޖަ އޭނާއަށް ދެއްވާނދޭވެ. އާމީން!