photo link: https://picasaweb.google.com/101189269900134098592/OmarSalcedoPanelbar |
ތިރީގައިމިވަނީ ޓައިމްސް އޮފް އޮމާންގައި 7 ސެޕްޓެމްބަރު 2011 ގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ އަވަސް ދިވެހި ތަރުޖަމާ އެވެ.
މުސްޤަޠު (Muskat) : ދުނިޔެއަށް މަޝްހޫރު ފިލިޕީންސްގެ ވާހަކަދެއްކުންތެރިޔާ އަދި އިސްލާމްދީނާ ބެހޭ ޢާލިމް، ޢުމަރު ސަލްސެޑޯ ޕެނަލްބާރ އިސްލާމްދީނާމެދު ދެއްވާ ލެކްޗަރތަކުގެ ސިލްސިލާތައް ސުލްޠާން ޤަބޫސް ގްރޭންޑް މަސްޖިދުގައި މިރޭ 8:30 ގައި ފަށާނެ އެވެ.
ލެކްޗަރތައް ކުރިއަށް ދާނީ ފިލިޕީންސް (ތަގަލޮގް) ބަހުންނެވެ.
މީގެ ދެވަނަ ލެކްޗަރ އޮންނާނީ ބުރާސްފަތި ދުވަހު އެވެ. އެއީ "އިސްލާމްދީނާއި މުސްލިމުން ދެނެގަތުމާ ދިމާއަށް" މި މައުޟޫގެ މައްޗަށެވެ. ތިންވަނަ ލެކްޗަރގެ މައުޟޫއަކީ "ޙަޤީޤީ ސަލާމަތްކަމާއި ކާމިޔާބު ހޯދާނީ ކިހިނެއް" މި އެވެ. ޓައިމްސް އޮފް އޮމާންގެ ފަރާތުން ޕެނަލްބާރ އަށް ވާހަކަދައްކާލާ ތަފާތު މައުޟޫތަކަށް އަލިއަޅުވާލާ އިންޓަރވިއުއެއް ކުރީމެވެ. އޭގެ ތެރެއިން:
ތިބޭފުޅާގެ ފަސްމަންޒަރު (ބެކްގްރައުންޑް) ކިޔާދެއްވިދާނެތޯ؟
އަހަރެންނަކީ ފިލިޕީންސްގެ މީހެއް. އަހަރެން މަސައްކަތްކުރީ ބޭންކެއްގެ ޤާނޫނީ (ލީގަލް) ޑިޕާރޓްމަންޓްގައި. އެތާނގައި މަސައްކަތް ކުރަމުން އަހަރެން ދިޔައީ ޤާނޫނު (ލޯ) ކިޔަވަމުން. ސަޢޫދީ ޢަރަބިއްޔާއިން އަހަރެންނަށް ވަޒީފާއެއް ލިބުމުން އަހަރެން ޤާނޫނީ ދާއިރާ ދޫކޮށްލާފަ ސަޢުދީއަށް ދިޔައީ. އެތާނގައި އަހަރެން މަސައްކަތްކުރީ ކޮމްޕިޔުޓަރާ ބެހޭ ފާރމެއްގައި.
އިސްލާމްދީނާމެދު ޝަވްޤުވެރިވާން ދިމާވީ ކިހިނެއް؟
އަހަރެން (ސަޢޫދީގައި) މަސައްކަތް ކުރި އިރު އަހަރެން މަސައްކަތްކުރާ ތާނގެ ކައުންޓަރުގައި ބަހައްޓާފައި ހުންނަ އިސްލާމީ ޕާމްފްލެޓްތަކާއި ބުކްލެޓްތައް ބަލާ ހެދިން. އަހަރެންނާއެކު މަސައްކަތްކުރާ މީހަކު އަހަރެން އެއެއްޗެހި ކިޔަނީ ކީއްވެތޯ އެހުމުން އަހަރެން އޭނާ ގާތު ބުނިން "(އެއީ) އިސްލާމްދީނާމެދު އަހަރެންނަށް އިނގޭ މިންވަރު އިތުރު ކުރާށޭ". ދެން އޭނާ އަހަރެންނަށް އިތުރު ޕާމްފްލެޓްތަކެއް ދިން. އަހަރެން އެ ކިޔަމުން ދިޔައީ.
ހަފްތާތަކަކަށް ފަހު، އޭނާ އަހަންނަށް ދަޢުވަތު ދިނީ ވޯރލްޑް މުސްލިމް ލީގްގެ ފަރާތުން ރިޔާޟުގައި އިސްލާމިކް ސެންޓަރުގައި ބާއްވަން އިންތިޒާމްކުރި ލެކްޗަރއަކަށް ދާން. އޭގެ ފަހުންވެސް އަހަރެން އެފަދަ ލެކްޗަރ ތަކަށް ހާޟިރުވަމުން ދިޔައީ.
އަހަރެމެންގެ ޤައުމުގައި އަހަރެންނާއި އަހަރެންގެ މަންމަ (ނަޞާރާ) ފައްޅީގެ ކަންކަމުގައި ޙަރަކާތްތެރިވަމުން ދިޔުމާއެކު، އަހަރެމެން ދިޔައީ ބައެއް ކަންކަމާމެދު މަޝްވަރާކޮށް ބަހުޘްވެސް ކުރަމުން.
ދެން، ތިބޭފުޅާ އިސްލާމްވެލެއްވީ ކީއްވެތޯ؟
އިސްލާމްދީން ވަރުގަދައަށް ގޮވާލަމުންދާ ތަވްޙީދާއި (ކަލާނގެ އެއްކައުވަންތަކަން)، އަޚްވަންތަކަމުގެ މަހްފޫމާއި އަޅުކަންކުރާ ގޮތާއި މި ހުރިހާ ކަމެއް އަހަރެން އިސްލާމްވުމަށް ބާރުއެޅި.
އެއީ މީގެ ދުވަސްތަކެއްކުރިން 1987ގައި. ސަޢުދީ ޢަރަބިއްޔާއަށް ދިޔުމުގެ ކުރިން އަހަރެންނަކަށް އިސްލާމްދީނާ ބެހޭ އެއްވެސް އެއްޗެއް ނޭނގޭ. އަހަރެންގެ މައިގަނޑު މަޤްޞަދަކަށް ވީވެސް ސަޢުދީ ޢަރަބިއްޔާއަށް ގޮސް، ލާރި ހޯދައިގެން، އަހަރެން ޤާނޫނީ ދާއިރާއިން ހަދަމުންދިޔަ ޑިގްރީ ނިންމާލުން. އަހަރެން އިސްލާމްވުމުން އަހަރެންގެ އެމިޝަން އެ ނިމުނީ.
އިސްލާމްވެލައްވަން ނިންމެވުމުން ތިބޭފުޅާގެ މައިންބަފައިންނާއި ޢާއިލާގެ ފަރާތުން ޢަމަލުތައް ފެނުނީ ކިހިނެއްތޯ؟
މުސްލިމަކަށް ވުމަށްފަހު އަހަރެން އަހަރެންގެ އުފަންރަށަށް ގޮސް، އަހަރެން ނަމާދުކޮށް ހެދީ ސިއްރުން. މަޑުމަޑުން އަހަރެން ދިޔައީ އެމީހުންނަށް އިސްލާމްދީން އަންގައިދެމުން. އެ އެންމެންވެސް އަހަންނާ އެއްބަސްވިކަމަކީ އިސްލާމްދީނަކީ އެމީހުންވެސް ތަބާވާން ވެއްޖެ ދީނެއްކަމަށް. އެއެންމެންވެސް މިހާރު އިސްލާމްވެއްޖެ.
އިސްލާމްދީން ތިބޭފުޅާގެ ދިރިއުޅުން ބަދަލުކޮށްލީ ކިހިނެއްތޯ؟
އެދީން އަހަރެންނަށް ޤަބޫލުކުރުވީ އާޚިރަތުގެ ޙަޔާތުގައި ހެޔޮ ދަރުމަ ލިބުމަށްޓަކާ، ތިބާ ނަމާދުކުރަން ޖެހޭނެކަމާއި، އެހެންމީހުންނަށް އަޅާލަން ޖެހޭނެކަމާއި، ހެޔޮ ޢަމަލުތައް ކުރަން ޖެހޭނެކަން.
ފިލިޕީންސްގައި މުސްލިމުންގެ ދިރިއުޅުން ހުންނަނީ ކިހިނެއް؟
އެމީހުން ތިބެނީ މައިނޯރިޓީއެއްގައި. އެމީހުންވަނީ ރަށްތަކުގައި އެކި ހިސާބުތަކަށް ވިއްސިވިހާލިވެ ބަހާލެވިފައި. އިސްލާމީ ގޮތްތަކަށް ސްކޫލްތައް ހިންގާ މުއައްސަސާއެއް އަހަރެމެންނަށް ހުރޭ. އަދި މުސްލިމުންނަށް ޚިދުމަތްކުރާ މަރުކަޒުތައްވެސް ހުރޭ.
އިސްލާމްދީނާމެދު ޚިޔާލުއުފެދިފައިވާ މީހުންނަށް ދޭނޭ މެސެޖަކީ ކޮބާ؟
އެމީހުން އެ(ދީން) ދަސްކުރަން ޖެހޭނެ. އަހަންނަށް ޔަޤީން އެދީން އުނގެނިއްޖެ މީހަކު މާ ބޮޑު ފަސްޖެހުމެއް ނެތި އެދީން ޤަބޫލުކުރާނެކަން. އިސްލާމްދީނާމެދު އިތުރަށް ޢިލްމު ލިބުނު ވަރަކަށް، އެދީނާމެދު ތިބާގެ އީމާންކަން ވަރުގަދަވެގެންދާނެ.
* * * * * * *
* * * ޔަޤޫލުލް މުތަރުޖިމް: ތަރުޖަމާ ނިމުނީ އެވެ. ދެން އަޅުގަނޑުމެން ވިސްނާލަންވީ ރާއްޖޭގައި މިއުޅޭ ބިދޭސީ މަސައްކަތު މީހުންނާމެދު އެވެ. އަދި މުސްލިމް އަޚުންގެ ތެރެއިންވެސް "ދީނީ" ނުވެ އުޅޭ ކުދިންނަށެވެ. އެމީހުންނަށް އިސްލާމްދީނުގެ ދަޢުވަތު ފޯރުކޮށްދިނުމަށް އަޅުގަނޑުމެންނަށް އެކަށީގެންވާ މަސައްކަތެއް ކުރެވޭ ބާވަ އެވެ؟ އަޅުގަނޑުމެން އެފަދަ އަޖުރަކަށް ބޭނުން ނުވަނީ ބާވަ އެވެ؟ ޕެނަލްބާރ އަށް އިސްލާމްދީނާބެހޭ މައުލޫމާތު އެރުވުމަށް އެހީތެރިވެދިން މީހާއަށް، ﷲގެ ރަޙްމަތުން، ކިހާ ހެޔޮކަމެއް ލިބޭނެބާވަ އެވެ؟ އެންމެ ސުވާލަކުން، އެންމެ ލީފްލެޓަކުން، އެންމެ ދަޢުވަތަކުން، މީހަކުވެސް އިސްލާމްވުމަށް މަގުފަހުވެއްޖެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އަނެއްކާ އެއިސްލާމްވާ މީހާގެ އަތް މައްޗަށް އޭނާގެ ޢާއިލާއެއްކޮށް އިސްލާމްވެ، އަދި އެމީހަކީ އިސްލާމްދީނަށް ޚިދުމަތްކުރުމުގައި ހީވާގިމީހަކަށް ވެއްޖެނަމަ އެ އަތުއަޅުވާލެވުނީ ކޮންފަދަ އަގުހުރި "ރަތް ޖަމަލެއް" ތޯ އެވެ؟ މިއަދު މަގުމަތި ކުނިކަހަން އޮއްވާ ތިބާއަށް ފެނުނު ހިންދޫދީނުގެ ނުވަތަ ބުދުދީނުގެ މީހާއަކީ އެފަދަ މީހަކަށް ނުވާނެކަން އިނގެނީވެސް ކިހިނެއް ހެއްޔެވެ؟ އެހެންކަމުން، "އެއެއް މިއެއް ބަލާލުމެއް ނެތި" ވީހާވެސް ގިނަ ބަޔަކަށް އިސްލާމްދީނުގެ ދަޢުވަތު ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ.
ޢުމަރު ޕެނަލްބާރގެ ވާހަކަ އެހިސާބުން ނިމުނީކީވެސް ނޫނެވެ. އެބޭފުޅާއަކީ ދަޢުވަތުގެ މައިދާނުގައި ނުހަނު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މި ނިމިދިޔަ ރަމަޟާން މަހުގެ އެންމެ ދުވަހެއްގެ ޚަބަރަށް ބަލާލެވުނަސް އަންތަރީސްވާ ވަރުވެ އެވެ. އެންމެ ލެކްޗަރަކުން 76 މީހުން އިސްލާމްވި އެވެ. އެހެންދުވަހެއްގައި ލެކްޗަރ ދެއްވަނިކޮށް އަންހެންކަނބަލަކު ތެދުވެ "70 އުޚުތުން އިސްލާމްވާން ތައްޔާރަށް ތިބި"ކަމަށް ބުންޏެވެ. އެރޭވެސް އެތާނގައި ވަގުތުން 125 މީހުން އިސްލާމްވި އެވެ. އަދި އެވެސް، އެކުވެރި ޢަރަބި ޢިމާރާތު (ޔޫއޭއީ) ގައި ދެއްވި ލެކްޗަރއަށް ޙާޟިރުވި ފިލިޕީންސްގެ މީހުންގެ ތެރެއިން އެކަންޏެވެ. އަޅުގަނޑުމެންނަށް މިއުޅެނީ ﷲއަށް އީމާންވާ، ޤުރުއާން ޤަބޫލުކުރާ ޙަދީޘަށް ތަބާވާން ބޭނުންވާ ބަޔަކަށްވެސް، ހެޔޮ ބަދަލެއް ނުގެނެވިގެންނެވެ. އެތާނގައި ބާޠިލްކަލާނގެތަކަކަށް ލޯބިކުރާ ހިތްތަކެއް އެބަދަލުވަނީ، ހުރިހާ ހުރަސްތަކަކާއެކުވެސް، އެއްކައުވަންތަ ޙައްޤު އިލާހަށް އަޅުކަން ޚާލިޞްކުރާ ހިތްތަކަކަށެވެ. މަސައްކަތް ބޮޑުވެގެން ނުކުރަންވިޔަސް ތިބެންވީ އެމީހުންތާ އެވެ؟
ޙައިރާންވާން ޖެހޭ އަނެއް ކަމަކީ އެ ދަރުސްތައް އިންތިޒާމްކޮށްފައިވަނީވެސް "ޑުބާއީގެ ޑިޕާރޓްމަންޓް އޮފް ޓޫރިޒަމް އެންޑ ކޮމާރސް މާރކެޓިންގ"ގެ ފަރާތުން ކަމަށްވާކަމެވެ. ރާއްޖޭގައި ނަމަ، ބޭރުގެ ދާޢީން ގެނެސްގެންވެސް ދީނީ ދަރުސްތައް ބޭއްވޭތޯ އުޅުއްވަނީ އަމިއްލަ ފަރާތްތަކެވެ. "ޤައުމީ" ކިޔާ ފަރާތްތަކުން އެކަމަށް މާ ބޮޑު ފޯރިއެއް ހުންނަ ތަނެއްވެސް ފެންނަން ޖެހޭ ވަރަކަށް ނުފެނެ އެވެ. ނަމަވެސް ރައްޔިތުންގެ ބައިތުލްމާލުންވެސް އެކަމަށް ހޭދަކުރުމަކީ ފަހަށް، ވަރަށް ފަހަށް، ކޮށްލެވޭ ވަރަށް ރަނގަޅު އިންވެސްޓްމަންޓަކަށް ވާނެ އެވެ. ޢުމަރު ޕެނަލްބަރގެ އިތުރުން ނިމިދިޔަ ރަމަޟާންމަހު ޑުބާއީގައި ޢަބްދުއްރަޙީމް ގްރީން، ކުރީގެ ރެޕާރ "ލޫން" އަދި މަލަޔާލަމް ބަހުން ލެކްޗަރ ދެއްވާ އެމް.އެމް އަކްބަރުވެސް ލެކްޗަރ ދެއްވާފައިވެ އެވެ.
އަޅުގަނޑުގެ އެކުވެރިއަކު ދަޢުވަތުގެ ކަންތައް ކުރުމަށް ކަންތައް ކުރައްވާގޮތް ކިޔާލަދީފާނަމެވެ. އިސްލާމިކް މިނިސްޓްރީއިން ޤުރުއާނުގެ އިނގިރޭސި ތަރުޖަމާ ބައްސަވާނެ އެވެ. ބައެއް ފަހަރަށް ސިޓީއެއް ލުމުން ލިބޭނެ އެވެ. ސިޓީއެއް ނުލާވެސް ފަހަރެއްގައި ލިބިދާނެ އެވެ. ދެން އިސްލާމްދީނާބެހޭ ގޮތުން ވާހަކަދައްކަވަމުން ގެންދަވާ ބިދޭސީ މުދައްރިސުންނަށް އެ ތަރުޖަމާތައް ދެއްވަނީ އެވެ. ކޮންމެވެސް ވަރަކަށް ދީނާމެދު ޝައުޤު އުފައްދާފައި ތަރުޖަމާއެއް ލިބުމުން "އޯޕެން" މައިންޑަކާއެކު އެކިޔާނެ ނޫންތޯ އެވެ؟ ތެދެކެވެ. ބަޔަކަށް ހިދާޔަތްދައްކަވަނީ އަހަރެމެންނެއް ނޫނެވެ. ޢުމަރު ސަލްސެޑޯ ޕެނަލްބާރ އެއްވެސް ނޫނެވެ. ހިދާޔަތްދަކަވަނީ މާތް ﷲ އެވެ. އެވެސް އެކަލާނގެ އިރާދަކުރެއްވި އަޅަކަށެވެ. އަހަރެމެން ބޭނުންވާ މީހަކަށްވެސް ނޫނެވެ. ނަމަވެސް މީހަކަށް ހިދާޔަތް ލިބުމުގެ ސަބަބަކަށް ތިބާ ވެއްޖެނަމަ، ދެން ކޮން ފަދަތޯ އެވެ؟ މީހަކަށް ހެޔޮކަމަކަށް މަގުދައްކައިފި މީހާއަށް އެކަން ކުރި މީހާގެ ޘަވާބު އެއްވެސް ވަރެއް މަދުވުމެއް ނެތި ލިބޭނެ އެވެ. މަދު ޕަސެންޓެއް ނޫނެވެ. މުޅި އެތި ހުރި ގޮތަށް އެއްކޮށެވެ. އަދި އޭނާގެ ސަބަބުން އެހެން ބަޔަކަށް ހިދާޔަތް ލިބިއްޖެނަމަ ކޮން ފަދަތޯ އެވެ؟ އޭނާގެ ދަރިން މުސްލިމުންކަމުގައިވެ، ދަރިފަސްކޮޅު އިސްލާމް ވެއްޖެނަމަ، އެލިބޭ ހެޔޮ އަޖުރެއް އެނގޭނީ ޤިޔާމަތް ދުވަހުން ލިބުނީމަ އެވެ. މިފަދަ ކަމެއް ހޯދަން މަސައްކަތްކުރަން ނުވޭތޯ އެވެ. ބޮޑު ދަރުމައެއް ނަފާއެއް މިކަމަށް ލިބޭކަން އެނގުމުން ދެން އެމަސައްކަތް ކޮށްލަން ކުޑަ ހިތްވަރަކާއި، ކުޑަ ކެރުންތެރިކަމާއި، ކުޑަ ކުޑަ އިސްނެގުމެއް ބޭނުންވާނެ އެވެ. މުސްލިމުންނަށާއި ޣައިރު މުސްލިމުންނަށް އިސްލާމްދިނުގެ ދަޢުވަތު ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށް ހެޔޮ ނިޔަތަކުން ނިޔަތް ގަނެ ﷲގެ ވާގިފުޅާއެކު މަސައްކަތް ފައްޓަވާށެވެ. ތިބާއަށްވެސް ޢުމަރު ސަލްސެޑޯ ޕަނެލްބަރއެއް އަތުއަޅުވާލެވިދާނެ އެވެ. އަލިފް. ހާ. * *
No comments:
Post a Comment