Pages

Saturday, July 28, 2012

ﷲ ގަންދީ ބުނަން! ނަޞްރުﷲ، ކަލޭ ރޭގަނޑު ނިދިޔަކަ ނުދޭނަން: ޝައިޚް އަސީރީ

ސީރިޔާގެ މައްސަލާގައި ބައްޝާރުލް އަސަދާ އެއްބައިވެ ހިޒްބުﷲގެ މަދަދާ އެކު އެތައް ގިނަ ޢާއްމު ރައްޔިތުންނަކާ ދެކޮޅަށް ޤަތުލް ޢާއްމު ހިންގުމުގައި ބައިވެރިވަމުންދާ ޝީޢީ ހަނގުރާމަވެރި ޖަމާޢަތުގެ ލީޑަރ ނަޞްރުﷲ އަކީ ލުބުނާނުގެ ސިޔާސީ މައިދާނުގައިވެސް ނުހަނު ގަދަރު ލިބިގެންވާ މީހެކެވެ. އޭނާއާ ދެކޮޅަށް އެއްޗެކޭ ބުނަން ކެރޭވަރު މީހަކު ލުބުނާނުގައި ނެތް ފަދައެވެ. މިފަދަ ދަނޑިވަޅެއްގައި ލުބުނާނުގެ ސުންނީ ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް އަޙްމަދު އަލްއަސީރީ ތެދުވެ ވަޑައިގެން ހިޒްބުﷲ ޖަމާޢަތާ ދެކޮޅަށް ބަހުގެ ހަމަލާތަކެއްދަނީ މިހާރު ދެއްވަމުންނެވެ.
“ﷲ ގަންދީ ބުނަން! ނަޞްރުﷲ، ކަލޭ ރޭގަނޑު ނިދިޔަ ނުދޭނަން އަހަރެންނަށް ވެގެންވިއްޔާ..” އަސީރީގެ ތަޤްރީރެއްގައި އޭނާގެ ސަޕޯޓަރުންގެ ތެރޭގައި ހުންނަވާ ވިދާޅުވިއެވެ. ޝެއިޚްގެ ޖެހިލުން ކުޑަކަމުން ޝެއިޚް އަސީރީގެ މަޤްބޫލުކަން އަންނަނީ ލުބުނާނުގައާއި މުޅި މެދު އިރުމަތީގައިވެސް އިތުރު ވަމުންނެވެ. އެއްއިރެއްގައި މެދުއިރުމަތީގެ ޕޮޕް ލަވައިގެ ރަސްގެފާނުގެ ނަމުން މަޝްހޫރުވެގެން އައި ފަޟްލު ޝާކިރުވެސް މިހާރު ލަވަކިޔުން ދޫކޮށް ޝައިޚްގެ ދަރުސްތަކުން ފެންނަ މޫނަކަށް ވަނީ ވެފައެވެ.
ހިޒްބުﷲ އާ ދެކޮޅަށް ޝެއިޚް ކުރައްވާ މަސައްކަތުގެ ތެރޭގައި ލުބުނާނުގެ ބަނދަރުމަތީ ރަށެއްކަމުގައިވާ ސިދުން (ޞައިދާ) ގެ މައިމަގު ވަނީ ބަންދުކޮށްފައެވެ. އަދި ވަނީ ހިޒްބުﷲ އިން ހަތިޔާރު ބެހެއްޓުމަށް ގޮވާލާފައެވެ. މިފަދަ އިންޒާރުތަކެއްގެ ސަބަބުން ސަރުކާރަށް ހިޒްބުﷲއާ ވާހަކަ ދައްކާ ޙައްލެއް ހޯދަންވަނީ މަޖްބޫރުވެފައެވެ. ހިޒްބުﷲ އަކީ ލުބުނާނުގެ ސަރުކާރަށް ވުރެ ވަރުގަދަ އަސްކަރިއްޔާއެއް އޮންނަ ޖަމާޢަތެކެވެ. އެޖަމާއަތުގެ ހަރިޔާރު ސަރުކާރަށް ހަވާލުކުރުމަށް ދެކޮޅު ހަދަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ބިލާލް ބިން ރަބާޙް މިސްކިތުގެ ވާއިޠު ޝެއިޚް އަހްމަދު އަސީރީގެ ގޮވާލުމަކީ ހުރިހާ ހަތިޔާރެއް ވަގުތުން ސަރުކާރާ ހަވާލުކުރުމެވެ.
“މިއީ ލުބުނާނުގެ ތަޙްރީރު މައިދާނުގެ ފެށުން.” ހިޒްބުﷲ އާ ދެކޮޅަށް ކުރައްވާ މަސައްކަތްތަކަށް ނިސްބަތްކޮށް ޝެއިޚް އަސީރީ ވިދާޅުވިއެވެ. “އެމީހުން ލައްކަ ދުވަސްވަންދެން އަހަރެމެން ނިކަމެތިކޮށްފި. މިހާރުމީ އަހަރެމެންގެ ޤަދަރުވެރިކަމާ ގުޅޭކަމެއް. މިގޮތަށް އަހަރެމެންނަށް ނޫޅެވޭނެ. މިވަރު ފުދިއްޖެ.” ޝެއިޚް އިޙްތިޖާޖްކުރައްވަމުން ގެންދަވާ ޖަގަހާގައި ހުންނަވާ އެސޯސިއޭޓެޑް ޕްރެސްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވިއެވެ.
ހިޒްބުﷲ އަކީ ސުންނީ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާއްމުތައް ހިންގަމުންދާ ޝީޢީ ޓެރަރިސްޓް ޖަމާޢަތެކެވެ. ލުބުނާނުގެ ސުންނީ ވެރިކަން ނިކަމެތިކޮށްލުމަށް ފަހު ލުބުނާނުގައި އެމީހުންގެ ބާރު ގަދަކޮށް ގަނެ ސުންނީ މުސްލިމުންނަށް ފުރައްސާރަ ކުރަމުން ދާތާ ޒަމާންތަކެއް ވެއްޖެއެވެ. އެޖަމާޢަތަށް އެހީތެރިކަންދޭ މައިގަނޑު 2 ޤައުމަކީ އީރާނާއި ސީރިޔާއެވެ. ސީރިޔާގައި ބައްޝާރުގެ ވެރިކަން ވެއްޓެމުންދާތީ ހިޒްބުﷲ ޖަމާޢަތްވެސް އޮތީ ފަހު ނޭވައަށް އެޅިފައިކަމުގައި ގިނަ މުޙައްލިލުން ދެކެއެވެ.