Pages

Monday, April 14, 2014

ވާހަކަ: އިސްލާމީ ޝަރީޢަތުގެ އޯގާވެރިކަން އުތުރިއަރައިގެން ދިޔަ ހިނދު…

މި ބަޔާންކުރާ ޙާދިޘާއަކީ، އިސްލާމީ ޝަރީޢަތް ޤާއިމްވެގެންދާހިނދު، ޢަދުލު އިންޞާފް ހޯދުމުގައި އޭގެ މަތި މައްޗަށް ރަޙްމަތާއި އޯގާވެރިކަން ގަދަވެގެންދާ މިސާލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މިސާލެކެވެ.
އިންޑޮނޭޝިޔާގެ ރަށެކެވެ. މަރުޒޫކީގެ ނަމުން ނަންދެވިފައިވާ ޢަދުލުވެރި ޤާޟީއެއްގެ ކުރިމައްޗަށް ހުށަހެޅިފައިވަނީ މުސްކުޅި އަންހެނެއްގެ ވައްކަމުގެ މައްސަލައެވެ. އެމުސްކުޅި ދައިތަ ޢަދާލަތުގެ ދަރުބާރަށް ޙާޟިރުކުރެވިފައިވަނީ، ދަނޑުބިމަކުން ދަނޑިއަލުވިއެއް ވަގަށް ނެގިކަމުގެ ކުށުގައެވެ.
އަންހެނާ އޭނާގެ ކުށަށް އިޢުތިރާފްވެ، އޭނާގެ ދިފާޢުގައި ބުނެވެން އޮތް ޙަޤީޤަތް ހާމަކުރިއެވެ. “އަހަރެންނަކީ ފަޤީރު ނިކަމެއްޗަކީން، އަހަރެންގެ ފިރިހެން ދަރިފުޅު އުޅެނީ ބަލިވެ. އަހަރެންގެ މާމަ ދަރިފުޅު އޮތީ ބަނޑުހައިވެ ހާންތިވެފައި.” އަންހެނާ އޭނާގެ އުޒުރުވެރި ޙާލަތުގެ ވާހަކަ ބަޔާންކުރިއެވެ.
ނަމަވެސް، ދަނޑުގެ ވެރިމީހާ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ ބޭނުންވަނީ އެހެންމީހުންނަށް ޢިބްރަތެއްކަމުގައި ވުމަށްޓަކާ އެކުށުގެ އަދަބު އަންހެންމީހާ އުފުލާށެވެ.
ޤާޟީއަށް އިތުރު ގޮތެއް ނެތުމުން، ހުރިހާ ލިޔެކިޔުންތަކަށް ބަލާލުމަށްފަހު މުސްކުޅި ދައިތައާ ދިމާއަށް ބުންޏެވެ. “އަޅުގަނޑަށް ވަރަށް މަޢާފްކުރައްވާ. ޤާނޫނުގެ މައްޗަކަށް އެއްވެސް އިސްތިސްނާއެއް ގެނައުމަކީ އަޅުގަނޑަށް ވާނެކަމެއް ނޫން. އެހެންކަމުން ދައްތައަށް މިކަމުގެ ޙައްޤު އަދަބު ލިބިދޭން އެބަޖެހޭ.”

ޤާނޫނުގައިވާ ގޮތުގެ މަތީން މުސްކުޅި ދައިތަ އެއްމިލިއަން ރުޕީސް (100 ޑޮލަރު) އިން ޖޫރިމަނާ ކުރެވުނެވެ. އަދި އެ ނުދެއްކިއްޖެ ޙާލަތެއްގައި 2 އަހަރާއި ބައި ވަންދެން ޖަލުގައި ހައްޔަރުކުރެވޭނެއެވެ.
އެމިންވަރަކީ، އެނިކަމެތި ދައިތައަށް ދެއްކޭނެ މިންވަރަކަށްނުވާތީ، އެދައިތައަށް ގިސްލެވެންފެށުނެވެ.
އެމަންޒަރު ދެކެން އިން ޤާޟީ ތެދުވެ އޭނާގެ ތޮފި ބާލާ، އޭގެ ތެރެއަށް އެއްމިލިޔަން ރުޕީސް ލުމަށްފަހު، މީސްތަކުންނަށް ބުންޏެވެ.

“ޢަދުލުވެރިކަމުގެ ނަމުގައި ބުނަން. މިކޯޓަށް ޙާޟިރުވެ ތިބި އެންމެން، 50 ހާސް ރުޕީސް (5.50 ޑޮލަރު) އިން އަހަރެން ޖޫރިމަނާކޮށްފީން. އެއީ، މިރަށުގެ އަހުލުވެރީންނަށްވެ ތިބެ، ތުއްތު ކުއްޖަކު، އޭނާގެ މާމަ ވައްކަން ކޮށްގެން އޭނާގެ ބަނޑުފުރާނަ މުއްތިކުރުވަންދެން އެކުއްޖާފުޅު ބަނޑަށް ޖެއްސީތީވެ. ޙާޟިރުވެ ތިބި އެންމެން އަތުން ޖޫރިމަނާ ނެގުމަށް ރެޖިސްޓްރާ މިހާރު އެދަނީ.”
އެދުވަހު ކޯޓުގައި 3.5 މިލިޔަން ރުޕީސް (350 ޑޮލަރު) އެއްކުރެވުނެވެ. މުސްކުޅި އަންހެނާގެ ޖޫރިމަނާ ދައްކާ ނިންމުމަށްފަހު، ބާކީވި ބައިވެސް އޭނާއަށް ދެވުނެވެ. އޭގެ ތެރޭގައި އެއްކަލަ ދަނޑުގެ ވެރިމީހާގެ އަތުން ނެގުނު ޖޫރިމަނާވެސް ހިމެނެއެވެ.

އިންޑޮނޭޝިޔާގެ މިޤާޟީ ޢަމަލުކުރައްވާފައިއެވަނީ، އިސްލާމީ ޝަރީޢަތުގެ ރިވެތި އުޞޫލްތައް ޤާއިމްކުރެއްވުމުގައި ޢަލީގެފާނުގެ ޢަމަލުފުޅާ އެއްގޮތަށެވެ. އެއީ ފަޤީރު މިސްކީނަކު ބަނޑުފުރާނަ މުއްތި ކުރުމައްޓަކާ ވައްކަންކޮށްފިނަމަ އޭނާގެ މައްޗަށް އެވައްކަމުގެ އަދަބު ނުދެވި، އެހެނަސް މުޅި މުޖުތަމަޢަށް އޭނާގެ ބަނޑުފުރާނަ މުއްތިކުރުވަން ޖެހޭނެކަމަށް އޮންނަ ޢަދުލުވެރި އުޞޫލެވެ. އިސްލާމީ ޝަރީޢަތުގެ ރިވެތިކަން ބަޔާންކުރުމުގައި ނިމުމެއް ނެތެވެ.
މިވައްކަމަކީ އަތްކެނޑުމުގެ ޝަރުޠު ހަމަނުވާވަރުގެ ވައްކަމަކަށްވާތީ، އަތްކެނޑުމުގެ ޙުކުމް އިއްވާފައިނުވަނީއެވެ.

މަޞްދަރު: އުއްމޭ މުޙައްމަދު (ފޭސްބުކް ޕޭޖް)
މުރާޖަޢާ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުލްލަތީފް

No comments: