ބޮޑު ތަކުރުފާނާއި ދޮންބަންޑާރައިން އަދި އަލިރަސްގެފާނާއި އިބްރާހީމް ނާޞިރު ފަދަ ޤައުމީ ބަޠަލުންގެ ލިސްޓުން ޑރ. ވަޙީދު ޖާގަ ހޯއްދަވައިފިކަން ނުވަތަ ނޫންކަން އަޅުގަނޑަކަށް ނުނިންމޭނެއެވެ. ނަމަވެސް ތާރީޚް އެކަން ހަނދާން ބަހައްޓާނެއެވެ. ޝައްކު ކުރުމުގެ ޖާގައެއް ނެތި ޑރ. ވަޙީދަކީ ދިވެހިން ފަޚުރުވެރިވުން ޙައްޤު ޤައުމީ ޚިދުމަތްތެރިއެއްކަމުގައި ނިންމަންޖެހެއެވެ. އެއީ ވަރުގަދަ ނުރައްކާތެރި ސިޔާސީ އޮއިވަރަކުން ދިވެހި ޤައުމުގެ ނައު ޙިކްމަތްތެރިކަމާއެކު ހޭރިޔާކުރައްވާ ސަލާމަތުގެ އައްސޭރިއަށް ގެންދެވި ބުއްދިވެރި ރައީސެކެވެ.
ޑރ. މުޙައްމަދު ވަޙީދު ޙަސަން އަށް ދިވެހިރާއްޖޭގެ ރައީސްކަން ލިބިވަޑައިގަތީ “އެކްސިޑެންޓަކުން”ނެވެ. އެއީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 3 ވަނަ ރައީސްގެ ނައިބުގެ މަޤާމުގައި ހުންނެވުމަށްފަހު، ދިވެހި ސިޔާސީ ޙަޔާތަށް އައި ކުއްލި ބަދަލެއްގައެވެ.
2008 ވަނަ އަހަރުގެ ނޮމެންބަރު 11 ވީ މަޝްހޫރު އަންގާރަދުވަހުން ފެށިގެން ދިވެހި ޤައުމަށް އަންނަން ފެށީ މާ ބޮޑެތި ސިޔާސީ ބަދަލުތަކެކެވެ. 30 އަހަރުގެ ޚުދުމުޚްތާރުވެރިކަމަކަށް ފަހު، މިނިވަން ދިމިޤްރާތީ ނިޒާމަކަށް ދިވެހި ސިޔާސީ މަޞްރަޙް ދިޔައީ ލަކި ލައްކަށް ފަރިތަ ވަމުންނެވެ. އަމިއްލަ މަންފާތަކެއް ހޯދަން ބަޔަކު މިޤައުމަށް ގެނައި “ދިމިޤްރާތީ ނިޒާމޭ” ކިޔުނު ސިޔާސީ ޕެކޭޖުގެ ސަބަބުން ޤައުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔައެވެ. މި އަންނަމުން ދިޔަ ސިޔާސީ ބަދަލުތަކުގައި ބަޔަކު އަމިއްލަ އެދުން އިސްކުރުމުގެ ސަބަބުން ޤައުމުގެ ސިޔާސީ ޙަޔާތް ވަރަށް ނާޒުކު ހިނދުކޮޅަކަށް ވެއްޓުނެވެ.
ވަކި އަދި މަދު ސިޔާސީ ފިކުރެއް ދިރުވުމަށްޓަކާ، ދިވެހި ޤައުމުގެ ޤައުމިއްޔަތުގެ އަސާސްތަކަށް އެއްވެސް ބެލުމެއް ނެތި އޭރު “މިނިވަންކަމާއެކު” ޙަމަލާދެވެމުން ދިޔައެވެ. 1153މ. ގައި ރާއްޖެ އިސްލާމްވުމަށްފަހު، “ދަތުރުފަތުރުކުރުމުގެ ނިޒާމެއް” ހައްދަވައިގެން ނެތް އިރުވެސް، ﷲގެ ރަޙްމަތާއެކު، އެންމެ 40 އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއް އިސްލާމްވެ، މަލިކުވެސް އިސްލާމްދީނަށް އެނބުރި ދިވެހި ނަސްލުގެ އެންމެންނީ ﷲ އެއްކައުވަންތަކުރާ ބަޔަކު ކަމުގައިވެގެން އައި ދުވަހުން ފެށިގެން 100 އިންސައްތަ އިސްލާމީ ޤައުމެއް ގޮތުގައި މިދިވެހިރާއްޖެ ދެމިއޮތުމަށްފަހު، 2008ގެ ފަހުން އައި ސިޔާސީ ބަދަލުތަކުގައި މިކަންކަމަށް އެއްވެސް ފަރުވާލެއް ބެހެއްޓުނުތަނެއް ފެނިގެން ނުދިޔައެވެ.
ސިޔާސީ މަންފާއަކަށްޓަކާ، 800 އަހަރަށްފަހު މިއިސްލާމީ ބިމުގައި އެހެން ބާޠިލް ދީންތަކަށް އަޅުކަން ކުރާ ގިރިޖާތަކާއި ފައްޅިތައް އެޅުމުގެ ހުއްދަލިބޭތޯ ކުރެވުނު ސުވާލު އެއްވެސް ލަދެއް ނެތި ދައުލަތުގެ ފަރާތުން ދީނީ ޢިލްމުވެރިންނަށް އަމާޒު ކުރެވިގެން ދިޔައެވެ. ދަރުމަވަންތަ ރަސްގެފާނު ޒަމާނުން ފެށިގެން ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދިފައިވާ ބުދުގެ ވައްތަރުތައް ފާޅުކަން ބޮޑު ގޮތެއްގައި ޢާއްމު ކުރެވި އެތަކެތީގެ ޙިމާޔަތަށް ގަދަ ބާރުން ސަލާމަތީ ބާރުތައް ފާރަވެރިކުރުވިއެވެ. ދީނުގެ ނަބިއްޔުންނަށް ނިސްބަތްކޮށް ކުރެހުނު ކާޓޫނުތައް ޚިޔާލުފާޅުކުރުމާއި އިޙްތިރާމްގެ ނަމުގައި ރާއްޖޭގެ މައި ދޮރޯށީގައި އެއްވެސް ޖެހިލުމެއް ނެތި އެލުވާލެވުނެވެ.
ދީނުގެ ޢިލްމު ފޯރުކޮށްދޭން އިސްކަންދަރު ރަސްގެފާނު ޒަމާނުއްސުރެ އުފެދިފައިވި ވަރުގަދަ އިސްލާމީ ތަޢުލީމީ ނިޒާމުގެ ތެރެއިން އޭގެ މައިގަނޑު ދެމަޞްދަރުކަމުގައިވާ “އިސްލާމް އަދި ދިވެހި” އިހާނެތިކޮށް ކުޑައިމީސްކޮށް ހިތައި ނިޒާމުން ގެއްލުވާލުމުގެ މަސައްކަތް ރަސްމީކޮށް ދައުލަތުގެ ފަރާތުން ބާރުލާފައި ފެށިއެވެ. އެވަރުން ނުފުދިގެން ދިވެހިން ތާއަބަދަށް އެބަޔަކަށް ނަފްރަތުކުރާނެ ދައްޖާލު ބާގަކަމަށްވާ އިޒްރާއީލްގެ އަނިޔާވެރި ޔަހޫދީ ދައުލަތާ އެއްބަސްވުންތައް ވެވި އެވެރިން ބޭނުންވާހާ ގޮތަކަށް ތަޢުލީމީ މުޤައްރަރު ބަދަލުކުރުމުގެ ތަރަހަ ދިވެހިންގެ ލޯ ކުރިމަތީ ފަރުމާ ކުރެވިގެން ދިޔައެވެ. އެއަށްވުރެ ފާޅުކަން ބޮޑުގޮތެއްގައި ފޮނުވާލެވި އަރުވާލެވިފައިވާ ނަޞާރާ ދީނުގެ ފާދިރީން އަނބުރާ ރާއްޖެ ގެނެސް، ޤައުމުގެ ވަލިއްޔުލް އަމުރުގެ އެންމެ މަތީ އޮފީހުގައި ރައްޔިތުންގެ މުދަލުން ކާން ބޯންދީގެން ބޮޑު މުސާރައެއްގައި ބެހެއްޓުނެވެ. މިނޫނަސް، ދެންވެސް ދިވެހި އިސްލާމީ ޤައުމަށް ވެފައިވާ ކިތަންމެ ޚިޔާނާތްތެރި އަނިޔާވެރިކަމެކެވެ.
މިއަނިޔާތައް އިންތިހާއަށް ބޮޑުވި ހިނދު ޤައުމާ މެދު ވިސްނާ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލިއެވެ. 2008 ނޮވެމްބަރު 11 ވީ އަންގާރަދުވަހު ހުވާކުރި ވެރިކަމުގެ ތެރޭގައި ތިބި ބައިތަކުން ޤައުމަށް ވަފާތެރިވުމުގެ ގޮތުން ފަހަރަކު ބަޔަކު ވަކިވަމުން ދިޔައެވެ. ނަމަވެސް، އަނދިރިކަމާއި އަނިޔާވެރިކަން ދިޔައީ ބާރަށް ބާރަށް ކުރިއަރައިގެންނެވެ. “އެހެރީ ބުދު ބަހައްޓާފައޭ، ދެންވެސް ބަހައްޓާނަމޭ” ފަދަ ބަސްތައް ރަސްމީ ޕޯޑިޔަމްތަކުން އިވިގެން ދިޔައެވެ. މިރާއްޖެ އިސްލާމްވުމަށްފަހު، ކާފަރުވި ރަދުން ފިޔަވާ ޤައުމުގެ އެންމެ އިސްމީހަކު ފާޅުގައި އިސްލާމްދީނާ ދެކޮޅު ވާހަކަ ނުދައްކާނެ ވަރަށް އެދުވަސްވަރުވެސް ވާހަކަދެކެވުނެވެ. ޤައުމު ވެއްޓިފައި އޮތް އަނދިރިކަމުގެ މިންވަރަކީ އެއީއެވެ.
ޤައުމު އޮތީ ބަރާބަރު ދެހަމައަށް ދެބައިވެފައެވެ. އެއްބަޔަކު ދީނާ ޤައުމުގެ ދިފާޢުގައި ވެރިކަމާ ދެކޮޅަށް ނުކުމެ އަޑު އުފުލުމުގައެވެ. އަނެއް 2 ބައިކުޅަ އެއްބައި އޮތީ ވެރިކަމުގެ ބާރު އޮތް ކޮޅަށް ބުރަވެ ތިބެ އެކަންކަމަށް އަޅާނުލުން ބުއްދިވެރިކަމަށް ދެކި ވެރިކަމުގެ ދިފާޢުގައެވެ. މިފަދަ ސަޕޯޓެއް ލިބިފައި އޮތުން ވެގެން ދިޔައީ ވެރިކަމުގެ ފަރާތުން ކުރަމުން އައި “ލާދީނީ” ޢަމަލުތައް ހުއްޓުވުމެއް ނެތި ކުރިއަށް ގެންދިޔުމަށް ލިބުނު ރަނުގެ ފުރުޞަތަކަށެވެ. މީހުން އުޅޭ ރަށްރަށަށް ބަނގުރާ ވިޔަފާރި ފެތުރުމާއި، އިޒްރާއީލާއެކު އިތުރަށް ގުޅުން ބަދަހި ކުރުމާއި، ޤައުމިއްޔަތުގެ ނިޝާނެއްކަމުގައިވި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ބޭރު ބަޔަކަށް ކުއްޔަށް ދިނުމާއި މިފަދަ ކިތަންމެ “ޖެހިލުން ކުޑަ” ޢަމަލުތަކެކެވެ. ޤައުމުގެ 2 ބައި ކުޅަ އެއްބައި މީހުންގެ ތާއީދާއެއްކޮށް މިކަންކަން ކޮށް ޤައުމަށް ދެރައެއް ދިނުމަކީ އެހިނދަށް ވަރަށް ފަސޭހަކަމެކެވެ. ޤައުމު އޭރު އޮތީ އެހާ ނާޒުކު އެހާ އަނދިރި ފައްތަރަކަށް ވެއްޓިފައެވެ.
މިއަނދިރިކަން އެންމެ ގަދަވެގެން ދިޔަ ވަގުތު، ދިވެހި ސަލާމަތީ ބާރާއި ސިފައިންނާދެމެދު ދާޚިލީ ހަނގުރާމައެއް ފެށުމުގެ ދުންގަނޑު ދުރުދުރުން ފެންނަން ފަށާފައިވަނިކޮށް ދީނާއި ޤައުމުގެ ޙިމާޔަތަށް އެންމެން އެއްބައިވެ، ދައުލަތުގެ ބާރުތަކުގެ ނުފޫޒު ކެނޑެން ފެށުނެވެ. އެހިނދުން، “ބަޑި ޖައްސާފައި ހުރި ކަމަށް ވިދާޅުވާ ޙާލު” ބަލި ޤަބޫލުކުރައްވާ އޭރުގެ ރައީސް އިސްތިއުފާ ދެއްވެވިއެވެ. ޤައުމުގެ ވެރިކަމާ ދެން ޙަވާލުވެލެއްވީ އޭރުގެ ނައިބް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންއެވެ. ޑރ. ވަޙީދުގެ ޝުކުރުވެރި ރިޔާސަތު ފެށެނީ އެ އަނދިރިކަން ކައްސަވާލަން ރައީސްކަމާ ޙަވާލުވެލެއްވި ދަނޑިވަޅުން ފެށިގެންނެވެ.
ޑރ. ވަޙީދަށް ޤައުމުގެ ރައީސުލް ޖުމްހޫރިއްޔާގެ ގޮތުގައި ކުރިމަތިވެލައްވާފައިވަނީ ވަރަށް ވެސް ބުރަ މަސައްކަތެކެވެ. ބައިބައިވެފައިވާ ޤައުމެއް އިތުރަށް ބައިބައިކޮށް ޤައުމިއްޔަތު ކަތިލާލެވުމާ ނުލެވުން ބިނާވެފައި އޮތީ ޑރ. ވަޙީދުގެ ނިންމެވުންތަކަށެވެ. އެއް އަހަރު ފަހުން ބޭއްވޭ ރިޔާސީ އިންތިޚާބަށް އަނެއްކާވެސް ހުރިހާ ޕާޓީތަކުން ތަޅާފޮޅަން ފައްޓާނެކަމާއި، އެކަމުގެ އަސަރުތަކުން ޤައުމުގެ ޙަޔާތުގެ މިމުޙިއްމު 2 އަހަރު ނުކުމެދާނެ ނުބައި ނަތީޖާއަކަށް ޑރ. ވަޙީދު ސަމާލުވެލައްވަން ޖެހިވަޑައިގަތެވެ.
އެންމެ ފުރަތަމަ ޗެލެންޖަކަށް ޖެހިވަޑައިގަތީ ވެރިކަމުން އިސްތިއުފާ ދެއްވި ރައީސް މުޙައްމަދު ނަޝީދު ބަލި ޤަބޫލުނުކުރައްވާ، އެއީ ބަޣާވަތެއްކަމަށް ސިފަކޮށް ޖެހިގެން އައިދުވަހު ފުރިހަމަ ބާރާއެކު މުޅި ރާއްޖޭގެ އެކި ހިސާބުތަކުން ނުކުމެ ސަރުކާރާ ދެކޮޅު ޢަމަލުތައް ހިންގަން ފެއްޓުމެވެ. ރައްޔިތުންގެ މުދަލުގައި ހުޅުޖަހާ، ޤައުމުގައި ސަރުކާރުގެ ބާރު ނެތްކަމާއި، ވަޙީދުގެ ސަރުކާރަށް ޤައުމަށް ހަމަޖެހުން ނުގެނެވުނުކަން ސާބިތުކުރަން ކުރެވުނު ކޮންމެ ކަމެއް ވެއްޓުނު ސަރުކާރުން ކުރަމުން ދިޔައެވެ. ނަމަވެސް، މިނުރައްކާތެރި ޙާލަތަށް ޑރ. ވަޙީދު ސަމާލުވަމުން ގެންދެވީ ވަރަށް ޙިކްމަތްތެރި ގޮތެއްގައިކަމުގައި ދަންނަވަން ޖެހެއެވެ. ޑރ. ވަޙީދުގެ މަޑުމައިތިރި އެހެނަސް ސާބިތު ޢަމަލުތަކުގެ ސަބަބުން، ވެއްޓުނު ސަރުކާރުން ހިންގަމުން އައި ޢަމަލުތައް ފެއިލްވަމުން މަދުވަމުން ދިޔައެވެ. ޤައުމު ދާޚިލީ ހަނގުރާމައަކަށް ވައްޓާނުލައްވާ ޤައުމުގެ ނައު މަޑުމަޑުން އެހެން މިސްރާބަކަށް އަނބުރާލުމުގައި ނަވުގެ މާލިމީއަށް ފަޅުވެރީންނާއި ފަސިންޖަރުން މިއަދު ޝުކުރު އަދާކުރާން ނުވޭބާއެވެ؟
ޤައުމު ދޫކޮށްފައި ދިޔަ ނިކަމެތި އަދި އެހާމެ ނުރައްކާތެރި ޙާލަތު އިމްތިޙާނަކަށް ފުދޭ އިރު، އެވަރު ނުވެގެން އިތުރު މައްސަލައެއް އުފެއްދުމުގެ ގޮތުން، ވެރިކަން ބަދަލުވީ ސާފު ޙާދިޘާއަށް ބަޣާވަތޭ ކިޔާ ނަން ދީގެން އެކަން ތަޙްޤީޤުކުރާ ޤައުމީ ކޮމިޝަނެއް އުފައްދަން ޖެހި އެތައް ހަކަތަތަކެއް އެކަމުގައި ނަގާލެއްވުމަށްފަހު ރިޔާސީ އިންތިޚާބާ ކުރިމަތިލައްވާ ޢިލްމީ ބަޙުޘްގެ ޕްލެޓްފޯމަކަށް އަރުއްވާ އެއީ ހަމައެކަނި “ތިމަންނާގެ ޖާރނަލިސްޓިކް ވިއު” އެއްކަމަށް ބުނެ މަތިބައްދާލި އެކުޑަ މައްސަލައަކީވެސް ރައީސް ޑރ. ވަޙީދާ ކުރިމަތިވެލެއްވި ވަރަށް ބޮޑު ޗެލެންޖެކެވެ. އެއްވެސް ހަމައެއްނެތި “ބާޣީ” ގެ ލޭބަލް ޖަހައިގެން ބޭރު ދުނިޔެއާ މުޚާޠަބުކުރުން ފަސޭހަކަމަކަށް ނުވާނެއިރު އެކަން ވެގެންދިޔައީ، އެއްބައިވަންތަ ސަރުކާރެއް އުފައްދަވާ ހުރިހާ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގެ އުއްމީދުވެސް ފެނަށް ވެގެން ދިޔަކަމަކަށެވެ.
އެހެނަސް، ޑރ. ވަޙީދުގެ ވެރިކަމުގައި ބައިނަލް އަޤްވާމީ މުޖްތަމަޢުއަށް ރާއްޖޭގެ ތަޞައްވުރު ރީތިކޮށް ދައްކާދެމުން، މިއީވެސް މުސްތަޤިއްލު އަމިއްލަ ވެރިކަމެއްކުރާ މިނިވަން ބައެއްކަން ޑރ. ވަޙީދު ޘާބިތުކޮށްދެއްވިއެވެ. ޤައުމިއްޔަތާއި އެޤައުމިއްޔަތުގެ މައި ރުކުން ކަމުގައިވާ އިސްލާމްދީނުގެ ދިފާޢުގައި ރާއްޖޭގެ ވެރިއަކަށް މީގެ ކުރިން ބުނަން ނުކެރުނު ކިތަންމެ ބަހެއް ދުނިޔޭގެ މަތިފަޑިއާ ހިސާބަށް ޑރ. ވަޙީދު އިއްވާލަދެއްވިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، ސަރަޙައްދީ ބާރުތަކުން ލޯއަޅަމުންދިޔަ ކަންތައްތައް ޙާޞިލްނުވާނެކަން ޔަޤީންވެ އެކަމުގެ މައްޗަށް މާޔޫސްވެ، އެނުރައްކާތެރި “ރަނުގެ ފުރުޞަތުގައި” ރާއްޖެއަށް އަތްގަދަކުރުމުގެ ޕްލޭންތައް ވަޔަށް ވުމެވެ.
ރައީސް ޑރ. ވަޙީދުގެ ނިންމެވުމަކުން ޤައުމުގެ އަމާންކަން ދެމެހެއްޓުމަށް ބާރުލިބުނު އަނެއް މުހިއްމު ނިންމުމަކީ، އެބޭފުޅާގެ ނައިބަކަށް ބޭފުޅަކު ޢައްޔަން ކުރުމެވެ. ނައިބްރައީސެއްގެ މަޤާމުގައި ހުރުމަށްފަހު ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމަށް ޑރ. ވަޙީދު ޙަވާލުވެލައްވަން ޖެހުމުން ދެން ރާއްޖޭގެ ސިޔާސީ މައިދާނުގައި އުފެދުނު ބޮޑު ސުވާލަކީ ނައިބަކަށް ޢައްޔަންކުރާނެ މީހަކާމެދު އުފެދުނު ސުވާލެވެ. އެންމެން އެކި ދިމާލަށް އިނގިލި ދިއްކޮށްގެން ތިއްބާ ޑރ. ވަޙީދު ނިންމެވީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ ބޭފުޅަކު އެމަޤާމަށް ޢައްޔަން ކުރެއްވުމެވެ. ގިނަ ބަޔަކަށް ސިހުން ގެނުވި މި ނިންމުމަކީ، އޭރުގެ ޤައުމުގެ ޙާލަތަށް ވިސްނަވާ ނެންގެވި ވަރަށް މުޙިއްމު ނިންމުމެއްކަމުގައި ދަންނަވަން ޖެހެއެވެ. މިނިންމުން ވެގެންދިޔައީ، އެކި ދިމާލަށް ލޯތައް އަމާޒުކޮށްގެން ތިބި އެންމެންގެ ލޯތައް އެއްދިމާއަކަށް ލަންބުވާލި ނިންމުމަކަށެވެ. އަދި ސިޔާސީ ޙަސަދައާއެކު ރައީސް ޑރ. ވަޙީދަށް ބުހުތާން ހަދަމުން ދިޔަ ސިޔާސީ ހަތުރުންގެ ބަސްތަކަށްވެސް ނިމުމެއް ގެނައި ނިންމުމަކަށެވެ. މިއީ، ސިޔާސީ ގޮތުން ޤައުމު އިތުރު ބައިބައިވުންތަކަކަށް ނުވެއްޓި ޤައުމުގެ ސިޔާސީ ހަމަ ހިފަހައްޓާލި ނިންމުމެއްކަމުގައިވެސް މިހިނދު ފާހަގަކޮށްލަން ޖެހެއެވެ.
ރައީސް ޑރ. ވަޙީދުގެ ރިޔާސަތުގައި ޤައުމު ވަރަށް ދަތި އުނދަގޫ މަރުޙަލާތަކެއް ކަޑައްތު ކޮއްފިއެވެ. ޤައުމުގެ ޙަޔާތުގައި ކުރިމަތިވާނެ އެންމެ ނުރައްކާތެރި ޙާލަތްތައް ރައީސް ޑރ. ވަޙީދު ތަޖްރިބާ ކުރައްވާފައި ހުންނަވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ބޭރުގެ ނުފޫޒުތަކުގެ ކުރިމަތީގައި ޤައުމު ވިއްކާ ނުލައްވަން އެބޭފުޅާ ވަރުގަދަ ޤައުމީ ޖިހާދެއްކުރައްވާފައިވާކަމީ ދިވެހީން ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭ ކަމެކެވެ. ޤައުމުގެ ރައީސުލް ޖުމްހޫރިއްޔާ ގޮތުގައި ހުންނަވާ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ނެންގެވި އެންމެ މުޙިއްމު ނިންމުމަކީ، ރައީސްކަމުގެ ޙަޔާތުގެ އެންމެ ފަހު އަދި އެންމެ އުނދަގޫ ދުވަސްކޮޅު ނިންމެވި ނިންމެވުންތަކެވެ.
ދެވަނަ ފަހަރަށް ފުރަތަމަ ބުރުގެ ވޯޓުލުމުގައި ދެ ނަންބަރު ރިޔާސީ ކެންޑިޑޭޓް ގޮތުގައި ވާދަނުކުރައްވަން ނިންމަވާ ރައީސް ޑރ. ވަޙީދުވަނީ ބާކީ ތިއްބެވި 3 ކެންޑިޑޭޓުން ޞުލްޙަކޮށް، ރިޔާސީ އިންތިޚާބު އަމާންކަމާއެކީ ކުރިއަށް ގެންދިއުމުގެ މަގު ކޮށާދީފައެވެ. ރައީސް ޑރ. ވަޙީދު އެ ނިންމުން ނުނިންމަވާ އަތްއުރާލައިގެން ކުޅި ބަލަން ހުންނެވި ނަމަ، އަދިވެސް ދިވެހިން ތިބީހީ މި ތިން ކެންޑިޑޭޓުންގެ ތެރޭގައި އޮތް ތަޅާފޮޅުމުން އަރާނުގަނެވި ބިކަ ޙާލުގައި ޖެހިފައިކަމަށްވުމީ ދުރުކަމެއް ނޫނެވެ. ސިޔާސީ ކަންކަމުގައި މުޅި ރައްޔިތުންގެ ޙަޔާތް ނަގާލާން ދޫވެގެން ނުދިޔުމުން، ރައީސް ޑރ. ވަޙީދުގެ އެނިންމެވުމަށް މިއަދު ކޮންމެ ދިވެއްސަކު ޝުކުރު އަދާކުރަން ޖެހޭނެއެވެ.
އެއަށްފަހު، ނޮވެމްބަރު 11 ގެ ފަހަށް ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރު ފަސްވެ، ނޮވެމްބަރު 16 ގައި ބޭއްވޭ ގޮތްވުމުން ރައީސްކަމަށް ރައްޔިތުންގެ މަޖްލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިސްކުރުމަށް ރައްޔިތުންގެ މަޖްލީހުންނާއި ބޭރުގެ ފަރާތްތަކުން ގޮވާލާފައިވަނިކޮށްމެ، އަދި ސްޕްރީމް ކޯޓުން ރައީސްކަމުގައި ޑރ. ވަޙީދު މަޑުކުރެއްވުން އެއީ ރަނގަޅު ގޮތްކަމުގައި ބުނެފައިވީކަމުން، ޑރ. ވަޙީދު އެހިނދުވެސް ގޮސް ހުއްޓުނީ ވަރަށް މުޙިއްމު 4 އަނގޮޅިއަކަށެވެ. އެއްކޮޅުން ރާއްޖޭގެ ގިނަ ބަޔަކާއި، ބޭރުގެ މުޙިއްމު ފަރާތްތަކުން ފިއްތުން ކުރުވަމުން ދިޔައީ ޑރ. ވަޙީދު އިސްތިއުފާ ދެއްވާ ރައްޔިތުންގެ މަޖްލީހުގެ ރައީސްއަށް 5 ދުވަހަށް މިދިވެހި ޖުމްހޫރިއްޔާގެ އެންމެހާ ބާރުތައް ދެއްވުމަށެވެ. އަނެއްކޮޅުން، އެއަށްވުރެ ގިނަ ދިވެހީން އެމަނިކުފާނު އަރިހުން އެދެމުން ދިޔައީ އިންތިޚާބުގެ ނަތީޖާ ނިމެންދެން ވެރިކަމުގައި މަޑުކުރެއްވުމަށެވެ. ޑރ. ވަޙީދަށް ނިންމަވަން ޖެހުނު ނިންމެވުން މާ ފަސޭހައެއް ނޫނެވެ. އަދި ވިސްނާލައްވަން ލިބިލެއްވި ވަގުތުވެސް މާ ގިނައެއް ނޫނެވެ.
އެޚުޠޫރަތްތެރި ވަގުތުވެސް، މާތް ﷲ ގެ ރަޙްމަތުން ޑރ. ވަޙީދު ނަންގަވާފައިވާ އެ ނިންމުމަކީ އެހިނދަށް ޤައުމަށް އެންމެ ފައިދާ ބޮޑު ނިންމުންކަމުގައި ދަންނަވަން ޖެހެއެވެ. ޑރ. ވަޙީދު އެހިނދުން އެހިނދަށް ވެރިކަމުން ދުރުވެލައްވާ ބޯ ދަމައިގެންނެވި ނަމަވެސް، އެމަނިކުފާނަށް މިވަގުތު ދިވެހިން ކުރާނެ ވަކި އިތުރު ސުވާލެއް ނޯންނާނެއެވެ. ވެރިކަން ދޫކޮށްލައްވައިގެން ޤައުމަށް ކިތަންމެ ބޮޑު ނުރައްކަލެއް ކުރިމަތިވިޔަސް، އެކަމުގެ ޒިންމާ އެމަނިކުފާނު ނަންގަވަން ނުޖެހޭނެކަމަށް ބުނުމުގެ ޖާގަ އޮތް ހިނދުވެސް، އެމަނިކުފާނު އެމުޙިއްމު ވަގުތުވެސް ނިންމެވީ ޤައުމު ވާނެކަމެއްވާން ދޫކޮށް ނުލެއްވުމަށެވެ. އެމުޙިއްމު 5 ދުވަހަށް ތަޖުރިބާއެއް ނެތް މީހަކަށް ޤައުމުގެ ލަޤަން ދޫކޮށްލެއްވުނު ނަމަ، ވެރިކަން ކުރުމުގެ ބާރުގެ ފަރާތުން އިތުރު މައްސަލަތަކެއް ކުރިމަތިވެ ސިޔާސީ މަސްރަޙް އިތުރަށް ހަލަބޮލިވެ 16 ވަނަ ދުވަހުގެ އިންތިޚާބަށް ހިޔަނި އެޅިގެން ދިޔުން ވަރަށް އެކަށީގެންވެފައިވިއެވެ. އެހެންކަމުން، ޑރ. ވަޙީދު އެދުވަހު އެނިންމެވި ނިންމެވުމަށް ޑރ. ވަހީދަށް މަރުޙަބާ ކިޔާ ޝުކުރު އަދާކުރަމެވެ.
އަދި ހަމަ އެއާއެކު، 10 ނޮވެމްބަރު 2013 ވީ ދުވަހުގެ ރޭ، ޑރ. މުޙައްމަދު ވަޙީދު އެ ނިންމަވާފައިވާ ނިންމެވުމުން ރާއްޖޭގެ ވެރިކަމުގެ ފަރާތުން ބޭރުގެ ދަހިވެތި ބާރުތަކަށް ވަރުގަދަ މެސެޖެއްވެސް ދެއްވިއެވެ. އެއީ ބޭރުގެ ނުފޫޒުތަކުގެ ކުރިމަތީގައި ދިވެހިންގެ ނިންމުންތަކުގައި އިސްކަން ދެވޭނީ ދިވެހިންގެ އެދުންތަކަށްކަމެވެ. ބޭރުން ލިބޭނެ ވެދުމަކަށް ނުބަލާނެކަމެވެ. ޑރ. ވަޙީދުގެ އެނިންމެވުން ފަދަ ނިންމުމެއް 1887މ. ގައި ދިވެހިރާއްޖެއިން ނިންމާފައިވީނަމަ، ދިވެހިން ދުވަހަކުވެސް އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށަށް ނުގޮސް ފަރުޖެހުނީސްކަމަށް ބުނެވިދާނެ ޖާގަ އެބަ އޮތެވެ. ނަމަވެސް 1887މ ގައި ދިވެހި ރަސްކަމަށް އިނގިރޭސީންގެ ކުރިމަތީ ކުރުނީސްކުރަން ޖެހުމުގެ ސަބަބުން ދިވެހި ބިމުން ބައެއް 100 އަހަރަށް އިނގިރޭސިންނަށް “ހަށިވިއްކާ” އުޞޫލުން ދެވުނެވެ. މި ތާރީޚީ ޙަޤީޤަތްތަކުން ހާމަވަނީ ޑރ. ވަޙީދުގެ އެނިންމެވުމުން، މިފަދަ ކިތަންމެ ނުރައްކާތެރިކަމަކަށް ހުރަސް އެޅުއްވިކަން އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަން ޖެހޭކަމެވެ.
ޑރ. ވަޙީދުގެ ރިޔާސަތުގައި މިފަދަ ކިތަންމެ ނިންމުމެއް ނިންމަވާ ބައިނަލް އަޤްވާމީ މުޖްތަމަޢުގައި ޙަޤީޤީ ދިވެހި ބަޠަލެއްގެ ޝަޚްސިއްޔަތު ދައްކާލަދެއްވިއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މިލޮބުވެތި ވަޠަނުގެ ޙަޔާތުގައި އައި މިމުޙިއްމު ދުވަސްތަކުގައި ޤައުމުގެ ރައީސްގެ ޙައިޘިއްޔަތުން އިސްލާމްދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ޑރ. ވަޙީދު އަދާކުރައްވާފައިވާ މަތިވެރި ޚިދުމަތްތަކަށް އެމަނިކުފާނަށް ހިތުގެ އެންމެ ފުންމިނުން ދިވެހީން ޝުކުރު އަދާކުރަން ވެއްޖެއެވެ. ޝުކުރިއްޔާ ރައީސް ޑރ. މުޙައްމަދު ވަޙީދު!
ބުނާތީ އަޑުއަހަމެވެ. ނިޢުމަތެއްގެ އަގު ބަޔަކަށް ވިސްނޭނީ އެނިޢުމަތެއް ގެއްލުމުންނެވެ. އެހެންކަމުން، ދިވެހިންނަށް ނިކަން ފަސޭހައިން ގެއްލިގެން ދިޔުމުގެ ބިރުވެރިކަން އޮތް ކިތަންމެ ނިޢުމަތެއް ﷲ ގެ ދަރުމަވަންތަވެރިކަމުން ރައީސް ޑރ. ވަޙީދު މެދުވެރިކުރައްވާ ޙިމާޔަތްކުރައްވާފައިވާތީ، ޑރ. ވަޙީދުގެ މަސައްކަތަށް ދިވެހީން ޝުކުރު އަދާކުރާންވެއްޖެއެވެ. ރައީސް ޑރ. ވަޙީދުގެ ޢަމަލުތައް އެއާ އިދިކޮޅުވީނަމަ، މިއަދު އެހުރިހާ ތަކުލީފެއް ދިވެހި ކޮންމެ ދަރިއަކު އުފުލަމުން ދާނެއެވެ. ރައީސް ޑރ. ވަޙީދެވެ. މަނިކުފާނަށް ޝުކުރިއްޔާއެވެ!
ދިވެހީންނޭވެ! ހެޔޮކަމެއް ކޮށްދިން މީހަކަށް ތިބާމެން ޝުކުރު އަދާ ނުކުރާ ކަމުގައިވާނަމަ، ތިބާމެން މާތް ﷲ އަށް ޝުކުރުކުރާކަމުގައިވާނީ ކިހިނެއް ހެއްޔެވެ؟
No comments:
Post a Comment