ފެޑެރަލް
ޕޮރޮސެކިޔުޓަރުންގެ ރަޢުޔާ އެއްގޮތަށް، އަލްޤައިދާއާ ގުޅުން އޮންނަ ކަމަށް
ތުހުމަތުކޮށް 2002 ވަނަ އަހަރު ހައްޔަރުކޮށްފައިވާ އެމެރިކާގެ ރައްޔިތެއްކަމަށްވާ
ޖޯސް ޕެޑިއްލާއަށް ކޮށްފައިވާ 17 އަހަރުގެ ޖަލު ޙުކުމް ކުޑަކަމަށް އެމެރިކާގެ އިސްތިއުނާފް
ކޯޓުން ނިންމައިފި އެވެ. މި އެފަރާތުން މި އަދަބު ބޮޑުކުރުމަށް ޖަޖުންނަށް ގޮވާލާފައިވެ
އެވެ.
އެމެރިކާގެ
އިސްތިއުނާފު ކޯޓަކުން މިފަދައިން ކުށްވެރިއެއްގެ އަދަބު ބޮޑުކުރުމަށް ގޮވާލުމަކީ
ވަރަށް ނާދިރުކަމެއް ކަމަށް އެމެރިކާގެ ގިނަ ނޫސްތަކަކުން ފާހަގަކޮށްފައިވެ އެވެ.
ޖޯސް
ޕަޑިއްލާ ނުވަތަ ޢަބްދުﷲ އަލްމުހާޖިރު (ނުވަތަ މުހާޖިރު ޢަބްދުﷲ) އަކީ
'ޓެރަރިސްޓުން'ނާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި 2002 ވަނަ އަހަރު ހައްޔަރުކޮށްފައިވާ
އެމެރިކާގެ ރައްޔިތެކެވެ. 2002 ވަނަ އަހަރު މެއި މަހު 8ވަނަ ދުވަހު އޭނާ
ހައްޔަރުކޮށްފައިވަނީ "މެޓީރިއަލް ހެއްކެއް" ނުވަތަ ކުށްވެރިންނާ ބެހޭ
މައުލޫމާތު ލިބިދާނޭ މީހެއްގެ ގޮތުގަ އެވެ. ނަމަވެސް އެ އަހަރު ޖޫން 9 ވަނަ ދުވަހު
އޭނާ އަކީ "އެނިމީ ކޮމްބެޓެންޓް" އެއް ނުވަތަ ހަނގުރާމާކުރެވޭ
ދުޝްމަނުންގެ މީހެއްކަމަށް އޭރުގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް އިޢުލާން ކުރުމާ
ގުޅިގެން އޭނާއަށް މަދަނީ ކޯޓުތަކުގައި ޝަރީޢަތް ނުކޮށް މިލިޓަރީ ޖަލަކަށް
ބަދަލުކުރެވުނެވެ. މިފަދައިން 3 އަހަރާއި ހަމަހު މިލިޓަރީ ޖަލެއްގައި
ބެހެއްޓުމަށްފަހު، އޭނާގެ ޝަރީޢަތް މަދަނީ ކޯޓެއްގައި ކުރެވިފައިވަނީ ޢާއްމުން
ކުރަމުން ދިޔަ ޕްރެޝަރުގެ ސަބަބުންނެވެ. އޭނާގެ މައްޗަށް 17 އަހަރުގެ ޖަލު ޙުކުމެއް
އޭނާގެ މައްޗަށް ކުރެވިފައިވަނީ 2008 ވަނަ އަހަރު އެވެ.
ޖޯސް
ޕެޑިއްލާ އަކީ އޭނާގެ ޢުމުރުގެ ކުރީކޮޅު މަގުމަތީގައި ތަފާތު ގޭންގް ކުށްތަކާއި
މާރާމާރީއާ ފޭރުމާއި ވައްކަމުގެ ތަފާތު ޢަމަލުތަކެއް ކޮށް މީހަކުވެސް މަރާލާފައިވާ
މީހެކެވެ. ތަފާތު ފަހަރު މަތިން ޖަލަށް ލެވިފައިވާ ޖޯސް އިސްލާމްވެފައިވަނީ އޭނާ
އެންމެ ފަހުން ޖަލުން ދޫކޮށްލިފަހުން 1992 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ
ޖަލަށް ލެވިފައިވަނީ މި ކުރެވުނު ތުހުމަތުތަކުގަ އެވެ. އޭނާ އިސްލާމްވުމާ ގުޅިގެން
އޭނާ އިސްލާޙްވެ މުޅިން ބަދަލުވެފައިވާ ކަމަށް އޭނާގެ ގާތް ފަރާތްތަކުން ހާމަކުރެ
އެވެ.
ނަމަވެސް
މި ފަހަރު އޭނާއަށް ކޮށްފައިވާ 17 އަހަރުގެ ޖަލު ޙުކުމް ބޮޑުކުރަން ޖެހޭނެކަމަށް
ބުނަމުން ޗީފް ޖަޖު ޖޯލް ޑޮބީނާ ވިދާޅުވެފައިވަނީ "މަގުމަތީގައި ހިންގޭ
މާރާމާރީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހަކަށްވުރެ އޭނާގެ ނުރައްކާތެރިކަން
ބޮޑު" ކަމަށެވެ. އެތައް ކުށެއް ކުރިކަން ޘާބިތުވި އިރު ޖަލުހުކުމްތައްކޮށް
ދޫކޮށްލާފައިވާއިރު، މިހާރު ތުހުމަތެއްގައި ހައްޔަރުކޮށް އަދަބު ބޮޑުކުރުމަށް
މަސައްކަތްކުރާތީ އެމެރިކާގެ ޤާނޫނު ހިންގާ ފަރާތްތަކުގެ ދޯދިޔާކަން ހާމަވެގެން ދެ
އެވެ.
ޖޯސް
ޕެޑިއްލާއަކީ ސެޕްޓެމްބަރު 11 ގެ ހަމަލާއަށް ފަހު އަލްޤާއިދާއަށް ގުޅުން އޮންނަ
ކަމުގެ ތުހުމަތުގައި 3 ވަނަ އަށް ހައްޔަރުކޮށްފައިވާ އެމެރިކާގެ ރައްޔިތެވެ.
No comments:
Post a Comment