Pages

Tuesday, February 14, 2012

ޢުރުދުންގެ އިޚްވާނުލް މުސްލިމޫން، ބައްޝާރާ ދެކޮޅަށް ޖިހާދު އިއުލާން ކޮށްފި

ޢުރުދުންގެ ނުފޫފު ގަދަ ޖަމާޢަތެއްކަމުގައިވާ އިޚްވާނުލް މުސްލިމޫންގެ ފަރާތުން ސީރިޔާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް ޖިހާދު އިޢުލާންކޮށް ސީރިޔާގެ ޢަލަވީ ވެރިކަމާދެކޮޅަށް މިހާރު ޖިހާދުކުރަމުންދާ ފްރީ ސީރިއަން އާރމީއަށް މަދަދުކުރުމަށް ނިންމައިފިއެވެ. މިޖަމާޢަތުން މިހެން ނިންމާފައިމިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މިޖަމާޢަތުގެ ފަތުވާ ކޮމިޓިގެ މެމްބަރެއްކަމުގައިވާ ޝެއިޚް މުޙައްމަދު އަބޫ ފާރިސް ވިދާޅުވެފައިވަނީ "އަސަދާ ދެކޮޅަށް ޖިހާދުކުރުމަކީ މުސްލިމުންގެ މައްޗަށްވާ ވާޖިބެއް" ކަމަށެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ ސީރިޔާގެ ރައްޔިތުން އެމީހުންގެ އަމިއްލަ ނަފްސުތައް ދިފާޢުކުރުމުގެ ޙައްޤު ލިބިގެންވާކަމަށާއި އެމީހުން އެކަމުގައި މަޑު ޖެހިގެން ނުވާނެކަމަށެވެ.

ސީރިޔާގައި ބައްޝާރުގެ ލަޝްކަރާ ދެކޮޅަށް ހަނގުރާމަކުރާ ފްރީ ސީރިއަން އާރމީ އަކީ ސީރިޔާގެ ރަސްމީ ފަރާތުގެ ގޮތުގައި ބަލައިގަތުމަށް މި ޖަމާޢަތުގެ ފަރާތުން ޢުރުދުންގެ ސަރުކާރުގެ ކިބައިން ވަނީ އެދިފައެވެ. އަދި މިމަހު ކުރީކޮޅު އދ އިން ސީރިޔާއާ ދެކޮޅަށް ފާސްކުރަން އުޅުނު ޤަރާރު ވީޓޯކުރި ދެޤައުމުކަމަށްވާ ރަޝިޔާއާއި ޗައިނާއަށް ވަނީ އެމީހުންގެ ނިންމުން ބަދަލުކުރުން އެދި ސިޓީވެސް ފޮނުވާފަ އެވެ.
                
މިދިޔަ އަހަރުގެ މާރޗް މަހުން ފަށައިގެން ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ކުރަމުންދާ ޖިހާދުގައި 5000 އަށްވުރެ ގިނަ މީހުން މަރާލާފައިވާކަމަށް ބައެއް ތަފާސް ހިސާބުތަކުން ދައްކައެވެ. މުސްލިމް އެތައް ޢިލްމުވެރިންނެއްވަނީ ބައްޝާރާ ދެކޮޅަށް ޖިހާދުކުރަން ގޮވާލައްވާފަ އެވެ. އޭގެ ތެރޭގައި ދުނިޔެއަށް މަޝްހޫރު ޢިލްމުވެރިން ކަމުގައިވާ ޑރ. ޔޫސުފުލް ޤަރްޟާވީ އާއި ޑރ. ސަލްމާނުލް ޢައުދާ އަދި ޑރ. މުޙައްމަދު އަލްޢަރީފީ ހިމެނިވަޑައިގަނެއެވެ.

No comments: