Pages

Wednesday, August 24, 2011

23 ރަމަޟާން: "މިނިވަންކަން ނެތި ހޭދަކޮށްލެވުނު 29 މިނެޓް"

23 ރަމަޟާން: "މިނިވަންކަން ނެތި ހޭދަކޮށްލެވުނު 29 މިނެޓް"


ދިއިސްލާމްވެސް ބައިވެރިވެގެން 23 ރަމަޟާން 1432ގައި ބޭއްވުނު "އަލް އަޤްޞާފޯރަމަށް" ތައްޔާރުވުމަށްޓަކާ ފަލަސްޠީނުގެ އެންމެ ފަހުގެ ޚަބަރުތައް ހޯދާ ޖަމަޢަކޮށްލުމަށްޓަކާ އެދުވަހުގެ މެންދުރު ނަމާދަށް ފަހު އަޅުގަނޑު މަސައްކަތްފެށީމެވެ. މިފަހަރުގެ މައުލޫމާތު ހޯދުމުގެ މަރުކަޒަކަށް ހެދީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ކޮމްޕިޔުޓަރ ލެބްއެވެ. އަޅުގަނޑު ބަލަމުންދިޔަ ކޮންމެ ޚަބަރަކީވެސް ހަމައެކަނި މިއަހަރުގެ ރަމަޟާން މަހުގެ ކޮންމެވެސް ދުވަހެއްގައި އިޒްރާއީލުން ކޮށްފައިވާ ލާއިންސާނީ ޢަމަލަކާ ބެހޭ ވާހަކައެކެވެ. އަޅުގަނޑުމެންނަށް އަޑުއިވޭ ޚަބަރުފަތުރާ ވަޞީލަތްތަކުން މިޚަބަރުތައް ނީވުނަސް، ކޮންމެ ދުވަހަކު ކޮންމެވެސް ސަހަރަކުން ކުށެއް ނެތް އެތައް މައުޞޫމް ފުރާނަތަކެއް ދުއްވާލެވޭކަން އަޅުގަނޑަށް ވިސްނުނީ މި ހުރިހާ މަޞްދަރުތަކަކުން ޚަބަރުތައް ބަލަންފެށީމައެވެ. މައުލޫމާތުތައް ފެންނަން ފެށި ވަރަކަށް އޭގެތެރެއަށް އިތުރަށް ވަދެވިގެންދެއެވެ. ކޮންމެ ޚަބަރަކީވެސް މުޙިއްމު ޚަބަރެކެވެ. އަނިޔާވެރި ޢަމަލުތައް ޢަމަލަކަށް ދޫކުރާނެ އެހެން އަނިޔާވެރި ޢަމަލެއްނުވޭވެސް ދެންނެވިދާނެއެވެ. ކޮންމެ ހާދިޘާއެއްގެ ތަފްޞީލް ކިޔާލުމުން ހަށިގަނޑު ތުރުތުރު އަޅައިގެންދެއެވެ. ހިތުގެ ތެޅުން އަވަސްވެއެވެ.

މިފަދައިން އަޅުގަނޑަށް އިނދެވުނު އިރެއްވެސް ނޭނގެއެވެ. އެހެން އިންދާ ދޭތެރެއަކުން ރައްޓެހިކުދިންކޮޅަކާ ދިމާވެދާނެއެވެ. ކުޑަކޮށް ވާހަކަ ދައްކާލާފާ އަނެއްކާވެސް މަސައްކަތް ކުރެވޭތޯ އުޅެމުން ދިޔައިރު، އެއް ފަހަރަކު ދިމާވި ކުއްޖަކު ކިޔާދިނެވެ. "އިއްޔެ ކޮމްޕް ލެބް ބަންދުކުރީ އަހަރެމެން އެތެރޭގައި ބައިތިއްބާފަ. އެހެންވެ، މިއަދު އަވަހަށް މިދަނީ." އަޅުގަނޑަށް އައީ ފާޑެއްގެ ހިންޏެކެވެ. އެކަހަލަ ލަނޑުވެސް މީހުންނަށް ލިބެނީތާއޭ ހިތަށް އެރިއެވެ. އަޅުގަނޑަށްވެސް އެފަދަކަމެއް ވުމަކީ ދުރުކަމެއް ނޫންކަން އެވަގުތު ހިތަށް އެރިޔަސް އެކަން އަޅުގަނޑަށްވީ ވަރަށް ހެއްވާ މަޖާ ކަމަކަށެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން އެހެންކުއްޖަކު ބުނެދިން ގޮތުގައި ރަމަޟާން މަހު ކޮމްޕް ލެބް ބަންދުކުރަނީ 3 ޖަހާއިރެވެ. ބައެއް ދުވަސްދުވަހު އެއަށްވުރެ ގިނަ އިރުވެސް ވެދާނެއެވެ. ނުވަތަ އަވަސްވެސް ވެދާނެއެވެ.

ކޮންމެއަކަސް، ޚަބަރުތަކުގެ ތެރެއަށް ވަދެވިފައި އަޅުގަނޑަށް އިނދެވުނީއެވެ. ކޮމްޕިޔުޓަރލެބް ބަންދުކުރަންވީމާ އެހެންޏާވެސް އައިޓީ ސްޓާފުން އައިސް އެކަން އަންގާލާނެއެވެ. ކުއްލިއަކަށް ގަޑި ބަލާލިއިރު 3 ޖަހަނީއެވެ. ދެން ދެވަނަ ފަހަރަށް ބަލާލެވުނު އިރު 3 ޖަހައިފިއެވެ. ދެންވެސް އައިޓީ ސްޓާފުންގެ ޢިޝާރާތެއް ނުވާތީ ޚަބަރުތައް ނިންމާލާފާ، "އަލްއަޤްޞާ ފޯރަމް" އިންތިޒާމްކުރާ އެހެން އަޚުންނާ ބައްދަލުކޮށްލަން އަވަހަށް ޢަޞުރު ނަމާދަށް އިސްލާމީ މަރުކަޒަށް ދާން ހިތަށް އެރިއެވެ. ބަންގި ގޮވަން ވާއިރަށް އަވަހަށް ދެވޭތޯ ނުކުންނަންވެގެން، ހުރިހާ މަސައްކަތެއް ސޭވްކޮށްލާފަ ވަށައިގެން ބަލާލިއިރު އެއްވެސް ކުއްޖެއްގެ ހިލަމެއް ނުވެއެވެ. ރަމަޟާން މަސްވީމާ އެންމެންވެސް އަވަހަށް މިސްކިތަށް ނުވަތަ ގެއަށް ދިޔައީކަމަށް ވެދާނެއެވެ. މިއީ މިރަމަޟާން މަހު މެންދުރު ފަހު ފެކަލްޓީ ކޮމްޕިއުޓަރ ލެބްގައި ހޭދަކުރާ ފުރަތަމަ ދުވަސްކަމުން ކުދިން ޢާއްމުކޮށް ގެއަށްދާ ނުދާ ވަގުތެއް ނޭނގޭތީ އެއީ ދެން މާ ބޮޑު ކަމަކަށްވެސް ނުހަދާ ލެބުން ނުކުތީމެވެ. ކޮރިޑޯރ ތެރެއިންވެސް އެއްވެސް ކުއްޖެއްގެ ނުވަތަ މުޥައްޒަފެއްގެވެސް ހިލަމެއް ނުވެއެވެ. މުޅިތަން ހީވަނީ ފަޅުވެފައިވާހެނެވެ. ދެންވެސް މިއީ ރަމަޟާން މަސް ވީމާ އައިސްގެން އުޅޭ ތަފާތެއްކަމަށް ނިންމާފާ ގްރައުންޑް ފްލޯއަށް ފައިބައިފީމެވެ. އެހެންފޭބިއިރު، ފުރަތަމަ ފްލޯއިން ޖެހިގެންހުރި ބިލްޑިންގއަށް ދާންހުރި ދޮރު ތަޅުލާފަ ހުރިތަން ދެކުނީމެވެ. އެކަމަކާވެސް އަޅައެއް ނުލަމެވެ. ދެންވެސް ބެލީ ބަންގި ގޮވަންވާއިރަށް އަވަހަށް މައިދޮރުން ބޭރުވެވޭތޯއެވެ. އެއްވެސް މީހަކު ފެންނަ ހިސާބުގައި ނެތީމާ ހިނގުމުގެ ސްޕީޑްވެސް އުޅެނީ އާދައިގެ ވަރަކަށްވުރެ މަތިކޮށެވެ.

ގްރައުންޑް ފްލޯއަށް ފޭބިއިރު މައިދޮރު ހުރީ ލައްޕާފައެވެ. އަދި ދޮޅުއިންޗިވަރުގެ ބޮޑު ތަޅަކުން ތަޅުވެސް އަޅުވާފައެވެ. މިޖެހުނީ ބޮޑުތާނގައެވެ. އެކަމަކުވެސް ޔަޤީންކޮށްލަން ދޮރުކާރިއަށް ޖެހިލާ ތަޅުގައި ހިފީމެވެ. ތެދެކެވެ. މިހުރީ ހަމަ ތަޅުލާފައެވެ. އަޅުގަނޑު އެތެރޭގައި ބަހައްޓާފާ މުޅި ބިލްޑިންގ މިހުރީ ބަންދުކޮށްފައެވެ. އަދި މި ބިލްޑިންއިން ބޭރަށް ނުކުމެވެން ދެންހުންނަ ދޮރުކަމަށްވާ އިރުމަތީފަޅީގައި ހުންނަ ދޮރުން ނިކުމެވޭތޯ އެދިމާއަށްވެސް ދިޔައީމެވެ. އެދޮރުވެސް ގުޑުވާނުލެވުނެވެ. މިދޮރު ތަޅުލާފާ ހުރީ އަދި މާ ވަރުގަދައަށެވެ.

ދެން ހިތަށްއެރީ އެއްވެސް ސްޓާފެއް އުޅޭތޯ ބެލުމަށެވެ. މަތީ ފްލޯތަކަށް އަރާ އެއްވެސް ރޫމެއްގައި ސްޓާފެއް އިންތޯ ބެލީމެވެ. ކޮމްޕިޔުޓަރ ލެބް ހުންނަ ދެވަނަ ފްލޯއާ ހަމައަށެވެ. އޭގެ މަތީ ފްލޯއަށް އަރާނެ ޚިޔާލެއް ނެތީކަމެއް ނުވަތަ ހިތްވަރެއް ނެތީކަމެއް ނޭނގެއެވެ. ގައިމުވެސް 3 ވަނަ ފްލޯއަކަށް ނާރަމެވެ. ދެން ކުރާނެކަމަށް ވިސްނުނީ ތިރިއަށް ފައިބާށެވެ. ޢަޞްރު ނަމާދަށް ބަންގިވެސް ގޮވަން ފަށައިފިއެވެ. ވަގުތުދަނީއެވެ. އަޅުގަނޑު މިހުރީ ބަންދުވެފައެވެ. ހިތަށް އެރިއެވެ. ރޯދަވީއްލަން ޖެހޭނެނަމަ، ކޫލަރުން ފެންލިބޭނެއެވެ. ހާރުކާން ޖެހިއްޖެ ނަމަވެސް ފެން މަދެއް ނުވާނެއެވެ. ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ؟ އެކަމަކު މިރޭގެ އަޤްޞާފޯރަމްވެސް މިސްވާނެއެވެ. އެކަން ތައްޔާރުކުރަން ނުވެސް އުޅެވޭނެއެވެ.

ޖީބުގައި ފޯނު އޮތްކަން ހަނދާންވީވެސް ދެނެވެ. އަވަހަށް ފޯނު ނަގާ ފެކަލްޓީ ގޯތި ތެރޭގައި ހުންނާނެކަމަށް ހީކުރި ރައްޓެއްސަކަށް ގުޅީމެވެ. ރިންގުވެއެވެ. ނަމަވެސް ރިންގު ކެނޑުނު އިރުވެސް ފޯނެއް ނުނެގިއެވެ. އަނެއްކާ ކިހިނެއް ވީބާއެވެ؟ އޭނާވެސް މިކަހަލަ ގޮތަކަށް ތަނެއްގައި ބަންދުވީ ބާވައެވެ؟ ނޫނީ މިސްކިތަށް އެރީބާވައެވެ؟ ދެންގުޅާނީ ކާކަށްބާވައެވެ؟ މިތާ ކާރި ހިސާބެއްގައި ހުންނާނީ ކާކުބާއޭ ހިތަށް އެރިއެވެ. މި ޚިޔާލުގައި ހުއްޓާ ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. ބަލާލިއިރު ކުރިން ގުޅަން އުޅުނު ކުއްޖާއެވެ. މެސެޖުގައިވަނީ "މިސްކިތުގައި" މިހެންނެވެ. އަލްޙަމްދުލިﷲއެވެ! އޭނާ ސަލާމަތުން އެބަހުއްޓެވެ. ރިޕްލައި ކޮށްލީމެވެ. "ނަމާދު ކޮށް ނިމުނީމަ ގުޅާލަބަލަ. ވ އާރޖެންޓް." ދެން ކެތްކޮށްލައިގެން މައިދޮރު ކައިރީ ހުރީއެވެ.

އެބިއްލޫރި ދޮރުގެ ތެރެއިން ބޭރު ފެނެއެވެ. ބަސް ސްޓޮޕަށް އައިސްތިބި ވިލާ ސްކޫލްގެ ކުދިންކޮޅެއް ދޮރުކާރީގައި އުޅެއެވެ. އަމީނީ މަގުން އެކި ކޮޅުކޮޅަށް ދުއްވާ ސައިކަލްތަކާއި ހިނގާ ބިނގާވެ އުޅޭ މީހުންތައްވެސް ބޭރުން ފެނެއެވެ. މިހުރިހާ ވަޤުތަކުވެސް ހިތަށް ވަންނަމުންދިޔައީ ވަރަށް އެހެންކަހަލަ އިޙްސާސްތަކެކެވެ. އެންމެ ހިނދުކޮޅަކަށްވެސް އެ އިޙްސާސްތަކުގެ ތެރޭގައި ހުންނާކަށް ބޭނުމެއް ނުވެއެވެ. ބޭނުންވީ އަވަހަށް އެ ބިލްޑިންގއިން ބޭރުވާނެ ގޮތެއް ބަލާށެވެ. އެއްގޮތް ނުވިއްޔާ އަނެއް ގޮތަކުންނެވެ.

އެހެންކަމުން ދެންވެސް މަޑުން ނުހުރެ މަސައްކަތްފެށީމެވެ. ރަނގަޅަށް ބޭރު ސްކޭން ކޮށްލިތަނުން ދޮރުގެ އެއްކައިރިއެއްގައި ފުރަގަސްދީގެން އިން ސެކިޔުރިޓީ ގާރޑެއްގެ ޔުނީފޯރމުން ތަންކޮޅެއް ފެނުނެވެ. އެހެންކަމުން އެދިމާއަށް ޖެހިލާ، ބިއްލޫރި ލޯގަނޑުގައި ކުޑަކޮށް އަތުން ޖަހާލީމެވެ. އޭނާއަށް ހިލަމެއް ނުވިއެވެ. އަނެއްކާ އިނީ ނިދާފަ ބާވައެވެ؟ މި ފަހަރު ޖެހީ ކުރީ ފަހަރަށްވުރެ ތަންކޮޅެއް ބާރަށެވެ. ދެން އެއަށްވުރެ ބާރަށެވެ. އާނއެކެވެ. މިފަހަރު އޭނާ ބަލާލައިފިއެވެ. އެއީ އެތާ އިންނަ ބިދޭސީ ވޮޗަރެކެވެ. ކުޑަކޮށް ދަންނަ މީހެކެވެ. އޭނާވެސް ފެށީ ފާޑަކަށް ހޭށެވެ. ކުޑަދޮރެއް ހުޅުވާލާފާ އޭނާގާތު މިވާހަކަ ބުނަން ފެށީމެވެ. އަވަހަށް ތަޅުދަނޑި ހޯދާދީގެން އައިސް ހުޅުވާދީ ބަލާށޭ ބުނުމުން ބުނީ ހުރިހާ ދޮރެއް ތަޅުލާފާ ތަޅުދަނޑި ހިފައިގެން ސަރުދާރު ހިނގައްޖެކަމަށެވެ.

ދެން އުޅުނީ ހަތަރު އުދަރެސް ފެނުޖެހޭށެވެ. ނަމަވެސް އިރާދަކުރައްވައިގެން އެހެނެއް ނުވިއެވެ. އޭނާ އެހެން ބުނިތާ ފަޅި ސިކުންތެއްވެސް ނުވަނީސް ވަރަށް ގާތް ރައްޓެއްސެއް ދޮރު ކުރިމަތިން ހުރަސްކުރިތަން ފެނިއްޖެއެވެ. އޭނާއަށް އަޅުގަނޑުވެސް ފެނިއްޖެއެވެ. އެހެންކަމުން ކާރިއަށް އައިސް ވެގެން އުޅެނީ ކިހިނެއްތޯ އަހާލިއެވެ. ވެގެން އުޅޭގޮތް ކިޔާދިނީމެވެ. އޭގެ އަނެއް ނޭވާގައި ދެން ފެނުނީ މަގުމަތިން ސައިކަލެއްގައި ދިޔަ ޔުނިވަރސިޓީ ކައުންސިލްގެ މެމްބަރ ދަރިވަރަށް މި މަންޒަރުފެނިގެން އަތުވެއްޖެއެވެ. ދެން މިހާރު މި ގާތްގަނޑަކަށް ސަލާމަތްވީއޭ ހިތަށް އެރިއެވެ. މި ފަދަ ދެ އެކުވެރިންވެސް ތިއްބާ މިމީހުންނަށް ގުޅާނުލެވުނު ކަމީ އަމިއްލަ ގަޅިކަމޭވެސް ހިތަށްއެރިއެވެ.

ކޮންމެއަކަސް އެކުއްޖާ އަޅުގަނޑުމެންގެ ޑީންއަށް ގުޅައިފިއެވެ. ޑީންވެސް ހުންނެވީ މިސްކިތުގައިކަމުން ނަމާދު ނިމުމުން އަންނާނެކަމަށް ވިދާޅުވިއެވެ. ދެން ޑީން އަންނަންދެން މިދެކުދިން އަޅުގަނޑާ ވާހަކަދައްކާލަން ބޭރުގައި މަޑުކޮށްލީއެވެ. މިހެން މައިދޮރުކައިރީ ވާހަކަދައްކަން ތިއްބާ، އެންމެ ވަރުގަދައަށް ތަޅުއަޅުވާފަ ހުރި އިރުމަތީފަރާތުގެ ދޮރު ހުޅުވާލިއަޑު އިވިއްޖެއެވެ. ދެން އިވުނީ އަނެއްކާވެސް ތަޅުލި އަޑުކަންނޭނގެއެވެ. އަވަހަށް ގޮސް ބަލާލިއިރު، އެދޮރު ތަޅުލާފާ ކޮންމެވެސް މީހަކު ނުކުމެގެން އެދަނީއެވެ. ކޮންމެވެސް ލެކްޗަރާއެއް ނުވަތަ ސްޓާފެކެވެ. އަޅުގަނޑުގާތު ތިބި ދެކުދިންގެ ތެރެއިން އެއް ކުއްޖަކު ގޮސް އެލެކްޗަރާއާ ދިމާކޮށްފިއެވެ. ދެން އަޅުގަނޑުވެސް އަވަހަށް އެދޮރުކާރިއަށް ގޮސްފީމެވެ. އެލެކްޗަރާއާއި އެކުއްޖާ އައިސް ދޮރު ހުޅުވަންދެން ކެތްމަދުވެފައި ހުރީމެވެ. ދޮރު ހުޅުވާލުމުން ލަސްތަކެއް ނުކޮށް އަވަހަށް ނުކުމެއްޖައީމެވެ. ހީވީ ނޭވާ ނުލެވިފައި ހުރުމަށްފަހު ތާޒާ ދިގު ނޭވާއެއް ލިބުން ހެންނެވެ.
އެލެކްޗަރާ އެއްސެވިއެވެ. "ކިހާއިރެއް ވެއްޖެތޯއެވެ؟" މާ ގިނަ އިރެއް ނުވެއޭ ދަންނަވާފާ ވަރަށް ޝުކުރު އަދާކޮށް ފެކަލްޓީ ގޯތިތެރެއިން އަވަސްގޮތަކަށް ބޭރުވެއްޖައީމެވެ. ތެދެކެވެ. މާގިނަ އިރެއް ނުވެއެވެ. ވީ އެންމެ 29 މިނެޓެވެ. ބޭރަށް ނުކުމެފައި ބޭރުގައި މަޑުކޮށްގެން ހުރި ރައްޓެހިކުއްޖާ ގާތު ބުނީމެވެ. "މިނިވަން ވެއްޖެއެވެ."
ދެން އެކުދިންނާއެކު ޔުނިވަރސިޓީ މިސްކިތަށް އަރާ ޢަޞްރު ނަމާދުކޮށްލައިފީމެވެ. ނަމާދު ނިމެނިކޮށް ކުރިން މިސްކިތުގައި ހުރި ކުއްޖާ ގުޅިއެވެ. އާރޖެންޓް ވެގެން އުޅޭތީ ހަމަ މިސްކިތުގެ ޖަމާޢަތް ނިމުމާއެކު އެގުޅީއެވެ. އަޅުގަނޑު ފަހުން އެކުއްޖާއަށް ގުޅާފާ ވީގޮތް ކިޔާދިނީމެވެ. ދެން ލިބިހުރި މިނިވަންކަމުގެ އިޙްސާސްތަކާއެކު ފެކަލްޓީއާ ދުރަށް ހިނގައިގަނެފީމެވެ. އަޅުގަނޑު ބަންދުވެފައި ހުރީ ގާތްގަނޑަކަށް ބަންގިއާ ނަމާދުގެ ޖަމާޢަތް ނިމުމާ ދެމެދުގެ ވަގުތުކޮޅުގައެވެ. އެއީ ކުރު ވަގުތު ކޮޅެކެވެ. ކުޑަ ހިނދުކޮޅެކެވެ.

އަޅުގަނޑަށް މި ދިމާވި ޙާދިޘާއާ އެދުވަހު އިންޓަރނެޓުން އެއްކުރި ޚަބަރުތަކާ އެކުވެގެން އަޅުގަނޑަށް ވަރަށް ރީތި ފިލާވަޅެއް ލިބިދިނެވެ. އެތާނގައި އެ ބަންދުވެފައި ހުރި 29 މިނެޓުން އެންމެ ހިނދުކޮޅަކުވެސް އިތުރަށް އެގޮތަށް ހޭދަކުރަން ބޭނުން ނުވީ ކީއްވެކަން އިނގިލައްވާތޯއެވެ؟ އޭރު އެވަމުންދިޔަ ތަފާތު އިޙްސާސަކީ ކޮން އިޙްސާސެއްކަން އެނގިލައްވާތޯއެވެ؟

އެއީ މިނިވަންކަން ނެތުމުގެ އިޙްސާސެވެ. އާދޭހެވެ. އަޅުވެތިކަމުގެ އިޚްސާސެވެ. ލޯގަނޑުން ބޭރުން މީސްތަކުން މިނިވަންކަމާއެކު އެކި ގޮތްގޮތަށް ޙަރަކާތްތެރިވާތަން ފެންނަމުން ދިޔައިރު އަޅުގަނޑު ހުރީ ބަންދުވެފައެވެ. މިނިވަންކަމުގެ އަގުވަޒަންކުރެވޭނީ އަޅުވެތިކަން އިޙްސާސްކުރަން ޖެހުމުންނޭ ބުނާބުނުން އެއީ ވަރަށް ބޮޑު ތެދެކެވެ. "އަޅުވެތިކަމުގައި" އަމިއްލަ ނަފްސް އެންމެ 29 މިނެޓް ހޭދަކޮށްލަން ނުރުހެވުނުއިރު، މުޅި ޢުމުރު އަޅުވެތިކަމުގައި ހޭދަކުރަމުންދާ އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި އުޚުތުންގެ ވޭނީ ތަޖުރިބާތައް އަޅުގަނޑުމެންނަށް އިޙްސާސްކުރެވޭނެބާވައެވެ؟ މި ބަރަކާތްތެރި ރަމަޟާންމަހު އެކަނިވެސް ފަލަސްތީނުގައި ހިނގާފައިވާ ހިތާމަވެރި ޙާދިޘާތައް ކިޔާލުމުން އަޅުގަނޑުމެންނަށް ވާ ހަމައެކަނި ކަމަކީ ލޯ ފެންކަޅިވުމެވެ. އެމީހުންނަށް އެހީވުމަށްޓަކާ ކުރެވެން އޮތް ކޮންމެކަމެއް ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެކަމެކެވެ. ޣައްޒާއާއި ހުޅަނގު އައްސޭރި ނޫން ހުރިހާތަނެއް އިޒްރާއީލް ހިފާފާ ވާއިރު، ޣައްޒާއާއި ހުޅަނގު އައްސޭރިއަކީވެސް މިނިވަން ތަންތަނެއް ނޫނެވެ. އެއީ ބޮޑު ދެ ޖަލެކެވެ. އެތާނގެ އެތެރޭގައިވެސް ސަލާމަތްތެރިކަން ނެތް، އެތަންތަނުން ބޭރުވާނެ ގޮތެއް، ފެންލިބޭނެ މަގެއް، ކާތަކެއްޗާއި ބޭސް ލިބޭނެ ގޮތެއްނެތި ވާ ތަންތަނެވެ.

އަޅުގަނޑު އެ 29 މިނެޓް އެންމެ ހިނދުކޮޅަކަށްވެސް ދެކޭކަށް ބޭނުމެއް ނޫނެވެ. އެހެން މީހަކަށް ވިޔަސް މެއެވެ. ނަމަވެސް 29 މިނެޓް ކީއްކުރަންތޯއެވެ، ކޮންމެ ދުވަހެއް ކޮންމެ މިނެޓެއް އެ"އަޅުވެތިކަމަށް" ވުރެ އެތައް ގުނަ ބިރުވެރި ނުރައްކާތެރި އަޅުވެތިކަމުގައި ޒަމާންތައް ހޭދަކުރަމުންދާ މުސްލިމް އަޚުންނާއި އުޚުތުންގެ މަތިން އަޅުގަނޑުމެން ހަނދާންކުރަން ޖެހެއެވެ. މިލިޔުން ކިޔާނެ ކޮންމެ ބޭފުޅަކުވެސް އެމުސްލިމް އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކޮށްދިނުމަށް އެދެމެވެ. ޚާއްޞަކޮށް މި ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައިވެސްމެއެވެ.

ނިންމާލަމުން ދަންނަވަމެވެ. މިހުރިހާ ވާހަކައެއް އަޑުއެއްސެވުމަށްފަހު ދެން މިއީ އެހާވަރުކަމެއް ހެއްޔޭ ނުބުނުއްވާށެވެ. އަޅުގަނޑަށްވެސް މިލަނޑު، ނުވަތަ އަސްލު ދަންނަވާނަމަ މި ފިލާވަޅު، މި ލިބުނީ މިއީ އެހާވަރު ކަމެއް ހެއްޔޭ ހިތަށް އެރީމަކަންނޭނގެއެވެ. މިއިޙްސާސްތައް ތަޖުރިބާ ކުރި މީހެއްގެ ޙައިޘިއްޔަތުން ތިއިން އެއްވެސް ބޭފުޅަކަށް އެފަދަ ކަމެއް ވާކަށް ނޭދެމެވެ. އަޅުގަނޑު އޭރު އެހޭދަކުރީ "މިނިވަންކަން ނެތި"ކަމަށްވާނަމަ، ފަލަސްޠީނާއި އެހެނިހެން ބިންތަކުގައި އަޅުވެތިކަން އިޙްޞާޞްކުރާ ފަރާތްތައް އެ ތަޖްރިބާކުރަނީ ކޮންފަދަ ބޮޑު އަޅުވެތިކަމެއްބާވައެވެ؟ އެބޭފުޅުންގެ އިޙްސާސްތަކާއި ގާތް އިޙްސާސެއްވެސް އަޅުގަނޑުމެންނަށް މިހެން ތިބެގެން ކިޔޭނެބާވައެވެ؟

                                                     
19 ރަމަޟާންގެ ޙާދިޘާގެ މަންޒަރުތައް އެކަނި ނަމަވެސް ބައްލަވާށެވެ. (ފަހަރެއްގައި ރޮވުމަކީ އެކަށީގެންވާކަމެއް!)


No comments: