![]() |
މާރޗް 11 ވަނަ ދުވަހު ސީރިޔާގެ އަސްކަރިއްޔާއިން އިދްލިބް ސިޓިއަށް ޙަމަލާދެމުން ދިޔައިރު މުޖާހިދުން އިތުރު އެހިއަށް އެދި ގޮވަނީ / ފޮޓޯ: އޭޕީ
ސީރިޔާގެ
ޢަލަވީ ރައީސް ބައްޝާރުލް އަސަދާ އިދިކޮޅު ޙަރަކާތްތައް މިދިޔަ އަހަރުގެ މާރޗް
މަހު 15 ވަނަ ދުވަހު ފެށުނު ފަހުން ސީރިޔާގެ މިނިވަންކަމަށް މަސައްކަތްކުރާ ފްރީ
ސީރިއަން އާރމީ (އެފްއެސްއޭ) ގެ ބާރުގެ ދަށުގައި އޮތް އިދްލިބް ސިޓީވެސް އެންމެފަހުން
ބައްޝާރުގެ ލަޝްކަރުތަކުން އަތުލައިފިއެވެ.
މާރޗް
މަހުގެ ކުރީކޮޅު، ސުންނީ މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ޙިމްސް ސިޓީވެސް ވަނީ
ބައްޝާރުގެ ލަޝްކަރުތަކުން ހިފާފައެވެ. ޙިމްސް ހިސާރުކޮށްގެން މަހަކަށް ވުރެ ގިނަ
ދުވަސްވަންދެން ބައްޝާރުގެ ލަޝްކަރުތަކުން ތިބި ތިބުމުގެ ސަބަބުން އިތުރު އަސްކަރީ
އެހީއަށް ބޭނުންވެފައިވާ ފްރީ ސީރިއަން އާރމީ އަށް މަޖްބޫރުވީ ބަލި ޤަބޫލުކޮށް
ސިޓީ ދޫކޮށްލުމަށެވެ. އެފަހަރުވެސް އެތައް ސަތޭކަ ޢާއްމުންނަކާއި މުޖާހިދުންނެއް
ވަނީ ޝަހީދުވެފައެވެ.
ޙިމްސް
ހިފުމަށްފަހު 2 ހަފްތާއެއްވެސް ނުވަނީސް، ބައްޝާރުގެ ލަޝްކަރުތަކުންވަނީ ޙިމްސްގެ
100 މޭލު އުތުރުން އޮންނަ އިދްލިބް ހިފުމަށް އިތުރު ލަޝްކަރުތައް ފޮނުވާފައެވެ.
50 އަށް
ވުރެ ގިނަ ޓޭންކަރު ހިމެނޭ ބޮޑު ލަޝްކަރަކުން އިދްލިބަށް ޙަމަލާތައް ދެމުން ދިޔަ
އިރު، ވައިގެ މަގުން ހެލިކޮޕްޓަރުތަކުންވެސް ދިޔައީ އިދްލިބްގެ މަގުތަކަށް
ޙަމަލާދެމުންނެވެ. 4 ދުވަހަށް ދެމިގެން ދިޔަ މި ޙަމަލާތަކުގެ ސަބަބުން އިތުރު
އަސްކަރީ އެހީއަށް ބޭނުންވެފައިވާ މުޖާހިދުންނަށް ޖެހުނީ ބައްޝާރުގެ ވަރުގަދަ
އަސްކަރީ ބާރުގެ ކުރިމަތީގައި އިހަށް ބަލި ޤަބޫލުކޮށް ރަށް ދޫކޮށްލާށެވެ. އެގޮތުން
މާރޗް 14 ވަނަ ދުވަހު ބައްޝާރުގެ ކޮންޓްރޯލް އިދްލިބްގެ މައްޗަށް ވަނީ ހިންގަން
ފައްޓާފައެވެ.
އިދްލިބް
ހިފުމަށްފަހު ބައްޝާރުގެ ލަޝްކަރުތަކުން ރަށުތެރެއަށްވަދެ ވަނީ ގެތަކާއި
ފިހާރަތައް ލޫޓުވާ ސަރުކާރާ ދެކޮޅުކަމަށް ޝައްކުކުރެވޭ މީހުންނަށް ޙަމަލާތައް
ދީފައެވެ. އެމީހުންގެ ޙަމަލާތަކުގައި 55 ޢާއްމުންނާއި 22 މުޖާހިދަކު
ޝަހީދުކޮށްލާފައިވާކަމަށް ބައެއް ނޫސްތަކުން މައުލޫމާތުދެއެވެ.
މަސްރަޙް
ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ދެން މުޖާހިދުން ދާނެ އިތުރު ރަށެއް
ނެތެވެ. ބައްޝާރުގެ ބާރު އަނެއްކާވެސް ސީރިޔާގެ މައްޗަށް ގަދަކުރަން މިފެށުނީ
ޢަރަބި މުސްލިމް ޤައުމުތަކުން ސީރިޔާގެ މިނިވަންކަމަށް މަސައްކަތްކުރާ
ފަރާތްތަކަށް އެހީތެރިވާންވީ ވަގުތު އެހީތެރި ނުވުމުން ކަމަށް އެފަރާތްތަކުން
ބުނެއެވެ. މިވަގުތު އިތުރު އެހީ މުޖާހިދުންނަށް ނުލިބިއްޖެ ނަމަ، އިދްލިބްގެ
ވަށައިގެންވާ ފަރުބަދަތަކުގެ ތެރޭގައި އެންމެހާ މުޖާހިދުން ޗިސް ޗިސް ކޮށްލެވިގެންދާނެކަމަށް
މަސްރަޙް ދިރާސާކުރައްވާ ފަރާތްތައް ޤަބޫލުކުރެއެވެ.
ފްރީ
ސީރިއަން އާރމީގެ ކޮންޓްރޯލްގެ ދަށުގައި އޮތް އިދްލިބްއަކީ ބައްޝާރާ ދެކޮޅު
ޙަރަކާތްތައް މިދިޔަ އަހަރު ފެށުނު ތަނާހެން ސަރުކާރާ ވަކިވެ ސީރިޔާގެ
މިނިވަންކަމަށް މަސައްކަތްކުރާ ލަޝްކަރާ ގުޅިފައިވާ 16 ލައްކަ މީހުންގެ އާބާދީއެއް
އޮންނަ ރަށެކެވެ. ސީރިޔާގެ މިނިވަން ޙަރަކާތްތައް ފެށުނު ރަށްކަމަށްވާ ދަރްޢާ ސިޓީ
އަށްވެސް ވެސް ބައްޝަރުގެ ލަޝްކަރުތަކުން މިހާރު ދަނީ ވަރުގަދައަށް
ޙަމަލާދެމުންނެވެ. ބައްޝާރުގެ ވަރުގަދަ އަސްކަރިއްޔާއާ ކުރިމަތިލާން ޖެހިފައިވާ މުޖާހިދުންދަނީ
އިތުރު އެހީއަށް އެދި އާދޭސްކުރަމުންނެވެ.