![]() |
ޑިއާބޯންގައި ހުންނަ އިސްލާމިކް ސެންޓަރ އޮފް އެމެރިކާ – އެމެރިކާގެ އެންމެ ބޮޑު މިސްކިތް |
އެމެރިކާގެ ސިޓީއެއްކަމަށްވާ ޑިއާބޯން އަކީ އިސްލާމީ ޝަރީޢަތް އޮންނަ ތަނެއް ނޫންކަން ބުނެދީ ޕެސްޓޯރ ޓެރީއަށް އެ ސިޓީގެ މޭޔަރ ޖެކް އޯރ ރިއެލީ ޖޫނިއަރ އިއްޔެ އޯޕަން ލެޓާރއެއް ފޮނުވައިފިއެވެ.
ޑިއާބޯންގައި ހުންނަ އިސްލާމިކް ސެންޓާރ އޮފް އެމެރިކާގެ ކުރިމަތީގައި މާދަމާ (22 އޭޕްރީލްވާ ހުކުރުދުވަހު) ޤުރުއާން އެންދުމުގެ ޙަރަކާތެއް ކުރުމަށް މަސައްކަތް ކުރަމުންްދާ ކްރިސްޓިއަން ފާދިރީއަށް މިކަން ހަނދާންކޮށްދޭން މި ޖެހުނީ މިޗިގަން ސްޓޭޓްގެ ޑިއާބޯން ސިޓީއަކީ އިސްލާމީ ޝަރީޢަތް އޮންނަ ތަނެއްކަމަށް އޭނާ ބުނަމުން ދަނިކޮށެވެ. މި އިސްލާމިކް ސެންޓަރ އަކީ އެމެރިކާގައި ހުންނަ އެންމެ ބޮޑު މިސްކިތެވެ.
ޕެސްޓާރ އަށް މިކަން ހަނދާންކޮށް ދިނުމުގެ ގޮތުން، މޭޔާރ ޖެކް ފޮނުއްވާފައިވާ މިސިޓީގައި ބަޔާންކުރައްވާފައިވާ ގޮތުގައި ޑިއާބޯންގައި 3 ސްޓްރިޕް ކްލަބް (ނާސިގެ)އާއި އޫރުމަސް ފެކްޓްރީއެއް ހުންނަކަމަށާއި، އިސްލާމީ ޝަރީޢަތް ޤާއިމްވެފައި އޮންނަ ތަނެއްގައި މިކަންކަން މަނާވާނެ ކަމަށް މޭޔާރ ބުނެދެއްވާފައިވެއެވެ. އަދި މީގެ އިތުރުން، ޑިއާބޯންގައި އިސްލާމީ ޝަރީޢަތް އޮންނަ ނަމަ ބަނގުރާ ވިއްކުމުގެ ހުއްދަ ދެވިފައިވާ އެތައް ބާރތަކާއި ރެސްޓޮރަންޓްތަކެއް ހުންނާނެތޯ ސުވާލުކުރައްވާފައިވެއެވެ. (މިއީ އިސްލާމީ ޝަރީޢަތް އޮންނަ ކަމަށް ދައުވާ ކުރާ މުސްލިމް ޤައުމުތަކުގެ ރައްޔިތުންނާއި ވެރިންވެސް ވިސްނުން ބަހައްޓާލަންވީ ޕޮއިންޓެކެވެ.)
![]() |
ޓެރީ އުޅެނީ މި މިސްކިތް ކުރިމަތީގައި ހުކުރުދުވަހު ޤުރުއާން އެންދުމަށް |
![]() |
ޑިއާބޯންގައި މުސްލިމުންގެ އާބާދީ އަންނަނީ އިތުރުވަމުން |
ޕެސްޓާރ ޓެރީގެ އިތުރުން އެމެރިކާގެ ގިނަ ސިޔާސީ ބޭފުޅުންނާއި، ކްރިސްޓިއަނުން ދެކޭ ގޮތުގައި ޑިއާބޯން އަކީ އިސްލާމީ ޝަރީޢަތް ހިންގާ ތަނެކެވެ. މިފަދައިން ގިނަ ބަޔަކު ދެކެމުން ދަނީ އެ ސިޓީގައި މުސްލިމުންގެ އާބާދީ ގިނަ ކަމުންނެވެ. ބައެއް ފަރާތްތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 98000 އަށްވުރެ ގިނަ މީހުންގެ ޢާބާދިީއެއް އޮންނަ ޑިއާބޯންގައި 30000 އަށް ވުރެ ގިނަ ޢަރަބި-އެމެރިކާނުން އުޅޭ އިރު އޭގެ ތެރެއިންވެސް ގިނައީ މުސްލިމުންނެވެ. އެމެރިކާއިން ޢިރާޤު ހިފިފަހުން ޢިރާޤުގެ އެތައް ޢާއިލާއެއްވަނީ އެމެރިކާގެ މިޗިގަން ސްޓޭޓްގެ ޑިއާބޯންއަށް ދިރިއުޅުން ބަދަލުކޮށްފައެވެ.