Pages

Wednesday, February 22, 2012

ދަތުން ހިފަހައްޓައިގެން 23 ބެންޗް ބެލެންސްކޮށް ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި

ހުޅަނގު ދެކުނު ޗައިނާގެ ޑާޒޫ ޑިސްޓްރިކްޓްގައި ލި އޭނާގެ ހުނަރު ޢާއްމުންނަށް ދައްކާލަނީ / ފޮޓޯ: އޭޕީ

ޗައިނާގެ ރައްޔިތެއް ކަމަށްވާ ލި ހޮންގްޒިއާއޯ އަކީ ކުޑައިރުއްސުރެ އަނގައިން ތަފާތު ތަކެތި ބެލެންސްކުރަމުން އަންނަ ފަރާތެކެވެ. ނަމަވެސް ގިނަ ބަޔަކަށް ހައިރާންކަމެއް ގެނެސްދިން ކަމަކަށް ވެގެން ދިޔައީ، ދުނިޔޭގެ ރެކޯޑެއް މުގުރާލުމަށްފަހު 23 ބެންޗް އަނގައިން ހިފަހައްޓައި ބެލެންސްކޮށްގެން 11 ސުކުންތު ހުރުމަށް ލި ހޮންގްޒިއާއޯ ދައްކައިދިން ބިރުކުޑަ ޙަރަކާތްތަކުގެ ސަބަބުންނެވެ.

ކޮންމެ ބެންޗެއްގައި 3 ކިލޯ ހުންނަ މި ބެންޗްތަކަކީ 45 ސެންޓިމީޓަރު އުސް އަދި އެއްމީޓަރު ދިގު ބެންޗްތަކެކެވެ. އެހެންކަމުން، ބަރުދަނުގައި 75 ކިލޯ ހުންނަ ލި ހޮންގްޒިއާއޯ މިވަނީ 69 ކިލޯގެ ބުރަދަން އޭނާގެ ދަތްތަކުގެ މައްޗަށް ބެލެންސްކޮށްފަ އެވެ. މީގެ ކުރިން ޤާއިމްކޮށްފައިވާ ރެކޯރޑްގައި އެފަދައިން ބެލެންސްކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވަނީ 14 ބެންޗެވެ.

ލި ހޮންގްޒިއާއޯ މި ފަދަ ކާމިޔާބީ އާ ހަމައަށް ދަތުރުކޮށްފައި މިވަނީ ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތާއި ތަޖުރިބާއަށް ފަހު އެވެ. ފަޤީރު އާއިލާއަކަށް ނިސްބަތްވާ ލި ހޮންގްޒިއާއޯ ގެ ޢުމުރުން 8 އަހަރުގައި ވަނީ ޢާއިލާއަށް ފައިސާ ހޯދުމަށްޓަކާ އޭނާގެ ތަފާތު ހުނަރުތައް ދައްކައިގެން އާމްދަނީ ހޯދަން ފަށާފަ އެވެ.

މިހާރު ޢުމުރުން 30 އަހަރުގެ އޭނާ 2000 ވަނަ އަހަރު ދަތްމައްޗަށް ތަފާތު ތަކެތި ބެލެންސްކުރުމުގެ ހުނަރު ލިބިގަތުމަށް މަސައްކަތްފެށި އެވެ. އެގޮތުން ތަފާތު އެތައް ފަހަރަކު ވަނީ އެކަމުގެ ސަބަބުން އެކިވަރުގެ ގެއްލުންތަކާވެސް ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ފުރަތަމަ ފަހަރަށް 12 ބެންޗް އަނގަމައްޗަށް ބެލެންސްކުރަން ކުރި މަސައްކަތް ފެއިލްވުމުން ލި ހޮންގްޒިއާއޯގެ ފުރާނަ ސަލާމްތަކުރެވިފައިވަނީ އުނަގަނޑަށް ލިބުނު 18 ގެއްލުމަކަށްފަހު އެވެ.

އެހެންކަމުން ކާމިޔާބަކީ ބުރަ މަސައްކަތާއި ގެއްލުމަށް ފަހު ލިބޭނެ އެއްޗެއްކަން ލި ހޮންގްޒިއާއޯގެ މި ކާމިޔާބީއިން ފާހަގަވެގެންދެ އެވެ. (ޑޯންޓް ޓްރައި ދިސް އެޓް ހޯމް)

No comments: