Pages

Sunday, February 12, 2012

"އަލިފް ލާމް މީމް": ރާއްޖެ ޝެއިޚުންނަށް މި 3 އަކުރުގެ މާނަ ނޭނގޭ!!

ރައްޓެހި ކުދިންތަކެއް ވާހަކަ ދައްކަމުން ދިޔަ ދަނޑިވަޅެކެވެ. ކުއްލިއަކަށް މައުޟޫ ބަދަލުވެގެން ދިޔައީ “ދީނީ” ދިމާލަކަށެވެ. މި “ތުނބުޅިލީ މީހުން” އުޅޭ ޢަޖައިބުކުރުވަނިވި ގޮތުގެ މައްޗަށެވެ. އުޅޭ “ބީރައްޓެހި” ދިރިއުޅުމަށެވެ. އަޅުގަނޑު ކަންފަތްދީގެން ދުލުގައި ހިފަހައްޓައިގެން އިނީމެވެ.
އިރުކޮޅަކުން، ދިވެހިރާއްޖޭގެ “ދަންނަބޭކަލުން”ގެ ވާހަކަތަކާ ދިމާއަށް މައުޟޫ އެނބުރުނެވެ. އެންމެ ފަހުން ވާހަކަ ނިންމާލީ، “މިމީހުންނަށް ކޯއްޗެއް އެނގޭނީ..؟؟ އަދިވެސް ޤުރުއާން ތަރުޖަމާގައި އެއިންނަ އަލިފް ލާމް މީމް ގެ މާނަ ތިމަންމެނަށް ނޭނގޭ. ﷲ އޭ ދެނެވޮޑިގެންވާނީ. ޕާކިސްތާނާ މިޞްރަށް ގޮސްގެން ކިޔެވީ ކޯއްޗެއްބާއޭ ހިތަށްއަރާ؟”
އެދުވަހުގެ ވާހަކަތައް އަޑުއަހަން އިނުމުން އަޅުގަނޑަށްވެސް ވަރަށް މުހިއްމު ފިލާވަޅެއް ދަސްވެގެން ދިޔައެވެ. “ދަންނަބޭކަލުން” ނުދަނެއޭ އެކުދިން ބުނިއިރު، އަޅުގަނޑު އިނީ އެކުދިންނަށް ނޭނގޭ ވަރާމެދު ޙައިރާންވެފައެވެ. އެވަރުކަމެއްގެ ތަންދޮރުނުފިލާ ކުދިން އަދިވެސް އުޅެނީތާއޭ ހިތަށް އަރާ އަންތަރީސްވެފައެވެ. އަޅުގަނޑަށް ލިބުން އެއް ފިލާވަޅަކީ، ދީނަށް ޢަމަލުނުކުރާ ގިނަ މީހުން އެހެން އެ އުޅެނީ ހަމަ ނޭނގޭތީއެވެ. އެފަދަ ކުދިންނަށްވެސް ޙިކުމަތްތެރިކަމާއެކު ދީން ފޯރުކޮށްދެވިއްޖެނަމަ، ﷲ އެބަޔަކަށް ހިދާޔަތް ދައްކެވުމަކީ ދުރުކަމެއް ނޫނެވެ. “ދީނީ” ވާހަކަ އެކުދިންނާއެކު ޝެއަރ ކުރަން ޖެހިލުންނުވާންވީއެވެ. ދަރުސްތަކަށް ދިއުމަށް ދަޢުވަތު ދޭންވީއެވެ. އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށްފިނަމަ، ނަތީޖާ ބަދަލުވެގެން ދާނެގޮތް ޤަބޫލުކުރެވޭނީ ހަމަ އެފަދަ ކަމެއް ވީމައެވެ.
ކޮބާ! އެހެންވީމާ، ދެން އެންމެ އަވަހަށް އޮންނަ ދަރުސަކަށް ދާން ރައްޓެއްސަކަށް ގުޅާލަން މިއީ އެންމެ ރަގަޅު ދަނޑިވަޅު ނޫންބާ؟
• [މިފަދަ ވަކި އަކުރުތައް (حروف مقطعات)އާއި ބެހޭގޮތުން އިބްން ކަޘީރު އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢުޘްމާނުގެފާނާއި، ޢަލީގެފާނާއި އަދި ޢިބްން މަސްޢޫދު މިއެންމެ ބޭކަލުން ވިދާޅުވިއެވެ. “ބައެއް ސޫރަތް ފެށޭ ތަންތާނގައި ހުންނަ ވަކިވަކި އަކުރުތަކަކީ، ﷲއަށް އެކަނި އެކަލާނގެ ޚާއްޞަކުރައްވާފައިވާ ޢިލްމުގެ ތެރެއިން ވާ ކަމެކެވެ.”

ނޯޓް: މިއީ ދިއިސްލާމް މަޖައްލާގެ 1 ވަނަ އަދަދުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ. މިއަދަދުގެ އެހެން ލިޔުންތައް ވިދާޅުވޭ!

No comments: