Pages

Monday, April 04, 2011

އަންހެނުންނާއި ފިރިހެނުން ހަމަ ހަމަ ކުރާތީ ބަންގުލަދޭޝްގައި ބޮޑު މުޒާހަރާތަކެއް


އިސްލާމީ ޝަރީޢާތާއި ޚިލާފަށް ފިރިހެނުންނާއި އެއްހަމައަކަށް އަންހެނުން ގެނައުމަށް ބަންގްލަދޭޝްގައި ފާސްކުރަންއުޅޭ ބިލަކާ ދެކޮޅު ހެދުމުގެ ގޮތުން ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި ވަރުގަދަ މުޒާހަރާތަކެއް ކުރެވެމުން އެބަދެއެވެ.
ސަރުކާރުން ފާސްކުރަން އުޅޭ މިޤާނޫނަށް ދެކޮޅު ހެދުމުގެ ގޮތުން ރައްޔިތުން ނުކުމެ މުޒާހަރާކުރުމަށް ގޮވާލާފައިވަނީ ގިނަ އިސްލާމީ ސިޔާސީ ޕާރޓީތަކެއް އެކުވެގެން އުފައްދާފައިވާ "އިސްލާމީ ޝަރީޢަތް ތަންފީޒުކުރާ ކޮމިޓީ" އިންނެވެ.
ކީރިތި ޤުރުއާނުގައި އަންހެނުންނާއި ފިރިހެނުންނަށް ވާރުތައިން ލިބެންވާ މިންވަރު ތަފްޞީލާއެކު ބަޔާންކުރައްވާފައި ވާއިރު ސަރުކާރުން ފާސްކުރަން އުޅޭ ޤާނޫނުގައި އަންހެނުންނާއި ފިރިހެނުންނަށް އެއްވަރަކަށް ބައިއަޅާ އުޞޫލެއް އުފައްދާފައިވެއެވެ. އަދިވެސް އިސްލާމީ ޝަރީޢާތާއި ފުށުއަރާ އެތައް ކަންތައްތަކެއް އެ ބިލުގައިވާކަން ފާހަގަކުރެވެއެވެ.
މިކަމާދެކޮޅަށް އެތައް ކިޔަވާކުދިންނާއި ޢާއްމުން ބައިވެރިވެގެން ކުރެވެމުން މިދާ މުޒާހަރާތަކުގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާކަމަށް އޭއެފްޕީ އިން މައުލޫމާތުދެއެވެ. އަދި ޑާކާގެ އިސް ފުލުސް އޮފިސަރަކާ ޙަވާލާދީ ބުނެފައިވާ ގޮތުގައި މުޒާހަރާތައް ކޮންޓްރޯލްކުރުމަށްޓަކާ މިހާރު 10000 (ދިހަ ހާސް) އަށްވުރެ ގިނަ ފުލުހުން މަގުތަކަށް ނެރެފައިވާނެއެވެ.
މުޅި ޤައުމުގެ މައި މަގުތައް މުޅިންހެން ބައްދުކޮށްލައިގެން ތިބި ބަންގުލަދޭޝްގެ ކިޔަވާކުދިންނާ ދިމާއަށް ކަރުނަ ގޭހާއި ރަބަރު އުންޑަ ޖަހާ ހަމަލާދެވިފައިވާކަމަށްވެސް ބައެއް ނޫސް އިދާރާތަކުން މައުލޫމާތުދެއެވެ. ހަމަ މިމައްސަލާގައި އާދިއްތަ ދުވަހު ދަރިވަރުން ކޮށްފައިވާ އެހެން މުޒާހަރާއެއްގައި ފުލުހުންވަނީ ހަމަލާދީ އެއްކުއްޖަކު މަރާލާފައެވެ.

މުޅި ޤައުމުގައި ކުރިއަށްދާ މިފަދަ މުޒާހަރާތަކުގެ ސަބަބުން ފިހާރަތަކާއި ވިޔަފާރި މަރުކަޒުތަކާއި ސްކޫލުތައް މިހާރު ވަނީ ބަންދުކުރެވިފައެވެ. ނަމަވެސް ބީބީސީ ފަދަ ބައެއް ނޫސް އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި ބަންގްލަދޭޝްގައި ފާސްކުރަން އުޅޭ ޤާނޫނަށް ދެކޮޅު ހަދަނީ މަދު އިސްލާމީ ޕާރޓީތަކަކުންނެވެ.

ހުޅަނގުގެ ބާރުތަކުން ތަރައްޤީ މިންކުރާ މިންގަނޑަށް ޕޮއިންޓްކޮޅެއް އިތުރުކުރުމުގެ ބޭނުމުގައި އިސްލާމީ ޤައުމުތަކުގައި މިފަދަ ދީނާ ފުށުއަރާ ޤާނޫނުތައް ފާސްކުރުމަށް ސަރުކާރުތަކުން މަސައްކަތްކުރަމުންދެއެވެ. ނަމަވެސް މިއީ ރައްޔިތުން އެކަން ކަމާ އިންތިހާއަށް ދެކޮޅުހަދާ ކަންކަމެވެ. އެގޮތުން އަންހެނުން ބާރުވެރު ކުރުވުމުގެ ނަމުގައި އަންހެނުންނަށް ޣާޒީކަން ދިނުމާއި، ޤައުމުގެ ވެރިކަމަށް އަންހެނުން ގެނައުމަށް ކުރަމުންދާ މަސައްކަތްތައް މިދަނޑިވަޅުގައި ފާހަގަކޮށްލަމެވެ.
ސެކިއުލާރ ޤާނޫނީ ނިޒާމަކަށް ޢަމަލުކުރާ ބަންގްލަދޭޝްއަކީ 90 އިންސައްތައަށް ވުރެ މުސްލިމުންގެ އާބާދީ ގިނަ ޤައުމެކެވެ. އިސްލާމީ ޝަރީޢަތަށް ޢަމަލުކުރެވެނީ އާއިލީ މައްސަލަތަކާއި ކައިވެނި ފަދަކަންކަމުގައި އެކަންޏެވެ.

No comments: