ސަޢޫދީ ޢަރަބިއްޔާގައި މަސައްކަތްކުރާ ސްރީލަންކާގެ އަންހެނަކު މަރާލިކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ކަމަށްވާ އެމެރިކާގެ ރައްޔިތަކު ހައްޔަރު ކޮށްފިއެވެ. މެދުއިރުމަތީގެ ޚަބަރުފަތުރާ މުޢައްސަސާއެއްކަމުގައިވާ ޢަރަބް ނިއުސް އިން ހާމަކުރާ ގޮތުގައި އެއަންހެން މީހާވަނީ މީގެ 3 މަސްކުރިން ވީނުވީ ތަނެއް ނޭނގި ގެއްލިފައެވެ. އެއަންހެނާ ގެއްލުނުކަމުގެ ރިޕޯރޓް ފުލުހުންނަށް ކޮށްފައިވަނީ އޭނާ މަސައްކަތްކުރަމުން ދިޔަ ކުންފުނިންނެވެ.
އެ އަންހެން މީހާ ގެއްލުނުތާ 3 މަސްފަހުން މީގެ ދުވަސްކޮޅެއް ކުރިން ސަޢޫދީގެ ވެރިރަށް ރިޔާޟުގެ އިރުން 70 ކިލޯމީޓަރު ދުރުގައި އޮންނަ އަލްޚަރްޖް ސަރަޙައްދުގައި މަސައްކަތްކުރަމުން ދިޔަ ބަޔަކަށްވަނީ ބޮޑު ދަގަނޑު ފޮއްޓެއް ފެނިފައެވެ. މީގެ ތެރޭގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ވެއެވެ. މިކަން ފުލުހުންނަށް ރިޕޯރޓް ކުރުމުން ފޮރެންސިކް އާލާތްތަކާއެކު ފުލުހުންވަނީ އެތަނަށް ޙާޟިރުވެ ތަޙްޤީޤެއް ހިންގާފައެވެ. މި ފޮށީގައި އޮތްކަމަށް ބެލެވެނީ އެ ގެއްލުނު އަންހެން މީހާގެ ހަށިގަނޑެވެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެއަންހެން މީހާ މަރާލީ އޭނާގެ ފިރިމީހާ ކަމުގައިވާ އެމެރިކާ މީހާއެވެ. މި އެމެރިކާ މީހާ ިހާރުވަނީ ހައްޔަރުކުރެވި ބަންދުކުރެވިފައެވެ. ރިޔާޟް ފުލުހުންގެ ރަސްމީ ސްޕޯކްސް ޕާރސަން ކާނަލް ނާޞިރު އަލްޤަޙްޠާނީ ވިދާޅުވާ ގޮތުގައި މިމައްސަލަ މިހާރުވަނީ ޖެނެރަލް ޕްރޮސެކިއުޝަން އެންޑ އިންވެސްޓިގޭޝަން ކޮމިޝަނަށް ހުށަހަޅާފައެވެ.
މި ޚަބަރާމެދު ކޮމެންޓް ކޮށްފައިވާ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެމެރިކާގެ މި މީހާގެ މައްޗަށް ކުށް ޘާބިތުވެއްޖެނަމަ، އޭނާއަށް ޙައްޤު އަދަބު ދެވެންޖެހޭނެއެވެ. އަދި އެމެރިކާއިން އޭނާ ދޫކޮށްލުމަށް ކުރާނެ ޕްރެޝަރ ތަކަށް ބަލައިގެން ނުވާނެއެވެ.
މި ޚަބަރު ފެތުރިގެން މިދަނީ ތައިލެންޑްގައި މިދިޔަ މޭމަހު ބުދުދީނުގެ ބަޔަކާ ދެކޮޅަށް ސުންނީ މުސްލިމުން އަނިޔާވެރިކަމުގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް އަޑު ފަތުރަމުންދާ ދުވަސްކޮޅެއްގައެވެ. ބައެއް ނޫސް އިދާރާތަކުގެ ބަސްމަގަށް ބަލާއިރު އަނިޔާވެރި ޢަމަލަކަށް ވަނީ ހަމައެކަނި މުސްލިމުން ކުރާ ޢަމަލުތައްކަމަށް ސިފަކުރުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަވެއެވެ.
No comments:
Post a Comment