Pages

Sunday, May 05, 2013

އަލިމާރިއަށްވަދެ ފިލީމާވެސް ދަމާކޫއްތާފަ ނެރެ މަރާލީއެވެ!

މެއި މަސް ފެއްޓިގެން މިދިޔައީ ސޫރިޔާގައި މިހާރު ހިނގަމުންދާ ހަނގުރާމާގައި ކާފަރު ބައްޝާރުލް އަސަދުގެ ލަޝްކަރުތަކުން އަނިޔާވެރިކަން އިންތިހާއަށް އެކުލެވޭ ލާއިންސާނީ ޢަމަލުތަކުގެ ބޮޅަށް ހުތުރު ބޮޅެއް އިތުރުކުރަމުންނެވެ.
މެއި 2 ވީ ބުރާސްފަތިދުވަހާއި މެއި 3 ވީ ހުކުރު ދުވަހު ސީރިޔާގެ އުތުރުގެ 2 ސަރަޙައްދެއްކަމުގައިވާ ބައިޟާ އާއި ބާނިޔާސްގައި ބައްޝާރުލް އަސަދުގެ ލަޝްކަރުތަކުންވަނީ އަނިޔާވެރިކަން ބޮޑު 2 ޤަތުލްޢާއްމެއް ހިންގާފައެވެ.
ބައްޝާރުގެ ލަޝްކަރުތަކުން އުތުރުގެ މި ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދަނީ ހަމައެކަނި އެމީހުންގެ ކޮންޓްރޯލް އެ ހިސާބުތަކުގައި އޮތަތީކީ ނޫނެވެ. އެއީ ސޫރިޔާގައި ޝީޢީ އާބާދީ އެންމެ ބޮޑު ސަރަޙައްދަށްވެސް ވާތީއެވެ. ލީބިޔާގައި ޤައްޛާފީ ހައްޔަރުކޮށް ނެރުނު ފަދައިން ހޮރަކުން ނެރެން މެދުވެރިވެއްޖެނަމަ، ބައްޝާރުވެސް ފިލަންވަންނާނެ ހޮރަކީ މި ސަރަޙައްދެވެ. މިއީ މިހާރުވެސް ބައްޝާރުގެ ވެރިކަން ވެއްޓިއްޖެނަމަ، ސަލާމަތްކަން ލިބޭނޭ ހިތާ އަންނާނެ ޝީޢީން ގިނަ ސަރަޙައްދެކެވެ. މިސަރަޙައްދަކީ، ސޫރިޔާގެ އުތުރު-ހުޅަނގު ބިތުގެ ފަރުބަދަމަތީ ބަދަރު ސަރަޙައްދެކެވެ. މިއީ ޝީޢީންގެ އަޣުލަބިއްޔަތު އޮންނަ އަދި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ސަރަޙައްދެކެވެ. ނަމަވެސް މި ސަރަޙައްދުގައި ހިމެނޭ ވަކި ވަކި ކުދި ބައެއް ރަށްރަށަކީ ސުންނީ މުސްލިމުންގެ އާބާދީ އެކުލެވޭ ރަށްތަކެކެވެ.
އެހެންކަމުން ސުންނީންނާ ދެކޮޅަށް ޤަތުލްޢާއްމެއް ހިންގުމަކީ މި ރަޙުމެއް ނެތް މީހުންނަށް ކުރަން މާ ފަސޭހަކަމެކެވެ. ވަކި ވަކި ކުދި ރަށްރަށަށް އަރާ ޢާއްމުންގެ ގޭތަކަށް ވަދެ އަންހެނުންނާއި ކުޑަކުދިން ކަތިލާލުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ، އަދި އާދައިގެ މަތިން އެމީހުން ކުރަމުންވެސް ގެންދާ ކަމެކެވެ.
އެގޮތުން ބައްޝާރުގެ ސިފައިންގެ ލަޝްކަރުތަކުން މިފަހަރު ޢާއްމުންގެ ރަށްތަކަށް އަރައިގަތީ، ކައިރި ހިސާބުތަކުގެ ރަށްރަށުގެ ތެރެއިން ޝީޢީން ގިނަ ރަށްރަށުން ޝީޢީ ހަނގުރާމަވެރިންނަށް މިނުބައި ޢަމަލުގައި ބައިވެރިވާން ދަޢުވަތުދީ އެމީހުންނާވެސް އެކުގައެވެ. މިއީ މުޖާހިދުންގެ ކޮންޓްރޯލް އޮތް ހިސާބުތަކެއް ނޫންކަމުން އެއްވެސް މުޖާހިދެއްގެ ހިލަމެއް މިރަށްރަށުން މި މީހުން ނުދެކެއެވެ. އެހެންކަމުން ދަނޑިވަޅުގެ ފައިދާ ނެގުމުގެ ގޮތުން، މިމީހުން ސުންނީންގެ ރަށްރަށަށް އަރާ ގެތަކަށް ވަދެގަތެވެ. ގެތަކުގެ ތެރޭގައި ތިބީ ނިދާފަ ތިބި ކުޑަކުދީންނާއި އަންހެނުންނެވެ. ޝީޢީ ހަނގުރާމަވެރީންނަށް އެމީހުންގެ ޝިކާރަތައް ފެނުން ފަދައެވެ. މުޅި ރަށުތެރޭގައި ހޭބޯ ނާރާ ދުވަންފެށީ ޖެހުނު ތަނަކުން އިންސާނެއްގެ ހިލަމެއް ވެއްޖެނަމަ ކަނޑި މަޅައިގަންނާށެވެ. ނުވަތަ ބަޑިން އަމާޒުކޮށް ހަށިގަނޑު ފޫއަޅުވާލާށެވެ.
މިފަހަރުގެ ޤަތުލްޢާއްމުގައި އެތައް ބަޔަކު މަރާލާފައިވާއިރު، ލާއިންސާނީ އެތައް ޢަމަލެއް ބައްޝާރުގެ ލަޝްކަރުތަކުން ހިންގާފައިވާކަމަށް ސޫރިޔާގައި ޙަރަކާތްތެރިވަމުންދާ މަދަނީ ޖާރނަލިސްޓުން ހާމަކުރެއެވެ. އެންމެ 21 ގަޑިއިރު ތެރޭގައި، 100 އަށް ވުރެ ގިނަ މީހުން މަރާލާފައިވާކަމަށް ތަފާތު އެތައް މަޞްދަރަކުން މަޢުލޫމާތު ދޭއިރު، އެތައް ސަތޭކަ ބަޔަކަށް ވީނުވީ އެއް އަދިވެސް ނޭނގެއެވެ. އެހެންކަމުން މަރުވިމީހުންގެ ޢަދަދު އެތައް ތަނެއް އިތުރުވެގެން ހިނގައިދާނެކަމަށް ބެލެވެއެވެ.
ޔޫޓިއުބްގައި މިހާރު ދައުރުވަމުންދާ އެއް ވީޑިޔޯއެއްގައި ދައްކާގޮތުން، އެއް ޢާއިލާއެއްގެ 20 މެމްބަރަކު އެއްގެއެއްގެ ތެރޭގައި މަރާލާފައިވާތީ ފެނެއެވެ. އޭގެ ތެރޭގައި 9 ކުޑަކުދިން ހިމެނެއެވެ. ދެން ތިބީ މުޅިންވެސް އަންހެނުންނެވެ. މިވީޑީޔޯއާ މެދު ޙިމްސްގެ ޑޮކްޓަރުންގެ ޕޭޖަކުން ހާމަކޮށްފައިވާ ގޮތުގައި މައުޞޫމް އެތައް ބަޔަކު ޤަތުލުކުރުމަށް ބައްޝާރުގެ ސިފައިން ބޭނުންކޮށްފައިވަނީ ކަތިވަޅިއެވެ.
އެތައް ބަޔަކަށް ވަޅިން ހަމަލާދީ ކަތިލާލެވިފައިވާއިރު، އަލިފާނުން އަންދައިގެންވެސް އެތައް ބަޔަކު މިޤަތުލްޢާއްމުގައި މަރާލާފައިވެއެވެ. ފޭސްބުކްގައި ދައުރުވަމުންދާ ފޮޓޯއެއްގައި އަންދާލެވިފައިވާ އިންސާނުންގެ ހަށިތަކެއް ދައްކުވައިދެއެވެ. ބުނެވޭ ގޮތުގައި މި މީހުންގެ ހަމަލާތަކުގައި މީހުން މަރާލުމަށްފަހު، އެއްތާކަށް އެއްކޮށް އެހަށިތަކުގައި އަލިފާން ޖަހަނީއެވެ. އެމީހުންގެ އަނިޔާވެރިކަމުގައި ދުނިޔެ އަޅާ ދިޔާމާވެސް އަނިޔާކުރަން ހިތާ ތިބީތާއެވެ! އެހެނެއްކަމަކު އެކުރާ އަނިޔާއަކުން އެމައުޞޫމް ފުރާނަތަކަށް ލިބޭނެ ހަމަ އެންމެ ގެއްލުމެއްވެސް ނެތެވެ. އުފާވެރިކަމާއެކު އަލްޢާދިލްގެ ދަރުބާރަށް މައްސަލަ ހުށައަޅަން އެފުރާނަތައް ދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ފަހެ، ސޫރިޔާއަކީ، “ތިމަންމެން އަލިފުދާލަށް މައްސަލައެއް ނޫފުލާނަމޭ، ތިމަންމެން ޝަކުވާ ކުޅަހުށީ ހަމައެކަނި ﷲއަށޭ” ބުނި މީހުންގެ ފަޚުރުވެރި ޤައުމެވެ.
ތެދެކެވެ. އެމީހުން މައްސަލަ ހުށައަޅާނެކަން ޔަޤީނެވެ. އެމީހުންގެ ދަރިން އެކަތިލެވެނީ އެއްވެސް ރަޙުމެއް ނެތިއެވެ. އަނބިދަރިންގެ ޢިއްފަތް އެ ފޭރިގަނެވެނީ ވަލުޖަނަވާރުވެސް ލަދުގަންނަ މިންވަރަކަށެވެ. އަދި އިންސާނުން މަރާލުމުގައި ދުނިޔެ ނުދެކޭފަދަ ޢަޛާބެއް މިމީހުން އީޖާދުކުރަން އުޅޭ ފަދައެވެ. މީހުން ނުމަރަނީ ކޮން ގޮތަކަށް ހެއްޔެވެ؟
ރަޙުމުގެ ކަންފުޅެއްވެސް މިމީހުންގެ ނެތެވެ. ހަނގުރާމާގައި ބައިވެރިވާ މީހެއްތޯ ނޫންތޯ ބަލާލުމެއް ހުންނާނީ އެންމެ ކުޑަމިނުން ކުޑަކުދިންނަށް ބަލާލާ ނަމަތާއެވެ! މިމީހުންގެ އަނިޔާވެރިކަމުގެ ވާހަކަ ކިޔައިދޭކަށް ކުޑަކުއްޖަކުވެސް ދޫނުކުރެއެވެ. އެހެނަސް ޙައްޤުގެ ދުލުގައި އެމީހުންނަކަށް ނުހިފެހެއްޓޭނެއެވެ. އެމީހުންގެ އަނިޔާވެރިކަމުގެ ވާހަކަ ޙައްޤު ދައްކަމުންދާނެއެވެ. ޙައްޤަށްވާ ވަޒީފާއަކީ އެއީއެވެ. އެގޮތުން އެއް ޙާދިޘާއެކެވެ.
ކުޑަ އަންހެން ކުއްޖެކެވެ. އޭނާ އޭނާގެ ކޮޓަރީގައި އެކަނި މާއެކަނި ނިދާފަ އޮންނަން ޖެހުނީ ކީއްވެކަން ބަޔާންކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ބައްޕަވަނީ ބައްޝާރުގެ އަނިޔާވެރި ސިފައިންގެ ޝިކާރައަކަށްވެ މަރުވެފައިކަމެއް، ނުވަތަ މި އަނިޔާވެރިކަމުން މުސްލިމުން ސަލާމަތްކުރުމަށް މުސްލިމުންގެ ޙިމާޔަތުގައި ޖިހާދުކުރުމަށް ނުކުމެ ނޫން ކަމެއްވެސް ނޭނގެއެވެ. މިތުއްތު ކުއްޖާގެ މަންމަ ވަނީ މިއަނިޔާވެރި ބައްޝާރުގެ ޖަލުތަކުގައި އެމީހުންގެ އަޅެއްގެ ގޮތުގައި ހައްޔަރުކޮށްފައިނޫންކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ، އެމައުޞޫމްކުއްޖާއަށް އެރޭ ކޮޓަރީގައި ނިދާފައި އޮންނަން ޖެހުނީ އެކަނިމާ އެކަނި ކަމެވެ.
ކުއްލިއަކަށް ރަށުތެރެއިން އިވެން ފެށީ ކުޑަކުދިންނާއި އަންހެނުންގެ ރުއިމުގެ އަޑުފަށްގަނޑެވެ. މިއަޑު ގަދަވާން ފެށުމުން މިމައުޞޫމް އެކަނިވެރިކުއްޖާއަށް ހޭލެވުނީ ސިއްސައިގެން ގޮހެވެ. މިއުޅެނީ އަނެއްކާވެސް ޝީޢީ ޝަބީހާއިންގެ ނުބައި ޖަނަވާރުތަކެއްގެ ޝަހުވަތު ފުއްދަން ރަށުތެރެއަށް އަރައިގަނެގެންކަން އިތުރު މީހަކު އެކުއްޖާގާތު ބުނާކަށް ނުޖެހެއެވެ. މިހާރު މިފަދަ ޙާލެއްގައި ދުވަސްތައް ވޭތުކުރާތާ މިއީ 3 ވަނަ އަހަރެވެ. ޝީޢީންގެ ހަނގުރާމަވެރިން ރަށުތެރެއަށް އަރާ އަންހެނުންގެ ޢިއްފަތް ފޭރިގަނެ، ކުޑަކުދިންނާއި އަންހެނުން ޤަތުލުކުރަމުންދާނެއެވެ. މިކަމުގެ ޝިކާރައަކަށް މިކުޑަ ކުއްޖާވެސް ވެދާނެއެވެ. ކަންދިމާވި ގޮތުން މިރޭ މިކުއްޖާ މިހުރީވެސް ޙިމާޔަތަށް އެދިދާނޭ ބައްޕައެއް މަންމައެއް ނެތިއެވެ. އެކަނިމާއެކަންޏެވެ. އެހެންކަމުން އެނދުންތެދުވެ، ޙިމާޔަތް ހޯދުމަށް ދުވެގޮސް ވަނީ ކޮޓަރީގައި ހުރި ބޮޑު އަލަމާރީގެ ތެރެއަށެވެ. ބާރަށް ދޮރު ލައްޕައިގެން ހުރެ އަޑު ހަރުކޮށް ރޮވިދާނެތީ އަނގަމަތީގައި އަތްއަޅައިގެން ހުއްޓެވެ. ޝީޢީ ޝަބީހާ ސިފައިން ދަނީ ގެއާ ކާރިވަމުންނެވެ. މިހާރު ގޭތެރެއަށް ވަދެއްޖެހެންވެސް ހީވެއެވެ. އެފަދަ ވަގުތެއްގައި، ކުޑަކުއްޖާގެ ހިތަށް ވަދެފައިވާ ބިރުވެރިކަން ބަޔާންކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އެބިރުވެރިކަމާއި ނުރައްކަލުގެ ތެރޭގައި އެކުދިކުދި ހިތްތަކަށް ކުރާނެ އަސަރެއް ބަޔާންކުރާނީ ކިހިނެއް ހެއްޔެވެ؟ ހިފެހެއްޓުމެއް ނެތި ލޮލުން އޮހޮރޭނެ ކަރުނަޔާއި، ފޫދިގެން ނުކުންނާނެ ރުއިމާއި ގިސްލުމުގެ އަޑުގައި ހުންނާނެ އަސަރެއް ބަޔާންކުރާނީ ކިހިނެއް ހެއްޔެވެ؟
އާނއެކެވެ. ކެތްވާނީ ވަކިވަރަކަށެވެ! ރުއިމާއި ގިސްލުން އޮބެހެއްޓޭނީވެސް ވަކި މިންވަރަކަށެވެ. އެންމެފަހުން، އެޝަބީހާ ސިފައިން އެކުއްޖާގެ ކޮޓަރިއަށް ވަދެ ފުރާނަހުރި އިންސާނެއްގެ ހިލަމެއް ވޭތޯ ހޯދަން ފަށައިފިއެވެ. އަލަމާރިތެރޭގައި ހުރި ކުއްޖާ ބިރުން ތުރުތުރުލަމުން އެދަނީ އެމީހުންގެ މަޤްޞަދު އެއްވެސް އޮޅުމެއް ނެތި އެނގޭތީއެވެ. އެހޯދަނީ މަރާލާނެ އިންސާނެކެވެ. އެމީހުން އެހޯދަނީ އެކުއްޖާއެވެ. އެންމެފަހުން އެކުއްޖާގެ އަޑުގެ ތެރެއިން ފޫދިގެން އައި ގިސްލުމުގެ އަޑެއް އެމީހަކަށް އިވުނީކަމެއް ނުވަތަ، މިނިމަހަށް ދަހިވެފައިހުރި އަނިޔާވެރިޔާއަށް އެކުއްޖާގެ ދުވީ ނޫން ކަމެއް ނޭނގެއެވެ. ކުއްލިއަކަށް އަލަމާރިއާ ގާތަށް ޖެހި މަކަރުވެރި ގޮތަކަށް އަލަމާރީގައި ތަޅަންފައްޓައިފިއެވެ. އަތްމައްޗަށް ހިތް ލައިގެން ހުރި ކުޑަކުޑަ ކުއްޖާއަށް އިތުރަށް ކެތެއް ނުވިއެވެ. ބާރު ބާރަށް އަޑުން އަޑު ނަގާ ރޯންފެށިއެވެ. މިރުއިމުގެ އަޑުވެގެން ދިޔައީ އެ އަނިޔާވެރި ސިފައިންގެ މީހާގެ ހިތަށް ރަހުމްވައްދައިދީ ހިތްމަޑުމޮޅި ކޮށްލި އަޑަކަށް ނޫނެވެ. އެއަޑު ވެގެން ދިޔައީ އެއަނިޔާވެރިމީހާގެ ނުބައި ރޭވުމަށް ލިބުނު ފެށުމުގެ ދުންމާރިއަށެވެ. އާދެ، އެތެރޭގައި މަރާލާނެ އިންސާނެއް ހުރިކަން އެނގުނީއެވެ. ދެނަކާ ދެނެއް ބަލާކަށް ނެތެވެ. އަވަސް އަވަހަށް އަލަމާރީގެ ދޮރުގައި ހިފާ ތަންމިނަށް ހުޅުވާލައިފިއެވެ. އަންނައުނު ތަކެއްގެ ތެރޭގައި ފިލާ އޮވެވޭތޯ އެކުއްޖާ މަސައްކަތްކުރަމުންދިޔައެވެ.
ނަމަވެސް.. އެ ނުލަފާ ހިތްހަރު ޝީޢީ މީހާ، އެރޮމުން ދިޔަ ކުއްޖާގެ މައްޗަށް ރަޙުމްގެ ތަންފުކެއްވެސް ނުބެހެއްޓިއެވެ. އަތުހުރި ބާރެއްލާފައި ދަމާކޫއްތާފައި ނެރެ އެނދުބުޑަށް ޖެހިއެވެ. އެވަރުންވެސް އެކުއްޖާ ދިޔައީ ސަލާމަތްވޭތޯ މަސައްކަތްކުރަމުންނެވެ. ކަކުލުގައި ބައްދައިގެން އޮވެ ރޮމުން ގެންދިޔައީ ކޮންފަދަ އާދޭހުގެ ބަސްތަކެއް ބޭރުކޮށްގެން ކަމެއް ނޭނގެއެވެ! އެނގޭހާވެސް އެއްޗަކީ، ހެނދުނު ވީއިރު، އެމައުޞޫމްކުއްޖާ އޮތީ އެގޮތުގައި މަރުވެފައިކަމެވެ. އުނަގަނޑާއި ބުރަކަށީގެ އެކި ހިސާބުތަކަށް ވަޒަން އަރުވާލާފައި ހުރިތަންތަން ފާޅުކޮށް ބަލާނެ މީހަކަށް ފެންނާނެ ފަދައަކުން ހުއްޓެވެ. އެމައުޞޫމް ފުރާނަ ޢާދިލްވަންތަ ރައްބުގެ އަރިހަށް ޝަކުވާ އުފުލަން ދާނެކަން ކަށަވަރެވެ!
 banyas massacre
އިތުރު އެހެން ޙާދިޘާއެކެވެ. ވާހަކަ ކިޔައިދޭން މީހަކު ދޫނުކޮށް ކިތަންމެ ވަރަކަށް މުސްލިމުން ކަތިލަމުން ދިޔަޔަސް ޙައްޤު މިވާހަކަތައް ކިޔާދެމުންދާނެއެވެ. އިސްލާމްދީނުގެ ތަފާތު މައްސަލަތަކާމެދު އުފެދޭ ސުވާލުތަކަށް އޮންލައިންކޮށް ޖަވާބުގެނެސްދޭ މަޝްހޫރު އިސްލާމްކިއުއޭ ގެ ސްޕަވައިޒަރ ޝެއިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދުގެ ޓްވިޓާރގައި ޝާއިޢުކޮށްފައިވާ ސުވާލެކެވެ. ސުވާލު ފޮނުވާފައިވަނީ ސޫރިޔާގެ އަންހެން ކުއްޖެއްގެ ފަރާތުންނެވެ. ކޮންފަދަ ސުވާލެއްތޯއެވެ؟
ސުވާލުގައިވެއެވެ. “ޝެއިޚެވެ! އަޅުގަނޑު ރޭޕްކޮށްލަފާނެކަމަށް ބިރު އޮތްނަމަ އަމިއްލައަށް މަރުވިޔަސް ހެޔޮ ވާނެތޯއެވެ؟ މިހާރު ޢަލަވީންގެ މީހުން މިހިސާބުގަނޑު ޙިޞާރުކޮށްފިއެވެ!”
ސުބްޙާނަﷲ!! އެސުވާލުން އެކަނިވެސް ސީރިޔާގެ މުސްލިމުން އުޅެމުންދާ ބިރުވެރިކަން އިޙްސާސްކުރެވޭނެއެވެ. އެއަޚުންނާއި އުޚުތުންނަށް ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކީ އެފަދަ ވަގުތެކެވެ. ޝެއިޚްގެ ޖަވާބަކީ ސާފު ޖަވާބެކެވެ. ސޫރިޔާގެ ހިތްވަރުގަދަ މުޖާހިދުންނާއި މުޖާހިދާއިން ފަދައިން އެއުޚުތާވެސް ހިތްވަރުކުރާނެކަން ކަށަވަރެވެ. ފަހެ އެއީ ޚާލިދު ބުން ވަލީދާއި އަބޫ ޢުބައިދާ ބިން ޖައްރާހްއާއި އަމީރު މުޢާވިޔާގެ ރަށެވެ. އަދި ޞަލާޙުއްދީނުލް އައްޔޫބީ ފަދަ އުއްމަތުގެ ފަޚުރުންގެ ބިމެވެ.
ބުނެވޭ ގޮތުގައި، ޝީޢީ މި ލަޝްކަރުތަކުން ބާނިޔާސްގައި މިހިންގި ޖަރީމާއަކީ ބަދަލު ހިފުމުގެ އެތިފަހަރެކެވެ. މީގެ ދުވަސްކޮޅެއް ކުރިންވަނީ އެމީހުންގެ ލަޝްކަރުތަކުގެ އަނިޔާވެރި ސިފައިންގެ ބަޔަކު މިއިން ކާރި ހިސާބު ގަނޑެއްގައި މަރާލެވިފައެވެ. މިކަމުގެ ބަދަލުހިފުމުގެ ގޮތުން އެމީހުން އެޖެހި އެތި ފަހަރަކީ، ސުންނީ މުސްލިމުންގެ ރަށްރަށަށް އަރާ ޢާއްމު މަދަނީންގެ ގޭގެއަށް ވަދެ އަންހެނުންނާއި ކުޑަކުދިން ކަތިލާ، ނުވަތަ އަންދާ މަރާލުމެވެ. މިހުތުރު ޢަމަލުތައް ހިންގުމަށްފަހުގައިވެސް، ބައްޝާރުގެ ޤައުމީ ޓީވީ ސަނާއިން ހާމަކޮށްފައިވަނީ، މިހިންގުނީ ޓެރަރިސްޓުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ޢާއްމު މަދަނީންނާ ދެކޮޅަށް ހިންގުނު ޤަތުލުޢާއްމެކެވެ. އޭގައި ގިނައިން މަރާލެވިފައިވަނީ ވެސް ކުޑަކުދިންނާއި އަންހެނުންނެވެ. އެއީ ޓެރަރިސްޓުންކަމުގައި ވަންޏާ ސަނާ އިން ތެދު ބުނެފިއެވެ.
މިޤަތުލްޢާއްމުގެ ސަބަބުން ބާނިޔާސް އިން 4000 އަށް ވުރެ ގިނަ ސުންނީ މުސްލިމުން ސަލާމަތްކަން ހޯދުމަށް ގެދޮރު ދޫކޮށް ނުކުމެފައިވާކަމަށް ސީރިޔަން އޮބްސަވޭޓަރީ ފޯރ ހިއުމަން ރައިޓްސް އިން ހާމަކުރެއެވެ.  ވަރަށް ގިނަ ޢާއިލާތަކަކުން ބާނިޔާސް ގެ ދެކުނުގައިވާ ސުންނީ އާބާދީ ބޮޑު ސަރަޙައްދުތަކަށް ހިޖުރަކުރަމުންދެއެވެ. އެއީ ޝީޢީ އާބާދީތަކެއްގެ ތެރޭގައި ތިބުމަކީ އެއްވެސް ރައްކާތެރިކަމެއް ލިބެންނެތް ކަމަކަށް ވާތީއެވެ. ނަމަވެސް މިހާރު ސަނާއިން ގޮވަމުންދަނީ ނުކުމެގެންދާ މުސްލިމުން އެނބުރި ރަށްތަކަށް ރުޖޫޢަވުމަށެވެ. މިސްކިތްތަކުގެ ތާޅަފިލިތަކުންވެސ މިފަދައިން ގޮވަމުންދިޔައެވެ. އަނެއްކާވެސް އެއުޅެނީ އަނެއް ޤަތުލްޢާއްމު ހިންގުމަށް ބާވައެވެ؟
ޤަތުލްޢާއްމުތައް މި ހިނގި ސަރަޙައްދަކީ މުޅި ސޫރިޔާގައިވެސް ޝީޢީންގެ ބާރު އެންމެ ވަރުގަދަ ސަރަޙައްދެވެ. އެގޮތުން މި ހިސާބުގަނޑުގައި ހިމެނޭ ބާނިޔާސްގެ އިތުރުން ލަޓާކިޔާ (اللَاذِقِيَّة‎ ) އާއި ޠަރްޠޫސް ( طرطوس) އަކީ މިހާރުވެސް ބައްޝާރުގެ ވެރިކަން ވެއްޓިއްޖެނަމަ އޭނާ ޙިމާޔަތް ހޯދާނެ ހިސާބުތައް ކަމަށް މުހައްލިލުން ހާމަކުރެއެވެ. ބަނދަރުމަތީގެ މި 3 ސަރަޙައްދަކީ ޝީޢީންގެ މައިމަރުކަޒުތަކެވެ. މިހިސާބުތަކުގެ ސުންނީންނަށް އެއްވެސް ޙިމާޔަތްތެރިކަމެއް ލިބިފައެއް ނުވެއެވެ. އެހެނަސް ބާނިޔާސްގެ މުސްލިމުންނަކީ، ނުބައި ބައްޝާރުލް އަސަދާ ދެކޮޅަށް އެންމެ ފުރަތަމަ ދަރްޢާގެ އަހުލުވެރިންނާއެކު ތެދުވި މީހުންނެވެ. މިތެދުވުމުގެ ސަބަބުން ދިގުދެމިގެންދާ މި ޖިހާދުގެ 3 ވަނަ އަހަރަށް ފެށިގެން ކުރިއަށް ދާއިރު، މުސްލިމުންގެ ބާރު ދުވަހެއް ދުވަހަކަށް އަންނަނީ ވަރުގަދަވަމުންނެވެ. އަދި ބޮޑު ޤައުމެއް އަތްދަށުލައިގެން ދުނިޔޭގައި ލެއްވިހާ ޒަމާނީ ހަތިޔާރެއް ލިބިއޮތް ބައްޝާރުގެ ވެރިކަން އަންނަނީ މަޑުން ނަމަވެސް ބަލިކަށިވެ އިނދަޖެހެމުންނެވެ. ބައިޟާއާއި ބާނިޔާސްގެ ބަދަލު ހިފުމުގެ ގޮތުން މުސްލިމް މުޖާހިދުންގެ ޙަރަކާތްތައް ވަނި އަވަސްވެފައެވެ. އެގޮތުން އަޙްރާރުއްޝާމް ކިޔާ މުޖާހިދުންކޮޅެއް ބައްޝާރުލް އަސަދުގެ ބައްޕަ އުފަންރަށްކަމަށްވާ ޤުރުދަހާއަށް ރޮކެޓް ހަމަލާތައް އަމާޒުކުރަމުން ދާއިރު، ދެކުނުގެ ސަރަޙައްދުތަކުގައި މުޖާހިދުން އަންނަނީ އިތުރަށް ވަރުގަދަ ވަމުންނެވެ. އެގޮތުން އެއަރޕޯޓްތަކާއި ގިނަ ޗެކްޕޮއިންޓްތަކެއް އޭގެ ފަހުން ވަނީ މުޖާހިދުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. ގިނަދުވަސްތަކަކަށް ފަހު ވަރަށް މުޙިއްމު ބިނާއެއްކަމުގައިވާ ޙަލަބުގެ އެއަރޕޯރޓްވެސް އޭގެ ފަހުން މުޖާހިދުންވަނީ ފަތަޙަކޮށްފައެވެ. އަދި ވެރިރަށް ދިމިޝްޤުގައި މުޖާހިދުންގެ ބާރުދަނީ ހީނުކުރާ ދުވެއްޔެއްގައި ކުރިއަރައިގެންނެވެ. އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ރިޔާސީ ގަނޑުވަރުން ނުކުމެގެން ހެލިކޮޕްޓަރެއް ޝީޢީ ސަރަޙައްދުތަކާދިމާއަށް އެބަ ދަތުރުކުރެއެވެ. އެއީ ބައްޝާރު ފިލަންވެގެން ދަނީކަމެއް، ނުވަތަ ފިލުމަށް ތައްޔާރުވުމަށް މުދާކޮޅު ޖަމާކުރަނީ ނޫންކަމެއް އަދި ނޭނގެއެވެ. އެނގޭހާވެސް ކަމަކީ މުސްލިމުންނަށް ބޮޑެތި ފަތަޙަތަކެއް ވެސް ލިބެމުންދާކަމެވެ.
ޙައްޤާއ ބާޠިލާ ދެމެދު ސޫރިޔާގައި ކުރިއަށް މިދާ ހަނގުރާމާގައި އަހަރެމެންނަށްވެސް ރޯލެއް އަދާކުރެވިދާނެއެވެ. އަހަރެމެން ދުނިޔޭގެ ކިތަންމެ ދުރު ހިސާބެއްގައި ތިއްބަސް ސޫރިޔާގައި ޙައްޤުމަގުގައި ތިބި މުސްލިމުންނަށްޓަކާ ދުޢާކުރާށެވެ! ސޫރިޔާގެ މުސްލިމުންގެ މައްޗަށް ވެރިވެފައިވާ އަނިޔާވެރިކަން ފުހެލައްވައި، މުސްލިމް މުޖާހިދުންނަށް ނަޞްރުއެދި ދުޢާ ކުރާށެވެ! އެކަނިވިޔަސް، ދެކަނިވިޔަސް، އެއަށްވުރެ ގިނަ ވިޔަސް ދުޢާކުރުން ދޫކޮށްނުލާށެވެ! ޖަމާޢަތުގައި ނުކުރެއޭ ކިޔާފައި އަދި އަމުދުން ދޫކޮށްނުލާށެވެ!
- See more at: http://dhiislam.com/78309#sthash.Hl5sEose.dpuf

No comments: