Pages

Thursday, June 30, 2011

މުސްލިމުންނަށް ފުރައްސާރަވާ އުޞޫލުން މިކީމައުސް އާއި މިނީ މައުސްގެ ކާރޓޫން އާއްމުކޮށްގެން ސާވީރިސްއަށް ގިނަ ފާޑުކިޔުންތަކެއް


މިސްރުގެ ކްރިސްޓިއަން ސިޔާސީ ޝަޚްސިއްޔަތު އަދި ވިޔަފާރިވެރިޔާ ނަޖީބު ސާވީރިސް (نجيب ساويرس) ގެ ޓުވިޓަރ ޕޭޖަށް އިސްލާމީ ޝިއާރުތަކެއް ފާޅުވާފަދަ މިކީ މައުސް އަކާއި މިނީ މައުސްއެއްގެ ފޮޓޯއެއް ލައިގެން ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން އެންމެފަހުން އޭނާ އެކަމަށް މަޢާފަށް އެދިއްޖެއެވެ. ތުނބުޅި ބަހައްޓަފައިވާ މިކީ މައުސް އަކާއި މޫނު ބުރުގާއެއް ނުވަތަ ނިޤާބެއް އަޅުވާފަ ހުރި މިނީ މައުސްއެއް ފެންނަ އެ ފޮޓޯއަކީ އިސްލާމްދީނަށް ފުރައްސާރަވާ އުޞޫލުން ހަދާފައިވާ ފޮޓޯއެއް ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.

އެގޮތުން 15 ވަރަކަށް ޤާނޫނީ ވަކީލުން ވަނީ ސާވީރިސްގެ މިމައްސަލަ ބަލައިދިނުމަށް އެދި ޖެނެރަލް ޕްރޮސެކިއުޓަރ އަށް މައްސަލަ ހުށަހަޅާފައެވެ. އަލްއަޒްހަރު ޔުނިވަރސިޓީގެ އިސްލާމީ ޝަރީޢާ ޕްރޮފެސަރ އެއް ކަމަށްވާ އަޙްމަދު މަޙްމޫދު ކަރީމާ ވިދާޅުވިކަމަށް އަޙްރާމް ނޫހުގެ ވެބްސައިޓުގައި ބަޔާންކޮށްފައިވަނީ، ކްރިސްޓިއަން ދީނުގެ ފާދިރީންގެ ހެދުމަށް މަލާމާތްކޮށް ކާރޓޫން ކުރަހައިފިނަމަ ސާވިރީސްވެސް ހިތްހަމަ ނުޖެހޭނެކަމަށާއި، އަދި އެއީ ޔަހޫދީ ޙާޚާމެއްގެ ހެދުމަށް ފާޑުކިޔުންނަމަ އެއީ އެންޓިމެސެޓިކް ("ނާއިންސާފުން" ޔަހޫދީންނަށް ތަފާތުކޮށް ހިތުން ނުވަތަ ޔަހޫދީންދެކެ ރުޅިއައުމުގެ) ޢަމަލަކަށް ވެގެންދާނެކަމަށެވެ. 

އަދި ސާވީރިސްގެ ޙިއްސާ އޮންނަ ޓެލެކޮމް ކުންފުންޏެއްކަމަށްވާ މޮބިނިލް (Mobinil) ބޮއިކޮޓް ކުރުމަށް ފޭސްބުކަށާއި ޓުވިޓަރ ފަދަ އިޖްތިމާޢީ ވިއުގަތަކަށްވެސް އެއްބަޔަކު ގޮވާލާފައި ވެއެވެ. ސާވީރިސްގެ ޢަމަލާއި އިދިކޮޅަށް ފޭސްބުކުގައި މިހާރުވެސް ތަފާތު ގުރޫޕްތައް އިތުރުވަމުން އެބަދެއެވެ. ނަޖީބް ސާވީރިސް އުފައްދާފައިވާ މޮބިނިލް އަދި އޭގެ މައިކުންފުނި ކަމަށްވާ އޮރަސްކޮމް ޓެލެކޮމް (Orascom Telecom)ގެ ޙިއްސާތައް އޭގެ ފަހުން މިހަފްތާތެރޭގައި މިސްރުގެ ހިއްސާގެ ބާޒާރުގައި ދަށަށް ދަމުންދާކަމަށް ވިޔަފާރި ޚަބަރު ތައް ދިރާސާކުރާ ބައެއް ވެބްސައިޓްތަކުން މައުލޫމާތުދެއެވެ. ސާވީރިސް، މޮބިނިލް ކުންފުނީގައި އަދާކުރަމުންދިޔަ މަޤާމުން އިސްތިއުފާ ދީ ސިޔާސީ މައިދާނަށް ނުކުމެފައިވަނީ ފާއިތުވެ ދިޔަ މެއި މަހުގެ ތެރޭގައެވެ. އޭނާ ސިޔާސީ މައިދާނަށް ނުކުމެ ވަނީ ކްރިސްޓިއަން ސިޔާސީ ޕާރޓީއެއް ކަމަށްވާ ފްރީ އިޖިޕްޝިއަންސް ޕާރޓީ އުފައްދާފައެވެ.

ސާވީރިސްއަށް ކުރިމަތިވި ފާޑުކިޔުންތަކަށް ފަހު އޭނާ ވަނީ ކުރެވުނު ކަންތަކަށް އޭނާގެ ޓްވިޓަރ ޕޭޖްގައި މަޢާފަށް އެދޭކަން ހާމަކޮށްފައެވެ. ސާވީރިސް ކުރިކަންތަކަކީ އެހާ ބޮޑުކަމެއް ނޫންކަމަށް އެއްބަޔަކު ބުނާކަމަށާއި އަނެއް ބަޔަކު ދެކޭ ގޮތުގައި ސާވީރިސްގެ މަޢާފް އެހާ ފަސޭހައިން ޤަބޫލުނުކުރެވޭނެ ކަމަށް އޭއެފްޕީ ގައި ބަޔާންކޮށްފައިވެއެވެ.

2007 ވަނަ އަހަރުވެސް، މޫނުބުރުގާއަށް ފާޑުކިޔުމުގެ ސަބަބުން ނަޖީބް ސާވީރިސްއަށް ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވެފައިވެއެވެ.

No comments: