Pages

Wednesday, February 22, 2012

ސީރިޔާގެ ޙިމްޞް: މުސްލިމުން މަރަށް ތެޅެން ދޫކޮށްލެވިފައި

ޝާމް ނިއުސް ނެޓްވޯރކުން ބުރާސްފަތިދުވަހު ޢާއްމުކުރި ވީޑިޔޯއެއްގައި ޙިމްޞްގެ މިސްކިތެއް ދައްކައިދެނީ


ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ލަޝްކަރުތަކުން ސުންނީ މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ޤަތުލުޢާއްމުތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ ސީރިޔާގެ އަޣްލަބިއްޔަތު ކަމުގައިވާ ސުންނީ މުސްލިމުން ދިރިއުޅޭ އަވަށްތަކަށެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ހަމަލާތައް އެ ސަހަރަކަށް އަމާޒުކޮށްފައިވާ އެއް ސަހަރަކީ ސުންނީ މުސްލިމުން ގިނަ ޙިމްޞް އެވެ.

ބައްޝާރުގެ ލަޝްކަރުތަކުން ޙިމްޞްއަށް އެރުމަށްޓަކާ ޙިމްޞްގެ ރަށްބޭރުގައިވާ އަވަށްތަކަށް ގެއްލުންދެމުން ދާތީ އެއަވަށްތަކުގެ މުސްލިމުންނަށް ވަނީ ޙިމްޞްގެ ތެރެއަށް ވަނުމަށް މަޖުބޫރުވެފަ އެވެ. އެނޫން އިތުރު އެއްވެސް ދިމާއަކުން ސަލާމަތްކަން ހޯދުމަށް ދިއުމުގެ މަގުތައްވަނީ ބަންދުކުރެވިފަ އެވެ. އެކަމުގެ ސަބަބުން ހިސޯރުކުރެވިފައިވާ ޙިމްޞްގެ ގެތަކާއި އެޕާރޓްމެންޓްތަކުގައި މީހުން ގިނަވެ ފުނިޖެހިފައިވެ އެވެ. އެއްގޭގައި ޢާއްމުކޮށް 4 ޢާއިލާ ނުވަތަ 5 ޢާއިލާ ދިރިނޫޅޭ ގެއެއް ޙިމްޞްގައި މިހާރު މަދުވާނޭކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން މައުލޫމާތު ދެއެވެ.

"އަހަރެމެން ނިދާ ހަދަނީ ވަގުތު ބަހައިގެން. އެއްބަޔަކު ހެނދުނު. އަނެއް ބަޔަކު ރޭގަނޑު. އެއީ އަހަރެމެންނަށް އެހާ ޖާގައެއް ނެތް." 25 މީހުން ދިރިއުޅޭ 2 ކޮޓަރި ހުންނަ ގެއެއްގެ ވެރިމީހާ އަބޫބަކުރު ބުނެއެވެ.

ބައްޝާރުގެ ޢަލަވީ ކާފިރު ލަޝްކަރުތަކުން ދެމުންދާ ލާއިންސާނީ ޙަމަލާތަކުގައި ޒަޙަމްވާ ފަރާތްތަކަށް އެއްވެސް ފަރުވާއެއް ކުރުމުގެ ފުރުޞަތު ނެތި ޢާއިލާތައް ފުނިޖެހިފައިވާ ގެތަކުގައި ބަލަހައްޓައިގެން ތިބެން ޖެހޭއިރު، ކާނާއަށްވެސް ވަނީ ތަދުކަން ކުރިމަތިވެފަ އެވެ. ސޫރިޔާގެ ޙިމްޞްގެ މުސްލިމުން މިހާރު ބަނޑު ފުރާނަ މުއްތިކުރަމުންދަނީ ރައްކާކޮށްފައިވާ ވާރޭ ފެނުން އެކަނި ކަމަށް އެތާނގެ މުސްލިމުން ހާމަކުރަމުންދެ އެވެ. އަދި ފެން ރައްކާކުރާ ތާނގީތަކަށާއި އެފަދަ އަސާސީ ބޭނުންތައް ފުއްދައިދޭ ތަންތަނަށް ބައްޝާރުގެ ސިފައިން ގެއްލުންދީ ހަލާކުކުރަމުން ދާތީ މުސްލިމުންގެ ޙާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަނީ ނިކަމެތިވަމުންނެވެ. އަދި  ބަނޑުހައިހޫނުކަމުގެ ބިރު ސީރިޔާއަށް ކުރިމަތިވެފައިމިވަނީ ބައްޝާރުގެ އަނިޔާވެރި ޢަމަލުތައް ހިންގުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ފުރުޞަތު ދީގެން ތިބޭތީކަމަށްވެސް ނިކަމެތިވެފައިވާ ސީރިޔާގެ މުސްލިމުން ބުނަމުންދެ އެވެ.

ޙިމްޞްގެ ރަށެއް ކަމުގައިވާ ބާބާ ޢަމްރޫ ގައި އަޅާފައިވާ ވަގުތީ ހަސްފަތާލްތަކަށް ބައްޝާރުގެ ލަޝްކަރުތަކުން ހަމަލާދީ ހަލާކުކޮށްލާފައިވާއިރު މަދުވެގެން 2 ޑޮކްޓަރަކާއި 2 ނަރުހުން މަރާލާފައިވެ އެވެ. މިހާރު އެ ރަށުގައި ޖުމްލަ ތިބީ 2 ނުވަތަ 3 ޑޮކްޓަރުންކަމަށް ބާބާ ޢަމްރޫގައި ޙަރަކާތްތެރިވާ މުސްލިމް އެކްޓިވިސްޓުން ހާމަކުރެ އެވެ.

މިހާރު ޒަޚަމްވެފައިވާ ފަރާތްތަކަށް ފަރުވާ ދެމުންދަނީ ޢާއްމުން ދިރިއުޅޭ ގެތަކުގަ އެވެ.
"ޒަޚަމްވެފައިވާ މީހުން މަރުވާތަން ބަލަން އަހަރެމެން މިތިބެނީ. އަހަރެމެންނަށް ހަމައެކަނި ކުރެވޭ ކަމަކީ ޒަޚަމްތަކުގައި ފޮތިކޮޅެއް އަޅާލާފަ އެމީހުން މަރުވާތަން ބަލަން ތިބުން." ނަން ހާމަކުރަން ނޭދޭ ރައްޔިތަކު ނޫހަކަށް މައުލޫމާތު ދެމުން ބުނެއެވެ.

"އަހަރެމެންގެ ވަރަށް ގިނަ މީހުން މަރުވެއްޖެ. ކޮންމެ ދުވަހަކު އަހަރެމެންގެ ލޯމަތީގައި ޢާއިލާ މީހުންނާއި ރަޙްމަތްތެރިން މަރުވެގެން އެދަނީ. އަހަރެމެންނަށް ކުރެވޭނެ މާބޮޑުކަމެއް ނެތް." އޭނާ އިތުރަށް ބުންޏެވެ.

ފޯނު ލައިންތަކާއި އިންޓަނެޓް ކަނޑާލާފައިވާއިރު، ދަނޑުވެރިކަމަށް ބަރޯސާވެފައިވާ ޙިމްޞްގެ ދަނޑުވެރިން ދަނޑަށް ދިއުމުގެ މަގުތައްވެސް ވަނީ އަސަދުގެ ލަޝްކަރުތަކުން ބަންދުކޮށްފައެވެ.

"ބޮންއަޅައިގެން މީހުން މަރުނުވާނެނަމަ، ބަނޑަށް ޖެހިގެން މީހުންތައް ވަރަށް އަވަހަށް މަރުވެގެން ހިނގައިދާނެ." ޙިމްޞްއިން ނޫސްވެރިންނަށް މައުލޫމާތުދިން ފަރާތަކުން ބުނެފައިވެ އެވެ.

"މުޅި ދުނިޔެ އަހަރެމެން ދޫކޮށްލައިފި. އަހަރެމެން މިތިބީ އެކަނިވެފަ. އަހަރެމެން މީ ތިބޭ ބަޔަކަށް ނުވޭ. އަހަރެމެންނަށް ވާނެގޮތަކާމެދު އެއްވެސް ބަޔަކު އަޅައެއްނުލާ." އަސަދުގެ އަނިޔާވެރިކަން ކޮންމެ ދުވަހަކު ދެކެންޖެހިފައިވާ ސީރިޔާގެ ޙިމްޞްގެ އަހުލުވެރިޔަކު ނޫހަކަށް ބުނެފައިވެ އެވެ.

No comments: