Pages

Thursday, July 07, 2011

ބައިޤަރުނު ތެރޭ އެފްރިކާއަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި ހައިހޫނުކަމުގައި 12 މިލިޔަން މީހުން ހާލުގައި ޖެހިފައި


އެފްރިކާގެ އިރުމަތީ ބިތުގައިވާ ޤައުމުތަކަށް ދިމާވެފައިވާ ހައިހޫނުކަމުގައި 12 މިލިޔަނަށް ވުރެ ގިނަ މީހުން މިވަގުތު  ހާލުގައި ޖެހިފައި އެބަ ތިއްބެވެ. ސޯމާލިޔާ ކެންޔާ އަދި އިތިއޯޕިއާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއްކަމަށްވާ އިސްލާމިކް ރިލީފްއިންވަނީ އެމީހުންނަށް އިތުރު ފައިސާބޭނުންވާކަމަށް އަންގާފައެވެ.

މިހާރުވެސް ހާލުގައި ޖެހިފައިވާ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެ ޖަމިއްޔާއިން ވަނީ އެހީތެރިކަމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް ފައިސާ ބޭނުންވާކަން ހާމަކޮށްފައެވެ. އިސްލާމިކް ރިލީފް އިން މިވަޤުތު އެހީތެރިކަން ފޯރުކޮށްދެވެމުންދަނީ ހަމައެކަނި 5 އަހަރުން ދަށުގެ ކުދަކުދިންނަށާއި މާބަޑު އަންހެނުންނަށާއި ކިރުމައިންނަށެވެ.



މިއީ ފާއިތުވެ ދިޔަ 60 އަހަރުގެ ތެރޭގައި އެފްރިކާއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހައިހޫނުކަންކަމަށް މަސްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ. ކެންޔާގައި ހުންނަ ދަބާބު ރެފިޔުޖީ ކޭމްޕަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ބޮޑު ރެފިޔުޖީ ކޭމްޕެވެ. އެތާނގައި އެކަނިވެސް 3ލައްކަ 80 ހާހަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައި އެބަ ތިއްބެވެ. ނަމަވެސް އެއީ އެންމެ 90 ހާސް މީހުންގެ ޖާގައިގެ ތަނެކެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން އިނގިރޭސި ވިލާތުގެ އެހެން ޖަމިއްޔާއެއްކަމަށްވާ އޮކްސްފާމް އިންވަނީ 80 މިލިޔަން ޑޮލަރު ހޯދުމުގެ ކެމްޕޭނެއް ފަށާފައެވެ. މިއީ އެފްރިކާއަށް މީގެ ކުރިން އަދި މިހާތަނަށް ދީފައިނުވާވަރުގެ އެހީތެރިކަމެއްކަމަށް ނޫސްއިދާރާތަކުން މައުލޫމާތުދެއެވެ.

މި އާދަޔާ ޚިލާފު އިންސާނީ ޙާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކެއް އެކުވެގެން ވަނީ ކޮމިޓީއެއްވެސް އުފައްދާފައެވެ.

އ.ދ އިން އިންޒާރުދެމުންދާ ގޮތުގައި، އަވަސް ގޮތެއްގައި އެހީތެރިކަން ފޯރުކޮށް ނުދެވިއްޖެނަމަ މިކަން "ވިސްނުމަށްވެސް ނުގެނެވޭނެފަދަ ބޮޑު އިންސާނީ މުޞީބާތަކަށް" ވުން ގާތެވެ.

މިއީ ވާރޭވެހުން މަދުވެ ހަނަފަސްކަން އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޤުދުރަތީ ހައިހޫނުކަމެއްކަމަށް މައްސަލަ ދިރާސާކުރައްވާ ފަރާތްތަކުން ހާމަކުރައްވައެވެ.

ސޯމާލިޔާގެ 80 އިންސައްތައަށްވުރެ ބޮޑު ބައެއް ކޮންޓްރޯލްކުރާ އައްޝަބާބް ޖަމާޢަތުގެ މުޖާހިދުންވަނީ ބައިނަލްއަޤްވާމީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކަށް އެހީތެރިކަމުގެ މަސައްކަތްކުރުމުގެ ހުއްދަދީފައެވެ.

ސޯމާލިޔާގެ ވެރިރަށް މޮޤާދިޝޫގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އައްޝަބާބުގެ ސްޕޯކްސްޕާރސަން ޢަލީ މަޙްމޫދު ރާޖިޙް ވިދާޅުވެފައިވަނީ "ހައިހޫނުކަމުގެ އަސަރުކޮށްފައިވާ މީހުންނަށް އެހީތެރިވާން އެދޭނަމަ މުސްލިމަކަސް މުސްލިމެއް ނޫނަސް މިހާރުންފެށިގެން އާދެވޭނެކަން އެފަދަ ކޮންމެ ބައެއްގެ ފަރާތުން އަހަރެމެން އެދެމެވެ."

އައްޝަބާބުންވެސް ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސް ކޮމިޓީއެއް އުފައްދާފައެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަތަކުން އެކޮމިޝަނުގެ ވެރިޔާ ޝައިޚް ޙުސައިން ޝައިޚް ޢަލީ ފިދޯއަށް ގުޅުމަށް އެޖަމާޢަތުން އެދެއެވެ.

މިކަމުގައި މުސްލިމް ޤައުމުތަކުގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ނުހަނު މުޙިއްމުކަމެކެވެ. އިތިޔޯޕިއާއަކީ އިސްލާމީ ތާރީޚުގައި ކުރެވުނު ފުރަތަމަ ހިޖުރައިގެ އަމާން މަންޒިލްކަމަށްވާ ހަބްޝްކަރައެވެ. މިހާރުވެސް އިތިޔޯޕިއާގެ މުސްލިމުންގެ އާބާދީ އެޤައުމުގެ 3 ބައިކުޅަ 1 ބަޔަށް ވުރެ ގިނައެވެ. ސޯމާލިޔާއަކީ މުސްލިމުންގެ ބޮޑު މެޖޯރިޓީއެއް އޮންނަ ސުންނީ މުސްލިމް ޤައުމެކެވެ. ސޯމާލިޔާއަށް އިސްލާމްދީން ގޮސްވަދެފައިވަނީ ޚުދު ރަސޫލުﷲ (ސައްލަﷲ ޢަލައިހި ވަސައްލަމް)ގެ ޒަމާނުގައިކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ކެންޔާގެ އާބާދީގެ 10 އިންސައްތައަށްވުރެ ބޮޑު ބަޔަކީ މުސްލިމުންނެވެ.

މިހާރު މިވަނީ އެޤައުމުތަކަށް އެހީތެރިކަން ބޭނުންވެފައެވެ. ޖަޕާނު ފަދައިން އެހީތެރިކަން ބޭނުމެއް ނޫނޭ ބުނި ބަޔަކަށް މަސްދަޅުދަޅުން ވެދުންކުރެވުނުއިރު، ބަނޑުހައިހޫނުކަމުގައި އާދޭސްކުރަމުންދާ މި 12 މިލިޔަން މީހުންނަށް އެހީތެރިކަން ފޯރުވޭނެ ގޮތެއް ހޯދުމަކީ މާ ޢައުލާކަންބޮޑު ކަމެއްކަން ޤަބޫލުކުރަންޖެހެއެވެ.

ތިބޭފުޅުންގެ ދުޢާގައި ހާލުގައި ޖެހިފައި މިވާ މީހުންގެ މަތިން ހަނދާންނައްތާނުލާށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުގައި އަނިޔާވެރިކަން ތަޙައްމަލުކުރަމުންދާ އެންމެހާ މުސްލިމުންގެ މަތިންވެސް ހަނދާންނައްތާ ނުލާށެވެ.

No comments: