ކްރިކެޓްގެ މައިދާނުގައި ދުނިޔެއަށް މަޝްހޫރު ސައުތު އެފްރިކާގެ ޤައުމީ ޓީމްގެ ޒުވާން ކުޅުންތެރިއެއް ކަމަށްވާ ވޭން ޕާރނެލް (Wayne Parnell) އިސްލާމްވެފައިވާކަމުގެ ޚަބަރުތަކެއް ފެތުރެން ފަށައިފިއެވެ. ކުރިން ކްރިސްޓިއަން ދީނުގައި ހުރި ވޭން އިސްލާމްވުމަށް ފަހު ނަމަކަށް އިޚްތިޔާރުކޮށްފައިވަނީ "ވަލީދު" ކަމަށްވެސް ސައުތުއެފްރިކާގެ ނޫސްތަކުން ބުނަމުންދެއެވެ.
ސައުތު އެފްރިކާގެ ޤައުމީ ކްރިކެޓް ޓީމްގެ ކޯޗް ޑރ މުޙައްމަދު މޫސާޖީ ވިދާޅުވެފައިވާ ގޮތުގައި މީގެ މަސްތަކެއް ކުރިއްސުރެން ވެސް ވޭން ޕާރނެލް އިސްލާމްވުމަށް ނިންމާފައިވެ އެވެ.
ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި ވޭން އިސްލާމްވުމުގައި ސައުތު އެފްރިކާގެ ޤައުމީ ޓީމްގައި ކުޅެމުން އަންނަ މުސްލިމް 2 ކުޅުންތެރިންކަމުގައިވާ ޙާޝިމް އަމްލާ އާއި ޢިމްރާން ޠާހިރުގެ ފިއްތުންތަކެއް ވެއެވެ. ނަމަވެސް ޑރ މުޙައްމަދު މޫސާޖީ ވަނީ މި ވާހަކަތަކަކީ ތެދެއް ނޫންކަމަށް ވިދާޅުވެފަ އެވެ.
ވަލީދު (ވޭން) ޕާރނެލް އާ އެކު ޤައުމީ ޓީމްގައި ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް އިއްޔެ (ބުދަ ދުވަހު) ބުނެފައިވަނީ ޕާރނެލް ދީން ބަދަލުކުރުމާމެދު ވަރަށް ބޮޑަށް ސީރިއަސް ވެފައިވާ ކަމަށާއި އިންޑިއަން ޕްރިމިއަރ ލީގަށް ފަހު އޭނާ ރާ ބުއިން ވެސް ހުއްޓަލާފައިވާ ކަމަށެވެ.
ޕާރނެލް އަކީ މިހާތަނަށް ސައުތު އެފްރިކާގެ ޤައުމީ ޓީމަށް ކުޅުމަށްޓަކައި ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ އެންމެ ޒުވާން ކުޅުންތެރިޔާއެވެ. ޕާރނެލް އަށް 22 އަހަރުވާނީ މިއަންނަ ހޮނިހިރު ދުވަހުއެވެ. އަދި އޭނާ އިސްލާމްވުމަށްފަހު ކުރިމަތިލާނެ ފުރަތަމަ ރަމަޟާން މަސްވެސް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ކުރިމަތިވާނެއެވެ.
ޕާރނެލް އިސްލާމްވުމުން އޭނާ ވެގެންދާނީ މިވަޤުތު ސައުތު އެފްރިކާގެ ޤައުމީ ކްރިކެޓް ޓީމްގައި ހިމެނޭ 3 ވަނަ މުސްލިމް ކުޅުންތެރިޔާއަށެވެ. މީގެ ތެރެއިން ޙާޝިމް އަމްލާއަކީ މުސްލިމް ކުޅިވަރު ކުޅުންތެރިން ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރަންވީ ފަރާތެކެވެ. އޭނާއަކީ ޤައުމީ ޓީމަށް ކުޅޭ ޖާރޒީގައި ޖުވާ ކުޅޭ ތަނެއްގެ އިސްތިހާރު އިނދެގެން އެއީ ޙަރާމްކަމެއްކަމަށް ބުނެ އެކަމާ ދެކޮޅަށް އިޙްތިޖާޖްކުރި ކުޅުންތެރިއެކެވެ. އެންމެ ފަހުން އޭނާއަށް ވަނީ، ވަކިން ސްޕޮންސަރ ގެ ނިޝާން ނެތް 'ޙަލާލް' ޖާރޒީއެއް ހަދާދީފައެވެ. މީގެ އިތުރުން ޙާޝިމަކީ ބޮޑު ތުނބުޅިއެއް ބަހައްޓާފައި ހުންނާތީ އޭނާގެ މުސްލިމް ވަންތަކަން ދަނޑުމަތީގައިވެސް ފާޅުކުރަމުންދާ ކުޅުންތެރިއެކެވެ. އެތައް ބައެއްގެ ފާޑުކިޔުންތައް ތަޙައްމަލުކޮށް، ރަގަޅު އަޚްލާޤެއް އިޚްތިޔާރުކުރުމުގެ ސަބަބުން އޭނާގެ އިދިކޮޅު ނޫސްތަކުގެވެސް ލޯބި މިހާރު ހޯދާފައިވާ ކުޅުންތެރިއެކެވެ. ޕާރނެލް އިސްލާމްވުމުގައި ޙާޝިމް އަމްލާއާއި ޢިމްރާންގެ މިފަދަ ރިވެތި ސިފަތަކުން އަސަރުކޮށްފައިވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. (ޙާޝިމް ޢަމްލާއާ ބެހޭ މަޢުލޫމާތުކޮޅެއް ވަރަށް އަވަހަށް ދިއިސްލާމަށް އަންނާނެއެވެ. އިންޝާ ﷲ!)
ކްރިކެޓްގެ މައިދާނުގައި މީގެ ކުރިންވެސް އެހެން ނަޞާރާ ކުޅުންތެރިޔަކުވެސް ވަނީ އިސްލާމް ވެފައެވެ. އެއީ އެންމެ ގިނަ ޓެސްޓް ރަން ހަދާ 2006 ވަނަ އަހަރު ދުނިޔޭގެ ރެކޯރޑް ހޯދާފައިވާ ޕާކިސްތާނުގެ ބެޓްސްމަން ޔޫސުފް ޔޫޙަންނާ ނުވަތަ ފަހުން މުޙައްމަދު ޔޫސުފް އެވެ. މީގެ އިތުރުންވެސް ކުޅިވަރުގެ މައިދާނުގައި ދުނިޔޭގެ މަތީ ވަނަތަކުގައި ވިދާލާފައިވާ އެތައް ތަރިންނެއް ވަނީ މީގެ ކުރިންވެސް އިސްލާމްވެފަ އެވެ. އެގޮތުން: އެމެރިކާގެ މަޝްހޫރު ބޮކްސަރުންކަމަށްވާ މުޙައްމަދު ޢަލީ އާއި މައިކް ޓައިސަން، ބްރެޒިލްގެ ފުޓްބޯޅަކުޅުންތެރިންކަމަށްވާ މާރސިއޯ ސުއޯޒާ ޑި ސިލްވާ އާއި މުޙައްމަދު ޑަނީލޯ ފާރނަންޑޯ، ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިންކަމަށްވާ އެރިކް އެބިދަލް، ފްރޭންކް ރިބެރީ، ނިކޮލަސް އަނެލްކާ، ނެދަރލެންޑްގެ ފުޓްބޯޅަކުޅުންތެރިޔާ ރޮބިން ވަން ޕާރސޭ ފަދަ ކުޅުންތެރިންގެ ނަންތައް އިންޓަރނެޓްގައި މިކަންކަން ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ.
ދުޢާއަކީ، އަލަށް އިސްލާމްވަމުންދާ އެންމެނާއި މުސްލިމުންގެ ގޮތުގައި ތިބިހައި ބައެއް މި ޙައްޤު ދީނުގައި ޘާބިތުކުރެއްވުމެވެ.
No comments:
Post a Comment