Pages

Saturday, March 17, 2012

ދެ ޙަރަމުގެ އިމާމުން ސީރިޔާގެ ޙާލަތާމެދު ވާހަކަ ދެއްކެވުން



މައްކާގައި ހުންނަ މަސްޖިދުލް ޙަރާމްގެ އިމާމް އަދި ޚަޠީބު ޝައިޚް އުސާމާ ޚައްޔާޠު މާރޗް މަހުގެ ފުރަތަމަ ހުކުރުދުވަހު ވަނީ ސީރިޔާގެ ޙާލަތާމެދު ވާހަކަދައްކަވާފައެވެ. އެގޮތުން އެދުވަހުގެ ހުކުރު ޚުޠުބާގައިވަނީ، ސީރިޔާގައި ނުޙައްޤުން އަނިޔާ ލިބެމުންދާ ޢާއްމުންނަށް ހިތްވަރު ލިބޭފަދަ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާފައެވެ. އަދި އެއާޔަތްތަކުން ހިތްވަރު ލިބިގަތުމަށް އަނިޔާ ލިބެމުންދާ އެންމެހާ ފަރާތްތަކަށް ޝެއިޚް ގޮވާލައްވާފައިވާކަމަށް ޢަރަބި ބައެއް ނޫސް އެޖެންސީތަކުން މައުލޫމާތުދެއެވެ. އޭގެ އިތުރުންވެސް، އަނިޔާވެރި ފިރުޢައުނުގެ ގާތަށް ރަސޫލުކަމާއިގެން މޫސާގެފާނު ވަޑައިގެންނެވި ހިނދު ކިޔަވާ ވިދާޅުވި ދުޢާ ގިނަގިނައިން ކިޔުމަށްވެސް ޝައިޚް އުސާމާ ޚައްޔާޠު ގޮވާލެއްވިއެވެ.

މީގެ އިތުރުން މަދީނާގެ މަސްޖިދުންނަބަވީ ގައި އެދުވަހު އިމާމުވެ ހުކުރު ކުރެއްވި ޝައިޚް ޞަލާޙް ބުދައިރުވެސް ވަނީ ސީރިޔާގެ ޙާލަތާމެދު ޚުޠުބާގައި ވާހަކަދައްކަވާފައެވެ. ޝައިޚްގެ ޚުޠުބާގައިވަނީ ސީރިޔާ އަދި ދުނިޔޭގެ އެހެނިހެން ތަންތާނގައި މިހާރު ހިންގަމުންދާ ޤަތުލުޢާއްމުތައް ހުއްޓުވުމުގައި ބައިނަލްއަޤްވާމީ ދުނިޔެއިން ވެފައިވާ އިޙްމާލު ނުހަނު ބޮޑަށް ކުއްވެރިކުރައްވާފައެވެ.
"ސުލްޙަ ބަލަހައްޓާކަމަށް ދަޢުވާ ކުރާ އަދި ދުނިޔޭގެ ލީޑަރުންކަމަށް ބުނާ މީހުންނަށް ކޮންކަމެއްތޯ ކުރެވުނީ... ބަނޑުހައިހޫނުކަމާއި ލިޔަންކިޔަން ނުދަތުމާއި ބައިބައިވުންތަކުގައި ހަލާކުވަމުންދާ ޤައުމުތަކަށް އެހީތެރިވުމުގައި؟" ޝެއިޚް ޞަލާޙް ބުދައިރު ޚުޠުބާގައި ސުވާލުކުރެއްވިއެވެ.
"ހަނގުރާމައާއި ތަޅާފޮޅުންތައް ހުއްޓުވާ، އަދި އަނިޔާއާއި ބަލިމަޑުކަމާއި ތަދުމަޑުކަން ތަޙައްމަލުކުރާ ފަރާތްތަކަށް އިންޞާފް ލިބޭނެ ގޮތެއް ހެދުމުގެ ހެޔޮ ވިސްނުމެއް މި ބައިނަލް އަޤްވާމީ މުޢައްސަސާތައް ހިންގާ އިސް ސަރުކާރުތަކުގައި ނެތޭ.." ޝައިޚް ޞަލާޙް ބުދައިރުގެ ޚުޠުބާގައި ވިދާޅުވިއެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުން ފަޤީރު ޤައުމުތަކުގައި ހަނގުރާމައާއި ތަޅާފޮޅުންތައް ޢާއްމުކޮށްގެން އަމިއްލަ ފައިދާއަށް މަސައްކަތްކުރާ މަސައްކަތްކުރުންތައް ޝެއިޚް ވަނީ ނުހަނު ހަރު ޢިބާރާތުން ކުށްވެރިކުރައްވާފައެވެ.
ޝައިޚްގެ ޚުޠުބާގައި ވަނީ ސިޔާސީ ލީޑަރުންނަށް އިންޒާރެއްވެސް ދެއްވާފައެވެ. އެއީ، ހަނގުރާމައާއި ލިޔަންކިޔަން ނުދަތުމާއި ބަނޑުހައިހޫނުކަން ޢާއްމުކޮށްގެން ސިޔާސީ މަޤްޞަދުތައް ޙާޞިލް ކުރަން އިތުރަށް މަސައްކަތްކުރާނެނަމަ، އެމީހުން އަމިއްލައަށް އެ އުފައްދާ އަލިފާން އެމީހުން ކާލާނެކަމަށް ސިޔާސީ ލީޑަރުންނަށް ޝެއިޚް ދެއްވި އިންޒާރެވެ.

މައްކާ އަދި މަދީނާގެ ދެ ޚަޠީބުންގެ ފަރާތުން އެއްދުވަހަކު މިފަދަ މުޙިއްމު މައްސަލައަކަށް އަލިއަޅުވާލާ ވާހަކަދައްކާފައިވާ މި ދަނޑިވަޅަކީ ސީރިޔާގެ ސުންނީ މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ ރައީސް ބައްޝާރުލްއަސަދުގެ ލަޝްކަރުތަކުން ގެއްލުން ބޮޑު ޤަތުލުޢާއްމުތަކެއް ހިންގަމުންދާ ދަނޑިވަޅެކެވެ. އަދި އެ ހުކުރަށް ފަހު އިޒްރޭލުގެ ތަފާތު  ނުރައްކާތެރި ހަމަލާތަކެއްވެސް މިހާރު ދަނީ ފަލަޞްޠީނުގެ ނިކަމެތި ރައްޔިތުންނަށް ކުރިމަތިވެ އެތައް ބަޔަކު ޝަހީދުވަމުންނެވެ. މިއީ އުއްމަތުގެ މައްޗަށް އެންމެހާ މުސްލިމުންގެ ދުޢާއާއި އެހީ ބޭނުންވެފައިވާ ވަގުތެއްކަމަށް މުސްލިމުންގެ ޙިމާޔަތުގައި ޖިހާދުކުރާ ފަރާތްތަކުން ބުނެއެވެ.

No comments: