Pages

Saturday, March 10, 2012

ސީރިޔާގެ މިނިވަންކަމަށް ދުނިޔޭން އެހީވާން ޖެހޭ: ލީބިޔާ


ސީރިޔާގެ ރައްޔިތުންނާ ދެކޮޅަށް އެޤައުމުގެ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުން ރައްޔިތުން މިނިވަންކުރުމުގައި ބައިނަލް އަޤްވާމީ މުޖުތަމަޢުން އެހީތެރިވާން ޖެހޭނެކަމަށް ލީބިޔާގެ މިހާރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެއެވެ. ޢަބްދުއްރަޙީމް އަލްކެއިބް މިފަދައިން ވިދާޅުވެފައިވަނީ ބުދަ ދުވަހު އދ ގެ ސަލާމަތާބެހޭ މަޖްލީހުގައި ތަޤްރީރު ކުރެއްވުމުގެ ކުރިން އިންޓަރނޭޝަނަލް ޕީސް އިންސްޓިޓިއުޓްގައި ވާހަކަ ދައްކަވަމުންނެވެ.

ބޮޑު ވަޒީރު ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ސީރިޔާގެ މިއަދުގެ ޙާލަތަކީ މީގެ އަހަރެއްކުރިން ލީބިޔާ އޮތް ހާލަތެވެ. އޭރު ލީބިޔާއަށް ނޭޓޯގެ ފައުޖުތައް އަރާފައިވެއެވެ. ނަމަވެސް މިހާރު ސީރިޔާގައި ހިނގަމުންދާ ލާއިންސާނީ ޢަމަލުތަކަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން ވަނީ އަދި އެކަށީގެންވާ އެހީތެރިކަމެއް ނުދީއެވެ.

މަޞްރަޙް ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސީރިޔާއަށް ނޭޓޯއާއި ހުޅަނގުގެ ބާރުތަކުން އެހީތެރިކަން ދީފައިނުވަނީ ލީބިޔާގައި އެމީހުން ކުރަންޖެހުނު ތަޖުރިބާގެ ސަބަބުންނެވެ. ލީބިޔާގައި ޤައްޛާފީއާ ދެކޮޅަށް ނޭޓޯއިން ހަނގުރާމަކުރުމުގެ ނަމުގައި މިދިޔަ އަހަރު އަރާފައިވިޔަސް ފަހުން ޤާއިމްވި އާ ސަރުކާރުންވަނީ ނޭޓޯއަށް މާ ބޮޑު އެއްބާރުލުމެއް ނުދީފައެވެ. އަދި ޤައްޛާފީ މަރުވެގެން ދިޔަ އިރުވެސް ހުޅަނގުގެ ބާރުތަކަށް އެކަން ވީކަންވެސް އެނގިފައިނުވެއެވެ. އެހެންކަމުން މިހާރު ޢަރަބި ދުނިޔޭގައި ހިނގާ އިންޤިލާބުތަކުގައި ހުޅަނގަށް މާ ބޮޑު ފައިދާ ވާނެ ގޮތެއް ނެތުމުން އެމީހުން ރައްޔިތުންގެ އިންޤިލާބުތަކަށް އެއްބާރުލުން ނުދެނީކަމަށް މުޙައްލިލުން ދެކެއެވެ.

ސީރިޔާގެ ޙާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ލީބިޔާގެ ބިޑު ވަޒީރު ހާމަކުރައްވާފައިވަނީ މިހާރުވެސް ސީރިޔާގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންނަށް ފައިސާގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލީބިޔާ އެހީތެރިވަމުންދާކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުންވެސް ކުރެވޭނެކަންކަން ބަލާ އެހީތެރިވެދިނުމަށް ޢަބްދުއްރަޙީމް ގޮވާލައްވާފައިވެއެވެ.

No comments: