އިތިއޯޕިއާގައި އިސްލާމްދީނުގެ އަޞްލު ދައުވަތު ފޯރުކޮށްދެއްވުމަށްޓަކާ ޒުވާނުންކޮޅެއް އިސްނަގައިގެން މި ރަމަޟާން މަހު މަސައްކަތް އިތުރުކޮށްލައިފިއެވެ.
ހުސްފައިގައި ހިނގާފައި އެތައް ކިލޯމީޓަރެއް ހުރަސްކުރަމުން ދާ މި ޒުވާނުންކޮޅު މި މަސައްކަތް ފަށާފައިމިވަނީ ރަމަޟާން މަހުގައި ދައުވަތުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށެވެ. އަދި އިސްލާމްދީނުގެ ޞައްޙަ ތަޢުލީމު ފެތުރުމަށެވެ.
80 މިލިއަނަށް ވުރެ އާބާދީ ބޮޑު އިތިއޯޕިއާގައި މުސްލިމުންނާއި ކްރިސްޓިއަނުން ސުލްޙަވެރިކަމާއެކު ދިރިއުޅެމުން ދާކަމީ ދުނިޔޭގެ ގިނަ ބަޔަކު ފާހަގަކުރާ ކަމެކެވެ.
އިސްލާމްދީނުގެ ޞައްޙަ ދަޢުވަތު ފެތުރުމަށް މަސައްކަތްކުރާ ދާޢީންގެ މަސައްކަތުން ﷲގެ ރަޙްމަތާއެކު އިތިއޯޕިއާގައި އިސްލާމްދީން އަންނަނީ އިތުރަށް ފެތުރެމުންނެވެ. ޚަބަރުފަތުރާ ބައެއް ފަރާތްތަކުން މަޢުލޫމާތު ދޭގޮތުގައި ރަސްމީ ހިސާބުތަކުން މުސްލިމުންގެ އާބާދީއަކީ 35 އިންސައްތަ ކަމަށް ދެއްކިޔަސް، ފަހުގެ ދިރާސާތަކުން މި އިންސައްތަ 50 މިހާރު އިންސައްތައާ އެއްވަރުވާނެއެވެ.
"އިޓިނެރެންޓްސް" ނުވަތަ ގެއެއްނެތި ދަތުރުކުރާ މުސާފިރުންގެ ގޮތުގައި މަޝްހޫރުވެފައިވާ މިޒުވާނުން އެއް ވިލެޖުން އަނެއް ވިލެޖަށް ދަތުރުކޮށް އެރަށެއްގެ ބަޔަކާއެކު ޖަމާޢަތުގެ ނަމާދުގައި ބައިވެރިއެވެ. އަދި އޭގެ ފަހުން ދީނާ ބެހޭ ގޮތުން މީސްތަކުންނަށް ތަޢުލީމުދެއެވެ. ހަމައެއާ އެކު، މި "އިޓިނެރެންޓްސް" ޢައިރު މުސްލިމުންނަށް ވެސް އިސްލާމް ދީނާ ބެހޭ މައުލޫމާތުވެސް ދެއެވެ.
ރާއްޖެފަދަ މުސްލިމުން އުޅޭ ޤައުމުތަކުގައިވެސް މިފަދަ ޙަރަކާތްތައް ހިންގާ ރަށްފުށުގައި އުޅޭ މީސްތަކުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ މުޙިއްމު ކަމެކެވެ. ނަމަވެސް، އެކަމުގައި ބިދުޢަވެރި ޖަމާޢަތްތަކުގެ ދައުވަތުން ސަލާމަތްވެ ދީނީ ޢިލްމުވެރިންގެ އިރުޝާދާއެކު އިސްލާމްދީނުގެ ޞައްޙަ މައުލޫމާތު ފޯރުކޮށްދިނުމަށް ވިސްނަންޖެހެއެވެ.
No comments:
Post a Comment