Pages

Monday, September 19, 2011

ސްރީލަންކާގެ ނަސްލީ މައްސަލަތަކަށް ޙައްލެއް ހޯދުމުގައި މުސްލިމުން ބައިވެރިކުރުމަށް އެދެފި




ކޮލޮމްބޯ: ސްރީލަންކާގައި ނިމިދިޔަ ނަސްލީ ހަނގުރާމާގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި މުސްލިމުން ބައިވެރިކޮށްދިނުމަށް މުުސްލިމުންގެ ބޮޑު ސިޔާސީ ޕާރޓީއެއް ކަމަށްވާ ސްރީލަންކާ މުސްލިމް ކޮންގްރެސް (އެސްއެލްއެމްސީ) ގެ ފަރާތުން ސަރުކާރުގައި އެދެމުން އެބަދެ އެވެ.

އެޕާރޓީގެ ޗެއަރމަން އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ކޯޕަރޭޓިވްސް އެންޑ އިންޓަރނަލް ޓްރޭޑް ބަޝީރު ސެގޫ ދާޥޫދު ވިދާޅުވާ ގޮތުގައި، ހަނގުރާމާގެ ސަބަބުން މުސްލިމުންނަށްވެސް އަސަރުކޮށްފައިވާތީ، މިމައްސަލައަށް ޙައްލު ހޯދުމުގައި ބައިނަލް އަޤްވާމީ މުޖްތަމަޢުން ސްރީލަންކާގެ މުސްލިމުންވެސް ބައިވެރިކުރަން ވާނެ އެވެ. އެބޭފުޅާ މިހެން ވިދާޅުވެފަިއމިވަނީ މި ސެޕްޓެމްބަރ މަހު އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ރޮބާރޓް ބްލޭކް މިމައްސަލައަށް ޙައްލު ހޯދުމުގެ ނަމުގައި ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުގައި އެއްވެސް މުސްލިމް ސިޔާސީ ލީޑަރަކާ ބައްދަލުނުކުރައްވާ ފުރާވަޑައިގެންފައި ވަނިކޮށެވެ.

ބަޝީރު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެމެރިކާއިން މިމައްސަލައަށް ޙައްލެއް ހޯދަން އެދޭނަމަ މުސްލިމުންނާވެސް ވާހަކަ ދައްކަން ޖެހޭނެ އެވެ. ނަމަވެސް ރޮބާރޓް ބްލޭކް އެފަދައިން ޢަމަލުކުރެއްވީ ކީއްވެކަމެއް ނޭނގޭ ކަމަށްވެސް ބަޝީރު ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސަ މީގެ ކުރިން ނިންމަވާފައިވަނީ އެތާނގެ ޤާނޫނު ހަދާ މަޖްލީހުގެ ފަރާތުން ޢައްޔަނު ކުރާ ކޮމިޓީއަކުން މިމައްސަލައާ މެދު މަޝްވަރާކޮށް ސިޔާސީ ޙައްލެއް ގެނައުމަށެވެ. ރާޖަ ޕަކްސަ ވިދާޅުވާ ގޮތުގައި، ޙައްލެއް ހޯދުމުގައި ބަލަން ހަމައެންމެ ސިޔާސީ ޕާރޓީއެއްގެ މަޝްވަރާތަކަކަށް ޙައްލު ހަނިކުރެވިގެން ނުވާނެ އެވެ.

ސްރީލަންކާގައި މުސްލިމުންގެ އާބާދީ އަކީ މުޅި އާބާދީ ގެ އެންމެ 10 އިންސައްތަ އެވެ.

No comments: