Pages

Tuesday, June 28, 2011

މިޞްރުގައި އަލަށް އިސްލާމްވި 2 އަންހެން ކުދިން ގެ މައްސަލަ މެކުހަށް ޖެހެނީ


ފުރާވަރުގެ 2 ނަސާރާ އަންހެން ކުދިން އާއިލާއަށް ފިލައިގެން އިސްލާމްވުން – 
އެދެކުދިން ކިޑްނެޕްކުރިކަމުގެ ޚަބަރުތައް ނޫސްތަކުގައި ފެތުރުން – 
އެދެކުދިންގެ ވީޑިޔޯއެއް ޔޫޓިއުބްގައި – 
ފުލުހަކަށް އެކުދިން ފެނުން - 
އަޒްހަރުން އެކުދިންގެ ޝަހާދާ ޤަބޫލުނުކުރުން – 
ހިއުމަން ރައިޓްސް އިން ނަޞާރާ އާއިލާތަކުގެ މަދަދަށް ތެދުވުން – 
މުސްލިމް ޖަމާޢަތްތަކުން އެދެކުދިންގެ ސަލާމަތަށް ތެދުވުން.

މިޞްރުގެ ޤިބްތީ ނަޞާރާއިންގެ 2 އަންހެން ކުއްޖަކު އިސްލާމްވުމާ ގުޅިގެން އެމީހުންގެ އާއިލާތަކަށް އެކުދިން ޙަވާލުކުރުމަށް މިޞްރުގެ ޕްރޮސެކިއުޓަރ ޖެނެރަލަށް އެ އާއިލާތަކުން ގޮވާލައިފިއެވެ.


14 އަހަރުގެ ކްރިސްޓައިން އާއި 16 އަހަރުގެ ނެންސީ ވަނީ މީގެ މަސްތަކެއް ކުރިން އެމީހުންގެ އާއިލާތައް ދޫކޮށް އެމީހުންގެ އަވަށް ކަމަށްވާ މިންޔާއިން ފިލާފައެވެ. އެދެކުދިންގެ އާއިލާއިން މައުލޫމާތުދޭ ގޮތުގައި އެދެކުދިންވަނީ ކިޑްނެޕްކުރެވިފައެވެ. އަދި އެދެކުދިން ކިޑްނެޕްކުރިކަމުގެ ތުހުމަތު އެއާއިލާތަކުން ކޮށްފައިވާ ދެ މުސްލިމް ފިރިހެން ކުއްޖަކުވަނީ ކަމާބެހޭ ފަރާތުގެ ބެލުމުގެ ދަށަށްވެސް ގެނެވިފައެވެ.

އެދެކުދިން ގެއްލިގެން އާއިލާއިން ހޯދަން ފަށާފައިވަނިކޮށް، މީގެ ދެތިން ހަފްތާކުރިން  އެކުދިންވަނީ ޔޫޓިބް ވީޑިޔޯއެއްގައި އެދެކުދިން އިސްލާމްވި ވާހަކައާއި، ކިޑްނެޕްކޮށްފައިނުވާ ވާހަކަ އިޢުލާންކޮށްފައިވެއެވެ. މިވީޑިޔޯ ނަގާފައިވަނީ ތަޙްރީރު މައިދާނުގައި ކަމަށް ބައެއް ނޫސް އިދާރާތަކުން މައުލޫމާތުދެއެވެ.


އޭގެ ދުވަސްކޮޅެއް ފަހުން، ޤާހިރާގެ މަގެއްގެމަތިން އެދެކުދިން ހިގާފައިދަނިކޮށް ފުލުހަކަށް އެދެކުދިން ފާހަގަކުރެވުނީކަމަށް ޚަބަރު ފަތުރާ ވަޞީލަތްތަކުން މައުލޫމާތުދެއެވެ. މޫނު ބުރުގާ އަޅައިގެން ތިބި މިދެކުދިން، ފުލުހުންގެ މީހާއަށް ފާހަގަކުރެވިފައިވަނީ، ދެކުދިންގެ އަތުގައި ޞަލީބުގެ ނިޝާން ޓެޓޫކޮށްފައި ވާތަން ފެނިގެން ޝައްކުކުރެވިގެންނެވެ. މިޞްރުގެ މީޑިޔާގައި ފެތުރެމުންދާ ތަފާތު ވާހަކަތައް ދޮގުކުރަމުން، އެދެކުދިން ކިޑްނެޕް ކޮށްފައިނުވާކަމަށާއި، މުސްލިމް ޝެއިޚަކާއި ކައިވެނި ކޮށްފައިވެސް ނުވާކަމަށް އެދެކުދިން ބުނިކަމަށް ފުލުސްމީހާއާއި ހަވާލާދީ ނޫސްތަކުން ބުނެއެވެ. ނަމަވެސް، އާއިލާއިން އައިސްދާނޭ ނުރައްކަލަކަށް ބަލާފައި މުސްލިމް އާއިލާއެއްގެ ގޭގައި ދިރިއުޅެމުންދަނީކަމަށް އެދެކުދިން ބުނެފައިވެއެވެ.


ފުލުސްމީހާ އެވަގުތު އެދެކުދިންގެ މައުލޫމާތު ހޯދުމަށްފަހު ދޫކޮށްލާފައިވިޔަސް، ފަހުން އެދެކުދިން އަމިއްލައަށް ވަނީ ފުލުހުންގެ މަރުކަޒަށް ހާޟިރުވެފައެވެ.
މިމައްސަލަ ތަޙުޤީޤްކުރަމުންދާ ފަރާތްތަކަށް އެދެކުދިން މައުލޫމާތުދޭ ގޮތުގައި، މިދެކުދިން އިސްލާމްވެފައިވަނީ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި، އާއިލާއަށް އެނބުރި ދިޔުމަށް އިންކާރުކުރާކަމަށާއި، އާއިލާތަކުގެ ފަރާތުން ކުރިމަތިވެދާނެކަމަކުން ޙިމާޔަތް ލިބިގަތުމަށްވެސް އެދިފައިވެއެވެ. ކަމާބެހޭ ފަރާތްތަކުންވަނީ، ތަޙްޤީޤް ނިމެންދެން އެދެކުދިންނަށް ސަރުކާރުގެ ހިޔާވަހިކަމެއް ލިބިދިނުމުގެ އިންތިޒާމް ހަމަޖައްސާ، އާއިލާތަކުގެ ކިބައިން ރައްކާތެރިކަން ލިބިދީފައެވެ. އަދި، އަޒްހަރުގެ ޢިލްމުވެރިންގެ ފަރާތުން އެދެކުދިންގެ އިސްލާމްކަން ޔަޤީންކޮށްދިނުމަށްވެސް އެފަރާތުންވަނީ އެދިފައެވެ.



އެދެކުދިންނަކީ 18 އަހަރު ފުރިފައިވާ ދެކުދިންނަށް ނުވާތީ އަޒްހަރުގެ ފަރާތުން އެދެކުދިންގެ އިސްލާމްކަން ޔަޤީންކޮށްދީފައެއް ނުވެއެވެ. އަޒްހަރުގެ ޤަވާއިދުވާގޮތުން އަޒްހަރުގެ ފަރާތުން ޤަބޫލުކުރަނީ ހަމައެކަނި 18 އަހަރު ފުރިފައިވާ މީހުންގެ އިސްލާމްކަންކަމަށް ނޫސް އިދާރާތަކުން މައުލޫމާތުދެއެވެ.


މިދެކުދިން އާއިލާތަކާ ޙަވާލުނުކުރުމުން، އެއާއިލާތަކުންވަނީ، އިޖިޕްޝިއަން ފެޑެރޭޝަން އޮފް ހިއުމަންރައިޓްސް އޮރގަނައިޒޭޝަން އާއެކު ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީސް ދޮށުގައި މުޒާހަރާ ކޮށްފައެވެ. އެމީހުން ބުނަމުންދަނީ، އެދެކުދިންނަކީ ކުޑަކުދިންކަމަށާއި، އެމީހުން ޙަވާލުކުރެވެން ޖެހޭނީ އާއިލާތަކަށްކަމަށެވެ. އަދި އަޒްހަރުން އެދެކުދިންގެ އިސްލާމްކަން ޤަބޫލުކޮށްފައިނުވާތީ، އެދެކުދިން މިހާރު "ހިފެހެއްޓިފައި" އެވަނީ ޤަވާއިދާ ޚިލާފަށްކަމަށް އެމީހުން ބުނަމުންދެއެވެ.


އެދެކުދިންގެ އާއިލާތަކުގެ ވަކީލް ބުނެފައިވަނީ އެދެކުދިން އިސްލާމްވެފައި އެވަނީ ޕްރެޝަރ ކުރެވިގެންކަމަށާއި ނުވަތަ އާއިލާއަށް ފިލައިގެން އުޅުމަށްފަހު އެނބުރި އާއިލާއަށް ދާން ޖެހިލުންވެގެންކަމަށް ވެދާނެކަމަށެވެ. އިތުރަށް، އެކުދިންނަށް ރައްކާތެރިވާނެކަމުގެ ޔަޤީންކަން އާއިލާތަކުގެ ފަރާތުން ހޯދައިދޭނެކަމަށް ވަކީލް ބުނެފައިވެއެވެ.


މިޞްރުގެ ދުވަހު ނޫހެއް ކަމަށްވާ "އަލްޔަވްމް" ގައި " Alliance for the support of New Muslim Women" ގެ ނަމުގައި ހިންގަމުންދާ މުސްލިމް ޖަމާޢަތުންވަނީ ބަޔާނެއް ނެރެ ޢާއްމުކޮށްފައެވެ. އެ ބަޔާނުގައި ވާ ގޮތުން ނެންސީ އާއި ކްރިސްޓައިން އަނބުރާ ނަޞާރާ ފައްޅިތަކަށް ޙަވާލުކޮށްފިނަމަ، ދިގުދެމިގެންދާ ވަރުގަދަ މުޒާހަރާތަކެއް ކުރާނެކަމުގެ އިންޒާރު ދީފައިވެއެވެ. މިފަހަރު ފަސޭހައިން ދޫނުދޭނެ ކަމަށާއި، ކުރިން އަލަށް އިސްލާމްވާ އަންހެނުން ނަޞާރާ ފައްޅިތަކަށް ޙަވާލުކުރުމުން، އެކަނބަލުން ފައްޅިތަކުގައި ހައްޔަރުކޮށް ދީން ދޫކުރުމަށް ތަފާތު އަނިޔާ ދިން ފަދަ ދުވަސްވަރަށް އަލުން އަނބުރާ މިފަހަރު ނުދާނެކަމަށްވެސް، މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި އެތައް މުޒާހަރާތަކެއް ކޮށްފައިވާ އެ ޖަމާޢަތުން ހާމަކޮށްފައިވެއެވެ.


މީގެ ކުރިންވެސް މިޞްރުގައި އަލަށް އިސްލާމްވާ އެތައް އަންހެންކަނބަލުންނެއް ވަނީ ފައްޅިތަކުގެ އަނިޔާވެރިކަމުގައި ހައްޔަރުކުރެވި މިނިވަން ނުކޮށްފައެވެ. އެގޮތުން އެންމެ ފާހަގަ ކުރެވެނީ ފާދިރީއެއްގެ އަނބިކަނބަލުންކަމަށްވާ ކާމިލިއާ ޝެހެތާ އިސްލާމްވިކަމަށް ފެތުރުނު އަޑުތަކެވެ. މިކަމުގައި މުސްލިމް ޖަމާޢަތްތަކުން ބުނަމުންދާ ވާހަކަތަކާއި ފައްޅިން ބުނަމުންދާ ވާހަކަތަކުގެ ފުށުއެރުން ގިނަކަމާހެދި ސައްޙަގޮތެއް ޔަޤީންވެފައިނުވެއެވެ. 

މުސްލިމުން ބަދުނާމުކުރުމަށްޓަކާ އެދެކުދިން ވަގަށް ނެގިކަމަށް ބުނެ މީޑިޔާގައި ފެތުރު ޚަބަރުތައް ކޮޅުބަދަލުވުމާ ގުޅިގެންވަނީ ޚަބަރުތައް ހިންދާލުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.



"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް مؤمن އަންހެނުން هجرة ކޮށްފައި އަންނަހިނދު، ފަހެ، ތިޔަބައިމީހުން އެކަނބަލުން امتحان ކުރާށެވެ! އެކަނބަލުންގެ إيمان ކަން ހުރިގޮތް اللَّه ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، އެކަނބަލުންނީ، (حقيقة ގައި) مؤمن ންކަން ތިޔަބައިމީހުންނަށް އެނގިއްޖެނަމަ، ފަހެ، كافر ންގެގާތަށް ތިޔަބައިމީހުން އެކަނބަލުން އަނބުރައި ނުފޮނުވާހުށިކަމެވެ! އެކަނބަލުން އެއުރެންނަށް حلال ވެގެނެއް ނުވެތެވެ. އަދި އެއުރެންވެސް އެކަނބަލުންނަކަށް حلال ވެގެނެއް ނުމެވޭމެއެވެ." (ސޫރަތުލް މުމްތަޙަނާ: 10)

No comments: