ދިވެހިރާއްޖެއަށް ދޮންދޫނި މޫސުން އައުމާއެކު، ރާއްޖޭގެ ރަށްތަކުގެ މަތީގައި އެކުދިކުދި ސޫފިތައް މިނިވަންކަމާއެކު އުދުހެން ފަށައިފިއެވެ. ހަމައެއާއެކު، ރާއްޖޭގެ ރީތި ރަށްތަކުގެ ފަށްފަށްވަމުން އަންނަ އާދަކާދައެއްކަމުގައިވެފައިވާ ފަދައިން، ކުޑަ ކުޑަ ތުއްތުކުދިންތައް އެދޫނިތައް ހިފޭތޯ ނުކުމެ ދުވަން ފަށައިފިއެވެ. ތ. ވޭމަންޑޫގެ ބޮކަރުމާގޭ ޒިދާން އަކީ އޭގެ ތެރެއިން އެއްކުއްޖެކެވެ.
މިނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ހަވީރުގެ ފިންޏަށް އަޅާލުމާއެކު، އެންމެ 13 އަހަރުގެ ޒިދާންވެސް ނުކުތީ ކުޅެލާ މަޖާކޮށްލުމަށެވެ. ދޮންދޫނިތައް ފަޒާތެރޭގައި އުދުހޭތަން ފެނުމުން އެއެއްޗެހި ހިފުމަށް ޒިދާންވެސް ދިމާކޮށްފިއެވެ.
ދޮންދޫންޏެއް ހިފަން އުޅުމުގެ ތެރޭގައި، ޒިދާންގެ މާބޮޑު ސަމާލުކަމެއް ބިންމައްޗަށް ދެވިފައިނެތެވެ. އެހެން އުޅުމުގެ ތެރޭގައި، ބިންމަތީ އޮތް ގައު ކޮޅެއްގައި ފައި އަޅައިގަނެ، ޒިދާން ކައްސާލިއެވެ. އެކައްސާލިގޮތަށް ޒިދާން ގޮސް ޖެހުނީ އެތާނގެ ކައިރީގައި 3 ފޫޓު އުހަށް ޖަހާފައި ހުރި ރިންގު ދަގަނޑެއްގައެވެ. އެދަގަނޑު ޒިދާންގެ ކަނާތްފަރާތު ކޮލަށް ހެރުނީއެވެ.
ވަގުތުން، ތ. ވޭމަންޑޫ ހޮސްޕިޓަލަށް ޒިދާން ގެންދެވުނެވެ. އިތުރު ފަރުވާ ބޭނުންވެފައިވާ ޒިދާންއަށް ހޮސްޕިޓަލުން މާބޮޑު ކަމެއް ކުރެވެން ނެތުމުން، ދެން ގެންދެވުނީ ލ. އަތޮޅަށް އިތުރު ފަރުވާ ލިބޭތޯއެވެ. ޒިދާންއަށް ލ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެވުނެވެ. ލ. އަތޮޅު ހޮސްޕިޓަލުންބެލުމަށްފަހު ޙާލަތު ސީރިއަސް ކަމުން ވަގުތުން މާލެ ގެންދިއުމަށް ލަފާދެވުނެވެ. ލ. އަތޮޅު ހޮސްޕިޓަލުގައި އެއް ދުވަސްވެސް ނުވަނީސް ނޮވެމްބަރު 4 ވަނަ ދުވަހު ޒިދާން މާލެގެނެސް އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވުނެވެ. ނަމަވެސް، ޒިދާންއަށް ލިބިފައިވާ ޒަޚަމްއަކީ އެއަށްވުރެ ސީރިއަސް ޒަޚަމްތަކެކެވެ. ސީޓީ ސްކޭން ހެއްދުމުން ޒިދާންގެ ސިކުނޑިން ލޭ ފައިބާފައިވާކަން އެނގުނެވެ. އެހެންކަމުން، އެންމެފަހުން ޖެހުނީ ޒިދާން ލަންކާއަށް ގެންދާށެވެ.
މިހާރު ޒިދާން އޮތީ ލަންކާގެ ލަންކާ ހޮސްޕީޓަލް (އެޕޯލޯ ހޮސްޕިޓަލް) ގައެވެ. ޒިދާން ނޭވާލަމުން ގެންދަނީ ވެންޓިލޭޓަރއެއްގެ އެހީގައެވެ. ކޮލަށް ހެރުނު ދަގަނޑުގަނޑުން ސިކުނޑިއަށް އަސަރުކޮށްފައިވާތީ، ޒިދާންގެ ޙާލާމެދު ޑޮކްޓަރުންވެސް ތިއްބެވީ ސީރިއަސްވެފައެވެ. މިއަދާ ހަމައަށް ޒިދާންގެ ސިއްޙީ ހުރިހާ ޚަރަދެއް ކުރަމުން އައިސްފައިވަނީ އާސަންދާގެ އެހީގައެވެ. ނަމަވެސް ކުރިއަށް އޮތް 4 ވަރަކަށް ދުވަސްތެރޭގައި، އާސަންދައިން ލިބޭ ފައިސާ ހުސްވާނެކަމަށް އެންސްޕާއިން މިހާރުވަނީ ބުނެފައެވެ.
ޒިދާން ދުނިޔޭގައި ދެމިއޮތުމަށް ނުހަނު ބޭނުން ޖެހިފައިވާ ޓްރީޓްމެންޓެއް މިހާރުވެސް ދަނީ ކޮންމެދުވަހަކު ދެވެމުންނެވެ. މެދުކެނޑުމެއް ނެތި މިޓްރީޓްމެންޓް ދެވެމުން ދިޔުމަކީ ޒިދާން ދުނިޔޭގައި އޮތުމަށް އިންތިހާއަށް މުޙިއްމު ކަމެކެވެ. މިޓްރީޓްމެންޓްގެ އިތުރުން، ޒިދާންގެ ސިކުނޑިއަށް ފައިބާފައިވާ ލޭތައް ސާފުކޮށް، ސިކުނޑީގައިވާ ދުޅަ ކުޑަވީމާ އައު ޓްރީޓްމެންޓެއް ދިނުމަށްޓަކާ އިތުރު ފަރުވާއަކަށްވެސް ބޭނުންވެއެވެ. އެހެން ވެއްޖެނަމަ، އާސަންދައިން ލިބޭ ފައިސާ އެއަށްވުރެ އަވަހަށް ހުސްވުމަކީ އެކަށީގެންވާކަމެކެވެ.
ޒިދާން މިދުނިޔޭގައި ދިރިހުރުން ވަރަށް ބޮޑަށް ބިނާވެފައިވަނީ މިދުވަސްކޮޅު ތެރޭގައި ޒިދާންއަށް ދޭންޖެހޭ ފަރުވާތައް މެދުކެނޑުމެއް ނެތި ދެވެމުން ދިއުމެވެ. ނަމަވެސް، އާސަންދައިން ލިބޭ ފައިސާ ހުސްވެއްޖެ ނަމަ ޢާއިލާއިން އެޚަރަދުތައް ކުރާނެ ފައިސާ ހޯދުމަކީ މިވަގުތު އެއާއިލާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުތަނަވަސްކަމެވެ.
ޒިދާންގެ 16 އަހަރުގެ ބޭބެއާއި 7 އަހަރުގެ ކޮއްކޮ ހުރީ ޒިދާންއަށް ފަރުވާ ލިބިގެން އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރުކޮށްގެންނެވެ. ތ. ވޭމަންޑޫ ޢަބްދުﷲ މުފީދާއި ފަތުޙިއްޔާ ޙަސަންގެ މިކުޑަކުޑަ ޢާއިލާއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ވަގުތުގައި ތިޔައެންމެހާ ބޭފުޅުންނާއި ބޭކަނބަލުންގެ ދީލަތި އެހީތެރިކަމަށް ބޭނުންވެފައެވެ.
” މުއުމިނެއްގެ ކިބައިން ދުނިޔޭގެ ދަތިއުނދަގުލެއް ދުރުކޮށްފި މީހަކަށް ޤިޔާމަތްދުވަހުގެ ތުރާތަކުގެ ތެރެއިން ކަމެއް މާތްﷲ އެމީހެއްގެ ކިބައިން ދުރުކޮށް ދެއްވާނެތެވެ. އަދި ލާރީގެ ދަތިކަމެއް ޖެހިފައިވާ މީހަކަށް އެހީތެރިވެދިން މީހަކަށް ދުނިޔެއާއި އާޚިރަތުގައި މާތްﷲ އޭނާއަށް އެހީތެރިވެވޮޑިގަންނަވާނެއެވެ. އަދި މުސްލިމަކު ފަރުދާކޮށްފި މީހަކު، ދުނިޔެއާއި އާޚިރަތުގައި މާތްﷲ އެމީހަކު ފަރުދާކޮށްދެއްވާނެއެވެ. އަޅާ އޭނާގެ އަޚާއަށް އެހީތެރިވުމުގައިވާ ހިނދު މާތްﷲ އޭނާއަށް އެހީތެރިވެވޮޑިގަންނަވާނެއެވެ. “ (މުސްލިމް)
Account Number 7725463196001
Account Name: Abdulla Mufeed
Account Name: Abdulla Mufeed
ރާއްޖެއިން ގުޅޭނެ ނަމްބަރު: 7859925
ލަންކާއިން ގުޅޭނެ ނަމްބަރު: 0094778292107
ލަންކާއިން ގުޅޭނެ ނަމްބަރު: 0094778292107
ވައިބަރ ނަމްބަރު: 009609948009
No comments:
Post a Comment