Pages

Thursday, July 07, 2011

ނައިޖީރިޔާގައި މިހަފްތާ ބޭއްވި އިސްލާމީ ފޮތް މައުރަޒު

  1984ގައި ބިނާކޮށްފައިވާ ނައިޖީރިޔާގެ ޤައުމީ މިސްކިތް
ނައިޖީރިޔާގެ ވެރިރަށް އަބޫޖާ ގައި އިސްލާމީ ބުކްފެއަރއެއް މިހަފްތާގެ ތެރޭގައި ކުރިއަށް ގެންގޮސްފިއެވެ. މިމަހުގެ 4 ވަނަ ދުވަހު ހުޅުވި މި ބުކްފެއަރވަނީ ދެ ދުވަހުގެ މުއްދަތަށް ދެމިގެން ގޮސްފައެވެ. ނައިޖީރިޔާގެ ރައްޔިތުންގެ މެދުގައި ފޮތްކިޔުމުގެ އާދަހަރުލެއްވުމުގެ ގޮތުން ބޭއްވި މި މަޢުރަޒު އިންތިޒާމް ކޮށްފައިވަނީ މުސްލިމް ޖަމިއްޔާއެއްކަމަށްވާ ދި މަނާރެޓް އިންޓަރނޭޝަނަލެވެ.
މި އިސްލާމީ ފޮތްމަޢުރަޒުގައި ބައިވެރިވެ ވަޑައިގެންނެވި ދީނީ ޢިލްމުވެރިއެއްކަމުގައިވާ މަލަމް ޢަބްދުލްފައްތާޙް އަދެއިމީ މަޢުރަޒު ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ވަނީ މުސްލިމުންނަށް ލިބިފައިވާ ޢިލްމުގެ ބޭނުންކޮށްގެން މުޖްތަމަޢުއާއި ފަރުދުން އިސްލާޙްވެ ކުރިއަރައިދިއުމަށް ނަޞޭޙަތްތެރިވެލައްވާފައެވެ.
މިފަހަރުގެ ފޮތްމަޢުރަޒުގެ ޝިޔާރަކަށް ހަދާފައިވަނީ "ލިވިންގ އިސްލާމް: ރީޑް އޭސް ދި ފަސްޓް ސްޓެޕް" (އިސްލާމް ދީނަށް އުޅުން: ކިޔުން ފުރަތަމަ ފިޔަވަޅަކަށް) މިއެވެ. މި ޝިޔާރާ ބެހޭގޮތުން ވާހަކަދައްކަވަމުން މަލަމް ޢަބްދުލް ފައްތާޙް ވިދާޅުވެފައިވަނީ ޞައްޙަ ޢިލްމު ހޯދާނެ އެއްމަގަކީ މަޝްހޫރު އިތުބާރުކުރެވޭ ޢިލްމުވެރިން ލިޔުއްވާފއިވާ ފޮތްތައް ކިޔުންކަމަށެވެ. އަދި ދަރިންގައި މިފަދަ އާދަތައް ހަރުލެއްވުމަށް ނަމޫނާ ދައްކައިގެން ބާރުއެޅުމަށް މަލްމް ޢަބްދުލްފައްތާޙްވަނީ މައިންބަފައިންނަށްވެސް ގޮވާލައްވާފައިވެއެވެ.
މިއިވެންޓްގެ ޗެއަރމަން މަލަމް ކާޝިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައިވެސް މައިންބަފައިން ދަރިންނަށް ފޮތްކިޔުމުގެ އާދަ ހަރުލެއްވުމުގައި އިޙްމާލުނުވުމަށް ގޮވާލައްވާފައިވެއެވެ. އަދި އިސްލާމްދީނާ އިދިކޮޅު ލިޔުންތަކުންނާއި ގޮތްތަކުން ދަރިން ފަސާދަވިޔަ ނުދިނުމަށް ސަމާލުވުމަށްވެސް ކާޝިމްގެ ވާހަކަފުޅުގައި އިލްތިމާސްކުރެއްވިއެވެ.
މި ޖަލްސާގައި އިތުރަށް ވާހަކަފުޅުދެއްކެވި ނޫރުލްބަޔާން އިންޓަރނޭޝަނަލް އެކަޑެމީގެ ޑިރެކްޓަރ ހާޖިޔާ މަރްޔަމް ތައްހާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އުނގެނުން އެންމެ މުޙިއްމު ޢިލްމަކީ ކީރިތި ޤުރުއާނާއި މާތް ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ޙަދީޘް ކަމަށެވެ. ހާޖިޔާގެ ވާހަކަފުޅުގައި ވަނީ ދަރިންނާއެކު ވަގުތު ހޭދަކުރުމުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފައެވެ.
މި ފޮތް މަޢުރަޒުގައި 2000އަށްވުރެ ގިނަ ފޮތް ނެރެފައިވެއެވެ. އޭގެ ތެރޭގައި ޤުރުއާން ތަފްސީރާއި، ޙަދީޘްފޮތްތަކާއި، ފިޤްޙީ ފޮތްތަކާއި، ސީރަތު ފޮތްތަކާއި، އިކޮނޮމިކްސް އަދި އިޖްތިމާޢީ ސިޔާސީ ފޮތްތަކުގެ  އިތުރަށް ކުޑަކުދިންގެ ފޮތްތައްވެސް ހިމެނެއެވެ.
އަލްމަނާރެޓްއިން މީގެ ކުރިންވެސް މިފަދަ ފޮތްތެރިކަމުގެ ޙަރަކާތްތަކެއް ހިންގާފައިވެއެވެ. އެގޮތުން މީގެ 10 އަހަރު ކުރިއްސުރެ ކުރަމުން އައި މަސައްކަތްތަކުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުގައި ޗާޕްކުރެވިފައިވާ 85000 އަށްވުރެ ގިނަ އިސްލާމީ ފޮތް ވަނީ ހެޔޮ އަގުގައި ނައިޖީރިޔާ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދީފައެވެ.
ނައިޖީރިޔާގެ އާބާދީގެ 50.4 އިންސައްތަ އަކީ މުސްލިމުންނެވެ. އޭގެ ތެރޭގައިވެސް ގިނައީ ސުންނީ މުސްލިމުންނެވެ.

No comments: