މިމަހު 17 ވަނަ ދުވަހު އަފްޣާނިސްތާނުގެ ކަންދަހާރު ޕްރޮވިންސުގެ ދެކުނުގެ އަވަށަކުން މުއްލާ ޚައިރުއްﷲ ޚައިރުޚްވާހ (خيرالله خيرخواه) ހައްޔަރުކޮށްފައިވާކަމަށް އަފްޣާންގެ ރަސްމީ ފަރާތްތަކުން މައުލޫމާތު ފަތުރައިފިއެވެ.
ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރިއިރު 1996އަކުން 1999 އަށް އަފްޣާނިސްތާނުގެ އިންޓީރިއާރ މިނިސްޓަރުކަންވެސް ކޮށްފައިވާ ޚައިރުﷲ އަކީ އިންޓަރޕޯލުން ހޯދަމުންދާ މީހުންގެ ލިސްޓްގައި ހިމެނޭ ތާލިބާން ކޮމާންޑާރެކެވެ.
ޚަބަރު ފަތުރާ ވަޞީލަތްތަކުން މައުލޫމާތުދޭ ގޮތުގައި، ޚައިރުﷲގެ ބައިވެރިއެއްކަމަށް ޝައްކުކުރެވޭ އެހެން މީހަކުވެސް އޭނާ އާއި އެކު ހައްޔަރުކޮށްފައިވެ އެވެ.
ކަންދަހާރު ޕްރޮވިންސަލް ސަރުކާރުގެ އިސް ތަރުޖަމާނު ޒަލްމާން އައްޔޫބީ މައުލޫމާތުދޭ ގޮތުގައި ޚައިރުﷲގެ ގެއިން ހަތިޔާރާއި ވަގު ލިޔުންތަކެއް ފެނިފައިވެއެވެ.
އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާއި އަފްޣާން އިންޓެލިޖެންސް ގުޅިގެން މިފަދަ އޮޕަރޭޝަނެއް ހިންގާފައި މިވަނީ، މިމަހު 15 ވަނަ ދުވަހު ތާލިބާނުންގެ ހަމަލާއެއްކަމަށް ޝައްކުކުރެވޭ ހަމަލާއެއްގައި ކަންދަހާރުގެ ޕްލިސް ޗީފް ޚާން މުޙައްމަދު މުޖާހިދު މަރާލާފައިވަނިކޮށެވެ.
ކަންދަހާރަކީ ތާލިބާނުންގެ ފެށުންކަމުގައި ބެލެވެމުން އަންނަ ތަނެވެ.
No comments:
Post a Comment