މި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އ.ދ ގައި ފަލަސްޠީނުގެ މިނިވަން ދަޢުލަތަކާމެދު ނަގާ ވޯޓު ފަސްކުރުމަށް އެމެރިކާއިން މަސައްކަތްކުރަމުން އެބަދެ އެވެ. ފަލަސްޠީނުގެ އިސް އޮފިޝަލުންގެ ގާތު އެމެރިކާއިން ބުނަމުންދަނީ އަނެއްކާވެސް ސުލްޙައިގެ ވާހަކަތައް ކުރިއަށް ގެންދިއުމަށްޓަކާ ވޯޓުނެގުން ފަސްކުރުމަށެވެ.
މި މަހުގެ 20 ވަނަ ދުވަހުގެ ވޯޓުގައިވެސް ވީޓޯ ކުރުމުގެ ބާރު އެމެރިކާއަށް ލިބިފައިވާއިރު، މި ފަދަ ގޮތަކަށް މި ވޯޓު ހުއްޓުވަން އެމެރިކާ މަސައްކަތްކުރާތީ ގިނަ ބަޔަކަށްވަނީ ހައިރާންކަމެއް ލިބިފަ އެވެ. މަޞްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، 20 ވަނަ ދުވަހުގެ ވޯޓުގައި އެމެރިކާއިން ވީޓޯ ކޮށްފިނަމަ، މެދުއިރުމަތީގައާއި އެހެނިހެން އިސްލާމީ ޤައުމުތަކުގައި އެމެރިކާއާ ދެކޮޅަށް ހިންގޭ ޙަަރަކާތްތައް އިތުރުވާނެތީ އެމެރިކާ ބިރުގަންނަނީ އެވެ.
އެމެރިކާއަށް ވީޓޯ ކުރެވުނަސް، ފަލަސްތީން "ނޮން-ވޯޓިންގ އޮބްޒާރވާރ އެންޓިޓީ" އެއްގެ ދަރަޖައިން "ނޮން-ވޯޓިންގ އޮބްޒާރޥާރ ސްޓޭޓް" އެއްގެ ދަރަޖައަށް ޕްރޮމޯޓް ވެވިދާނެއެވެ. އެހެން ވެއްޖެނަމަ، އިޒްރާއީލާ ދެކޮޅަށް އިންޓަރނޭޝަނަލް ކްރިމިލަން (ޖިނާއީ) ކޯޓުގައި ދަޢުވާ ކުރުމުގެ އިތުރު ބާރުތަކެއް ލިބިދޭނެ އެވެ.
ދިރާސާކުރާ ފަރާތްތަކުން އިތުރަށް ހާމަކުރައްވާ ގޮތުގައި އެމެރިކާގެ މިމަސައްކަތުން ބޭނުންވަނީ ހަމައެކަނި ވީޓޯއެއް ނުކޮށް މައްސަލަ ހުއްޓާލާކަށް ނޫނެވެ. ނަމަވެސް އެމެރިކާއާ އެކު ފަލަސްޠީނުގެ މިނިވަން ދައުލަތާ ދެކޮޅަށް ވޯޓުދޭނެ މަދު ޤައުމުތައް ބޮޑު ތަފާތަކުން މި ވޯޓުގައި ނާކާމިޔާބު ވެދާނެތީ އެ ލަދުންވެސް ސަލާމަތްވާށެވެ. މީގެ ކުރިން އެމެރިކާއިން ފަލަޞްޠީނާ އެއްކޮޅަށް ވޯޓު ނުދޭނެކަން ވަނީ ސަރީޙަ ޢިބާރާތުން މަޙްމޫދު އައްބާސްއަށް އަންގާފަ އެވެ.
ނިމިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އެމެރިކާއިންވަނީ 70 ޤައުމަކަށް ޑިޕްލޮމެޓިކް މެސެޖެއް ފޮނުވާ، ފަލަޞްޠީނުގެ މިނިވަން ދައުލަތާ ދެކޮޅަސް ވޯޓު ދިނުމަށް ގޮވާލާފަ އެވެ. މި 70 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭތޯ ބެލުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފަ އެވެ. އެމެރިކާގެ އެމްބެސަޑަރުންގެ ފަރާތުން އެ ޤައުމުތަކުގެ އެމަޤާމްތަކުގައި ތިއްބެވި ބޭފުޅުންނަށް އަންގާފައިވަނީ އެ ވޯޓުގެ ސަބަބުން ސުލްޙައިގެ ވާހަކަތަކަށް ހުރަސްއެޅޭނެކަމަށެވެ. ނަމަވެސް، "ސުލްޙައިގެ ވާހަކަތައް" މިއީ މިފަދަ ކޮންމެ ހަރަކާތެއް ހުއްޓުވުމަށް އެމެރިކާއާއި އިޒްރާއީލުން ގެންގުޅެމުންދާ ބަހަނާއެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެ އެވެ.
އެމެރިކާއިން މިމަސައްކަތްކުރަމުން ދާއިރު ފަލަސްޠީނުގެ އިސް އޮފިޝަލަކު ހާމަކޮށްފައިވަނީ މި މަސައްކަތް ހުއްޓާލާ އޭގެ ބަދަލުގައި ސުލްޙައިގެ ވާހަކަތައް ފެށުމަށް އެމެރިކާ އެދުނަސް ނުވަތަ "ކޮންމެ އެއްޗެއް ދޭން އެއްބަސްވިޔަސް، މިހާރު މާ ލަސްވެއްޖެ" ކަމަށެވެ.
ކޮންމެ ގޮތަކަށް މައްސަލަ ނިމިގެން ދިޔަސް އިޒްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކަށް އެހީތެރިވާ އެމެރިކާއާ މެދު އިސްލާމީ ޤައުމުތަކުގައި ރުޅިވެރިކަން އިތުރުވާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކުރައްވަ އެވެ.
ސެޕްޓެމްބަރު 20 ވަނަ ވިލޭރޭ ފަލަސްޠީނުގައި "ޕަލަސްޓައިން 194"ގެ ނަމުގައި ބޮޑު މުޒާހަރާތަކެއް ކުރިއަށް ގެންދާނެކަމަށްވެސް ފަލަސްޠީނުގެ އެހެން އިސް އޮފިޝަލަކު ހާމަކޮށްފައިވެ އެވެ. އެއީ އ.ދ ގެ 194 ވަނަ ޤައުމަށް ވުމަށް ފަލަސްޠީން ކުރަމުންދާ މަސައްކަތްތަކަށް ތާއިދުކުރުމުގެ ގޮތުން ކުރިއަށްދާނެ މުޒާހަރާތަކެއް ކަމަށް އެބޭފުޅާ ހާމަކުރައްވަ އެވެ. މި މުޒާހަރާތަކުގައި އެތައް މިލިޔަން ބަޔަކު ބައިވެރިވާނެކަމަށް އުއްމީދު ކުރާކަމަށް އެނާ ވިދާޅުވެ އެވެ.
މަސްޖިދުލް އަޤްސާ އެބިމެއްގައި ހިމެނޭ، އަދި އެ ދައުލަތެއްގެ ވެރިރަށް ކަމުގައި ޣައްޒާއާއި އިރުމަތީ ޤުދުސް ހަމަޖައްސަން މަސައްކަތްކުރަމުންދާ ފަލަސްޠީނުގެ މިނިވަންކަމަށް މުސްލިމް ހުރިހާ ޤައުމަކުން ތާއީދުކުރަން ޖެހެއެވެ. ފަލަސްޠީނާ ގުޅޭ މި ވޯޓުލުމުގައި ޤައުމުތަކުން ވޯޓުދޭނެ ގޮތުގެ މައްޗަށް ބިނާކޮށް އެސަރުކާރުތަކަށް ރައްޔިތުންގެ ޕްރެޝަރ ކުރިމަތިވުމަކީ ވެދާނެކަމެއްކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ.
No comments:
Post a Comment