Pages

Tuesday, March 01, 2011

ޢިލްމްވެރިންނާއެކު ޔަމަން އަނެއްކާ މަގުމައްޗަށް


އަންގާރަ ދުވަހު މުޒާހަރާ ކުރުމަށް ޔަމަންގެ މަގުތަކަށް ނުކުތް ސަރުކާރާ ދެކޮޅު ފަރާތަތަކާއެކު ދީނީ ޢިލްމްވެރިންވެސް ނިކުމެ މުޒާހަރާތަކުގައި ބައިވެރިވާން ފަށައިފިއެވެ. ޔަމަނުގެ  ގިނަ ބައެއްގެ މަޤްބޫލުކަން ހޯދައިފައިވާ ޢިލްމްވެރިއެއްކަމުގައިވާ ޝައިޚް ޢަބްދުލް މަޖީދު އަލްޒިންދާނީ ވަނީ މުޒާހަރާގައި ބައިވެރިވެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ. ޔަމަންގެ އީމާން ޔުނިވާރސިޓީގެ ބާނީ އަދި އަލްއިޞްލާޙް ޕާރޓީގެ ޒަޢީމްކަންވެސް ކުރައްވަމުން ގެންދަވާ އަލްޒިންދާނީ ވަނީ ސަރުކާރު ބަދަލުކޮށް އިސްލާމީ ވެރިކަމެއް ޤާއިމްކުރުމަށް ގޮވާލާފައެވެ.
މިހާރު ހިނގަމުންދާ މުޒާހަރާތަކުގައި ބައިވެރިވަމުންދަނީ އެމެރިކާއާއި އިޒްރޭލަށް ތާއީދުކުރާ ބައެއްކަމަށް ޔަމަންގެ ރައީސް އައްޞާލިޙް ތުހުމަތުކުރަމުން ދާ މިދަނޑިވަޅުގައި، އެމެރިކާއިން ބްލެކްލިސްޓްކޮށްފައިވާ ޢިލްމްވެރިއަކު ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައިވާތީ ޢަރަބި ޤައުމުތަކުގައި މިހާރު ހިނގަމުންދާ ޙަރަކާތްތަކަކީ އިސްލާމީ ޚިލާފަތެއް ޤާއިމްކުރުމަށް ކުރެވެމުންދާ މަސައްކަތެއް ކަމަށް ޤަބޫލުކުރަން ޖެހެއެވެ. އެމެރިކާއަކީ އެމީހުންގެ ގޮނޑިކޮއްކޮ ސަރުކާރުތައް ކަމަށްވާ މެދުއިރުމަތީގެ ގިނަ ހުދުމުޚުތާރުވެރިންނަށް ތާއީދުކުރާ ބައެކެވެ. ނަމަވެސް، ރައްޔިތުން ނުކުމެ ބަދަލު ގެންނަން ފެށުމުން އެމެރިކާއިންވެސް 30 އަހަރު ވާގިވެރިވެފައިވާ ޞާލިޙްގެ މިވެރިކަންވެސް  މިވަނީ ބަދަލުވުމުގެ މަގުމަތީގައެވެ.

3000 މީހުންނާއެކު އަންގާރަދުވަހު ކުރި މި މުޒާހަރާގައި ޝެއިޚް ޒިންދާނީ  "އިސްލާމީ ދައުލަތެއް އެބަ އާދެއެވެ." ވިދާޅުވުމާއެކު ރައްޔިތުންވަނީ "ﷲ އަކްބަރު" ގެ ނަޢްރާއިން މުޅިތަން ގުގުމާލާފައި ކަމުގައި ނޫސް އިދާރާތަކުން މައުލޫމާތުދެއެވެ.

ޝައިޚް ޒިންދާނީ އަކީ އިމާމް އަންވަރުލް އަވްލާޤީ އާއި އުސާމާ ބިން ލާދިންއާ ވަރަށް ގާތް ގުޅުން އޮންނަ ފަރާތެކެވެ.

No comments: