Pages

Thursday, August 18, 2011

ބަދުރުގެ ހަނދާންތަކުން: "ބޭބޭ ކޮބައިހޭ އަބޫ ޖަހުލު؟"



"ބަދުރުގެ މައިދާނުގައި، ޞަޙާބީއަކު ވިދާޅުވަނީ..." މިއީ ޝެއިޚް އިލްޔާސް ޙުސައިންގެ އަސަރުގަދަ ތަޤްރީރަކުން ވަރަށް ގިނަ ބަޔަކު އަޑު އަހާފައިވާ މަޝްހޫރު ވާހަކައެއްގެ ވާހަކައެވެ. އެވާހަކައެއް އަޑު އެހުމަށްފަހު އަޅުގަނޑުމެން ލަދުގަނެ އަމިއްލަ ނަފްސަށް މަލާމާތްކުރާ ވަރުގެ ވާހަކައެއްގެ ވާހަކައެވެ. އަޅުގަނޑުމެން "ޢުޛުރުވެރިވެފައިވާ" މިންވަރު އިތުރަށް މުރާޖަޢާކޮށްލަން މަޖްބޫރުކުރުވާ ފަދަ ވާހަކައެއްގެ ވާހަކައެވެ.

ދައްކަން މިއުޅެނީ ކުޑަ ކުޑަ ދެކުދިން، ނުވަތަ ކިރިޔާ ބާލިޣްވާ ޢުމުރުގެދެކުދިން ބަދުރުގެ މައިދާނުގައި ދެއްކެވި ހިތްވަރުގެ ވާހަކައެވެ. އަބޫ ޖަހުލު މަރާލުމަށްޓަކާ އެދެކުދިން ކުރި ޖިހާދުގެ ވާހަކައެވެ. ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ ވީ ލޯބީގެ މަތިވެރިކަމުގެ ވާހަކައެވެ.

މިއީ އޭގެ ސަނަދާއި މެދު ޝައްކެއް ކުރުމުގެ ޖާގަނެތްހާ ޞައްޙަ ޞަރީޙަ ވާހަކައެކެވެ. ބުޚާރީއާއި މުސްލިމް އަދި ޙާކިމް އާއި ޠަބަރީ އާއި ބައިޙަޤީވެސް އެބޭކަލުންގެ ފޮތްތަކުގައި ބަޔާންކުރައްވާފައިވާ ޙާދިޘާއެކެވެ. އެހުރިހާ ބޭކަލުން ޢަބްދުއްރަޙްމާން ބުން ޢައުފް (ރަޟިޔަﷲ ޢަންހް)ގެ ކިބައިން ރިވާކުރެއްވި ޙާދިޘާ ޝެއިޚް ޢަބްދުﷲ ޢައްޒާމް (ރަޙިމަހުﷲ) ލިޔުއްވި ފޮތެއްގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.

ޢަބްދުއްރަޙްމާން ވިދާޅުވިއެވެ. ބަދުރުގެ ދުވަހު ސަފުތަކުގައި ތިމަންކަލޭފާނު ހުންނެވީމެވެ. އެވަޤުތު ކުޑަ ކުއްޖަކު ތިމަންކަލޭފާނާ ގާތްވެލިއެވެ. އޭނާ ވާނީ ބާލިޣްވުމުގެ ޢުމުރުގައެވެ. ނުވަތަ ކިރިޔާ ބާލިޣްވުމުގެ ޢުމުރު ފަހަނަ އަޅާފައެވެ. އެކުއްޖާ ބުންޏެވެ. "އޭ ބޮޑުބޭބޭއެވެ. ކޮބައިހޭ އަބޫޖަހުލު؟"

ތިމަންކަލޭގެފާނު ދެންނެވީމެވެ. "ކޮއިފުޅު އޭނާ ތި ހޯދަނީ ކީއްކުރަންހެއްޔެވެ؟"

އެކަލޭގެފާނު އެހުންނެވީ ޙައިރާންވެ ޢަޖާއިބުވެލައްވާފައެވެ. އެހެނީ މިކުޑަ ކުޑަ ކުއްޖާ އެ އަހަނީ އަބޫޖަހުލުގެ ވާހަކައެވެ. ހަނގުރާމަވެރި، ޖާހިލިއްޔަތުގެ ކޮމާންޑަރުގެ ވާހަކައެވެ.

އެކުޑަކުއްޖާ ޖަވާބު ދިނެވެ. "އޭނާ، ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް)އަށް އެއްޗެހި ކިޔާ ވާހަކަ ތިމަން އަޑުއެހީމެވެ. ﷲ ގަންދީ ބުނަމެވެ. އަހަންނަށް އޭނާ ފެނިއްޖެ ނަމަ، ތިމަންގެ ހިޔަނި އޭނާގެ ހިޔަންޏާއި ވަކިވާނީ ތިމަން އޭނާ ޤަތުލުކޮށްފައެވެ. ނުވަތަ އޭނާގެ އަތުން ތިމަން ޤަތުލުވެގެންނެވެ."

އޭގެ ހިނދުކޮޅެއް ފަހެވެ. އެހެން ކުއްޖަކު ތިމަންކަލޭގެފާނާ ގާތްވެލިއެވެ. މިކުއްޖާއަކީވެސް ކުރީގެ ކުއްޖާއާ އެއް ޢުމުރެއްގެ ކުއްޖެކެވެ. މިކުއްޖާ އެހިއެވެ. "އޭ ބޮޑުބޭބޭއެވެ. ކޮބައިހޭ އަބޫ ޖަހުލު؟" ތިމަންކަލޭގެފާނު އޭނާއަށް ދެންނެވީމެވެ. "ކޮއިފުޅު އޭނާ ތި ހޯދަނީ ކީއްކުރަން ހެއްޔެވެ؟" އެކުއްޖާ ޖަވާބުދިނެވެ. " އޭނާ، ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް)އަށް އެއްޗެހި ކިޔާ ވާހަކަ ތިމަންމެން އަޑުއެހީމެވެ. ﷲ ގަންދީ ބުނަމެވެ. އަހަންނަށް އޭނާ ފެނިއްޖެ ނަމަ، ތިމަންގެ ހިޔަނި އޭނާގެ ހިޔަންޏާއި ވަކިވާނީ ތިމަން އޭނާ ޤަތުލުކޮށްފައެވެ. ނުވަތަ އޭނާގެ އަތުން ތިމަން ޤަތުލުވެގެންނެވެ."

އިރުކޮޅެއް ފަހުން ތިމަންކަލޭގެފާނަށް ވަރަށް ދުރުން އަބޫ ޖަހުލު ފެނިއްޖެއެވެ. އެހެންކަމުން ތިމަންކަލޭގެފާނު ދެންނެވީމެވެ. "ތިޔަކުދިންގެ މީހާ (ތިޔަ ކުދިން ހޯދާ މީހާ) އެހުރީއެވެ."

އަދި ތިމަންކަލޭގެފާނު ހިތްޕުޅަށް އެރިއެވެ. މިޒުވާނާގެ އަރިކަށީގެ މެދުގައި ތިމަންކަލޭގެފާނު ވީނަމައެވެ.

ދެން ފަހެ އެދެކުދިން އޭނާއާ ދިމާއަށް ދުއްވައިގަތެވެ. އޭގެ ކުޑަ ހިނދުކޮޅެއް ފަހުން، އެދެކުދިން އެނބުރިއައެވެ. "އޭ ﷲގެ ރަސޫލާ (ޞައްލަﷲ ޢަލައިހިވަސައްލަމް) އެވެ. ތިމަންމެން އޭނާ ޤަތުލުކޮށްފީމެވެ!" ގޮވަމުންނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "ތިކުދިންގެ ތެރެއިން އޭނާ ޤަތުލުކޮށްލީ ކޮންކުއްޖެއްހެއްޔެވެ؟"

މުޢާޛް ބިން ޢަމްރު ބުނުލް ޖަމޫޙް ދެންނެވިއެވެ. "ތިމަންނައެވެ."

މުޢާޛް ބިން ޢަފްރާ ދެންނެވިއެވެ. "ތިމަންނައެވެ"

ދެން ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ޙަދީޘްކުރެއްވިއެވެ. "ތިކުދިންގެ ކަނޑި މިހާރު ފޮހެލައިފިން ހެއްޔެވެ؟"

އެކުދިން ދެންނެވިއެވެ. "ނޫނެކެވެ."

އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނަށް އެތަކެތި ދައްކާށެވެ."

އެހިނދު، އެދެކަނޑީގައިވެސް ލޭވަނިކޮށް އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ދެކެވަޑައިގަތެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އޭނާ ޤަތުލުކުރީ ތިޔަ ދެކުދިންނެވެ."

ސުބުޙާނަﷲ އެވެ! މިއީ ކުޑަކުޑަ ދެކުދިން އިތުރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދިފާޢުގައި ކުރެއްވި ޖިހާދުގެ މަތިވެރި މިޘާލެކެވެ. ނުބައި ނުލަފާ އެންމެ ބޮޑެތި ޢަދާވާތްތެރިންގެ ތެރެއިންވެސް މިއުއްމަތުގެ ފިރުޢައުނު ފަދަ ވަރުގަދަ މީހަކު ބިންމަތިކޮށްލުމަށް ކުޑަކުޑަ ދެކުދިން ކޮށްފައިވާ މަސައްކަތެވެ. އެކުދިންގެ ހިތްތަކުގައި ޖިހާދަށް ދެވިފައިވާ ޝައުޤުވެރިކަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދިފާޢަށް ނުކުންނަވަން ހުރި ޝައުޤެވެ. ދީނަށް ޚިދުމަތްކުރަން ކުރެއްވި މަސައްކަތެވެ.

ބަދުރުގެ ދުވަހު ޢަބްދުﷲ ބިން މަޞްޢޫދު (ރަޟިޔަﷲ ޢަންހް) މަރުވެފައިވާ ހަށިތަކުގެ ތެރެއިން ހޯއްދަވަމުންދަނިކޮށް، އަބޫ ޖަހުލު އޭނާގެ އެންމެ ފަހު ނޭވާގައި ވަނިކޮށް ފެނިވަޑައިގެން، އޭނާގެ މޭމަތީގައި އިށީންނެވިއެވެ. އަބޫ ޖަހުލު އޭނާގެ ލޯ ހުޅުވާލިއިރު ޢަބްދުﷲ ބިން މަޞްޢޫދު އޭނާގެ މޭމަތީގައި ސަވާރުވެ އިންތަން ދެކުނެވެ. އަދި މަލާމާތުގެ ރާގަކަށް ބުންޏެވެ. "ތިޔައީ މައްކާގައި އަހަރެމެންގެ ބަކަރި ހުއިހައްޕާމީހުންގެ ތެރެއިން މީހެއް ނޫންހެއްޔެވެ؟"

އިބްން މަޞްޢޫދު ވިދާޅުވިއެވެ. "އޭ ﷲގެ ޢަދުއްވާއެވެ، ހަމަކަށަވަރުންވެސް ތިމަންނައަކީ އޭގެ މީހެކެވެ." މިބަހުން އަބޫ ޖަހުލުގެ މާޔޫސްކަމަށް އިތުރުވެގެން ދާނޭކަން ގައިމެވެ.

އަނެއްކާވެސް އަބޫ ޖަހުލު ބުންޏެވެ. "އޭ ޖަމަލު ހުއިހައްޕާ ކަލޭގެއާއެވެ، ކަލޭ އަމިއްލައަށް އުނދަގޫ ޙާލަތަކަށް ތިޔަ ވެއްޓިގަތީއެވެ. ކަލޭ ތިޔައިނީ އަހުރެންގެ މޭމަތީގައި ހެއްޔެވެ؟ އެއްވެސް މީހަކު ތިޔަ ފަދަ މާތް އެއްޗެއް މަތީ ދުވަހަކު އިށީނދެފައެއް ނުވެއެވެ."

އިބްނު މަޞްޢޫދު ވިދާޅުވިއެވެ. "މިއަދު ކޮންބައެއް ހެއްޔެވެ؟ ނަޞްރު ލިބިގެންވަނީ ކޮންބަޔަކު ހެއްޔެވެ؟ އެއީ ﷲ އާއި އެކަލާނގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)އެވެ."

ބައެއް ރިވާޔަތްތަކުގައި ބަޔާންވެފައިވާ ފަދައިން އެދުވަހު އަބޫ ޖަހުލު ޢަބްދުﷲ ބިން މަޞްޢޫދަށް ބުންޏެވެ. "އަހަރެންގެ އެންމެ ފަހު ނޭވާއާ ހަމައަށް އޭނާގެ ޢަދުއްވެއްގެ ގޮތުގައި ހުންނާނެ ވާހަކަ މުޙައްމަދު ގާތު ބުނާށެވެ."

މިއީ މިއުއްމަތުގެ ފިރުޢައުނެވެ. މޫސާގެފާނުގެ ޤައުމުގެ ފިރުޢައުނުވެސް މަރުވާންވީމާ ތިމަންނާ އިސްލާމް ވެއްޖައީމޭ ބުންޏެވެ. ނަމަވެސް މިއުއްމަތުގެ ފިރުޢައުނު މަރުވާނެކަން ޔަޤީންވީމާވެސް ކާފަރުކަން އިތުރަށް ޔަޤީންކުރީއެވެ. މިއީ މި ފިރުޢައުނުގެ ނުބައިކަން ދޭހަވާ ކަމެއްވެސް މެއެވެ. ނަމަވެސް ވިސްނަވާށެވެ. އެފިރުޢައުނު އެފަދައިން ބިންމަތިކޮށްލާފައިއެވަނީ ކުޑަކުޑަ ދެކުދީންގެ އަތްމަތިންނެވެ.

ދެން، ފަހުން އެދެކުދިންނަށް ކަންތައްވީ ގޮތް ބަލާލަމާހެއްޔެވެ؟

މިޝްކާތުލް މަސާބީޙްގައި ބަޔާންވެފައިވާކަމަށް ވެއެވެ. ޢަބްދުއްރަޙްމާން ބުން ޢައުފް (ރަޟިޔަﷲ ޢަންހް) ވިދާޅުވިއެވެ.

"އަބޫޖަހުލުގެ މުދަލުގެ ޣަނީމާ މުޢާޛް ބިން ޢަފްރާއަށް ނުބެހެއެވެ. އެއީ އެދުވަހު ފަހުން އޭނާ ޝަހީދުވެފައިވާތީއެވެ."

އެދެކުދިންގެ ތެރެއިން އެއް މުޢާޛް ބަދުރުގެ ދުވަހު ޝަހީދުވެފައިވާއިރު، މުޢާޛް ބިން ޢަމްރު ބިން ޖަމޫޙް ވަނީ ޢުޘްމާނުގެފާނުގެ ޚިލާފަތާ ހަމައަށް ދުނިޔޭގައި ހުންނަވާފައެވެ. ފަހުން ބަދުރުގެ ދުވަހުގެ ޙާދިޘާ އެކަލޭގެފާނުގެ ދޫފުޅުން ކިޔާދެއްވިއެވެ.

"ބަދުރުގެ ދުވަހު ތިމަންކަލޭގެފާނުގެ އަމާޒެއްކަމަށް އަބޫ ޖަހުލު ހެދީމެވެ. އެހެންކަމުން، އެންމެފަހުން ތިމަންކަލޭގެފާނަށް އޭނާ ފެނުމުން، ދުވެގޮސް އޭނާގެ ފަލަމަސްގަނޑުގެ މެދުން ފަޅާލާ އޭނާއަށް ހަމަލާ ދިނީމެވެ. ކުއްލިއަކަށް އޭނާގެ ދަރިކަލުން ޢިކްރިމާ ތިމަންކަލޭގެފާނުގެ ކޮނޑުހުޅަށް ހަމަލާއެއް އަރުވާލައިފިއެވެ. އޭގެ ސަބަބުން އެއަތް ތިމަންކަލޭގެފާނުގެ ހަށިގަނޑުން އެލިފައި އޮތީ ތުނި ހަންފަށަލައަކުންނެވެ. މިހެން އަތް އެލުވައިގެން ދަމައިގެން އުޅެން ޖެހުމުން އެދުވަހު ފަހުން ތިމަންކަލޭގެފާނަށް ހަނގުރާމަ ކުރެވޭ ގޮތެއް ނުވިއެވެ. މިފަދައިން މަޑުންވެސް ނުހުރެވުމުން، އެންމެފަހުން މިއަތް މައްޗަށް ފައިން އަރާ ހަށިގަނޑު ފަހަތަށް ފުންމާލައިގެން އެއަތް ތިމަންކަލޭގެފާނުގެ ގައިން ލުހެލާ ވަކިކޮށްލީއެވެ."

މިއީ ޒުވާނުންނެވެ. ޢުމުރުން އެންމެ 17 އަހަރެއްވަރުގެ ދެކުދިންނެވެ. ޝެއިޚް ޢަބްދުﷲ ޢައްޒާމް (ރަޙިމަހުﷲ) ބަޔާންކުރައްވާފައިވާ ފަދައިން މިހާރު ނަމަ ހައިސްކޫލަށް ވަންނަ ޢުމުރުގައި ތިބި ދެކުދިންނެވެ. ރާއްޖޭގެ މިހާރުގެ މިންގަނޑުން ބަލާނަމަވެސް، އެއީ އަދި ތުއްތު ދެކުދިންނެވެ. އަޅުގަނޑުމެން މިފަދަ ވާހަކަތައް އަހާފައި ޢިބްރަތް ޙާޞިލްކުރަންވެއްޖެއެވެ. އަހަރެމެން ވިހި ބާވީސް އަހަރަށް އަޅައިގެންދާއިރުވެސް މިތިބެނީ އަދި އިސްލާމްދީނަށް ޚިދުމަތްކުރަން މާ 'ޅަ' ކަމަށް ބަލައިގެންނެވެ.
އިސްލާމްދީނަށް ކޮންމެހެން ތިބާގެ ޚިދުމަތެއް ބޭނުމެއްވެސް ނޫނެވެ. ތިބާއާ އެކު ވިޔަސް، ނުވަތަ ނޫން ވިޔަސް އިސްލާމްދީނަށް ނަޞްރު ލިބޭނެއެވެ. ތިބާގެ އަމާޒަކަށްވާންވީ މި ދީނަށް ނަޞްރުދޭ މީހުންގެ ތެރޭގައި ހިމެނޭތޯއެވެ. ތިބާގެ ޒުވާން ޢުމުރު އެކަމުގައި ހޭދަކުރެވޭތޯއެވެ. އާނއެކެވެ. މިހާރެވެ. މިހާރު ނޫނީ ދެން ކޮން އިރަކުން ހެއްޔެވެ؟

No comments: