ޤަޠަރު ގެސްޓް ސެންޓަރު (ކިޔު.ޖީ.ސީ) އިން ހާމަކުރި މަޢުލޫމާތެއްގައިވާ ގޮތުން އެންމެ 6 މަސްދުވަހުގެ ތެރޭގައި ޤަޠަރުގައި 800އަށްވުރެ ގިނަ މީހުން އިސްލާމްވެއްޖެ އެވެ. މީގެ ތެރެއިން 3 ބައިކުޅަ 2 ބަޔަކީ ފިލިޕީންސްގެ މީހުންކަމަށްވެސް އެފަރާތުން ހާމަކުރައްވަ އެވެ.
މި ސެންޓަރުގެ ފަރާތުން މިހާރު މަސައްކަތްކުރަމުންދަނީ އަލަށް އިސްލާމްވި މިމީހުންގެ ވާހަކަތައް ފޮތެއްގެ ސިފާގައި ޝާއިޢުކޮށް ދުނިޔޭގެ ގިނަ ބަސްތަކަކަށް ތަރުޖަމާކޮށް ޢާއްމުކުރާށެވެ.
ޤަޠަރު ގެސްޓް ސެންޓަރު (ކިޔު.ގީ.ސީ)ގެ ޑިރެކްޓަރ ހާދީ އަލް ދޫސާރީ ވިދާޅުވާ ގޮތުން، އިސްލާމްވާ މީހުންގެ ޢަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. 2006 ވަނަ އަހަރު ޤަތަރުގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް އިސްލާމްވަނީ 21 މީހުންނެވެ. 2007 ވަނަ އަހަރު މިޢަދަދު ވަނީ 28 އަށް އިތުރުވެ، 2008 ވަނަ އަހަރު 46އަށް އަރާފައެވެ. އަދި 2009ގައި 52 މީހުން އަލަށް މަހެއްގެ މައްޗަށް އިސްލާމްވެފައިވާއިރު، 2010 ގައި 77 މީހުންވަނީ މަހެއްގެ މައްޗަށް އިސްލާމްވެފައެވެ. 2011ގެ މި 6 މަހަށް ބަލާއިރު އެއީ މަހެއްގެ މައްޗަށް 133 މީހުންނެވެ.
މިޢަދަދުތަކުން ދައްކައިދެނީ ހުރިހާ މުޖްތަމަޢެއްގެ މީހުންނަށްވެސް އިސްލާމްދީނުގެ މެސެޖް ފޯރުކޮށްދިނުމަށްޓަކާ އެސެންޓަރުންވެސް ކުރަމުންދާ މަސައްކަތްކަމަށް ހާދީ ވިދާޅުވެ އެވެ. މިސެންޓަރު އުފެދި މަސައްކަތްކުރަމުންދާތާ އަދި މިވަނީ 4 އަހަރެވެ.
މިސެންޓަރުގެ ހަރަކާތްތަކުގައި ގިނަ ޢަދަދެއްގެ ޒުވާނުން އިސްނަގައިގެން ބައިވެރިވަމުންދާ ކަމަށްވެސް އެސެންޓަރުން މަޢުލޫމާތުދެ އެވެ. އެގޮތުން 200 އަށްވުރެ ގިނަ ކިޔަވާ ކުދިން އަމިއްލައަށް އިސްނަގައިގެން ހިލޭސާބަހަށް ލީފްލެޓާއި ޕާމްފްލެޓް ބެހުމުގެ ޙަރަކާތްތަކުގައި ބައިވެރިވެފައިވެ އެވެ. މީގެ އިތުރުންވެސް ވީހާ ގިނަ ބަޔަކަށް މިމަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކާ ކާރުތަކުގައި މުޅި ޤައުމުގެ އެކި ހިސާބުތަކަށް އެތަކެތި ބެހުމުގެ މަސައްކަތްވެސް އެ ސެންޓަރުން ދަނީ ކުރަމުންނެވެ.
ޤަޠަރު ގެސްޓް ސެންޓަރުގެ ފަރާތުން އެޤައުމުގައި ދިރިއުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ތަފާތު ޙަރަކާތްތަކެއް ހިންގަމުންދެ އެވެ. އެގޮތުން ލެކްޗަރތަކާއި ސެމިނާރތަކާއި ތަފާތު ބައްދަލުވުންތައް ބާއްވާ، ގޭގެއަށާއި، އަމިއްލަ މީހުންގެ ކުންފުނިތަކަށާއި، ފިހާރަތަކަށާއި، ޖަލުތަކަށާއި، ބަލިމީހުންނަށް ޤަވާޢިދުން އެސެންތަރުގެ ފަރާތުން ދަނީ ޒިޔާރަތްކުރަމުންނެވެ. ކަރްވާ ބަސް ސްޓޭޝަން ކައިރީގައި ހުންނަ މި ސެންޓަރުގެ ޖަގަހައަށް އެކަނިވެސް ހަފްތާއެއްގެ މައްޗަށް ހާހަކަށްވުރެ ގިނަ މީހުން ޒިޔާރަތްކުރަމުންދާކަމަށް އެސެންޓަރުގެ ފަރާތުން ބަޔާންކުރައްވައެވެ.
No comments:
Post a Comment