Pages

Monday, May 06, 2013

ރިޕޯރޓާސް ވިތައުޓް ބޯރޑާރސް ގެ ކޫސަނި ރިޕޯރޓަށް މަވާސަލާމް!!

ރިޕޯރޓާސް ވިތައުޓް ބޯރޑާރސްއަކީ ނޫސްވެރިންގެ ޙިމާޔަތުގައި މަސައްކަތްކުރާ ކަމަށް އަމިއްލައަށް ލޭބަލްވެގެން އުޅޭ ބައިނަލް އަޤްވާމީ ޖަމާޢަތެކެވެ. ތެދެކެވެ. މުއްލާ ޢުމަރުގެ ތަޢުރީފްގައިވެސް އެމީހުން ބުނެފައިވެއެވެ. “އެއީ އަމިއްލައަށް އަމީރުލް މުއުމިނީންއަށް ވެގެން އުޅޭ” މީހެކެވެ. އެހެންކަމުން މިޖަމާޢަތަކީވެސް ހަމަ އަމިއްލައަށް ވެގެން އުޅޭ ޖަމާޢަތެކެވެ. އެބުނާ ގޮތުންނަމަ އަމިއްލައަށް ނުވަނީ ކޮންބައެއް ހެއްޔެވެ؟

ވެގެންމިއުޅޭ ގޮތަކީ:
ރިޕޯރޓާސް ވިތައުޓް ބޯރޑާރސް ގެ 2013 ވަނަ އަހަރު ނެރެފައިވާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމާއި އެންމެ ދެކޮޅު މީހުންގެ ލިސްޓްގައި އަލަށް ރާއްޖޭގެ ބަޔަކު ވެސް ހިމަނާފައިވެއެވެ. މިއީ ރާއްޖޭގައި މިއޮތް ހަމަޖެހުމާއި އެއްބައިވަންތަކަންވެސް އިތުރަށް ނަގާލާ ބައިބައިކޮށްލުމަށް ކޮށްފައިވާ ކަމެއްކަމާމެދު ސުވާލު އުފެދުމުގެ ޖާގައެއްވެސް ނެތެވެ. ސީދަލަށް ބުނާނަމަ ހިމަނާފައި އޮތީ ރާއްޖޭގެ ދީނީ ޖަމާޢަތްތަކާއި އެޖަމާޢަތްތަކުގެ ލީޑަރުންނެވެ. މިއީ ވިސްނައިފި ބަޔަކަށް ވަރަށް ހެއްވާ ވާހަކައެކެވެ. ރާއްޖޭގައި ދީނީ ޖަމާޢަތްތަކާއި އެޖަމާޢަތްތަކުގެ ލީޑަރުން ހާދަ ގަދަކޮށްލައިފިތާއެވެ!
މިރިޕޯރޓްގައި ހިމެނޭ ދެކޮޅު ނުޖެހޭ ވާހަކަތައް ކިޔަންފަށައިފިނަމަ ދައްކާ ނިމޭނެކަމެއް ނޭނގެއެވެ. ބައިނަލް އަޤްވާމީ ފެންވަރުގައި ދުނިޔޭގެ ހުރިހާ ޤައުމަކަށް ޚާއްޞަކޮށް އިސްލާމީ ޤައުމުތަކާއި މިހާރު ދުނިޔޭގައި ހަންފަތުރަމުންދާ ޑިމޮކްރަސީއާ ބީރައްޓެހިކަމެއް ގެންގުޅޭ ދެކުނު އެމެރިކާގެ ޤައުމުތަކަށް ބެހެން ހަދައިގެން އެއޮތީ ރަނގަޅަށް އެއްތަނަކާވެސް ނުބެހެވިފައެވެ. ނޫސްވެރިންގެ ބޯރޑް އަޅުވައިގެން ތިބެ ނެރެފައިވާ ރިޕޯރޓްގައި ހިމެނޭ މަޢުލޫމާތުގެ ކުށްތަކާއި ބޯދާ ޤަބޫލުކުރުންތައް ފެނިފައި ނޫސްވެރިއަކަށް ވެވުނީތީވެސް ލަދު ގަންނަވަރުވެއެވެ.

އެހެން ޤައުމަކުން ފަށަމާ:2013 ގައި އަލަށް އިތުރުކޮށްފައިވާ ލިސްޓަށް އެކަނި ބަލާލަމާހިނގާށެވެ. ސޫރިޔާގެ ސުންނީ ހަނގުރާމަވެރި ޖަމާޢަތެއްކަމުގައިވާ ޖަބްހަތުއް ނުޞްރާއަކީ ނޫސްވެރިންނަށް އޮތް ބިރެއްކަމަށް ސިފަކޮށްފައިވެއެވެ. 2011 ވަނަ އަހަރު އުފެދުނު މިޖަމާޢަތަކީ، ސޫރިޔާގެ މުސްލިމުންގެ ޙިމާޔަތުގައި ޖިހާދުކުރަމުންދާ ޖަމާޢަތެކެވެ. އެޖަމާޢަތަކީ، ބައްޝާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާޢަތްތަކުގެ ތެރެއިން އަހުލުއްސުންނަތު ވަލްޖަމާޢަތުގެ ޢަޤީދާގައި އެންމެ ރަނގަޅަށް ފައިތިލަ ޘާބިތުކޮށްގެންވެސް ތިބި ޖަމާޢަތެވެ. އެހެންކަމުން އެޖަމާޢަތް އުފެދުނު ތަނާހެން އެއީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް އެމެރިކާއިން ސިފަކުރިއެވެ. މިކަމާ ދެކޮޅަށް ސީރިޔާގެ ރައްޔިތުން ވަނީ މުޒާހަރާކޮށް، “އަހަރެމެން އެންމެންނަކީ ޖަބްހަތުއްނުޞްރާ!”ކަމަށް ދުނިޔެއަށް ހާމަކޮށްފައެވެ. އެމެރިކާއިން އެއީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ސިފަކޮށްފައިވަނީ އެއްވެސް އިންޞާފްވެރި ގޮތެއްގައި ނޫންކަމާއި، އެއީ މުސްލިމުންނާމެދު އޮތް ހަސަދައާއި ބިރުން ކޮށްފައިވާ ކަމެއްކަމަށް އެމީހުން ބުނެފައިވެއެވެ. އިދިކޮޅު ހުރިހާ ހަނގުރާމަވެރިންވެސް ދެކޭ ގޮތުގައި ޖަބްހަތުއްނުޞްރާއަކީ، އެމީހުންގެ ބައިވެރިއެކެވެ. އަދި ކީއްތޯއެވެ؟ އެއީ އެމީހުންގެ ސްޕެޝިއަލް ފޯރސް ކަމަށާއި، އެހީއާއި މަދަދަށް އެދެން ޖެހޭ ޙާލަތްތަކުގައި އެންމެ ފަހުގަޑީގައި އެހީއަށް ގޮވާލެވޭ ލަޝްކަރުކަމަށް އިދިކޮޅު ހުރިހާ ފަރާތްތަކުންވެސް ދެކެއެވެ. ސޫރިޔާގެ ޢާއްމު ރައްޔިތުން ޤަބޫލުކުރާ ގޮތުގައި، އެހެން ޖަމާޢަތްތަކާއި ޖަބްހަތުއްނުޞްރާއާ ވަރަށް ތަފާތެވެ. އެހެން ޖަމާޢަތްތަކުގެ ބައެއް މީހުން ބައެއް ފަހަރު ޢާއްމުންނާމެދު ގޯސްކޮށް ޢަމަލުތައް ބަހައްޓައެވެ. އެހެންޖަމާޢަތްތަކުން ބަހާނަމަ، ޢާއްމުންނަށް ކާއެއްޗެއް ލިބެނީ ހަނގުރާމަވެރިންނަށް ބެހުމަށް ފަހުގައެވެ. ނަމަވެސް ޖަބްހަތުއްނުޞްރާގެ ކޮންޓްރޯލް އޮންނަ ކަމެއްގައި ނަމަ ޢާއްމުންނަށާއި މުސްކުޅިންނަށާއި އަންހެނުންނަށް އިސްކަންދެއެވެ.
ޖަބްހަތުއްނުޞްރާއަކީ ހަނގުރާމަވެރި ޖަމާޢަތެއްކަމުން އެމީހުންގެ މިލިޓަރީ އޮޕަރޭޝަންތަކުގައި ބައްޝާރުގެ ލަޝްކަރުތަކަށް ގެއްލުން ދޭނެކަމީ އެންމެންވެސް ދަންނާނެކަމެކެވެ. އެމީހުންގެ މަޤްޞަދަކީވެސް އެއެވެ. އަނިޔާވެރިކަން ނައްތާލާ އިސްލާމީ ޝަރީޢަތުގެ ހިޔަލުގެ ދަށަށް ސޫރިޔާ މިނިވަންކުރުމެވެ. އެއީ ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅުވެގެން ހިންގާ ޖަރީމާތަކެއް ނޫނެވެ. އެއީ ހަނގުރާމާގެ އުކުޅުތަކެކެވެ. ބައްޝާރުގެ އަނިޔާވެރިކަން ފަސްއަޅާ ފޮރުވާފަ، އެއަނިޔާވެރިކަމުން ސަލާމަތްވުމަށް މަސައްކަތްކުރާ ފަރާތްތައް އެއީ ފުރޭތަތަކެއްކަމަށް ހެދުމަކީ ނޫސްވެރިކަމުގެ މިނިވަންކަމާދެކޮޅު ކަމެއްކަން ޔަޤީނެވެ. ޖަބްހަތުއްނުޞްރާ މަސައްކަތްކުރާނަމަ މަސައްކަތްއެކުރަނީ އެކަން ނައްތާލާށެވެ. ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު މަސައްކަތްކުރާ ކިތަންމެ ބައިނަލްއަޤްވާމީ ނޫސްވެރިޔަކު ޖަބްހަތުއްނުޞްރާއާ އެކު މައިދާނުގައި މަސައްކަތްކޮށްފައިވެއެވެ. ރިޕޯރޓާސް ވިތައުޓް ބޯރޑާރސްގެ މެމްބަރޝިޕް އޮތް ބޭފުޅުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން، ޖަބްހަތުއްނުޞްރާއަކީ މިނިވަން ޚިޔާލުފާޅުކުރުމާ ދެކޮޅު ބައެއްކަމަށް ސިފަކޮށްފައި އޮތް އޮތުމަކީ ޖާހިލުކަމުން ނުވަތަ ބޮޑާކަމުން ކޮށްފައި އޮތް ކަމެކެވެ. ރިޕޯރޓާރސް ވިތައުޓް ބޯރޑާރސް އަށް ނޭނގޭނެއޭ ބުނާކަށް ނުވާނެއެވެ. އެހެންޏާ އެއީ ހަމަ ޙަސަދައިން ކޮށްފައިވާ ކަމެކެވެ. އެހެންކަމުން ތެދުވެރި ޢަދުލުވެރި ނޫސްވެރިކަމަކަށް އެހީވަމުންދާ ޖަބްހަތުއްނުޞްރާ ފަދަ ޖަމާޢަތެއްވެސް އެއީ ނޫސްވެރިކަމަށް އޮތް ބިރެއްކަމުގައި ސިފަވާ ގޮތަށް ރިޕޯރޓް ނެރުނީތީ އެރިޕޯރޓްގެ ދިރާސާއާ މެދު ސުވާލުއުފެދެއެވެ.

ރާއްޖެއާ މެދު ކުރާ “ތުހުމަތުތައް”
ރާއްޖޭގެ ވާހަކައަށް ވެސް ބަލާލަމާ ހިގާށެވެ. އެންމެ ފުރަތަމަވެސް ފެންނަ ބަހަކީ “އިންޑިކްޓްމެންޓް” ނުވަތަ “ތުހުމަތު” އެވެ. ޤަބޫލުކުރެވެނީ މިއުޅެނީ ބަޔަކަށް ތުހުމަތެއް ކުރަންކަމެވެ. ޘާބިތުވާނެކަމެއް ނުވާނެކަމެއް ވެސް ނޭނގެއެވެ. ޙަޤީޤަތާއެއްގޮތް ވާނެކަމެއްވެސް ނުވާނެކަމެއްވެސް ނޭނގެއެވެ. ދައްކާފައި އޮތް ހުރިހާ ވާހަކައަކީވެސް ހަމަ އެކަނި “ތުހުމަތެކެވެ.” ބަޔަކަށް ތުހުމަތެއް ކޮށްލަން ބައިނަލްއަޤްވާމީ ބޮޑު ރިޕޯރޓެއް ނެރުން ވާހަކަ މި އަޑުއެހީ އަދި ކިރިޔާއެވެ.
“ތުހުމަތާ”ގެން ކުރިއަށް ދަމާހިނގާށެވެ. ތުހުމަތުކޮށްފައިވަނީ “ދިވެހިރާއްޖޭގެ ދީނީ ހައްދުފަހަނައެޅި ގުރޫޕްތަކާއި އެގުރޫޕްތަކުގެ ލީޑަރުން”ނަށެވެ. މިފަދަ ގުރޫޕްތަކެއް ރަސްމީ ސިފައެއްގައި އުފެދިގެން ރާއްޖޭގައި އުޅޭ ބާވައެވެ؟ އުޅޭކަމަށް ބަލަމާހިނގާށެވެ.
ބުނެފައިވަނީ، “އަސްކަރިއްޔާއާއި ފުލުހުން 7 ފެބްރުއަރީގައި ހިންގި ބަޣާވާތުގައި ނަޝީދުގެ ވެރިކަން ވައްޓާލިފަހުން، ދީނީ ހައްދުފަހަނައެޅި ގުރޫޕްތަކުން އެމީހުންގެ ނުފޫޒް ޤައުމުގައި ފެތުރުމަށް، ގެއްލުންދިނުމުގެ ޤާބިލްކަން ބޭނުންކުރަމުންއެބަދެއެވެ.” ތުހުމަތުކޮށްފައިއެވަނީ ނަޝީދުގެ ވެރިކަން ވައްޓާލި ފަހުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭވާހަކައެވެ. އޭގެކުރިން އެއޮތީ މިނިވަންވެފައިބާވައެވެ؟ ތެދެކެވެ. ވިލާޓީވީއާއި ދިޓީވީއަށް ދެވުނު ޙަމަލާތައް ދެވުނީ 7 ފެބްރުއަރީއަށް ފަހުއެވެ. އަދި ރާއްޖެ ޓީވީގެ ކޭބަލް ބުރިކޮށްލި ޙާދިޘާ ހިނގާފައިވަނީވެސް 7 ފެބްރުއަރީއަށް ފަހުއެވެ. އެތައް މުޒާހަރާތަކަކުން ރިޕޯރޓަރުންނަށް އަމާޒުކޮށް ޙަމަލާދެވިފައިވެއެވެ. އަސްވާޑަށް ދެވުނު ޙަމަލާވެސް މީގެތެރެއިން ފާހަގަކުރެވެއެވެ. ތެދެކެވެ. ހުރިހާ ކަމެއްވެސް ހިނގާފައިއޮތީ 7 ފެބްރުއަރީއަށް ފަހުއެވެ. މާސިޔާސީ ވާކަށް ނެތީމެވެ. އެނގޭހާވެސް އެއްޗަކީ ރިޕޯރޓާސް ވިއަތުޓް ބޯރޑާރސްއަށް މިހުރިހާ ޖަރީމާއެއް ހިންގާފައިވަނީވެސް ދީނީ ހައްދުފަހަނަ އެޅިމީހުންކަމަށް ފެންނާތީއެވެ. އެހެންޏާ މުޅި ޤައުމުގައިވެސް މިއުޅެނީ އެބުނާ މީހުންބާވައެވެ؟
ރިޕޯރޓާސް ވިތައުޓް ބޯރޑާރސް އިން ވީނުވީއެއް ބަލާކަށްވެސް ބޭނުމެއް ނުވިއެވެ. ބޭނުންވީ ތުހުމަތުކުރަމުން ކުރިއަށްދާށެވެ. އެގޮތުން، “މި ހައްދުފަހަނައެޅި ގުރޫޕްތަކުގެ ލީޑަރުންނާއި މެމްބަރުންގެ މައްޗަށް ރިޕޯރޓާސް ވިތައުޓް ބޯރޑާރސް އިން ތުހުމަތުކުރަނީ މިއަންނަނިވި ކަންތައްތަކެވެ.” ބުނެފައިވެއެވެ. އެއީ:
1. “މީޑިޔާގެ މުއައްސަސާތަކާއި ބްލޮގާރުންނަށް ބިރުދެއްކުމާއި، (ނޫސްވެރިންލައްވާ) އަމިއްލައަށް މައުލޫމާތު ހިފެހެއްޓުމަށް ޖިސްމާނީ އަނިޔާ ދޭނެކަމުގެ ބިރުދެއްކުން.” ބުނާނެ އެއްޗެއް ނެތެވެ. މިހެން ކަންވަމުންދާނަމަ ވަރަށް ދެރައެވެ.
2. “އެހެންމީހުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުން މަހުރޫމްކުރަމުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ދީނީ އެޖެންޑާ ޤާއިމްކުރުން.” ވަރަށް ބޮޑު މައްސަލައެކެވެ. އެހެންމީހުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުން މަޙްރޫމްކުރާކަށް ނުވާނެއެވެ. ބަލަ ރިޕޯރޓާސް ވިތައުޓް ބޯރޑާރސް އިންވެސް އެދަޢުވާ ކުރަނީ “ދީނީ ހައްދުފަހަނައެޅި ގުރޫޕްތަކާއި އެގުރޫޕްތަކުގެ ލީޑަރުން” އެމިނިވަންކަމުން މަޙްރޫމްކުރުވާކަށް ނޫންހެއްޔެވެ؟ އެހެންކަމުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމާއި އެންމެ ދެކޮޅު މީހުންގެ ލިސްޓްގައި ރިޕޯރޓާސް ވިތައުޓް ބޯރޑާރސް ވެސް ހިމަނާލަން ޖެހެއެވެ. ދީނީ ހައްދު ފަހަނައެޅި މީހުންނަށްވެސް އެޙައްޤު އޮންނަން ވާނެ ނޫންހެއްޔެވެ؟

ރާއްޖޭގައި ނޫސްވެރިއަކު މަރާވެސްލައިފި:ދެން މިހެން ގޮސް ނުދައްކާކަށް ވާހަކައެއް ނެތެވެ. ސިޔާސީ މީހުންނަށް ނުފޫޒްފޯރުވައިގެން ޤާނޫނުތައް ބަދަލުކުރުވުންވެސް އެއީ “ނޫސްވެރިކަމުގެ މިނިވަންކަމާ” ބެހޭ މައްސަލައަކަށް ވެއްޖެއެވެ. ބޯހަލާކެވެ.
މިގޮތުން ދެންވެސް ފާހަގަކޮށްފައިވަނީ ތަފާތު ޚިޔާލު ގެނެސްދޭ ނޫސްވެރިންނަށް އަނިޔާކޮށް މަރާފަވެސް ވާ ވާހަކައެވެ. މިއަދި އަޅުގަނޑުމެން އަޑުއަހާފައިވާ ވާހަކައެއް ނޫނެވެ. ރާއްޖޭގައި ނޫސްވެރިއަކު މިފަދަ ހައްދުފަހަނައެޅި ބައެއްގެ އަތްދަށުވެ މަރާލާފައިވާކަމުގައިވާނަމަ ބުނެވޭނީ، إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ އެވެ. އެފަދަ ބަޔަކުވެސް މަރާލާށެވެ. އެއީ ދިރިބައިތިއްބަން ހެޔޮ ވާ ވަރު ބައެއް ނޫނެވެ. އެކަމަކު ރިޕޯރޓާސް ވިތައުޓް ބޯރޑާރސް އިން މި “ތުހުމަތު” ޘާބިތުކޮށްދޭން ވެއްޖެއެވެ. ރާއްޖޭގައި ދީނީ ހައްދުފަހަނައެޅި ބަޔަކު މަރާލީ ކޮން ނޫސްވެރިއެއްބާވައެވެ؟

ހައްދުފަހަނައެޅިމީހުން ކޮށްދޭ ރަނގަޅުކަމެއް:އަދި ފާހަގަކޮށްލެވޭ އަނެއް ނުކުތާއަކީ، “ތަފާތު ޚިޔާލު ގެނެސްދޭ ވެބްސައިޓްތައް ބްލޮކްކުރުމާއި އެފަދަ ޕަބްލިކޭޝަންތައް ސެންސަރުކުރުމަށް ދީނީ ހައްދުފަހަނައެޅި މީހުން މަސައްކަތްކޮށްދޭތީއެވެ.” މިދެއްކެނީ ސިޔާސީ ހައްދުފަހަނައެޅި މީހުންގެ ވާހަކައެއް ނޫނެވެ. ދީނީ ވާހަކައެވެ. ދެން މިދެއްކެނީ ދީނީ ގޮތުން ތަފާތު ޚިޔާލު ގެނެސްދޭ ވެބްސައިޓްތައް ބްލޮކްކުރާ ވާހަކައެވެ. އަދި އެފަދަ ޕަބްލިކޭޝަންތައް ސެންސަރު ކުރާ ވާހަކައެވެ. މިއީ ނޫސްވެރިކަމާ ކިތަންމެ ބެހޭ ކަމެއްކަމުގައި ވިޔަސް މިއީ ދިވެހިންގެ އިސްތިޤްލާލަށް އަސަރުކުރާކަމަކަށް ވާތީ އެކަން ކުރުމުގެ ޙައްޤު ދިވެހިންނަށް ލިބިގެންވެއެވެ. އެއީ ދީނީ ހައްދުފަހަނަ އެޅި މީހުން ކޮށްދޭކަމެއްނަމަ ބުނެވޭނީ އެބަޔަކަށް ސާބަހެވެ. ކޮންމެ ޤައުމެއްވެސް އެޤައުމެއްގެ އަމިއްލަވަންތަކަން ދެމެހެއްޓުމުގެ ޙައްޤު އެބަޔަކަށް ލިބިގެންވެއެވެ.

ސަމާލުވޭ: ރާއްޖޭގައ “ހަތިޔާރުއެޅި” ދީނީ ޖަމާޢަތްތައް:
މިހުރިހާ ވާހަކައެއް ދެއްކުމަށްފަހު، ރިޕޯރޓާސް ވިތައުޓް ބޯރޑާރސް އިން ބުނެފައިވާ ޢިބާރާތުން މިދެއްކި ހުރިހާ ވާހަކައަކީވެސް ޖޯކެއްކަމަށް ހީވާފަދައެވެ. ބުނެފައިވަނީ، “މަޢުލޫމާތުގެ މިނިވަންކަން ނަގާލުމަށް ކޮށްފައިވާ މިބޮޑެތި ޖަރީމާތަކުގެ ސަބަބުން ރިޕޯރޓާސް ވިތައުޓް ބޯރޑަރސް އިން ގޮވާލަނީ، ކަމާބެހޭ ފަރާތްތަކުން މި ހަތިޔާރު އެޅި ޖަމާޢަތްތައް އިންޞާފްގެ ކުރިމައްޗަށް ގެނެސްދިނުމެވެ.” އާނއެކެވެ. “ހަތިޔާރުއެޅި” ޖަމާޢަތްތަކެވެ! މީހަކު ހީހީ ދެން އަވަދިވެދާނެއެވެ! އަނެއްކާ މިދައްކަނީ ދީން ހަތިޔާރަކަށް ހަދާވާހަކަ ނޫންވެއްޖެޔާ ރަނގަޅެވެ. ހަތިޔާރުއެޅި ޖަމާޢަތްތައް އުޅެޔޭ މިކިޔާ ރިޕޯރޓާސް ވިތައުޓް ބޯޑާރސްއިން އަނެއްކާ މިދައްކަނީ ކޮން ރާއްޖެއެއްގެ ވާހަކަބާވައެވެ؟

No comments: